ހޯދޭތޯ މަންޒިލެއް… 23
ކޮޓަރިއަށް ވަން މާއީއަށް އެނދަށް ވެއްޓިގަނެވުނު ހިނދު އޭނައަށް ރޮވިއްޖެ އެވެ. ވޭނީ ގިސްލުންތަކުގެ އަޑު ބޭރުވިޔަ ނުދޭން ބާލީސް ގެނެސް މޫނުގައި ޖައްސާބާރުކޮށްލެވުނެވެ. އެލޮލުން އޮހޮރެމުން އައި އުދާސްތަކާއި ގިސްލުމުގައިވި އަސަރުތަކުން ހިތުގައި އަޅަމުން ދިޔަ ވޭންތައް ބަޔާންކޮށްދެއެވެ. ނަހީކްއާ ދިމާއަށް ބުނެވުނު ބަސްތަކާއި އެލޯބި ބީވެއްޖެ ކަމުގެ ހިތި އިހުސާސްތަކުން މާއީގެ ގިލަންވެރިކަން ފުންވެގެން ދިޔަ އެވެ.
”ދަރިފުޅާ… ފަލަކް އެބަހުރި ދަރިފުޅާ ބައްދަލުކޮށްލަން އައިސް…” މާއީގެ ކޮޓަރީގެ ދޮރުގައި ބަސްމާ ޓަކިދިނީ ދޮރު ތަޅުލާފައި ހުރުމުންނެވެ. ޖަވާބެއް ނުލިބުމުން ބަސްމާ އަނެއްކާ ވެސް ޓަކިދިނެވެ. ކަންބޮޑުވުމުގެ އަސަރު ބަސްމާގެ އަޑުގައި ވިއެވެ. މާއީ އެހާ އަވަހަށް ގެއަށް އައުމުންނާއި ކޮޓަރިއަށް ދިޔަ ވަގުތު އެމޫނުން އޭނައަށް ފާހަގަ ހިތާމައިގެ އަސަރުތަކުން އޭނަ ހުރީ ނުތަނަވަސްވެފައެވެ. އޭނައަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ނުދީ މާއީ ކޮޓަރިއަށް ވަންގޮތަށް މިހާރު ދެރޮ އެވަނީ ތަޅުލައިފައެވެ. އޭނަ ގޮވާލުމުން ވެސް ޚަބަރެއް ނުވި އެވެ.
”ފަލަކް… ޕާޓީގަ ކަމެއް ވީތަ؟…” ފަލަކްއާ ބަސްމާ ސުވާލުކުރިއެވެ. ”ގެއަށް އައި ގަޑީގަ މާއީ ހުރީ ވަރަށް ދެރަވެފައި، މީހަކު އެއްޗެކޭ ބުނީތަ މާއީއާ ދިމާއަށް؟…”
”ނޫން، މާއީ ކުޑަކޮށް ބޮލުގައި ރިއްސައި ހުންވައްތަރުވެގެން އުޅޭތީ އަވަހަށް އަންނަން ވެގެން އައީ، އަހަރެން ވެސް ގެއަށް ދަމުން މައީގެ ހާލު ބަލާލާފަ ދާން ކަމަށް މިވަދެލީ…” ބަސްމާއަށް ހަޤީޤަތް ސިއްރުކުރަމުން ފަލަކް ބުނެލިއެވެ.
”ދަރިފުޅު ދޮރުހުޅުވަބަލަ، މަންމަ މިގެންނަ ބޭސްތައް ކެއީމަ ބޮލުގެ ރިހުން ރަގަޅުވާނެ، ހުން ވެސް ފިނިވާނެ…” ދޮރުނުހުޅުވަނީސް ބަސްމާ ހުއްޓާނުލާނެކަން އެނގުމުން މާއީ ފާޚަނާއަށް ވަދެ އޭނަގެ މޫނު ދޮވެލައިގެން ގޮސް ދޮރުހުޅުވާލިއެވެ. މޫނުމަތިން މޮޅިވެރިކަން ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ. އެހެންނޫންނަމަ މަންމަގެ ސުވާލުތަކަށް ނިމުމެއް ނުވާނެއެވެ. ސީބަކުން ހުންވައްތަރުވެފައިވުމުން އެކަމުގެ ބަހަނާ މާއީއަށް ދެއްކުނެވެ.
”މޫނު ހާދަ ރަތްވެފައޭ ތިހުރީ، ހުން ވައްތަރުވެސް ވެފަ ތިހުރީ… މަންމަ މިއަންނަނީ ބޭސް ހިފައިގެން…” މާއީގެ ނިއްކުރީގައި އަތުގެ ނުފުށް ޖައްސާލަމުން ބަސްމާ ބުންޏެވެ. އެއަށްފަހު ބަދިގެއާ ދިމާއަށް މިސްރާބު ޖެހީ ފަންސްޓްއެއިޑް ފޮށިން ބޭސްތަކެއް ނެގުމަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބަސްމާ އައީ ބޭސްކާޑެއް ހިފައިގެންނެވެ. މާއީގެ އަތަށް ބޭސް ކާޑު ދީފައި އޭނަ ދިޔައީ ފަލަކްއާއި މާއީއަށް ވާހަކަދައްކާލަން ފުރުސަތު ދެމުންނެވެ.
”ބޭސްކައިގެން އަރާމުކޮށްލީމަ އިރާދަކުރެއްވިއްޔާ މާދަންވާންވާއިރަށް ހުރިހާކަމެއް ވެސް ރަގަޅު ވާނެ…” ދަމުން މާއީގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން ބަސްމާ ބުނެލިއެވެ. ބަސްމާ ދިއުމާއެކު މާއީއާއި ފަލަކް އެކަނިވި އެވެ.
”ކީއްކުރަން ތިއައީ؟، އަހަރެން ފަލަކް ގާތު ބުނީމެއްނު އަހަރެން ބޭނުންވަނީ އެކަނިވެލާށޭ!…” ކޮޓަރިއަށް ވަން ފަލަކްއަށް ބަލާލަމުން މާއީ ބުނެލިއެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު އެނދުގައި އިށީނެވެ. ފަލަކް ވެސް މާއީގެ ފަހަތުން ގޮސް އެނދުގައި އިށީނެވެ. އޭނައަށް މާއީގެ މޫނުގެ ކުލަވަރު އޮއްސިފައިވާކަން ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަ އަވަސްވެގަތީ މާއީގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭށެވެ. ވަގުތު ފާއިތު ނުވަނީސް ދޮންބެއާއި މާއީގެ ދެމެދުގައި ޖެހިފައިވި މައްސަލަތަކަށް ހައްލެއް ހޯދައި ދޭށެވެ.
”މާއީއަށް ތޫގާގެ ހަޤީޤަތް ބުނެދޭން މިއައީ…” ފަލަކް ބުނެލިއެވެ.
”އަނެއްކާ ފަލަކް ވެސް ފަށަންތަ ތިއުޅެނީ؟… ތި މީހުން ތޫގާއާ ޖައްސާލައިގެން ތިއުޅެނީ ކީއްވެ؟…” ހިތްހަމަނުޖެހުމާއެކު މާއީ ބުނެލިއެވެ. އެންމެން ތޫގާއާ ދެކޮޅަށް ފައިވިއްދާލާފައިވާތީ މާއީ ރުޅި އައެވެ.
”ސާބިތުކުރަން އަހަރެން އަތުގައި ހެކި އެބަހުރި…” ފަލަކް ބުނެލިއެވެ. ހައިރާންކަމާއެކު މާއީއަށް ބަލާލެވުނެވެ. އެވަގުތު ފަލަކް އޭނަގެ ފޯނުން ވީޑިއޯއެއް ޖައްސާލިއެެވެ. ސިހުމާއެކު ފަލަކްގެ އަތުން މާއީ ފޯނު އަތުލިއެވެ. އޭރު އޭނަގެ ދެލޯ ވެސް ބޮޑުވެއްޖެއެވެ. ހިތުގެ ތެޅުން ވެސް ބާރު ވެއްޖެއެވެ. ލޯކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކާއެކު މީހާއަށް ލިބުނީ ސިހުމެވެ. އޭރު ތޫގާގެ އަސްލު ސޫރަ މާއީގެ ކުރިމަތީ ބޭޒާރު ވެ ނިމިއްޖެއެވެ. މާއީއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެންމެ ބޮޑަށް އިތުބާރުކުރި ކޮއްކޮ އޭނައަށް އެފަދަ ބޮޑު ދެރައެއް ދީފާނެކަން ޤަބޫލު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ތަފާތު އެކި ދުވަސްމަތިން އޭނައަށް ކުރިމަތިވި ކަންތަކާއި ތޫގާއާއި ގޮސް ގުޅުމުން ބޮޑު މަންޒަރު އޭނައަށް ފެންނަން ފެށިއެވެ. ހަމައެއާއެކު އޭނަގެ ކަންފަތުގައި ނަހީކްގެ ވާހަކަތައް ވެސް ގުގުމަމުން ދިޔަ އެވެ. ހިތުގައި އޭރު ހައިޖާންގަނޑެއް އުފެދިއްޖެއެވެ. ނޭވާލާން ވެސް ދަތިވެއްޖެއެވެ. ސިކުނޑި ހުއްޓުމަކަށް އަތުވެއްޖެއެވެ.
”މާއީ، އަހަންނަށް އެނގޭ މިއީ ޤަބޫލުކުރަން ދަތިކަމެއްކަން، އެކަމަކު ވެސް މިއީ ތޫގާގެ އަސްލު ސިފަ، އޭނަ ދުވަހަކު ވެސް މާއީއަށް ހެވެއް ނޭދޭނެކަން އަންގަން ބޭނުންވަތީ އަހަރެން މި ވީޑިއޯ މާއީއަށް މިދެއްކީ ވެސް، އޭނަ ކޮންމެ ފަދަ އަނިޔާއެއް ވެސް މާއީއަށް ދީފާނެތީ އެކަމުން ސަލާމަތްކުރަން… ޔޫ ކެނޮޓް ޓްރަސްޓް ހާރ…” މާއީގެ ކޮނޑުގައި ފިރުމާލަމުން ފަލަކް ބުނެލިއެވެ.
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން މާއީގެ ދެލޯ ފުސްވިއެވެ. މަޑު ތުރުތުރުލުމެއް އުފެދިގެން އައި ތުންފަތުން އާހްތަކެއް ބޭރުވިއެވެ. އޭނައަށް ހިތާއިވީފަޅީގައި އަތް ޖައްސާލެވުނީ މެޔަށް ބާރުވަމުން ދިޔަ ކަމުގެ އިހްސާސްތަކާއެކުގައެވެ. އޭރު އޭނަގެ ސިކުނޑިއަށް ވަނީ ޒަލްޒަލާއެއް އައިސްފަ އެވެ. ލޯކުރިމަތިން އެތައް މަންޒަރުތަކެއް ނިއުޅެމުން ދިޔަ އެވެ. ލޮލަށް ފެންނަހާ މަންޒަރަކީ ހަޤީޤަތެއް ނޫންކަން އޭނައަށް މިއަދު ވިސްނިއްޖެއެވެ. ފެންނަ ހެޔޮކަމުގެ ފަހަތުގައި ނުބައި މަޤުސަދެއް ފޮރުވިފައި އޮވެދާނެކަން ވެސް މެއެވެ. ވިދާހާ އެއްޗަކީ ރަނެއް ވެސް ނޫނެވެ.
މާއީގެ ހިތުގައި އެންމެ ބޮޑަށް ވޭން އެޅީ ތޫގާގެ ފަރާތުން އޭނައަށް އެފަދަ ހިތްދަތިކަމެއް ލިބުނީތީއެވެ. ތޫގާއެއީ އޭނަ އެންމެ ބޮޑަށް އިތުބާރުކުރި ލޯބިވާ ކޮއްކޮއެވެ. ގާތް ރަހުމަތްތެރިޔާ ވެސް މެއެވެ. ތޫގާގެ ފަރާތުން އޭނައަށް ދެރައެއް ލިބިދާނެކަމަށް އޭނަ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް މިވީހާ ދުވަހު ތޫގާ ވެދިން އިޚުސާންތެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ހީލަތްތެރިކަން ހާމަވުމުން މާއީގެ ނަފުސު ވީ ސިހުމެއްގެ ތެރޭގައެވެ.
*****
ތޫގާ ގެއަށް އައިސް ވަން އިރު ފަލަކް ނިކުމެގެން ދަނީއެވެ. ތޫގާ ފެނުމާއެކު ފަލަކް މޫނަށް ގެނައި ކުލަވަރުތަކުން ތޫގާއަށް ހައިރާންކަން ލިބުނެވެ. އިރުކޮޅެއް ވަންދެން ފަލަކްއަށް ބަލަން ހުރެވުނީ ވެސް އެހެންވެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ތުންއަނބުރާލާފައި ފަލަކްއާ ދިމާއަށް ލޯއަޅާލިއެވެ.
ތޫގާ އޭނަގެ ކޮޓަރިއަށް ދިޔުމުގެ ކުރިން މާއީގެ ހާލު ބަލާލަން ވަނީ ހެޔޮ އެދިގެނެއް ނޫނެވެ. މާއީ ވާނީ ވޭނާއި އުދާހުގެ ދުނިޔެއެއްގައިކަން އިނގޭތީ އެމަންޒަރުތަކުން ހިތަށް އުފާވެރިކަން ހާސިލުކުރާށެވެ. ތޫގާ ކޮޓަރިއަށް ވަން އަޑަށް ލިޔާ މޭޒު ދޮށުގައި އިން މާއީ އިސްއުފުލާ ބަލާލިއެވެ.
މާއީގެ ފަރާތުން މިފަހަރު ފާޅުވެގެން ދިޔައީ މުޅިން ތަފާތު ޝުއޫރުތަކެކެވެ. އެދެލޮލުގައި ވަނީ ޝަކުވާތަކެވެ. އޭނައާ މެދު ކޮއްކޮ އެފަދައިން ކަންތައްކުރަން ޖެހުނު ސަބަބު އޮޅުންފިލުވަން ބޭނުންވެފައިވާކަން ހާމަވެއެވެ.
”ކުޑާ ކިހިނެއްތަ މިހާރު؟…” ތޫގާގެ ދެއްކުންތެރިކަން ފުރަތަމަ ފަހަރަށް މާއީއަށް ފާހަގަކުރެވުނެވެ. ހިތްހެޔޮކަމަށް ދެއްކެން އުޅުނުކަމުގައި ވިޔަސް އެދެލޮލުން އެފަދަ އެއްވެސް ޝުއޫރެއް ފާޅެއް ނުވެއެވެ. ފެންނަނީ ހިމޭންކަމެވެ. ނަހީކް އޭނައާ ދިމާއަށް ބުނި ޖުމްލަ އެވަގުތު މާއީގެ ކަންފަތުގައި ގުގުމާލިއެވެ. ހުރިހާ ހިއްސުތަކެއް ރަގަޅަށް ހުޅުވާލައިގެން ތޫގާއަށް ސަމާލުކަން ދެވުނުނަމަ އޭނައަށް ހުރިހާކަމެއް ފަހުމު ވީހެވެ. އެދެލޮލުގައި އޭނައަށް ޓަކައި ވާ ނަފުރަތެވެ. ރުޅިވެރިކަމެވެ. ހަސަދަވެރިކަމެވެ. މިހުރިހާ ދުވަހު ކޮއްކޮއަށް ކުރެވުނު އިތުބާރާއި ވީލޯބީގެ ސަބަބުން އޭނަގެ ދެލޮލުގައި ވީ ފޮތިކޮޅެއް ބަނދެވިފައެވެ. އަނދިރިވެފައެވެ. އޭނައަށް ކުރިން އެއިހުސާސްތައް ފާހަގަ ނުކުރެވުނީވެސް އެސަބަބާ ހުރެއެވެ. ނަމަވެސް މިހާރު އޭނަގެ ލޯ އެވަނީ ވަށައިގެންވާ މާހައުލަށް ހުޅުވިފައެވެ. މަންޒަރު ވަރަށް ސާފުކޮށް އެބަފެނެއެވެ.
ކުރިއަށް ހިނގަމުން ދިޔަ ތޫގާގެ ފިޔަވަޅުތައް ގަނޑުވީ މާއީ ފޯނުން ޖައްސާލި އެއްޗެއްގެ ސަބަބުންނެވެ. އެހިނދު އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ދެލޯބޮޑުކޮށްގެން ބަލަން ހުރެވުނެވެ. އެއީ އޭނަ ނަހީކްއާ ދިމާއަށް ބުނި ވިހަ ޖުމްލަ ތަކެވެ. އެވާހަކަތައް މާއީއާ ހަމައަށް އައީ ކިހިނެއް ހެއްޔެވެ؟ ނަހީކް އެކަންތައް ރިކޯޑްކުރީ ހެއްޔެވެ؟ ތޫގާގެ ހިތް ތެޅިލިއެވެ. އޭނަ ހާދަ ގަމާރޭ އެވަގުތު ހިތަށް އެރިއެވެ. ނަހީކް އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމާމެދު އޭނައަށް ކުރިން ވިސްނާލެވުނުނަމައެވެ. ނަމަވެސް ހަޤީޤަތް އެއޮތީ ބޭޒާރުވެފައެވެ. އިތުރަށް ސިއްރުކުރާކަށް ވެސް ތޫގާ ބޭނުމެއް ނުވިއެވެ. ޖެހިލުންވުމުގެ އަސަރެއް އޭނަގެ މޫނުން ނުފެނެއެވެ. އޭނަ ހުރީ މާއީއާއި ކުރިމަތިލާން ތައްޔާރަށެވެ. މާއީ ބިކަކޮށްލައި އެހިތުގެ މައްޗަށް ފައިން އަރައި ޗިސްކޮށްލަން ތައްޔާރަށެވެ.
”ކީއްވެ؟…” މާއީގެ އަޑު ކުރެހުނެވެ. އޭނަގެ ދެލޮލުން ފައިބައިގެން އައި ކަރުނަތައް ހަލުވިކަމާއެކު ކޯތާފަތުން ތިރިއަށް ފިރުކެމުން ދިޔަ އެވެ. އޭނަ ގޮނޑިން ތެދުވެލަމުން ތޫގާއާއި ކުރިމަތިލައިފިއެވެ. އެދެލޮލުން ރުޅިވެރިކަމަށް ވުރެން ބޮޑަށް ފެންނަނީ ހިތްދަތިކަމެވެ. އަދިވެސް ތޫގާގެ އަސްލު ސިފަ ޤަބޫލުކުރަން ދަތިވެފައިވާކަން ހާމަވެއެވެ. ހޮޔެއެދޭ މީހެއްގެ ފަސްބައިގެ ނިވަލުގައި ފިލާ ހުރެ އެފަދަ ބޮޑު އަނިޔާއެއް ދިނުމުން މީހާއަށް ޝޮކެއް ލިބިފައިވާކަން ވެސް އެނގެއެވެ. އެތައް އަހަަރެއް ވަންދެން އޭނަ އުފުލި ހުރިހާ ހިތާމައެއްގެ ފަހަތުގައި ވަނީ ތޫގާކަން އެނގުމުން ސިކުނޑީގެ މަސައްކަތަށް ވެސް ވަނީ ބުރު އަރާފައެވެ.
”މިހުރިހާ ދުވަހު… ކީއްވެ؟… އަހަރެން ތޫގާއަށް ހާދަ އިތުބާރެއް ކުރީމޭ…” މާއީއަށް ގިސްލެވުނެވެ.
ތޫގާގެ ތުންފަތަށް ވެރިވެގެން އައީ މަލާމާތުގެ ހިނިތުންވުމެކެވެ. މާއީއަށް ހަޤީޤަތް ބޭޒާރުވުމުން އިތުރަށް ސިއްރުކުރަން އޭނަ ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ މާއީ އިތުރަށް ދެރަކޮށް ނިކަމެތިކޮށްލާށެވެ. ބޭކާރު މީހެއްކަން ހަނދުމަކޮށްދޭށެވެ. ޒަހަމްވެފައިވި މާއީގެ ހިތުގައި ހިފާ ފިސްފިސްކޮށްލާށެވެ.
”މިހުރިހާ ދުވަހު އަހަރެން ދެކެ ލޯބިވާ ކަމަށް ހެދިގެން ހުރި އިރު ތި ހިތުގައި ވީ ނަފުރަތުތަ؟…” ތޫގާގެ މޫނުގައިވި މަލާމާތުގެ ކުލަވަރުތަކުން މާއީގެ ދުލުން ބަސް ހުސްވިއެވެ. ތޫގާގެ ފަރާތުން އޭނައަށް އެފަދަ އިހުސާސްތަކެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މިއިން ޒަމާނެއްގައި ވެސް ތޫގާ ދަސްވެފައި ނުވާކަން ހާމަވެގެން ދިޔައީ ދެނެވެ.
”އާނ… އެއް ދުވަހަކު ވެސް އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވޭ، އަބަދު ވެސް ކުރަނީ ނަފުރަތު!…” ތޫގާ ރުޅިވެރިކަމާއެކު ބުނެލިއެވެ. ”ކަލެއަށް ދުވަހަކު އުފަލެއް ލިބުމަށް އަހަރެން ނޭދެން…”
ތޫގާގެ ޖުމްލައިން މާއީއަށް ހީވީ އޭނަގެ ކަންފަތް މައްޗަށް ބާރުގަދަ އަތެއްގެ ހޫނު ހަމަލާއެއް އަމާޒުވިހެންނެވެ. މޫނުމަތިން ކޮކާތަކެއް ވެސް ބުރައިގެން ދިޔަ އެވެ. ސިހުމުގައި ފަހަތަށް ފިޔަވަޅެއް ވެސް އަޅާލެވުނެވެ.
”އަހަންނަށް ތޫގާގެ ހިތުގައި ޖެހޭނެހެން ކުރެވުނީ ކޮންކަމެއްތަ ތިހެން އަހަންނާ މެދު ކަންތައްކުރަން؟، ދުވަހަކު ވެސް ތޫގާ ހިތުގަ ޖެހޭ ނުވަތަ ރުޅި އަންނަ ފަދަ ކަމެއް އަހަރެން ނުކުރަން، ތޫގާގެ ބަހަށް އިތުބާރު ކުރެވި އަހަރެންގެ ލޯބި ޤުރުބާން ކުރަން ވެސް ތައްޔާރަށް ހުރީ ތޫގާގެ އުފަލަށްޓަކައި، މިއަދު އެކަމުގެ އަގު އަދާކުރަން އެނގުނު ގޮތަކީ ތިއީތަ؟…” މާއީގެ ހިތަށް އަސަރުކޮށްފައި ވިއެވެ.
”ހުއް… ކަލޭގެ ލޯތްބާއި އަޅާލުމެއް ދުވަހަކު ވެސް އަހަރެން ބޭނުމެއް ނޫން، ކަލޭ ތީ މަށަށް ކުރިމަތިވެފައި ހުރި ބަލާވެރިކަމެއް!… ހޫނނނ… އަދި އަނގަ ފުޅާކޮށްފަ އެބަބުނެއެއްނު މަގޭ އުފަލަށް ލޯބި ޤުރުބާން ކުރަން ތައްޔާރަށޭ ހުރީ، ކަލޭ ނަހީކް ދެކެ އެހާ ލޯބި ވިނަމަ ޤުރުބާން ވާކަށް ނޫޅުނީމުސް!، އޭނަ ހާސިލުކުރަން އުޅުނީމުސް!… އެކަމަކު، ކަލޭ އޭނަ ދެކެ ލޯބި ނުވާތީ އެހެން ކަންތައް ކުރީ!، ލޯބި ވިނަމަ ކޮންމެހެން އަހަރެން އުފަލަށޭ ކިޔާފައި އޭނައާއި ދުރުވާން ނޫޅުނީމުސް!، އެއީ ހަމަޖެހޭ ވިސްނުމެއްތަ!؟… ކަލެއަށް ނަހީކްގެ ހިތުގައި ޖެއްސުނު ވަރެއް ނޭގޭތަ؟… އޭނަ ނިކަމެތިކޮށްލެވުނުވަރެއް ނޭގޭތަ؟… އޭނަ ހީކުރީ އެވާހަކަތައް ރެކޯޑުކޮށްގެން އައިސް ދެއްކީމަ އަހަރެން ބޭޒާރުވާނެކަމަށްތަ؟، ނުވާނެ ދުވަހަކު ވެސް!… ބުނަން، ކަލޭމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ދައުވާ އެބަކުރަމެއްނު، އެކަމަކު ތީ ލޯބިތަ؟، މީހަކު ބުނެލާ އެއްޗަކުން އެހާ ފަސޭހައިން ވަކިކުރެވޭނަމަ ތީ ލޯތްބެއް ނޫން، ތިއަށް ކިޔާނީ ލޯތްބަށް ވެސް ކުރަފިއެރުވުމޭ!… ކުރާ އިތުބާރާއި ލޯބީގައި އެހާ ފަސޭހައިން ރެނދުލައިގެން ދިއުމަކީ ލޯބި ނުވާކަމުގެ ހެއްކެއް، ނަހީކް ހީކުރީ އަހަރެން ބޭޒާރުކޮށްލައިގެން ކަލޭމެނަށް އުފަލުގައި އުޅޭވޭނެ ކަމަށްތަ؟، ނުވާނެ އެހެންނެއް… ކަލޭމެނަށް އެއެކުގައި އުޅެވޭނީ ކިހިނެއް އެކަކު އަނެއްކަކަށް އިތުބާރު ނުކުރެވެންޏާމު!… ކަލޭ އޭނަ ހިތުގައި ޖެއްސިވަރު އެހާ ފަސޭހައިން ހަނދާން ނެތޭނެ ކަމަށްތަ ހީކުރަނީ؟… ހެހެހެ، ގަމާރު އަންހެނާ… ކަލޭ ބަލާ ޑްރާމާތަކުން އެހެން ވިޔަސް ހަޤީޤީ ދިރިއުޅުމުގައި އެހެނެއް ނުވާނެ… ކަލޭ ފެންނަ ކޮންމެ ހިނދަކު އޭނައަށް އެކަން އިހުސާސް ވާނެ… އިތުބާރެއް ނެތް ގުޅުމެއް ކުރިއަށް ދާނީ ކިހިނެއްތަ؟، މިހާރު ވެސް އެ ލޯބި އޮތީ ފުނޑުފުނޑުވެފައި… ހަލާސްވެފައި!…”
ތޫގާ ބޭނުންވީ ނަހީކްއާއި މާއީއަށް އެކުގައި ނޫޅެވޭނެކަން މާއީއަށް ވިސްނައިދޭށެވެ. ލިބިފައިވާ ވިސްނުމުގެ ބޭނުންކޮށްގެން އޭނަ ބަސްތައް އަތުރަމުން ދިޔައީ ވެސް އެބޭނުން ހާސިލުކުރެވޭނެ ފަދައިންނެވެ. ޒަހަމްވެފައިވި މާއީގެ ހިތަށް ވިހަ ތީރުތަކެއް ފޮނުވިއެވެ. ނަހީކްގެ ހިތުގައި ޖެއްސުނު ވަރު ބުނެދިނެވެ. އެލޯބީގެ ގަނޑުވަރު އެހާ ފަސޭހައިން ފުނޑުފުނޑުވެ ފައިބައިގެން ދިޔައީ ކީއްވެކަން ބުނެދިނެވެ. ދުވަހަކު އެކުގައި ނޫޅެވޭނެކަން ވެސް ބުނެދިނެވެ.
ހިމޭންވެފައި ހުރި މާއީއަށް އެވާހަކަތައް ވެގެން ދިޔައީ ހިތި ޒަހަރަކަށެވެ. އެޒަހަރުގެ އަސަރު މުޅި ޖިސްމަށް ވާސިލުވެއްޖެއެވެ. އެއާއެކު އޭނައަށް ރޮވުނެވެ. ހަޤީޤަތުގައި ވެސް ނަހީކްގެ ހިތުގައި އޭނައަށް ޖެއްސިއްޖެއެވެ. ނަހީކްއަށް އިތުބާރެއް ވެސް ނުކުރެވުނެވެ. ނަހީކް ދެކެ ނަފުރަތުކުރާކަމަށް ވެސް ބުނެވިއްޖެއެވެ. އެެދެމެދުގައި އޮތް ލޯބީގެ ގުޅުމަށް ނިމުން ގެނައީ ވެސް ހުދު އޭނައެވެ. ނަހީކްގެ ހިތް ހަލާކުކޮށްލީ ވެސް އޭނަގެ އަމިއްލަ ދެއަތުންނެވެ. ނަހީކްއަށް ފުރަގަސްދިނީ ވެސް އޭނައެވެ. ދެން އަނބުރާ ނަހީކް ގާތަށް އޭނަ ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ ހަޤީޤަތް އޭނައަށް އެނގޭކަން ވެސް ހާމަކުރަން މާއީއަކަށް ނުކެރުނެއެވެ.
މާއީގެ ދުލުން އާހްތަކެއް ބޭރުވިއެވެ. އޭނަގެ ހިތް މޭގެ ތެރޭގައި އޮވެ ފިސްފިސްވަނީ އެވެ. ދާއިމަށް ނަހީކް ގެއްލިއްޖެ ކަމުގެ ހިތިކަން އަރުތެރެއަށް ފޭދެން ފަށައިފިއެވެ.
*****
ފަލަކް، އޭނަ ތޫގާގެ ހަޤީޤަތް މާއީއަށް ހާމަކުރިކަން ނަހީކް ގާތު ބުނުމުން ނަހީކްއަށް ހައިރާންކަން ލިބުނެވެ. އެވަގުތު އޭނައަށް ތޫގާގެ ހަޤީޤަތް އެނގުނު ގޮތް ފަލަކް ހާމަކޮށްލިއެވެ.
”ޝީޒް ޑީޕްލީ ހާރޓް، ހާއްސަކޮށް ދޮންބެގެ ހިތުގައި ޖެއްސުނީމަ ވަރަށް ދެރަވެފައި ހުރީ… ޔޫ ހޭވް ޓު ޓޯކް ޓު ހާރ…” ފަލަކް ބުނެލިއެވެ.
*****
ނަހީކް އެތައް ފަހަރެއްގެ މަތިން މާއީއާ ވާހަކަދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ތޫގާގެ ވާހަތަކަށް މާއީއަށް އިތުބާރުކުރެވުނީ މާ ވަރަކަށެވެ. ނަހީކް އޭނައަށް މަޢާފް ނުކުރާނެ ކަމަށާއި އެކުގައި ނޫޅޭވޭނެ ކަމުގެ ނުބައި ޚިޔާލުތަކުން ނަހީކްއާއި ބައްދަލުކުރާކަށް ވެސް މާއީއަކަށް ނުކެރުނެވެ. ފުރަތަމަ ލޯބި ނާކާމިޔާބު ވެއްޖެކަމުގެ އުދާސްތައް އޭނައަށް ބަރުދާސްތުކުރުން ވީ ތަކުލީފަކަށެވެ.
މާއީއާއި ނަހީކް އެންމެ ފަހު ފަހަރަށް ބައްދަލުވީ އޭލެވްގެ ނަތީޖާއަށް ފަހު މާއީއަށް ލަންޑަނުން ލިބުނު ސްކޮލަޝިޕްގެ އުފަލުގައި އަވައްޓެރިންނަށް ބަސްމާ ދިން ސައެއްގެ ތެރޭންނެވެ. މާއީ އެދުވަހު އުޅުނީ ވެސް ނަހީކްއަށް ނުފެންނާނެހެން ސިއްރުސިއްރުންނެވެ. ދުރުދުުރުންނެވެ. ނަމަވެސް މާއީ އެކަނިވި ފުރުސަތެއް ބަލާފައި މާއީ ގާތަށް ނަހީކް ދިޔަ އެވެ.
”މާއީ…” ދުރަށް ދާން އުޅުނު މާއީއަށް ނަހީކް ގޮވާލިއެވެ. ”އަހަންނަށް އެނގޭ މާއީއަށް ހަޤީޤަތް އެނގޭކަން، ދެން ކީއްވެތަ އަހަންނާ ދުރުން ތިއުޅެނީ؟… އަލުން ގުޅެން ބޭނުން ނުވަނީތަ؟…”
”ނަހީކްގެ ހިތުގައި ވަރަށް ބޮޑަށް އަހަންނަށް ވަނީ ޖެއްސިފައި… ނަހީކްއަށް އިތުބާރެއް ވެސް ނުކުރެވުނު… ގުޅުމެއްގައި އޮންނަން ޖެހޭ އެންމެ ބޭސިކް އެއްކަންތައް އިތުބާރު ކުރެވުން އެއީ… އިތުބާރެއް ނުވާނަމަ އެލޯތްބެއް ކުރިފަޅައިގެން ނުދާނެ… ތިހިތުގައި އަހަންނަށް ވަނީ ވަރަށް ބޮޑަށް ޖެއްސިފައި… އެކަންތައް ހަނދާން ނައްތާލެވޭނީ ކިހިނެއްތަ؟… ކޮން ހައިސިއްޔަތަކުންތަ އަހަރެން ނަހީކްއާ އަލުން ގުޅޭނީ؟… ތޫގާގެ ހަޤީޤަތް އެނގުނަސް އަހަރުމެންނަށް އެކީގައި އުޅޭވޭކަށް ނެތް… އެހާ ފަސޭހައިން ދުރުވެވޭނަމަ ކިހިނެއްތަ އުމުރަށް އެކުގައި އުޅޭނީ؟… އިތުބާރު ނުކުރެވޭ ނަމަ ކިހިނެއް ލޯބިވެވޭނީ؟…” އަސަރާއެކު މާއީ ބުނެލިއެވެ. ”ނަހީކް އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ މިނުންމުމަށް އެއްބާރުލުން ދޭނެ… ޕްލީޒް، އަހަރެން އަތުން ދޫކޮށްލާ…”
ނަހީކްއަށް މާއީގެ އަތުން ދޫކޮށްލެވުނެވެ. އޭނަގެ ހިތަށް ދެވުނު އަނިޔާތަކުން މާއީ ހިތުގައި ޖެހިފައިވާ މިންވަރު އިހުސާސް ކުރެވުނެވެ. ވެދިޔަ ކަންތަކަށް ފަހު އޭނައާއި ހަތަރުކަޅި ބައްދަލުކުރަން ވެސް މާއީއަށް ވަނީ ދަތިވެފައެވެ. މާއީއަށް ވޭން ލިބޭ ކަމަކަށް މަޖުބޫރުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. މާއީ އެދުނު ފަދައިން އޭނަ ކަންތައްކޮށްދިނީ ވެސް އެހެންވެ އެވެ.
”އަހަރެން އުއްމީދުކުރަން ނަހީކް އަހަރެން ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދާނެކަމަށް، ނަހީކް އުފަލުގައިވުމަށް އަހަރެން އަބަދު ވެސް އެދޭނަން…” ލޮލުން ފޭބި ކަރުނަ ފޮހެލަމުން ވޭނުން ފުރިގެންވި ހިނިތިންވުމެއް މާއީ ދިނެވެ. ނަހީކްގެ ހިތުގައި ރިއްސާލިއެވެ. ފެންކަޅިވެފައިވި ދެލޮލުން މާއީއަށް ބަލަން ނަހީކްއަށް ހުރެވުނެވެ.
*****
މާއީ ލަންޑަނަށް ދިއުމުން ވެސް މާއީއާއި އޮތް އެކުވެރިކަން ކުރިއަށް ގެންދަން ފަލަކް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމަށް މާއީގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ. ނަހީކް މަތިން ހަނދާންނައްތާލަން އެކުވެރިންނާ އޮތް ގުޅުން ވެސް މާއީ ހީނަރުކޮށްލީއެވެ. އޭނައަށް ނަހީކްގެ ހާލުއޮޅުންފިލުވަން ސުވާލުކުރެވިދާނެ ކަމުގެ ބިރު ހިތުންފިލުވާލުމުގެ ބޭނުމުގައެވެ.
މާއީއާއި ޒިވާން ދިމާވީ ކޮލެޖުންނެވެ. އެއް ކްލާސްތަކެއް ނަގަން ފެށުމުން ޒިވާންގެ ހިތުގައި މާއީއަށް ދެވުނު ޝައުގުވެރިކަމަށް ފަހު މާއީއާ އެކުވެރިކަން ބަދަހިކުރަން އޭނަ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނަހީކްއާއި ވަކިވާން ޖެހުމުން ހިތަށް ލިބިފައިވި އުދާސްކަމުގައި ދުވަސްތައް ވޭތުކުރަމުން ދިޔަ މާއީއަށް ޒިވާންވެގެން ދިޔައީ ތުރާލަކަށެވެ. ޒިވާން އޭނަ ފަސްފަހަތުން އުޅެން ފެށުމުން ފުރަތަމަ ޒިވާން ދެކެ މާއީ އައީ ރުޅިއެވެ. ހިތަށް އައިހާ އެއްޗެއް ވެސް ގޮވަން ފެށިއެވެ. ނަމަވެސް ޒިވާން އޭނަގެ ހިތްވަަރު އެލުވައެއް ނުލިއެވެ.
މާއީގެ ދެލޮލުގައިވާ ހިތާމަތަކާއި މޫނުގައިވާ މާޔޫސްކަން ފެނި އެކަމަށް ނިމުން ގެންނަން ޒިވާން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. އޭނަގެ ސަކަ މިޒާޖުން ލަސްލަހުން ވިޔަސް މާއީގެ ހިތަށް ވާސިލުވާން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބުކުރަން އެތައް ދުވަހެއް ނެގިއެވެ. މާއީގެ ހިތުގައި ޒިވާންއާ މެދުވި ރުޅިވެރިކަން ލޯތްބަށް ބަދަލުވީ ނޭގި ހުއްޓާއެވެ. ނަހީކްއަށް ވީ ލޯބި ހިތުގައި ކަފުންކޮށް ވަޅުލައި އޭނަ ޒިވާންއާ ގުޅުނީ އައު ހަޔާތެއްގެ ފޮނި އުއްމީދުތަކާއެކުގަ އެވެ. އޭރު ޒިވާންއަށް ވެސް މާއީގެ މާޒީ އޮތީ އެނގިފައެވެ. ހުރިހާ ވާހަކަތަކެއް ހިއްސާކުރީ ވެސް މާއީ އެވެ. މާޒީގެ ކަޅު ހިޔަނި އޭނަގެ ހަޔާތަށް އެޅެން ބޭނުންނުވާތީއެވެ. މާއީގެ އަލަތު ލޯތްބާ މެދު އެހިތުގައިވި ހާއްސަކަމާ މެދު ޒިވާން ޝަކުވާއެއް ނުކުރިއެވެ. މާއީގެ ހިތުން އޭނައަށް ލިބުނު ޖާގައާ މެދު އޭނަ ޝުކުރުވެރިވިއެވެ.
*****
ނަހީކްގެ ކައިވެނީގެ ޚަބަރު މާއީއަށް ތޫގާގެ ފަރާތުން ލިބުނީ، ތޫގާއާއި ރުކާންގެ ކައިވެންޏަށް މާލެ ދިޔަ ފަހަރުއެވެ. ރުކާންއާއި ތޫގާ ބައްދަލުވީ ތޫގާ މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. ރުކާންގެ ޢާއިލާ މީހުން ގިނައިން އުޅެނީ މާލޭގައި ކަމަށް ވުމުން ކައިވެނީގެ ރަސްމިއްޔަތު ވެސް އޮތީ މާލޭގައެވެ.
*****
ކައިވެނީގެ މާތް ގުޅުމުން ދެޒުވާނުން ގުޅިގެން އައިއިރު ޒިވާންގެ ލޯބިން މާއީއަށް ހިނިތުންވާން ދަސްވެއްޖެއެވެ. އެމޫނުގެ ވިދުން ވެސް އަނބުރާ އައިސްފިއެވެ. ތުންފަތުގައި އަބަދުމެ ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ނަމަވެސް އެހުރިހާ އުފާވެރިކަމެއް ހަފުސް ވެގެން ދިޔައީ ޒިވާންއަށް ސިކުނޑީގެ ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. ބޮލުގައި އޭރު މަދުމަދުން ރިއްސާލާ ރިއްސުންތަކުގެ ނަތީޖާ އެފަދަ ބިރުވެރި ގޮތަކަށް ނިކުމެދާނެ ކަމަކަށް ހުދު ޒިވާން ވެސް ހިޔެއް ނުކުރެއެވެ. ދިރިއުޅުމާ މެދު ކުރަމުން އައި ހުރިހާ ހުވަފެންތަކެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިގެން ހިނަގއިދާނެކަން ވެސް މެއެވެ. ތައްޔާރުނުވެވި ތިއްބާ ހަޔާތަށް އައިސް ބިންދާލި އުސް ރާޅުތަކުގެ ސަބަބުން މުޅި ދިރިއުޅުން ސުންނާފަތިވެގެން ދިޔައީ އެވެ. ބޯމަތިކުރުވި ބާރުގަދަ ތޫފާން އަލިވިލުނު ހިނދު ދިރިއުޅުމަށް އޮތީ ވީރާނާކަންވެރިފައެވެ.
*****
ޚިޔާލުތަކުގެ ތެރޭން ނިކުމެވުނު މާއީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަހީކް އޭނަ ދެކެ އަދިވެސް ލޯބިވާކަން ފާއިތުވި ދުވަސްތަކުގައި ވަނީ ސާބިތުކޮށްދީފައެވެ. އެތައް ޒަމާނެއް ވީއިރު ވެސް އެހިތުން އޭނައަށް ދެވިފައިވި ޖާގައަށް ބަދަލެއް ނާދެއެވެ. ހަމައެއާއެކު އޭނަގެ ހިތުން ނަހީކްއަށް ދެވުނު ހާއްސަކަމެއް ވެސް ބަދަލެއް ނާދެއެވެ. ޒިވާން އޭނަ ގާތު އެދުނު ފަދައިން ކުރިއަށް ދާން އޭނަ މަސައްކަތްކުރާނެއެވެ. ހިތާމަތަކުން އަރައިގަނެ އުފާވެރި ދިރިއުޅުމެއް ހޯދަން މަސައްކަތްކުރާނެއެވެ. އޭނައަށް ފެންނަމުން ދިޔަ ހުވަފެންތަކުގެ ސިއްރުވެސް މާއީއަށް ވިސްނައިގަނެވުނެވެ. އޭނަގެ ހިތުގައި އަބަދުމެ ޒިވާންގެ ހަނދާންތައް ވާނެއެވެ. އެއީ އޭނަގެ ލިބެން އުޅޭ ދަރިފުޅުގެ ބައްޕައެވެ. އެލޯތްބާއި ޤަދަރު އަބަދު ވެސް އޭނަގެ ހިތުގައި ވާނެއެވެ. އެކަމަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެއެވެ. މިއަދު ނަހީކް އެހުރީ އެހުރިހާ ކަމަކާއެކު ވެސް އޭނަ ބަލައިގަންނަން ތައްޔާރަށެވެ. އޭނައަށް އިންތިޒާރުކުރާނަންކަމަށް ބުނި ބަހުގެ މާނައަކީ ވެސް އެއީ އެވެ. މާއީ ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި އޭނަގެ ހިތް ނަހީކްއަށް ހުޅުވާލަން ގަސްދުކުރި އެވެ. ނަމަވެސް އޭނަގެ ދަރިފުޅު އުފަންވުމަށްފަހުގަ އެވެ. އޭރުން ބަޔަކު މީހުން ބުނާނެ އެއްޗަކާމެދު ވިސްނައި ފިކުރުކުރާކަށް ވެސް ނުޖެހޭނެ އެވެ.
(ނުނިމޭ)
6 Comments
Comments are closed.
Spoiler Alert: Dhen anna baiga vaahakaige maigandhu kunnu annane, erun kiyuntherin hinhama jehene kamh ves Mutha unmeedhu kuran. Sauvees vana bai proofread kurevunuhaa avahakah shaaiu kohla deynan (In Sha Allah). Dhen kiyuntherin ge hurihaa kiylaalakah ves Mutha Shukuru adaakuran.
Baajaveri reygandakah edhen. -Salam-
Vv nice. Waiting for next part
❤❤❤❤❤❤❤❤❤
Vvvv reeethi
Maaee ge life veee goii genais dheefa oiii goii salhii
Muthaaa thankssss
Vvvvvvv touching story eh
❤❤❤❤❤❤
ތިތޫގާއަށް ރަނގަޅު ބޮނޑިއެއްދީބަލަ މުތާ
Alhe nuves inguney up vi kameh ves adhi mi babaalee miothee up vefa vvvvvv ufaa vejje ??????