Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

މިޝްޢަލް

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
November 16, 2018 7 Mins Read
24 Comments

ފިނި މޫސުމުގެ ދުވަސްވަރެކެވެ. ދަންވަރު ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެން ފޫހިކަމެއްނެތި ކޮޓަރިތެރޭގައި މިޝްޢަލް ހުއްޓެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭގެ ތިކިތައް ލޯގަނޑުގައި ޖެހިފައި ތިރިއަށް ފައިބައިގެންދާ މަންޒަރު، ބަލައިލަން ނުހަނު ހިތްގައިމެވެ. ވާރޭގެ ސަބަބުން ބެލްކަނީގައި ހެދިފައިވާ ފެންގަނޑު ތެރެއަށް ވާރޭގެ ތިކިތައް ޖެހުމާއެކު އެ އުފެދޭ ކުދިކުދި ބާނިތަކަކީވެސް ޤުދުރަތުގެ އަޖައިބެކެވެ. ބަލާ ފޫހިނުވާނެހާ ހިތްގައިމު މަންޒަރެކެވެ. ފިނީގެ ސަބަބުން ހީކަރުވާފައި ހުރިނަމަވެސް މިޝްޢަލް އެތެރެއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އޭނާގެ ދިރިއުޅުމުގެ ކުރިއަށް އޮތް ދުވަސްތަކަކީ އޭނާއަށް އެއްވެސް ހަމަޖެހުމެއް އޮތް ދުވަސްތަކެއް ނޫންކަން އޭނާއަށް އިހުސާސްކުރެވެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އޭނާގެ ދިރިއުޅުމުގެ ބާކީ ދުވަސްތަކަށް ވާވަރަށް އެ ހިތްގައިމު މަންޒަރުން ހިތްހަމަޖެހުން ހޯދާށެވެ.

މިޝްޢަލްގެ އުމުރުން އަށާރަ އަހަރު ފުރުމާއެކު އޭނާގެ މައިންބަފައިން އޭނާ ގާތުގައި ކައިވެނީގެ ވާހަކަ ދައްކަން ފެށިއެވެ. މިޝްޢަލް ކިޔަވަން ބޭނުންކަމަށް ބުނުމުންވެސް މިޝްޢަލްގެ ބައްޕަ ވަލީދު އެކަމަށް ދިނީ ބީރު ކަންފަތެކެވެ. އޭނާގެ ނަޒަރުގައި އަންހެންކުދިން މާ މައްޗަށް ކިޔެވުމަކީ ބޭކާރު ކަމެކެވެ. ކައިވެންޏަށްފަހު ގޭގައި ދަރިން ބަލަން އިންނަ މީހެއް ކިޔެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބޭކާރު ޚަރަދުތަކެކެވެ. ފައިސާ ލިބުނަކަސް ބޭކާރު ޚަރަދުތަކެއް ނުކުރެވޭނެއެވެ. ވަލީދުގެ ނަޒަރުގައި އަންހެނުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އާރެއް ބާރެއް ނެތް ނިކަމެތި ބައެކެވެ. އެއްވެސް ކަމެއް ނުކުރެވޭ ބޭކާރު ބައެކެވެ. އެފަދަ ބަޔަކަށް ޤަދަރުކުރުމަކީ އަމިއްލަ އަގު ވައްޓާލުމެވެ. އަންހެނުންގެ މަޤާމަކީ ފައިފުއްސެއްގެ މަޤާމެވެ.

މިޝްޢަލްގެ މަންމަ ރަޒީނާ ކިތަންމެ ވަރަކަށްވެސް މިޝަލްގެ އެދުންތައް ފުރިހަމަކޮށްދޭން ބޭނުންވެއެވެ. ކިޔަވައިދޭން ބޭނުންވެއެވެ. ނަމަވެސް އޭނާއަކަށް ކުރެވޭނެކަމެއް ނެތެވެ. އޭނާއަކީ ވަލީދުގެ އަނބިމީހާ ކަމަށްވިޔަސް އޭނާއަކީ ވަލީދުގެ އަޅެއްފަދައެވެ. ވަލީދުގެ އެއްވެސް ކަމަކަށް އޭނާއަށް ފާޑެއް ނުކިޔޭނެއެވެ. ވަލީދުގެ ނިންމުމަކާއި ދެކޮޅެއް ބަހެއް ބުނެފިނަމަ ދުވަސް ދިޔައީއެވެ. ވަލީދުގެ ކުށްތައްވެސް އަމިއްލަ ބޮލުގައި އަޅަން އޭނާއަށް މަޖުބޫރުވެއެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ ވަލީދުގެ ފަރާތުން ޖިސްމާނީ ގޮތުން އެތައް އަނިޔާއެއް ލިބޭނެކަން އެނގޭތީއެވެ. އަނިޔާވެރި ފިރިއަކާއެކުވެސް އޭނާ ކެތްތެރިވެވޭތޯ މަސައްކަތްކުރަނީ ހަމައެކަނި މިޝްޢަލްއަށްޓަކައެވެ.

ރަޒީނާއަކީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗެކެވެ. ވަލީދު އޭނާ ގެއިން ނެރެލިޔަސް ގޮސް ވަންނާނެ ތަނެއް ހުރީއެއް ނޫނެވެ. އޭނާއަށް ބޯ ހިޔާކޮށްލެވޭނެ ހިޔާވައްސެއް ހުރިނަމަވެސް އޭނާ ވަލީދުގެ އަނިޔާތަކަށް ކެތްކޮށްގެނެއް ނޫޅުނީހެވެ. އޭނާ މިޝްޢަލް ގޮވައިގެން ވަލީދުގެ ކިބައިން ސަލާމަތްވީހެވެ. ވަލީދުގެ އަނިޔާވެރިކަމުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނާކަށްވެސް އޭނާއަކަށް ނުކެރެއެވެ. ކަމާއިބެހޭ ފަރާތަށް އަންގަން އޭނާ ބޭނުންނުވާ ސަބަބަކީ ވަލީދުގެ ފައިސާވެރިކަމެވެ. ކިތަންމެ ގިނަ ހެކިތަކެއް ދެއްކިޔަސް ފައިސާވެރިންނާއި ދެކޮޅަކަށް މިދުނިޔެމަތީގައި ހުކުމެއް ނީއްވޭނެއެވެ. އެކަން ރަޒީނާއަށް ކަށަވަރުވެއެވެ. އެހެން ނޫންނަމަވެސް އޭނާ އެ އަނިޔާވެރިކަމުން ސަލާމަތްވާނެތާ ކިތަންމެ ދުވަހެކެވެ.

ވަލީދު މިޝްޢަލް އޭނާގެ ކުރިމައްޗަށް ގެނައެވެ. މިޝްޢަލްއަށް އިސްޖަހަން މަޖުބޫރުވީ ވަލީދުގެ މޫނު ފެނިފައެވެ. އެ މޫނުމަތި ފެނުމުންވެސް މިޝްޢަލް ޖެހިލުންވެއެވެ. އެހާވެސް ނުރައްކާތެރިކަން ވަލީދުގެ މޫނުމަތިން ފެންނަން ހުރެއެވެ. އޭނާ ބައްޕަގެ ކުރިމަތީ އިސްނުޖަހައިފިނަމަ އޭނާއަށް އަނިޔާ ލިބޭނެއެވެ. ބައްޕަގެ ހުންނަ ހަރުކަށިކަމާއި އަނިޔާވެރިކަމަކީ މިޝްޢަލްވެސް ނުހަނު ޖެހިލުންވާ ކަމެކެވެ. ނަމަވެސް ބައްޕަގެ އެ އެދުން އޭނާއަށް ފުރިހަމަކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ. އޭނާއަކަށް އެ ލީވާންއަކާއި ކައިވެންޏެއް ނުކުރެވޭނެއެވެ.

“އަންނަ ހޯމަ ދުވަހުގެ ރޭ ކައިވެންޏަށް ތައްޔާރުވޭ!” ވަލީދުގެ ހަރުކަށި އަޑުން ނެރުނު އަމުރާއެކު މިޝްޢަލްއަށް ސިހިފައި ބަލާލެވުނެވެ. އޭނާގެ ބައްޕަ ހަމަ އޭނާގެ ނުރުހުމުގައި ކައިވެނި ހަމަޖެއްސީ ހެއްޔެވެ؟

“އެކަމަކު ބައްޕާ..” މިޝްޢަލްއަށް ޖުމުލަ ފުރިހަމަނުކުރެވެނީސް ވަލީދު ފުންމައިގެން ތެދުވިއެވެ. ބޭއިޚުތިޔާރުގައި މިޝްޢަލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ކޮން އެކަމަކުއެއް؟ މިޝްޢަލް ބައްޕަ ކިޔަނީ އަހަރެންނަށް ކަމަށްވަންޏާ މި ކައިވެނި ކުރަން ޖެހޭނީ.. އެހެން ނޫނީ އެހެރަ ދޮރުން ނުކުމެގެން ދިޔުން ނޫން އެއްގޮތެއްވެސް ނޯންނާނެ..” ވަލީދުގެ އެއްވެސް ނިންމުމަކީ ބަދަލުކުރެވޭނެ ނިންމުމެއް ނޫނެވެ. އެކަން މިޝްޢަލްއަށްވެސް އެނގެއެވެ. ނަމަވެސް އެ ކައިވެނި ނުކުރަން ކުރެވެން އޮތްހާ ކަމެއް އޭނާ ކުރާނެއެވެ.

“އެކަމަކު.. އާހް..” މިޝްޢަލްގެ އަނގައިން އާހެއްގެ އަޑު ބޭރުވީ ވަލީދުގެ އަތުގެ ހޫނު ހަމަލާއެއް މިޝްޢަލްގެ ނާޒުކު މޫނަށް އެރުމުންނެވެ. އެ ދޮން ހަންގަނޑުގެ ކުލަ ރަތްކުލައަށް ބަދަލުވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ.

“އަހަރެންގެ އެއްވެސް ނިންމުމަކާއި ދެކޮޅު ހަދަންޏާ އަހަރެންގެ ރުޅި ވަރަށް ގަދަވާނެ.. އަހަރެން ރުޅި ގަދަވާ ވަރަކަށް އަނިޔާ ވާނީ ހަމަ މިޝްޢަލްއަށް..” މިޝްޢަލްގެ ދިގު އިސްތަށިގަނޑުގައި ހިފާ ވާންކޮށްލަމުން ވަލީދު ބުނެލިއެވެ. އެއަށްފަހު މިޝްޢަލް ކޮށްޕާލާފައި އޭނާ އެތެރެއަށް ވަދެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. މިޝްޢަލް ވެއްޓުނު ވަގުތު ސޯފާ ކައިރީ ކުޑަ މޭޒުގެ ކަން ހެރުނީ އޭނާގެ ބަނޑަށެވެ. އޭނާއަށް ވޭނީ އަޑަކުން ހަޅޭއްލަވައިގަނެވުނު ނަމަވެސް އޭނާއަށް އެހީވާނެ މީހަކު ނެތެވެ. ރަޒީނާއަށް މިޝްޢަލްގެ ހިތުގައި އަޅާ ވޭން އިހުސާސްކުރެވުނު ނަމަވެސް އޭނާއަކަށް ކުރެވޭނެ ކަމެއް ނެތެވެ. ފިރިމީހާގެ އަނިޔާވެރި ވަކިތަކުން އޭނާއަކަށް މިޝްޢަލް ސަލާމަތްކޮށްދެވޭނެ ގޮތެއް ނެތެވެ. ހިތުގައި އަތް އަޅާލައިގެން ދަރިފުޅުގެ ވޭންތައް ބަލަން ހުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

ކައިވެނީގެ ވަގުތު ކުޑަތަން ވަނީއެވެ. ކައިވެނީގެ އަގުބޮޑު ހެދުމުގައި މިޝްޢަލް އިންއިރު އޭނާގެ ޚިޔާލުތަކުގައި ވަނީ އެކަމުން ސަލާމަތްވާނެ ގޮތެކެވެ. އެއްވެސް ޙާލެއްގައި އޭނާ ލީވާންއަކާ އިންނާކަށް ބޭނުމެއް ނޫނެވެ. އޭނާއާއި އިންނަ އަންހެންކުއްޖެއްގެ ދިރިއުޅުން ވާނީ ހަލާކެވެ. އޭނާގެ އަނދިރި ފަރާތް މިޝްޢަލްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާއަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ސިއްރިއްޔާތުގައި، އެހެނަސް ފުޅާ ދާއިރާއެއްގައި ކުރާ މީހެކެވެ. އަންހެންކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމަކީ އޭނާގެ އުފަލެކެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީވެސް އޭނާގެ އުފަލެކެވެ. އެފަދަ ފާފަތައް ކުރަމުން އަންނަ މީހެއްކަން އެނގިއެނގި ހުރެ އެކަހަލަ މީހަކާ ކައިވެނީގެ ގޮތުން ގުޅެވޭނީ ކިހިނެއް ހެއްޔެވެ؟

ކައިވެނީގެ ވަގުތު ޖެހުމުން މިޝްޢަލްގެ މަންމަ އައިސް ކޮޓަރިއަށް ވަތްއިރު އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. ދަރިފުޅުގެ ހިތާމަތައް އޭނާއަށް އިހުސާސްކުރެވެއެވެ. ވަޒަންކުރެވެއެވެ. ދޮރު ހުޅުވާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކޮޓަރީގެ ތަރުތީބު ވަނީ ގެއްލިފައެވެ. މިޝްޢަލްގެ ހިލަމެއްވެސް ނެތެވެ. ކޮޓަރީގެ އެނދުމަތީގައި މިޝްޢަލްގެ ކައިވެނީގެ ހެދުން ބާއްވާލާފައި އޮތެވެ. ކޮޓަރިން ނުކުންނަން އެނބުރިލަން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހެދުން ދަށަށް ލައްވާލާފައިވާ ކަރުދާސްގަނޑެކެވެ. ފަންކާގެ ވަޔާއިއެކު ވިހުރެމުންދިޔަ ތަނެވެ. އޭނާ އަވަސްއަވަހަށް ގޮސް އެ ކަރުދާސްގަނޑު ނެގިއެވެ. އެއީ މިޝްޢަލްގެ ސިޓީއެކެވެ.

“މަންމާއެވެ! އަޅުގަނޑަށް މަޢާފުކުރާށެވެ! ބައްޕަ އެދިލައްވާ ގޮތަށް ލީވާންއާއި ކައިވެނި ކުރެވޭކަށް އަޅުގަނޑަކަށް ނެތެވެ. ލީވާންއަކީ ކޮންކަހަލަ މީހެއްކަން މަންމައާއި ބައްޕައަށްވުރެ ބޮޑަށް އަޅުގަނޑަށް އެނގެއެވެ. އޭނާއަކީ ފާފައިގެ ހާއްޔެއްގައި ހައްޔަރުވެފައިވާ މީހެކެވެ. އޭނާއަކީ ފައިސާވެރިއެކެވެ. ނަމަވެސް އެ ފައިސާވެރިކަމަކުން އޭނާއަކަށް އަޅުގަނޑުގެ ދިރިއުޅުން އާރާސްތުކޮށެއް ނުދެވޭނެއެވެ. އޭނާއާއި އިންނަ އަންހެންކުއްޖެއްގެ ދިރިއުޅުން ވާނީ ހަލާކެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެކެވެ. ބާރާއި ނުފޫޒު ބޭނުންކޮށްގެން އެދޭ ކޮންމެ އެދުމެއް ހާސިލުކުރަމުން އަންނަ ނުބައި މީހެކެވެ. އަޅުގަނޑުގެ ބައްޕަ ފަދައިން އަންހެނުންނަކީ އޭނާއަށް އެއްވެސް ބައެއް ނޫނެވެ. ވީއިރު އޭނާގެ އަނތްބަކަށްވެ އޭނާގެ އަޅަކަށް ވެގެން އަޅުގަނޑުގެ ދިރިއުޅުން ހަލާކުކޮށްލަންވީ ހެއްޔެވެ؟ އަޅުގަނޑަށްޓަކައި މަންމަ ވަރަށް ކެތްކޮށްފިއެވެ. ނަމަވެސް އަޅުގަނޑުގެ ދިރިއުޅުން ހަލާކުވެގެން ދާތަން ދެކެން މަންމައަށް ކެތްކުރެވޭނެ ހެއްޔެވެ؟ އެގޮތަށް އެކަން ވެގެން ދާތަން ދެކެން މަންމައަށް ކެތްނުކުރެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ.

މަންމާއެވެ! އަޅުގަނޑަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަޅުގަނޑަށް އެ ޚަބަރު ލިބުނީ ބައްޕަ އަޅުގަނޑުގެ ކައިވެނި ހަމަޖެއްސި ރެއެވެ. އަޅުގަނޑު ބައްޕަ ގާތުގައި އެވާހަކަ ނަންގަންނަން އުޅުނު ވަގުތު ބައްޕަގެ ފަރާތުން އަޅުގަނޑުގެ މޫނަށް ލިބުނު ހަދިޔާގެ ސަބަބުން އިތުރަށް އެވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. އަޅުގަނޑަށް ތިޔަ ކައިވެނިން ސަލާމަތް ވެވެން އޮތް ހަމައެކަނި ފިލައިގެން ދިޔުން ކަމަށްވާތީ އެގޮތް ޚިޔާރުކުރަން މަޖުބޫރުވީއެވެ. ލީވާންއާއި ކައިވެނިކޮށް ދިރިއުޅުން ހަލާކުކޮށްލަން ބޭނުން ނުވާތީއެވެ.

މަންމާއެވެ! އަޅުގަނޑު މިގޮތަށް ފިލައިގެން ދިޔުމުން އޭގެ އަދަބު، ބައްޕަ މަންމައަށް ދޭނެކަންވެސް އަޅުގަނޑަށް އެނގެއެވެ. އެކަމަށްޓަކައިވެސް އަޅުގަނޑަށް މަޢާފުކުރާށެވެ! މަންމަ ހާސްނުވާށެވެ. އަޅުގަނޑު ވަރަށް އަވަހަށް ބައްޕަގެ އަނިޔާވެރިކަމުން މަންމަ ސަލާމަތްކޮށްދޭނަމެވެ. މަންމަ ކުޑަކުޑަ ހިތްވަރަކާއި އިންތިޒާރެއް ކޮށްލަދޭށެވެ.

މަންމާއެވެ! އަޅުގަނޑަށް އެހާ ފަސޭހައިން މިކަންތައް ހަމަޖެހުނީ ކިހިނެއްތޯ އެއީ މަންމަގެ ހިތުގައި އުފެދޭނެ ސުވާލެއްކަން ޔަޤީނެވެ. ނަމަވެސް މި ސިޓީގައި އެއީ ކާކުކަން ހާމަކުރާކަށް ބޭނުމެއް ނޫނެވެ. އެއީ އަޅުގަނޑުދެކެ ވަރަށް ލޯބިވާ ފަރާތެކެވެ. އޭނާގެ ޢަމަލުތަކާއި ވާހަކަތަކުން އަޅުގަނޑަށް އެކަން ޔަޤީންކުރެވެއެވެ. އޭނާ ހުރީ އަޅުގަނޑު ކިޔަވަން ބޭނުންވާ ވަރަކަށް ކިޔަވައި ނިމެންދެން އަޅުގަނޑަށް އިންތިޒާރުކުރަން ތައްޔާރަށެވެ. އަޅުގަނޑު ކިޔަވައި ނިމުމުން އޭނާއާއި ކައިވެނި ކުރާނަމެވެ.

މަންމާއެވެ! އަޅުގަނޑު މިގޮތަށް މަންމައާއި ވަކިވެގެން ދިޔަކަމުގައި ވީނަމަވެސް މަންމަ އަޅުގަނޑާއިމެދު ހިތްބުރަ ނުކުރައްޗެވެ. އަޅުގަނޑު މަންމައަށް ވަޢުދުވަމެވެ. މާތް ﷲގެ އިރާދަފުޅާއެކު އަޅުގަނޑު ކިޔަވައި މޮޅު މީހަކަށްވެގެން އެނބުރި އަންނާނަމެވެ. އެނބުރި އައުމުގެ ކުރިން މަންމަ ތި ޖަލެއްފަދަ ތަނުން މިނިވަންކޮށްދޭނަމެވެ. މަންމަ ކުރިއެކޭވެސް އެއްފަދައިން އަޅުގަނޑަށް ހެޔޮދުޢާ ކޮށްދޭށެވެ! އޭރުން މާތް ﷲ އަޅުގަނޑަށް ހިތްވަރާއި ކާމިޔާބު ދެއްވާނެއެވެ.

މަންމާއެވެ! އަޅުގަނޑު ވަކިވާންޖެހޭ ވަގުތު ކުޑަތަން ވަނީއެވެ. މަންމަ ދޫކޮށް ފިލައިގެން ދާން ޖެހުނީތީ އަޅުގަނޑަށް މާފުކުރާށެވެ! އަޅުގަނޑަށް ހިތްވަރާއި ކާމިޔާބުދެއްވާތޯ އަޅުގަނޑަށް ހެޔޮދުޢާ ކޮށްދޭށެވެ! އަޅުގަނޑަށް ހިތްހެޔޮކުރައްޗެވެ. އަޅުގަނޑު މަންމަދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ.

– މަންމަދެކެ ލޯބިވާ މިޝްޢަލް –”

ސިޓީ ކިޔައި ނިމުނުއިރު ރަޒީނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައެވެ. މިޝްޢަލްއާއިމެދު އޭނާގެ ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. މިޝްޢަލްއަށްޓަކައި އޭނާ އެހާ ކެތްތެރިވިއިރު މިޝްޢަލްއަށް އެކަމުގެ އަގު އަދާކުރަން އެނގުނީ އެގޮތަށް ހެއްޔެވެ؟ އެވަރުގެ ބޮޑުކަމެއް ނިންމިއިރު އޭނާއަށް އަންގާނުލުމަކީ އިންސާފެއް ހެއްޔެވެ؟ ނަމަވެސް މިޝްޢަލް އޭނާއަށް އެކަން އެންގިނަމަ އޭނާއަށް އެކަމާ ނުރުހެވޭނެކަންވެސް އެނގެއެވެ. ދެން ކަންތައް ވެގެންދާނީ ކިހިނެއްބާއޭ ހިތަށް އަރާފައި ހުއްޓާ ވަލީދު އައިސް ކޮޓަރިއަށް ވަނެވެ. އޭނާ ހުރީ ރުޅިއައިސް ރަތްވެފައެވެ. ވަލީދުގެ މޫނު ފެނިފައިވެސް ރަޒީނާގެ މޭ ރޫރޫ އަޅައިގަތެވެ. ނިތްކުރިން ދާތިކިތައް ވިދަންފެށީ ބަސްބުނާހާ ހިނދުންނެވެ. ވަލީދަކީ މީހުންނަށް ބަލާ މީހެއް ނޫނެވެ. ކިތަންމެ މީހުންނެއް ތިބިނަމަވެސް އޭނާ ބޭނުން ގޮތެއް ހަދާކަށް ފަހެއް ނުޖެހޭނެއެވެ.

“ކޮބާ މިޝްޢަލް؟” ވަލީދުގެ ހަރު އަޑުން އެހިއެވެ. ރަޒީނާއަކަށް ޖަވާބެއް ނުދެވުނެވެ. ތުރުތުރުއަޅަމުންދިޔަ އަތުން ސިޓީ ދިއްކޮށްލިއެވެ. ވަލީދު ސިޓީ ޖަހައިގަތް ގޮތުން ވީދައިގެން ދިޔައެވެ. އޭނާ ސިޓީ ކިޔައި ނިންމާލިއިރު ރުޅިން މުޅި މީހާ ތުރުތުރުއަޅައެވެ.

“އޭނަ ހުރި ތަނަކުން އަހަރެން އޭނަ ހޯދާނަން! އޭނައަށް އެކަމުގައި އެހީތެރިވެދިން މީހަކުވެސް އަހަރެން ހޯދާނަން! އެމީހެއްގެ ވަސް ދުނިޔޭން ފިލުވާނުލެވުނިއްޔާ އަހަރެންގެ ނަމަކަށް ވަލީދުއެއް ނުކިޔާނެ!” ރުޅިވެރިކަމާއެކު ރަޒީނާ ކޮއްޕާލާފައި ވައިރޯޅިއެއްހައި ބާރުމިނުގައި ނުކުމެގެން ދިޔައެވެ. އެނދުމައްޗަށް ވެއްޓިފައި އޮތް ރަޒީނާ މަޑުމަޑުން ތެދުވިއެވެ. އެހާ ކުޑަ ގޮތަކަށް ވަލީދު މިކަންތައް ނިންމާނުލާނެކަން އޭނާއަށް ޔަޤީނެވެ. މިރޭ އަދި ފަހުން އޭނާއަށް ހަސްކާ ދައްކާލާނެއެވެ.

 

*** 5 އަހަރު ފަސް ***

 

ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން ހަލުވިކޮށެވެ. ކިޔެވުމުގައި އަވަދިނެތި މިޝްޢަލް އުޅެމުން ދިޔައެވެ. އޭނާ ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ރަޒީނާއާއި ދުރުގައި ހުންނަން ޖެހުމުން އެ ހިތާމަ ކުރެވެއެވެ. އަނެއްކޮޅުން ވަލީދު ރަޒީނާއަށް ހަދައިލާނީ ކޮންފަދަ ގޮތެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

އެއްދުވަހަކު މިޝްޢަލް ކޮލެޖު ނިންމާފައި ގެއަށް އައިސް ވަތްތަނާހެން އޭނާގެ ފޯނު ރިންގުވިއެވެ. ފޯނުގެ ސްކްރީނަށް ބަލައިލުމާއެކު މިޝްޢަލްގެ ތުންފަތްމަތީ ދުވެލީ ފުޅާ ހިނިތުންވުމެކެވެ. އަވަސްއަވަހަށް ފޯނު ނެގީ އާއިލާގެ އެންމެ ފަހުގެ ޚަބަރުތައް ހޯދުމަށާއި ލޯބިވެރިޔާއާއިއެކު ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.

ދެމީހުން އެތައް އިރެއް ވަންދެން ފޯނުން ވާހަކަދެއްކިއެވެ. ފޯނު ބޭއްވިއިރު މިޝްޢަލްއަށް ވަނީ ކުޑަހިތްހަމަޖެހުމެއް ލިބިފައެވެ. ނިލާމްގެ ފަރާތުން ޚަބަރު ލިބުނު ގޮތުގައި މިހާރަކަށް އައިސް ވަލީދު ރަށަކުން ނުފެނެއެވެ. ރަށުން ފެންނަ މަދު ދުވަސްކޮޅުވެސް ރަޒީނާއަށް އަނިޔާ ކުރާހެނެއް ހިއެއް ނުވެއެވެ. ރަޒީނާގެ މޫނުމަތިންވެސް އެފަދަ އަސަރެއް ނުފެންނާތީއެވެ. އަދި ކުރިން ގޭތެރޭގައި ކުރެވެމުން ދިޔަ ޒުވާބުގެ އަޑުވެސް ގާތްގަނޑަކަށް ކެނޑިފައި ވާތީއެވެ.

އެއްދުވަހަކު މިޝްޢަލް ކޮލެޖުން ނުކުތްތަނާ ނިލާމްގެ ފޯނު ކޯލެއް ލިބުނެވެ. އަދި ވަރަށް އަވަހަށް ސަޕްރައިޒެއް ލިބޭނެކަމުގައި ބުންޏެވެ. މިޝްޢަލް އެތައް ސުވާލެއް ކުރުމުންވެސް ނިލާމް އެއީ ކޮން ސަޕްރައިޒެއްކަމެއް ނުބުންޏެވެ. އޭނާ ބުނީ ކުޑަ އިންތިޒާރެއް ކޮށްލުމަށެވެ. މިޝްޢަލް ހުރީ އެ ސަޕްރައިޒަކީ ކޮބައިތޯ ބަލައިލުމުގެ ޝައުޤުވެރިކަން އިންތިހާއަށް ބޮޑުވެފައެވެ.

ހަފްތާއެއް ފާއިތުވިތަނާ އެއްދުވަހަކު މިޝްޢަލް ކޮލެޖުން އައިސް ގޭގައި އުޅެނިކޮށް ގޭގެ ބެލް އަޅާލިއެވެ. ކުޑަ ހައިރާންކަމަކާއިއެކު ދެޚިޔާލެއްގައި ހުރެފައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލިއިރު އޭނާއަށް ފެނުނު މަންޒަރުން އޭނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ދޮރުމަތީގައި ހުރީ އޭނާގެ ލޮބުވެތި މަންމައެވެ. ނިލާމް ކުރިން ދުވަހު ގުޅާފައި ލިބޭނެ ވާހަކަ ބުނި ސަޕްރައިޒަކީ މިއީތާއެވެ. މިޝްޢަލްއަށް އުފަލުން ގޮސް ރަޒީނާގެ ގައިގައި ބައްދައިގަނެވުނެވެ. ފަސް އަހަރަށްފަހު ލޯބިވާ ދަރިފުޅު ފެނުމުން ރަޒީނާގެ ހިތުގައިވެސް މައިވަންތަކަމުގެ ކުލުނު އުތުރި އަރައިގަތެވެ.

“ސަޕްރައިޒް!!” ކުއްލިއަކަށް ނިލާމް ކުރިމައްޗަށް އެރުމުން މިޝްޢަލްގެ ހައިރާންކަން ދެގުނަ ވިއެވެ. މިއަދު ހެނދުނުވެސް ނިލާމް އޭނާއާއި ފޯނުން ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނާގެ ގާތަށް އަންނަ ވާހަކައެއް ނުބުނެއެވެ. މިއަދަކީ ބޮޑު ދުވަހެއްތާއޭ މިޝްޢަލްގެ ހިތަށް އެރިއެވެ. މުޅިންވެސް ލިބެނީ “ޝޮކް”އެވެ. ސަޕްރައިޒުން ފުރިފައިވާ ދުވަހަކީ ކަންނޭނގެއެވެ. މިވަރުން ސަޕްރައިޒް ދެމުން ގޮސް އެތަނަށް ވަލީދު ނުގެނެސްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

“އަހަރެން އައީމަ އުފަލެއްވެސް ނުވޭތަ؟” ނިލާމް އެހެން ބުނެލިއިރު މިޝްޢަލް އޭނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަނީއެވެ.

“ވަރަށް އުފާވެއްޖެ.. އުފަލުން ރޮވިއްޖެ.. ކީއްވެ އުފާނުވާނީ؟ އަހަރެންގެ ދިރިއުޅުމުގައި އެންމެ މުހިންމު ދެމީހުން މިހާރު ތިތިބީ އަހަރެންގެ ކައިރީގައި.. އަންގާވެސް ނުލާ އައިސް..” މިޝްޢަލްއަށް ބުނެލެވުނެވެ.

ގޭތެރެއަށް ވަދެވުމާއެކު ވޭތުވެދިޔަ ފަސް އަހަރު ރަޒީނާގެ ޙަޔާތުގައި ދިމާވި ކަންތައްތައް އޮޅުންފިލުވަން މިޝްޢަލް ބޭނުންވިއެވެ. އޭނާ ނެތް ދުވަސްތަކުގައި އޭނާގެ މަންމަ ހާދަ ވޭނެއް އުފުލާފައި ވާނެޔޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ހީކުރި ގޮތާއި ޚިލާފަށް އޭނާ ނެތް ދުވަސްތަކުގައި ވަލީދުގެ ފަރާތުން އަނިޔާއެއް ރަޒީނާއަކަށް ނުލިބެއެވެ. އޭނާ ފިލައިގެން ގެއިން ދިޔުމާއެކު އަތުންފައިން މަސައްކަތެއް ނުކޮށް ވަލީދަށް ލިބެމުން އައި ފައިސާގެ މަގު ބަންދުވީއެވެ. ފައިސާ ލިބުނު އިރުގައި ސުމާރެއް ނެތްވަރަށް ޚަރަދުކުރުމުގެ ސަބަބުން އަތްމަތި ހުސްވީއެވެ. އިންތިހާއަށް މޮޅުގައި އުޅެން ބޭނުންވާ ވަލީދުއަށް ފައިސާ ހޯދުމަށް މަޖުބޫރުވީއެވެ. ވުމާއެކު އެއްފަހަރާ ގިނަ ފައިސާ ހޯދުމުގެ ބޭނުމުގައި އޭނާ ބޯޓު ދަތުރުކުރަން ދިޔައީއެވެ. ރަށަށް އަންނަނީ ދެއަހަރުން އެއްއަހަރު ދިހަ ވަރަކަށް ދުވަހަށެވެ. ހިތް ފުރޭވަރަށް ފައިސާ ލިބޭތީ ކަންނޭނގެއެވެ. އެދުވަސްތަކުގައި އަނިޔާއެއް ނުކުރެއެވެ.

އެތައް ދުވަހަކަށްފަހު މިޝްޢަލްއަށް ޖަވާބު ނުލިބިގެން އުޅުނު ސުވާލުގެ ޖަވާބުވެސް ލިބުނީއެވެ. ވަލީދު އެދެމައިންނަށް އަނިޔާކުރުމުގެ ސަބަބަކީ ލީވާންއާއި ކައިވެނިކުރުމަށް މިޝްޢަލްއަށް މަޖުބޫރު ކުރުވުން ކަމެވެ. ނަމަވެސް އެދުވަހު ކައިވެނި ނުކުރެމުން މިއަދު އޭނާ އުފާވެއެވެ. ކިޔެވުމުގެ މަގު ތަނަވަސްވުމުގެ އިތުރަށް މަންމައަށް ލިބެމުންދިޔަ އަނިޔާތަކުންވެސް ސަލާމަތްވީއެވެ. އަނެއްކޮޅުން ވަލީދުގެ މަސައްކަތުން ފައިސާ ހޯދަންވެސް ފެށީއެވެ. ބައްޕަދެކެ ކިތަންމެ ފޫހިވީ ނަމަވެސް ހިތުގެ ކޮންމެވެސް ހިސާބެއްގައި ލޯބީގެ ޒައްރެއްވެސް ވާތީ ކަންނޭނގެއެވެ. ވަލީދުގެ ދަހިވެތިކަން ފިލައި ދެއްކުންތެރިކަން ނެތި ގޮސް ބައްޕަގެ އުޅުން އިސްލާހުވޭތޯ އޭނާއަށް ހިތާހިތުން ދުޢާކުރެވުނެވެ.

ރަޒީނާ މިޝްޢަލްގެ ގާތަށް އައިތާ ތިންވަނަ ދުވަހެވެ. އޭނާއަށް ލިބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒީޒާގެ ފޯނު ކޯލެކެވެ. ލިބުނު ޚަބަރަކުން ރަޒީނާ ހުއްޓުން އެރިއެވެ. ވަލީދު ރާއްޖެ އައިސް އުޅެނިކޮށް މާލެއިން ބަޔަކު އޭނާއަށް ހަމަލަދީ މަރާލި ޚަބަރެވެ. ފިރިމީހާގެ ފަރާތުން ކިތަންމެ އަނިޔާއެއް ލިބިފައިވީ ނަމަވެސް އެފަދަ އަނިޔާވެރި ގޮތަކަށް ފިރިމީހާ ނިމިދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް ތަޤުދީރާއި ދެކޮޅު ހެދޭނީވެސް ކިހިނެއް ހެއްޔެވެ؟ ހެޔޮދުޢާ ކުރުން ނޫން އެއްގޮތެއްވެސް ދެން ނޯންނާނެއެވެ. ރަޒީނާ ވަރަށް ހިތްވަރުކޮށްފައި މިޝްޢަލްއަށް އެ ޚަބަރު ދިނެވެ. ހީކުރި ވަރަށްވުރެ މިޝްޢަލް ހިތްވަރު ގަދައެވެ. އެ ޚަބަރު ލިބުނު ވަގުތު ލޮލުން އޮހުނު ކަރުނައަށްފަހު އެ ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލައެވެ. ބައްޕައަށް ހެޔޮދުޢާ ކުރިއެވެ.

މިޝްޢަލްގެ ކިޔެވުން ނިންމާލީ އެއްވަނަ ދަރަޖައިގެ ފާސްތަކާއި އެކުގައެވެ. އެނބުރި ރާއްޖެ އާދެވުމާއެކު ނިލާމްއާއި ދެމީހުންގެ ކައިވެނި ވަރަށް ކުލަގަދަ ހަފުލާއަކާއެކު ކުރެވިއްޖެއެވެ. މިޝްޢަލްގެ ކެތްތެރިކަމުގެ މޭވާ ވަރަށްވެސް ފޮންޏެވެ. އޭނާ ހިތް އެދުނުފަދަ ލޯބިވެތި ބައިވެރިއެއް އޭނާގެ ޙަޔާތަށް ލިބުނީއެވެ. ދުވަހަކުވެސް އޭނާގެ ހިތުގައި ނުޖައްސަން ނިލާމް ވަޢުދުވިއެވެ. އެދެކުދިންގެ ކައިވެނީގައި ބަރަކާތް ލެއްވުން އެދި ރަޒީނާއަށް މާތް ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުނެވެ. އާމީން!

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 31

Next

ހޯދޭތޯ މަންޒިލެއް… 17

Next
November 16, 2018

ހޯދޭތޯ މަންޒިލެއް… 17

Previews
November 16, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 31

24 Comments!

  1. cutie afuar says:
    November 16, 2018 at 10:33 am

    love the story <3

    1. Saandy says:
      November 17, 2018 at 6:40 pm

      Thank You cutie afuar 🙂

  2. Naji says:
    November 16, 2018 at 12:15 pm

    Varah reethi vaahaka eh ?

    1. Saandy says:
      November 17, 2018 at 6:40 pm

      Thank You Naji 🙂

  3. LV says:
    November 16, 2018 at 1:14 pm

    Varah ufaa vehjje mi vaahaka avahah nimunyyyma….by the way nice storyy..hh

    1. Saandy says:
      November 17, 2018 at 6:41 pm

      Thank You LV 🙂

  4. Ko Ko Bop says:
    November 16, 2018 at 2:47 pm

    Lovely story

    1. Saandy says:
      November 17, 2018 at 6:42 pm

      Thank You Ko Ko Bop 🙂

  5. sai says:
    November 16, 2018 at 2:52 pm

    Dhigu vaahaka eh genesdheyny kn irakntha

    1. Saandy says:
      November 17, 2018 at 6:43 pm

      Thank You sai.. Dhigu vaahakaeh genesdheyne vaki dhuvaheh bunaakah neynge.. Adhi kuda dhuvaskolheh vaane 🙂

  6. Yuha says:
    November 16, 2018 at 3:18 pm

    ? and Love story

    1. Saandy says:
      November 17, 2018 at 6:43 pm

      Thank You Yuha 🙂

  7. Gud❤ says:
    November 16, 2018 at 4:29 pm

    Luv thi story bt thankolheii digu vaahaka eii genesdheeba dear saandy…

    1. Saandy says:
      November 17, 2018 at 6:44 pm

      Thank You dear.. Adhi dhigu vaahakaves annaane.. Kuda inthizaareh kollaa 🙂

  8. Ishaan says:
    November 16, 2018 at 5:25 pm

    hama habeys

    1. Saandy says:
      November 17, 2018 at 6:45 pm

      Thank You Ishaan 🙂

  9. S says:
    November 16, 2018 at 11:31 pm

    I love kurh vhk specially yours sandy.

    1. Saandy says:
      November 17, 2018 at 6:45 pm

      Thank You S 🙂

  10. I hate zidhaan says:
    November 16, 2018 at 11:36 pm

    Mi site ga ulheyne v vhk liyan ingeymeehakah vegen ulhey meeheh .eena ah kiyaany zidhaan.i think zidhaan sandy ge vaahaka thah kiyaafa amilla nafsah malamath kuraan?.sandy this a fab story.sandy men kahala liyun therin nah kiyaany vaahaka liyan ingeymeehakah meehun ney zidhaan men thy kocheh.zidhaan ah visneyne kamah uhmeedhu kuran.

    1. Saandy says:
      November 17, 2018 at 6:48 pm

      Vaahaka kamudhiyaeema v ufaavejje.. 🙂 Ekam v dheravejje mi comment ge dhen oiy bai fenifa.. Zidhaan ge vaahakathah thi kujjayah kamunudhiyayas thigothah e liyuntheriyaage hiyy maruvaa gothah noony malaamaaiy kuraa zaathah comment kurumaky v dhera kameh.. 🙁 Kuriah oiythaa mifadha kameh thakuraaru nukuraane kamah ummeedhu kuran 🙂

  11. Minnu says:
    November 18, 2018 at 6:07 pm

    Story is really really nice???????❤

    1. Saandy says:
      November 18, 2018 at 11:44 pm

      Thank You Minnu 🙂

  12. Laylerr says:
    November 20, 2018 at 4:54 pm

    Wow..??V.v.v.reethi..maashaa Allah ❤️

    1. Saandy says:
      November 20, 2018 at 5:19 pm

      Thank You Laylerr 🙂

Comments are closed.



All Right Reserved!