“ވަރަށް އަމާން ދަތުރަކަށް އެދެން އައްޒާމަށް. ވަރަށް ދެރަވޭ އައްޒާމާއި ވަކިވާން ޖެހޭތީ. މިހާތަނަށް އައިއިރު އަހަންނާ ވަރަށް ގިނަ ޒާތްޒާތުގެ މީހުންނާ ދިމާވެފަހުރީ. އެކަމަކު އައްޒާމާއި އައްޒާމްގެ ކާފަ ފަދަ އިޚްލާޞްތެރި، ހިތްހެޔޮ ބަޔަކު ނުދެކެން. މިއީ ވެދާނެ އައްޒާމަށް އަހަރެން ފެންނަ އެންމެ ފަހު ފަހަރު ކަމަށްވެސް. މި ވޭތުވި 3 މަސް ތެރޭގަ އައްޒާމް ދެރަވާފަދަ އެއްވެސް ކަމެއް އަހަންނަށް ކުރެވިފައިވާނަމަ އަހަންނަށް މަޢާފު ކޮށްލަދިނުން އެދެން. ވަރަށް ބޮޑަށް ޝުކުރުވެރިވަން އައްޒާމާއި އައްޒާމްގެ ކާފަ އަހަންނަށް ވެދިން އެހީތެރިކަމަށްޓަކައި. މާތް ﷲ ތިޔަ ދެމީހުންނަށް ވެސް ހެޔޮ ރަޙްމަތް ލައްވާށި.” ހަސަން އޭނަ މުލަކަށް ފުރުވަން އެއާރޕޯޓަށް އައިސްހުރެ ދެއްކި ވާހަކަތަކަކީ އެއީއެވެ. ހަސަން އޭނައަށްވުރެ ހަގު ވިޔަސް އޭނަގެ ކިބައިގައި ދީންވެރި ގޮތެއް ހުންނާތީ ‘މާދަމާވެސް މަރުވެދާނެކަމުގެ’ ޝަޚްޞިއްޔަތު އޭނަގެ ފަރާތުން ފެނުނީކަމަށް އައްޒާމަށް އެދުވަހު ހީކުރެވުނެވެ. އެހެނަސް އެވަގުތު ފޯނުން އިވެމުން ދިޔަ ވާހަކައިން އެހެނިހެން ގޯސް ޚިޔާލުތަކެއް އޭނައަށް ކުރެވެން ފެށިއެވެ.
ވިސްނުމެއްގެ ތެރޭގައި އިނދެފައި އައްޒާމަށް ކުއްލިއަކަށް އެނދުން ތެދުވެ ކޮޓަރިން ވެސް ނިކުމެގެން ދެވުނީ ކާފައާއި މި ވާހަކަ ވަގުތުން ޙިއްސާކުރަން ހިތް އެދުނު ވަރުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި އައްޒާމް ކާފަގެ ކޮޓަރިއާއި ދިމާލަށް ދިޔައެއްކަމަކު ކޮޓަރިއާއި ގާތްވަމުން ދިޔަދިޔަހެން ރުއިމެއްގެ އަޑު އިވެން ފެށުމުން އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. ކާފަގެ ގިސްލުމުގެ އަޑު އިވިފައި އައްޒާމް ޙައިރާނެއްނުވީ އެއީ މިފަދަ ދަން ވަގުތުތަކުގައި އޭނައަށް ނުހަނު ގިނައިން އިވިފައިވި އަޑަކަށްވާތީވެއެވެ. އެ އަޑު އިވިފައި އޭނަ ބަލާލާ ގިނަފަހަރު ކާފަ ހުންނަނީ ޚަތިމް ހުޅުވައިގެންނެވެ. އެހެންނޫނީ ކޮންމެވެސް ޢަރަބި އެއްޗެހިތަކެއް އަތުން ލިޔެވިފައިހުރި ފޮތެއް ހުޅުވައިގެންނެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ މަދު ފަހަރެއްގެ މަތިން ކާފަ ރޮނީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ. ކާފަ ބުނާހާވެސް އެއްޗަކީ އެއީ އެ އާޔަތްތަކުން ނޫނީ އަނެއްފޮތުގައި ލިޔެވިފައިވި އެއްޗެއްގެ ސަބަބުންކަމެވެ. އެހާ ހިސާބުން އެއީ ކާފަ މާ ދީންވެރިވުމުން ވާ ގޮތެއްކަމަށް އައްޒާމަށް ނިންމުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ގިސްލުމުގެ ފަހަތުގައި އޭނައަށް ފޮރުވިފައިވި ސިއްރެއް ވާހެން އައްޒާމަށް ހީވެއެވެ. ކާފަގެ ގިސްލުމުގައި އެކުލެވިގެންވަނީ އެހާވެސް ފުން ވޭނެކެވެ. އަދި އަމުދުން ކާފަ އަތުގައި އެ އޮންނަ ރަތްކުލައިގެ ގަނޑެއް ލެވިފައިވި ފޮތަކީ ކޮން ފޮތެއްތޯ އޭނަގެ ހިތަށްއަރައެވެ. އެއީ ކާކުގެ އަތުން ކާފައަށް ލިބިފައިވި އަދި ކޯޗެއް ލިޔެވިފައިވި އެއްޗެއްތޯ އައްޒާމްގެ ހިތަށްއަރައެވެ. އެ ފޮތް މުޅިންވެސް ފުރިފައިވީ ޢަރަބި ލިޔުންތަކަކުންކަން އޭނައަށް އެނގުނުފަހުން އެ ސުވާލަކީ އޭނައަށް ފަސޭހައިން ޖަވާބު ހޯދޭނެ ސުވާލެއް ނޫންކަން އޭނައަށް އެނގުންވިއެވެ. އޭނައަށް އެފޮތުގައި ލިޔެވިފައިވި އެއްޗެހީގެ ތެރެއިން އެނގޭހާވެސް އެއްޗަކީ ފޮތުގެ ބޭރުގައި ބޮޑު އަކުރުން ޞުރުޚީއެއް ލިޔެވިފައިވީއިރު އޭގެ ދަށުގައި ޢަރަބި އަކުރުތަކުގެ ‘4’ ލިޔެވިފައިވި ކަމެވެ.
ކާފަގެ ގިސްލުމުގެ އަޑުއަހަން އަމިއްލަ ޚިޔާލުތަކުގައި ހުރެފައި އައްޒާމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަދި އާދައިގެ މަތިން ލަސްލަހުން ކާފަގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައި މަޑުމަޑުން އަނބުރާލަމުން ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އެވަގުތު އޭނަ ހީކޮށްގެން ހުރި ފަދައިން ކާފަ އިނީ އެނދުގެ އެއްފަރާތެއްގައި އިށީނދެގެންނެވެ. އޭނަ ދޮރު ހުޅުވި އަޑުވެސް ކާފައަށް ނުއިވުނު ފަދައެވެ. ދޮރު ހުޅުވިފައިވި ހަނި ދާއިރާއިން އޭނަ ބަލާލިއިރު ވެސް ކާފަ ކަރުނަތައް ފޮހެމުން ދިޔަ މަންޒަރު ފެނުނެވެ. އައްޒާމް ލަސްލަހުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. އެވަގުތު އިވުނު އަޑެއްގެ ސަބަބުން ކާފަ އޭނައާއި ދިމާލަށް ބަލާލިއެވެ.
“އަނހަ އައްޒާމް! ނުނިދިގެންތަ ތިއައީ؟ އަވަހަށް ވަދޭ!” ހާޝިމް އޭނަގެ އުނގުމަތީގައި އޮތް ރަތްކުލައިގެ ފޮތް ލައްޕައި ކަރުނަތަކުގެ ތެރެއިން ހިނިތުންވާން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ކާފަގެ މޫނުމަތި މިލާފައި ހުރި ގޮތުން އައްޒާމް ކޮޓަރިއަށް ވަދެގެން އައި ވަގުތު އޭނަ ބުނަން އުޅުނު ވާހަކަވެސް ހަނދާން ނެތިފައިވިއެވެ. ކާފަގެ އަތުގައި އޮތް ފޮތް އެނދުކޮޅުގައި ބޭއްވިތަން ފަރުވާތެރިކަމާއެކީ ބަލަން އައްޒާމަށް ހުރެވުނެވެ. އެ ފޮތާއި ބެހޭގޮތުން ސުވާލުކުރަން ހިތަށްއެރިއެއްކަމަކު އައްޒާމް ޖެހިލުންވިއެވެ. އެއިން ކާފައަށް އިތުރު ހިތްދަތިކަމެއް ލިބިއްޖެނަމަ އޭނައަށް ކާފަ ހިތްހަމަޖައްސައިދޭން ނޭނގިދާނެއޭ ހިތައި އޭނައަށް އެއްޗެކޭ ނުބުނެ ހުރެވުނެވެ.
“ހެހެ….ކުޑައިރު ހަދާހެން ނިދެންދެން ވާހަކައެއް ކިޔައިދޭންވީތަ؟ މިއީ ހާދަ ނުވާކަމެކޭ…..އައްޒާމް މިގަޑީގަ ކާފަ ކައިރިއަށް އައުން.” ހާޝިމް ދެއަތުން އޭނަގެ މޫނު ފޮހެ ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. އެއާއެކު އައްޒާމަށް ހަމަހޭވެރިކަމެއް ލިބި، އޭނައަށް ނުނިދެނީ ކީއްވެކަމާއެކީ ދާދި ދެންމެއަކު ހަސަނަށް ގުޅަން އުޅުމުން ވީގޮތް ހަނދާނަށް އައުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
“ކާފާ….ވާހަކައެއް ބުނަންވެގެން މިއައީ. ދެންމެ އަހަރެން ހަސަނަށް ގުޅަން އުޅުނީމަ އެކޮޅުން އިވެނީ އެ ނަންބަރުވަނީ ގުޅޭ ޞަރަޙައްދުން ބޭރުގައޭ.” އައްޒާމް ކަންބޮޑުވުމެއް އެކުލެވިފައިވި ގޮތަށް ކިޔައިދިނެވެ. އެއާއެކު ހާޝިމްގެ ވެސް ދެބުމަ ކައިރިވިއެވެ.
“އެހެންތަ؟ އެއީ ކީއްވެބާ؟ އަނެއްކާ ފޯނު ނިވިފަ އޮތިއްޔާ ވެސް ތިހެން އިވިދާނެބާ؟” ހާޝިމް ހެޔޮކޮށް ވިސްނޭތޯ ބެލިއެވެ.
“ނޫން ކާފާ. ނިވިފަ އޮތިއްޔާ އެހެންނެއް ނުއިވޭނެ…..އަހަރެން ހާސްވަނީ އެ ހަސަނު އަހަރެން ފުރުވަން އައިސް ދެއްކި ވާހަކަތަކުން. ބުނީ މިއީ ތިމަންނައަށް އައްޒާމް ފެންނަ ފަހު ފަހަރަށްވެސް ވެދާނެއޭ. އަހަރެން ފުރަން އޮތް ދުވަހު އޭނަ ހުރީވެސް ފާޑަކަށް. މުޅި ދުވަހު ވާހަކަ ދެއްކީވެސް ވަރަށް މަދުން…” އައްޒާމް އެ ދުވަސް ހަނދާންކޮށްލަމުން ކިޔައިދިނެވެ.
“އެހެންތަ؟ އަޅެ އަހަރުމެންގެ ޢިމާރާތުގަ އުޅޭ އިސްމާޢީލަށް ގުޅާފަ އަހާބަލަ ހަސަން އެބައުޅޭތޯ ގޭގަ.” ހާޝިމް ބުނެލިއެވެ. އެއާއެކު އައްޒާމް ކާފަގެ ކައިރީގައި އެނދުގައި އިށީންނަމުން އިސްމާޢީލްބެއަށް ގުޅައި ފޯނު ސްޕީކަރަށްލިއެވެ. ދެ ރިންގަށްފަހު އިސްމާޢީލް އެކޮޅުން ފޯނު ނަގައި ސަލާމް ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް. އިސްމާޢީލް، މީ ހާޝިމޭ. ކުޑަކަމަކު މިގުޅާލީ. ބަލާލަ ދީފާނަންތަ އަހަރުމެން ގޭގަ އުޅޭ ހަސަން އަހަރުމެންގެ ބައިގަ މިވަގުތު ހުރިތޯ؟” ހާޝިމް އެދުނެވެ. އެއާއެކު މާ ގިނައިރެއްނުވެ އިސްމާޢީލް ދައްކަން ފެށީ އައްޒާމާއި ހާޝިމް އުއްމީދުކޮށްގެން ތިބި ވާހަކައެއް ނޫނެވެ.
“އާނ ހަސަނޭ ކިޔާ ކޮއެގެ ވާހަކަދޯ؟ މިކޮޅުން އައްޒާމް ފުރި ދުވަހުގެ ދަންވަރު ފްލައިޓުން އޭނަވެސް ފުރައިފި. ނޭނގޭ ކޮންތަނަކަށް ކަމެއްފުރީ. ފުރަން ދިޔުމުގެ ކުރިން ހާޝިމްމެން އުޅޭ ބައިގެ ތަޅުދަނޑި އައިސް އަހަރެން އަތަށް ދިނީ ތިއީ ހާޝިމްބެގެ ވަރަށް ގާތް އެކުވެރިއެއްދޯއޭ ކިޔާފަ. ބުނީ ހާޝިމްމެންނަށް ވަގުތުން ނާންގާށޯ އޭނަ ފުރަން އުޅޭ ވާހަކަ. އެކަމަކު އޭނަ ފުރާފަހުން އޭނައާއި ބެހޭގޮތުން ހާޝިމް ނޫނީ އައްޒާމް ސުވާލެއް ކުރިއްޔާ ބުނާށޭ ފުރައިފިއޭ.” އިސްމާޢީލް އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކުން އައްޒާމާއި ހާޝިމަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓުން އަރާފައެވެ. ހަސަނާއި ބެހޭގޮތުން ގޯސް ހީވުންތައް ދެމީހުންނަށް ވެސް ހީވާން ފެށި ވަގުތު އިސްމާޢީލް އިތުރަށް ވާހަކަ ދެއްކިއެވެ.
“އޭނަ ފުރާތަނެއް ބުނަން ނުއުޅުނު ގޮތުން އަހަންނަށް ހީވި އެއީ ވަގު ކުއްޖެއްހެން. އެކަމަކު އަހަރެން ހަމަ އެރޭ ހާޝިމްމެން އުޅޭ ބައި ހުޅުވާފަ ބެލިން. އެއްވެސް އަގުހުރި އެއްޗެއް މަދުވެފައެއްނެތް. އަދި މުޅި ގެ ވަރަށް ސާފުކޮށްފަ ހުރީވެސް.” އިސްމާޢީލް ކިޔައިދިނެވެ.
“އަލްޙަމްދުލި ﷲ! ހަސަން އެއްޗެއް ވަގަށް ނެގިއޭ ބުންޏަސް އަހަންނަށް އެވާހަކަ ޤަބޫލުކުރަން ދަތިވީސް. ހަސަނަކީ އޮޅުމަކުން ވިޔަސް ދޮގެއްހާ މިންވަރުވެސް ހަދާ ކުއްޖެއްނޫން. އެކަމަކު ތިކުއްޖާ ތި ދިޔައީ ކޮން ތަނަކަށްބާ؟ އެކުއްޖާ އަހަރުމެން ކައިރިއަށް އައީވެސް އެކަނި. އަހަރެން ޢިމާރާތުން އެއްދުވަހު ނިކުތް ވަގުތު އަހަރެން ކައިރިއަށް އައިސް ވަރަށް އަދަބުވެރިކަމާއެކީ އެހީ ކުއްޔަށް ބޭބެގެ ގޭގަ ހުރެވިދާނެ ހެއްޔޭ. ބޭބެ ބޭނުމިއްޔާ މަސައްކަތް ވެސް ކޮށްދޭނަމޭ. ވަރަށް ހިކި އަނަރޫފަކޮށް ހުރީ. ދަމަމުން އައި ހެދުން ފޮށި ހިއްލާލާނެ ވަރެއްވެސް އެކުއްޖާގެ ގައިގަ ނެތް އެދުވަހު.” ހާޝިމަށް ހަސަނާއިމެދު ވިސްނާލެވުނު ވަރުން އިސްމާޢީލަށް ކުރިން ކިޔައިނުދެވި ހުރި ވާހަކަތައް ކިޔައިދެވުނެވެ.
“އެހެންތަ؟ އަނެއްކާ ތިކުއްޖާގެ މައިންބަފައިން ކޮބައިބާ؟” އިސްމާޢީލް މިފަހަރު ކުރި ސުވާލަށް ޖަވާބުދޭންފެށީ އައްޒާމެވެ.
“އެހެން އަހާއިރަށް އޭނަ ވާހަކަ އޮޅުވާލާނެ. ޢާއިލާގެ އެހެން މީހަކު ހުރޭތޯ އެހީމަވެސް އޭނަ ޖަވާބެއްނުދޭނެ. އެހެންވެ އަހަރެން ވެސް އެހާވަރަކަށް އަހަން މަސައްކަތް ނުކުރަން. އޭނަގެ ޢާއިލާއާމެދު ވެސް އޭނަ ވާހަކަ ދައްކަން ޖެހިލުންވަންޏާ އޭނަ ދާނެ ތަނެއް ހުންނާނެހެނެއް އަހަންނަށް އެއްގޮތަކަށްވެސް ހިއެއްނުވޭ.” އައްޒާމަށް އެ ވާހަކަތައް ކިޔައިދެވުނީ އޭނަގެ އެކުވެރިޔާއަށްޓަކައި ހިތުގައި ރިހުމެއް އުފެދިފައިވާ ޙާލުގައެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދޫކޮށްލިއިރު ވެސް އޭނަ ބަލަން ލޯބިވާ ކާފައަކު އެބަހުއްޓެވެ. ހަސަނަށް އެހާވަރުވެސް ލިބިފައި ނުވުމުން ހަސަން ކަނޑައްތުކޮށްފައިވާނީ ކިހާ ހިތްދަތި ދުވަސްތަކެއްކަން ޚިޔާލަށް ގެންނަން ވެސް އައްޒާމަށް ދައްޗެވެ.
“ސުބްޙާނަ ﷲ! އަހަންނަށް ތިކަންތައް އެނގުނުނަމަ އަހަރެން އެކުއްޖާ ނުފޮނުވީމުސް! އަހަރެން ކައިރީގަ ބުނީ އައްޒާމްގާތު އެދޭށޭ ތިމަންނަ ހޯދަން މަސައްކަތް ނުކުރުމަށް. ތިމަންނަ ވަރަށް ދެރަވާނެއޭ އެހެން ހަދައިފިއްޔާ. އަދި ތިމަންނަ ވާނީ ﷲ ގެ އިރާދަފުޅުން ސަލާމަތުންނޭ. އަޖައިބެއްފަދަ ކުއްޖެއް ހުވާ! މާތް ﷲ ތިކުއްޖާ ރައްކާތެރި ކުރައްވާށި. އޭނަ ދިޔަތަނެއްގެ ޚަބަރު ކިރިޔާވެސް ލިބިއްޖެއްޔާ އަހަރެން ހާޝިމަށް އަންގާނަން އިން ޝާ ﷲ!” އިސްމާޢީލް ވަޢުދުވިއެވެ. ހާޝިމް އެންމެ ރަނގަޅޭ ބުނެލުމުން އެކޮޅުން ފޯނު ކަނޑާލެވުނެވެ. އެއާއެކު އައްޒާމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ކިހިނެއް ހަސަން އެ ހެދީ؟ ކީއްވެ އަހަރުމެންނަށް ނާންގަންވީ؟” އައްޒާމަށް ދެންވެސް އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ސުވާލުކުރެވުނެވެ.
“އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ. ވެދާނެ ޢާއިލީ މައްސަލައެއްގެ ސަބަބުން މާ ގިނަ މީހުންނަށް އޭނަ ވީތަނެއް އެނގުނީމަ މައްސަލަ ބޮޑުވާނެތީ ކަމަށްވެސް.” ހާޝިމް އެހެން ބުނެލި ތަނާހެން އައްޒާމަށް ވާހަކަ ދެކެވުނެވެ.
“އަހަރެން ބޭނުން އޭނަ ހޯދަން. ފުލުހުންނަށް ރިޕޯޓްކޮށްގެން ވިޔަސް ހޯދަން ބޭނުން!” ހަސަންވީ ކޮންމެވެސް ނުރައްކަލެއްގެ ތެރޭގައޭ ހިތް ބުނަމުން ދިޔަވަރުން އައްޒާމަށް ބުނެވުނެވެ.
“އަވަސްއަރުވައިގެން ޅަ އެއްޗެއް ނަހަދާތި އައްޒާމް! ފުލުހުންނަށް ރިޕޯޓްކުރަން މީހަކު ގަދަކަމުން ހަސަން ގެންގޮސްގެނެއްނޫން މިއުޅެނީ. ހަސަން އަމިއްލައަށް ދިޔައީ. އޭނަ ޢުމުރުން ހަގުވިޔަސް އޭނައަކީ އަމިއްލައަށްވެސް އުޅެވިދާނެ ކުއްޖެއްކަން އައްޒާމަށް މާ ރަނގަޅަށް އެނގޭނެ. އަމިއްލައަށް މަސައްކަތް ކޮށްގެން ލާރި ހޯދާ ކުއްޖެއް އެއީ. އެހެންނޫނަސް އޭނަ އެއޮތީ އޭނަ ނުހޯދަން އައްޒާމް ގާތު އެދިފަ. އަދި އެ ބުނީއެއްނު އޭނަ ހުންނާނީ ސަލާމަތުންނޭ؟ ދެން އަހަރުމެން ގަދަކަމުން ހަސަން ވީތަނެއް ހޯދަން މަސައްކަތް ނުކުރަން ކާފައަށް ފެންނަނީ. ވެދާނެއެއްނު އޭނަ އަނބުރާ ދިޔައީ އަހަރުމެން ގާތު ބުނަން ބޭނުންނުވާ އޭނަގެ ޢާއިލާ ގާތަށް ކަމަށްވެސް؟ އަހަރުމެންނަށް ޔަޤީންވާ މައްސަލައެއް ނުޖެހެނީސް އަހަރުމެން މިކަން ގިނަ މީހުންނަށް އަންގައި ބޮޑުކަމަކަށް ހަދައިފިއްޔާ ހަސަންވެސް ނުރުހުންވުން ނޫންކަމެއް ނޯންނާނެ. އެހެން ހަދައިފިއްޔާ އޭނަގެ ނަމަށްވެސް ހުތުރުކަމެއް އައުން އެކަށީގެންވޭ. ކީކޭ އައްޒާމް ބުނަނީ؟” ހާޝިމް އަހާލިއެވެ. އެއާއެކު އައްޒާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގެ ތެރޭގައި އިނދެ ބޯޖަހާލީ ކާފައާއި އެއްބަސްވެވުމުންނެވެ. އެ މަންޒަރު ފެނިފައި ހާޝިމް އައްޒާމްގާތު ދެން އަވަހަށް ނިދަން ދިޔުމަށް އެންގިއެވެ. މާދަމާ ފަތިސް ނަމާދަށް ހޭލަންވާނެ ކަމަށް ބުނަމުންނެވެ. އައްޒާމް އެ ބަސްއަހައި ކޮޅަށް ތެދުވެލަމުން އެކޮޓަރިން ނިކުންނަން ދިޔައެވެ.
ލަސް ހިނގުމެއްގައި އަމިއްލަ ކޮޓަރިއަށް ގޮސް އޭނައަށް އެނދުމަތީގައި އިށީނދެ ދެންވެސް އައްޒާމަށް ހަސަނާއިމެދު ވިސްނެމުން ދިޔައެވެ. އޭނަގެ އެހާ ގާތްކޮށް އުޅުނު އެކުވެރިޔާއާއި މުޅި ޢުމުރަށް ވަކިވި ކަމުގެ ހިތާމަވެރިކަން ހިތަށް ސަވާރުވީ ހިނދު، މި ޖަޒުބާތުތައް ޙިއްސާކުރާނެ އެހެން މީހަކު ގާތުގައި ހުރިނަމައޭ އޭނަގެ ހިތް ބުންޏެވެ. އިސާހިތަކު އޭނަގެ ހިތަށް މާޝާގެ ނަން ވެރިވެގެން ދިޔުމުން އައްޒާމްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ހަމަ އެ ހިނދުކޮޅުން ފެށިގެން އޭނައަށް މި ޙާލަތާއިމެދު ވެސް ރަނގަޅަށް ވިސްނެންފެށިއެވެ. އެކަމާމެދު އޭނަ އިންތިހާއަށް ޙައިރާންވިއެވެ. ދާދި އިހަކަށް ދުވަހު އޭނައާއި ދިމާވި އަންހެން ކުއްޖަކު އޭނަގެ އުފާވެރިކަމާއި ހިތަށް ހަމަޖެހުން ގެނެސްދޭ ސަބަބަކަށް ނޭނގުމެއްގެ ތެރެއިން ވެސްވެގެން ދިޔުމުންނެވެ. އެކަން އެނގުންވުމުން އޭނައަށް ބޯހޫރުވާލެވުނެވެ. އަދި ނިދާލަން އަވަސްވެގަތީ ބޭކާރު ގޮތުގައި ހޭލާހުރެ އިތުރު ހުވަފެންތައް ނުބެލުމަށެވެ.
**
ޖެހިގެން އައި އާދިއްތަ ދުވަހު މާޝާއަށް ހޭލެވުނީ އޭނަގެ ފޯނު އެލާމްވާ އަޑަށެވެ. އަވަސްއަވަހަށް ތެދުވެ ފެންވަރައި ފަތިސް ނަމާދުކޮށްލައިގެން އޭނަ ސައިބޯން ދިޔައީ ސްކޫލަށްދާން ތައްޔާރުވެ ހުރެއެވެ. މާޝާ ކާގެއާއި ހަމަވަމުން ދިޔަ ވަގުތު މަންމައާއި ބައްޕަ ‘މިރްޒާން’އޭ ކިޔައި އިވޭނުއިވޭ އަޑަކުން ސީރިއަސް ވާހަކައެއް ދައްކާ އަޑު އިވެއެވެ. މާޝާ މާ ބޮޑު ފަރުވާލެއްނެތި ކާގެއަށް ވަދެގެން ދިޔައީ އެއީ އޭނަ އަޑުއަހަން ނުޖެހޭ ވާހަކައެއްހެން ހީވުމާއެކު އޭނައަށް ލަސްވެސްވަމުން ދާތީވެއެވެ. އޭނަ ކާގެއަށް ވަނުމާއެކު މަންމައާއި ބައްޕަ އެވާހަކަ ހުއްޓާލިކަން އޭނައަށް އެނގުންވިއެވެ. އެކަމަށްވެސް ސަމާލުކަމެއްނުދީ މާޝާ ގޮސް ސައި ތަށްޓެއް ހަދައި އޭތި ގިރަމުން ކާމޭޒުދޮށުގައި އިށީނީ ބައްޕަވެސް އެ މޭޒުދޮށުގައި އިންދައެވެ. މާޝާ އިށީންތާ މާ ގިނައިރެއްނުވެ ލަތީފް ޖެހިލުންވުމެއް އެކުލެވިފައިވި ގޮތަކަށް މާޝާއަށް ގޮވާލިއެވެ. އެވަގުތު ހާފިޒާވެސް އެދިމާލަށް ބަލާލިއެވެ. މާޝާ ބައްޕައަށް ބަލާލަމުން ލައްބައޭ ބުނެލިއެވެ.
“ބައްޕަ ކަމަކު އެދުނިއްޔާ މާޝާއަށް ކޮށްދެވިދާނެތަ؟” ލަތީފް އަހާލިއެވެ. މާޝާއަށް އެއަށް ޖަވާބު ނުދެވެނީ ދުރުގައި އުނދުން ކައިރީގައި ހުރި ހާފިޒާ ވާހަކަ ދެއްކިއެވެ.
“އަހަރުމެން އުޅެއުޅެ ނުވީކަމަކާމެދު އެކުއްޖާއަށް ކުރެވޭނީ ކޮންކަމެއް؟!” ހާފިޒާ އެހެން ބުނެލީ ނުރުހުންތެރިކަމާއެކީގައެވެ. އެހެނަސް ލަތީފް އޭނައަށް އެއްއަތް ދައްކައި މަޑުކޮށްލުމަށް ޢިޝާރާތްކުރިއެވެ. އެވަގުތު މާޝާއަށް ވެސް އޭނަގެ ބައްޕަ ކައިރިން ކޮންކަމެއްތޯ އަހާލެވުނެވެ.
“މާޝް…..މާޝްއަށް ވެސް މިހާރު ކޮންމެވެސް ވަރަކަށް އެނގިފަ ހުންނާނީ ދޮންބެގެ ޙަޔާތުގައި ކަން ހިނގާފައިވާ ގޮތް. ދޮންބެއަށް ދޮންބެގެ އަންހެނުންނާ ދަރިފުޅު ގެއްލިފަވަނީ. އެއީ ކިހިނެއްކަން ބައްޕަ އަދި މާޝްއަށް ހާމަކުރަން ބޭނުމެއްނޫން. ކުރިންވެސް ބައްޕަ ބުނެފައިވާހެން އެކަމާމެދު ދޮންބެއާ ވެސް އަދި އެހެން މީހަކާވެސް ސުވާލު ނުކުރަން ބައްޕަ އެދޭނީ. މިހާތަނަށް އައިއިރު ދަރިފުޅު ވަރަށް ރަނގަޅަށް އެގޮތް ހިފެހެއްޓިކަން ބައްޕަ އުފަލާއެކީ ފާހަގަކުރަން. މި އެދޭ އެދުން ވެސް މާޝް ކައިރިން އެދެން މި ކެރެނީ މާޝްއަށް ކުރެވޭ އިތުބާރެއްގެ ސަބަބުން.” ބައްޕަ މަޑުމައިތިރި އަޑަކުން އޭނައާއި ވާހަކަ ދައްކަން ފެށުމުން މާޝާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދޮންބެގެ އަންހެނުންނާއި ދަރިފުޅާއި ބެހޭގޮތުން ސުވާލު ނުކުރަން ބައްޕައާއި މަންމަ އޭނައަށް ވަޞިއްޔަތް ކުރަނީ އޭނަ ހަނދާން ހުންނަން ފެށީއްސުރެއެވެ. ދޮންބެގެ ޢާއިލާއަށްވީ ކިހިނެއްކަން އެނގެން ނުހަނު ބޭނުންވިއެއްކަމަކު އޭނަ އެކަމަށްޓަކައި އަނގަ ނުހުޅުވައި ހުރީ ބައްޕަމެން އެ ވާހަކަތައް ދައްކާފައިވާ ގޮތް ސީރިއަސްކަމުންނެވެ. އަދި މީގެ އަހަރުތަކެއް ކުރިން ދޮންބެ ހުއްޓާ އޭނައަށް އެ ޒާތުގެ ވާހަކައެއް ދެކެވުމުން ދޮންބެގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތުންނެވެ. ބައްޕަ ދެންމެ އެ ވާހަކަ ދެއްކުމުން ކުރިއަށް އޮތް ތަނުގައި ވެސް ދޮންބެގެ ޢާއިލާއޭ އެއްވެސް މީހެއްކައިރި ނުކިޔަން މާޝާއަށް އިތުރު ހިތްވަރެއް ލިބުނެވެ.
“މާޝް…ދޮންބެ އުޅެމުން އަންނަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް. ބައްޕަމެން ކައިރިއަށް އަނބުރާ އަންނާށޭ ބުނީމަވެސް އެކޮޅުގަ އެ ހުންނަނީ މާޒީގެ ހަނދާންތަކުގަ ހިފަހައްޓައިގެން. މި ކަންތަކާމެދު ބައްޕައާއި މަންމަ ވިސްނަމުންދާތާ ވަރަށް ދުވަސްވެއްޖެ. ދޮންބެ ކައިރި ދެވަނަ ކައިވެންޏެއް ކުރަން އެދޭތާ މިހާރު އަހަރުތަކެއްވެއްޖެ. އެކަމަކު ދޮންބެ ހަމަ ކޮންމެ ފަހަރެއްގެ މަތިން އިންކާރު ކުރަނީ. އެހެންވެ މިފަހަރު މިއުޅެނީ ދަރިފުޅު މެދުވެރިވެގެން ތަފާތު ގޮތަކަށް ދޮންބެއާއި ހަމައަށް އެވާހަކަ ފޯރުކޮށްދޭން. މިފަހަރު ދޮންބެއަށްޓަކައި ބައްޕަމެން ހޮވާފަ ހުރި ކުއްޖާއާއި މާޝް ވާހަކަ ދައްކައި އެކުވެރިވާންވީ. އެކުއްޖާ އެކުވެރިވާންވެސް ވާނެ ފަސޭހައިން. ވަރަށް ރަނގަޅު ކުއްޖެއް މާ ޝާ ﷲ! އެކުއްޖާއާއި މާޝް އެކުވެރިވީމަ ގިނަގިނައިން ދޮންބެ ކައިރި އެކުއްޖާގެ ވާހަކަ ދައްކާ. ބައްޕަމެންގެ އުއްމީދަކީ ދޮންބެއަށް އެކުއްޖާ ރަނގަޅަށް އެނގުނު ދުވަހަކުން އެކުއްޖާއާއި އިންނަން އެއްބަސްވުން. އިން ޝާ ﷲ!” ލަތީފް އެންމެ ފަހު ޖުމްލަ ބުނެލީ އުއްމީދީ ގޮތަކަށެވެ. އެ ވާހަކަ އިވިފައި މާޝާއަށް އޭނަގެ މަންމައަށް ނަޒަރެއް ދެވުނެވެ. މަންމަގެ މޫނުމަތިން ފެނިގެން ދިޔައީ ބައްޕަ، މަންމަ އުއްމީދު ކޮށްގެން ނެތް ޚިޔާލެއް ދިނުމުން ވިސްނުމެއްގައި ހުރިފަދަ އަސަރެކެވެ. މާޝާ މަންމައަށް ބަލަން ހުރެފައި ބައްޕައަށް ބަލާލަމުން އެންމެ ރަނގަޅޭ ބުނެލީ، ދޮންބެއަށް އުފާވެރި ޙަޔާތެއް ލިބޭތަން ދެކެން އޭނަ ވެސް ބޭނުންވެފައިވި މިންވަރުންނެވެ. ދޮންބެއާއި އޭނަގެ މިޒާޖު ތަފާތުވިޔަސް އޭނަ ހިތްދަތިކަމެއްގައިވީއިރު ގިނަފަހަރު އޭނައަށް އެހީތެރިވެފައިވީ އޭނަގެ ދޮންބެއެވެ. އޭގެ ބަދަލެއްގެ ގޮތުން ދޮންބެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ފުރުޞަތެއް ލިބުމުން މާޝާ ހިތްހަމަޖެހުނެވެ.
ހެނދުނު ފެށުނީ ކައިވެންޏެއްގެ ވާހަކައިން ކަމަށްވުމުން ސްކޫލަށް ދިޔަ މަގުމަތީގައިވެސް އެހެންކަމަކާމެދު ވިސްނަން މާޝާއަށް ދަތިވިއެވެ. ދެކެވުނީ ދޮންބެގެ ވާހަކައެއްކަމަކު މާޝާއަށް ވިސްނެމުން ދިޔައީ މުސްތަޤްބަލުގައި އަންނާނެ އޭނަގެ ކައިވެންޏާއި ބެހޭގޮތުންނެވެ. މީގެ ދުވަސްތަކެއް ކުރިން މި ޚިޔާލުތައް ކުރެވޭ ކޮންމެ ފަހަރަކު އޭނަގެ ޚިޔާލުތަކުގެ ތެރޭގައިވާ ސޫރައަކީ ލިއާމްގެ ސޫރައެވެ. އެހެނަސް މިހާރު އެ ސޫރަ މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. ލިއާމްގެ ސޫރައާއެކީ އޭނައަށް ޚިޔާލުތަކެއް ކުރެވޭއިރު އޭނައަށް ޖެހިލުންވުމެއްނެތި ލިއާމާއި ގާތްވެވެއެވެ. ނަމަވެސް އެ ‘އާ’ ސޫރައިގެ ވެރިޔާއާއިމެދު ވިސްނޭއިރު ޚިޔާލުތަކުން ވެސް ގާތްވާން އޭނަ ޖެހިލުންވަމުން ދިޔަ ގޮތުން މާޝާއަށް ނޭނގި އޭނަގެ މޫނު ރަތްވަމުން ދިޔައެވެ. އެއީ އެމީހެއްގެ މިޒާޖު އޭނައަށް އެނގިފައިވި ގޮތުން ކަމަށްވެސް ވެދާނެއެވެ. މާޝާ ހިނގަމުން ގޮސް ސްކޫލްގެ ގޭޓާއި ހަމަވީ ވަގުތު އޭނައަށް ސަފާގެ އަޑު އިވުނެވެ.
“އޫ! ކީއްވެތަ މާ ބްލަޝްވަމުން ތި އަންނަނީ؟ އަނެއްކާ ލިއާމް ސޮރީ ބުނަންވެގެން މާ ރޮމޭންޓިކް ކަމެއް ކުރީތަ؟” ސަފާ ގޮސް މާޝާއާއި ހަމަކޮށްލަމުން އެންމެ ފަހު ސުވާލުކޮށްލީ އޭނަގެ ކޮނޑު މާޝާގެ ކޮނޑުގައި ޖައްސަމުންނެވެ. ސަފާ ދެއްކި ވާހަކައިން ވީ ނުރުހުމުގައި މާޝާއަށް ޗޮއްކަނޑާލެވުނެވެ.
“އަހަރެން ސައިކަލުން ވައްޓާލާފަ އަހަންނަށް ނުވެސް ބަލާ ދުއްވާލި މީހަކު ސޮރީއޭ ބުނާނެހެން ހީވޭތަ؟ ޗި! ވަރަށް ފޫހިވެއްޖެ އޭނައަށް! އައި އޭމް ބްރޭކިންގް އަޕް ވިތް ހިމް!” މާޝާ އޭނަގެ ނިންމުން އަންގާލީ އިންތިހާއަށް ނުރުހުންވެފައި ހުރެއެވެ. ހަމަ އެވަގުތު އޭނައަށް ލިއާމާއި ދެކޮޅަށް އެއްޗެކޭ ބުނަން ކެރުނީ ކޮން ދުވަހަކުތޯ ހިތް ސުވާލުކުރިއެވެ. އެވަގުތު ސަފާވެސް ދައްކަން ފެށީ އެ ވާހަކައެވެ.
“ވޮހް! އާރ ޔޫ ޝުއާރ؟ ލިއާމަކީ މުޅި މި ސްކޫލްގެ ދާދާ. އޭނަ އެދިގެން ނޫން ގޮތަކަށް އޭނައާއި ބްރޭކް އަޕް ކުރި ދެކުދިންނަށް ވެސް ޖެއްސި ޙާލު މާޝާއަށް އެނގެއެއްނު؟ އެ ކުރި ފުރައްސާރަތަކުގެ ސަބަބުން އަދިވެސް އެކުދިންނަށް ވާހަކަ ދައްކާކަށް ނުކެރޭ.” ސަފާ ހަނދާންކޮށްދިނެވެ. އެ ހިނދު މާޝާގެ ހިތަށްވެސް ނުތަނަވަސްކަމެއް ވެރިވިއެވެ. ސަފާ އެ ބުނި ދެ ކުދިންނަކީ ވެސް މާޝާ ނުހަނު ގާތުން ދެކެފައިވި ދެކުދިންނެވެ. އެ ދެކުދިންގެ ތެރެއިން އެއްކުއްޖަކީ އޭނަ ފަދައިން މޮޅުވެފައި ސްކޫލްގެ އެކި ޙަރަކާތްތަކުގައި ވެސް ބައިވެރިވަމުން އައި ކުއްޖެކެވެ. އެހެނަސް ލިއާމާއި ވަކިވާން އެދުނު ފަހުން ލިއާމާއި އޭނަގެ އެކުވެރިން ހުއްޓުމެއްނެތި އެކި ގޮތްގޮތުން މުޅި ރަށުތެރޭގައި އެކުއްޖާގެ ވާހަކަތައް ފަތުރައި އެކުއްޖާއަށް ސްކޫލަށް ވެސް ނާދެވޭ ވަރަށް އުދަގޫތައް ފޯރުކުރުވިއެވެ. މިއަދު އެކުއްޖާވެސް ހުންނަނީ ސަފާ އެ ބުނި ފަދައިން ހަމަހިމޭންވެފައެވެ. އެކަން އެނގުންވުމުން މާޝާ ލިއާމާއިމެދު އޭނަ ނިންމި ނިންމުން ބަދަލުކުރަން އެ ހިނދުކޮޅަށް ހިތަށްއެރިއެވެ. އޭނައަށް އެ ޚިޔާލާއިމެދު އިތުރަށް ނުވިސްނެނީސް އޭނަ އޭނަގެ ކްލާހާއި ހަމައަށް ފޯރިއެވެ.
އެދުވަހު އައްޒާމް ހެނދުނު 9:30 ވާން ގާތްވެފައިވަނިކޮށް ކާފަގެ ދަރުސްތައް ދޭން ހަމަޖެހިފައި އޮތް މިސްކިތާއި ނުހަނު ކައިރީގައި ހުރި ސްކޫލަށް ދިޔައެވެ. އެ ސްކޫލުގައި ބާއްވަން ރޭވިފައި އޮތް ޙަފްލާއަކަށްޓަކައި އޭނަ އެހީތެރިކަން ދޭން ނިންމުމުން އެކަމާބެހޭ ގޮތުން ވާހަކަ ދައްކަން އައުމަށް އޭނައަށް އެދެވުމުންނެވެ. ކާރުގައި ދުއްވަމުން އެ ސްކޫލާއި ގާތްވަމުން ދިޔަހެން އައްޒާމްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އެ ސްކޫލަކީ ފަހަކަށް އައިސް އޭނަގެ ހިތުން ޖާގައެއް ހޯދާފައިވި ފަރާތެއް ފެންނާނެ ތަނެއްހެން ހީވަމުން ދިޔަ ވަރުންނެވެ. ސްކޫލަށް ވަދެގެން ދިޔަ ވަގުތަކީ އިންޓަވަލް ގަޑިއަށްވުމުން އޭނައަށް ބޭރުތެރެއިން ވެސް ބައިވަރު ކުދިން ފެނުނެވެ. އޭނަ ހިތް އެދޭ ސޫރަ ފެންނާނެ ކަމުގައި އައްޒާމަށް ނޫންކަމަށް ހަދާފައި އެކި ދިމަދިމާލަށް ނަޒަރު ހިންގެމުން ދިޔައިރު، އޭނައަށް ބަލަން ތިބި ޒުވާން އަންހެން ކުދިން އޭނަގެ ޙަރަކާތްތަކަށް ފިދާވަމުން ދިޔައެވެ. އައްޒާމް ސްކޫލްގެ އޮފީސް ހޯދައި އޮފީހަށް ވަދެގެން ދިޔައީ އެ ކުދިންނަށް ކުޑަވެސް ސަމާލުކަމެއް ނުދީއެވެ.
**
“އޯ އެމް ޖީ މާޝް ދެންމެއަކު ސްކޫލަށް ވަދެގެން އައި ހޮޓީއަކު މާޝްއަށް ފެނުނުނަމަ މާޝް ފެއިންޓްވީސް!” އިންޓަވަލް ގަޑީގައި ކެންޓީނަށް ގޮސް އަނބުރާ ކްލާހަށް އައި ރައިނާއަށް އެ ވާހަކަ ދެކެވުނީ ތޫލި އަޑަކުންނެވެ.
“ކާކުތަ؟” މާޝާއާއި ސަފާއަށް އެކުއެކީގައި އަހާލެވުނެވެ.
“ނޭނގެ ކާކުކަމެއް. އައިޓީ ކުއްޖެއްހެން ހީވަނީ.” ރައިނާ އެހެން ބުނެލި ތަނާހެން މާޝާއަށް އެއީ ކާކުކަން ނަގައިގަނެވުނު ވަގުތަކީ ބޭރުން ލިއާމްގެ ހަރު އަޑު އިވުނު ވަގުތެވެ.
“އަދި އެ ގޮލާއަށް ކެރިއްޖެ މަ ރިޕޯޓް ކުރަން! މަ!! އޭނައަށް ނޭނގެނީ މަށަކީ ކާކުކަން. މަރާލާނަން އޭނަ. މަރާލާނަން!!!” ލިއާމް އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑުން ބުނެލި ވާހަކައާއި އެ ވާހަކަ އަމާޒުވީ ކާކަށްކަން އެނގުންވުމުން މާޝާގެ ހިތް ރޫރޫއެޅިއެވެ.
ނުނިމޭ
14 Comments
Comments are closed.
Blog post:
Be the kind of person that people doubt would lie. And here is the title we should live up to.
أَصَّادِقُ الْأَمِين
“The honest, the trustworthy”
#Life of Prophet(SAW) #Selfreminder
Blog post (dhivehi):
ތިބާއަކީ ދޮގު ހަދާފާނެ ކަމަށްވެސް މީހުން ޝައްކުކުރާ ފަދަ ޝަޚްޞިއްޔަތަކަށްވާށެވެ. ތިބާ އެ ލަޤަބަކަށްޓަކައި މަސައްކަތް ކުރަންޖެހޭ ލަޤަބަކީ މިއީއެވެ.
أَصَّادِقُ الْأَمِين
“ތެދުވެރި އަމާނާތްތެރިޔާ”
(ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލަޤަބްފުޅު)
Me first dho? Jana ge vaahaka thah varah kiyaa hiyvey!!! Varah iburaiy theri reethi vaahaka thah jana liyefa hurikan faahaga kurevey… Thank you Jana.
labba you are first! 😀 Alhamdhulillah! (All praise and thanks belong to Allah). Anonymous ah vaahaka thakun faidha eh kuriyya ey v bodu ufaleh In Sha Allah 🙂 <3
Alhey mi faharu me 2nd. Varah reethi mi part vx. When next part?? Next part vx mi part hai reethi vefa iburai theri vaaney kamah unmeedhu kuran. Waiting 4 next part….???
hehe…..Alhamdhulillah! In Sha Allah next part ves reethi kureveytho e masakkathuga miulheny. e part wednesday ga In Sha Allah 🙂
my fav writer……u r the best…..emme kiya hithun kiyaleve vahaka….loev u jana <3
Alhamdhulillah! whatever talents i do have are only by the Will of Allah. and only He Knows whether i’m doing my best with them or not. May Allah accept our good deeds. Ameen! love you too <3
luv dis story.. sifakuruntha hama habeys
Alhamdhulillah! sifakurunthah adhives reethi kureveytho mi balany In Sha Allah 🙂
Alhe kiyaa hithun kiyan indhaa e nimunee.any way when is next part
hehe…ekahala thankolhakah qasthugaey nimmaafa eothy 😀 next part wednesday ga In Sha Allah 🙂
hurihA site aka liya vahaka thakun emme reethiee jana ge vahaka…….<3 faahish kanthaka encourage va kahala vahaka genesdhinumakee haram kameh kan egey. loabeege vahaka thah egothakah ves kamaku nudhe…..
lallla thi dhiny jana ah haqquvaa thaureefeh kamah eggothakahves qabool eh nukurevey. hehe…..jana ahvure maa baskoshaaru mussandhivefa maa reethi ibaaraaiy kurunthah gengulhey liyuntherin ulhey. e liyuntherinna eh hama kuran adhi jana baivaru masakkaiy kuran jeheykan qabool kuran.
lallla dhevana ah thi buni vaahaka ah kuda vaahaka eh dhakkaalan beynun. emme furathama ves bunan beynunvany aharumen ehaa faseyhain ‘haraam’ ‘halaal’ ‘waajib’ fadha basthah beynun kurun ehaa rangalheh nooney. ey fahareggai ves shakkeh oiy haalatheggai halaal kamakah haraam noony haraam kamakah halaal bunevumaky kuda kameh noon. ehenveema veehaaves varakun ilmuveringe ehee aa eky ehen noony ilmveriakaa havaalaa dhy aharumen ekahala yageen nuvaa kamegga haraam halaal ge ‘stamp’ jahan vaany 😀 mee emme furathama jana ah handhuma kohdhinumeh. 🙂
jana ves qabool kuran evves maqsadheh nethi hithah aihaa ehchakah burave vaahaka eh ekulavaalumuge badhaluga kommeves maqsadhakaa laigen vaahaka eh liyun maa rangalhukan. kureega ekahala vaahaka thah liyamun ai liyuntheriegge haisiyyathun mi vaahaka mi bunany. mi comment kiyaa komme liyuntheriegge kairin jana suvaaleh kollan beynun. kon gotheh tho emme rangalhy? hama ekani kiyuntheringe thaureefu libey vaahaka eh liyuntho. ehen noony e thaureefaa eky kiyuntherinnah kommeves faidha ehves kuraane vaahaka eh liyuntho. baeh kiyuntherin hithah araafaane ibraiytheri vaahaka eh liyeveyny hama ekani dheenuge ilmu libigenney. ekamaku ey haqeeqatheh noon. rangalhu akhlaaqaky vaki ilmeh libigen dhasvaa ehcheh noon. ey insaanegge thabee’athugai maai Allah lavvaafaivaa ehcheh. adhi aharumenge therein baeh meehunnah neyngunas aharumen emmenge hithugai e akhlaaqattakai ihthiraamaai loaibeh vey. vee iru e akhlaaqah hiyvvaru libey fadha akun vaahaka liye aharumenge mujuthamaugaivaa massala thakah ali elhuvumah visnaigen vaahaka eh reyviyyaaves e vaany ibraiytheri vaahaka akah. liyuntherikamaky aslu aharumen heekuraa varah vure baarugadha vaseelatheh. kiyuntheringe mulhi nazariyyathu badhalu kollumuge baaru liyuntheri akah libigen vey. vee iru mi hunaruge beynun emme rangalhu gothuga hifiyya eyge faidhaa dhuniye aai akhirathugai ves libigen dhaane In Sha Allah. muhimmy abadhuves vaahaka eh reyvumugai kiyuntherinnah ein libeyne faidha akaa medhu visnun. 🙂
mi vaahaka mihen dhakkaa iru v ibraiytheri vaahaka liyaa liyuntherin mi site ga ves thibikan faahaga kuran. e liyuntherin mi comment ga tag vaane nama varah rangalhuvees. hehe 😀