އާއިލާ
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
ރަފާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. އުޅެ ބޮޑުވީ މަންމަގެ ގާތުގައެވެ. ޚުދު ބައްޕަގެ ނަންވެސް ރަފާއަކަށް ނޭނގެއެވެ. އޭނާއަށް ނަން ދިންއިރު ބައްޕަގެ ނަން ނުދިނީވެސް އޭނާއަށް ބައްޕަ އޮޅުންފިލައިފާނެތީ ކަންނޭނގެޔޭ އޭނާގެ ހިތަށް އަރައެވެ. އޭނާ މަންމައާއި ބައްޕައާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ މަންމަގެ ޙާލު ބޮޑުވެއެވެ. ރޮވެއެވެ. ރުޅި އާދެއެވެ. އެހެންކަމުން ރަފާއަށް މަޖުބޫރުވެފައިވަނީ ބައްޕަ ހޯދަން ކިތަންމެ ބޭނުންވީ ނަމަވެސް ބައްޕައާއި ބެހޭގޮތުން މަންމައާއި އެއްވެސް ސުވާލެއް ނުކުރުމަށެވެ. އެއީ މަންމަވެސް އޭނާގެ ގާތުގައި އެދިފައިވާ ގޮތެވެ.
ރަފާގެ އާއިލާގައި އިތުރު ކުއްޖަކު ނުހުންނާތީ އޭނާއަށް އަބަދުވެސް އެކަނިވެރިކަން އިހުސާސްވެއެވެ. ނަމަވެސް މަންމަ އޭނާގެ އެދުމަށް ދިނީ ފުރަގަހެވެ. ހިތާމަކުރާ ޙާލުގައެވެ. ރަފާއަށް ދޮންބައްޕައެއް ހޯދައިދިނުމަކަށް އޭނާގެ މަންމަ، ރަޒީނާ ބޭނުމެއް ނުވިއެވެ. ދޮންބައްޕަގެ ސަބަބުން އޭނާއަށް ދެވޭ ސަމާލުކަން ކުޑަވެދާނެތީއެވެ.
ރަފާއަކީ މަންމަގެ ބަސްއަހާ ކިޔަމަންތެރި ދަރިއެކެވެ. ރަޒީނާގެ އަމުރަކާއި ޚިލާފަށް އޭނާ އެއްވެސް ކަމެއް ނުކުރާނެއެވެ. އޭނާގެ ހުރިހާވެސް މީހަކީ އޭނާގެ މަންމަ ރަޒީނާއެވެ. ބައްޕަދެކެ ލޯބިވީނަމަވެސް ބައްޕަގެ ލޯބި ލިބުމަކީ ނުވާނެ ކަމެއްކަމުގައި އޭނާ ނިންމިތާ ކިތަންމެ ދުވަހެކެވެ.
ރަޒީނާ ދެއްކި މަގުން ރަފާ ކުރިއަށް ދިޔައެވެ. މަންމަގެ ބަސް އަހައިގެން ރަނގަޅަށް ކިޔެވިއެވެ. އެހެންކަމުން އޭނާ ރަށުން ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ނިންމާލީ ރަށު ސްކޫލުން ފަޚުރުވެރި އެއްވަނަ ހޯދައިގެންނެވެ. ރަފާގެ މުސްތަޤުބަލަށްޓަކައި ރަޒީނާ ނިންމީ ރަފާ ކިޔެވުމަށް މާލެ ފޮނުވުމަށެވެ. ފުރަތަމަ މަންމައާއި ވަކިން ދާން ޖެހޭތީ ރަފާ ވަރަށް ދެކޮޅު ހެދިއެވެ. ނަމަވެސް ރަޒީނާގެ އެތައް އާދޭހަކުން ރަފާ މާލެ ދާން އެއްބަސްވިއެވެ.
“މަންމާ.. އަހަރެން ވާހަކައެއް އަހާލަންތަ؟” ރަފާ ވަރަށް ޖެހިލުންވެފައި އަހާލިއެވެ.
“އަހާބަލަ..”
“މަންމަ ރުޅި ނާންނައްޗޭ..” ރަފާ ބޭނުންވީ ޔަޤީންކަމެވެ. ރަޒީނާ ޔަޤީންކަން ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.
“އަހަރެންގެ ބައްޕަ ދުނިޔޭގައި އެބަހުރިތަ؟” ރަފާ ދެލޯ މަރާލަމުން އަހާލިއެވެ. އޭނާ އެސުވާލު ކުރާ ވަގުތު ރަޒީނާގެ މޫނަށް އަރާ ކުލަވަރު ފެންނަން ބޭނުން ނުވީއެވެ.
“އާނ..” ރަޒީނާގެ ޖަވާބު ވަރަށް ކުރެވެ.
“ބައްޕަ އުޅެނީ ކޮންތާކު؟” ރަފާ ދެލޯ ނުހުޅުވައި އިނދެގެން ސުވާލުކުރިއެވެ. މަންމަގެ މޫނު ފެނުމުން އޭނާއަށް އިތުރަށް ސުވާލުކުރުމުގެ ހިތްވަރު ނުލިބިދާނެތީއެވެ.
“މިހާރު އުޅޭ ތަނެއް ނޭނގެ.. އެކަމަކު ރާމިޒަކީ މާލެ މީހެއް..” ރަޒީނާ ޖަވާބު ދިންއިރު އޭނާގެ އަޑުގައި މަޑުމަޑު ތުރުތުރުލުމެއް ހުރިކަން ރަފާއަށް ފާހަގަކުރެވުނެވެ.
“ބައްޕަގެ ފޮޓޯއެއް ނެތްތަ؟ ނޫނީ ބައްޕަގެ އެޑްރެސް ލިބިދާނެތަ؟” ރަފާގެ ސުވާލުން ރަޒީނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޮހެން ފަށައިފިއެވެ. ރަފާ އޭނާ ދޫކޮށްލާފައި ދާން އުޅޭހެން އޭނާއަށް ހީވީއެވެ.
“މަންމާ..”
“ދަރިފުޅު ތިއުޅެނީ މަންމަ ދޫކޮށްލާފައި ބައްޕަ ގާތަށް ދާން ދޯ؟” ރަޒީނާއަށް ޝަކުވާގެ ރާގެއްގައި އަހާލެވުނީ ހިތްދަތިވީ ވަރުންނެވެ.
“ނޫން މަންމާ.. އަހަރެން މަންމަ ދޫކޮށްލާފައި އެއްވެސް ތާކަށް ނުދާނަން.. އެއްވެސް މީހެއް ކައިރިއަކަށް ނުދާނަން.. އެ ހެޔޮ ބައްޕައަށްވިޔަސް..” ރަފާ ރަޒީނާގެ ގައިގައި ބައްދާލަމުން ޔަޤީންކަން ދިނެވެ.
“އެކަމަކު މަންމާ.. މަންމަވެސް ވިސްނާލަބަލަ.. އަހަރެންގެ އުމުރުން ސޯޅަ އަހަރު މިވީ ބައްޕަގެ ލޯތްބަށް އެދިއެދި ހުރެ.. ބައްޕައަކީ ދުނިޔޭގައި ހުރި މީހެއްކަންވެސް މި އެނގުނީ ސޯޅަ އަހަރު ވީފަހުން.. އަހަރެން ބައްޕައާއި ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް މީގެ ކުރިން މަންމަ ޖަވާބެއް ނުދިން.. މަންމާ.. އަހަރެންނަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވެޔޭ.. ބައްޕައެއްގެ ހެޔޮ ދުޢާ ބޭނުންވެޔޭ.. ބައްޕައެއްގެ ހިމާޔަތާއި އޯގާތެރި ފިރުމުންތައް ބޭނުންވެޔޭ.. ބައްޕައަކަށް މައެއްގެ ލޯބި ނުދެވޭހެން، މަންމަ ކިތަންމެ ލޯބިދިނަސް ބައްޕައެއްގެ ލޯތްބެއް ނުދެވޭނެ.. މަންމައަށްވެސް އެކަން އެނގެއެއްނު..” ރަފާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހެން ފަށައިފިއެވެ.
“މަންމައަށްވެސް އެނގޭ ދަރިފުޅަށް ބައްޕައެއްގެ ލޯބި ބޭނުންވާނެކަން.. އެކަމަކު މަންމަ ބޭނުން ނުވީ ދަރިފުޅަށް ދޮންބައްޕައެއް ހޯދައިދޭން.. ގިނަ ފަހަރު ދޮންބައްޕަ ވަނީ ހަލާކަށް.. އެގޮތައް ކަންތައް ވެދާނެތީ މަންމަ ބިރުގަތީ.. ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ.. ދަރިފުޅަށް ދެރަގޮތެއް ވާން މަންމަ ނޭދޭތީ އެގޮތަށް ކަންތައް ކުރީ..” ރަޒީނާ ދެލޯ ފޮހެލަމުން ބުނެލިއެވެ.
“އަހަރެންގެ ޙަޤީޤީ ބައްޕައާވެސް ގުޅެވުނީހެއްނު..” ރަފާއަށް ޙަޤީޤަތް ނޭނގޭ ޙާލުގައި ބުނެވުނެވެ.
“ތިކަމެއް ވާކަށް ނެތޭ ދަރިފުޅާ.. ރާމިޒަކީ އަހަރެމެންނަށްޓަކައި މަރުވެފައި ހުރި މީހެއް.. ނޫންނަމަ އަހަރެން ދަރިފުޅަށް ބަލިވެ އިންދާ މާލެ ގޮސްފައި ގުޅާފައި ވަރިއެއް ނުކުރީސް.. އޭގެފަހުން އޭނަގެ އެއްވެސް ޚަބަރެއް ނުވޭ.. މަންމަ ވަރަށް މަސައްކަތްކުރިން ގުޅޭތޯވެސް.. މާލެ ދެވުނު ފަހަރަކު ބައްދަލުކުރަންވެސް ދިޔައިން.. އެކަމަކު އޭނައަކާ ބައްދަލެއްނުވި..” ރަޒީނާ އޮޅުންފިލުވައިދިނެވެ.
“އެކަމަކު މަންމާ.. އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް ބައްޕަ ދެކިލަން..” ރަފާ ވަރަށް އާދޭހާއެކު އެދުނެވެ.
“ދަރިފުޅު މާލެ ގޮސްފައި މި އެޑްރެހަށް ދޭ.. މީ ދަރިފުޅުގެ ބައްޕަގެ އެޑްރެސް.. ދަރިފުޅުގެ ނަސީބުގައި ބައްޕަޔާ ދިމާވާން ހުރިއްޔާ އެގެއިން ބައްޕަ ފެންނާނެ..” ރަޒީނާ ގަނޑުކޮޅެއްގައި އެޑްރެހެއް ޖަހާފައި ދިނެވެ.
ރަފާ މާލެ ދިޔަތާ ހަފުތާއެއް ވީތަނާ ކޮލެޖަށް ދާން ފެށިއެވެ. ކޮލެޖަށް ދާން ފެށިތާ ގިނަ ދުވަހެއްނުވެ ވަރަށް ރަނގަޅު ރަޙުމަތްތެރިންތަކެއް ލިބުނެވެ. އޭގެތެރެއިންވެސް މާނީ ފާހަގަކުރެވެއެވެ. ކޮންމެ ކަމެއްގައި އެހީތެރިވެދެއެވެ. ކުލާހަށް އަލަށް އައި ލެކްޗަރަރ ފެނުމާއެކު ރަފާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ.
ކޮލެޖުން ރަފާއަށް ވަރަށް ޚާއްސަ ކުއްޖަކު ފެނި ރައްޓެހިވެވިއްޖެއެވެ. ގަޔާވެވިއްޖެއެވެ. ޝާމްއެވެ. ރަފާއަށްވުރެ އެއްއަހަރު ހަގު ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. ދެމީހުންވެސް ދެމީހުންނަށް އެދެއެވެ. ރަފާ ޝާމްއާއި ގުޅުނު ވާހަކަ ރަޒީނާ ގާތުގައި ބުނުމުން ރަޒީނާ ނަޞޭޙަތްތެރިވިއެވެ. އެކަހެރިވެ ބައްދަލު ނުކުރުމަށް ބުންޏެވެ.
ޝާމްގެ އެދުމުގެ މަތިން ރަފާ ޝާމްގެ ގެއަށް ދިޔައީ ޝާމްގެ އާއިލާއާއި ބައްދަލުކުރުމަށެވެ. ގޭގެ ނަން ފެނުމާއެކު ރަފާގެ ބޮލުގައި ރިއްސާލިއެވެ. އެއީ ރަޒީނާ ދީފައިވާ އެޑްރެހެވެ.
“ބައްޕާ.. މީ ރަފާ.. އަޅުގަނޑުގެ ގާރލްފްރެންޑް.. ރަފާ.. މީ އަހަރެންގެ ބައްޕަ އިބްރާހީމް ރާމިޒް..” ޝާމްގެ ޖުމުލައިން ރަފާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނާގެ ބައްޕައަކީ އޭނާގެ ލެކްޗަރަރ ހެއްޔެވެ؟ ޝާމްއަކީ އޭނާގެ ކޮއްކޮ ހެއްޔެވެ؟ މާތްކަލާކޯއެވެ. ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ؟
ރާމިޒަށް ރަފާ ފެނުމާއެކު ކުރީގެ ހަނދާންތަކެއް އާވާން ފެށިއެވެ. އެއީ މީގެ އެތައް އަހަރެއް ކުރީގެ ހަނދާންތަކެކެވެ. އޭނާގެ އަލަތު ލޯބިވެރިޔާ އަދި އަލަތު އަނބިމީހާ ރަޒީނާގެ މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. ރަފާގެ މޫނުގައި ރަޒީނާއާއި ވައްތަރު ގޮތްތަކެއް ހުރުމުގެ ސަބަބުންނެވެ. އޭނާގެ ހިތް ނުބައި ގޮތަކަށް ތެޅެން ފެށިއެވެ.
“ޝާމް.. ވަރަށް ބޮޑަށް ސޮރީ.. އަހަރެން ދަނީ..” ރަފާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. ރަފާ ދާން ފެށުމުން ރާމިޒަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ކުށްވެރި އިހުސާސެއް ކުރެވެނީއެވެ. އިސްޖަހާލައިގެން ސޯފާގައި އިށީނުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ.
“ރަފާ.. މަޑުކޮށްބަލަ.. ކިހިނެއްވީ؟ މައްސަލައެއް އުޅެނީތަ؟” ޝާމް ކަންބޮޑުވެފައި ސުވާލުކުރިއެވެ.
“ޝާމް.. އަހަރެންނަކަށް ޝާމްއަކާއި ނުގުޅެވޭނެ..”
“ކީއްވެ؟” ޝާމްގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.
“ޝާމްއަކީ އަހަރެންގެ ކޮއްކޮ..” ލަދުވެތިކަމާއެކު އިސްޖަހާލަމުން ރަފާ ބުނެލިއެވެ.
“ކީކޭ؟ ކިހިނެއް އެހެން ވާނީ؟ ތީ އޮޅުމެއް..” ޝާމް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
“ޝާމް ބައްޕަ ގާތު އަހާ އެހެން މީހަކާ އިނިންތޯ؟ ކުއްޖަކު ހުރޭތޯ؟ ޖަވާބު ލިބޭނެ..” ރަފާ އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތުމުން ޝާމް ރަފާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ހިނގާ އަހަރެންނާއެކު އެތެރެއަށް.. ޙަޤީޤަތް އަހަރެންނަށް އޮޅުންފިލުވައިދޭން ޖެހޭނެ..” ރަފާގެ އަތުގައި ހިފައިގެން ޝާމް އެތެރެއަށް ވަތްއިރު ރާމިޒު ސޯފާގައި އިސްޖަހާލައިގެން އިނެވެ.
“ބައްޕާ.. ރަފާ އެ ކިޔަނީ ތެދު ވާހަކައެއްތަ؟”
“ކޮބާ؟” ރާމިޒު އެހިއެވެ.
“އަހަރެންނަކީ ރަފާގެ ކޮއްކޮޔޯ..” ޝާމް އެހެން ބުނެލުމުން ރާމިޒުގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ.
“ތީ ރަޒީނާގެ ދަރިއެއްތަ؟” ރާމިޒު ސުވާލުކުރީ ރަފާއާއެވެ. ރަފާ ބޯޖަހާލިއެވެ.
“މާތްކަލާކޯ!” ބޮލުގައި އަތް އަޅާލަމުން ރާމިޒު ބުނެލިއެވެ.
“ދަރިފުޅާ! ބައްޕައަށް މާފުކުރޭ! ބައްޕައަކީ ކުށްވެރިއެއް..” ރާމިޒު ރަފާ ގާތުން މާފަށް އެދުނެވެ. އެއަށްފަހު އޭނާ ޙަޤީޤަތް ކިޔައިދިނެވެ. އޭނާ ރަޒީނާ ވަރިކުރީ ބޭނުންވެގެނެއް ނޫނެވެ. އޭނާގެ މަންމަގެ ނުފޫޒުންނެވެ. މައިމީހާގެ މައްޗަށް އަނބިމީހާ އިސްކުރެވެން ނެތީތީއެވެ. ބައްޕަގެ ދުނިޔޭގައި މަންމަގެ ކޮންމެ އަމުރަކަށް ކިޔަމަންވުމަށް ކޮށްފައިވާ ވަޞިއްޔަތެއްގެ ސަބަބުންނެވެ. ރަޒީނާއަށް ޙަޤީޤަތް އަންގައިގެން ސަލާމަތް ނުވެވޭނެކަން އެނގޭތީއެވެ. ޙަޤީޤަތް އެނގުމުން ރަފާ އޭނާގެ ބައްޕައަށް މާފުކުރިއެވެ. ނަމަވެސް އޭނާ ހުރީ ނޭނގުމެއްގެ ތެރޭގައި ވިޔަސް ކޮއްކޮ ދެކެ ލޯބިވެވުނީތީ ލަދުގަނެފައެވެ.
“ދަރިފުޅު މީގެ ފަހުން ހުންނަންވާނީ މިގޭގައި.. ބައްޕަގެ މުދާ ހުރިއިރު ކުއްޔަށް އެހެން ބައެއްގެ ކައިރީގައި އުޅޭނެކަމެއް ނެތް..” ރާމިޒު ބުނެލިއެވެ. އެތައް ދުވަހަކަށްފަހު އޭނާގެ އަލަތު ދަރިފުޅާއި ބައްދަލުވުމުން އޭނާ ހުރީ ނުހަނު އުފާވެފައެވެ. ނަމަވެސް އޭނާގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސްވެސް ވެއެވެ. މިއޮއް ހުރިހާ ދުވަސްވީއިރު ދަރިފުޅު ދެކެލަންވެސް ނުގޮސް ހުރެފައި މިއަދު ދަރިފުޅު އަމިއްލައަށް އައިސް ކުރިމައްޗަށް އެރުމުން އެފަދަ ގޮތަކަށް އުޅެވުނީތީއެވެ.
“އަޅުގަނޑު ބައްޕަ ގާތުގައި ހުންނަންވެސް ބޭނުން.. އެކަމަކު މަންމަ.. މަންމައާއި ވާހަކަދައްކާލާފައި އަޅުގަނޑަށް ތިކަމާ އެއްޗެއް ބުނަން އެނގޭނީ.. މިއޮއް ހުރިހާ ދުވަހު އަޅުގަނޑުގެ ހުރިހާ ކަމެއް ކޮށްދިނީ މަންމަ.. އަޅުގަނޑުގެ އެންމެ އެދުމެއް ފިޔަވައި ހުރިހާ އެދުމެއް މަންމަ ވަނީ ފުރިހަމަކޮށްދީފައި.. އެކަމަކު އަޅުގަނޑު މާލެ އައުމުގެ ކުރިން މަންމަ ވަނީ އޭރު ފުރިހަމަ ކޮށްނުދިން ކަންތައްވެސް ފުރިހަމަކޮށްދީފައި.. އެއީ ބައްޕައާއި ބައްދަލުވާނެ ގޮތެއް ހަދައިދިނުން.. އެހެންވީމަ މަންމައާއި ވާހަކަދައްކާލާފައި އަޅުގަނޑު ގޮތެއް ނިންމާނަން..” ރަފާގެ މޫނުމަތީގައިވާ އިހުސާސްތައް ތަރުޖަމާ ކުރާކަށް ރާމިޒަކަށް އުނދަގުލެއް ނުވިއެވެ. އެ ދަރިފުޅު ބައްޕަގެ ލޯތްބަށް އެދޭނެވަރު އޭނާއަށް ވަޒަން ކުރެވެއެވެ. ހަމަ އެފަދައިން ބައްޕަ ދުނިޔޭގައި ހުރެމެ ބައްޕަގެ ލޯބިން މަޙުރޫމުވެފައިވާތީ އެހިތުގައި އުފެދިފައިވާނެ ޝަކުވާތައްވެސް އޭނާއަށް އަންދާޒާ ކުރެވެއެވެ.
*****
“ބައްޕަ ކީއްވެ މިހުރިހާ ދުވަހު ތިކަންތައް ސިއްރުކޮށްގެން އުޅުނީ؟ އެހެން ނޫންނަމަ މިއަދު މިފަދަ ލަދެއްގައި ބެދޭކަށް ނުޖެހުނީހެއްނު..” ޝާމް އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
“މިހެން ކަންތައް ވެދާނެޔޭ ކާކު ހީކުރާނީ؟ ދުވަހެއްގެ ކޮޅުންވެސް އެމީހުންނާ ބައްދަލު ވެދާނެކަމަކަށް ހިތަކަށް ނާރާ..” ރާމިޒުވެސް އިނީ ކަންތައް ދިމާވި ގޮތުން އިންތިހާއަށް ދެރަވެފައެވެ.
“ދެން އަޅުގަނޑު ކިހިނެއް ހަދާނީ؟ ބައްޕަ މިހާރު ތިއުޅެނީ ދައްތަ މިގެއަށް ގެންނަން.. އަޅުގަނޑު ކިހިނެއް ދައްތައާއި ކުރިމަތިލާނީ؟ އަޅުގަނޑުމެން ދެބެއިންގެ ދެމެދުގައި ވަނީ އެހެން ގުޅުމެއް އުފެދިފައި.. ކިހާ ލަދުވެތި ގުޅުމެއް..” ޝާމްއަށް ރޮވުނެވެ.
“ދަރިފުޅާ! ހިތްވަރުކުރޭ! ކެތްކުރޭ! ޙަޤީޤަތާއި ކުރިމަތިލާ.. މީ ބައްޕަގެ ކުށުން ވީކަމެއް.. ބައްޕައަށް މާފުކުރޭ..” ރާމިޒު ޝާމްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
“މިއަދު މަންމަ ދުނިޔޭގައި ހުރިނަމަ ކިހާ ދެރަވާނެ.. އަޅުގަނޑު ބައްޕައަށް މާފުކުރިޔަސް މަންމަ ބައްޕައަށް މާފުކުރާނެތޯ؟ ނަސީބަކުން ކަންނޭނގެ މިއަދު މަންމަ ދުނިޔޭގައި ނެތީ..” ޝާމްގެ ދުލުން ނުކުތް ޖުމުލައާއިއެކު ރާމިޒަށް ހަޅޭއްލަވައިގަނެވުނެވެ.
“ހުއްޓާލާ! މިއަދު ޝާމިލާ ދުނިޔޭގައި ނެތުން އެއީ ނަސީބެއް ނޫން.. އެހެން ނޫންނަމަ ދަރިފުޅު މައެއްގެ ލޯބިން މަޙުރޫމުވާކަށް ނުޖެހުނީސް.. ބައްޕައަށް އެނގޭ ބައްޕަ ކިތަންމެ ފައިސާއެއް ޚަރަދުކޮށް، ކިތަންމެ ލޯތްބެއް ދިނަސް މައެއްގެ ލޯތްބެއް ނުދެވޭނެކަން.. އެކަމަކު ދޮންމަންމައެއް ގެނެސްގެން ދަރިފުޅަށް ދެރައެއް ލިބިދާނެތީ އެގޮތަށް އެކަންވެސް ނުކުރީ.. ދެން ޝާމިލާ ދެރަވާނެ ވާހަކަ.. ޝާމިލާއާއި ކައިވެނި ކުރުމުގެ ކުރިން އަހަރެން އިތުރު ކައިވެންޏެއް ކުރިކަން އެނގޭނެ..” ރާމިޒުގެ ވާހަކައިން ޝާމްއަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް ބުނެވުނީ ބުނެގެންވާނެ އެއްޗެއް ނޫންކަން ވިސްނުނީ ދެނެވެ.
“ސޮރީ!” އެހެން ބުނެލުމަށްފަހު ޝާމް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި ގޮތަށް ދޮރު ތަޅުލިއެވެ. ރާމިޒުވެސް އިނީ ޝާމްއާއި ވާހަކަ ދެއްކުނު ގޮތުން ދެރަވެފައެވެ. ދުވަހަކުވެސް ރުޅި އައިސްގެން ބާރަށް އެއްޗެއް ނުބުނާއިރު މިއަދު އެގޮތަށް ވާހަކަ ދެއްކުމުން އެހިތަށް ވަރަށް އަސަރު ކުރާނެކަން ރާމިޒަށް ވިސްނުނީ ވަގުތު ފާއިތުވީ ފަހުންނެވެ.
*****
ރަފާ އޭނާގެ ބައްޕައާއި ދިމާވި ވާހަކަ ރަޒީނާގެ ގާތުގައި ބުންޏެވެ. އަދި މަންމަ ގާތުގައި އެމީހެއްގެ ރަނގަޅު ވާހަކަ ދެއްކި ލެކްޗަރަރއަކީ ބައްޕަކަމަށްވެސް ބުންޏެވެ. ރަފާ ހުރީ ބައްޕަ އޭނާ އެގޭގައި ހުންނަން ބުނި ވާހަކަ މަންމަ ގާތުގައި ބުނަންވީބާވައޭ ނުވަތަ ނޫންބާވައޭ ހިތަށް އަރާފައެވެ. މަންމަ އެކަމަށް ފާޅުގައި ދެކޮޅު ހަދާނެކަމަށް އޭނާގެ ހިތް ބުނެއެވެ. ނަމަވެސް އެކަމަށް ގޮތެއް ނިންމަންވެސް އެބަ ޖެހެއެވެ. ބައްޕަ އެހާ އުއްމީދާއި އެކު އެކަމަށް އެދުމުން ނޫނެކޭ ބުނާ ހިތެއްވެސް ނުވެއެވެ. ބައްޕަގެ ލޯބި ލިބުމުގެ ފުރުސަތު އޭނާއަށް މިހާރު އެއޮތީ ފަހިވެފައެވެ. އެހެނަސް މަންމައާއި ދެކޮޅަށް އެއްވެސް ކަމެއް ކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
“މަންމާ.. އަދި އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއްވެސް ބުނަންވެފައި އެބައޮތް.. އެކަމަކު މަންމަ ރުޅިއައިސްފިއްޔާ..”
“ބައްޕަ އޭނަގެ ގެޔަށް ދަރިފުޅު ދާށޭ ބުނީ ދޯ؟” ރަޒީނާގެ ރާގު ބަދަލުވިއެވެ.
“މަންމާ.. އިހަށް އަޑުއަހާބަލަ.. ބައްޕަ ވަނީ މަންމައަށް ވަރަށް ބޮޑަށް ޙަޤީޤަތް ސިއްރުކޮށްފައި.. ބައްޕަ މަންމަ ދޫކޮށްލި ސަބަބު ބައްޕަ އަޅުގަނޑަށް ކިޔައިދީފި.. ދުނިޔޭގައި ނެތް މީހެއްގެ ގޯސް ވާހަކަ ދެއްކުން ރަނގަޅެއްވެސް ނުވާނެ.. އެކަމަކު މަންމައަށް ޙަޤީޤަތް އަންގަންވެސް އެބަ ޖެހޭ.. މަންމައާއި ބައްޕަ ދުރުކުރުވި މީހަކީ މާމަ..” ރަފާގެ ވާހަކައިން ފޯނު ބާއްވަން އުޅުނު ރަޒީނާއަށް މަޑުޖެހިލެވުނެވެ.
“ބައްޕަ އަދިވެސް މަންމަދެކެ ވަރަށް ލޯބިވޭ.. ބައްޕަގެ ވާހަކަތަކުން އަޅުގަނޑަށް އެކަން ވަރަށް ރަނގަޅަށް އެނގުނު.. ބައްޕަ މަންމައާއި ގުޅިގެން އުޅޭކަށް މާމަ ޤަބޫލެއް ނޫން.. ކާފަގެ ދުނިޔޭގައި މާމަގެ އެއްވެސް އަމުރަކަށް ނުކިޔަމަންތެރި ނުވުމަށް ބައްޕައަށް ވަޞިއްޔަތް ކޮށްފައި އޮތީ.. އެ ވަޞިއްޔަތުގެ ސަބަބުން ބައްޕައަށް މަންމަ ދޫކޮށްލަން މަޖުބޫރުވީ.. ބައްޕަގެ އެ ސަބަބު މަންމައަކަށް ޤަބޫލެއް ނުކުރެވޭނެ.. އެހެންވެ ބައްޕަ ދޮގުތަކެއް ހަދަން ޖެހުނީ.. އެނޫން އެއްވެސް ގޮތަކަށް މަންމަ ދޫކޮށްލެވެން ނެތީމަ.. އަދި ބައްޕައަށް އަޅުގަނޑުމެންގެ ހާލު ބަލައިވެސް ނުލެވުނީ މާމަގެ ނުފޫޒުން.. މިއީ ބައްޕަ ކިޔައިދިން ގޮތް.. އަޅުގަނޑަކަށް ހިޔެއްނުވޭ ބައްޕަގެ އެ ވާހަކައިގައި ދޮގެއް ވާހެންނެއް.. ބައްޕަގެ ދެލޮލުން އެފަދަ އެއްވެސް މަކަރުވެރި އަސަރެއް ފާހަގައެއް ނުކުރެވޭ.. ބައްޕަގެ ފަރާތުން ފާހަގަކުރެވުނީ ބައްޕައަކީ ކުށްވެރިއެއްކަމަށް ޤަބޫލުކުރާކަމުގެ ހެކިތައް..” ރަފާގެ ވާހަކަތަކުން ރަޒީނާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ނަމަވެސް ރަފާއަކީ އަދި ނުވިސްނޭ ޅަކުއްޖެކެވެ. ރާމިޒަށް އޭނާގެ ބޯ ކައިލުމަކީ އެއްވެސް ކަމެއް ނޫނެވެ. ކެހިވެރިކަމުގެ އަނދުނާއި ޙަޤީޤީ ސޫރަ ވަކިކުރާކަށް އަދި ރަފާއަކަށް ނޭނގޭނެއެވެ. މިއީ ރަޒީނާއަށް ވިސްނޭ ގޮތެވެ. ކަން ހިނގާފައިވާ ގޮތުން ވާނީވެސް އެހެންނެވެ. އެހާ ފަސޭހައިން ރާމިޒަށް އިތުބާރެއް ނުކުރެވޭނެއެވެ.
“މަންމާ! ބައްޕަ އެދެނީ އަޅުގަނޑު މާލޭގައި ހުންނައިރު ބައްޕަގެ ގޭގައި ހުންނަން.. މަންމަ މިކަމާ އެއްޗެކޭ ބުނެބަލަ..” ރަފާ ރަޒީނާގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ.
“މަންމަ ދެން ތިކަމާ ކީކޭ ބުނާނީ؟ މަންމައަކަށް ފަސޭހައެއް ނޫން ބައްޕަގެ ވާހަކަތައް ޤަބޫލު ކުރާކަށް.. އަދި އެހާ ފަސޭހައިން ބައްޕައަށް މާފުކުރާކަށްވެސް.. އެކަމަކު އެހެނޭ ކިޔާފައި ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅާކަށްވެސް ބޭނުމެއް ނޫން.. މިހާރު މިއޮތީ ދަރިފުޅަށް އުނިވި ލޯބި ލިބިގަނެވޭނެ ގޮތެއް މެދުވެރިވެފައި.. އެހެންވީމަ ބައްޕަ އެގޮތަށް އެދޭނަމަ ދަރިފުޅު ބައްޕަގެ ގެޔަށް ދިޔުމަކުން މަންމަގެ އެއްވެސް މައްސަލައެއް ނެތް.. އެކަމަކު ދަރިފުޅު ވަރަށް ވިސްނައިގެން އުޅެންވާނީ.. ދޮންމަންމައަކީ ދޮންމަންމަ ކަމުގައި ނުދެކޭތި.. އެއީ ހަމަ އުފަން މަންމަ ކަމުގައި ދެކިގެން ވީހާވެސް ގުޅިގެން އުޅޭތި.. އެހެންނޫނީ ދަރިފުޅުގެވެސް އަދި ބައްޕަގެވެސް ދިރިއުޅުން ހަލާކުވާނީ..” ރަޒީނާގެ ވާހަކައިން އޭނާ އަދިވެސް ރާމިޒުދެކެ ލޯބިވާކަން ހާމަވެއެވެ. ނޫންނަމަ ރާމިޒުގެ ދިރިއުޅުން ހަލާކުވެދާނެތީ އެކަމާ ކަންބޮޑެއް ނުވީހެވެ.
“މަންމާ! މަންމަ އަދިވެސް ބައްޕަދެކެ ލޯބިވޭތަ؟” ރަފާގެ ސުވާލުން ރަޒީނާއަށް ހުއްޓުން އެރިއެވެ. ޖަވާބެއް ދޭން އޭނާއަށް ދަތިވިއެވެ. ކިތަންމެ ނަފުރަތު ކުރަން މަސައްކަތް ކުރިޔަސް އޭނާގެ ހިތުގައި އަދިވެސް ރަސްކަން ކުރަމުންދަނީ ރާމިޒެވެ. އޭނާ ރާމިޒުދެކެ ވީ ލޯބި އަދިވެސް އެގޮތުގައި އެބައޮތެވެ.
“ތީ ކޮންކަހަލަ ސުވާލެއް؟ ކޮބާ ތިސުވާލު ކުރުމުގެ ބޭނުމަކީ؟ އެއީ މާޒީ..” ރަޒީނާ އުޅުނީ އޮޅުވާލާށެވެ.
“މަންމާ! އަޅުގަނޑުގެ ސުވާލަށް ޖަވާބުދީބަލަ.. އެ ސުވާލު ކުރި ސަބަބުވެސް ބުނެދޭނަން.. އެކަމަކު ތެދުތެދަށް ޖަވާބު ދީފިނަމަ..” ރަފާގެ ސުވާލު ވަރަށް ސީދަލެވެ.
“ލޯބިވޭ..”
“މަންމާ! އަޅުގަނޑު ބައްޕަގެ ގެއަށް ދިޔަޔަސް މަންމައަކަށްވެސް އަދި އެހެން މީހަކަށްވެސް ބަލަން ހުރީ ހަމައެކަނި ބައްޕަ.. ކޮއްކޮ ވިހާފައި ދޮންމަންމަ ވަނީ ނިޔާވެފައި.. އޭގެ ފަހުން ބައްޕަ އިތުރު ކައިވެންޏެއް ނުކުރޭ..” ރަފާ ބުނެލިއެވެ. ރަޒީނާ ހުރީ ވިސްނަންވީ ގޮތެއް ނޭނގިފައެވެ. ރަފާ އެ ސުވާލު ކުރި މަޤުސަދެއް އޭނާއަކަށް ނޭނގެއެވެ. ކޮންމެ މަޤުސަދެއްގައި އެ ސުވާލު ކުރިނަމަވެސް އޭނާ ޖަވާބު ދިނީ ތެދަށެވެ. ދަރިފުޅަށް އިތުރަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވާތީއެވެ. އެތައް ދުވަހަކަށްފަހު ތެދު ހާމަކޮށްލެވުމުން އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
“ދެން ތިސުވާލު ކުރި ސަބަބު ބުނެދީބަލަ މަންމައަށް؟”
“ބައްޕަ ޤަބޫލުނަމަ މަންމަ ބައްޕައާއި ކައިވެނިކުރަންވީނު.. އަޅުގަނޑަށްޓަކާ..” ރަފާގެ ޖުމުލައިން ރަޒީނާއަށް ސިހުމެއް ލިބުނެވެ. ރަފާއަށް އެވަރުގެ ވާހަކައެއް އޭނާ ގާތުގައި ބުނަން ކެރުނީތީވެސް އޭނާ ހައިރާންވިއެވެ. ނަމަވެސް ރަނގަޅަށް ވިސްނާލުމުން އެއީ ރަފާގެ ހިތުގެ ގޮވުންކަންވެސް އޭނާއަށް އެނގިއްޖެއެވެ. މަންމައާއި ބައްޕަ އަލުން ގުޅިގެން އޭނާ ގޮވައިގެން އުޅުމަކީ އޭނާ އެންމެ އެދޭ ގޮތްކަން ހާމަވެއްޖެއެވެ.
“މަންމަ ވިސްނާނަން..” ފޯނު ކޯލު ކުރުކޮށްލުމަށްޓަކައި ރަޒީނާ ބުނެލިއެވެ.
ރަޒީނާގެ ހުއްދަ ލިބުމުން ރަފާ އޭނާގެ ބައްޕަގެ ގެޔަށް ބަދަލުވިއެވެ. އެތައް ހިތްވަރަކާއިއެކު އޭނާއާއި ޝާމްއަށް އެކަކު އަނެކަކުގެ ކުރިމައްޗަށް އަރަން ކެރޭވަރުވިއެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި ލޭގެ ގުޅުން ޚިޔާރުކުރީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއި އެކުގައެވެ.
ރަފާ ވަރަށް ވިސްނުމަށްފަހު ރާމިޒު ގާތުގައިވެސް މަންމައާއި ކައިވެނި ކުރަން އެދުނެވެ. އެއީ އޭނާ އެކަމަށް އެދޭލެއް ބޮޑުކަމުންނެވެ. އެކަމުން އޭނާގެ އާއިލާ ފުރިހަމަވާނެތީއެވެ. ޝާމްއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނާއަށް ވިސްނުނެވެ. ރަޒީނާއާއި ޚިލާފަށް ރާމިޒު ވަގުތުން އެކަމަށް އެއްބަސްވިއެވެ. އޭނާ ރަޒީނާދެކެ ވާލޯބީގެ ސަބަބުންނާއި އޭނާގެ ދެދަރީންގެ ޙައްޤުގައެވެ.
ރާމިޒު، ރަޒީނާއަށް ގުޅިއެވެ. އެތައް ދުވަހެއް ފަހުން ރާމިޒުގެ އަޑު ޖެހުމުންވެސް ރަޒީނާގެ ހިތަށް އެނގުންވެލިއެވެ. އެތެރެހަށީގައި ފިނީގެ ރާޅުބާނިތަކެއް އުފެދިގެން ދިޔައެވެ. ހާލު އަހުވާލު އޮޅުންފިލުވާލުމަށްފަހު ރާމިޒު ފުރަތަމަވެސް މާފަށް އެދުނެވެ. އޭނާއަށް ރަޒީނާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. ރަޒީނާ ދޫކޮށްލި ފަހުން ދަރިފުޅަށް ޚަރަދު ދިނުން ފިޔަވައި އެއްވެސް ވަރެއްގެ އަޅާލުމެއް ދަރިފުޅަށްވެސް ނުދެވުނީތީއެވެ. އަދި އެގޮތަށް ކަންތައް ކުރެވުނު ސަބަބުވެސް ބުނެދިނެވެ. އެއަށްފަހު އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި ދަރީންގެ މުސްތަޤުބަލަށްޓަކައި އަލުން ކައިވެނީގެ ގޮތުން ގުޅެން ބޭނުންވާކަން ހާމަކުރިއެވެ. ރަޒީނާވެސް ދަރީންނަށްޓަކައި ރާމިޒަށް މާފުކޮށް ކައިވެނި ކުރަން އެއްބަސްވިއެވެ.
ދެހަފުތާ ތެރޭގައި ރަޒީނާއާއި ރާމިޒުގެ ކައިވެނި ކުރެވިގެން ދިޔައެވެ. ރަފާއާއި ޝާމްއާއި ދެކުދީންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރަޒީނާ ލޯބިދެމުން ދިޔައެވެ. ޝާމްއަށް އެއީ ދޮންމަންމަ ކަމުގައި އިހުސާސެއް ނުކުރެއެވެ. ހަމަ އެފަދައިން ރާމިޒުވެސް އެ ދެކުދީންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅެއެވެ. ރަފާއާއި ޝާމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެތައް ދުވަހެއްގެ ފަހުން އެދެކުދިން އެދޭފަދަ އާއިލާއެއް ލިބުނީއެވެ.
(ނިމުނީ)
16 Comments!
Comments are closed.






masha Allah.. vv reethi vaahaka eh <3
Thank You @loo 🙂
Yey me 1st. Mi vaahaka vx varah varah reethi. Adhi varah iburai theri. Meege ehen vaahaka eh varah avahah fennaane kamah ummeedhu kuran. Waiting 4 a new story……..?????
Thank You shifrraa 🙂
Kn raamiza eh. Raxeena eh noon tha? V mistake thah eba huri dhoà
Thank You Xee.. Nan badhaluvefai huri thanthan mihaaru ran’galhu kollaafai hunnaany… Nan badhaluvun fiyavai dhen huri mistake thahves buneladhinnama v ran’galhuvees.. Eyrun dhen faharakun ran’galhu kollan en’geyny 🙂
Razeena raamizaa akah vefa enme fahun.. vaahaka reethi. Dhen faharakun dhe faharaku check kohlaathi rankolhaa ❤
Thank You Dhina.. Mihaaru ran’galhu kollaifin.. Dhen faharakun up kurumuge kurin double check kollaanan.. In Sha Allah!! 🙂
V.reethi maashaa Allah❤️?
Thank You Laylerr 🙂
Varah reethi vaahaka eh❤?
Thank You aiSha 🙂
varah reethi story eh.❤?
Thank You hooriya 🙂
Sandy ge ehen story eh nehtha..i wanna read ur story..plzz sandy
Mivaguthu ehen story eh neiy.. Iraadha kurevviyyaa v avahah Saandyge mulhin aa vaahakaeh kiyaalan libeyne 🙂