ޒީނާ
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ރަށުގެ ނަމާއި ވާހަކައިގައި އުޅޭ މީހުންގެ ނަންތައް ވާނީ ބަދަލުކޮށްފައެވެ.
ޒީނާއަކީ އއ. އުކުޅަހު ސްކޫލްގައި ކިޔަވަމުންދިޔަ ކުއްޖެކެވެ. ކިޔެވުމުގެ އިތުރުން އަޚްލާޤީ ގޮތުންވެސް ސްކޫލްގައި ފާހަގަކޮށްލެވޭ ކުއްޖެކެވެ. ކޮންމެ އަހަރަކު މުޅި ގްރޭޑުން އެއްވަނަ ހޯދައެވެ. ވުމާއެކު ގްރޭޑް ދިހައަކަށް ދިޔަ އަހަރު ސްކޫލްގެ ކެޕްޓަންކަން ލިބުނެވެ. ނަމަވެސް އަހަރުގެ މެދަކާއި ހިސާބަށް ދިޔަތަނާ ޒީނާގެ ކިޔެވުމާއި މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ނެގިމަޑުވެ ޚިޔާލަކަށް ގެއްލިފައި އިންނަ ވަގުތުތައް ގިނަވާން ފެށިއެވެ. އޭނާގެ ވިސްނުން ކިޔެވުމުން އެއްކިބާވެ އެހެން ދިމާއަކަށް މިސްރާބު ޖެހީއެވެ. ލޯބީގެ ކުޅިގަނޑެއް ފެށީއެވެ.
ޒީނާއާއި އޭނާގެ އަލަތު ލޯބިވެރިޔާ އަލަމްގެ ލޯބީގެ ކުޅިގަނޑުގެ ހިލަން ވީ ހަމައެކަނި އިންސާނަކީ ޝިޔާންއެވެ. ޒީނާގެ އަވަށްޓެރިއެކެވެ. ޒީނާދެކެ އިންތިހާއަށް ލޯބިވެ، އެކުވެރިކަމަށް ބުރޫ އަރައިފާނެތީ ލޯބި ހުށަހަޅަން ނުކެރިފައިވާ ޒުވާނެކެވެ. އޭނާ އަބަދުވެސް ޒީނާ އުޅޭ ނޫޅޭގޮތް ބަލައެވެ. ވުމާއެކު އޭނާއަށް ޒީނާއާއި އަލަމްގެ ލޯބީގެ ގުޅުންވެސް އެނގުނީއެވެ.
ޒީނާގެ ކިޔެވުން ދަށްވާ ވާހަކަ ޒީނާގެ މަންމައާއި ހަމައަށް ގެނައީ ޒީނާގެ ކްލާސް ޓީޗަރު އިމާދެވެ. އިމާދަކީ ޒީނާގެ ކުލާސް ޓީޗަރުގެ އިތުރުން ޒީނާގެ ބޮޑުދައިތަގެ ފިރިމީހާއެވެ. އެހެންކަމުން އިމާދު ވަރަށް ގިނައިން ޒީނާމެން ގެއަށް އާދެއެވެ. ޒީނާ އެކަމާ ކުޑަކޮށް ނުތަނަސްވެސްވެއެވެ. ސްކޫލުގައި ހިނގާ އޭނާއާއި ގުޅޭ ކޮންމެ ކަމެއްގެ ޚަބަރު އޭނާގެ މަންމައަށް ނުހަނު ފަސޭހައިން ލިބޭތީއެވެ.
“ދަރިފުޅާ! އިމާދު މިއަދު ބުނި ދަރިފުޅުގެ ކިޔެވުން މިހާރަކަށް އައިސް ދަށްވާ ވާހަކަ.. ކޮބާ މައްސަލައަކީ؟” ޒީނާގެ މަންމަ ޠާހިރާ ސުވާލުކުރިއެވެ.
“އެއީ އަނެއްހެން މާބޮޑު ކަމެއްވެގެންނެއް ނޫން.. ތަންކޮޅެއް އުނދަގުލީ..” ޒީނާ ފުރަތަމަ ފަހަރަށް އޭނާގެ މަންމައަށް ދޮގު ހެދިއެވެ.
“ދަރިފުޅު މަންމައަށް ދޮގު ހެދީ ކީއްވެ؟” ޠާހިރާގެ ސުވާލުން ޒީނާ ސިހުނެވެ.
“ކޮން.. ކޮން ދޮގެއް؟” ކުޑަކޮށް އަޅައަޅައިގެންފައި ޒީނާ އަހާލިއެވެ.
“ޓެސްޓް ޕޭޕަރުތައް ބަލަން ގޮސްފައި އައި ދުވަހު މަންމަ ސުވާލުކުރީމަ ބުނީމެއްނު ޕޭޕަރުތަކެއް ނުދެޔޭ.. މާކްސްތައްވެސް އޮޅުވާލައިގެންނެއްނު ކިޔައިދިނީ.. އިމާދު މަންމައަށް ކިޔައިދިނޭ ހުރިހާ އެއްޗެއް.. ދަރިފުޅު ހުރިހާ މާއްދާއަކުންވެސް މާބޮޑަށް ދަށްވެފައި ހުރި ވާހަކަ ވަރަށް ދެރަވެފައި ދެއްކި..” ޠާހިރާވެސް އިނީ ކުއްލިއަކަށް ޒީނާގެ އުޅުމަށް މި އައި ބަދަލުން ކަންބޮޑުވެފައެވެ. އަނެއްކާ މީހެއްގެ އެސްފީނާ ޖެހުނީބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ.
“އެއީ.. އެއީ މަންމަ ދެރަވެދާނެތީ ނުކެރުނީ ތެދަށް ބުނަން..” ޒީނާ ހަޤީޤަތް ހާމަކުރިއެވެ.
“ނަތީޖާ ދަށްވުމަށްވުރެ މަންމަ މާ ދެރަވެއްޖެ ދަރިފުޅު މަންމައަށް ދޮގު ހެދީމަ.. މަންމަ އުއްމީދެއް ނުކުރަން ދަރިފުޅު މަންމައަށް ދޮގު ހަދައިފާނެ ކަމަކަށް..” ޔާހިރާ ދެރަވެފައި ބުންޏެވެ.
“ސޮރީ މަންމާ.. ދެން މަންމައަށް އެއްވެސް ދޮގެއް ނުހަދާނަން..” ޒީނާ، ޠާހިރާގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ބުނެލިއެވެ.
“މަންމައަށް އަލަމްގެ ވާހަކަ ކިޔައިދޭންވީބާ؟ މަންމަ އަނެއްކާ ރުޅިއަންނާނެބާ؟ ރުޅިއަޔަސް ހެޔޮކަމަށް ބުނަންވީ ކަންނޭނގެ.. މިވާހަކަވެސް ނުބުނެ ހުއްޓާ އެހެން މީހަކަށް އެނގިގެން މަންމަ ގާތު ބުނެފިއްޔާ ރުޅިއައިސްދާނެ..” ޒީނާ އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުންޏެވެ.
“މަންމާ.. އަހަރެން ވާހަކައެއް ބުނަންވެގެން..” ޒީނާ ޖެހިލުންވެފައި ބުނެލިއެވެ.
“ކޮން ވާހަކައެއް؟” ޠާހިރާ ޒީނާގެ މޫނަށް ބަލާލި ގޮތުން ޒީނާ ފިނިވިއެވެ.
“މަންމަ ރުޅި ނާންނައްޗޭ.. ޕްލީޒް..” ޒީނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“ބުނެބަލަ.. ތި ބުނާ ވާހަކައެއްގެ ގޮތުންތާ އެނގޭނީ ރުޅި އަންނަންވެސް..” ޠާހިރާ ޒީނާގެ މޫނަށް ބަލަމުން ދިޔައީ ޒީނާގެ މޫނުގައިވި ކުލަވަރު ތަރުޖަމާކުރަން އުޅޭފަދަ ގޮތަކަށެވެ. ޒީނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ. ނިތްކުރިން ދާތިކިތައްވެސް ފާޅުވާން ފެށިއެވެ. ހިތް ތެޅެން ފެށީ އެވާހަކަ ބުނުމުން ވާނެ ގޮތެއް ނޭނގޭތީއެވެ. ޒީނާގެ ހަރަކާތްތައް ހުރިގޮތުން ޠާހިރާއަށް އެއްކަމެއް ޔަޤީންވިއެވެ. ޒީނާ އޭނާއަށް އެބަ ކަމެއް ސިއްރުކުރެއެވެ.
“މަންމާ.. މީ.. އަހަރެން.. އަހަރެން ކުއްޖަކާ ރައްޓެހިވެއްޖައިން..” ދެލޯ މަރާލަމުން ޒީނާ ބުނެލިއެވެ. އޭނާ ހީކުރީ އޭނާ އެވާހަކަ ބުނުމާއެކު ޠާހިރާ އޭނާގެ ކަންކަށިމަތީ ވިހެލާނެކަމަށެވެ. ނަމަވެސް ދެތިން މިނެޓު ވީއިރުވެސް ޠާހިރާގެ އެއްވެސް ޚަބަރެއް ނުވުމުން ޒީނާ ލޯ ހުޅުވާލިއެވެ. ޠާހިރާއެއް އެތާކު ނެތެވެ.
“މަންމާ.. މަންމާ..” ޒީނާ ޠާހިރާއަށް ގޮވަމުން ދިޔައިރު ޠާހިރާ އިނީ އޭނާގެ ކޮޓަރީގައެވެ.
“މަންމާ.. އަޅެ ޕްލީޒް.. ރުޅި ނާދެބަލަ.. މަންމަ ޤަބޫލު ނޫނިއްޔާ އަހަރެން އަލަމްއާއި ރުޅިވެދާނަމޭ.. އެކަމަކު މަންމަ ރުޅިއައިސްފައި ހުރިއްޔާ އަހަރެންނަށް ހަމަޖެހިގެނެއް ނޫޅެވޭނެ..” ޒީނާ ޠާހިރާ ގާތުގައި އެނދުގައި އިށީންނަމުން ބުނެލިއެވެ. އޭނާގެ ހުރިހާވެސް މީހަކީ އޭނާގެ މަންމައެވެ. އޭނާގެ އުމުރުން އަށް އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.
“މަންމަ ރުޅިއެއް ނާދޭ.. ދެރަވެފައި މިއިނީ.. ދަރިފުޅު ތިވަރުގެ ބޮޑު ކަމެއް ކުރިއިރު މަންމައަށް އަންގާވެސްނުލީމަ.. ދަރިފުޅު ގާތު މަންމަ އަބަދުވެސް ބުނަން މީ އެކުވެރިއެއް ކަމަށް ދެކިގެން ހުރިހާ ކަމެއްވެސް މަންމައާއި ހިއްސާކުރާށޭ.. އޭރުން މާ ރަނގަޅުވާނެޔޭ.. މައިންބަފައިން ދަރިންނަކަށް ނުބައި ނަސޭޙަތެއް ނުދޭނެ..” ޠާހިރާ ދެރަވެފައި އިނދެ ބުނެލިއެވެ.
“މަންމާ.. ދެން އަހަރެން ކިހިނެއް ހަދަންވީ؟” ޒީނާއަށް ގޮތްހުސްވި ކަހަލައެވެ.
“މަންމަ ބުނާ ކޮންމެ ގޮތެއް ދަރިފުޅު ހަދާނަންތަ؟” ޠާހިރާ ބޭނުންވީ ޔަޤީންކަމެވެ.
“އާނ މަންމާ.. އަހަރެން މަންމަ ބުނާ ކޮންމެ ގޮތެއް ހަދަންވެސް ތައްޔާރު..” ޒީނާ ޔަޤީންކަން ދިނެވެ.
“އެހެންވިއްޔާ ދަރިފުޅު އަލަމްއާއި ދުރުވޭ..” ޠާހިރާގެ އެ ޖުމްލައިން ޒީނާއަށް ހީވީ އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖެހިގެން ދިޔައީހެންނެވެ.
“މަންމާ.. އެކަމަކު އަހަރެން އަލަމްދެކެ ވަރަށް ލޯބިވޭ.. ކިހިނެއް ރުޅިވާނީ؟” ޒީނާގެ އަޑު ބެދުނެވެ.
“ދަރިފުޅާ.. މަންމަގެ ވާހަކަ އަޑުއަހާ.. މަންމަ މިދެނީ ރަނގަޅު ނަސޭޙަތެއް.. އަލަމް ގާތުގައި ބުނާނީ ދަރިފުޅު ކިޔަވާ ނިމެންދެން މަޑުކޮށްލަދޭށޭ.. މިހާރު ރައްޓެހިވެގެން އުޅެވޭކަށް ނެތޭ.. ކިޔެވުން މާ މުހިންމޭ.. ދަރިފުޅު ތި ގުޅުން ކުރިއަށް ގެންދާނަމަ ދަރިފުޅުގެ ކިޔެވުން އެއްކޮށް ހަލާކުވާނީ.. އަލަމް ދަރިފުޅުދެކެ ހަޤީޤަތުގައިވެސް ލޯބިވަންޏާ ދަރިފުޅުގެ ކިޔެވުން ނިމެންދެން ކެތްތެރިކަމާއެކު އިންތިޒާރު ކުރާނެ..” ޠާހިރާ ޒީނާއަށް ވިސްނައިދިނެވެ. ޒީނާވެސް އޭނާގެ މަންމަގެ ނަސޭޙަތް ޤަބޫލުކުރިއެވެ. މަންމަގެ އެދުމުގެ މަތިން އަލަމްއާއި ދުރުވާން އޭނާ ނިންމައިފިއެވެ.
ޒީނާ އަލަމްއަށް ގުޅާފައި އޭނާއާއި ބައްދަލުކުރުމަށް އަބަދުވެސް އެމީހުން ދާތަނަށް އަށެއް ޖަހާއިރަށް ދިއުމަށް ބުންޏެވެ. އަލަމް ބަރާބަރު ގަޑިއަށް ދާނެކަމަށް ބުނެފައި ފޯނު ބޭއްވިއެވެ.
އަށެއް ޖެހިއިރަށް އަލަމް ރަށުގެ މީހުން މަދު ހިސާބުގައިވާ ފަޅު ގެއެއްގެ ތެރެއަށް ވަނެވެ. އެއީ އަބަދުވެސް އޭނާއާއި ޒީނާ ބައްދަލުކުރާ ތަނެވެ. އޭނާ ދިޔައިރު ޒީނާ ހުރީ ކުރީބައިގައި އެގެއަށް ގޮހެވެ. ވުމާއެކު އަލަމްއަށް ކުޑަ ހައިރާންކަމެއްވެސް ލިބުނެވެ. އެހެންނޫނީ ޒީނާއަށް އަބަދުވެސް އާދެވޭނީ ބުނާ ގަޑީގެ ފަސްވަރަކަށް މިނެޓު ފަހުންނެވެ.
“ކީއްވެ ކުއްލިއަކަށް ބައްދަލުކުރަން އަންނަން ބުނީ؟” އަލަމް ޒީނާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“އަލަމް.. މީ.. އަހަރެން.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..” އެވާހަކަ ބުނަން ޒީނާ ފަސްޖެހުނެވެ. އަލަމްއަށް ވެދާނެ ގޮތަކާއިމެދު ވިސްނާލެވުމުންނެވެ.
“ކޮން ވާހަކައެއް؟ އަހަރެން ނުތަޅުވާ އަވަހަށް ބުނޭ.. އަހަރެންނަށް އެނގޭ ވަރަށް ބޮޑު ކަމެއް ވެއްޖެކަން..” އަލަމް އަވަސްއަވަހަށް ބުނެލިއެވެ. ޒީނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ.
“އޭތް ޒީން..” އިސްދަށަށް ޖަހައިގެން ހުރި ޒީނާގެ ދަތްދޮޅި ދޮށަށް އިނގިލި ލައްވާލައި އިސްއުފުލާލި އަލަމްއަށް ހައިރާންކަމެއް ލިބުނީ ޒީނާ ރޯތަން ފެނުމުންނެވެ. އޭނާއަށް ވީގޮތްވެސް ނޭނގުނެވެ. ވީ ކީއްތޯ އަހަމުން އުޅެން ފެށިގޮތުން ޒީނާއަށް ހައްތަހާ ބޮޑަށް ރޮވުނީއެވެ. އެތައް އިރަކުން ޒީނާއަށް ރުއިން ހުއްޓާލެވުމުން އަނެއްކާވެސް އަލަމް ވީ ގޮތަކާއި ބެހޭގޮތުން ސުވާލުކުރިއެވެ.
“އަލަމް.. އަހަރެންނަށް އިހަކަށް މިގުޅުން ކުރިއަށް ގެންދެވޭކަށް ނެތް.. މަންމަ ޤަބޫލެއް ނޫން..” ޒީނާ އަލަމްއަށް ފުރަގަސްދެމުން އެހެން ބުނެލުމާއެކު އަލަމްއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންނެވެ. އޭނާ އަވަސްއަވަހަށް ޒީނާގެ ކޮނޑުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރާލިއެވެ.
“ތީ ދޮގެއް.. ތިކަހަލަ ސަމާސާ ނުކުރޭ.. ޒީންއަށް އެނގެއެއްނު އަހަރެން ޒީންދެކެ ލޯބިވާވަރު.. އަހަރެންނަކަށް ޒީންއާ ނުލައެއް ނޫޅެވޭނެ..” އަލަމް މޮޔައެއް ފަދައިން ޒީނާގެ ގައިގައި އޮޅުލަމުން ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. އޭނާގެ ލޮލުންވެސް ކަރުނަތައް އޮހިގަތެވެ.
“ނޫން އަލަމް.. މީ ސަމާސާއެއް ނޫން.. އަހަރެންގެ ކިޔެވުން ނިމެންދެން އަލަމް މަޑުކޮށްލަދީ.. އަހަރެންގެ ކިޔެވުން މިހާރު ވަރަށް ދަށްވާން ފަށައިފި.. ކުލާހުގައި އިންނައިރުވެސް އަބަދުވެސް ކުރެވެނީ އަލަމްގެ ޚިޔާލު.. ހިތުގައި އޮންނަނީ އަބަދުވެސް އަލަމްގެ ނަން.. އެއްވެސް ފިލާވަޅެއް ހިތަކަށް ނުވަދޭ.. ޓީޗަރު ކިޔައިދޭ އެއްވެސް އެއްޗެއް ނުވެސް ވިސްނޭ..” ޒީނާ އޮޅުންފިލުވައިދިނެވެ.
“އެހެންވެ މަންމަ ބޭނުންވަނީ އަހަރެން ކިޔަވާ ނިމެންދެން އަލަމްއާއި ދުރުވާން.. އަހަރެން އަލަމްދެކެ ވަރަށް.. ވަރަށް ބޮޑަށް ލޯބިވޭ.. އެކަމަކު މަންމައާއި ދެކޮޅަށް ކަމެއް ކުރާނެހާ ހިތްވަރެއް އަހަރެންގެއެއް ނެތް.. އަހަރެން އުއްމީދުކުރަން އަލަމް އަހަރެން މި ދެއްކި ވާހަކަ ޤަބޫލުކުރާނެކަމަށް.. އަދި އަހަރެންނަށް އިންތިޒާރު ކުރާނެކަމަށް..” ޒީނާ ބުނެލިއެވެ. އަލަމް ހުރީ އިސްޖަހައިގެންނެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒީނާއަށް ބަލާލިއެވެ. ހިނިތުންވެލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.
“އަހަރެން ޒީންގެ ތި ވާހަކަތައް ޤަބޫލުކުރަން.. އަހަރެންވެސް ބޭނުން ޒީން ކިޔަވައިގެން މޮޅު މީހަކަށް ވާން.. އަހަރެން ޒީންދެކެ ވަރަށް ލޯބިވޭ.. އަހަރެން ޒީން ކިޔަވާ ނިމޭ ދުވަހަކަށް އިންތިޒާރު ކުރާނަން.. ދެގޮތެއްނުވެ ހުންނާނަން.. އިންޝާ ﷲ!!” އަލަމް ވަރަށް ލޯބިން ބުނެލިއެވެ. އަލަމްގެ ކޮންމެ ޖުމްލައަކުން ޒީނާގެ ހިތް ފުރިގެން ދިޔައެވެ. ވަކިވާން ޖެހުނު ހިނދު އެހިތަށް އުފާވެރި އިހުސާސްތަކެއް ކުރެވިގެން ދިޔައީ އަލަމް ދިން ޔަޤީންކަމެއްގެ ސަބަބުންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ޒީނާގެ ސާނަވީ އިމްތިހާން ފެށިއްޖެއެވެ. ދެމީހުންގެ ލޯބީގެ ގުޅުން މެދުކަނޑާލާފައިވީ ނަމަވެސް އަލަމް ޒީނާއަށް އިންތިހާއަށް އަޅާލިއެވެ. ހިތްވަރު ދިނެވެ. ރަޙުމަތްތެރިއެއްގެ ގޮތުގައެވެ. އަލަމްއާއި ޠާހިރާ ދިން ހިތްވަރުން ޒީނާ އިމްތިހާން ނިންމާލީ މަންމައާއި އަލަމް ފަޚުރުވެރިވާނެ ނަތީޖާއެއް ހޯދުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.
ނަތީޖާ ލިބުނު ދުވަހު ޒީނާ އުފަލުން ފުރުނެވެ. އޭނާގެ އުއްމީދުތައް ފުރިހަމަވީއެވެ. އޭނާގެ މަންމައާއި އަލަމް އެދޭފަދައިން ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނެވެ. މުޅި ސްކޫލުން އެއްވަނައެވެ. އެއީ އޭނާ މަންމަގެ ބަސްއަހައިގެން ކުރި ބުރަ މަސައްކަތާއި ހިތްވަރާއި ކެތްތެރިކަމުގެ ފޮނި މޭވާއެވެ.
ނަތީޖާ ލިބުމާއެކު ޒީނާ މަތީ ސާނަވީއަށް ކިޔަވަން ފެށިއެވެ. އަލަމް އަދިވެސް ހުރީ އޭނާގެ އިންތިޒާރުގައެވެ. ކެތްތެރިކަމުގައި ސާބިތުވެގެންނެވެ. އަލަމް އޭނާދެކެ ވާލޯބި ސާބިތުކޮށްދިނުމުގެ ޢަޒުމުގައެވެ. ޒީނާ ޔަޤީންކުރެއެވެ. ދުވަހަކުވެސް އަލަމް ބަދަލުނުވާނެ ކަމަށެވެ. އޭނާ އުއްމީދުކުރެއެވެ. ދެމީހުންނަށް އުފާވެރި ޒަވާޖެއް ފަށައި ދިރިއުޅުން ހޭދަކުރެވޭނެ ކަމަށެވެ.
މަތީ ސާނަވީ ނިމުނުއިރުވެސް ނަތީޖާ އެހާމެ ފޮންޏެވެ. ރަށު ސްކޫލުން އެއްވަނަ ލިބުނުއިރު މުޅި ރާއްޖޭގެ ގަދަ ފަހެއްގެ ތެރޭގައި ހިމެނުނެވެ. އަލަމްއާއި ގުޅުމާއިމެދު ޒީނާ އޭނާގެ މަންމަގެ ލަފާ ހޯދިއެވެ. މަންމަގެ އެއްވެސް އިއުތިރާޒެއް ނެތުމުން ޒީނާއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ދައްޗެވެ. ނަމަވެސް މަންމަގެ ޝަރުތެއް އޮތެވެ. އެކަހެރިވެ ބައްދަލު ނުކުރުމެވެ. ގޭގައި މަންމަގެ ހާޒިރުގައި ބައްދަލުކުރިޔަސް އެންމެ ރަނގަޅުކަމުގައި ބުނުމުން ޒީނާ އެގޮތާއިވެސް ހިތުން ރުހުމުން ޤަބޫލުވިއެވެ. އަލަމް ގާތުގައި އެވާހަކަ ބުނުމުން އޭނާވެސް ނުހަނު ފަސޭހައިން އެކަމާއި އެއްބަސްވިއެވެ.
ދެމީހުންގެ ގުޅުން ވަރަށް އަމާންކަމާއެކު ކުރިއަށް ދިޔައެވެ. ޒީނާގެ ލޯތްބަށް ފެންބޮވައިގެންފައި އިތުރު މީހަކު ހުރިކަމެއް އޭނާއަކަށް ރޭކާވެސްނުލައެވެ. އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ޝިޔާން ދުވަހަކުވެސް ޒީނާއަށް އެފަދަ އިޝާރާތެއްވެސް ކޮށްފައެއް ނުވެއެވެ.
ވިއްސާރަ ރެއެކެވެ. އަލަމް ތެމި ފޯވެގެން ޒީނާމެން ގެއަށް އައިސް ވަތްއިރު ޒީނާ އިނީ ސިޓިންގރޫމުގައެވެ. އޭރު ޠާހިރާ ވީ ފިހާރައަކަށް ގޮހެވެ.
“އަލަމް.. ތެމިގެން ތި އައީ؟ ކުޑަ ހިފައިގެން އައިނަމަ..” ޒީނާއަށް ބުނެވުނެވެ.
“ކީއްކުރާނީ؟ އަހަރެން އަންނަން ބެލިއިރު ކުޑައެއްވެސް ނެތް.. އެކަމަކު ހަމަ ޒީން ކައިރިއަށް ނައިސް ކެތްނުވެގެން މިއައީ..” އަލަމް ބުންޏެވެ. އޭނާ ހުރީ ހީކަރުވާގޮތް ވެފައެވެ.
“ކޮބާ މަންމަ؟” އަލަމް އަހާލިއެވެ.
“ފިހާރައަށް ގޮސް ވީ.. އަހަރެންނަށް ހީވަނީ މަންމަވެސް ފިހާރައިގައި ތާށިވީހެން.. ވަރަށް ގިނައިރު ވެއްޖެ ދިޔަފަހުން..” ޒީނާ ބުންޏެވެ.
“ހިނގާބަލަ ކޮޓަރިއަށް.. އަހަރެން ތި އެއްޗެހި ހިއްކާލަދޭނަން.. ތިހުރީ ހީކަރުވާފައެއްނު..” ޒީނާ ބުންޏެވެ.
“މިހާ ފިނި ރެޔަކު ކޮޓަރިއަށް ދިޔައީމަ ގޯހެއްވެސް ހެދިދާނެ..” އަލަމް ޖެހިލުންވިއެވެ. އޭނާ ޒީނާދެކެ ވީ ލޯބީގެ ނަން ހުތުރުކޮށްލާކަށް އޭނާ ބޭނުމެއްނޫނެވެ.
“އަލަމްއަށް އަމިއްލަ ނަފްސަށް އެއްވެސް އިތުބާރެއް ނެތްތަ؟ އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރަން.. އަވަހަށް ހިނގާ.. މުޅި ގޭތެރެ ތެމޭނީ ތިހެން ހުރީމަ..” ޒީނާ އަލަމްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
“އަން.. މި ތުވާލިން ގައި ހިއްކާލާފައި ގެނޭ އެއްޗެހި.. އަހަރެން މެޝިނުން ހިއްކާލާނަން..” ޒީނާ އެހެން ބުނެލުމުން އަލަމް އޭނާގެ އުނގަނޑުގައި ތުވާލި އޮޅާލާފައި ފަޓުލޫނާއި ގަމީސް ބާލާފައި ޒީނާ އަތަށް ދިނެވެ.
“ތި ނިމުނީ؟” ޒީނާ އެހެން އަހާލުމުން އަލަމް ލަދުގަތެވެ. އެރޭ އޭނާއަށް ލެވިފައި ހުރީ ޖަނގިޔާއެއްކަމުން އޭނާ ހުރީ އެ ދޭން ނުކެރިފައެވެ. ޒީނާ ހިތަށް އަރައިފާނެ އެއްޗެއް ނޭނގޭތީއެވެ.
“ލަދުނުގަނެ ދީ.. ކުރިއަށް އޮތްތާ އަހަރެންނަށް ތި ކަންތައްތައް ކުރަން ޖެހޭނީ..” ޒީނާ ލަދުގަތް ނަމަވެސް އޭނާ ކެރޭކަން ދައްކާލުމުގެ ގޮތުން ބުނެލިއެވެ. އެންމެ ފަހުން އަލަމް އެވެސް ދިނެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ޒީނާ ހިއްކި އެއްޗެހިތައް ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ. ޒީނާ އެއްޗެހި ދިއްކޮށްލުމުން އަލަމް އޭގައި ހިފަމުން ތެދުވި ވަގުތު ތުވާލީގެ ބަޔަކާއިއެކު ހިފުމުގެ ސަބަބުން ތުވާލި އުނުން މޮހިގެން ތިރިއަށް ވެއްޓުނެވެ. ޒީނާ ބޭރަށް ދާން އެނބުރުނު ވަގުތު އަލަމް އޭނާ ހިފެހެއްޓިއެވެ. ޒީނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރުތަކެއް ދަތުރުކޮށްލި ފަދައެވެ. އަމިއްލަ ނަފްސުގެ ބާރު ދޫވެ އަމިއްލަ އިއްޒަތާއި އަބުރު ވެއްޔާއި މޮޑެލެވުނީއެވެ. ކުރެވުނު ފާފައިގެ ބޮޑުކަން ދެމީހުންނަށްވެސް އިހުސާސް ކުރެވުނީ ވަގުތު ފާއިތުވީ ފަހުންނެވެ.
“އިރާދަކުރެއްވިއްޔާ ޒީން ދޫކޮށްލާފައި އަހަރެންނެއް ނުދާނަން.. އިތުބާރުކުރޭ.. އަހަރެން ޒީންއަކަށް ދެރައެއް ނުދޭނަން.. އަހަރެމެން އަވަހަށް މެރީކުރާނީ..” އަލަމް ޒީނާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ. ޒީނާވެސް ގަދަކަމުން ހިނިތުންވެލީ ވެދިޔަ ކަމެއް ނުވާ ކަމަކަށް ނުހެދޭނެކަން އެނގޭތީއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އެ ގުޅުމަށް ދެމަސް ވީތަނާ ޒީނާއަށް އުނދަގޫތަކެއް ވާން ފެށިއެވެ. މޭ ނުބައިކޮށް ބޯ އަނބުރާ ގޮތް ވާން ފެށިއެވެ. ފާއިތުވި މަހު އޭނާއަށް މަސްވަރު ކަންތައް ނުޖެހޭކަން ހަނދާންވުމުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާ ރަށުތެރެއަށް ގިނަވަނީބާވައޭ ހިތަށް އެރިއެވެ. އޭނާ ލަސްނުކޮށް އެކަން ޔަޤީންކުރަން ބޭނުންވިއެވެ. އޭނާ ކިޓެއް ގަނެގެން އައިސް ޓެސްޓް ހެދިއިރު އޭނާ ބަލިވެ އިންކަން ޔަޤީންވިއެވެ. އެވަގުތު މުޅި ދުނިޔެ އޭނާއަށް މަލާމާތްކުރާކަން އޭނާއަށް އިހުސާސްވިއެވެ. ލަސްނުކޮށް އަލަމްއަށް އެކަން އަންގަން އޭނާ ބޭނުންވިއެވެ.
އަލަމް ސައިކަލުގައި ދުއްވަމުން ދިޔައީ ޒީނާމެން ގެއަށް ދިއުމަށެވެ. ފޯނު ރިންގުވާން ފެށުމުން އޭނާ ޖީބުން ފޯނު ނަގައި ޖަވާބު ދިނީ ސައިކަލު ދުއްވަމުންނެވެ. ޒީނާގެ ޖުމްލައިގެ އެއްބައި އިވުމާއެކު ޖެހިގެން ހުރި ގޯޅިން ނުކުތް ޕިކަޕެއްގައި ޖެހިފައި ވިއްސައިގެން ގޮސް ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ހޮޅި ދަނޑީގައެވެ. އަލަމްގެ ބާރު ހަޅޭކުގެ އަޑު ޒީނާއަށް ރަނގަޅަށްވެސް އިވުނެވެ. އޭނާއަށް ފާޑަކަށް ހުއްޓުން އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ގެއިން ބޭރަށް ދުއްވައިގަތެވެ.
އަލަމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. އެކަން ޒީނާއަށް އެނގުމާއެކު އޭނާގެ ހިތް ފަޅައިގެން ދިޔަފަދައެވެ. އޭނާ ދުނިޔެއަށް ގިނަވީއެވެ. ކުރެވުނު އެންމެ ފާފައަކުންނެވެ. އޭނާ ދެން މީހުންނާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ޒީނާއަށް ހަދާނެ ގޮތް ހުސްވިއެވެ. އޭނާ ދުނިޔޭގެ ލަދުން ސަލާމަތްވާން ބޭނުންވިއެވެ. އެކަމަށް އޮތް މަގަކީ ކޮބައިބާވައެވެ؟ އޭނާ އެކުއްޖާ ދުނިޔެއަށް އުފަންވުމުގެ ކުރިން ނައްތާލާނީ ހެއްޔެވެ؟ ނޫނެކެވެ. ކުރެވުނު ފާފައިގެ މައްޗަށް އިތުރު ފާފައެއް ކުރާކަށް އޭނާގެ ހިތެއް ނުރުހުނެވެ. ވުމާއެކު އޭނާ ޚިޔާރުކުރީ އެންމެ ރަނގަޅު މަގެވެ. ތައުބާވުމެވެ.
ޒީނާއަށް ޝިޔާންގެ ހިތުގައި އޮތް އެއްޗެއް އެނގުނީ އޭގެ ދެހަފްތާ ފަހުންނެވެ. ޝިޔާން އޭނާގެ ރައްޓެއްސެއް ކަމަށްވާ ނިހާދު ގާތުގައި ދެއްކި ވާހަކަތައް އަޑުއިވުނީއެވެ. ވުމާއެކު ޒީނާ ޝިޔާންއާއި ބައްދަލުކުރިއެވެ. އަދި ހަޤީޤަތް ކިޔައިދިނެވެ. އަދި އޭނާއަށް އެހީވުމަށް އެދުނެވެ. ޝިޔާން ދެބަހެއްނެތި ޒީނާއާއި ކައިވެނިކުރަން އެއްބަސްވިއެވެ. ވަރަށް ކުއްލި ގޮތަކަށް ޝިޔާންއާއި ޒީނާގެ ކައިވެނި ކުރެވުނެވެ. އެކަމާއި ގުޅިގެން ރަށުތެރޭގައި ފާޑުފާޑުގެ ވާހަކަތައްވެސް ދެކެވުނެވެ. ނަމަވެސް އެއިން ކޮންމެ ވާހަކައެއް ދެކެވޭ ވަގުތު ޝިޔާން ޒީނާ ދިފާޢުކުރެއެވެ. ޒީނާގެ ބަލިވެ އިންކަން އާއިލާ މީހުންނަށް އެނގުނީ ޝިޔާންއާއި ކައިވެނި ކުރެވުނުތާ ދެމަސްވީ ފަހުންނެވެ. ޝައްކެއްވެސް ނުވާ ގޮތަށް ހުރިހާ ކަމެއް ނިމިގެން ދިޔައެވެ. ޒީނާއަށް ކުރެވުނު ބޮޑު ފާފަ އުމުރަށް ވަންހަނާވީއެވެ.
ޒީނާ ވިހައި ގަދަވިއިރު އޭނާއަށް ވަނީ ޝިޔާންދެކެ ލޯބިވެވިފައެވެ. ޝިޔާންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ލޯތްބާއި އަޅާލުމުގެ ސަބަބުންނެވެ. ވުމާއެކު އޭނާއާއި ޝިޔާންގެ ކައިވެނި ބާތިލުކޮށް އަލުން ވަރަށް ސިއްރު ގޮތަކަށް ކޯޓުގައި ކުރެވުނެވެ. ޝިޔާންއާއި ޒީނާގެ ދިރިއުޅުން އުފާވެރިކަމާއެކު ހޭދަވަމުން ދިޔައެވެ. ޝިޔާންގެ ކެތްތެރިކަމުގެ މޭވާ ހީވެސް ނުކޮށް ހުއްޓާ އެހާ ފޮނި ގޮތަކަށް ލިބުމުން އޭނާއަށް ދުނިޔެ ހިތަކަށް ލިބުނު ފަދައެވެ. އޭނާ ދުވަހަކުވެސް ޒީނާ ހިތުގައެއް ނުޖައްސާނެއެވެ. އުމުރަށް ލޯބިދޭނެއެވެ.
(ނިމުނީ)
4 Comments
Comments are closed.
Wow.varah reethi.
Shukuriyya Lai 🙂
vvv salhi
Miadhuge zuvaanunnah v iburaiytheri vaahaka eh
keep trying bro????????
Thank You Zoe 🙂