ހިތެއްގައި ނެތީހޭ ވާނޭ ރަޙްމު
ތެތްފިނިކަން ޖައްވުގައި ވަކި ހިއްޕާލަމުން، ހުޅަނގު މޫސުމުގެ ވަކިތަކުދަށުވަމުން، ކާއިނާތު އަޅުދާސްތުކުރަމުން ދިޔައެވެ. ޖަހަމުންދިޔަ ވާރޭ ކަނިތައް ބޮޑެތިވަމުން، ފަހަރަކަށްވުރެ ފަހަރެއް އަވަސްވަމުން ދިޔައީ ތަރުތީބު ކުރެވިފައިވާ އުޞޫލަކުން ކަމަށް ބަލާމީހަކަށް މާނަކުރެވޭހެންނެވެ. ބިމުގައި ހަރުކޮނެގެންނާއި ގަސްގަހާއި ވެޔޮތަކުގައި ރޭގަނޑުގެ “އަނާނާ” އަކަށް ތަސްބީހަކިޔަމުން ދިޔަ “ކުދި ސޮރުމެން”ގެ އަޑުތައް ހުއްޓުވަމުން އެސޮރުމެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވަމުން ދިޔައީ ވިދަމުން ދިޔަ ވިދުން ކަނިތަކާ އެކުވަމުން އަޅަމުން ދިޔަ ހޮނުތަކާއި ގުގުރުމުގެ އަސަރުތަކުންނެވެ. “ވެހޭވާރޭ” އެއީ ހިތްގައިމު ކަމެއް ގެނުވައިދީ ހިތަށް ތަސައްލީއެއް ލިއްބައިދޭ ކަމެއް ކަމުގައިވީ ނަމަވެސް، އަޅާ ހޮނުތައް އެއީ، އެ ތަސައްލީއަށް ބިރުވެރިކަން ވެރިކުރުވާކަމެއް ކަމަށް ދުނިޔެ ހެކިވަމުން ދިޔައެވެ.
ނާމާންކަމުން ފުރިގެންވީ މެންދަމުގެ ފުރަގަޑީގައި ދުނިޔެ މަތީގައި ރަސްކަން ކުރަމުންދިޔަ ނުތަނަވަސް ކަމަށް ލުޔެއް ލިބޭނެ ކަމަށް ރިޝާ އުއްމީދުކުރަމުން ދިޔައީ ފިރިމީހާ ނާފިޢުގެ ހިމާޔަތުގެ ހިޔަލުގައި އޮވެގެންނެވެ.
“ދެން ހާސްނުވޭ… އިރާދަ ކުރެއްވިއްޔާ ދެން އެކަން އެ ނިމުނީ” ނާފިޢު ރިޝާގެ ބޮލުގައި ފިރުމަމުންދިޔައީ އެނދާ އިންވެގެން ހުރި ސޯފާގައި އިށީނދެ އިނދެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އުނގުމަތީގައިވާ ލެޕްޓޮޕަށެވެ.
“މަ އެއްވެސް ވަރަކަށް ހާހެއް ނުވަން… ކުރިންވެސް ވަރަށް ފަސޭހަކަމާއެކު އެކަން ނިމުނެއްނު… ނިދިނައިސްގެން މިއޮތީ… މިހާރު އެހެރެ ދެގަޑި ބައިވަނީ… ތިޔަ ލެޕް ނިވާލައިފަ އާދެބަލަ ނިދަން…” ރިޝާ މޯޅިއަކަށް ދެމިލަމުން ލޯ ކުނާ ކޮށްލިއެވެ.
“އިހަށް މަޑުކޮށްލާ! މި ރާއްޖޭގެ ޚަބަރު ބަލައިލަނީ! ރީޝް ނިދަންވީނު…” ނާފިޢު ރިޝާގެ މޫނަށް ފުންނަޒަރަކުން ބަލައިލިއެވެ.
“އެކަމު ތި ދެ ލޯ ހެކިދެނީ ނިދި ބަރުވަމުން އަންނަކަން… ވެދާނެ ބޭސް ކެއީމަ އޭގެ އަސަރު ކުރަނީ ކަމަށްދޯ! އެ މީހާ ބުންޏެއްނު ބޭސް ކައިގެން އަރާމުކޮށްލާށޭ! ފިއުއަށް ފެންނަނީ އިހަށް އޮވެލަން! މިހާރު ފިއު… ނިދިވެސް އެބައާދޭ! އެކަމު މި ޚަބަރު ކިޔާލައިފަ މި ނިންމާލަނީ…” ނާފިޢު ލޯ ކުނާކޮށްލަމުން ރިޝާއަށް އަތްދިއްކޮށްލިއެވެ. މަޑުމަޑުން ރިޝާގެ ފަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އެއަށްފަހު، ރިޝާގެ ފައިގެ ބޮޑުވައި އިނގިލިން ފެށިގެން މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.
“ކީއްވީ؟” ރިޝާ ވައި އަޑުން ބުނެލިއެވެ.
“އަބަދު ތިހެން ކާމިޔާބުވެދާނެ ބާއޭ ހިތަށް މިއަރަނީ… އަސްލު ތިވެސް ވަރަށް ގެއްލުންހުރި ކަމެއްނު” ނާފިޢު ދެރަވެލަމުން ކަރު އެލުވައިލިއެވެ. މޫނުމަތިން އެކަން ފާޅުވަމުން ދިޔައެވެ.
“އެއްކަލަ ފިއު… ދެން ކޮންމެ ފަހަރަކު ތިގޮތަށް… ތި ޝަކުވާ ނުކޮށްބަ… އެނގެއެއްނު ކަންތައްވީ ގޮތް… އެނގެއެއްނު އުޅެން ޖެހޭނެ ހާލު… ބަލައިބަ ދޮންތަބޭމެން އެ އުޅޭގޮތް! ކޮންމެ މަހަކު އެއްފަހަރު! ބައެއް ފަހަރު މަސް ހަމަނުވަނީސް! ފިއުވެސް އެއްބަސްވެގެން ދޯ މިކަން މިކުރީ… ދެން ކޮންމެ ފަހަރަކު…” ރިޝާ ރުޅިއަންނަކަމަށް ހަދައިލިއެވެ. މޫނުކުނިކޮށްލަމުން ތުންގަނޑު ދިގުކޮށްލިއެވެ. ހިތްހަމަ ނުޖެހޭކަން ފާޅުކޮށް މޫނު އަނބުރައިލަމުން ބިތްދޮށަށް އެނބުރިލީ ނު ނަޒަރަކުން ނާފިޢުއަށް ބަލައިލަމުންނެވެ.
“ސޮރީ ސޮރީ… ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން… ޕްލީޒް… ޕްލީޒް… ރުޅި ނާދޭ… ޕްލީޒް..” ނާފިޢު ލޮލުން ބޮލުން މަޢާފަށް އެދެމުން ލެޕްޓޮޕް އެނދުގެ މަގަތުގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވުނުކަން އަމިއްލައަށް ޤަބޫލުކުރެވުނީމައެވެ.
“ހިނގާ އަވަހަށް ނިދަމާ! މިކަހަލަ ފިނި ރެއްގަ ނިކަން އަރާމުކޮށް ނިދައިލެވޭނެ…!” ނާފިޢު އެނދާދިމާއަށް އެނބުރިލަމުން ހިނގައިގަތެވެ. ޓީޝާޓް އެނދުގެ ފަޑިމަތީ ބާއްވާލަމުން ލައިގެން ހުރި ކުރު ސޯޓް ރަނގަޅުކޮށްލިއެވެ. މަޑުމަޑުން ބާލީސް ރީތިކޮށްލަމުން ރިޝާގެ ގައިމަތީ އަޅާފައި އޮތް ރަޖާގަނޑުގެ ތެރެއަށްވަދެ އޭނާ ކުރުވެލިއެވެ. އެއީ އޭނާގެ އާދައެވެ. ރިޝާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިއްޖެ ނަމަ އަވަހަށް ހަތިޔާރު ބަހައްޓާނެއެވެ. ޒުވާބު ކުރުމާއި ދެބަސްވުމަކީ ނާފިޢުގެ މިޒާޖުގައި ހިމެނޭ ކަމެއް ނޫނެވެ. އޭނާ ބޭނުންވާކަމެއްވެސް ނޫނެވެ.
އޭރުވެސް ގުރުރުމުގެ އަސަރުން މުޅި ފަޒާ އެއްއަޑު ކުރުވަމުން ދިޔައެވެ. އިރުއިރުކޮޅާ ވިދުންކަނި ގަދަވަމުން ދިޔައެވެ. ހިނދުކޮޅެއް ނުވަނީސް ނާފިޢު ނިދީގެ ރާގުކުޅެން ފެށިއެވެ. އެއާއެކު ރިޝާ ނާފިޢުއާވީ ފަރާތަށް އެނބުރިލިއެވެ. އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އޭނާގެ އެސްފިޔަތަކުން ފުރޭނެމުންގޮސް ދެލޮލަށްވެސް ނިދީގެ ބަރުހެލިކަން އިހުސާސްކުރެވެމުން ދިޔައެވެ. ދެ ފަހަރަކު އާ ފުރިލަމުން ނާފިޢުގެ މޫނަށް ބޮސްދެމުން ހިނިތުންވެލިއެވެ. ފިރިމީހާ ދެރަކޮށްލެވުނީތީ މަޑުމަޑުން ވައިއަޑުން ނާފިޢުއަށް މުޚާތިބުކޮށް “ސޮރީ” އޭ ބުނެލިއެވެ.
ހިނދުކޮޅެއް ފަހެވެ. ރިޝާއަށް ސިއްސައިގެން ގޮސް އޭނާގެ ސަމާލުކަން ހުއްޓުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. ހީވަނީ ދެންމެ ވިހޭ ކުއްޖަކު ރޯހެންނެވެ. ހިނދުކޮޅެއް ހިނދުކޮޅަކަށް އަޑު ދިޔައީ ބާރުވަމުންނެވެ. ރިޝާއަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން އޭނާ އެނދުން ތެދުވެލިއެވެ. ނާފިޢުގެ މޫނަށް ބަލައިލިއެވެ. އަރާމު ނިންޖެއްގެ މީރުކަން ލިބިގަންނަމުން ދަނީއެވެ. އެހެންވެ، ނާފިޢުއަށް އުނދަގޫ ނުކުރުމަށް އޭނާ ހިތްބުނަމުން ދިޔައެވެ. ކޮޅަށް ތެދުވެވުނީ އިޙްތިޔާރުން ބޭރުގައި ހުރެގެންނެވެ. ލަސް ފިޔަވަޅުތަކެއް ފަސްދެމުން ދޮރާހަމައަށް ދެވުނުއިރު އޭނާގެ މޭ މަޑުމަޑުން ތެޅެމުން ދިޔައެވެ. ހިތް ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. އެ ދެމަފިރިން ފިޔަވައި އެއްވެސް އިތުރު މީހަކު ނޫޅޭ އެ ކުލީ ގޭގެ ތެރެއިން އެ ފުރަދަންވަރު ތުއްތު ކުއްޖަކު ރޯން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭތީއެވެ. މަޑުމަޑުން ތަޅުގައި ހިފައިލަމުން އަނބުރައިލިއެވެ. ސިއްރުސިއްރުންނެވެ. ކޮޓަރީގެ ދޮރޮ ހުޅުވާލެވުމާއެކު ބޭރުން އިވެމުން ދިޔަ ތުއްތު ކުއްޖާގެ ގިސްޖެހުމުގެ އަޑު އިތުރަށް ގަދަވި ކަހަލައެވެ. ރިޝާއަށް ބަލައިލެވުނީ ކޮޓަރިއާ އިންވެގެން ފަނޑުއަލިން ޖަރީކުރުވިފައިވާ ބޮޑުކޮޓަރިއަށް ދާންއޮތް އޮތް ހަނި މަގަށެވެ. އަޑު އަންނަނީ އެ ދިމާލުން ކަމަށްވާތީއެވެ.
ރިޝާ ފަހަތަށް އެއްލިގެން ދިޔައީ އެ ހަނި މަގުގެ މެދުގައި ދެފައިވަށްކޮށްލައިގެން އިން އަންހެންމީހާ ފެނުމުން ސިހިފައެވެ. އެމީހާގެ ކުރިމަތީގައި، މުށިގަނޑުގެ މަތީ އެއްވެސް ނިވާކަމެއްނެތި ތުއްތު ކުއްޖާ ރޯން އޮތްތަން ފެނުމުން އޭނާގެ ހިތަށް އަސަރު ކުރަމުން ދިޔައެވެ. އެހިނދު އޭނާގެ ހިތުގައިވެސް މައިވަންތަކަމުގެ ކުލުނުން އިހުސާސްތައް ބަންޑުންވިއެވެ. މަޑުމަޑުން ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ކުރިއަށް ގެންދިޔުމަށް މަޖުބޫރުކުރުވީ އެ އިހުސާސްތަކެވެ. ކުރިއަށް ދިޔުމަށް ރިޝާ ހިއްލައިލި ފަޔާ އެކު އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ކެނޑިގެން ދިޔައެވެ. ތަނަށް ހަމަހިމޭންކަން ވެރިވެގަތެވެ. ރިޝާގެ ފިޔަވަޅުގެ އަޑު ފިޔަވައި އިތުރު އަޑެއްބަޑެއް ނީވެއެވެ. ރޯލު ލަސްވެފައިވާ މަންޒަރެއް ފަދައިން ރިޝާ ހިނގަމުން ދިޔައީ ދަމާ ބާރެއް އޭނާ ދަމާފައި ލަސްލަހުން ގެންދާ އުޞޫލުންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މުށިގަނޑުމަތީގައި ބޯ ހާވާލައިގެން އިން މެދު އުމުރުގެ އަންހެނާ އަށެވެ. ފަނޑުއަލީގެ ތެރެއިން އިސްތަށިތަކުން މޫނު ނިވާވެފައިވުމުން އެއީ ކާކުކަމެއް ސާފުކޮށް ވަކިވާވަރެއް ނުވެއެވެ. އިސްތަށިގަނޑުން ހާމަވާ ހަނިދޭތެރެ ދޭތެރެއިން އެމީހާގެ ބޮޑު ކާށިކިބައެއް ފަދަ ދެލޯ ފެންނަމުން ދިޔައެވެ. ތުންފަތުން ފާހަގަވަނީ ތަންކޮޅެކެވެ. އެ ވަރުންވެސް އެމީހާގެ ލާނެތް ހިނިތުންވުން ފާޅުވަމުން ދިޔައެވެ.
ރިޝާއަށް ކުއްލިއަކަށް ހުއްޓެވުނީ ފައިގައި އެއްޗެއް ޖެހުނުހެން ހީވެގެންނެވެ. މަޑުމަޑުން ތިރިއަށް ބައިލެވުނެވެ. އޮލަކަމެއް ހުރި ދިޔާ އެއްޗެކެވެ. ފައިތިލައަށް ބަލައިލެވުނެވެ. ދެލޯ ބޮޑުވީ އެހާހިސާބުންނެވެ. ކަޅުރަތްކުލައަކަށް ދާ އެއްޗެކެވެ. އޭނާގެ ހިތް ބޭރަށް ނުކުންނަށް އުޅޭ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ބާރުބާރަށް ހިތްތެޅެންފެށީ އެހާހިސާބުންނެވެ. މޭ ހީވަނީ ނަގައި ޖެހެން ފެށިހެންނެވެ. ފައިތިލައަށް ދެވަނަ ފަހަރަށް ބަލައިލެވުނީ އެހެންވެގެންނެވެ. މަޑުމަޑުން ތިރިވެލަމުން މުށިގަނޑުމަތީގައި އިނގިލި ކާއްތައިލިއެވެ. ތަޅުންމަތީ ކޯރު ދެމެމުން އެ ދިޔައީ ކޮން އެއްޗެއްތޯ ބަލައިލުމަށް އިނގިލި ނޭފަތާ ކައިރި ކޮށް ނޭވާ އެތެރެއަށް ދަމާލެވުނެވެ.
ރިޝާ ފަހަތަށް އެއްލުނީ ތުއްތު ކުއްޖާ ރޯން ފެށުމުން ސިހެގެންނެވެ. އޭނާއަށް ބަލައިލެވުނީ އެ އަންހެނާގެ މޫނަށެވެ. މޫނު ވަކި ނުވި ކަމުގައިވީ ނަމަވެސް އެ ބުޅި އިސްތަށިގަނޑުގެ ތެރެއިން ދިގުދިގު ނޭފަތް ފާޅުވަމުން ދިޔައެވެ. އަތުން ކުރަމުން ދިޔަ ހަރަކާތްތަކަށް ރިޝާއަށް ސަމާލުވެވުނެވެ. ފެށުނީއްސުރެ އެމީހާ އެ ހަރަކާތްތައް ކުރިކަން އޭނާއަށް އިހުސާސްކުރެވުނީ އެވަގުތުއެވެ. ކަންކަން ވަމުން އައި ގޮތް ސާފުވާން ފެށީވެސް އެހާހިސާބުންނެވެ.
ރިޝާގެ ފައިގައި ޖެހުނީ ކޮން ދިޔަ އެއްކަން އެނގުނީވެސް އެވަގުތުއެވެ. ރިޝާ ހިތައިހިތައި ކިޔައިލެވުނެވެ. “ކޮންކަހަލަ ޖައްބާރެއް..؟ އިންސާނިއްޔަތުގެ ކަންފުޅެއް ހުރި މީހަކު މިފަދަ ދަށު ދަރަޖައިގެ ކަމެއް ކޮށްފާނެބާ..؟” ރިޝާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަށް އާދެވުނީ ރުޅި އެކެވެ. އިޚުތިޔާރުން ބޭރުގައެވެ. އަވަސް ފިޔަވަޅުތަކެއް ކަޑައްތުކުރުމަށްފަހު ދިޔަ ނުދިޔަ ގޮތެއް ނޭނގި ރިޝާ ގޮސް އެ ތުއްތު ކުއްޖާ ތަޅުންމަތިން ނަގައި މެޔާލާ ބޮނޑިކޮށްލިއެވެ. ކުއްޖާ މަސަލަސްކުރުމަށް މަޑުމަޑުން ދެފަހަރަކު ތަޅުވާލެވުނެވެ. އޭރުވެސް އެ ތުއްތު ކުއްޖާ ރޮމުން ގިސްލަމުންދިޔައެވެ. އެ ފަކީރުގެ އަޑު ފަނޑުވަމުން ފަނޑުވަމުން ދިޔައެވެ. ގިސްޖެހެމުން ގިސްޖެހެމުން ގޮހެވެ. ރިޝާމަޑުމަޑުން އެއްކަލަ އަންހެން މީހާއަށް ބަލައިލިއެވެ. އެއާއެކު އެ އަންހެން މީހާ ތެދުވެ ރިޝާގެ އަތުން ކުއްޖާ ޖަހައިގަތެވެ. އަދި އެމީހާގެ މޭގައި ކުއްޖާ ފޮރުވައިލިއެވެ.
“ހުންނަ ޖާހިލުކަން ނިކަން ދެކިބަލަ… ބަލަ ކަލެއަށް ކޮން ގޯނާއެއް ކޮށްގެންތަ ތިޔަ މައުސޫމު ކުއްޖާއަށް ތިހެން ތިޔަ ހަދަނީ… އެކުއްޖާގެ ކޮން ކުށެއް އޮވެގެންތަ… ކަލޭތީ އިންސާނެއްތަ ތިކުއްޖާ ފަކީރަށް ތިވަރު އަރުވާލަން…” ރިޝާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ގޮތް ނޭނގޭ އެމީހާއާ އޭނާ ކުރިމަތިލާން ބޭނުންވީ އިންސާނިއްޔަތަށްޓަކައެވެ. މައުސޫމު ފުރާނައެއްގެ ހިމާޔަތުގައެވެ.
“ކަލޭ ހީކުރީ ކަލޭއަށް ތި ކުއްޖާއަށް ބޭނުންހާ ކަމެއް ކުރަންދެން މަ ހުންނާނެ ކަމަށްތަ! ގެނޭ ހަމަ މިހާރު ގެނޭ!” ރިޝާ ކުއްޖާ އަތުލަން މަސައްކަތް ކުރަން އެމީހާއާ ކުރިމަތިލިއެވެ.
“ޚަބަރުދާރު! ނުބެހޭ ކަންކަމާ ކަލޭވެސް ނުބެހޭ! ކަލޭ އަބަދުވެސް ބުނަމެއްނު ނުބެހޭ ކަންކަމާ ކާޅުކެޔަސް ސޮއްނުގޮވާށޭ! މީ ކަލެޔާ ބެހޭ ކަމެއް ނޫން!” ބަރުބަރު އަޑަކުން އެ އަންހެން މީހާ ވާހަކަދައްކަމުން ދިޔައެވެ. ބައެއް ފަހަރު ދެމީހުން އެކުގައި ވާހަކަ ދައްކާހެންވެސް ހީވަމުން ދިޔައެވެ.
“ތުއްތު ފުރާނައަކަށް ތިޔަހެން ހަނދާނަމަ އެއީ ބެހެވޭނެ ކަމެއް! ގެނޭ ތިޔަ ކުއްޖާ! ހަމަމިހާރު ގެނޭ! އެހެންނޫނީ!” ރިޝާ އެ ތުއްތު ކުއްޖާ އަތުލުމަށް އެ މީހާއާ ކުރިމަތިލިއެވެ.
އެހެނަސް އެ މީހާ މާ ހުޝިޔާރެވެ. ރިޝާގެ މޭގައި އަތްއަޅައި އޭނާ ކޮށްޕާލީއެވެ. ރިޝާއަށް އިދިފުށަށް ތަޅުން މައްޗަށް ގުޅަވިއެވެ. އުނަގަނޑަށް ތަދުވުމުން ވޭނީ އާހެއް އަނގައިން ބޭރުކޮށްލެވުނެވެ. އޭނާގެ ބޯ ޖެހުނީ ފާރުގައެވެ. މޫނުން ތަރި ބުރައިގެން ދިޔައީ އެހެންވެއެވެ. ޖެހުނުލެއް ބާރުކަމުން ތަޅުންމަތީ ހުރި ދިޔަތައް އެކި ދިމަދިމާއަށް ބުރަބުރައިގެން ދިޔައެވެ. އެވަރުންވެސް ރިޝާ ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ތެދުވެވޭތޯ ދެ އަތް ތަޅުމުގައި ވިއްދާލިއެވެ. އެހެނަސް އަތް ސޮއްސައިލީ މުށިގަނޑުމަތީގައި ހުރި ދިޔަތަކުގެ ސަބަބުންނެވެ. މޫނު ގޮސް ޖެހުނީ މުށިގަނޑުމަތީގައި ހުރި ދިޔަތަކުގައެވެ. މުޅި މޫނު އެ ދިޔަ ތަކުން ތަތްތެޅުނެވެ. އޭރުވެސް އެ ތުއްތު ކުއްޖާ ހިނދިހިނދިގެންދާ އަޑު އިވެމުން ދިޔައެވެ. އަޑުން އަޑުނަގާ ރޮމުންނެވެ. ކުއްޖާ ވަރުބަލިވުމުން ހިނދެނީ އަޑު ބޭރު ނުވެގެންނެވެ.
އޭރު އަންހެން މީހާ އެ ތުއްތު ކުއްޖާ ގެނެސް ރިޝާގެ މޫނާ ކައިރީ ދެ ފޫޓެއްހާ ދުރުގައި ބޭއްވިއެވެ. ރިޝާގެ ލޮލަށް ހުރަހަކާ ނުލައި އެ މައުސޫމު މޫނު ފެންނާނެ ހެންނެވެ. އެއަށްފަހު ކުއްޖާގެ ފަހަތުގައި އެ މީހާ ދެ ފައިވަށްކޮށްލައިގެން އިނދެ ކުރިންވެސް ކުރަމުން ދިޔަ ހަރަކާތްތައް ކުރަން ފެށިއެވެ. އަނެއްކާވެސް އެ ތުއްތު ތުއްތުކުއްޖާ ބާރުބާރަށް ރޯންފެށި އަޑު އިވުނެވެ. އެއަޑުގައި ކުރިން ހުރި ޖޯރު ނެތެމުން ދާކަން ރިޝާއަށް އިހުސާސްކުރެވުނެވެ. މަޑުމަޑުން އަޑު ހިނދެމުން ހިނދެމުން ދިޔައެވެ. އެހެންވެ ރިޝާ އިސް އުފުލާ ބަލައިލިއެވެ.
ރިޝާގެ ދެލޮލުން ހޯސް ލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ކަރުނަތައް ކޯތާފަތްމަތިން މަތީތުންފަތަށް އެޅެމުން ދިޔައެވެ. ނޭފަތުން ފައިބަމުންދިޔަ ދަވަތަކާއި ތަޅުންމަތިން އުނގުޅުނު ދިޔަތަކުން އެ ދޮން މޫނުގެ އެކުގައި ތަޣައްޔަރުވަމުން ދިޔައެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން ހިތަށް ކެތް ނުވެގެން ރިޝާ ހަޅޭލަވަން ފެށިއެވެ. ބާރުބާރަށް ނާފިޢުއަށް ގޮވަމުން ދިޔައެވެ. ސަލާމަތްކުރުމަށް އެދި ހަޅޭލަވަމުން ދިޔައެވެ. ހަތްދުވަސްވެސް ނުވާވަރުގެ ނިކަމެތި މައުސޫމު ކުއްޖެއް މުށިގަނޑުމަތީ ބާއްވާ އެ ކުއްޖާގެ ހަށިގަނޑުގެ އެތަންމިތަނަށް ވަޅިހަރަމުން ދާ މަންޒަރުން އޭނާގެ ހިތް ކުދިކުދި ވަމުންދާކަން އިހުސާސްކުރެވޭތީއެވެ. ކުއްޖާގެ ފައިން ފެށިގެން އަތުގެ އިނގިލިތަކަށް ކުދި ހަމަލާ ދެމުންދާތަން ފެނުމުންނެވެ. ވަޅި ހަރާލާ ކޮންމެ ފަހަރަކު ކުއްޖާގެ އަޑުގަދަވާތީއެވެ. ރޯން ފަށާ ކޮންމެ ފަހަރަކު ކުއްޖާ ހިނދިގެން ދާތީއެވެ. ލިބެމުންދިޔަ އަނިޔާތަކަށް ކެތް ނުވެގެން އެކުއްޖާ ތެޅިފޮޅެމުންދާތަން ބަލަން ކެތްނުވެގެންނެވެ. ވަޅި ހަރާ ކޮންމެ ތަނަކުން ދުނި ޖަހައިލާފައި ލޭތައް މުށިގަނޑު މައްޗަށް ފައިބަމުން މުށިގަނޑުމަތީ ކޯރު ހެދެމުން ދިޔައެވެ. ރިޝާ ވެސް ކަޅިވަމުން ދިޔައީ ކޯރުދެމެމުންދިޔަ އެމައުސޫމު ކުއްޖާގެ ލެއިންނެވެ. މުޅި މީހާ ތަތްތެޅިފައިވަނީ އެ މައުސޫމު ނިކަމެތި ކުއްޖާގެ ގައި އޮހޮރެމުން ދިޔަ ކަޅު ލެއިންނެވެ. ރިޝާ ހިތްވަރު ކޮށްފައި ތެދުވެ އިށީނދެލިއެވެ.
“ކަލޭ އެކުއްޖާ ފުޅަށް ތިހެން ނުހަދާ އަހަންނަށްދީ! އާދޭސްކޮށްފައި ބުނަން! އަހަރެން ތި ކުއްޖާ ލޯބިން ބަލާ ބޮޑުކުރާނަން! ތިހެން ނަހަދާ.. ﷲއަށްޓަކައި! އިންސާނިއްޔަތުކަމަށްޓަކައި އަހަރެން އާދޭސްކުރަން! ސަލާމްޖަހަން! އާދޭސްކޮށްފަ މިބުނީ ރަޙްމުކުރޭ!” ރިޝާގެ އަޑުމަޑުވަމުން އޭނާގެ އާދޭސް ކުރަން ފެށުނީ ކޮށްފައިވާ އަސަރުގެ ބޮޑުކަމުންނެވެ. އާދޭހާއެކު ދެއަތް ކުރިމައްޗަށް ދަމައިލަމުން ގިސްލަމުންނެވެ. ހޭވިފައިވާ ބޮލުގެ އިސްތަށިތައް އޭނާގެ މޫނު މައްޗަށް އެޅެމުން މޫނުމަތީގައި ތަތްވަމުން ދިޔައެވެ. ރޮމުން ގިސްލަމުން ރިޝާ މުށިގަނޑުމަތީ ފިރުކިލީ ކުރިއަށް ދެވޭތޯއެވެ.
“ކަލޭ އަދި މިކުއްޖާއަށް ހަދާނީ ހަދާނެ ގޮތެއް!” އެއާއެކު އެމީހާ ލާނެތް ފާޑަކަށް ހޭންފެށިއެވެ. މުޅިތަން އެމީހާގެ ހުނުމުގެ އަޑުން ގުގުމަމުން ދިޔައެވެ.
“މަ މިކުއްޖާއަށް މިކުރާ ކަމަކުން މިކުއްޖާ ދުނިޔެ އަޅާ ދާނެތަ؟ މީ މިކުއްޖާއަށް ރަނގަޅަކަށް ކުރާކަމެއް!” އެ އަންހެންމީހާގެ އަޑުގައި ރުޅިވެރިކަން ވެރިވަމުން ދިޔައެވެ. އަޑުގައި ސުންޕާ ރާގެއް ތަކުރާރުވަމުން ދިޔައެވެ. ބިރުން ފިތްކަނޑައިގެން ދާފަދަ ރާގެކެވެ. އެހެންވެ ރިޝާއަށް މަޑުޖެހެވުނެވެ.
“ހުވާކޮށްފަ މި ބުނީ އަހަރެން އެކުއްޖާއަށް އެއްވެސް ގޮތެއް ނުހަދާނަން! އެކުއްޖާ ދުނިޔޭގައި އުޅުނަދީ!” ރިޝާއަށް އާދޭސްކުރަން ފެށުނީ ބޭއިޚްތިޔާރުގައެވެ.
“ހެއްހެއް! ކަލޭ ކިތައް ކުދިން މަރައިފިން! އަހަރެން އަދި މިއުޅެނީ އެންމެ ކުއްޖެއްވެސް ނުމަރާ! އަހަރެންގެ ދޮށީ ކުއްޖަކީ ލޯފަން ކުއްޖެއް! އެ އާ ޖެހުނު ކުއްޖަކީ އެއް ފައި ނެތްކުއްޖެއް! ދެން މިކުއްޖާ މީ ލޭ އަޅާ ކުއްޖެއް! ބޭނުންތަ! ކެރޭނެތަ ބަލަން! އަހަރެން މި ހުރިހާ ކުދިން މި ބަލަނީ ނުލާހިކު ލޯބިން!” މަލާމާތުގެ ރާގުގައި އެ އަންހެން މީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ފޫޓެއްހާ ދިގު އެ ފިޔޮހި ވަޅީގެ މިޔަ ރިޝާއަށް އަމާޒުކޮށްލިއެވެ. ވަޅިން ތިރިއަށް ތިކި ޖަހަމުންދިޔަ ލޭ ތިކިތައް ތުއްތު ތުއްތު އެމައުސޫމު ފުއްގަނޑެއްފަދަ ކުއްޖާގެ ބަނޑަށް އެޅެމުން ދިޔައެވެ.
ރިޝާ މަޑުމަޑުން ފަހަތަށް ޖެހެލެވުނެވެ. ދެކަކޫ ކައިރިކޮށްލަމުން ފާރުގައި ބުރަކަށި ޖައްސައިލިއެވެ. ކަޅި ޖަހައިނުލައި އެ މީހާއަށް ބަލަން އިނދެވުނީ އެމީހާގެ އަޑުގައި ހުރި ސުންޕާ އަސަރުގެ ސަބަބުން ހިތަށް ވެރިވަމުން ދިޔަ ބިރުވެރި ކަމުގެ ސަބަބުންނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ލޮލުގެ ދެމިޔަކަނުން ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. މަތިހަށިނަގައި ޖެހެމުންދިޔަ މިންވަރު އިތުރުވަމުން ދިޔައެވެ. ނޭނގޭ ބިރުވެރިކަމެއް ހިތުގައި ދައުރުވަމުންނެވެ.
“ކަލޭ ކުރިންވެސް ދެ ކުދިން މަރައިފި! މިހާރު ތިޔަ ތައްޔާރުވަނީ ތިންވަނަ ކުއްޖާ މަރަން! ކޮބައި ތަފާތަކީ! ކުއްޖަކު ތަޅުމަންތީ ބާއްވައިގެން ވަޅިއަކުން ފޮތިޖަހައިލުމަށް ވުރެ އަސަރުގަދަ ކަމެއް ކަލޭ ތިޔަކުރަނީ! ކުއްޖަކު މިކްސަރަކަށްލާ ގަށާލުންކަހަލަ ކަމެއް ކަލޭ ކުރަނީ… އާނ ގަށަނީ… ކަށިތަކާ މަސްތަކާ ލެޔާ އެއްކޮށް ހަމަ ގަށަނީ…! އޭރުންވެސް އެ ހަމަ މެރެނީ! އެވެސް ހަމަ އިންސާނެއް! ތަފާތަކީ ކުއްޖާ ރޯ އަޑު އިވޭކަން! އެ ކުއްޖާ ރޯއަޑު އަހަރުމެންނަށް ނީވުނަސް… އެކުދިންވެސް ހައްދަވާ ޙަލްޤް ކުރައްވަނީ ހަމަ އެއްފަރާތަކުން! ކަލޭ އަށް އެބަ ވިސްނޭތަ؟ އެކުދިންގެ އިހުސާސްތައް ކަލޭއަށް ވަޒަން ކުރެވޭތަ… ހިތަށް އެއްޗެއް ނާރުވާ ބޭސް ގުޅައަކުން ކުދިން ގަށާލެވޭއިރު އެ ކިހާވަރެއް ކަމެއްކަން އިހުސާސެއް ކުރެވޭތަ؟ އިންސާނީ ކަރާމާތް ކަލޭ ހިތަށް ތަސައްވަރުކުރެވޭތަ؟ ފުރާނައިގެ އަގު ކަލޭއަށް ވަޒަން ކުރެވޭތަ؟” އެ އަންހެން މީހާ ރުޅިއައިކަން އަޑުން ހާމަވަމުން ދިޔައެވެ. އެމީހާގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ގުގުމަމުން ދިޔައެވެ. ބައެއް ފަހަރު ތިންހަތަރު މީހުން އެއްފަހަރާ ވާހަކަދައްކާހެންވެސް ހީވެއެވެ. ރިޝާއަށް މަޑުމަޑުން ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. މަޑުމަޑުން ދެ އިނގިލި ދޭތެރެއިން އެމީހާއަށް ވަށްކަޅިއަކުން ބަލައިލެވުނެވެ.
“ކަލޭތީ އެ ދެކުދިންގެވެސް މަންމަ! އެއީ ކަލޭގެ ހަލާލު ދެ ދަރިން! އަހަރެން މި ގެންގުޅެނީ އެހެން މީހުންގެ ދަރިން…! ބަލަންބޭނުން ނުވެގެން ކަލޭމެން ކަހަލަ މީސްމީހުން އެކި ގޮތްގޮތްހަދާ އުކާލާ ދަރިން… ކާކު ނުލަފައީ… ކާކު ޖާހިލީ! ކާކުގެ އިންސާނިއްޔަތު ކަމެއްނެތީ! ބުނެބަލަ… ދަރިންނަކީ އިންސާނުންނަށް އެ ކަލާންގެ ދެއްވާ އަމާނާތެއް! އެ އަމާނާތަށް ކަލޭ ތިޔަ ޚިޔާނާތްތެރިވަނީ ދުނިޔެއާ ސިއްރުން! އުފަންވެސް ނުވަނީސް ޖޫސް ގިރާ އުޞޫލުން… ކަލެއަށް އެނގޭނެ ލޭ އަޅާ ކުދިން ލިބެނީ ކީއްވެކަން! ކާކު މަޖުބޫރުކޮށްގެން ތިޔަ ކައިވެނި ކޮށްގެން ތިޔަ އުޅެނީ! ހަމަ ކުދިންގެ ޖޫސް ގިރަންތަ..؟ ބުނެބަލަ…”
ރިޝާގެ ދެލޯ މުދުނަށް އަރައި ގެންދިޔައެވެ. ދުނިޔޭއާ ސިއްރުން ކުރަމުން ދިޔަ ހުރިހާ ކަމެއް ފޮރުވުމެއް ނެތި ހާމަވެ ފަޟީޙަތްވަމުން ދިޔުމުންނެވެ. އެމީހާގެ ބަސްމަގު ހުރިގޮތުން ކުރެވުނު ކަންތައް ވަޒަންކޮށްލެވުމުންނެވެ. އެއާއެކު އޭނާގެ ގިސްލުން އިތުރުވަމުން މަތިހަށިނަގާ ޖެހޭވަރު ބޮޑުވަމުން އެކަން ހަށީގެ ބޭރުންފާޅުވަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެހެނަސް އޭނާ ހިތްވަރުކޮށްލާފައި އެމީހާގެ އަޑުއަހަން އިނދެވުނީއެވެ.
“ދަރިންނަށް ގޮތްގޮތް ހަދާ މީހުންނަށް ﷲ ނުރުއްސަވާނެ! ކަލޭމެން އިންސާނުންނަކީ ކޮންފަދަ މާތްބައެއް! އެކަމަކު ޖަނަވާރުން ވެސް ނުކުރާ ދަށުދަރަޖައިގެ ޢަމަލުތައް ކަލޭމެން ތިޔަ ކުރަނީ! ދަރިން ވިހައިފަ މަގުމައްޗާ ތަންތަނަށް އުކަނީ! ބާލިދީއަށްލާ ގޮޑުދަށުގައި ވަޅުލަނީ! ދިރިދިރިއޮށްވާ ކޮތަޅު ކޮތަޅަށްލާ މޫދަށް އުކަނީ! ނުވިތާކަށް ފާޚާނާއިން ފްލެޝްކޮށްލަނީ.. އެވަރުން ނުވެގެން… އުޅޭނެހާ ގޮތަކަށް އުޅެފަ ގަރުބަގަންނައިރަށް ބޭސްކައި ވައްޓާލަނީ… ކަލޭވެސް… ކަލޭ އަދި ތިޔައީ އެއަށްވުރެ ސުންޕާ ޖާހިލެއް… ކަލޭ ތިޔަހަދަނީ ހަލާލުދަރި… ދަރިން ގަރުބަގަންނަ އިރަށް ބޭސް ކައިގެން… ތިޔަ ޖޫސް ގިރަނީ! ހަމަ ޖޫސް ގިރަނީ…! ﷲ ތިޔަ ކަހަލަ މީހުންނަށް ނުރުއްސަވާނެ! ކަލޭ ދުނިޔެމަތީ ތިޔަ ކުޅޭ ކުޅިގަނޑު ދައްކަވާފަ ނޫނީ ނުގެންދަވާނެ…! ކަލޭއަށް ދުނިޔޭގަ ހުއްޓާ ތިޔަ ކަމުގެ ބަދަލު ދައްކަވާނެ! އޭރުން އޮންނާނީ ވަގުތު ފާއިތުވެފަ…! ހެޔޮލަފާ މީހެއްނަމަ އަވަހަށް އިސްލާޙްވާންވީ…” އެމީހާގެ ވާހަކަތަކުން މާޒީގައި ކަންކުރެވުނު ގޮތްތަކާއި އެކަމަށް އުޅުނު ސިއްރު ގޮތްތަކުގެ މަންޒަރުތައް ލޮލުގެ ކުރިމަތިން ދައުރުވަމުން ދިޔަދިޔަހެން ރިޝާގެ ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އޭނާގެ މޭ ހީވަނީ ފެން ތެއްޔެއްގައި ކައްކާހެންނެވެ. މީހާ ދާހިއްލަމުން ގިސްޖެހެމުން ދިޔައެވެ.
“އިންސާނީ ޙައްޤޭ ކިޔައިގެން މަސައްކަތްކުރާ އޮފީހެއްގަ ކަލޭ އުޅޭއިރު ތިޔަކުރެވޭ ކަމަކަށް ކަލޭއަށް އެންމެ ފަހަރަކުވެސް ވިސްނައިލެވުނުތަ؟ އިންސާނީ ކަރާމާތޭ ކިޔައިގެން ޓީވީތަކަށާއި މީހުންގެ ކުރިމައްޗަށް ނުކުމެ އަނގަހުޅުވަން ކަލޭ ލަދެއް ނުގަނޭތަ؟ މީހުން ބުނާނެ ނުކިޔާވާތީ ނޭނގެނީއޭ! އެކަމު ކަލޭ ތީ ކިޔަވައިގެން ހުރިހާ ނުބައިކަމެއް ކުރާ…” އެމީހާ ހުއްޓައިލިއެވެ. އަޑުގައި ހުރި ރާގު މަޑުމަޑުން ބަދަލުވަމުން ދިޔައެވެ.
“ކީއްވެ ބަހެއް ނުކިޔާ ތިޔަ އިންނަނީ! ބުނެބަލަ! ދަރިއަކު ހޯދުމަށްޓަކައި ދެމަފިރިން ދުނިޔޭގެ އެތައް މިތަނަށް ގޮސް ބޭސްފަރުވާ ހޯދަން އެއުޅޭ އުޅުން ކަލޭއަށް ވިސްނޭތަ؟ އެމީހުންގެ ފިކުރުތައް ކަލޭއަށް އިހުސާސްކުރެވޭތަ؟ މަންމާއޭ ކިޔާ ގޮވާލާނެ ދަރިއަކު ނެތުމުން އެ ލިބޭ ހިތް ނުތަނަވަސްކަން ކަލޭއަށް އިހުސާސްކުރެވޭތަ އެބަ؟ ނިކަން ބުނެދީބަލަ؟ މިއަދު ކަލޭ ތިޔަ އައީ އެމީހުންނާ ޚިލާފަށް ދަރިއަކު ލިބޭތީ އެކަމުން މަނާވެގަންނަން! ދެން ކަލެއަށް ކޮން ޔަޤީންކަމެއް އޮތީ ޙަޔާތުގެ ބާކީ ބައިގަ ދަރިޔަކު ލިބޭނެކަމުގެ…” ނަސޭހަތުގެ ރާގުގައި އެމީހާ ސުވާލުކޮށްލިއެވެ.
ހިތްވަރު ކޮށްފައި ރިޝާ އެއްޗެކޭ ބުނެވޭތޯ ތުންފަތް ހަރަކާތްކޮށްލިއެވެ. އަޑެއް ނުކުތުމުގެ ކުރިން އަނެއްކާވެސް އެމީހާ ފެށީއެވެ.
“ހުއްޓާލަ… ކަލޭގެ ވާހަކަ އަޑުއަހަން ބޭނުމެއްނޫން! ކަލޭ ތިޔަ ކައިވެނި ތިޔަކުރީ މައިންބަފައިންނާ ރައްޓެހިންގެ ނުގަބޫލުގަ! ދެން ކޮން ވާހަކައެއް ދައްކަން… ކަލޭގެ ވާހަކަ އަޑުއަހާން އަހަންނަކަށް ވަގުތެއްނެތް! އަން މިއޮތީ ކަލޭ ރަނގަޅަށް ބަލަން ބުނި ކުއްޖާ!” އެ ގޮތް ނޭނގޭ މީހާ ގެނައި އަވަސް ހަރަކާތަކާއެކު އެ ތުއްތު ކުއްޖާ ރިޝާގެ ކުރިމައްޗަށް މުށިގަނޑުމައްޗަށް މަތިން ވެއްޓުނެވެ. ކުއްޖާގެ ހަށިގަނޑު ޖެހުނުލެއް ބާރުކަމުން ކުއްޖާގެ އަތާއި ފައި ދެފަރާތަށް ވިހުރިލިއެވެ. މުށިގަނޑުމަތީ ހުރި ލޭތައް ބުރަބުރައިގެން ދިޔައެވެ. ރިޝާއަށް މަޑުމަޑުން ބައިލެވުނީ ކުއްޖާއަށެވެ. ކުއްޖާގެ ހުވާހެއް ނެތެވެ. މުޅި ކުއްޖާވަނީ ލެއިން ކަޅިވެފައެވެ. މުޅި ހަށިގަނޑުގެ އެތައް މިތަންވަނީ ނޫފައިގެންފައެވެ. ވިދުއެޅި ފައެވެ. ހީވަނީ ފުރޭންޏެއް ހެންނެވެ. ވަޅި ހަރައިފައި ހުރިތަންތަނުން ލެއިތައް އޮހޮރެމުން ދިޔައެވެ. ބަނޑާ ދިމާއިން މުށިގަނޑުމައްޗަށް ލެއިގެ ކޯރެއް ދައުރުވަމުން ދިޔައެވެ. ރިޝާއަށް ބަލައިލެވުނީ އެ ތުއްތުކުއްޖާގެ ބަނޑަށެވެ. އެމީހާ ގެންގުޅުނު ވަޅި ހަރާފައި ވަނީ ބަނޑު މެދަށެވެ. ރިޝާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ކުއްޖާގެ ގައިގައި އޮޅުލައިގަންނަމުން ރޯންފެށުނެވެ. ގިސްޖެހެން ފެށުނެވެ.
މަޑުމަޑު ގިސްލުމަކާއެކު ރިޝާއަށް ލޯހުޅުވާލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުނީ އެހާ ހިސާބުންނެވެ. އޭރުވެސް އޭނާގެ މޭ ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބާރު ބާރަށެވެ. އެއާއެކު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ރީތިވާ މޭޒުގެ މަތީގައި ބޭއްވިފައި އޮތް ބޭސް ކާޑަށެވެ. ނިދަން އޮށޯތުމުގެ ކުރިން ބޭސް ކެއުމަށްފަހު ބޭއްވި ގޮތަށް ބޭސް ކާޑު އޮތްތަން ފެނުމުން އޭނާއަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ. ބަނޑުގައި އޮތީ ލޭ އަޅާ ކުއްޖެއްތޯ ބެލުމަށް އިންޑިޔާއަށް އައިސްތިބިކަން ހަނދާންވިއެވެ. އެކަން ޔަޤީންކުރަން ކުރެވުނު ޓެސްޓްތަކުގެ ނަތީޖާތައް މޫނުމަތިން ދައުރުވަމުން ދިޔަ ކަހަލައެވެ. ހައްޔަރުން ނެއްޓުމަށް ބޭސްކެވުނުކަން ހަނދާންވުމުން ގިސްޖެހެން ފެށުނެވެ. ޖޫސް ގިރާމަންޒަރާއި ލެއިން ކަޅިވެފައިވާ ކުދިންތައް މޫނުމަތިން ފެންނަ ކަހަލައެވެ. ތިން ފަހަރު މަތިން ކުރެވުނު ކުށް އަމިއްލައަށް ޤަބޫލުކުރެވުނެވެ. އަމިއްލައަށް އިހުސާސް ކުރެވެމުން ދިޔައީ އެ ތިން ކުދިންގެ ހިތުގެ ކެކުޅުންތަކެވެ. އޭނާގެ ހިތް އިޢުތިރާފުވަމުން ދިޔައީ އެއީ ގަސްތުގައި މެރުނު ދަރިންތަކެއްގެ ގޮތުގައެވެ. އޭނާގެ ގޮތް ދޫނުކުރާ ހަރު ހިލަ ހިތުގެ ސަބަބުން އެއްވެސް ރަޙުމެއް އެ ތިން ދަރިންނަށް ނުކުރެވުމުންނެވެ. ކޮންމެ ފަހަރަކު ނާފިޢުއާ ދެކޮޅަށް ކުރެވުނު ފާފައަށް ތައުބާވަން ރިޝާ ބޭނުންވިއެވެ. ކޮންމެ ހާލެއްގައިވެސް އަމިއްލަ ދަރިން ބަލަން އޭނާ ހިތުގައި ޢަޒުމު ކަނޑައެޅިއެވެ. ދުނިޔޭގެ އިމްތިޙާނުން އޭނާ ފާސްވުމުގެ ޢަޒުމުގައެވެ. ހިތެއްގައި ރަޙުމެއް ނެތުނު ހިތް މިއަދު ރަޙުމުން ފުރިގެން ދިޔައެވެ. އެހެނަސް، އޭނާގެ ތިންވަނަ ދަރިފުޅަށްވެސް އެ ވަނީ އެ ހިތުން ރަޙުމެއް ނެތި އަދަބު ދެވިފައެވެ. އެއްވެސް ކުށެއް ނެތް ހާލުގައެވެ. އޭނާގެ ހިތައިހިތައި ކިޔައި ލެވުނެވެ. “ހިތެއްގައި ނެތީހޭ ވާނޭ ރަޙުމު… މަގޭ ޔާރުނޭ އަޅައިލާން މިތާ… ފަނާކޮށްލުމީ އިންސާފުހޭ ކުށެއްނެތް އެ ހަށިތައް މިތާ…”
12 Comments
Comments are closed.
vvvv asarugadha vaahakaeh mizamaanuga ves dharin merun huhtaehnulaa dhw kiyavaigen thibeyiruves
Vv rythi story eh..
Vvvvvv reethi vaahaka adhivx mikahala ibraitheri vaahaka akah inthizaar kuran..kyp it up
Varah reethi.. hama bunaane ehcheh ves neynge… varah asarugadha reethi iburaitheri kiyaahivvaaakahala loabi vaahaka eh.. 🙂
V v nice
vvvvv rythi
masha allah!!!vvv reethi , ibraitheri , asaru gadha, vahakaeh me…vahaka kiya nimunu iru hama rangalhah vx rovijje…..ithurah dhn bunane ehcheh neynge..hama v.furihama
Masha allah v v nice mi story. .. v v v asaru gadha… aharun vs mi try kurany baby akah.. dharinnaa nulaa life complete eh nuvey… dgeraiy e niumaiy libey meehun shukuruveri nuvaathy…
but dhera e a grl ah risha kiyaathy… varah salhi vaaka…. ekamu….
v v v v v v nice story eh…. keep it up………
salhi…heskiyaaha..
V asarugadha vaahaka eh, alhuga’ndu unmeedhu kuran mikahala ibraitheri zamaanaai gulhey vaahaka thah veehaaves ginain shaairu kuraaneykamah
… V reethi mi vaahaka…