Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ޢުމުރަށްއުޅޭނަން…

Z A L 🐙 Level 210 Stories100 Login100 Comments
November 29, 2018 7 Mins Read
13 Comments

އައްސަލާމްޢަލައިކުމް. ސަމާލުކަމަށް: މިވާހަކަ އަކީ މިދިޔައަރު، ވާހަކަ ލިޔުމުގެ 30 ވަނަ ޤުރުއާން މުބާރާތަށް އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. 18 އަހަރުންދަށުގެ ޢުމުރުފުރާއިން އަމިއްލަގޮތުން 3ވަނަ ވެސް ލިބިފާވާ ވާހަކައެކެވެ. ނަމަވެސް މިހާރު މީގައި އިތުރު ބަދަލުގެނެސް ކުޑަކޮށް ވާހަކަ ދިގުކޮށްލެވިފައިވާނެއެވެ. އުންމީދުކުރަނީ މިކުރުވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށެވެ. އަޅުގަނޑުގެ ވާހަކަތައްކިޔަން ތިބޭފުޅުން ދެއްވާ ޝަޢުގުވެރިކަމާ އަޅުގަނޑަށް ދެއްވާ އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ! ވައްސަލާމްޢަލައިކުމް.

***************************

އެއްކޮނޑުގައި ދަބަހެއް އަޅުވާލައިގެން ކައިސާން ހުރީ ބެލްޖައްސާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާގެ މަންމަ ހަދިޔާއަކަށްދިން ޕޮލެރައިޒްޑްއޯރކްލީ އައިނުން އެފުންދެލޯވަނީ ފޮރުވާލެވިފައެވެ. ކޮލެޖަށްއައި ފުރަތަމަ ދުވަސް ކަމުން ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައި ވީނަމަވެސް މޫނުމަތިން ހަމަޖެހޭގޮތް ދައްކާލައިގެން ގޭޓުކައިރީ މަޑުކޮށްލައިގެން ހުރިއިރު މަގުން ހިނގަމުން ދިޔަ އެތައް އަންހެން ކުދިންނެއްގެލޯ އޭނާއާ އަމާޒުވަމުން ދިޔައެވެ. ބެލްޖެއްސުމާއެކު ހުރިހާކުދިންވެސް އަވަސްވެގަތީ ގޭޓުން އެތެރެވުމަށެވެ.

ކުލާހަށްވަދެވުމާއެކު، ކައިސާން މުޅިކުލާހަށް ލޯހިންގާލިއެވެ. އެންމެ ފަހަތުބަރީގެ ފަންކާއާ ދިމާލުގައި ހުރި ހުސްގޮނޑިއެއްގައި އޭނާ ގޮސް އިށީންއިރުވެސް އިނީ އައިނުއަޅައިގެންނެވެ. އެންމެން ވަދެ ހަމަޖެހުނުފަހުން ޓީޗަރު ހާޒިރީ ބަލަން ތައްޔާރުވެލިއެވެ.

“އައްސަލާމްޢަލައިކުމް؟” ޓީޗަރު ސަލާމް ބަލައިގަތުމާއެކު އެތެރެއަށްވަނީ އަންހެންކުއްޖެކެވެ. އިސްޖަހާލައިގެން ހުރެ މަޑުމޮޅި ހިނގުމެއްގައިއައި އެއަންހެންކުއްޖާ އިށީނީ ކައިސާންގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައެވެ. ކައިސާންއަށް އައިނު ނަގާފައި އެކުއްޖާއާއި ދިމާލަށް ބަލާލެވުނީ އިޚްތިޔާރުންބޭރުގައެވެ. އެއަންހެންކުއްޖާއަށްވެސް ކައިސާންއާއި ދިމާލަށްބަލައިލެވުނީ އެވަގުތެވެ. އޭނާގެ ބުޅިއިސްތަށިގަނޑުގައި ހުޅިއެއްޖަހާފައި ވާއިރު ، ހުޅިއަށްނުވަދެހުރި ބައެއް އިސްތަށިތައް އޭނާގެ ދޮންކަނދުރާގައި ބޮސްދެމުންދިޔައެވެ. ލައިގެންހުރީ މިޒަމާނުގެ އާންމު އަންހެން ކުދިންނާއި ޚިލާފަށް ޕާކިސްތާނީ ހަރުވާޅުހެދުމެކެވެ. އޭނާގެ ހަންގަނޑުގެ ކުލަ އަލިވެފައި މޫނުމަތިން މަޢުސޫމް ވައްތަރުޖަހައެވެ.އަޅައިގެންހުރި ނަންބަރުއައިނުގެ ތެރެއިން ފެންނަ ފުންދެލޮލުގައިވަނީ ނޭނގޭ ސިހުރުވެރިކަމެކެވެ.

އެއަންހެންކުއްޖާ އަވަސްއަވަހަށް އަނެއް ފަރާތަށްއެނބުރުނެވެ. ކައިސާންއަށް ރޭކާލީ ދެނެވެ. މިހުރިހާއިރު އޭނާއަށް އިނދެވުނީ އެކުއްޖާއަށް ބަލަހައްޓައިގެން އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައެވެ. އެކަން ވިސްނުމާއި ގުޅިގެން، އެއްވެސް މީހެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވޭތޯ ބަލާލީ ސިއްރުންނެވެ.

މުޅި ދުވަހުހެން އެދެމެދުގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ކައިސާންއަކީ ފިރިހެން ކުއްޖެއްކަމަކު އިސްވެ ވާހަކަދައްކާކަށް ނުކެރުނެވެ. ކުޑަމިނުން ނަންވެސް އަހާލާކަށްނުކެރުނެވެ.

އެންމެ ފަހުގަޑި ނިމޭ ބެލްޖެހުމާއެކު ކައިސާން ދަބަހަށް ފޮތްތައްއަޅާލުމަށްފަހު ގެއަށްދާން ތައްޔާރުވެލިއެވެ. ހަލުވި ހަރަކާތްތަކަކާއިއެކު، ކައިސާންއަށްވުރެ މާކުރީން އެއަންހެން ކުއްޖާ ނުކުމެގެންދިޔައެވެ.

ގެއަށްއައިސްވަން ކައިސާންފެނުމާއެކު ސަފީނާ، އޭނާކުރަންހުރި މަސައްކަތް ބަހައްޓާފައި އައިސް، ދަރިފުޅުގެ ކޯހުގެ އެންމެ ފުރަތަމަ ދުވަހާއި ބެހޭގޮތުން ސުވާލު ކުރަންފެށިއެވެ. “ހަމަ ބަރާބަރު…ޓީޗަރުންވެސް ވަރަށް ރަނގަޅު…ހާއްސަކޮށް ކެންޓީނުގަ ކާންހުންނަ އެއްޗެހި ވަރަށް ފައްކާ..ހެހެ” “…އަބަދުވެސް ދައްކާނީ ކޮންމެސް ކާއެއްޗެއްގެ ވާހާކަ…ދޭއަވަހަށް ނަމާދުކޮށްލައިގެން އަންނަން…” ސަފީނާ އެހެންބުނުމާއެކު ކައިސާންް ކޮޓަރިއަށްދިޔައެވެ. ސަފީނާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅާމެދު އޭނާ ފަޚުރުވެރިވެއެވެ. އެފަދަ ފިރިހެން ދަރިޔެއް އެހެންމީހަކަށް ލިބިދާނެބާއެވެ؟

ކައިސާންގެ އުމުރުން އެންމެ ފަސްއަހަރުގައި އޭނާގެ ބައްޕަ، ސަޢީދު މިދުނިޔެ ދޫކުރީ ކެންސަރުބަލީގައެވެ. އެދުވަހަށްފަހު ކައިސާންބެލުމުގެ ފުރިހަމަ ޒިންމާނަގަން ޖެހުނީ ނިކަމެތި ސަފީނާއަށެވެ. ނަމަވެސް ސަފީނާގެ ހަރުދަނާކަމާއި، ހިތްވަރުން އެދަރިފުޅު އެންމެ ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތްފެށިއެވެ. އަހަރުތަކަކަށްފަހު، މުސްކުޅިވެފައިވާ ސަފީނާގެ މައިންބަފައިން ދުނިޔެދޫކުރީ އެދެމައިން އެކަނިކޮށްލާފައެވެ. ސަޢީދުނިޔާވި ފަހުން އެއާއިލާމީހުންވެސް އެދެމައިން ދެކެނީ، ބީރައްޓެހިބައެއްގެ ގޮތުގައެވެ. ގޮތްހުސްވެފައިވާ ޙާލު ސަފީނާ، މާލެއިން އެރަށަށްއައި ދަތުރުވެރިޔަކާ ކައިވެނި ކުރީ، ކައިސާންއަށް ރަނގަޅު ތަޢުލީމެއް ދިނުމުގެ ބޭނުމުގައެވެ. އެގޮތުން މާލެއަށް ދިރިއުޅުން ބަދަލުކުރީއެވެ. ނަމަވެސް އެފިރިހެންމީހާވެސް މާގިނަދުވަހެއްނުވެ ދުނިޔެދޫކުރީއެވެ.

ބުރަމަސައްކަތާއި ހިތްވަރުން ކައިސާން އޯލެވެލް ނިންމާލީ އުންމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއަކާއި އެކުގައެވެ. ހަމައެނުގުޑާ އަޒުމުގައި އޭނާ އޭލެވެލްވެސް ނިންމާލީ ފޮނިނަތީޖާއަކާއެކުގައެވެ. ރާއްޖޭގެ މަތީސާނަވީ ދަރިވަރުންގެ ގަދަ ދިހައެއްގެ ދެވަނާގައި އޭނާހިމެނުނެވެ. ކުރަންޖެހުނު ބުރަމަސައްކަތާބަލާފައި، އެއީ ވަރަށްވެސް ކާމިޔާބުނަތީޖާއެކެވެ. ކައިސާން އައި-ޓީގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ހުންނަ ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން އައި-ޓީ ކޯހެއްހެދުމަށްޓަކައި ކޮލެޖަކަށް ކިޔަވަންދާން ފެށީއެވެ.

އެރޭނިދަންއޮތްއިރު ކައިސާންއަށް ވިސްނެމުން ދިޔައީ އެއަންހެންކުއްޖާމަތީންނެވެ. އެކުއްޖާ ނޫނަސް ކިތަންމެ އަންހެންކުދިންނެއް އޭނާ ދެކެއެވެ. ނަމަވެސް މިވަރަކަށް ނުވިސްނެއެވެ. އެކުއްޖާ ހުރި ސާދާގޮތުގެ ސަބަބުން ކައިސާންގެ ހިތަށް ކޮންމެވެސް ގޮތެއް ވެއްޖެއެވެ. ނޭނގޭސަބަބަކާއި ހުރެ އަވަހަށް ގަޑިހިނގާނަމައޭ ކައިސާންގެ ހިތަށް އެރިއެވެ.

ޖެހިގެންއައި ދުވަހެވެ. ސަފީނާ އާދޭސްކުރި ނަމަވެސް ހުސްއެކަނި ސައިތަށްޓެއް ބޮއެލައިގެން، ކައިސާން ގެއިން ނުކުތެވެ. މުޅިއުޑުމަތީގައި ހީވަނީ ކަޅުކުލައިގެ ސާލެއް ފަތުރާލައިފައިވާހެންނެވެ. ފަޒާގައި ހިފާފައިވަނީ ތެތްފިނިކަމެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ. ކައިސާން ލައިގެންހުރި ހުޑްގެ ޒިބުމައްޗަށް ދަމާލަމުން އަވަހަށް ހިނގައިގަތެވެ.

މާދުރަކަށްނުދެވެއެވެ. ވާރޭއޮއްސާލިއެވެ. ފިހާރައެއްގެ އަސްކަނިދޮށުގައި ކައިސާން ހުއްޓިލައިގެން ހުރި އިރު، މިއަދު ގަޑިނުޖެހި ކޮލެޖަށް ދެވޭނެބާއޭ އޭނާ ހިތަށްއެރިއެވެ. އެތައްއިރަކު ބޯކޮށްވާރޭ ވެހުމަށްފަހު ވާރޭ ތުނިކޮށްލިއެވެ. ކައިސާން ގެންގުޅެނީ ފެންނުވަންނަ ދަބަހެއްކަމުން މިވަރަށްވެހެނިކޮށް އޭނާއަށް ދެވިދާނެއެވެ.

ވަކިހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް ވާރޭބޯކޮށްލިއެވެ. ގެއެއްގެ އަސްކަނިދޮށުގައި ކައިސާންހުރި އިރު ގަޑިއާމެދު ވިސްނަމުންދިޔައެވެ. ހިމަފޮދުވާރޭ ތެރެއަށް ކަޅިހުއްޓާލައިގެން ހުރި ކައިސާންއަށް ފެނުނީ ދުވެފައި އައި އަންހެން ކުއްޖެކެވެ. އެއަންހެންކުއްޖާވެސް ވާރެއިން ސަލާމަތްވުމަށްޓަކައި އައިސް ކައިސާން ހުރި އަސްކަނިދޮށަށް ވަނެވެ. ކައިސާން އެއަންހެން ކުއްޖާއާ ދިމާލަށްބަލާލިއެވެ.

އޭނާގެދެލޯ ބޮޑުވެގެންދިޔައެވެ. ވާރޭތެރެއަށް ބަލަހައްޓައިގެން އެހުރީ އެއަންހެންކުއްޖައެވެ. މުޅިމީހާރޫރޫ އަޅާހާލުގައެވެ. އޭނާގެ މޫނުމަތީގައިވަނީ ނުތަނަވަސް ކަމެވެ. ހީވަނީ މަގުގެއްލިފައިވާ ޕަރީއެއްހެންނެވެ.  ކައިސާންގެ ހިތްތެޅެންފެށީ ނުހަނުބާރަށެވެ. ހީވަނީރޯމަހެއް ތެޅޭހެންނެވެ. ކައިރީގައިހުރި ކުއްޖާއަށް އެހިތުގެ އަޑު ނީވޭނެ ކަމެއްވެސް ނޭނގެއެވެ. ކައިސާންއަށް ކަރު ކެހިލެވުނެވެ. އެކުއްޖާބަލާލިއެވެ. “ދަންނަކުއްޖެއްހެން ހީވާތީ…” ކައިސާން ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. ހީކުރިގޮތާއި ޚިލާފަށް އެކުއްޖާވެސް ބޯޖަހާލަމުން ހީލިއެވެ. “އަހަރެން ގާތުދޯ އިނީ ކޮލެޖުގަ…ނަމަކީ ކައިސާން…ތިކުއްޖާގެ ނަމަކީ ކޮބާ؟” ކައިސާން ފުރުސަތުގެ ބޭނުންހިފިއެވެ. “ލަޔާލީ…” ލަޔާލީ ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ދަތްދޮޅި ތުރުތުރު އަޅާވަރުން އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

ކުއްލިއަކަށް ވިދާލިވިދުވަރާއެކު، ގުގުރައިގަތީ ނުހަނުބާރަށެވެ. ބޭއިޚްތިޔާރުގައި ލަޔާލީއަށް، ކައިސާންގެ ފިރިހެންވަންތަ ހަށިގަނޑުގައި ބައްދާލެވުނެވެ. ލަޔާލީގެ އެކުއްލި ހަރަކާތުން ކައިސާންހުރީ ސިހުންވެފައެވެ. ލަޔާލީގެ ހަށިގަނޑު ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. އޭނާގެ ހިތް ބާރުބާރަށް ނެގިނެގިފައި ޖެހެމުންދާއިރު އެހިތުގެ ތެޅުން ކައިސާންއަށް އިހުސާސްވަމުން ދިޔައެވެ.

އިރުކޮޅެއްފަހުން ލަޔާލީ ހަމަޔަކަށްއެޅުނެވެ. ނަމަވެސް އޭނާ ވަރަށް ލަދުގަތެވެ. އަމިއްލަ ނަފްސުކުށްވެރި ކުރެވުނެވެ. ކައިސާން މިހާރު އޭނަޔާ ދޭތެރޭގައި ދެކޭނީ ކިހިނެއްބާއެވެ؟

” ސޮރީ…އަހަރެން__” “އިޓްސް އޯކޭ…މިހާރު އެއޮއްތުނި ކޮށްލަނީ…އަން..މީތި ލައިބަލަ. ހީފިލާނެ.” ކައިސާން ލައިގެންހުރި ހުޑެޑް ސްވެޓަރ ބޭލުމަށްފަހު ލަޔާލީއަށް ދިއްކޮށްލިއެވެ. ނަމަވެސް ލަޔާލީ އެކަމަށް އިންކާރުކުރިއެވެ. އޭނާއަށް ދެންމެވެސް އިޚްތިޔާރުން ބޭރުގައި އެތައް ކަމެއް ކުރެވިއްޖެއެވެ. ކައިސާން ކުރުނުކޮށް ކިޔަންފެށުމުން ލަޔާލީ ސްވެޓަރ ލިޔެވެ. ދެމީހުން އެއްކޮން ހިމަފޮދުވާރޭގައި ކޮލެޖަށްދާން ހިނގައިގަތެވެ. ވާރޭވެހެމުން ދިޔަނަމަވެސް އެއިންއެކަކުވެސް ބާރަށް ދާކަށް ނޫޅެއެވެ. ހީވާގޮތުން ދެމީހުންވެސް ބޭނުންވަނީ މިވަގުތުކޮޅު ދިގުލައިގެން ދިޔުމަށެވެ. ލަޔާލީ ސިއްރުން ކައިސާންއާއި ދިމާލަށް ބަލާލިއެވެ. ލައިގެން ހުރި ތުނި ޓީޝާޓުއެފިރިހެންވަންތަ ހަށިގަނޑަށް ހިފާލާފައިވާއިރު ފެންނަލެއް އެހާ ހިތްގައިމެވެ. ކުރުނަމަވެސް ފަން އެއިސްތަށިގަނޑުގައި ފެންތިިކިތައް ވިދަމުންދާއިރު، ހިނގަމުންދިޔަ ގޮތުން ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. އެހާވެސް ފުރިހަމަކަމެކެވެ. ލަޔާލީގެ ހިތުން ނޭނގިނަމަވެސް ކައިސާންއަށް ޚާއްޞަ ޖާގައެއް ދެވިއްޖެއެވެ.

ދުވަހެއް ދުވަހަކަށް އެދެމެދުގައިވި ގުޅުން ވަރުގަދަވަމުން ގޮސް ދެމީހުންނަށްވެސް އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ. ނަމަވެސް ދެމީހުންވެސް އެކަން ފާޅުނުކޮށް ހުރީ، އަނެކާ ދެކެފާނެގޮތެއް ނޭނގޭތީއެވެ.

“ބައްޕާ…ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބޮތް…” ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ލަޔާލީ އޭނާގެ ބައްޕަ، އަމީންގާތުގައި ބުންޏެވެ. “ކޮންވާހަކައެއް؟؟ އަވަހަށްބުނޭ….” “އަޅުގަނޑަށް…ކުއްޖަކު..ވަރަށް ކަމުގޮސްފި!!!” “އަނެއްކާ ކޮންތަނެއްގެ، ކޮންފެންވަރެއްގެ މީހެއް؟! މިޒަމާނުގައި ކޮންމެ ކޮންމެ މީހަކު ކަމަކު ނުދާނެކަން. ގިނަ ފިރިހެނުންނަށް ކަމުދާނީވެސް ‘ޒަމާނީ’ އަންހެން ކުދިން…ތިޔަބުނާ ފިރިހެން ކުއްޖާ ދަރިފުޅާއި ދޭތެރޭ ދެކެނީ ކިހިނެއް؟!” އަމީން، އޭނާގެ ދެއަންހެން ދަރިންނާމެދުގައި ވަރަށް ފިކުރުކުރެއެވެ. ލަޔާލީއާއި އޭނާގެ ކޮއްކޮ، ލުޔޫންއާއިމެދު ކިތަންމެ ވަރަކަށްވެސް ވިސްނައެވެ. އެހާ ލޯބިވެއެވެ. އެދެކުދިންނަށް ދެރައެއް ލިބޭތަންދެކޭކަށް އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ. އެދެކުދިންގެ މުސްތަޤްބަލް އުޖާލާކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެއެވެ.

“ކައިސާން ނަމަކީ…ކުލާސް ކުއްޖެއް…އެކުއްޖާ އަޅުގަނޑާއި ދޭތެރޭގައި ދެކޭގޮތެއް ނޭނގެ…އެކަމު ވަރަށް ހިތްހެޔޮ…” ލަޔާލީ އުންމީދުން ފުރިގެންވާ ޙާލު އޭނާގެ ބައްޕައަށް ކިޔައިދިނެވެ. “ބަލާލާފަ ކިހިނެތް އެނގޭނީ ހިތްހެޔޮ ކަމެއް؟!” އަމީން ބޭނުންވަނީ އެމީހެއްގެ ޙަޤީޤަތް ރަނގަޅަށް އިނގޭމީހަކާއި އޭނާގެ ދެކުދިން ކައިވެނި ކުރުވާށެވެ. “ބައްޕާ…އަޅުގަނޑަށް އެނގޭ ބައްޕަ ތިހުންނެވީ ހިތްހަމަޖެހިގެނެއްނޫންކަން. އެކަމު… މީގެކުރީން އަޅުގަނޑާއި ވާހަކައެއް ނުދައްކާނެ ގިނަ ކުދިންނެއް…އަންހެން ކުދިންނެއްވެސް…ފިރިހެންކުދިންނެއްވެސް. އެއީ އަޅުގަނޑު ހެދުންއަޅާ ގޮތުންނާއި..އެކަހަލަ ކަންކަމުގެ ސަބަބުން ކަންވެސް އިނގޭ…އެކަމަކު އޭނާ ވަރަށް ތަފާތު…” އަމީން އެއްޗެކޭ ނުބުނެ އިނުމުން ލަޔާލީ އެވަގުތައް ވާހަކަ ކުރުކޮށްލިއެވެ.

“ލަޔާލީ؟” “ހްމްމް؟” “އަދިވެސް ނުކިޔައިދެމެންނު ފެމެލީއެއް…” ކައިސާނާއި ލަޔާލީ ތިބީ ކޮލެޖު ގޯތިތެރޭހުރި ސްޓަޑީ ބެންޗެއްގައި ފިލާވަޅެއް ހަދާށެވެ.”އަހަރެންގެ ހުންނަނީ…ބައްޕައަކާ..ކޮއްކޮއަކާ..ލޯބިލޯބި މާމައަކާ. އެނިމުނީ.ނޯ ކަޒިންސް.މާމަގެ ހުންނަނީ ބައްޕައެކަނި..މަންމަފަރާތު މާމައެއް އަދި އެހެން ރިލޭޓިވްއެއްވެސް ނެތް ދުނިޔެއަކު. ބައްޕަ މަސައްކަތް ކުރަނީ އަމިއްލަބައެއގެ ފިހާރައެއްގަ. ކައިގެ ފެމެލީ؟” ލަޔާލީވެސް ބޭނުންވީ ކައިސާންގެ އާއިލާދަސްކުރާށެވެ. “ދުނިޔޭގެ އެންމެ ބެސްޓް މޮމް…ދެން..މީ…ކޮބާ މަންމަ؟” ކައިސާންގެ ހިތުގައި އުފެދުނު ސުވާލެއްކޮށްލިއެވެ. “އަހަރެންގެ އުމުރުން ދެއަހަރުގައި..ލުޔޫން ވިހާފައި މަންމަ ނިޔާވީ…” އުންމީދެއްނެތް ހިނިތުންވުމަކާއެކު ލަޔާލީ ޖަވާބު ދިނެވެ.”ކައިގެ ބައްޕަވެސް ނިޔާވީ އުމުރުން ފަސްއަހަރުގަ…ސޮރީ އެސުވާލު ކުރެވުނީމަ.” “އިޓްސް އޯކޭ…ސޮރީ ކައިގެ..ބައްޕަ…” “ޑޯންޓް މެންޝަން އިޓް…” ކައިސާންވެސް ހީލިއެވެ.

ކޯސްނިމެން ކައިރިވަމުންދިޔައެވެ. ކައިސާން ބޭނުންވީ އޭނާގެ ހިތުގެ އަޑީގައިވާ ލަފުޒުތައް ލަޔާލީއަށް އިއްވުމަށެވެ. ލަޔާލީގެވެސް ބޭނުމަކީ ކައިސާނަށް އޭނާގެ އިހުސާސްތައް ކިޔައިދިނުމެވެ. ނަމަވެސް އަންހެން ކުއްޖަކު މަތިންބައިން ޖެހިގެން ލޯބި ހުށައެޅުމަކީ ހުތުރުކަމެއް ކަމަށް ލަޔާލީއަށް ޤަބޫލުކުރެވޭތީ ،ނުވާނެކަމަކަށް އިންތިޒާރުކޮށްގެން ހުރީއެވެ.

ކައިސާން މަންމަގާތުގައި އޭނާގެ އެންމެ ފުރަތަމަ ލޯބީގެ ވާހަކަ ހިއްސާކުރިއެވެ. ސަފީނާ ބޭނުންވީ ލަޔާލީއާއި، އޭނާގެ އާއިލާއާއި ބައްދަލު ކޮށްލާށެވެ.

“ލަޔާލީ…އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް…” ކޮލެޖުން ނިމިގެން ގެއަށް ދިޔުމުގެ މަގުމަތީގައި ކައިސާން ލަޔާލީގާތުގައި ބުންޏެވެ. ލަޔާލީގެ ހިތް ތެޅިލިއެވެ. އަނެއްކާ ކައިސާން ބުނަން އެއުޅެނީ ކޮން ވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިޔެވެ. “އަހަރެން…އަހަރެން… ލަޔާދެކެ…ވަރަށް ލޯބިވޭ!” ކައިސާން ވަރަށް ހިތްވަރުކޮށްފައި އެވާހަކަ ބުންޏެވެ. ލަޔާލީއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟” “ޔެސް!ޔެސް! އައި ވިލް!” ލަޔާލީދިނީ ކައިސާން އެންމެ ބޭނުންވި ޖަވާބެވެ. ކައިސާންގެ ދަބަހުންނެގި ރަތްކުލައިގެ ފިނިފެންމާބޮނޑިއެއް، ލަޔާލީގެ އެނާޒުކު އަތުގެ ތެރެއަށް ލައިދިނެވެ. ލަޔާލީ ވަރަށް އުފާވިއެވެ. ކައިސާންއަށް ޖާދުވީ ހިނިތުންވުމެއް ހަދިޔާކޮށްލާފައި ހިނގައިގަތްއިރު މަގުމަތިންް ދިޔަ އެތައް އަންހެން ކުދިންނެއްގެ ޙަސަދަވެރި ލޯތައްވަނީ އޭނާއާއި އަމާޒުވެފައެވެ. “އަދި އެބައޮތް ކަމެއް…މިރޭ އަންނަންވީނު. ކައިގެ މަންމަ ވަރަށް ބޭނުމޯ ލަޔާލީއާއި ބައްދަލު ކޮށްލަން. ލަޔާލީގެ ފެމެލީވެސް ގޮވައިގެން. އަންނާނަންތަ؟” “އޯކޭ…” އުފަލުންހުރެ ލަޔާލީ ޖަވާބުދިނެވެ. މިއީ އަނެއްކާ ހުވަފެނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ވެދާނެކަމުގެ އެއްވެސް އުންމީދެއްނެތް ކަމެއް، މިއޮތީ ވެފައެވެ.

ލަޔާލީގެއަށްލައިފައި ކައިސާން ގެއަށް އައެވެ. ސަފީނާއާއި އެވާހަކަ ހިއްސާކުރުމުން، ރޭގަނޑަށް ކައްކާނެ އެއްޗަކާއި މެދު މަޝްވަރާ ކުރަން ފެށިއެވެ.

ލަޔާލީ އޭނާގެ އާއިލާއާއި އެވާހަކަ ހިއްސާކުރިއެވެ. އަމީންގެ ހިތުގައި މިފިރިހެންކުއްޖާ ދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ފިހާރައަށްވެސް ދާންޖެހޭ ރެއެއް ނޫންކަމުން، އެކަމާ އެއްބަސް ވިއެވެ.

ގޭގެ ބެލްޖެހުމާއިއެކު ކައިސާން ލޯގަނޑުން އޭނާގެސިފަ ބަލާލިއެވެ. ކަޅުކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައި އޭނާ ހުރި އިރު އިސްތަށިގަނޑުވެސް ވަނީ ރީއްޗަށްފުނާއަޅާފައެވެ. އަވަހަށްގޮސް ދޮރު ހުޅުވާލިއެވެ. ޕޭލްޕިންކު ކުލައިގެ ހަރުވާޅުހެދުމެއްގައިި ލަޔާލީ ފެންނައިރު ހީވަނީ ޕާކިސްތާނު ހިސާބުގެ މޮޑެލްއެއް ހެންނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް، އެއްވެސް ހިފެހެއްޓުމެއްނެތި ދޫކޮށްލާފައިވާ ދިގު ބުޅި އިސްތަށި ގަނޑުގެ ސަބަބުން އޭނާގެ ރީތިކަން ދެގުނަޔަށް އިތުރުވެފައިވާ ކަހަލައެވެ. އެމޫނުގައި ރަސްކަންކުރަމުންދިޔައީ ހަމައެކަނު ގުދުރަތީ ރީތިކަމެވެ. އައިނުނާޅާ ހުރި އިރު އެދެލޯ ފެންނަލެއް ކުރިއަށްވުރެ ރީއްޗެވެ. ކައިސާން އަވަހަށް ލަޔާލީއާއި އާއިލާ، އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ.

އެންމެން ކާންތިބި އިރު އެއްބަޔަކު އަނެއްބަޔަކާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދިޔައެވެ. އެންމެފަހުން ކައިސާންއާއި ލަޔާލީގެ ގުޅުމާއި ބެހޭގޮތުން ވާހަކަދެކެވުނެވެ. އަމީންއަށް، ކައިސާންގެ އެހަރުދަނާ ޝަޚުޞިއްޔަތު ވަރަށް ކަމުދިޔައެވެ. ހަމައެހެންމެ ސަފީނާއަށްވެސް ލަޔާލީގެ އެސާދާ މިޒާޖު ވަރަށް ކަމުދިޔައެވެ. ދެއާއިލާގެ ރުހުމާއެކު ކޯސް ނިމުނުހާ އަވަހަކަށް ކައިވެނީގެ ކަންތައްތައް ކުރުމަށް ނިންމިއެވެ. ކޯސް ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރެވެންފެށުނެވެ.

މުޅިގޭތެރެވަނީ ހަލަބޮލިވެފައެވެ. އެންމެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމެވެ. ކައިސާންގެ ރައްޓެހި ފިރިހެންކުދިން ގޭތެރެ ޒީނަތްތެރި ކުރުމުގައި ހަރަކާތްތެރިވަމުން ދާއިރު އަންހެންވެރިން ދިޔައީ ފޯރިއާއެކު ޕާޓީއަށް ކާއެއްޗެހި ތައްޔާރު ކުރުމަށްޓަކައި ހަވާދުފުނޑަމުންނެވެ. “ދަރިފުޅާލަޔާލީ…ދޭބަލަ އަޅެ މެންދުރު މިއެންމެން ކާލަން މަސްކޮޅެއް ތެލުލަން…ގަރުދިޔައާއި ބަތާ ހުންނާނެ ކައްކާފަ.” ސަފީނާގެ އެދުމުގެ މަތިން ލަޔާލީ ބަދިގެއަށް ދިޔައެވެ.

މަސްކޮޅެއްގައި މިރުސްލުމަށްފަހު ތެލުލުމަށް ތައްޔާރުވިއެވެ. އޭނާއަށް ނޭނގުނީ ގޭސް ލީކުވެފައި ހުރިކަމެވެ. ތެޔޮތާސް އުދުމަށްފަހު އުނދުންރޯކޮށްލިއެވެ.

އިވިގެންދިޔަ ބާރު ހަޅޭކެއްގެ އަޑާއެކު، ފެނުނީ ބަދިގެއިން ދުންއަރަންފެށިތަނެވެ. ގޭތެރޭގައި ތިބި މީހުންތައް ހިތްއަވަސްކަމާއެކު ބަދިގެ ދޮށަށްދިޔައެވެ. އެއްބަޔަކު އަވަހަށް ރޯވެފައިވާ އަލިފާންގަނޑު ނިއްވޭތޯ މަސައްކަތް ކުރަންފެށިއެވެ. އަނެއްބަޔަކު ފަޔަރ އެންޑް ރެސްކިއުއަށް ގުޅިއެވެ. ދުމުގެ އަސަރުބޮޑުކަމުން ރަނގަޅަށް ތަނެއް ނުފެނެއެވެ. މީހުންތައް ފޭކުރަމުންއައި ކައިސާންއަށް ވެއްޓިފައިއޮތް ލަޔާލީފެނުނެވެ. އޭނާގެ ހިތުގައި މީހަކު ވިކައިގަތްފަދައެވެ. ލަޔާލީއޭކިޔައި ހަޅޭލަވައިގަނެފައި އޭނާގޮސް ލަޔާލީ އަތްދަނޑި މައްޗަށް ލައިގެން ގެނައެވެ. އަވަހަށް އެންބިއުލައިންސަށް ގުޅައިދިނުމަށް އެދެންފެށިއެވެ. މޫނުން ބޮޑުބައެއްފިހި، ސިފަވަކިނުވާވަރުވެފައިވާ ލަޔާލީއޮތީ އަނބުރައިގަނެފައެވެ. ކައިސާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހިތާހިތުން އޭނާގެ ލަޔާލީ ސަލާމަތްވޭތޯ ދުޢާކޮށްލެވުނެވެ.

އައި.ސީ.ޔޫގެ ދޮރު މަތީގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި ކައިސާންގެ ހިތްވަނީ އަވަސްވެފައެވެ. ކައިރިގައި ހުރި ގޮނޑިބަރިއެއްގައި ސަފީނާއާއި ލަޔާލީގެ އާއިލާމީހުން ތިބިއިރު، އެންމެންވެސް ތިބީ ހިތާހިތުން ލަޔާލީ ސަލާމަތްވުމަށްއެދި ދުޢާ ކޮށްލަކޮށްލައެވެ.

ދޮރުހުޅުވާލައިފައި ނުކުތް ޑޮކްޓަރުގެ މޫނުމަތީގައިވި ކުލަވަރުން ކައިސާން ސުވާލި ކުރަންފެށިއެވެ. “މޫނުގެ ނުވަދިހަ ޕަސެންޓްވަނީ ފިހިފަ..އަތާއި ގައިގެވެސް ދެތިންތަނެއް ފިހިފަވަނީ..އިތުރު އޮޕަރޭޝަނެއް ކުރަންޖެހެނީ!” ޑޮކްޓަރުދިން އެޚަބަރާއެކު ކައިސާނަށް ހީވީފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ތުރުތުރުލާހާލު ޑޮކްޓަރުދިން ފައިލުގައި ސޮއިކުރުމަށްފަހު ކައިސާންގޮސް އޭނާގެ މަންމަގެ ގާތުގައި އިށީނެވެ.

އޮޕަރޭޝަންކާމިޔާބުވި ނަމަވެސް ލަޔާލީ ދޫކޮށްލީއެތައް ދުވަހެއްފަހުންނެވެ. އޭނާގެމޫނުން އަދިވެސް ސިފަވަކިވާވަރެއްނޫނެވެ. މޫނުރީތިކުރަން ބޭނުންނަމަ ޖެހެނީ ޕްލާސްޓިކް ސާރޖަރީއެއްހަދާށެވެ. ނަމަވެސް ދެއާއިލާގައިވެސް އެސާޖަރީ ހަދަން ޚަރަދުކުރެވޭހާ ފެންވަރެއްނެތެވެ. ލަޔާލީގެ ފުރާނަ ސަލާމަތްވީތީ ޝުކުރުކުރާ ޙާލު އެމީހުންނަށް ޖެހުނީ ކެތްތެރިވާށެވެ.

“ކައިސާން…؟” ލަޔާލީއާއި ކައިސާން ތިބީ ލަޔާލީމެންގޭ ސޯފާގައެވެ. “މި..މިއައިބުތަކާ އެކުގަވެސް…ކައިސާން އަހަންނާ އިންނަންތަ ތިއުޅެނީ އަނެއްކާވެސް…އަހަރެންގެ މިސިފައިގެ ސަބަބުން… ކިތައްމީހުންގެ މަލާމާތް…”ލަޔާލީ ރޯންފެށިއެވެ. ކައިސާން ލަޔާލީގެ ގައިގައި ބައްދާލުމަށްފަހު ނުރޮއުމަށް އެދުނެވެ. ލަޔާލީގެ ސިފަހަޑިވުމުން ކައިސާން އޭނަ ދޫކޮށްލަންވީހެއްޔެވެ؟ ލަޔާލީ ނިކަމެތިކޮށްލަންވީ ހެއްޔެވެ؟ އޭނާ ލަޔާލީދެކެވީ ޙަޤީޤީ ތެދު ލޯތްބެކެވެ. ވީއިރު އޭނާއަށް ލަޔާލީއާއި ނުލައި ދިރިއުޅެވިދާނެހެއްޔެވެ؟ “ތިދައްކަނީ ކޮން ވާހަކައެއްތަ؟ އަހަރެން ލަޔާދެކެ ވަރަށް ލޯބިވަން. ދުވަހަކުވެސް ދޫކޮށެއް ނުލާނަން… އަހަންނާ އިންނާނަންތަ؟” ލަޔާލީކަރުނައިގެ ތެރެއިން ހީލާފައި އާނއެކޭ ބުންޏެވެ. ކައިސާންފަދަ ބައިވެރިޔަކު ލިބުމަކީ އޭނާއަށް ލިބުނު ނަސީބެކެވެ. ކައިސާން ނެތްނަމަ އޭނާ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟

ކައިސާންއާއި ލަޔާލީގެ ކައިވެނި ކުރެވުނީ ދުވަސްތަކަކަށް ފަހުގައެވެ. ލަޔާލީ އެންމެ ބޭނުންކަންތައްވީ ނަމަވެސް އުފާވާންވީ ވަރަކަށް އުފަލެއް ނުވެވުނެވެ. ކައިސާންގެ ޙާލާމެދު ވިސްނެނީއެވެ.

ދުވަހެއް ދުވަހަކަށް ލަޔާލީ ހަމައަކަށް އެޅެމުން އައެވެ. ހީސަމާސާކޮށް ހަދަންވެސް ފެށިއެވެ. ނަމަވެސް ބޭރަށް ނުކުމެއުޅެން އޭނާ ޖެހިލުންވެއެވެ. ކައިސާން ބޭނުންވީ ލަޔާލީގެ ބިރު އެއްކޮން ކަނޑުވާލާށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ކައިސާން އާއި ލަޔާލީތިބީ ރަސްފަންނުގައެވެ. އައިސް-ކޯނެއް ބޯލާށެވެ. އެހެންތިއްބާ އެތަނަށްކުއްޖަކު އެއްލިބޯޅައެއްބަލައި ތުއްތުކުއްޖަކު އައެވެ. ލަޔާލީބޯޅަ ނަގާފައި އެކުއްޖާއަށް ދިއްކޮށްލިއެވެ. އެކުއްޖާ ތޫލިއަޑަކުން ހަޅޭލަވައިގަތުމުން އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އެތުއްތުކުއްޖާގެ މަންމައައިސް، އެކުއްޖާ އުރާލަމުން ލަޔާލީގެ ކިބައިން މަޢާފަށްއެދިފައި އެކުއްޖާ މަސަލަސްކުރަމުން ހިނގައިގަތެވެ. “ކައިސާން…އަހަރެން ބޭނުމީގެއަށްދާން…” ލަޔާލީ ފެންކަޅިވެފައިވާ ޙާލު ކައިސާން ގާތުން އާދޭސް ކުރަންފެށިއެވެ. ގެއަށްދިޔަ މަގުމަތީގައި، ސްކޫލުކުދިންތަކެއް ލަޔާލީގެ ފޮޓޯވެސް ނެގިއެވެ. އެކަމާ އެހާބޮޑަށް އަޅައިނުލައި ލަޔާލީއާއި ކައިސާން ގެއަށްވަނެވެ.

ކައިސާން ފާޚާނާއިން ނުކުތްއިރު ލަޔާލީ އިނީ ފޯނު އަތަށް ލައިގެން ހުއްޓުން އަރާފައެވެ. ކައިސާންއައިސް ކިހިނެއްވީތޯ ސުވާލުކުރުމުން އޭނ ކައިސާންގެ އަތަށް ފޯނުދިނެވެ. މުޅި ފޭސްބުކުގައި އޮތީ ލަޔާލީގެ ފޮޓޯއެވެ. އެކިމީހުން އޭނާއާ ދިމާލަށް މަލާމާތްކޮށްފައި ހުރި ކޮމެންޓްތަކެވެ. ކައިސާން ރުޅިއައިވަރުން ފާރަށް ގޮންމުށުގެ ހަމަލާއެއްދެވުނެވެ. ލަޔާލީގޮސް ލޯގަނޑު ކުރިމައްޗަށްއެރިއެވެ. އޭނާގެ ސިފަ އެހާ ހުތުރީހެއްޔެވެ؟ ނޫނީ ބިރުވެރީހެއްޔެވެ؟ އޭނާ ފެނުމުން ކުޑަކުދިން ބިރުގަންނަނީ ކީއްވެހެއްޔެވެ؟ އޭނާ އަމިއްލަ ނަފްސުދެކެ ފޫހިވެއްޖެއެވެ.

ލަޔާލީ ރޯންފެށުމާއެކު ކައިސާންއައިސް ލަޔާލީގެ ގައިގައި ބައްދާލިއެވެ. ކައިސާންގެ ތަނަވަސް މޭގައި ލަޔާލީ މޫނުފޮރުވާލިއެވެ. ހޫނު ކަރުނަތަކުން ކައިސާންގެ ޓީޝާޓުގެ މޭމަތި ތެންމަމުންދިޔައެވެ. “އަހަންނަކަށް ނުވިސްނުނު…އެހެންމީހުން ކިތަންމެ އެއްޗެއްކިޔާިރުވެސް ކައިސާން…” “ލަޔާ މީހުންކިޔާހާ އެއްޗަކަށް ބަލަންޏާ..ނޫޅެވޭނެ…އަަހަރެން ލަޔާދެކެ ވަނީ ޙަޤީޤީ ލޯތްބޭ… ވަރަށް ވަރަށް ލޯބިވޭ!!” ކައިސާން ލަޔާލީގެ ކަރުނަތައް ފުހެލައިދެމުން ބުންޏެވެ. ދެމީހުން ހުއްޓިލައިގެން ހުރިގޮތުން ހީވަނީ އެކަކު އަނެކަކަށްޓާކައި ހައްދަވާފައިވާހެންނެވެ.

“ހޭ…ރޮމިއޯ އެންޑް ޖޫލިއެޓް…ދެމީހުން ކާންއަންނާށޯ!!އުޕްސް..!!” ލުޔޫން ޓަކިވެސް ނުޖަހާ އައިސް ދޮރު ހުޅުވާލިއެވެ. “ކޮން އުޕްސެއް ޑުޕްސެއް ކިޔާލަށް…މީނައަށްވީ ފުރަތަމަ ޓަކި ޖަހަން ދަސްކޮށްދޭންށެންނު..ރޮމޭންސް ސްޕޮއިލަރ!ހެހެ” ކައިސާން އެހެންބުނުމާއެކު ލަޔާލީ ހޭންފެށިއެވެ.

ކައިސާންގެ ދިރިއުޅުމުގެ މައިގަނޑު މަގުޞަދަކަށްވީ ލަޔާލީ އަބަދުވެސް އުފަލުގައި ބެހެއްޓުމެވެ. ކައިސާންގެ ހިތްވަރުން، ހިތްވަރު ލިބިގަނެ ލަޔާލީވެސް ކައިސާންގެ ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކުރިއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެޔޭބުނެއެވެ. ކެތްތެރިކަމުގެ މޫހިތިވިޔަސް މޭވާ ފޮނިވާނެޔޭވެސް ބުނެއެވެ. އެދެމީހުންގެ ހިތުގެ ވިންދާއި، އުންމީދު އަދި ފަރުވާއަކީވެސް އެކަކު އަނެކަކެވެ.  ދެމަފިރިން އެދެމީހުންގެ ޙަޔާތުގެ އޮޑިދުއްވާލީ އުފަލުން ފުރިގެންވާ މަންޒިލަކަށް، އެއޮޑި ބަނދަރު ކުރެވޭތޯއެވެ. އުމުރަށް އެކީގައިއުޅެން ވަޢުދުވަމުންނެވެ.

-ނިމުނީ-

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ހަނދާންވަނީއެވެ.

Next

ލޯބިވެވުނީއެވެ. 2

Next
November 29, 2018

ލޯބިވެވުނީއެވެ. 2

Previews
November 29, 2018

ހަނދާންވަނީއެވެ.

13 Comments!

  1. Anonymous says:
    November 29, 2018 at 5:42 pm

    Vaahaka liyumuge 30 vana Quran mubaaraathey… vaahaka reethi … Me first dho.

    1. Zelll says:
      December 6, 2018 at 11:58 am

      Aslu Qaumee mubaaraaii ingey. Sorry all. Yeah you first congrats dear. Thankyou

  2. kala123 says:
    November 29, 2018 at 6:48 pm

    ޒެލްގެ ވާހަކަ ރީތި. އިބާރާތްކުރމާއި ކަންތައް އުމުރަށް ވުރެ ދޮށި ކަމަށް ފެނޭ. ވާހަކަ ލިޔުމުގެ ރޮނގުން ކުރިޔަށް ދާން ބޭނުން ނަމަ ކުރިއރުމާއި ކާމިޔާބު އެދެން.

    1. Zelll says:
      December 6, 2018 at 11:57 am

      umurah vure dhoshi?? mahslaeh gothahthoa nuvatha compliment eh gothah thw thi aslu buny? thankyou

  3. Anonymous says:
    November 29, 2018 at 9:37 pm

    Quran mubaaraathuga vaahaka liyey tha…..?

  4. Nunnu says:
    November 29, 2018 at 10:33 pm

    Vahaka liyumuge qaumee mubaraathey liyan ulhefa e othy. Mistakes liyevidhaane hama. Its ok

    1. Zelll says:
      December 6, 2018 at 11:58 am

      Thankyou Nunnu

  5. unique says:
    December 3, 2018 at 4:06 pm

    its so hurt touching it made me cry
    varah reethi mivaahaka just love it

    1. Zelll says:
      December 6, 2018 at 11:59 am

      Alhey thankyou sooo much unique. Thankyou. Ehehe didn’t mean to make you cry hehe.

  6. Rifu says:
    December 4, 2018 at 10:32 am

    (ek dhoosrey key liyey baney huvey)” hee vany ekaku anekakah hahdhavaafaivaahen” hindhi dialog dhivehi vaahaka ehga liyumun kamaku nudhey… ae hama ekeni alhaigen thankolhu. over all koh vaahaka varah varah reethi… keep it up.

    1. Zelll says:
      December 6, 2018 at 12:01 pm

      Aslu thedhah bunanya Zelll nuves balann hindhii dramas and stuff, eii Zelll ah hindhii neyngeythy. Dear thihenn bunyma mi inguny that’s the dialog for it kann. Thankyou. But i appriciate your feedback ingey Rifu.

  7. ??? says:
    May 13, 2019 at 11:21 pm

    Uh huh. Seriously ? anhen kudhin v ma lwbi nuvevenytha??emyhun rahtehi vaan ehyma hadi vany. Owh please ???

    1. Zelll says:
      May 23, 2020 at 6:47 pm

      that’s just eyga Layaaly dhekey goii. She is kinda old fashioned

Comments are closed.



All Right Reserved!