ހުރަސް
ޒައިނާއަކީ އައްޑޫ މަރަދޫއަށް އުފަން، އުމުރުން ތޭވީސް އަހަރުގެ ޒުވާން ޖިންސުއްލަތީފެކެވެ. ލިބިފައިވާ މާތް އަޚްލާޤުގެ ސަބަބުން އޭނާ ވެފައިވަނީ ރަށުގައި މަޝްހޫރު ކުއްޖަކަށެވެ. އާދައިގެ އިސްކޮޅާއި އަންހެންވަންތަ ހަށިގަނޑުގެ ސަބަބުން އެތައް ޒުވާން ފިރިހެންކުދިންނެއްގެ ކަޅި އޭނާއަށް ހުއްޓެއެވެ. އޮޅަލި ކުލައެއްގެ ހަންގަނޑެއް ލިބިފައިވީ ނަމަވެސް އެ ހަންގަނޑުގެ އޮމާންވުމުގެ ސަބަބުން ރީތިކަން އިތުރުކޮށްދެއެވެ. ބޮޑު ދެލޮލަށް ހިޔާ އަޅާފައިވާ ބޯ އެސްފިޔަތަކުގެ ސަބަބުން އެދެލޯ އިތުރަށް ފުރިހަމައެވެ. ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގެ ތިރީ ކައިރީގައިވާ ކުޑަ ކަޅުތިލަ އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މޭކަޕުގެ ދުނިޔެއާއި ދުރުގައި އުޅޭ ސާދާ އަންހެންކުއްޖެކެވެ.
ޒައިނާ އޭނާގެ ލޯބިވެރިޔާ ކަޔާންއާއި ގުޅުނީ ހަތް އަހަރު ކުރިން އޭނާ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރުއެވެ. ކަޔާން އޭނާއަށްވުރެ ފަސް އަހަރު ދޮށީވުމުން އެ ގުޅުމަށް އޭނާގެ ރައްޓެހިން ވަރަށް ނަފުރަތުކުރިއެވެ. ކަޔާންއާއި ދުރުވުމަށް ނަސޭޙަތްތެރިވިއެވެ. އުމުރުގެ ގޮތުން އެހާ ތަފާތު ބޮޑު ދެމީހުންނަށް ހަމަޖެހިގެން އުފަލުގައި ނޫޅެވޭނެ ކަމުގައި ބުނަމުން ދިޔައެވެ. ނަމަވެސް ޒައިނާ ކަޔާންދެކެ ވީ ސާފު ތެދުވެރި ލޯތްބެވެ. ކަޔާންގެ އެއްވެސް ކުށެއްނެތި އޭނާއާއި ވަކިވާކަން ޒައިނާގެ ހިތެއް ނޭދުނެވެ. ކަޔާންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާތީއެވެ. ވުމާއެކު އޭނާ ޚިޔާރުކުރީ އޭނާގެ ލޯތްބެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ރައްޓެހިން މަޑުމަޑުން ދުރުވަމުން ގޮސް އެންމެ ގާތް އެކުވެރިޔާ ރީޝާވެސް އޭނާއާއި ދުރުވިއެވެ.
ޒައިނާއާއި ކަޔާން ލޯބީގެ ބަގީޗާގައި އެތައް މާތަކެއް ފޮޅުވަމުން މުސްތަޤުބަލަށްޓަކައި ފޮނި އުއްމީދުތަކެއް ކުރިއެވެ. ވަކިނުވާން އެތައް ވަޢުދަކާއި އަހުދެއް ކުރިއެވެ. އެދެމީހުން އެދެމީހުންގެ އަމިއްލަ ދުނިޔޭގައި އުޅެމުންދިޔައިރު ޒައިނާގެ މައިންބަފައިން ތައްޔާރުވަމުން ދިޔައީ ޒައިނާގެ ބައްޕަ ވާފިރުގެ ވިޔަފާރީގެ އެއް ހިއްސާދާރު ޖާބިރުގެ ހުރި ހަމައެކަނި ދަރިފުޅު މާހިލްއާއި ޒައިނާގެ ކައިވެނި ކުރުވުމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް ޒައިނާއަކަށް ނުވެއެވެ. އެމީހުން އޭނާގެ ޚިޔާލު ހުރިގޮތެއް އޮޅުންފިލުވާކަށް ބޭނުމެއްނުވިއެވެ. ޒައިނާ އެމީހުންގެ ހުށަހެޅުމަކަށް ދެކޮޅު ނުހަދާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ.
ކުރިއަށް އޮތް އެއްމަސްތެރޭ ޒައިނާއާއި މާހިލްގެ ކައިވެނި ކުރެވޭ ގޮތަށް ދެއާއިލާއިން ހަމަޖައްސައިފިއެވެ. މާހިލް ހުރީ އޭނާ އެތައް ދުވަހަކުއްސުރެ ހިތުލައިގެން ހުރި ކަމެއް ހާސިލްވާތީ ނުހަނު އުފާވެފައެވެ. އޭނާގެ ހިތުގައި ޒައިނާގެ ތަސްވީރު ބިންވަޅު ނެގިފައިވާތާ މިހާރު ނުވަ ވަރަކަށް އަހަރު ވީއެވެ. ނަމަވެސް ޒައިނާއާއި އޮތް ރަޙްމަތްތެރިކަމުގެ ގުޅުމަށް ބުރޫ އަރައިފާނެތީ އެލޯބި ސިއްރުކުރީއެވެ. ޒައިނާގެ ހިތުގައި އޭނާއާއިމެދު އޮތީ ލޯބިކަމާއިމެދު އޭނާ ޝައްކެއް ނުކުރެއެވެ. ޒައިނާ އޭނާ ގާތުގައި ބޮޑު ވާހަކައެއް ބުނަން އުޅޭ ވާހަކަ އަބަދުވެސް ބުނެއެވެ. ނަމަވެސް އެވާހަކަ އޭނާއާއި ހަމައަށް އަންނާނެ ދުވަހެއް އަންނާނެބާވައޭ މާހިލްގެ ހިތަށް އެރިއެވެ. ނަމަވެސް އެ ދެމީހުންގެ މައިންބަފައިންގެ އެދުމަކީވެސް އެ ދެމީހުން ކައިވެނި ކުރުންކަން އެނގުނު ހިސާބުން އަނެއްކާވެސް އޭނާއަށް އާ އުއްމީދެއް ލިބުނީއެވެ. ޒައިނާ އޭނާ ގާތުގައި ބުނަން ބޭނުންވާ ވާހަކައަކީ އޭނާދެކެ ޒައިނާ ލޯބިވާ ވާހަކަ ކަމުގައި އޭނާ ޔަޤީންކުރިއެވެ. އޭނާއާއި ބަހައްޓާ ގާތްކަމަކީ ލޯބިކަމުގައި އޭނާ ޤަބޫލުކުރިއެވެ. ޒައިނާގެ ކިބައިގައިވާ ލަދުވެތިކަމެއްގެ ސަބަބުން އެވާހަކަ ބުނަން ފަސްޖެހުނީ ކަމުގައިވެސް އޭނާ ޤަބޫލުކުރިއެވެ.
ކައިވެނީގެ ވާހަކަ ޒައިނާ ގާތުގައި އޭނާގެ މައިންބަފައިން ދެއްކީ އޭނާ މާހިލްއާއި ބައްދަލުކޮށްފައި ގެއަށް އައިތަނާއެވެ. އޭރު ކައިވެނިކުރަން ހަފްތާއަކަށް އޮތީ ވެފައެވެ. ޒައިނާއަށް ގޮތް ހުސްވިއެވެ. އޭނާގެ މައިންބަފައިން އޭނާގެ އެއްވެސް ޚިޔާލެއް ނުހޯދާ އެވަރުގެ ބޮޑު ނިންމުމެއް ނިންމައިފާނެކަމަށް އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. އޭނާއަށް ފާޅުގައި އެކަމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ނަމަވެސް އޭނާ އަދި ކައިވެންޏެއް ކުރަން ބޭނުންނުވާ ކަމަށް ބުނީ ރަނގަޅު ވަގުތެއް ބަލާފައި ކަޔާންގެ ވާހަކަ ބައްޕަމެން ގާތުގައި ދައްކަން ނިންމައިގެންނެވެ.
ޖެހިގެން އައި ދުވަހު ޒައިނާ އޭނާގެ މަންމަ ސާމިޔާ ގާތުގައި ކަޔާންއާއި އޭނާގެ ގުޅުމުގެ ވާހަކަ ދައްކައިފިއެވެ. ސާނިޔާ އެކަމާ ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް އޭނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އެއްކޮޅުން އޮތީ ދަރިފުޅުގެ އުފަލެވެ. އަނެއްކޮޅުގައި އޮތީ ފިރިމީހާގެ އަގާއި އާއިލާގެ ޢިއްޒަތާއި ޤަދަރެވެ. ދެކަންތައްވެސް އޭނާއަށް މުހިންމެވެ. ނަމަވެސް އިޚްތިޔާރުކުރަންވީ ކޮން ފަރާތެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް ބުނެވުނުހާވެސް އެއްޗަކީ ހަމަ އެރެއިން އެރެއަށް ވާފިރު ގާތުގައި އެވާހަކަ ދައްކާނެ ވާހަކައެވެ.
ރީޝާއަކީ މާ ކުރީއްސުރެ ފެށިގެންވެސް ކަޔާންއާއި އަޅައިގެންފައި ހުންނަ ކުއްޖެކެވެ. ނަމަވެސް އެކަން ހާމަކުރާކަށް އޭނާއަކަށް ނުކެރުނެވެ. ޒައިނާއާއި ރީޝާ ބުރުސޫރައިގެ ގޮތުން ބަލާއިރު ރީޝާ މާ ފުރިހަމައެވެ. އެހެންކަމުން ރީޝާއަށް ކާމިޔާބު ނުކުރެވުނު ކަމެއް ޒައިނާ ކާމިޔާބު ކުރީތީ އޭނާ ހުންނަނީ ޒައިނާއާއިމެދު ހަސަދަވެރިވެފައެވެ. އޭނާ ޒައިނާއާއި ކަޔާން ދުރުކުރުވަން އުޅުނީ އެނޫން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ.
ޒައިނާއާއި ކަޔާން އެންމެ ފަހުން ބައްދަލުކުރި ރޭ ނަސީބު އައިސް ރީޝާގެ އަތުގައި ހިފީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އޭނާ ކަޔާންމެން ގޭ ކައިރީ ފިހާރައަކަށް ދިޔަ ވަގުތު ކަޔާންއާއި ޒައިނާ ކަޔާންގެ ގެއަށް ވަތްތަން ފެނުމުން އޭނާ އެމީހުންނަށް ފާރަލީއެވެ. ދުވަސްވަރަކީ ކަޔާންގެ އާއިލާ ރަށުގައި ނެތް ދުވަސްކޮޅެއް ކަމުން ކަޔާންއަށް ގެ އޮތީ ހިތަކަށް ލިބިފައެވެ. އެގެއަށް އައިސް އުޅޭ ބަޔަކު ނޫޅޭތީ އޭނާއަށް އޮތީ ފުރިހަމަ މިނިވަންކަން ލިބިފައެވެ. އެރޭ ކަޔާންއާއި ޒައިނާ ސިޓިންގރޫމްގައި ތިބެ ހިންގި ފާހިޝް ޢަމަލުތައް ރީޝާ ފޯނުން ވީޑިއޯ ކުރިއެވެ.
ރީޝާ ފަހުން ކަޔާންއާއި ބައްދަލުކޮށް އެ ވީޑިއޯ ދައްކައި ޒައިނާއާއި ދުރުވުމަށް އިންޒާރު ދިނެވެ. އަދި އޭނާއާއި ކައިވެނިކުރުމަށް މަޖުބޫރު ކުރުވިއެވެ. ނޫންނަމަ އެ ވީޑިއޯ ލީކުކޮށްލާނެކަމަށް ބުންޏެވެ. އެއްވެސް ހާލެއްގައި ޒައިނާ ބޭޒާރުވާކަށް ކަޔާން ބޭނުމެއްނުވިއެވެ. ވުމާއެކު އޭނާ ރީޝާއަށް ބޯލެނބިއެވެ. ޒައިނާއާއި ގުޅުން ކަނޑާލި ރޭ ކަޔާންގެ އަމިއްލަ ހިތް ރޮމުންދާ ހާލުގައިވެސް ޒައިނާގެ ހިތް ހަލާކުކޮށްލީ އެއް އިރެއްގައިވެސް ޒައިނާދެކެ ލޯބިނުވާ ކަމަށް ބުނެއެވެ. އޭނާ ބޭނުންވީ ތާޒާ މަލަކުން ފޮނިކޮޅު ބޯލަންކަމުގައި ބުނަމުންނެވެ. އެރެއަށްފަހު އެދެމީހުންގެ ގުޅުން ކެނޑުނީއެވެ.
ޒައިނާ އޭނާގެ މައިންބަފައިންގެ ހިތްވަރާއި އެދުމުގެ މަތިން މާހިލްއާއި ކައިވެނިކުރިއެވެ. މާހިލްގެ ފަރާތުން އިންތިހާއަށް ލޯބި ލިބުނެވެ. އިންތިހާއަށް އަޅާލާ އޯގާތެރިވިއެވެ. ވުމާއެކު މަޑުމަޑުން ޒައިނާގެ ހިތް މާހިލްއަށް ލެނބެމުން ދިޔައެވެ. ކައިވެންޏަށް އަހަރު ފުރުނުއިރު ޒައިނާ އިނީ މާހިލްގެ ދަރިއަކަށް ބަލިވެއެވެ. އޭނާގެ ހުރިހާވެސް އުއްމީދަކީ މާހިލްއާއި އެ ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އުޅުމެވެ. ޒައިނާގެ ބަނޑަށް ދުވަސް ފުރި ވިހެއިތާ ހަފްތާއެއް ފަހުން ޒައިނާއަށް ކަޔާންގެ މަރުގެ ޚަބަރު ލިބުނެވެ. ޚުދު ރީޝާ އަމިއްލައަށް ހުރިހާ ހަޤީޤަތެއް އޭނާއަށް ކިޔައިދިންއިރު އޭނާގެ ހިތަށް އުނދަގޫ ގޮތްތަކެއް ވެގެން ދިޔައީ ކަޔާންދެކެ ވާ ލޯބީގެ ސަބަބުންނެއް ނޫނެވެ. ކަޔާންއަށް އޭނާގެ ލޯތްބަށް އިތުބާރު ނެތުމުންނެވެ. އެ ހުރިހާ ވާހަކައެއް ތެދަށް ކިޔައިނުދިނުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ދެން އޭނާ ފަސްއެނބުރި މާޒީއަކަށް ނުބަލާނެއެވެ. އޭނާ ދެން އުޅޭނީ އޭނާގެ ދަރިފުޅާއި ލޯބިވާ ފިރިމީހާއާއި އެކުގައެވެ.
(ނިމުނީ)
8 Comments!
Comments are closed.






???
Thank You Zombie 🙂
Masha Allah. Story nimun iruves neynge. Vvvvvvvvvvvv rythi
Thank You Shaai 🙂
Saandy kon irakuntha dhiguvaahaka eh genesdheyny
Thank You Zaan.. Hama ehgothakahves neynge kon irakun kameh bunaakah.. In Sha Allah.. Adhi genesdheynan 🙂
Varah reethi vaahaka eh
Thank You Sahaa 🙂