“….އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ.” މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު ދޭން އުޅެނީ ޝޭޚެއްކަން އެނގުމުން މިއީ ދަރުހެއްގެ ދަޢުވަތުކަން އޭނައަށް އެނގުންވިއެވެ. އައްޒާމް މި ދަޢުވަތުތައް ބަހަންވީ ކީއްވެތޯ ހިތުގެ ކަނަކުން ސުވާލުކުރިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެ ސުވާލު އެވަގުތު މާޝާއަށް މުހިއްމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ޝައުޤުވެރިވެފައިވީ ދެންމެ އެ ފެނުނު އާޔަތާއި މެދުގައެވެ. ޤުރުއާނުގައި އުފާވާންޖެހޭ ޒާތުގެ ވާހަކައެއް އޮންނާނެ ކަމެއް އޭނަ ހިއެއްނުކުރެއެވެ. އަދި އަމުދުން އިންތިހާއަށް އުފާވާންޖެހޭ ވާހަކައެވެ. އޭނައަށް ހީކުރެވިފައި އޮތް ގޮތުގައި ދީންވެރިވެ، ޤުރުއާނާއި ސުންނަތާ އެއްގޮތަށް އުޅެން ފަށައިފިނަމަ އޭނަގެ ދިރިއުޅުންވެގެން ދާނީ މަދުން ނޫނީ ހިނިތުންވެސް ނުވެވޭނެ ދިރިއުޅުމަކަށް ކަމަށެވެ. ގިނަ ދީންވެރި ޝަޚްޞިއްޔަތުތައް އޭނައަށް ބޭރުފުށުން ފެނިފައިވަނީ އެފަދަ ގޮތަކަށް ކަމަށްވާތީވެއެވެ. އެހެނަސް އެވަގުތު އޭނަގެ އެ ނަޒަރިއްޔާތަށް ލޮޅުމެއް އައިސްފިއެވެ. ޚުދު ޤުރުއާނުން އެ ނަޒަރިއްޔާތު ފުނޑުފުނޑުކުރުވާ ފަދަ އާޔަތެއް ފެނިގެން ދިޔުމުންނެވެ.
ކާރަށް ލެނގިލައިގެން އެ ދަޢުވަތު ކާޑު ކިޔަންހުރި އައްޒާމްގެ ސިކުނޑީގައި ވެސް އެނބުރެމުން ދިޔައީ އެއްޒާތެއްގެ ޚިޔާލުތަކެވެ. މިއީ ސްކޫލުން ބޭރުގައި އޭނައަށް އާޔަތެއްގެ މާނަ ފެނުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފެނުނުއިރު މިފެނުނީ ހާދަ އާދަޔާ ޚިލާފު އާޔަތެކޭ އޭނަގެ ހިތަށްއެރިއެވެ. މި އާޔަތުގައި މަލާއިކަތުންނާއި އާޚިރަތުގެ ވާހަކަ ނެތީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. ނޫނީ ގަދަކަމުން ވިޔަސް ކަމެއްކުރަން އަމުރުކޮށްފައި ނެތީ ކީއްވެ ހެއްޔެވެ؟ މިއީ އުފާވެރިކަމުގެ ވާހަކަވެސް ދައްކާ ފޮތެއް ހެއްޔެވެ؟
ދެ ޒުވާނުންގެ ސިކުނޑީގައި ވެސް ދައުރުވަމުން ދިޔަ ސުވާލުތައް ގިނަވަމުން ދިޔައެވެ. އެ ސުވާލުތަކުގެ ޖަވާބު އެނގެން އެ ދެ ހިތްވެސް އިންތިހާއަށް އެދެން ފެށިއެވެ. އެންމެ ފަހުން ކޮންމެހެން ވެސް އެ ސުވާލުތަކުގެ ޖަވާބުތައް ހޯދަން ދެމީހުންނަށް ވެސް ނިންމުނެވެ.
**
އޭގެ އަނެއްދުވަހު މިރްޒާން އާދައިގެ މަތިން ހެނދުނު 8 ޖެހިއިރު ހުރީ އޮފީހުގައެވެ. އޮފީހަށް ވަނީއްސުރެ އިވެން ފެށީ އެދުވަހު އެ އޮފީހަށް އަންނަން އުޅޭ މެހުމާނުގެ ވާހަކައެވެ. މާޖިދު ހަދަން އުޅޭ އާ ޝޯއެއް ހޮސްޓްކުރަން އުޅޭ އަންހެން ކުއްޖާގެ ވާހަކައެވެ. އެ ގޮތަށް މާޖިދު ގެންނަ ކުދިން ޢާއްމުގޮތެއްގައި ޝޯ ނިމުމުންވެސް ޤާބިލުކަން ހުރިއްޔާ އެ ޗެނަލްގެ އެހެން މަޤާމެއް ފުރާލަދޭނެތީ މާޖިދު އޮފީހުގެ އެންމެންނަށް އަލަށް އަންނަ ކުއްޖަކު ތަޢާރަފު ކުރެއެވެ. އެވަގުތަށްޓަކައި އޮފީހުގައި އުޅޭ ޒުވާން ފުރައިގެ ފިރިހެން ކުދިން ކެތްމަދުވަމުންދާ އަޑުތައް މިރްޒާނަށާއި އާތިފަށް އިވެމުން ދިޔައެވެ.
“އެއީ ކާކު؟” ބްރޭކް ގަޑީގައި ސައިކޮޓަރީގެ މޭޒެއްގެ ދޮށުގައި އާތިފާއެކީ އިނދެ މިރްޒާނަށް އަހާލެވުނެވެ.
“ނޭނގެ އެގްޒެކްޓްލީ ކާކުކަމެއް. އެކަމަކު މާލޭ ގަލޮޅު ހިސާބުން އަންނަ ކުއްޖެއްކަމަށް އަހަރެން އަޑުއެހީ. ވަރަށް ފެޝަން ކުއްޖެކޭ ބުނާ އަޑުވެސް އިވުނު މާޖިދުގެ އެސިސްޓެންޓްގެ ފަރާތުން.” އާތިފް އޭނައަށް އެނގޭ މިންވަރު ހާމަ ކޮށްދިނެވެ. އޭނަގެ ފަހު ޖުމްލައާއެކީ މިރްޒާނަށް ޗޮއްކަނޑާލެވުނެވެ. އޭނައަށް ވަގުތުން މާޖިދުގެ އެ ނިންމުމާމެދު ނުރުހުންތެރިކަން ފާޅުކުރެވެން އުޅުނެވެ. އޮފީސްތެރޭގެ މަޞްލަޙަތު ގެއްލެނީ ތަނެއް ދޮރެއް ނުބަލައި މީހުން ނަގާތީވެއޭ ބުނަން ބޭނުންވިއެވެ. ކުރީ ފަހަރުވެސް އިންޓަވިއު ކުރުމެއްނެތި ގެނައި އެ ޒާތުގެ ކުއްޖެއްގެ ސަބަބުން ދޭތެރެ ޖެއްސުމުގެ މައްސަލަ ބޮޑުވެގެން ދިޔަ ގޮތުންނެވެ. އެހެނަސް އޭނަ އެ ވާހަކަތައް ދުލާއި ހަމައަށް ނުގެންނަން ނިންމީ ޚުދު އޭނައަކީ ދޭތެރެ ޖައްސައި ނުރުހުންތެރިކަން ފާޅުކުރާ މީހަކަށް ނުވުމަށެވެ. އަދި އެހާ އަވަހަށް އެހެން މީހަކާމެދު ނުބައިކޮށް ވިސްނާ މީހަކަށް ވެސް ނުވުމަށެވެ. ކޮންމެއަކަސް އޭނަގެ އިޙްޞާޞްތައް އޭނަގެ ކުރިމަތީގައި އިން އާތިފަށް އޭނަގެ މޫނުމަތިން ނަގައިގަނެވުނެވެ.
“އައި ނޯ….ބަޓް ލެޓްސް ހޯޕްދޯ މިފަހަރު ރަނގަޅުވާނެކަމަށް؟ އެނީވޭސް…..އާ ޝޯއެއްގެ ޚިޔާލު އެބަ ކުރަންތަ؟” އާތިފް އޭނަގެ ކޮފީތަށިން ކޯވަރެއް ދަމާލަމުން މަޢުޟޫއު ބަދަލުކުރިއެވެ.
“އޮހް! އެ ވާހަކަ އާތިފް ގާތު ބުނަންވެގެންނޭ މި ހުންނަނީ…..ހަމަ ރޭގަ ބުނެވުނު އެތި ކުރިއަށް ގެންދަން ހިތަށްއަރަނީ. ފުރާވަރުގެ ޢުމުރުގައި މުޖުތަމަޢަށް ކޮންމެވެސް ޚިދުމަތެއް ކޮށްދޭ ކުދިންކޮޅެއް ގެނެސް އެ ކުދިން އިންޓަވިއު ކުރާނީ. އޭރުން އެ ޝޯ ބަލާ ކުދިންނަށް ވެސް ޚިދުމަތެއް ކުރަން ވަރަށް ބޮޑު ހިތްވަރެއް ލިބޭނެއޭ ހިތަށްއެރީ.” މިރްޒާން ކިޔައިދިނެވެ.
“ސަޅި! އެކަމަކު އެކަހަލަ އެހާ ބައިވަރު ކުދިންނެއް ނުތިބޭނެ ކަންނޭނގެ ދޯ؟ އެކަހަލަ ކުދިން ރާއްޖޭގަ އުޅޭތަ؟” އާތިފް ސިކުނޑިއަށް ބާރުލުމުން ވެސް އެކަހަލަ ކުއްޖެއް ޚިޔާލަށް ނައުމުން ސުވާލު ކުރިއެވެ.
“އެއްކަލަ އުޅެއެއްނު އައިޓީ އައްޒާމް؟ އޭނަ ރަނގަޅުވާނެއެއްނު؟ އެންމެ 19 އަހަރުގައި އެހެރީ އައިޓީ ކިޔަވައި ނިންމައިގެން އަމިއްލަ ފިހާރައެއްވެސް ހުޅުވައިގެން.” މިރްޒާން ހަނދާންކޮށްދިނެވެ.
“އާނދޯ؟ އޭ އަދި އުޅޭނެ ވަރަށް ރީއްޗަށް އަތްތެރި މަސައްކަތް ކުރާ ފިރިހެން ކުއްޖެއް. މި ދިޔަ މަހު އަހަރެންގެ ކަޒިންއެއްގެ ވެޑިންގްއަކަށް ބެކްޑްރޮޕް ހަދައިދިނޯ. ފުދޭވަރަކަށް އަގު ހެޔޮ ކޮންނޯ ހަދައިދިނީވެސް. އެއީ އެންމެ 15 ވަރަކަށް އަހަރުގެ ކުއްޖެއްކަމަށް ކަޒިން ބުނީ…” އާތިފް ހަނދާންކުރަމުން ކަހަލަ ގޮތަކަށް ކިޔައިދިނެވެ. އާތިފް އެ ވާހަކަ ދެއްކީ އާދައިގެ ވާހަކައެއްގެ ގޮތުގައި ވިޔަސް އޭނަގެ އެ ވާހަކައިން މިރްޒާންގެ ހިތް ތެޅިލިއެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި އޭނައަށް އިނދެވުނެވެ. 15 އަހަރުގެ އަތްތެރި މަސައްކަތް ކުރާ ފިރިހެން ކުއްޖެކޭ ބުނުމުން ސިކުނޑީގެ އެކި ތަންތާނގައި ހުރި އެކި މަޢުލޫމާތު ގުޅިގެން ގޮސް އުފާވެރި ޚަބަރެއްގެ ކޮޅުމަތި އޭނައަށް ފެނިގެން ދިޔައީ ކުއްލިއަކަށެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.
“ކް….ކޮން ނަމެއް ކިޔާ ކުއްޖެއްތީ؟” ހިތުތެރޭގައި ޖަހަން ފެށި އުފާވެރިކަމުގެ ވިންދާއެކީ މިރްޒާނަށް އެހެން އަހާލެވުނީ ވެސް ތުންފަތްމައްޗަށް ވެރިވި ލުއި ހިނިތުންވުމަކާއެކީ ކެތްމަދުވެފައިވި ގޮތަކަށެވެ. އެހެނަސް އާތިފަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ.
“ވަރަށް އާދައިގެ ނަމެއް ކިޔަނީވެސް. ޙަސަން.” އާތިފް ބުނެލިއެވެ. އެއާއެކު އުފަލުން ނަށައިގަންނަން ތައްޔާރުވި މިރްޒާންގެ ހިތް މަޑުމޮޅިވެގެން ދިޔައެވެ. އޭނަގެ ހިނިތުންވުން ފަނޑުވެ އޭނަގެ ލޮލަށް ވެރިވި އުޖާލާކަން ގެއްލިދިޔައެވެ. އޭނަ އުއްމީދުކޮށްގެން ހުރި ނަން ނޫން އެހެން ނަމެއް އިވިގެން ދިޔުމުންނެވެ.
“ކަޒިން ކައިރިން އަހާލީމަ އެނގޭނެ ޙަސަން އުޅޭތަން. އައްޒާމް ވެސް މިދުވަސްކޮޅު މާލޭގަ ނެތްހެން އަހަންނަށް ހީވަނީ. އަހަރެ….އޯ ގޯޑް ވައިފް މިއޮތް ގުޅަނީ! އެބަ އަންނަން ކުޑަ ސޮރު ސްކޫލަށް ލާފަ.” އާތިފް ވާހަކަ ދައްކަން އުޅެނިކޮށް މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން އޭނަ ޙަރަކާތްތައް އަވަސް ކޮށްލަމުން ކޮޅަށް ތެދުވެލިއެވެ. އާތިފް ފޯނުން ވާހަކަ ދައްކަމުން ސައި ކޮޓަރިން ނިކުތް ވަގުތުވެސް މިރްޒާނަށް އަމިއްލަ ޚިޔާލުތަކުގައި އިންތާ އިނދެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟ މި ދުވަސްވެގެން ދާނީ އޭނަގެ މުޅި ޙަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި ދުވަސްހެން އޭނައަށް ދާދި ދެންމެއަކު ހީވިއެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި އެ ހުވަފެން ވިއްސިވިހާލިވެއްޖެކަން ޔަޤީންވުމުން މިރްޒާންގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ވަގުތު މިރްޒާންގެ ހިތް ޝައިޠާނީ ވަސްވާސްތަކުން ފުރިގެން ދިޔައެވެ. އޭނައަށް މިހެން ދިމާވާންވީ ކީއްވެތޯ ހިތަށްއަރަން ފެށިއެވެ. އޭނަ ހެދީ ކޮން ގޯހެއް ހެއްޔެވެ؟ އޭނައަށް މި މުޞީބާތެއް ކުރިމަތިވިއްޔާ ވެފައިވަނީ އޭނަ ތައުބާވުމަށް ފަހުގައެވެ. ތައުބާނުވެ އޭނަ އިޞްލާޙު ނުވިނަމަ އޭނަގެ ދިރިއުޅުން މި ފައްތަރަށް ނައީހެވެ.
މިރްޒާންގެ ޚިޔާލުތައް އެހާ ހިސާބަށް ދިޔަތަނާހެން އޭނައަށް ބޯހޫރުވާލެވުނީ އެއީ ކިހާ ނުބައި ޚިޔާލުތަކެއްކަން އެނގުންވުމުންނެވެ. އޭނަ ތައުބާނުވިނަމަ އޭނައަށް ދެދުނިޔެއިން ވެސް ލިބޭނެ ގެއްލުން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ކަން އޭނަ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އަދި އޭނައަށް ހެޔޮ މަގު ފެނިގެން ދިޔައީ ޚުދު އޭނަ އެކަމަށް އެދި ﷲ އަށް ކުރި ދުޢާއެއްގެ ސަބަބުންކަން ހަނދާންވުމުން މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހިތާހިތުން އޭނަގެ ފާފަތައް ފުއްސެވުމަށް އެދި އޭނައަށް ދުޢާ ދެންނެވުނެވެ. އަދި އޭނައަކީ އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާލާ މީހަކަށް ނުލެއްވުމަށް އެދި ދުޢާކުރެވުނެވެ. އެ ދުޢާތައް ކުރެވުނީ ހިތުން ކަމަށްވިޔަސް އެންމެ ފަހުން އޭނައަށް މާނަ އެނގޭ އިބްރާހީމް ސޫރަތުގެ އާޔަތެއްގެ ބައެއް ދުލުން ކިޔާލެވުނީ ހިތް އެކަމަށް އެދުނު ވަރުންނެވެ.
“اِنَّ رَبِّى لَسَمِيْعُ الدُّعَاءِ….” މިރްޒާން އެހެން ކިޔާލީ ހަމައެކަނި އޭނަގެ އަމިއްލަ ނަފްސަށް އިވޭވަރަށެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ކުރު ބަސްކޮޅުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ޝައްކެއްނެތް ގޮތުގައި ތިމަންގެ ވެރިރަސްކަލާނގެއަކީ ހަމަ ޔަޤީނުންވެސް ދުޢާ އަޑުއައްސަވާ ރަސްކަލާނގެއޭ ބުނެވުނު ހިނދު އޭނަގެ ހަނދާނަށް އައީ އޭނަގެ ޙަޔާތުގައި އޭނަގެ ވެރި ރަސްކަލާނގެ އޭނަގެ ދުޢާތައް އިޖާބަކުރައްވާފައިވި ދުވަސްތަކެވެ. މި ހުރިހާ ދުވަހު އެކަލާނގެ އެގޮތުގައި ވޮޑިގެންވީ ހިނދު ކުރިއަށް އޮތްތާނގައި އެކަން ބަދަލުވާންވީ ސަބަބެއްނެތެވެ. އެއާއެކު އަނެއްކާވެސް އޭނަގެ ޢާއިލާ އަނބުރާ އޭނަގެ ޙަޔާތަށް އަންނާނެ ކަމުގެ އުއްމީދު މިރްޒާންގެ ހިތުގައި އާލާވެ އެ ހިތުގައިވި ރިހުމަށް ލުއެއް ލިބިގެން ދިޔައެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ ﷲ ގެ ރަޙްމަތަށް އެ ކުރި އުއްމީދުގެ ސަބަބުން އެ ރަޙްމަތް އޭނައާއި އަދި އިތުރަށް ގާތްވެގެންވި ކަމެވެ.
މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު މާޝާގެ ހިތް ރޭއްސުރެވީ ހައިޖާނެއްގެ ތެރޭގައެވެ. ދަޢުވަތު ކާޑުގައިވި އާޔަތް ފެނުނީއްސުރެ ސްކޫލާއި ހަމައަށް ދެވެންދެން ވެސް އޭނައަށް ވިސްނެމުން ދިޔައީ ޤުރުއާނުގައި އޭނަ އުފާވާންޖެހޭ ސަބަބަކަށް އޮންނާނީ ކޮންކަމެއް ކަމާއިމެދުގައެވެ. އެކަމާމެދު ވިސްނުމުގެ ސަބަބުން ހެނދުނުގެ ނާސްތާ ކުރިއިރު، އޭނަ މީގެ 2 ހަފްތާ ފަހުން ފެށެން އޮތް ދަރުސްތަކަށް ދާން ޚިޔާލުކުރި ވާހަކަ ވެސް ބައްޕަމެން ކައިރި ބުނަން ހަނދާން ނެތިފައިވިއެވެ. އޭނައަށް އެ ވާހަކަ އެހެން މީހަކާއި ޙިއްޞާ ކުރާނެ ފުރުޞަތެއް ލިބިގެން ދިޔައީ އެދުވަހު ސްކޫލަށް ގޮސް 3 ވަނަ ގަޑި ރިލީފަށް ލިބުމުންނެވެ. ކްލާހުގައި ތިބި ބައެއް ކިޔަވާ ކުދިން އެދުވަހު އޮތް އިމްތިޙާނަކަށް ކިޔެވުމަށް ސަމާލުކަން ދިނެއްކަމަކު މާޝާއާއި އޭނަގެ އެންމެ ގާތް ދެއެކުވެރިން އާދައިގެ މަތިން ވާހަކައެއް އަޅުވާލަން ނިންމިއެވެ. މާޝާއަށް ވަގުތުން ދެކެވެން ފެށީ އެއާރޕޯޓުގައި ދިމާވި ކަންތައްތަކުގެ ވާހަކައެވެ. އައްޒާމް އެންމެ ފުރަތަމަ ފްލައިޓް ތެރެއިން ފެނުނީއްސުރެ ރޭ އޭނަ ކެނޑި ޕާރުސަލުން ފެނުނު އާޔަތާއި ހަމައަށް އޭނަ އެންމެ ތަންކޮޅެއްވެސް ދޫކުރުމެއްނެތި އޭނަގެ އެކުވެރިންނަށް ކިޔައިދިނެވެ. މާޝާ އުއްމީދުކޮށްގެން ހުރީ އޭނަގެ ސިކުނޑިވެސް އެ އާޔަތާއިމެދު ޝައުޤުވެރިވީހެން އޭނަގެ އެކުވެރިންވެސް ދައްކާނީ އޭގެ ވާހަކަ ކަމަށެވެ. އެހެނަސް…..
“އަސްލުވެސް ވަރަށް ވިއާޑް….އެހާ ހޮޓް ކުއްޖަކު ދީންވެރިވެދާނެކަމަށް ކާކު ހީކުރާނީ؟” ސަފާ އެންމެ ފުރަތަމަ ވެސް ބުނެލީ އެހެންނެވެ. މާޝާއަށް އެއަށް އެއްޗެކޭ ނުބުނެ ރައިނާ ވާހަކަ ދެއްކިއެވެ.
“އަޅޭ ހަމަ އަސްލުވެސް އޭނަ އެހާ ރީތިތަ؟ އައި ވަންޑާ…..ފޮޓޯއެއް ނެގިނަމަ މާޝް!” ރައިނާ ހުވަފެނީ ގޮތަކަށް ބުނެލިއެވެ. އެއާއެކު މާޝާއަށް ހީލެވުނެވެ. ހިނދުކޮޅެއްގެ ތެރޭގައި މާޝާވެސް އާޔަތުގެ މަތިން ހަނދާންނެތި އައްޒާމްގެ ރީތިކަމުގެ މަތިން ހަނދާން އާވާން ފެށިއެވެ. ކުއްލިއަކަށް އޭނަގެ އެކުވެރިން އިތުރަށް ތަޅުވާލުމުގެ ރޫޙެއް އޭނަގެ ހިތުގައި އުފެދުނެވެ.
“އާނއެކޭ…..އެއީއެއްނު މިހާރު ހިތާމަ މިކުރެވޭ ކަމަކީ. ފޮޓޯއެއް ނަގައި އެ އަޑުވެސް ރެކޯޑް ކުރެވުނުނަމަ. ހާދަ ހޮޓް އަޑެކޭ. ހަމަ ގައިން ހީބިހި ނަގައިގެން ދިޔައީ އެހާ ކައިރީގަ ހުރެ ވާހަކަ ދެއްކިއިރު.” މާޝާގެ ނިޔަތަކަށްވެފައިވީ އޭނަގެ ދެ އެކުވެރިން ޙަސަދަވެރިކުރުވުމެވެ. އެކަން މާ ރަނގަޅަށް ވެސް ކާމިޔާބުވިއެވެ. އެ ދެމީހުންގެ މޫނުމަތިން އެ އަސަރުތައް ފެނިގެން ދިޔައިރު ‘ޔޫ ލަކީ ގާލް’ އޭ އެމީހުން ކިޔަން ފެށިއެވެ. ލަހުން ސްކޫލަށް އާދެވުނު ލިއާމް އެއްކޮނޑުގައި ދަބަސް އަޅުވައިގެން ކުލާހަށް ވަދެގެން އައީ އެވަގުތެވެ.
“ކޮން ވާހަކައެއް މާ ހެވިލާފަ މި ދެކެވެނީ؟” ލިއާމް މާޝާމެންގެ ކުރިމަތީގައި ހުރި ހުސް ގޮނޑިއެއް އަނބުރައި މާޝާއާއި ދިމާ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. ސަފާ ވަގުތުން މާޝާއަށް އެހެން ފިރިހެން ކުއްޖަކު ރީތިވެގެން އުޅޭ ވާހަކަ ބުނަން އުޅުނުތަނާހެން މާޝާ އެ ވާހަކަ މެދުކެނޑިއެވެ.
“މި ދައްކަނީ އަހަރުމެން އިންތިހާއަށް އުފާވާންޖެހޭ ސަބަބެއްގެ ވާހަކަ. އަޅެ ލިއާމްއަށް އެނގޭތަ އަހަރުމެން އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުކަން.” މާޝާ އެ ވާހަކަ ދެއްކީ ލަދުކުޑަ، ލާނެތް ރާގަކަށެވެ. އޭގެ މާނަ ހުތުރު ގޮތަކަށް ނަގައި އެ ބީދައިން ޖަވާބު ދެވޭނެ ފަދައަކުން ބުނެލީ، އޭނައަށް އެ ވާހަކަ އިވިފައިވަނީ އާޔަތަކުން ކަން މުޅިންވެސް ހަނދާން ނައްތާލަމުންނެވެ. ލިއާމް އެ ވަގުތުކޮޅުގެ ބޭނުން ހިފިއެވެ.
“ތި ދައްކަނީ….މާޝާގެ ވާހަކަ ކަމަށްވިއްޔާ މާޝާ އިންތިހާއަށް އުފާވާންޖެހޭ ސަބަބު މިހިރީ ކުރިމަތީގަ. މި ނޫން އެހެން ސަބަބެއް އަހަންނަށް ނުފެނޭ މާޝާ އިންތިހާއަށް އުފާވާންޖެހޭ ކަމަކަށް.” ލިއާމް އެހެން ބުނެލީ މާޝާގެ މައްޗަށް އޮތް އޭނަގެ ‘ބާރުވެރިކަން’ ހާމަވާނެ ފަދައަކުންނެވެ. އޭނަ ނޫން މީހަކާއެކީ މާޝާ އުފާވާންޖެހޭ ސަބަބެއް ނެތްކަން ނުސީދާކޮށް ވިޔަސް މާޝާއަށް ވިސްނައިދިނުމަށެވެ. މާޝާގެ ދެ އެކުވެރިން ލިއާމް އެހެން ބުނެލީ ލޯބިން ކަމަށް ނިންމައި ‘އޯންވް’ އޭ ކިޔާލިއެއްކަމަކު ލިއާމްގެ ނިޔަތުގެ ހިލަމެއްވީ މާޝާއަށް ހިނިތުންވެލައިގެން އިނދެވުނީ ދެލޯ ހަނިކޮށްލައިގެންނެވެ. ލިއާމްގެ މި ސޫރަ އޭނައަށް ފެނިފައިވަނީ އަލަށް ނޫނެވެ. ފާއިތުވި 2 މަސް ތެރޭގައި އޭނައަށް އެތައް ފަހަރެއްގެ މަތިން ލިއާމްގެ ފަރާތުން އެފަދަ ބަސްތައް އަމާޒުވެފައިވެއެވެ. ބައެއްފަހަރު މާޝާއަށް ލިއާމްގެ އެ ސިފައަށް ފާޑު ކިޔޭއިރު އަނެއްބައިފަހަރު އެއީ ލިއާމްގެ ފިރިހެންވަންތަކަން ކަމަށް މާޝާއަށް އަމިއްލަ ނަފްސަށް ވިސްނައިދެވެއެވެ. އެގޮތަށް ވިސްނަން ގިނަފަހަރު މަޖުބޫރުވަނީ ލިއާމަކީ މުޅި ސްކޫލުން ވެސް އެންމެ މަޝްހޫރު އަދި ބާރުގަދަ ފިރިހެން ކުއްޖާއަށްވުމުންނެވެ. ލިއާމަށް ފާޑު ކިޔައިފި މީހަކަށް މުޅި ޢުމުރު ދުވަހަށް ފާޑުކިޔުންތައް އަމާޒުވާނެއެވެ. އަދި އެހެނިހެން އަނިޔާތައް ލިބުން ވެސް އެކަށީގެންވެއެވެ. ސްކޫލްގައި ހަގާކުރެވިފައިވި ގިނަ ކުދިންނަކީ ލިއާމާއި އޭނަގެ ބައިގަނޑުގެ ފުރައްސާރަތައް އަމާޒުވެފައިވި ކުދިންނެވެ. ކަން މިހެން އޮތްއިރު މާޝާ ލިއާމާއި ދެކޮޅަށް އަޑުއުފުލުމަކީ އަމިއްލަ ނަފްސު ބަރުބާދުގެ ތެރެއަށް ދޫކޮށްލުން ފަދަ ކަމެއްހެން މާޝާއަށް ހީވެއެވެ. ކޮންމެހެން ވެސް އޭނައާއި ލިއާމްގެ ގުޅުން ދެމެހެއްޓޭތޯ އޭނަ މަސައްކަތް ކުރާ އެއްސަބަބަކީ އެއީއެވެ.
މާޝާ އަމިއްލަ ޚިޔާލުތަކުގައި ހުއްޓާ ލިއާމް އޭނަގެ ފަޓުލޫނުގެ ޖީބުގެ ތެރެއިން ތަޅުދަނޑިއެއް ނަގައި ދައްކާލިއެވެ.
“ފައިނަލީ ގޮޓް މައި ލައިސެންސް! މިއަދު ރައިޑަކަށް ދާންވާނެ މާޝް!” ލިއާމް ފަޚުރުވެރިކަމާއެކީ އެހެން ބުނެލީވެސް މާޝާ ބޭނުންވާނެތޯ އެހުމެއްނެތިއެވެ. މާޝާއަށް ލިބުނު ކުޑަ ސިހުމަކާއެކީ އޭނައަށް ތެޅިގަނެވުނެވެ.
“ނޫން ލިއާމް! ބައްޕައަށް ފެނިއްޖެއްޔާ ވަރަށް ސަކަރާތްވާނެ.” މާޝާއަށް ބުނެލެވުނެވެ. މިހާތަނަށް އައިއިރު އޭނަ ރައްޓެހިވި އެއްވެސް ކުއްޖަކާއެކީ ސައިކަލަކަށް އަރާފައެއްނުވެއެވެ. އޭނަގެ ލޯބިވެރިއަކަށް ލައިސެންސް ލިބޭފަދަ ޢުމުރަކަށް މި އައީ އަދި ކިރިޔާ ވިއްޔާއެވެ. އަދި އޭނަ އެފަދަ ކަމެއް ކުރަން ޖެހިލުންވެސް ވަނީއެވެ. އެކުވެރިންގެ މެދުގައި އޭނަ ލަދުކުޑަކޮށް ވާހަކަ ދެއްކިޔަސް އޭނައަށް ގިނަ މީހުންގެ ކުރިމަތީގައި އެފަދަ ކަމެއް ކުރާކަށް ނުކެރެއެވެ. އެއީ ނުބައެއް ކަމަށް ތަކުރާރުކޮށް ބުނާ އޭނަގެ ހިތުގެ ސަބަބުންނެވެ.
“ޓްސްކް ޓްސްކް…..މާޝާއަށް ހީވަނީ މަ އުޅެނީ މާޝާ ގޮވައިގެން ސައިކަލަށް އަރައިގެން ގޮސް އެ ބައްޕަގެ ކުރިމައްޗަށް އަރަން ކަމަށްތަ؟ މަވެސް އެހާ ގަމާރެއް ނޫނޭ. ޗިލް އައުޓް! މިއަދު ސްކޫލް ނިންމާފަ ވީ އާރ ގޮއިންގް! ދެން މިކަހަލަ ކަމެއް ކުރަން ޗާންސެއް ނުލިބޭނެއޭ ލައިފްގަ. މުސްކުޅިވެ ދަތް ވެއްޓުނީމަ ސައިކަލްމަތިން ނަގާ ސެލްފީވެސް އެހާ ރީއްޗެއް ނުވާނެ.” ލިއާމް ދެއްކި ވާހަކައިން މާޝާގެ ދެކޮޅުގައި ތިބި ދެއެކުވެރިންނަށް ހެވުނުއިރު މާޝާއަށް ވެސް ނުހޭން ހުރެފައި ހެވުނެވެ. އެންމެފަހުން އޭނަގެ ދެއެކުވެރިން ވެސް ކިޔަން ފެށުމުން މާޝާއަށް ދެންވެސް ޖެހިލުންވުމަކާއެކީ ބޯޖަހާލެވުނެވެ. އެއާއެކު ލިއާމްގެ މޫނުމައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
ސްކޫލްގެ ސެޝަން ނިމުމާއެކު ލިއާމް އޭނަ ބުނެފައި އޮތް ފަދައިން އޭނަގެ ސައިކަލް ސްކޫލްގެ ގޯތިން ނެރެ ގޭޓުގެ ކައިރީގައި މަޑުކޮށްލައިގެން މާޝާގެ އިންތިޒާރުގައި އިނެވެ. ލިއާމް އެކަމާމެދު ހަނދާން ނުހުންނާނެކަމަށް ސްކޫލުން ނިކުންނަމުން އައި މާޝާއަށް އުއްމީދު ކުރެވެމުން ދިޔައެވެ. އެހެނަސް ގޭޓާއި 10 ފިޔަވަޅެއްހާ ދުރުގައި އޭނަ ވަނިކޮށް ލިއާމް އޭނަގެ ސައިކަލު ފަހަތަށް ޖައްސައި ގޭޓުގެ ކުރިމައްޗަށް އެރިތަން ފެނުނެވެ. އެއާއެކު މާޝާގެ ފިޔަވަޅުތައް ލަސްވިއެވެ. އެކަން ފާހަގަވި ލިއާމް އޭނަގެ ސައިކަލުން ޒޫމް އަޑު ލައްވާލިއެވެ. މާޝާގެ ފިޔަވަޅުތައް އަވަސްކުރުވުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބު ވެސްވިއެވެ. އޭނަ ނުރުހުންވެދާނެ ކަމުގެ ބިރަށްޓަކައި މާޝާ އަވަސްއަވަހަށް އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. އަދި ސައިކަލަށް އަރައި ހަމަކޮށް ފުން ނޭވައެއް ދޫކޮށްލަމުން ދެންވެސް ވާހަކަ ދެއްކިއެވެ.
“ލިއާމް ޕްލީޒް! މިއީ ރަނގަޅު ޚިޔާލެއްހެން އަހަންނަށް ހިއެއްނުވޭ. އެހެން ދުވަހަކު ދަމާދޯ؟” މާޝާ ދެންވެސް ލިއާމަށް ވިސްނައިދެވޭތޯ ބެލިއެވެ. އެހެނަސް ލިއާމް ހަމައެކަނި އަންގާލީ އެރުމަށެވެ. އެއަށްފަހު މާޝާ ސައިކަލަށް އެރީ އެހެން ގޮތެއް ނެތްހެން ހީވާ ފަދައަކުންނެވެ. ލިއާމްގެ އަތްދަށަށް އޭނަ ގޮސްފައިވި މިންވަރު މާޝާގެ ހިތަށް ފޮރުވިފައިވީ އޭނައަށް ލިއާމްގެ މިޒާޖު ކަމުދާ ކަމުގެ ފަރުދާއިންނެވެ. އަމިއްލަ ގޮތުގައި ހިފަހައްޓާނީ ‘ގަދަ’ ފިރިހެން ކުދިންނަށްހެން އޭނައަށް ހީވެފައި އޮތް ހީވުމުންނެވެ. އޭނައަށް ނޭނގުނު ކަމަކީ މީހަކު އެމީހަކަށްވުރެ ބަލިކަށި މީހެއްގެ އިޙްޞާޞްތަކަށް ވިސްނުމެއްނެތި އަމިއްލަ އެދުމުގައި ހިފަހައްޓާނީ ޚުދު އެމީހެއްގެ ބަލިކަށިކަން އޭނައަށް އިޙްޞާޞް ކުރެވޭތީވެކަމެވެ. އަދި ހަރުދަނާ މީހަކީ އަބަދުވެސް އެހެން މީހުންގެ އިޙްޞާޞްތަކަށް ރިޢާޔަތް ކުރުމުގެ ޤާބިލުކަން ލިބިފައިވި މީހެއްކަމެވެ.
އެދުވަހުގެ މެންދުރު ނަމާދަށް ކާފަ ދަރުސްދޭން އުޅޭ މިސްކިތަށް ދާން ބޭނުންވާކަން އައްޒާމަށް އެނގުންވީ ކާފަ ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. އޭނަ ދަރުހަށްދާން ނިންމި ވާހަކަ ބުނީއްސުރެ ކާފަގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ދަރުސްތައް ފަށަން ކާފަ ކެތްމަދުވެފައި ވިފަދައެވެ. އެ މިސްކިތް ފުދޭވަރަކަށް ބޮޑުވެސް ވާނެހެން ހީވެއޭ ކިޔާފައި ވާހަކަ ފެށުމުން އައްޒާމް ތިމަންނަ ގެންގޮސްދީފާނަމޭ ބުނެލީ އަމިއްލަ އެދުމަށްވުރެ ކާފަގެ އެދުން އިސްކުރަމުންނެވެ. ޙަޤީޤަތުގައި އައްޒާމް އެދުވަހުވީ އޭނަގެ އެސިސްޓެންޓަކަށްވެސް ޙައްލު ނުކުރެވުނު ކޮންމެވެސް ސައިޓެއްގެ މައްސަލައެއް ޙައްލު ކުރުމުގެ މަސައްކަތުގައެވެ. އެހެނަސް އޭނަ އެމީހުން ތިބި ގެސްޓް ހައުސްއާއި ފުދޭވަރަކަށް ދުރު ހިސާބެއްގައި ހުރި އެ މިސްކިތަށް ދާން ނިންމީ ހަމައެކަނި ކާފައަށްޓަކައެވެ. ކާފަ އުފާކޮށްދެވޭނެ އެހެން ދުވަހެއް ފަހަރެއްގައި ދެން ނުލިބިދާނެކަން ހަނދާން ކުރަމުންނެވެ. އޭރުން އޭނަ ދެރަވާނެ މިންވަރު އިޙްޞާޞް ކުރަމުންނެވެ.
މެންދުރު ނަމާދު ވަގުތު ޖެހެން ބައިގަޑިއިރެއްހާ އިރު އޮތްވާ ވުޟޫކޮށްލައިގެން މިސްކިތަށް ވަދެވެސް އައްޒާމް އޭނަގެ ހުރިހާ ސަމާލުކަމެއް ކާފައަށް ދީގެން އިނެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ހާޝިމް އެ މިސްކިތުގެ އިމާމުގެ ވާހަކަ ދެއްކިއެވެ.
“ފަރީދު މި ދުވަސްކޮޅު އުޅެނީ ވަރަށް ބަލިކޮށް. އެހެންވެ ކަންނޭނގެ ވަދެގެން އައިއިރު އެތާ ބޭރުގަ އެހާ ގިނަ ހިރަފުސް ހުރީ. ބަޔަކު މީހުން ބަލަން ނެތިއްޔާ ބައެއް މަސައްކަތު މީހުން ވެސް މަސައްކަތް ހުއްޓާލާނެ. މިސްކިތެއް ސާފުޠާހިރުކޮށް ބެހެއްޓިއްޔާ އޭގެ ޘަވާބު ލިބޭނެކަން އިޙްސާސް ކުރެވެނީ މަދު ބަޔަކަށް.” ހާޝިމް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އައްޒާމް ވިސްނުމެއްގެ ތެރޭގައި އިނދެފައި ވާހަކަ ދެއްކިއެވެ.
“ކާފަ ބޭނުމިއްޔާ އަހަރެން މިތަން ފޮހެލަދީފާނަން.” އައްޒާމް ބުނެލިއެވެ. އެއާއެކު ހާޝިމަށް ހީލެވުނެވެ.
“ހެހެހެ…..ޔަޤީންތަ؟ އެތާ ބޭރުން އެބަ ފެނޭ ނޫކަށި ފުރައިގެ ކުދިން ސްކޫލުން ގެއަށްދާ މަންޒަރު. އައްޒާމް ކުނި ފޮހެން ހުއްޓާ އެމީހުންނަށް ފެނިއްޖެއްޔާޔޯ؟” ހާޝިމް އައްޒާމްގެ ނަޒަރިއްޔާތު ހުރިގޮތް ދެނެގަތުމަށްޓަކައި ސުވާލުކުރިއެވެ.
“އެމީހުން ކޮންމެ އެއްޗެއް ހީކުރިޔަސް އެއްވެސް މަސައްކަތަކީ ދަށް މަސައްކަތެއް ނޫނެއްނު ކާފާ؟ މިކަން ނުކުރިއްޔާ އުދަގޫވެސް ވާނީ ހަމަ އެމީހުންނަށް. އަހަރެން އެބަ އަންނަން.” އައްޒާމް ސީރިއަސްކަމާއެކީ އެހެން ބުނެ ވަގުތުން ކޮޅަށް ތެދުވެލިއެވެ. އަދި ހީވާގި ހިނގުމެއްގައި ގޮސް އެތާ ބޭރުގައި ހުރި ފިހިގަނޑު ނަގައި ފަރިތަކަމާއެކީ އެތާ ބޭރުގައި ހުރި ޓައިލްސްމަތި ސާފުކުރަން ފެށިއެވެ. އަނެއްކާވެސް އައްޒާމްގެ އާދަޔާ ޚިލާފު ސިފައެއް ފެނިގެން ދިޔުމުން ހާޝިމަށް ހިނިތުންވެލެވުނެވެ. އައްޒާމަށް ދީނާއިމެދު ނޭނގުނަސް އޭނަގެ އަޚްލާޤަކީ ދީނާއި އެއްވެސް ޚިލާފެއްނެތް ސިފަތަކެއްކަން އެނގުންވާ ކޮންމެ ފަހަރަކު ހާޝިމްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެއެވެ. އިސްލާމްދީން އައީ އެ އަޚްލާޤް ފުރިހަމަ ކުރުމަށްޓަކައިކަން އައްޒާމަށް އެނގޭނެނަމައޭ އޭނަގެ ހިތަށް ހާސްފަހަރު އަރައެވެ. އެދުވަހަކުން އައްޒާމްވެގެން ދާނީ އީމާންތެރިކަމުގައި މިސާލުޖެހިގެންދާ ޒުވާނަކަށްކަން ހާޝިމަށް ޔަޤީނާއި ގާތްވެއެވެ. އޭނަގެ އެ އެދުން ފުރިހަމަވާން ދެން މާ ގިނަ ދުވަހެއްނެތްކަން އިޙްސާސް ކުރެވުމުން އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
**
“މާޝް ބަލާބަ އެހެރަ މިސްކިތެއްގަ ބުރުސް ހިފައިގެން ހުރި މީހަކު. މިހާރު މަސައްކަތު މީހުންނަށް ވެސް އެހާ ކޮލިޓީ ޖިންސާއި ގަމީސް ދޭން ފެށީތަ؟” ލިއާމް ބިރުވެރި ސްޕީޑެއްގައި ސައިކަލު ދުއްވަމުން ކުރިމަތިން ފެންނަމުން ދިޔަ މިސްކިތް ތެރެއިން ފެންނަމުން ދިޔަ މީހާއާމެދު މާޝާއާއި ސުވާލުކުރިއެވެ. މާޝާ އެއްފަރާތަށް އޭނަގެ ބޯދިއްކޮށްލަމުން އެ ޒުވާނާ ފެނޭތޯ ބެލިއެވެ. އެ ޒުވާނާ ހުރީ ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންކަން އެނގުންވީ ތަނާހެން ކުއްލިއަކަށް ލިއާމް ސައިކަލުގެ ބުރަކި ޖައްސާލީ، ބައިސްކަލެއްގައި ބޮޑު ކެޔޮގަނޑެއް ހިފައިގެން އަންނަމުން ދިޔަ ބޭރު މީހަކު ފެނުމުންނެވެ. ބުރަކި ޖެއްސުމުން ވެސް އެ ބައިސްކަލުގައި ސައިކަލު ޖެހިދާނެހެން ހީވުމުން ލިއާމް ކުއްލިއަކަށް ސައިކަލު އަނބުރާލިއެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް މާޝާ އެއްފަރާތަކަށް ކައްސައިގެން ގޮސް ސައިކަލުން ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަ ވަގުތު ގަތް ބިރެއްގެ ސަބަބުން އޭނައަށް ހަޅޭއްވެސް ނުލެވުނެވެ. އޭނަ ބިންމަތީގައި ބަންޑުން ޖެހުނު ވަގުތު ޔުނިފޯމްގެ ތެރެއިން އަތް މަށައިގެން ދިޔަ އިޙްސާސް ކުރެވުމުން އޭނަގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތެވެ. އެ ހިނދު ބައިސްކަލުން އައި މީހާވެސް ލިއާމްގެ ސައިކަލުގައި ޖެހި ވެއްޓިފައި އޮތް މަންޒަރު އޭނައަށް ފެނުނެވެ. އެއަށްފަހު ސައިކަލު މަތީގައި ސަލާމަތުން ހުރި ލިއާމަށް މާޝާއަށް ބަލާލެވުނީ އޭނައަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެކަމުގެ އުއްމީދުގައެވެ. އެހެނަސް…..
“ބަލަ ކަލޭމެންނަށް ބަލައިގެން ނުދުއްވެނީތަ؟ ބައިސްކަލެއް ލިބިއްޖެއްޔާވެސް އެއޮތީ ދުނިޔެ ރަންވެފަ. ތި ކެޔޮގަނޑު ބޮލަށް ލައިގެން އައިއްޔާ ކީއްވާނީ؟ ބޯހަލާކު!” ލިއާމް ސައިކަލުން ފައިބައި އެ ބޭރު މީހާއާއި ދިމާލަށް އޭނަގެ ރުޅި ބާލަން ފެށިއެވެ. އެމީހާ ތެދުވެ ބައިސްކަލު ތެދުކުރުވި ވަގުތަކީ މިސްކިތު ތެރޭގައި ހުރިހާ މަންޒަރެއް ބަލައިގެން ހުރި އައްޒާމް މިސްކިތުގެ މައިދޮރާއި ހަމައަށް އައި ވަގުތެވެ.
“ކިހިނެއް މިވަނީ؟” އައްޒާމް ދެންވެސް އެ ޙާދިސާ ހިނގި ހިސާބާއި ކައިރިވެލަމުން ލިއާމާއި މަޑުމައިތިރި އަޑަކުން މުޚާތަބު ކުރިއެވެ. ދަންނަ އަޑެއް އިވިގެން ދިޔުމުން މާޝާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.
14 Comments
Comments are closed.
mi vaahakaiga vaanuvaa eh neyge shau akah?
Subhaanallah shau. v dheravejje mi comment kiyaafa 🙁 In Sha Allah masakkaiy kuraanan adhi ithurah faseyhain dheyha kurevey fadha gothakah liyeveytho. 🙂 shau adhi kuriah kiyaalahchey In Sha Allah
this is soooo beautfiul..:) mi vaahakai ga ulheny mirzaan and enage kokko maashaa. den ehen myhun ves ulhey. mirzaan ge dhariaa wife vee thane nengigen mirzaan ulheny. i think mirzaan dheenveri aka v ma wife dhari aaigen dhiyaaee. e hasan aky aslu muhsin dhww..muhsin is mirzaan’s son. muhsin ge mamma name badhal kury kannenge.
den maashaage life aa dhimaa vaa myhun azzam aa liaam aa
mee den snow ah get vaa goi.
jazakillah khairan for such a lovely stry janaa <3
Ma Sha Allah snow! jana mi vaahaka ah fotheh ekulavaaliyya snow thi liyunu gothah kanneynge fothuge fahathuga summary liyaany. hehe 😀 v salhi ingey snow Mirzaan ge life guess koffa huri goiy. dhen balamaa vaahakaiga vaagoiy In Sha Allah. Baarakallah Feeki! <3
Masha Allah..
Wen next part?
Next part tuesday ga In Sha Allah 🙂
Blog post:
اِنَّ رَبِّى لَسَمِيْعُ الدُّعَاءِ
“….No doubt my Master is absolutely the One Who Listens to the call.” Surah Ibrahim, 39
Remember that one time you made a dua and Allah responded? If He swt has done that before, what makes you doubt that He won’t do it again? Just because the response is late this once, does not mean it’s never. (In Sha Allah)
Blog post (Dhivehi):
اِنَّ رَبِّى لَسَمِيْعُ الدُّعَاءِ
“….ހަމަކަށަވަރުންވެސް މިއަޅާގެ ވެރިރަސްކަލާނގެއަކީ ޔަޤީނުންވެސް ދުޢާ އަޑުއައްސަވާ ރަސްކަލާނގެއެވެ.” ސޫރަތް އިބްރާހީމް، 39
ތިބާ ދުޢާއެއްކުރުމުން ﷲ އެދުޢާ އިޖާބަ ކުރެއްވި ހަނދާން ތިބާ އެބަހުރި ހެއްޔެވެ؟ އެކަލާނގެ އެފަދައިން ކަންތައް ކުރައްވާފައިވީއިރު މުސްތަޤްބަލުގައި ދެވަނަ ގޮތެއްވާނެހެން ތިބާއަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ތިބާ ކުރި އެއް ދުޢާ އިޖާބަވުން ލަސްވިޔަސް އެ ދުޢާއަކީ ދުވަހަކުވެސް އިޖާބަވެގެން ނުވާނެ ދުޢާއަކަށް ވެގެނެއްނުވެއެވެ. (އިން ޝާ ﷲ)
Assalaam’alaikum. *sigh* adhi kiriya hama akah mi elhuny comment eh kurevey varah. Hehe…mi episode ga jana meege kurin eves vaahaka eggai koffai nuvaakameh koffai vaathy kuda vaahaka eh dhakkaalan beynun. Ey aayatheh e oiy gothah vaahakaiga hissa kurun. Mee jana emme kureessure ves v kuran beynunvegen huri kameh. Ekamaku mi hurihaa dhuvahu jehilunvefai hure mihaaru ehen hedhy sababakaa laigen.
Jana arabi kiyavamun dhaatha mee 3 vana aharu. Amilla pace ga time nagaigen online koh kiyavamun midhany. Busy schedule ge sababunnaai (to be honest faruvaa kudavumuge sababun) v gina medhukendunthah ves ai ekamaku Alhamdhulillah mi aharu thereyga varah bodu bai cover kurevunu. Egothun classical Arabic ge reethikamaai maana fun kan jana ihunahvure rangalhah engigen dhiyaee mi aharu. Enguneema ufaavee vaguthu dheraves vi. Hithah ery komme muslimakah ves e reethikan fennaane nama ey. Fenna nama aharumen ge hithugai Quran attakai vaa loabi adhi maana aai tafseer engumah vureves bodah ithuruvegen dhaane ey. Adhi aharumen aamu dhiriulhumuge vaahakaigai ves aayaiythah beynun kurumah loaibeh ufedhidhaane ey. Baeh meehun bunefaane komme meehaky ilm ungeneyne meeheh nooney. Ekamaku jana qabool kuran beynunvany komme kamaky ves Allah ge iraadhafulhun faseyha kohdhevidhaane kamekey. Adhi Allah handhuma kurumattakai kuraa kameggai barakaaiy lavvany hama ekani Allah. Fahareggai ves mi vaahaka hissaa mi kurany jana ah maa gina ehcheh engeykan dhekkumattakai noon. Thiya kiyuntheringe thereygai jana ahvure maa bodah ilm libifa thibi meehun thibeynekan jana ah yageen. Ekamaku mi vaahaka hissa mi kurany nuhanu faseyhain arabi neyngey kiyuntherinnah ves arabi bahaa ahuluveri vevidhaanekan haama kurumattakai. In Sha Allah jana vaahakaige therein jana kiyavamun dhaa link thakaa ehchehi ves hissaa kuraanan.
Jana ge ehenihen vaahaka thakaa khilaafah mi vaahakaige eh maqsadhaky Quran aa eky Arabi bahah ves kiyuntheringe hithugai shauquverikameh ufahdhai kommeves varakah Arabi bahaa familiar kohdhinun. Vakin khaassakoh Quranugai e bas beynun kurevifaivi gothuge furihama kan dhekkeytho belun In Sha Allah. Mi vaahaka plan kurevifai oiy gothun ves mee arabi bahaai nulaa kuriah nugendheveyne vaahaka eh. Vaahakaige nan ves dheefa vany egothah visnaafa. Baeh kiyuntherin hithah araane jana ge vaahaka akah arabi noon nameh mi dhiny furathama faharashey. Ekamaku nimey iru In Sha Allah engeyne hama ekani parcel egge maanaigai noonkan eythi aee.
Mee jana migothah visnaigen liyaa furathama vaahaka ah vumun thiya kiyuntheringe dua ves varah beynun. jana ves thiya kiyuntherin jana ge dua thakugai handhuma kuraanan In Sha Allah. Maai Allah alhamen emmenge hithugai ekalaange basfulhattakai nimumeh nuvaa loaibeh lavvai alhamennah hidhaayaiy ithuru kohdhevvaashi. Ameen!
Maa Sha Allah….vrh loabii vejje thihrr lha umuruga mi kahala rangalhu vaahakaeh liyaathee… Vrh loabii vejje
<3 <3 <3 <3
love u jana
love ur story
u r the best masha Allah <3
whatever talents, knowledge and skills i have are all by the Will of Allah. only He Knows whether i am making the best use of them or not. all praise belongs to Him. Alhamdhulillah! 🙂
love you too sister <3
Ur best Jana.. Masha Allah
Alhamdhulillah! 🙂