Skip to content
އެސްފިޔަ

ޙަޤީޤަތް އެނގޭނީ އެއްއޮޑީން ދަތުރު ކޮށްލީމައެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެއެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަގަޅު އާދަތަކެކެވެ.

އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުންއިރަށް ހެދުން ބަދަލުކޮށް ހަދަމެވެ. މީހުންނަކަށް އަހަރެންގެ ހިތާމަތަކުގެ ވާހަކައެއް ކިޔައިދީއެއް ނުހަދަމެވެ. މޫނުމަތިން އަބަދުވެސް އުފާވެރިކަން ދެއްކޭތޯ މަސައްކަތްކުރަމެވެ.

އަހަރެން ޙަޔާތުގެ ބައިވެރިއަކު ހޯދީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. އަހަރެންގެ ފުރިހަމަ ރުހުމާއި އެކުގައެވެ. އަހަރެންގެ ފިރިމީހާއަކީ ރީތި ޒުވާނެކެވެ. މުއްސަނދިވެސް މީހެކެވެ. އަހަރެން އޭނާއާއި މެދު ހިތްހަމަނުޖެހޭން ފެށީ ކައިވެއްޏަށް ފަހުއެވެ. މީހެއްގެ ޙަޤީޤަތް އެނގޭނީ އެއްއޮޑީން ދަތުރު ކޮށްލީމާއޭ ބުނާ ޢުސޫލުން އަހަރެންނަށް އޭނަގެ ޙަޤީޤަތް އެނގުނީ ކައިވެއްޏަށް ފަހުގައެވެ. އެހެނަސް މިމާތް ގޮށް މޮހާލަށް ބޭނުންނުވާތީ އަހަރެން ވަރަށް ކެތްތެރިވީމެވެ.

އަހަރެންގެ ފިރިމީހާއަކީ ބޯޓުދަތުރުކުރާ މީހެކެވެ. އެގޮތުން ގިނަވަގުތުތަކެއްގައި އޭނާއާއި ދުރުގައި އުޅުމުގެ ފުރުސަތުލިބެއެވެ. މިއީ އަހަރެން އެންމެ ހިތްރުހޭ ގޮތެވެ. އޭނާއާއި ބައްދަލުވުމުން އަހަރެންގެ ހާސްކަން އިތުރުވެއެވެ. ބޮލުގެ ރިހުން ގަދަވެއެވެ.

އަހަރެންގެ ޙަޔާތުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމުގެ ނިޔަތުގައި ކައިރި ރަށަކުން ވަޒީފާއެއް ހޯދައިފީމެވެ. މިކަމުން ވަރަށް ހިތްހަމަޖެހުން ލިބެއެވެ. ޙަޔާތުގެ ބައިވެރިޔާގެ އުނިކަން ހަނދާންނެތިކޮށްލައެވެ.

ވަޒީފާ އަދާކުރާތަނުން ވަރަށް ހިތްގައިމު ޒުވާނަކާއި ބައްދަލުވިއެވެ. އެއީ ނުލާހިކު ޗާލު ރީތިމީހެކެވެ. ފިރިހެނެއްގައި ހުންނާނެ ހުރިހާ ފުރިހަމަކަމެއް އޭނާ ހާސިލްކޮށްފައިވެއެވެ. މިޢަޖާއިބުކުރުވަނިވި ޒުވާނާއާއި ބައްދަލުވުމުން އަހަރެންގެ ހުރިހާ ހިތާމަތަކެއް ފިލައި ހިގައްޖެއެވެ.

އަހަރެންގެ ޙަޔާތަށް ބަހާރު މޫސުން އަތުވެއްޖެއެވެ. އަހަރެންގެ ހިތުގައި އިޝްޤުގެ ބައްތި ދިއްލިއްޖެއެވެ. ޒުވާންކަމުގެ ހޫނު އިޙުސާސްކުރެވޭން ފަށައިފިއެވެ. ޒުވާންކަމާއި، ޒުވާންކަމުގެ މަސްތީއުފާ އަދިކިރިޔާ އިޙުސާސްވީ ފަދައެވެ. މާފޮޅުވުމުގައި ހޭދަވާ ވަގުތުގެ އަގުއަރައްޖެއެވެ. ރަތްދައްކަ އަވީގއަި ހިގަމުން ދަނިކޮށް ހިޔާބޮޑު ގަހެއްގެ ހިޔާ ލިބުނުފަދަ އެވެ.

އަހަރީ ޗުއްޓީގައި ރަށަށް ދިޔައީމެވެ. އެދުވަސްވަރާއި ދިމާކޮށް ފިރިމީހާވެސް ޗުއްޓީގައި ރަށަށް އަންނާނެތީއެވެ. އަހަރެން ބޭނުންވީ ވަރިވާށެވެ. އެކަމަކު ފިރިމީހާ އެގޮތެއް ބޭނުމެއް ނުވިއެވެ. އެންމެފަހުން ކޯޓުމެދުވެރިވެގެން ޚުލްޢުވަރިއަކުން އަހަރެމެން ވަރިވީއެވެ. އެއީ ފިރިމީހާ ކިބައިގައިވާ ޖިސްމާނީ ޢައިބުތަކެއްގެ ސަބަބުން އަނބިމީހާ ފިރިމީހާއަށް މުދަލުގެ ގޮތުން ވަކިއެއްޗެއް ދީގެންކުރާ ވަރިއެވެ. އަހަރެންގެ އަތުގައި ފައިސާހުރުމާއި އެކު މިކަމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ.

އަހަރެން އެނބުރި ވަޒީފާ އަދާކުރާ ރަށަށް ދިޔައީ ފަރިވެފައިވާ ނާޒުކު ފިނިފެންމަލެއް ފަދައިން ފަރިވެ ފޮޅިގެންނެވެ. އަހަރެން އަވަސްވެ ގަތީ އެޒުވާނާއާ ބައްދަލުކުރުމަށެވެ.

އެޒުވާނާއަކީ ބޭރުމީހެކެވެ. މިރަށުގައި އުޅެނީ ގެއެއް ކުއްޔަށް ހިފައިގެންނެވެ. އެކުޑަކުޑަ ހިތްފަސޭހަ ގެއަށް ދިއުމަށްޓަކައި އަހަރެންވަނީ ކެތްމަދުވެފައެވެ. ކުރިން އަހަރެމެން ބައްދަލުވީ ނަމަވެސް އަހަރެންގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަން އޮވެއެވެ. އޭރު އަހަރެންނަކީ މިނިވަނެއްނޫނެވެ. މިހާރު މިވަނީ މުޅިން މިނިވަންވެފައެވެ. ކޮންމެ ގޮތަކަށް އުޅުނަސް އެއްޗެއް ބުނާނެ މީހަކު ނުހުންނާނެއެވެ. އަަހަރެމެންގެ މިނިވަންކަމަށް ފާރަވެރިވާނެ މީހަކު ނުހުންނާނެއެވެ.

އަހަރެން އެގެއަށް ދިޔައީ އިރުއޮއްސޭން ކައިރިވެފައިވަނިކޮށެވެ. ދޮރާށި ހުޅުވައިލުމާއިއެކު އަހަރެންނަށް ފެނުނީ ދެއަހަރަށް ދާވަރުގެ ލޯބިލޯބި ކުއްޖަކު ކުޅޭން ހުއްޓައެވެ. އަހަރެން އެތެރެއަށް ބޯދިއްކޮލިއިރު  ފެނުނު މަންޒަރަކުން އޭނާގެ ކުޑައިރުގެ ފޮޓޯއެއްފަދަ އެކުއްޖާއަކީ ކާކުކަން  އެނގޭކަން މާގިނަ އިރެއް ނުނެގިއެވެ. އޭރުއިރުވެސް އުދަރެހާއި ނިވާވަނީއެވެ. އަހަރެންގެ ޙަޔާތް ފަދައިން ދުނިޔެ މައްޗަށް އަނދިރިކަން ފަތުރަމުންނެވެ.

 

Comments (7)

  1. Nafff

    Nice vr…. Masha Allah?

    1. ismail ali kaleyfaanu
      Nafff

      thanks so much.

  2. Nafff

    Nice vr… Masha Allah ??

  3. Leen

    Reethi????

  4. ismail ali kaleyfaanu

    Leen thank you.

  5. R@!

    Wowwwww…

    1. ismail ali kaleyfaanu
      R@!

      thanx

Comments are closed.