ލޯބިވާ ދަރިފުޅު
މުޅި މާހައުލު ވަނީ ރަން އަލިކުލައިން ދިއްލާ އަޅާފައެވެ. ރީތިރީތި މާކޯނި ތަކުން ޖަރީ ކޮށްފައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކަނޑު ނޫކުލައާއި އަޅި ކުލައިގެ ފަރުމާތަކެވެ. ކާމޭޒްތައް އަޅި ކުލައިގެ ފޮތިން ޖަރީ ކޮށްފައިވާއިރު، އެ މޭޒުތައް ކައިރީގައިވާ ގޮނޑިތަކުގައި ލައްވާފައިވަނީ ކަނޑު ނޫކުލައިގެ އުރަތަކެކެވެ. ފާރުގެ އެކި ހިސާބުތަކުގައި ދެކުލައިން އެއްކޮށްފައި މާބޮނޑިތައް ހަރުކޮށްފައި ހުރިއިރު، ސީލިންގް ގައި ހަރުކުރެވިފައިހުރި ޑިސްކޯ ލައިޓް ތަކުން ގަދަ ނޫކުލައިގެ ބޮޅުތަކެއް ރަންކުލައިގެ މާހައުލައް އެޅިފައިވެއެވެ. އަހަރެމެންގެ ފަހަތްވެސް ޖަރީ ކޮށްފައިވަނީ އެ ދެކުލައިގެ މާ ބޮނޑިތަކުންނާއި އެކި ކުލަކުލައިގެ ލައިޓް ތަކުންނެވެ.
ހުރިހާ އެންމެންގެ މޫނު މަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެކަން އެންމެ ބޮޑަށް ހާސިލްވެފައިވާ ދެމީހުންނަކީ އަހަރެންނާއި އަހަރެން ކައިރީގައި ހުރި އަފްޒަލްއެވެ. އަހަރެމެން ދެމީހުންގެ ލޯބި ކައިވެނިން ގޮށް ޖަހާލެވިގެން ދިޔައީއެވެ. އެއީ އަހަރެމެން މިއޮށް ހުރިހާ ދުވަހު ދެކުނު ފޮނި ހުވަފެނެކެވެ. އެ ހުވަފެން ހަޤީޤަތަކަށް ހެދުނީއެވެ. ދެން އޮތީ އަހަރެންގެ ދެވަނަ ހުވަފެނެވެ. އެއީ އަހަރެންގެ ކެރިއަރުގައި ދެވެން އޮތް އެންމެ މައްޗައް ދިޔުމެވެ. އަހަރެން ވާނީ އަހަރެންގެ މި ހުވަފެން އަހަރެންގެ އާއިލާ އަށާއި، އަފްޒަލް އަށްވެސް ބުނެދީފައެވެ. އަދި ކައިވެނިކުރެވުން އެއީ އެކަމަށް އެޅިގެންދާނެ ހުރަހަކަށް ވެގެން ނުވާނެކަމަށް ސާފްކޮށް އަފްޒަލް އަށް އަންގާފައެވެ.
އަހަރެންނަކީ އެންމެ ކުޑައިރުންސުރެ ފޮނި ހުވަފެންތައް ދެކެމުން އެ ކާމިޔާބު ކުރަމުން އައި ކުއްޖަކީމެވެ. އެގޮތުން ސްކޫލު ދައުރުގައިވެސް އެތައް ކާމިޔާބެއް ހޯދީމެވެ. އަދި އެއަށްފަހުގައިވެސް އަހަރެން ކިޔަވަން ބޭނުންވި ބިޒްނަސް މެނޭޖްމަންޓްގެ ރޮގުން ކިޔެވި އިރުގައި އެ ދާއިރާގެ ކިޔަވާކުދިންތެރެއިން ރާއްޖޭގައި އެންމެ މަތީ ފާސް ހޯދީމެވެ. އަހަރެންގެ މައިންބަފައިން ކުޑައިރުންސުރެ އަހަންނަށް ދަސްކޮށްދީފައިވަނީ ހިތްވަރާއިއެކު ކިޔެވުމަށާއި، އަހަރެންގެ ހުވަފެންތައް ހާސިލް ކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރާށެވެ. އަދި އެ ކަންކަމުގައި އެތައް ހިތްވަރެއް އަހަންނަށް ދިނެވެ. އަހަރެން އަބަދުވެސް ވީ އެދެމަފިރިންނަށް ޝުކުރުވެރިވާ ދަރިއެއްގެ ގޮތުގައެވެ. އަހަންނަށް ލިބިފައިވަނީ ދުނިޔޭގެ އެންމެ ބެސްޓް މައިންބަފައިން ކަމަށް އަހަރެން އަބަދުވެސް އެ ދެމީހުންކައިރީ ބުނަނީ އުފާވެރި ބައްދާލުމަކާއި އެކުއެވެ.
އަފްޒަލް އާއި އަހަރެން ރައްޓެހިވެގެން އުޅޭތާ އެތައް ދުވަހެއް ވީނަމަވެސް އަހަރެމެން ކައިވެނި ނުކޮށް މަޑުކުރީ އަހަރެން ކިޔަވާ ނިމެންދަކަށެވެ. މިހާރު މިވަނީ އެ ދެކަންތައްވެސް ހާސިލް ވެފައެވެ. ކިޔަވާނިމި ކައިވެނިވެސް ކުރެވިފައެވެ. ދެން އޮތީ ރަނގަޅު ވަޒީފާއެއް ހޯދާ އެ ވަޒީފާގައި ކާމިޔާބީތައް ހޯދުމެވެ.
ކައިވެނި ޕާޓީގެ ހުރިހާ ކަމެއްވެސް ނިންމާފައި އެވަނީ އަހަރެންގެ ޚިޔާލާއި އެއްގޮތަށެވެ. އަހަންނަށް އެންމެ ރީތި ކުލަތަކުންނާއި، އެންމެ ރީތި މާތަކުން ޖަރީ ކޮށްފައި ވާއިރު، ޕާޓީ އަށް ދައުވަތު ދީފައިވެސް ވާނީ އަހަންނާއި އަފްޒަލްއަށް މުހިންމު މީހުންނަށް އެކަންޏެވެ.
މޭކަޕް ކުރުމާއި، ފޮޓޯ ނެގުމާއި، މެހެމާނުންނާއި ސަލާންކުރަން ކޮޅައް ތިބިމުގެ ސަބަބުން ކައިވެނި ޕާޓީ ނިމުންއިރު އެންމެންވެސް ތިބީ އެހާ ވަރުބަލިވެފައެވެ. އެހެންކަމުން އެރޭ ނިދުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ކޮޓަރިވަދެ ހެދުން ބަދަލުކޮށްގެން އެނދުމަތީ ޖައްސާލެވުނުކަން ހަނދާން ހުރިއެވެ. ހޭލެވުނީ ފޯނު ރިންގް ވާ އަޑަށެވެ. އުނދަގުލުން ދެލޯ ހުޅުވާފައި ފޯނު ނަގާ ބެލިއިރު ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. ނިދިމޫޑުގައި ހުރި ނަމަވެސް ކާކުބާއޭ ހިތައް އަރަމުން ފޯނު ނަގައި ހަލޯ ޢޭ ބުނެލީމެވެ. ލިބުނު އުފާވެރި ޚަބަރަކުން ފޯނު ކަނޑާލެވުނު ކަމެއް ނޭނގެ އުފަލުން ހަޅޭ ލަވައިގަތީމެވެ. ކައިރީގައި އޮތް އަފްޒަލަށް ލިބުނު ސިހުމާއެކީ ފުންމައިގެން ތެދުވެ ކިހިނެއްވީހޭ އަހައިލި ގޮތުން އަހަރެންނަށް އަހަރެންގެ ހިނިގަނޑު މައިތިރިކުރަން އުނދަގޫ ވިއެވެ. އަފްޒަލް އިތުރު ޚައިރާންކަމާއެކު އަހަންނަށް ބަލަންއިނީ މޮޔަވީހޭ އަހާ އުސޫލުންނެވެ. އަހަރެން ގަދަކަމުން ހިނިގަނޑު މައިތިރިކޮށްފާ އަހަންނަށް ވަޒީފާ ލިބުނު ވާހަކަބުނުމުން އަފްޒަލްވެސް އެކަމާއި އުފާކުރިއެވެ.
ކޮންމެޔަކަސް ދުވަސްތައް އެގޮތުގައި އުފާވެރިކޮށް ދައުރުވަމުން ދެއެވެ. އަހަރެން ވަޒީފާ އަށް ނިކުމު އަހަރެންގެ މަޤާމު ފުރަމުން ދިޔައީ އިންތިހާ ޝައުޤުވެރިކަމާއި އެކުގައެވެ. ކުއްޖަކު ހޯދަން ނިންމީ އަދި ތިން އަހަރު ފަހުންނެވެ. އަދިކިރިޔާ އަހަރެންގެ ވަޒީފާގެ ދައުރު ފެށުނީތީ އެހެންކަމަކަށް އެވަގުތު ކޮންސެންޓްރޭޓް ކުރަން ބޭނުން ނުވާތީ އާއި އަހަރެންގެ ކޮމްޕެނީއަށް އަހަރެން ހޯދައިދޭން ބޭނުންވާ ކާމިޔާބާއި، އަހަރެން އެދާއިރާއިން ވާސިލްވާން ބޭނުންވާ މަޤާމަށް ވާސިލް ވާން ހުރަހަކަށް އެކަން ވާން ބޭނުން ނުވާތީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އުފަލާއި މަޖަލުގައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ މަސައްކަތުން އަހަރެންގެ ކޮމްޕެނީ ރާއްޖޭގެ ފެންވަރުގައި ވިޔަފާރީގެ ގޮތުން މައްޗައް ޖެހިލިއެވެ. އަދި އަހަރެންގެ މަސައްކަތްތައް ފާހަގަކޮށް ކޮމްޕެނީގެ ފަރާތުން އަހަރެނަށް މަޤާމުގެ ޕްރޮމޯޝަން ދިނެވެ. އެ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމެވެ. އަހަރެންގެ ހުވަފެން ކާމިޔާބު ވެއްޖެކަން އިހްސާސް ކުރެވުނެވެ. ރާއްޖޭގެ ބައެއް މަޝްހޫރު ނޫސްތަކުން އަހަރެންގެ އިންޓަރވިއުތައް ނެގިއެވެ. އެހާ ޅައުމުރެއްގައި އަދި ކުޑަ ދުވަސްކޮޅެއްގައި އެހާ ބޮޑެތި ކާމިޔާބީތައް ހޯދައިދިނީތީ އެކަން ފާހަގަކޮށް އެތައް ބަޔެއްގެ ތަޢުރީފް ލިބެމުންދިޔައެވެ. އަހަރެންގެ އާއިލާ އާޢި ފިރިމީހާ އަހަންނަށްޓަކައި ފަޚްރުވެރިވިއެވެ.
ކޮންމެޔަކަސް ދެން އަހަރެމެން ދެމީހުން ބޭނުންވި ފަދައިން ކުއްޖަކު ހޯދުމަށް މަސައްކަތް ފެށީމެވެ. އެކަންވެސް މާގިނަ ދުވަހެއްނުވެ ކާމިޔާބު ވިއެވެ. އަހަރެމެން ދެމަފިރިންގެ އުފާވެރިކަން އިތުރު ވިއެވެ. ލޯބިލޯބި ތުއްތު ފިރިހެންކުއްޖަކު އަހަރެމެންގެ ގެ ފަޅުފިލުވާން ފެށިއެވެ. އުފާވެރި ވަގުތު ތަކެކެވެ. މަންމައާއި ބައްޕަގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ކުޑަކުޑަ ޒައިން ބެލުމަށް ބޭރު އަންހެނަކު ގެޔަށް ގެނެވުނެވެ. ނަމަވެސް އަހަރެން ގޭގައި އުޅޭ ވަގުތުތަކުގައި ޒައިންގެ އެއްވެސް ކަމެއް ގެންގުޅޭ މީހާއަކަށް ނުޖައްސަމެވެ. އަދި އަހަންނަށް ވެވުނު ވަރަކުން އަހަރެންގެ ބާކީ ހުރިހާ ވަގުތެއް އެ ދަރިފުޅާއިއެކު ހޭދަކުރަމުންދިޔައީމެވެ.
ޒައިން މަޑުމަޑުން ބޮޑުވެ ސްކޫލަށްދާ ވަރު ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް އަހަރެން އޮފީހުން އައިސް ދަރިފުޅުގެ ދުވަސް ދިޔަގޮތާއި ބެހޭގޮތުން ސުވާލު ކުރަމެވެ. އެ ދަރިފުޅު އުފަލުން ހުރެ ސްކޫލް ކުދީންގެ ވާހަކަތައް ކިޔައިދޭނެއެވެ. އަދި އާންޓީން ކިޔައިދޭ އެއްޗެހިވެސް ކިޔައިދޭނެއެވެ.
އެގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް ޒައިން ގްރޭޑް އެކަކަށް ދިޔަ ފަހުން މާގިނައިން ޔޫސުފް އެއްގެ ވާހަކަ ދައްކަން ފެށިއެވެ. ޒައިން ދައްކާ ވާހަކައިން އެނގުނު ގޮތުގައި ޔޫސްފް އަކީ ޒައިންގެ ކައިރީ އިންނަ ކުއްޖާއެވެ. ދެކުދިން ކައިރީ ތިބޭތީ ދެކުދިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައި ވާކަން އެނގުނެވެ. ނަމަވެސް އަހަންނަށް ޔޫސުފް ފާހަގަކުރެވެން ފެށީ ޒައިން ދައްކާ ބައެއް ވާހަކަތަކުންނެވެ.
ޔޫސުފްގެ މަންމަ ހުންނަނީ އަބަދުވެސް ކަޅު ހެދުމެއް ލައިފާކަމަށް ޒައިން ދެތިން ދުވަހަކު ބުންޏެވެ. އެއްދުވަހަކު ޒައިން އައިސްފައި ކުރި ސުވާލަކުން އަހަންނަށް ކުޑަ ސިހުމެއް ލިބުނެވެ. “މަންމާ! ޔޫސުފް ބުނީ ހުރިހާ ކުދިންވެސް ނަމާދު ކުރާނެޔޯ. ޔޫސުފްގެ މަންމަވެސް ބައްޕަވެސް ކޮއްކޮވެސް ނަމާދު ކުރާނެޔޯ. އެކަމަކު ކޮއްކޮ ބުނިން ކޮއްކޮގެ މަންމައެއްވެސް ބައްޕައެއްވެސް ކޮއްކޮއެއްވެސް ނަމާދެއް ނުކުރަމޭ. ބުނީމަ ބުނީ ނަމާދު ނުކުރާ ކުދިން ދާނީ ނަރަކައަށޯ. އެ ތެދެއްތަ މަންމާ؟” ޒައިންގެ އެ ސުވާލުން އަހަރެންގެ ހިތުގައި މީހަކު ކޮށްޓާލިކަމުގެ އިހްސާސް ކުރެވުނެވެ. “ކޮއްކޮ ބުނިން ކޮއްކޮވެސް މަންމަވެސް ބައްޕަވެސް ދާނީ ސުވަރުގެއަށޭ. ދޯ މަންމާ..” ޒައިން އެ ސުވާލުގެ ޖަވާބު ހޯދަން ނޫޅުނު ނަމަވެސް އަހަންނަށް ފުރަތަމަ ފަހަރައް ވަރަށް މުހިންމު ކަމެއް ނުކުރުވޭ ކަމުގެ އިހްސާސް ކުރެވުނެވެ.
އެ ދުވަހައްފަހުވެސް ޒައިން އެކި ގޮތްގޮތައް ވަރަށް ގިނައިން ޔޫސުފް ގެ ވާހަކަ ދައްކައެވެ. މުޅިންވެސް ދައްކާނީ ދީނުގެ އެކި ކަންކަމާއި ބެހޭ ގޮތުން ޔޫސުފް ބުނާ ވާހަކަ ތަކެވެ. ބައެއް ފަހަރު އަހަރެންގެ ގާތައް ރުޅިވެސް އާދެއެވެ. އެ އުމުރު ފުރައިގެ ކުދިންނަށް އެނގެން ޖެހޭ މައުލޫމާތައްވުރެ މާ ހަރު މައުލޫމާތު ޔޫސުފްއަށް އޭނަގެ މައިންބަފައިން ބުނެދޭ ކަމުގައި ހީކުރެވުނެވެ. އަދި އޭގެ ނުބައި އަސަރު ޒައިންނަށްވެސް ކުރާނެޔޭ ހިތްބުނަން ފެށިއެވެ.
ނަމަވެސް އެކަމާއިމެދު ކަމެއް ނުކުރެވިގެން އުޅެނިކޮށް ޒައިން ވަރަށް ބޮޑައް ރޯގާ ޖެހިގެން ސްކޫލައްދިއުން މެދު ކަނޑާލަން ޖެހުނެވެ. ޑަކްޓަރަށް ދައްކައިގެން ހަފްތާއެއް ވީއިރުވެސް ހުންއައުން ނުހުއްޓުމުން އަނެއްކާވެސް ޑަކްޓަރައް ދިޔައީމެވެ. އިތުރު ޓެސްޓްތަކެއް ހެދުމުން ލިބުނީ ހީވެސް ނުކުރާ ކަހަލަ ޚަބަރެކެވެ. ޒައިންއަށްވަނީ ނުރައްކާތެރި ބައްޔެއްކަމަށްވާ ލޭގެ ކެންސަރު ޖެހިފާ ކަމަށް ޑަކްޓަރު ބުންޏެވެ. އަހަރެމެން އެވާހަކަ ޤަބޫލު ނުކުރަން ވަގުތުން އިންޑިޔާއަށް ފުރައިގެން ދިޔައީމެވެ. އެތަނުން އިތުރަށް ޓެސްޓް ތަކާ އެއްޗެހި ހައްދާ އެންމެ މޮޅު ނަން މަޝްހޫރު ޑަކްޓަރުގެ ލަފާ ހޯދީމެވެ. ނަމަވެސް އެ ޖަވާބަކަށް ބަދަލެއް ނަޔެވެ. އެ ބަލީގެ ނަމަކަށްވެސް ބަދަލެއް ނައެވެ. އަދި ވަނީ އެންމެ ނުރައްކާތެރި ސްޓޭޖްގައި ކަމަށްވެސް ބުންޏެވެ.
އަހަންނަށް ހީވީ ކުއްލިޔަކަށް އަހަރެންގެ އުފާވެރި ދުނިޔެ ހުއްޓުނު ހެންނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ސިކުނޑިއަކަށް ނަޔެވެ. އަހަރެންގެ ލޯބިވާ ދަރިފުޅައް އެހާ ނުރައްކާތެރި ބައްޔެއް ޖެހެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަދި އެންމެ ނުރައްކާތެރި ހިސާބައް ދިޔައިރުވެސް އަހަރެމެންނަށް ރޭކާނުލީ ކީއްވެގެން ހެއްޔެވެ؟ އެ ދަރިފުޅަކީ އަބަދުވެސް ހަށިގަނޑު އަނަރޫފަ ކުއްޖެކެވެ. އަދި ފަހަކަށް އައިސް ކެއުންވެސް ވަރަށް މަދުކަން ފާހަގަވިއެވެ. ނަމަވެސް އެއީ ކޮންމެ ކުއްޖަކަށްވެސް ދުވަސްދުވަހުން އަންނަ ބަދަލެއް ކަމުން މާ ބޮޑު ކަމަކަށް ނުހެދީއެވެ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ދަރިފުޅުގެ ކަންތައްތަކަށްވުރެ ބޮޑައް ވަޒީފާއާއި ހެދި އުޅެވުނީ ކަމަށް ޤަބޫލު ކުރެވުނެވެ. ޑަކްޓަރުން ބުނި ގޮތުން ނަމަ އެ ދަރިފުޅު މާ ގިނަ ދުވަހަކު ދުނިޔޭގައި ނުހުންނާނެއެވެ.
ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އުފާވެރި ޙަޔާތް ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންގެ އެއްވެސް ކޮންޓްރޯލެއް މިކަމުގައި ނެތީ ކީއްވެގެން ހެއްޔެވެ؟ ކިތަމެ ފައިސާ ގިނަޔަސް އެ ފައިސާއިން އެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވެން ނެތެވެ. ދިރިއުޅުމުގައި ކިތަމެ ކާމިޔާބީއެއް ހޯދާފައި ވީނަމަވެސް އެއިން ކާމިޔާބީއަކުން އެ ދަރިފުޅައް ދެވޭނެ އެއްޗެއް މިއަދަކު އަހަރެންގެ އަތުގައި ނެތެވެ. ހަސްފަތާލުގެ ހާއްސަ ވާރޑެއްގެ ބޭރުގައި އިން ގޮނޑީގައި އަހަރެން އިށީނދެ އިންއިރު ފުރަތަމަ ފަހަރައް އަހަރެންވަނީ ފެއިލް ވެފައިކަން އިހްސާސް ކުރެވުނެވެ. ހުއްޓުމެއްނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަހަރެންގެ ހިތުގައި ރިހުން އުފައްދަމުން ގެންދިޔައެވެ. އެ ދަރިފުޅުގެ އުފާވެރި ހަނދާންތައް ހިތައި ކުޅެމުން ދިޔައެވެ. އެ ދަރިފުޅު އަބަދުގެ އަބަދައް އަހަރެމެނާއި ވަކިވާން އުޅޭކަން އިހްސާސް ވަމުން ދިޔަ ދިޔަހެން އެކަން ޤަބޫލު ނުކުރަން އަހަރެންގެ ސިކުނޑި އަހަންނަށް މަޖުބޫރު ކުރަމުން ދިޔައެވެ.
އަފްޒަލް އައިސް އަހަރެން ކޮޅަށް ނަގާފައި އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި ޒައިން އަހަރެން ނުފެނިގެން ހޯދާ ވާހަކަ ބުންޏެވެ. އެ ދެލޮލުގައިވެސް ވަނީ ކަރުނައެވެ. އެކަމަކު ޒައިންއާއި އަހަރެންނަށްޓަކައި އަފްޒަލް އޭނާގެ ހިތާމަ ކޮންޓްރޯލް ކުރެވޭތޯ ބަލަމުން ދަނީއެވެ. އަހަންނަށް އަޑުން އަޑު ނަގައި ރޮއި ގަނެވުނެވެ. އަހަރެމެންދެން ހަދާނީ ކިހިނެއްތޯ ސުވާލު ކުރެވުނެވެ. އެ ދަރިފުޅާއި ވަކިން ނޫޅެވޭނޭކަމަށް އަހަރެން ބުނަމުން ދިޔައީމެވެ. އަފްޒަލް އަހަރެންނަށް ހިތްވަރު ދިނެވެ. އަދި ޒައިން ވަކި ނުވާކަމަށް ބުނަމުންނެވެ. އަދި ޑަކްޓަރުން އެހެން ބުންޏަސް އެތައް ކުދިންނެއް ސަލާމަތްވެފައި ހުރިކަންވެސް ހަނދާންކޮށްދިނެވެ. އަހަރެން ހިތައް އެރިއެވެ. އެއީ ތެދެކެވެ. އެހާ އަވަހަށް ބަލި ޤަބޫލު ކުރުން އެއީ އަހަރެންގެ އާދައެއްވެސް ނޫނެވެ. އެ ދަރިފުޅު ސަލާމަތްކުރަން އަހަރެމެންނަށް ވީ ވަރަކުން އަހަރެމެން މަސައްކަތް ކުރާނަމެވެ.
ދެ ފަރާތު އާއިލާގެ މީހުންނަށް އެ ޚަބަރު ލިބުމުން އެއްބަޔަކު ވަގުތުން އަހަރެމެންގެ ކައިރިއަށް އައެވެ. އަދި އެކަމުގައި ހިތްވަރުދީ ހަދަމުން ގެންދިޔައެވެ. އެކި މީހުންގެ ފަރާތުން ހިތްވަރުގެ މެސެޖްތައް ލިބެމުން ދިޔައެވެ. ހިތްވަރު ކުރުމަށާއި ދުޢާއިން ވާގި ހޯދުމަށެވެ. އަހަރެން ހަނދާންވީ ޔޫސުފްގެ މަތިންނެވެ. އެއް ދުވަހަކު ޒައިންގެ ހޯމްވޯކްތައް ހަދައިދެމުން ދަނިކޮށް ޒައިން ބުންޏެވެ. “މަންމާ! ޔޫސުފް ބުނީ ދުޢާ ކުރީމަޔޯ މޮޅު ކުއްޖަކަށްވާނީ. ކޮއްކޮ ބުނިން ނޫނެކޭ ކޮއްކޮގެ މަންމަ ބުންޏޭ ހިތްވަރާއި އެކު މޮޅައް ކިޔެވީމައޭ މޮޅު ކުއްޖަކަށްވާނީ. އެކަމަކު ޔޫސުފް ބުނީ ކިތަމެ ބައިވަރު ކިޔެވިޔަސް ކާމިޔާބު ލިބޭނީ ﷲ ދެއްވީމަޔޯ. އެހެންވީމާ ގިނައިން ދުޢާ ކުރަން ވާނެޔޯ ޔޫސުފް މަންމަ ބުންޏޯ. މަންމަ އަށް އެނގޭތަ ދުޢާ ކުރަނީ ކިހިނެއްކަން؟” ޒައިން އެ ދުވަހު އެ ސުވާލު ކުރުމުން އަހަރެން އެހެން ވާހަކައެއް ދައްކާ މައުޞޫ ބަދަލު ކޮށްލީ އެއީ އަހަރެން މާ ޝަޢުޤުވެރިވާ ވާހަކައަކަށް ނުވާތީއެވެ. ނަމަވެސް އެވާހަކަ ހަދާންވުމުން ހިތައް އެރިއެވެ. އަހަރެން ދުޢާ ކުރާނީވެސް ކިހިނަކުން ހެއްޔެވެ؟ ނަމާދެއް ކުރި ދުވަހެއްވެސް ހަނދާނެއް ނުވެއެވެ.
ހޮސްޕިޓަލްގައި ޒައިން އެޑްމިޓްކޮށްގެން އޮންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ދަރިފުޅު ހުންނަނީ އަބަދު ނޭވާކުރުވެ ވަރުބަލި ވެފައެވެ. އޮކްސިޖަން އާޢި އައިވީ ގުޅާފައި އޮންނާތީ އަދި އެހާ ވަރަށް ބޭސްކާންދޭތީ ކޮންމެވެސް ކަމެއް ގޯސްހެން އެ ދަރިފުޅަށްވެސް އިހްސާސް ކުރެވޭފަދައެވެ. އެ ނިކަމެތި ވަމުންދިޔަ ހަށިގަނޑު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް އެތައް އަސަރެއް ކުރުވައެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކަށް ހިތްވަރު ކުރެވޭތޯ ބަލަމުން ދިޔައީމެވެ. ހިތާއިހިތުން އެ ދަރިފުޅައް ޝިފާ ދެއްވުމަށްއެދި ދުޢާ ކުރެވެމުންދިޔައެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔަ ވަރަކަށް ދަރިފުޅުގެ ސުވާލުތައް ގިނަވާން ފެށިއެވެ. އަދިވެސް މާލެ ނުގޮސް ހަސްފަތާލުގައި މި އޮންނަނީ ކީއްވެތޯއެވެ؟ އަބަދު ނަރުސްކުދިން ޒައިންއަށް ބޭސްދެނީ ކީއްވެގެންތޯއެވެ؟ ޒައިން ބޭނުންވަނީ އަވަހައް މާލެ ގޮސް ސްކޫލައްދާން ކަމަށްބުނެ ޝަކުވާ ކުރަމުން ދިޔައެވެ. ހަސްފަތާލުގައި އޮވެއޮވެ ފޫހިވެއްޖެ ކަމަށް ބުނަމުން ދިޔައެވެ. އެންމެފަހުން ދަރިފުޅުގެ ސުވާލުތައް ގިނަކަމުން އަހަރެމެން ދެމަފިރިން ނިންމީ ޒައިން އަށް ކުޑަގޮތަކަށް ނަމަވެސް ވެގެން އުޅޭ ގޮތް ކިޔައިދޭށެވެ. އެގޮތުން ޒައިން އަށްވަނީ ބައްޔެއް ޖެހިފައިކަމާއި، މާލެ ދެވޭނީ އަދި ސްކޫލައްވެސް ދެވޭނީ ބަލިން އެއްކޮށް ރަނގަޅު ވީމާކަމަށް ބުނީމެވެ. އަދި ބަލިން އަވަހައް ރަނގަޅު ވާނީ ޒައިން ހިތްވަރުކޮށް ޑަކްޓަރުންގެ ބަސްއަހައިގެން ރަނގަޅައް ކައި ހެދީމާކަމަށް ބުނެދިނީމެވެ. ޒައިން އެ ވާހަކަތައް ޤަބޫލު ކުރިއެވެ. އަދި އޭނާއަށްވެސް އޭނާގެ ވަރުނެތް ހަށިގަނޑުގެ އިހްސާސް ކުރެވޭކަން ހާމަވަމުންދިޔައީ އިތުރު ޝަކުވާއެއް ނުކޮށް ބަސްއަހައިގެން ބޭސްކާތީއެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ރަނގަޅު ކާއެއްޗެއް ޖެހޭ އިރަށް ހޮޑުލާން ފެށިއެވެ. އެހެންކަމުން އެއްވެސް އެއްޗެއް އެ ދަރިފުޅަށް ކާންދެވޭ ގޮތަ ނުވުމުން އެންމެ ފަހުން ކާންދޭހޮޅި ނޭފަތައް ގުޅައިގެން ކާންދެމުން ދިޔައެވެ.
ދުވަހަކަށްވުރެ ދުވަހެއް އެ ދަރިފުޅުގެ ހާލު ދައްވަމުން ދިޔައެވެ. އެއޮށް ވާހަކަގިނަ ސަކަރާތްބޮޑު ކުއްޖާ މިހާރު އޮންނަނީ ނެގި މަޑުވެފައެވެ. ވާހަކަ އެއްވެސް ނުދައްކައެވެ. އަހަރެންގެ ހިތައް ކެތްވާވަރެއް ނޫނެވެ. މައެއްގެ ހިތައް އަސަރު ކުރާނެ ނޫން ހެއްޔެވެ؟
އެގޮތުގައި ވަނިކޮށް އެއް ދުވަހަކު އެ ދަރިފުޅު ބުންޏެވެ. އަހަރެން އިނީ ދަރިފުޅު ބާއްވާފައިއިން އެނދައް އަރާ އަހަރެންގެ އުނގުގާ ދަރިފުޅު ބައިންދައިގެންނެވެ. ޒައިން އަހަރެންގެ މޭމަތީ ބޯ އަޅައިގެން އޮވެ ބުންޏެވެ. “މަންމާ! ޒައިން މަރުވީމަ ދާނީ ސުވަރުގެއަށް ދޯ؟ ޔޫސުފް ބުނި ޔޫސުފް މަންމަ ބުންޏޭ ކުޑަކުދިން މަރުވީމަދާނީ ސުވަރުގެއަށޭ.” އަހަރެން އެ ދަރިފުޅުގެ އަޑު އަހަމުން ދާކަން އަންގާލުމަށް ބޮލުގައި ފިރުމާލާފައި ހޫމް ލައްވާލީ ހިނިތުން ވަމުންނެވެ. ފުރަތަމަ ފަހަރައް ހިތުގެ އަޑިން ޔޫސުފްއަށް ޝުކުރުވެރި ވެވުނު ފަދައެވެ. ނަމަވެސް އެ ދަރިފުޅަށް އޭނާ މަރުވަން އުޅޭކަމުގެ އިހްސާސް ކުރެވޭކަން އެނގުމުން ހިތުގައި ޖެހުނެވެ. އަދި އެ ދަރިފުޅު އެ ބަލިން ރަނގަޅުވާނެކަމަށް ބުނެ ހިތްވަރުދޭން އަނގަހުޅުވާލި ވަގުތު އަނެއްކާވެސް ޒައިން ވާހަކަ ދައްކަން ފެށިއެވެ. “އޭރުން ޒައިން ހުންނާނަން ސުވަރުގޭގަ މަންމަގެ އަންނަންދެން އިނގޭ. މަންމަ އަންނާނަންދޯ ޒައިން ކައިރިއަށް ސުވަރުގެއަށް؟” އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކުއްލިއަކަށް ކަރުނަތައް ފައިބައިގަތެވެ. އަދި ލޯ ފޮހެލާފައި ބުނެލީމެވެ. “އިރާދަކުރެއްވިއްޔާ ދަރިފުޅު ވަރަށް އަވަހައް ރަނގަޅު ވާނެ. ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު ދޯ؟” އެއާއެކު ޒައިން ކުޑަކޮށް ބޯ ހިއްލާލާފައި ބުންޏެވެ. ބަލި ރަނގަޅު ވީމާ މަރެއް ނުވާނެތަ މަންމާ؟ ……………. އެކަމުވެސް ހެޔޮ ޒައިން ބޭނުންވަނީ މިހާރު ސުވަރުގެއަށްދާން. އޭރުން ބަލިވެސް ރަނގަޅު ވާނެއްނު. މަންމައާއި ބައްޕަވެސް އޭރުން އަންނާނަމެއްނު ސުވަރުގެއަށް. އޭރުން ހުރިހާ ކުދިން ހެޕީ ވާނެއްނު”. އަހަންނަށް ބުނާނެ އެއްޗެއް ނޭނގި ބަލާލެވުނީ ކައިރީގައި އިން ގޮނޑީގައި އިން އަފްޒަލްގެ މޫނަށެވެ. އަފްޒަލްވެސް ސުވާލުން ފުރިފައިވާ ގޮތަކަށް އަހަރެންގެ މޫނަށް ބަލާލިއެވެ.
އަހަރެންގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. ނަމާދު ނުކުރާ މީހަކު ސުވަރުގެ ވަންނާނީ ކިހިނެއް ހެއްޔޭ ހިތް ސުވާލު ކުރަމުން ދިޔައެވެ. އެ ހާސްކަމުގައި އިންދައި ނިދި ޖެހުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ސިއްސައިގެންގޮސް ހޭލެވުނީ މެޝިންތަކުން އެލާމް އަޅަމުން ދާ އަޑަށެވެ. އެވަގުތު ކައިރީގައި ހުރި ސޯފާއެއްގައި ނިދާފައި އޮތް އަފްޒަލްވެސް ތެދުވެ އަހަރެމެންނާއި ދިމާލައް ހިނގައިގަތެވެ. ހަމަ އެވަގުތު ދެތިން ނަރުސް ކުދިން ވަރަށް ބާރަށް ދުވަމުން ކަހަލަ ގޮތަކަށް އައިސް އެތަނަށް ވަނެވެ. އަހަރެންގެ ގައިމަތީގައި ނިދިފައި އޮތް ޒައިން ނަގަން އަހަރެން އުޅުނީމެވެ. އެ ދަރިފުޅުގެ ހަށިގަނޑު ވަރަށް ފިނިކަން އިހްސާސް ކުރެވުނެވެ. އެވަގުތު ނަރުސް ކުއްޖަކު އައިސް ޒައިން ނަގާފައި އެނދުމަތީ ބޭއްވުމުން އަހަރެން އެދުން ފައިބީމެވެ. އެކުދިން އެކި ގޮތްގޮތައް ޒައިން ޗެކް ކުރަމުން ދިޔައެވެ. އަހަރެންނާއި އަފްޒަލް ތިބީ ހިތްއަވަސްވެފައެވެ. އެވަގުތު ޑަކްޓަރުވެސް އައިސް ވަނެވެ.
އެމީހުންގެ ބަހުން ވާހަކަތަކެއް ދެއްކުމުން ޑަކްޓަރުގޮސް ޒައިން ޗެކްކުރިއެވެ. ނޭވާލާތޯ އާއި ގުޅާފައި ހުރި މެޝިނުން ވިންދު ޖަހާކަމަށް ދައްކާތޯއެވެ. އަދި ހިތް ތެޅޭތޯއެވެ. މާގިނަ އިރެއް ނުވެ ޑަކްޓަރު އަހަރެމެނަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އަދި ދެފަރާތައް ބޯހޫރާލަމުން “އައިމް ސޮރީ.. ހީ އިޒް ނޯ މޯރ” އޭ ބުނެލިއެވެ. އަހަރެންނަށް އަހަރެންގެ ގައިގެ ވަރު ދޫވިކަން އެނގުނެވެ. ދެން ހޭއެރިއިރު އޮތީ ވާރޑެއްގެ އެނދެއްގައި ބާއްވާފައެވެ. ކައިރީގައި އަހަރެންގެ މައިންބަފައިން ތިއްބެވެ. އަހަރެން ކުއްލިއަކަށް ތެދުވެ ޒައިން ކޮބައިތޯ އެހީމެވެ. އެދެމީހުންގެ ލޮލުންވެސް ފެންނަނީ ކަރުނައެވެ. ކުރެހިފައިވާ އަޑަކުން އަފްޒަލް ވީ ފުރަންޖެހޭ ފޯރމްތަކެއް ފުރަންގޮސްކަމަށް ބައްޕަ ބުންޏެވެ. އަދި ޒައިންގެ ހަށިގަނޑުވީ ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިކަމަށް ބުންޏެވެ.
އަހަންނަށް ގިސްލާފައި ރޮއިގަނެވުނެވެ. ނޫނެކެވެ. އަހަރެން އެދަރިފުޅާއި ވަކިވާކަށް ބޭނުމެއް ނޫނެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެމެންގެ އުފާވެރި ކަމެވެ. ހިތުގެ ފިނިކަމެވެ. މި ބަނޑުގައި އެ ދަރިފުޅު ވީއިރުން ފެށިގެން އަހަރެމެން ދެމައިންވަނީ މާތް ގުޅުމަކުން ގުޅިފައެވެ. އެ ދަރިފުޅުގެ ހުރިހާ އިހްސާސެއް އަހަރެން އިހްސާސް ކުރީމެވެ. އެ ތޮޅިލާ ތޮޅުލުން ތަކާއި، ކާންބޭނުންވާ މީރު އެއްޗިއްސެވެ. އަޑުއިވޭ އަޑުތަކާއި ކަމުދާ އަޑުތަކެވެ. ކާ ހިތްނުވާ އެއްޗިއްސާއި ފޫހިވާ ވަސްތަކެވެ. އެ ދަރިފުޅުގެ ދިރުމަކަށްވީ އަހަރެންގެ އުފާވެރިކަމެވެ. އަހަރެންގެ ދިރުމަކަށްވީ އެ ދަރިފުޅުގެ އުފާވެރިކަމެވެ. ދުވަސްފުރާ ބަނޑުއަޅާ ވިހޭ ދުވަހުވެސް އެޅި ވޭނުން އަހަރެން ރުއި ފަދައިން އެ ދަރިފުޅުވެސް މި ދުނިޔެއަށްލީ ފުރަތަމަ ނޭވާޔާއެކު ރުއެވެ. އެ ރުއިމުން އެ ދުވަހު މި ހިތައް ހަމަޖެހުން ލިބުނު ނަމަވެސް އޭގެފަހުން ރުއި ކޮންމެ ރުއިމަކުން މި ހިތައް އަސަރު ކުރިއެވެ. އަހަންނާއި އެ ދަރިފުޅުވަނީ ގުޅިފައެވެ. ވީމާ އަހަރެންނުލާ އެ ދަރިފުޅު މި ދުނިޔެއިން ވަކިވާންވީ ކީއްވެގެން ހެއްޔެވެ؟ ނޫނެކެވެ. މިހިތަކަށް ކެތެއް ނުވާނެއެވެ.
އަހަރެންގެ މައިންބަފައިން އަހަންނަށް ކެތްތެރިވާން ނަސޭހަތް ދެމުން ގެންދިޔައެވެ. އެކަމަކު އަހަރެން ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ދަރިފުޅާއި ނުލާ އަހަރެންގެ މި ހަށިގަނޑުގައި ފުރާނަ ނެތް ފަދައެވެ. އަހަރެންގެ ހިތް ރޮމުން ރޮމުން ކިޔަމުން ދިޔައެވެ. “ޔާ ﷲ! ޕްލީސް. ޕްލީސް… ޕްލީސް…. އަހަރެންގެ ދަރިފުޅު އަހަންނަށް އަނބުރާ ގެނެސްދީ.. ޕްލީސް… ޕްލީސް”
އެއް ހަފްތާ ފަސް…
އެ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު އިންޑިޔާގެ މުސްލިމު ސަހަރާއެއްގައި ވަޅުލާފައި އަހަރެމެން އެނބުރި މާލެ އައީމެވެ. ނަމަވެސް އަދވެސް އަހަރެންގެ ހިތާމަތަކަށް ނިމުމެއް ނާދެއެވެ. އެކަނިވާ ކޮންމެ ވަގުތަކު ރޮވެނީއެވެ. ދަރިފުޅުގެ ހަނދާންތައް އާވަނީއެވެ. ދަރިފުޅު ނެތް ކަމުގެ އިހްސާސް މާބޮޑައް ކުރެވެނީއެވެ. ނަމަވެސް އަދިވެސް އެންމެ ގިނައިން ވިސްނޭ އަދި ހަނދާންވާ ބަހަކީ ދަރިފުޅުގެ އެންމެ ފަހު ބަސްތަކެވެ. ” “މަންމާ! ޒައިން މަރުވީމަ ދާނީ ސުވަރުގެއަށް ދޯ؟ ޔޫސުފް ބުނި ޔޫސުފް މަންމަ ބުންޏޭ ކުޑަކުދިން މަރުވީމަދާނީ ސުވަރުގެއަށޭ. “އޭރުން ޒައިން ހުންނާނަން ސުވަރުގޭގަ މަންމަ އަންނަންދެން އިނގޭ. މަންމަ އަންނާނަންދޯ ޒައިން ކައިރިއަށް ސުވަރުގެއަށް؟” އެ ބަސްތައް އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދާ ފަދައެވެ.
އެއާއެކު އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސުދެކެ ފޫހިވާން ފެށުނެވެ. އަހަންނަށް އެތައް ފާފައެއް ކުރެވިފައިވާކަން އިހްސާސް ކުރެވެން ފެށިއެވެ. އަހަންނަށް ދުވަހަކުވެސް ސުވަރުގެ ނުވަދެވޭނެކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ނޫނެކެވެ. އޭރުން އަހަންނަށް ދުވަހަކުވެސް އަހަރެންގެ ދަރިފުޅު ޒައިން ނުފެންނާނެއެވެ. އެ ދަރިފުޅު ސުވަރުގޭގައި ވާހާލު އަހަރެން ވާނީ ނަރަކާގައެވެ. އެ ދުވަހަކުން އެދަރިފުޅު ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންގެ މަންމައަކީ މި ދުނިޔޭގައިވާ އެންމެ ނުބައި މަންމަޔޭ ހެއްޔެވެ؟ ފުރަތަމަ ފަހަރައް އެ ދަރިފުޅަށް ތެދުމަގު ނުދެއްކުނު ކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ނަމާދު ކުރުމާއި، ދުޢާ ކުރުމުގެ މުހިންމުކަން އެ ދަރިފުޅައް ބުނެދިނީ އެ ދަރިފުޅުގެ މަންމަ އެއް ނޫނެވެ. އެ ދަރިފުޅާއި އެއްވަރުގެ ކުޑަ ކުއްޖެކެވެ. ޔޫސުފް އެވެ. ފުރަތަމަ ފަހަރައް ޔޫސުފްގެ ތަރުބިއްޔަތައް ހިތުން ތަޢުރީފް ކޮށްލެވުނެވެ.
އެވަގުތު ހަނދާންވީ ޔޫސުފް ކައިރީގައި ޒައިންގެ މަރުގެ ވާހަކަ އަދި ނުބުނެވޭކަމެވެ. އެހެންނަމަވެސް އަހަރެންގެ ހަށިގަނޑުގައި އެވާހަކަ ދައްކާނެ ހިތްވަރެއް ނެތުމުން އަހަރެން ވައިބާއިން ޔޫސުފްގެ މަންމައަށް މެސެޖް ކޮށްލީމެވެ. އެ ނުރައްކާތެރި ބަލީގައި ޒައިން މި ދުނިޔެއާޢި ވަކިވެއްޖެކަން ޔޫސުފް ކައިރީ ބުނެދިނުމަށް އެދިއެވެ. އިރުކޮޅެއްނުވެ ޔޫސުފްގެ މަންމަގެ މެސެޖެއް އައެވެ. ޔޫސުފްއާއި ޔޫސުފްގެ މަންމައާއި ބައްޕަގެ ހެޔޮ ދުޢާވަނީ ޒައިންއާއި ޒައިންގެ އާއިލާއާއެކު ކަމަށާއި މި ހިތްދަތިވަގުތުގައި ﷲ އަހަރެމެނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކޮށްފައި ވެއެވެ. އަދި އަބަދުވެސް އަހަރެމެން ހަނދާން ކުރަންވީ ހުރިހާ އެއްޗެއްވެސް މިލްކުވުންވަނީ ﷲ އަށްކަމާއި ކޮންމެ އެއްޗެއްގެ ފެށުމާއި ނިމުންވަނީ އެކަލާނގެ އަށް ކަން ކަމަށް ބުނެފައި ވެއެވެ.
އަހަރެން ހިތައް އަރަމުން ދިޔައެވެ. އެއީ ތެދެކެވެ. ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ﷲ އެވެ. އަހަރެންގެ ފެށުމާއި ނިމުންވެސް ވާނީ އެ ފަރާތަށެވެ. އަހަރެންގެ ދަރިފުޅު ފަދައިން ކޮންމެވެސް ދުވަހަކުން އަހަރެންވެސް އެނބުރި އެ ފަރާތައް ދާން ޖެހޭނެއެވެ. އެހެން ނަމަވެސް އަހަރެންގެ އަތުގައި ގެންދާނެ އެންމެ ހެޔޮ އަމަލެއްވެސް ނެތެވެ.
ފުރަތަމަ ފަހަރައް އަހަރެން ހޯދި ކާމިޔާބީ ތަކާއި، ތަށިތަކާއި، ސެޓްފިކެޓްތަކާއި، މީހުންކުރި ތަޢުރީފްތަކުން ލިބުނު ހިތްހަމަޖެހުންތަކާއި، ލިބުނު ކާމިޔާބީ ތަކާއި މެދު ހިތުގައި ސުވާލު އުފެދުނެވެ. ހަޤީޤީ ކާމިޔާބީއެއް އަހަންނަށް ލިބުނު ހެއްޔެވެ؟ ހަޤީޤީ ތަޢުރީފް ހައްޤުވާ ކަހަލަ އަމަލެއް އަހަންނަށް ކުރެވުން ހެއްޔެވެ؟ ފުރަތަމަ ފަހަރައް އަހަރެންގެ މައިންބަފައިންގެ ތަރުބިއްޔަތާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. އެމީހުން އަހަންނަށް ދީނުގައި ސާބިތުވުމަށް މަގު ތަނަވަސްކޮށްދިންނަމަ އަހަރެން އާޚިރަތައް ގެންދާނެ ހެޔޮ އަމަލު ތަކެއް މިއަދު ވީސްއެވެ. އެމީހުން އަހަރެން ދީންވެރި ދަރިޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރިނަމަ އަހަރެންގެ ދަރިފުޅައް އެހެންމީހެއްގެ ކިބައިން ދީން ދަސްކުރާކަށް ނުޖެހުނީހެވެ.
ޝަކުވާތަކުންނާއި ހިތާމަތަކުން އަހަރެންގެ ސިކުނޑި ހާސްވަމުން ދިޔައެވެ. އެވަގުތު ހަނދާންވީ އަބަދުވެސް މީސްމީޑިޔާއިން ފެންނަ ޕޯސްޓެއްގައި ވަރަށް ގިނައިން ލިޔެފައި ވާތަން ފެންނަ އާޔަތެއްގެ މަތީންނެވެ. “އަދި ތިޔަބައިމީހުން ﷲގެ ހަޟްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ ރަހީމް ވަންތަ ރަސްކަލާނގެއެވެ.” (ޤުރުއާން 2:203)
އަހަރެން އަހަރެންގެ ފާފަތައް ފުއްސަވާތޯ ހެޔޮކަމެއް ކުރުމަށް އަވަސް ވެގަތީމެވެ. އަދި އިންޓަރނެޓުން މައުލޫމާތު ހޯދައިގެން އަލުން ޝަހާދެއްކިޔައި ދެ ރަކުޢަތުގެ ތަޢުބާ ނަމާދެއްކޮށް އިސްލާހު ވީމެވެ. އަދި އެ ދުވަހުގެ ނުކޮށް ހުރި ނަމާދުތައް ކުރީމެވެ. އަހަރެންގެ ހިތައް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އަހަރެންގެ ހިތާމަތައް ކުޑަކޮށް ނަމަވެސް ލުއި ވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ.
އެ ދުވަހައްފަހު އަހަރެން މުޅިން އާ ހުވަފެންތަކެއް ދެކެން ފެށީމެވެ. އެއީ އަދި ކޮންމެވެސް ދުވަހަކުން އަހަރެންގެ ލޯބިވާ ދަރިފުޅާއި ބައްދަލުވާނޭކަމަށް ދެކެވޭ ހުވަފެންތަކެވެ. އެއްވެސް ހިތާމައެއް، އަނިޔާއެއް، ހިތްހަމަ ނުޖުމެއް ނުވާ އެ އާލަމުގާ (ސުވަރުގޭގައި) އަހަރެންގެ ދަރިފުޅާއިއެކު ވުމަށް ކުރެވޭ އުންމީދެވެ. އެ ދުވަހަކުން އަހަރެން ބުނާނަމެވެ. “ދަރިފުޅު އެދުނު ފަދައިން މަންމަ މިހުރީ އައިސްއެވެ.” އިންޝާ ﷲ.
**ނިމުނީ**
10 Comments
Comments are closed.
?
mashaa allah. v v reethi n i iburae theri
Maasha Allah varah reethi
?? vv reethi…? ma sha allah
Masha Allah.. V reethi vaahaka eh..iburaiytheri vaahaka eh.. rovijje mi vaahaka kiyaafa
Jazaakumullah khair
Thanx a lot for this story?….This is the best story which most of us can relate to?…Masha allah!!!..this stry is just awesome????…wanna see more stories like this frm u
Wow nice
Ma Shaa Allah
Vara reethi