ބަރުބާދު (ފަނަރަވަނަބައި)
އަހަރެން ހުރީ ހެވިފައެވެ. އުފާވެފައެވެ. އެތަކެއް އަހަރުތަކެއް ފަހުން ކިނާން ފެންނަން އުޅޭކަހަލައެވެ. ނަމަވެސް ނީލް ދޮރު ހުޅުވާލުމާއެކު އަހަރެންގެ ހިނިތުންވުން ސީރިޔަސްކަމަށް ބަދަލުވެގެންދާން ސިކުންތެއްވެސް ނުނެގިއެވެ. ދޮރުމަތީގައި ހުރީ ކިނާން އެއް ނޫނެވެ. ލޫޠުއެއްވެސް ނޫނެވެ. ކައިލްގެ މަންމައެވެ.
“..މަންމަ..” އަހަރެންގެ އަނގައިން އަޑު ބޭރުވީވެސް ވަރަށް އުނދަގުލުންނެވެ. ނީލް މަންމަ ކައިރީ އެތެރެއަށް ވަނުމަށް ބުނުމުންވެސް މަންމަ ހުރިފިޔަވަޅު މަތީ ހުއްޓި ހުރީ އަހަރެންނަށް ބަލާށެވެ. މަންމަގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަންވެސް އުނދަގޫވިއެވެ. ބަލަހައްޓައިގެން ހުރި ގޮތުން އަހަރެން ދެކެ ހިތްހަމަ ނުޖެހިފައި ހުރިހެންވެސް ހީވެއެވެ. ގެޔަށް ނުވަންނަން އެހުރީ އަހަރެން ކިނާން ހޯދުމަށް އުޅެން ފެށުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަންނޭގެއެވެ. އަހަރެންނާއި ކިނާންއާ ދެމެދަށް އެޅޭ ހުރަހަކަށް މަންމަ ވަނީބާއެވެ؟ އެހެންވެއްޖެނަމަ އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ގަޔަކު އެމަންމަ ހިތުގަޖެހޭ ފަދަ ކަމެއް ކުރާނެ ހިތްވަރެއް ނުހުންނާނެއެވެ. މަންމަ ގޭތެރެއަށް ނުވަދެ ހުރުމުން އަހަރެން މަޑު ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތީމެވެ. ދެފައި ހިއްލައިލާނެ ވަރުވެސް ހަށިގަނޑުގައި ނެތްކަމުން ދެވުނީ ޓައިލްސް ގަނޑުމަތީ ދެފައި ކާތަމުން ކަހަލަ ގޮތަކަށެވެ. މަންމައާ ކައިރިވި ވަރަކަށް އެދެލޮލުގައި ވިދުމެއް ހުރިކަންވެސް ފާހަގަވަމުން ދިޔައެވެ. އަހަރެން ދޮރުމަތީ ހުއްޓިލަމުން މަންމަގެ ދެލޮލަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. އެޔާއެކު ކުއްލިއަކަށް ކުޑަކުޑަ ކިނާން ޕޮއް ގޮވާލަމުން ދޮރު މައްޗަށް ފުއްމާލުމާއެކު އަހަރެން ދިޔައީ ސިހިގެންނެވެ. ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ.
“..މަންމިއަށް ލަނޑެއް..” ކިނާން ވަރުގަދަ ހިނިގަނޑަކާއެކު ބުނެލިއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔަ ހިނދު މަންމައަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެވަގުތު ފާރާ ނިވާވެގެން ހުރި ލޫޠުވެސް ނުކުމެ މަންމަގެ ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އަދި އޭނާގެ އަތުގައި އޮތް ފޯން ދައްކާލުމާއެކު މަންމައަށް ހުރިހާ ހަޤީޤަތެއް ލޫޠު ކިޔައިދީފައިވާކަން ދެނެގަނެވުނެވެ. އަހަރެން މަންމައަށް ބަލާލަމުން ކިނާންއަށް ބަލާލިއިރު އުފަލުންގޮސް ފެންކަޅި ވެއްޖެއެވެ. އޭރުވެސް ކިނާން އަހަރެންނާ ދިމާއަށް އިނގިލި ދިއްކޮށްލައިގެން ހުރެ ހެނީއެވެ. އެހުދު އަންނާރު އޮއްތަކެއްފަދަ ކުދިކުދި ދަތްކޮޅާއި ހީލާއިރު ކޯކޮޅުން ފެންނަ އަޑިކޮޅަށް ބަލަން އަހަރެންނަށް ހުރެވުނެވެ. އަހަރެންގެ ހަޔާތަށް އައިސްފައިވާ ޒަލްޒަލާގެ ކުޑަ ނަމަވެސް އަސަރެއް އެދަރިފުޅަށް ނުކުރާކަހަލައެވެ. ނަމަވެސް ކުރިއަށް އޮތްތާގައި އެދަރިފުޅަށްވެސް އެކަމުގެ އަސަރުތައް ކުރާނެކަން ހިތަށް އެރުމާއެކު އަހަރެންނަށް ދެތުންފަތް ފިއްތާބާރުކޮށްލެވުނެވެ.
އަހަރެން ޓައިލް ގަނޑުމަތީ ދެކަކޫ ޖައްސާލަމުން ދެއަތް ކިނާންއާ ދިމާއަށް ދިއްކޮށްލީމެވެ. ނަމަވެސް ކިނާން ހެވިފައިހުރެ ދުރަށް ޖެހިލީ އަހަރެން ތަޅުވާލަންކަންނޭގެއެވެ. އަހަރެންނަށް ހީގަނެވުނެވެ. އަދި ކުރިއަށްވުރެ ބޮޑަށް ދެއަތް ފުޅާކޮށްލީ ހެމުން ހެމުންނެވެ.
“..މަންމި އެހެން ޕްރިންސް އެއް ހޯދަންވީ ދޯ..” އަހަރެން އެހެން ބުނުމާއެކު ކިނާން ދުވެފައި އައިސް އަހަރެންގެ އަތުތެރެއަށް ވަނެވެ. އަހަރެންނަށް ދެލޯމަރާލަމުން ދަރިފުޅު ގައިގާ ބާރަށް ބައްދާލެވުނުއިރު ހިތަށްވަނީ ފިނިކަން ލިބިފައެވެ. އަހަރެންގެ ހުރިހާ ހިތާމަތަކެއް ފިލާދިޔަ ކަހަލައެވެ. އަހަރެންގެ ލޮލުގެ ނޫރު އަހަރެންނަށް ލިބުނީއެވެ.
“..ކޮއްކޮ މަންމި މިސްވީ.. ޑެޑީ ބުނީ މަންމި ކޮއްކޮ ބަހައްޓާފަ މޮޅަދުއަށް ދަނީއޭ..” ކިނާން ތުންކޮޅު އޫކޮށްލަމުން ޝަކުވާކޮށްލިއެވެ.
“..މަންމި ކޮއްކޮ ބަހައްޓާފަ ނުދާނެނުން..” އަހަރެން ކިނާންގެ ނިތްކުރީގައި ތުންފަތް ޖައްސާލުމާއެކު ލޮލުން ކަރުނަތިކިތަކެއް ފައިބާގަތެވެ. އެޔާއެކު އަތުގެ ނުފުށުން ފޮހެލަމުން ނޭފަތް ދަމާލީ ހިނިތުން ވަމުންނެވެ.
“..ދެން ކޮއްކި އުޅޭނީ މަންމިއާއެކު މިގޭގަ..” އަހަރެން ކިނާންގެ ދެކޮލުގައި ހިފާލީމެވެ. “..މަންމަ ކޮއްކޮ ގޮވައިގެން މޮޅަދުއަށް ދާނީ..” ކިނާން އުފަލުންހުރެ އޭނާގެ ކުޑަކުޑަ އަތުން އަހަރެންގެ ނޭފަތުގައި ހިފާލިއެވެ.
ލޫޠު ކިނާންގެ ފޮށި ހިފައިގެން އެތެރެއަށް ވަނެވެ. އަދި މަންމައަށް އަހަރެންނާ ވާހަކަދެއްކުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކިނާން އުރާލައިގެން ކޮޓަރިއަށް ދިޔައެވެ. އޭރުވެސް މަންމަ ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ. އަހަރެން މަންމައަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލުމާއެކު ހިލަވެފައިވާ ބުދެއްހެން އެތެރެއަށް ވަދެގެން އަޔެވެ. މަންމަ ދެތުންފަތް ފިއްތާ ބާރުކޮށްލައިގެން ބަލަހައްޓައިގެންހުރީ އަނގައިން ބަހެއް ބޭރު ކުރަން އުޅެފިނަމަ ކެތްތެރިކަން ކޮޅުން ލައިގެން ހިނގައިދާނެތީ ކަންނޭގެއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. ކައިލްގެ ހަޤީޤަތް އެނގުމުން އެމަންމައަށް ކޮއްފައިވާ އަސަރު އަހަރެންނަށް އިޙްސާސްވެއެވެ. އަހަރެން ކުރާ ހިތާމައިގެ އެތައް ގުނައަކަށް އެމަންމަ ހިތާމަ ކުރާނެކަން ކަށަވަރެވެ. މަންމަ މަޑުމަޑުން ނީލްއާ ކައިރިއަށް ޖެހިލިއެވެ. ނީލްގެ ކޯތާފަތްމަތީ މަންމަގެ ތުރުތުރުލަމުންދިޔަ އަތް ޖައްސާލިއެވެ. އަދި އަހަރެންނަށް ބަލާލިއިރު އެލޮލުގައި ކަރުނަތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. މަންމަގެ ދަރިއަކަށް ކައިލް ނުވެ ނީލްވިނަމައޭ ބުނާކަހަލައެވެ.
“..ޝުކުރިއްޔާ..” ނީލްގެ މޫނުމަތީ ދެއަތުން ހިފަހައްޓާލަމުން އަސަރާއެކު މަންމަ ބުނެލިއެވެ. ނީލް މަންމަގެ ދެއަތުގައި ހިފަހައްޓާލަމުން ތިރިކޮށްލީ އަހަރެންނަށް ބަލާލަމުންނެވެ.
“..ވަރަށް ބޮޑަށް ޝުކުރިއްޔާ..” އަނެއްކާވެސް މަންމަގެ ކުރަކިވެފައިވާ އަޑުން ބުނެލިއެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ. މަންމައަށް ގޮވާލަމުން ބާރަށް ގޮސް މަންމަގެ ގައިގާ އޮޅުލައިގަނެވިއްޖެއެވެ. މަންމަގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. އެވަގުތު އަހަރެންގެ ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގެންފިއެވެ. މަންމައާ އެއްފަދައިން އަޑުންއަޑު ނަގާ ރޮއެ ގަނެވިއްޖެއެވެ. އަހަރެން މަންމަ ހުއްޓުވާކަށް ނޫޅެމެވެ. އަހަރެން ބޭނުންވީ މަންމަގެ ގައިގާ ބައްދާލައިގެން އޮވެ ރޯލާށެވެ. މަންމައަށްވެސް އެ ފުރުޞަތު ދޭށެވެ. އެހެނީ ރުއިމަކީވެސް މީހާގެ ސިކުނޑިއަށް ލުއިލިބި ހަމަޖެހުން ލިބޭނޭ ކަމެކެވެ.
“..ދަރިފުޅާ މަންމައަށް މާފުކުރޭ..” މަންމަގެ އަޑުވަނީ ބެދިފައެވެ. ކުރަކިވެފައެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. މިއަދު މަންމައަށް ރަނގަޅުވާނީ އެހިތުގައިވާ އުދާސްތައް ބޭރުކޮށްލުމަށް ފުރުޞަތު ދިނިއްޔާއެވެ. އަހަރެން މަންމަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަދިނީމެވެ. މަންމަ ހަމަޖެހިލުމަށްޓަކައި އިރުގަނޑަކު ހިމޭނުން އިނެވެ.
“..މަންމައަށް ކުޑަކޮށްވެސް ހީވެފައެއް ނެތް ކައިލް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ކަމަކަށް.. މަންމަ ދަރިފުޅަށްވެސް ޝައްކެއް ނުކުރަން.. މަންމައަށް ޔަޤީންކަން އޮތް ދަރިފުޅު ވިޔާނުދާ ގޮތަކަށް ނޫޅޭކަން.. މަންމަ ހީކުރީ ދަރިފުޅުގެ ރިޕޯޓްތައް އޮޅުނީކަމަށް.. ފަހަރެއްގައިވެސް ހިޔެއް ނުކުރަން ކައިލްގެ ނުބައި ރޭވުމަކަށް ވެދާނެއެކޭ.. މިއަދު މަންމަ ވަރަށް ދެރަވެއްޖެ.. ލަދުވެސް ގަނެއްޖެ.. ދަރިފުޅު ކަހަލަ ރަނގަޅު ކުއްޖަކަށް ކައިލް ކަހަލަ އިންސާނިއްޔަތު ކަމެއްނެތް މީހެއް ލިބުނީތީވެސް ލަދުގަނޭ.. މަންމަގެ ދަރިއަކަށް ކައިލްވީތީވެސް ލަދުގަނޭ.. ދަރިފުޅާ މަންމައަށް މާފުކޮށްދީ.. މަންމައަށް ދަރިފުޅުގެ ހަޔާތް ފުޑުފުޑުވެގެން ދިޔައިރުވެސް އެއްކަމެއްވެސް ނުކޮށްދެވުން..”
“..މަންމާ.. ތިކަހަލަ ވާހަކަ ނުދައްކާ..މަންމަ މާފަށް އެދޭކަށް ނުޖެހޭނެ..” އަހަރެން މަންމަގެ ވާހަކަތައް ހުއްޓުވާލީމެވެ. ކައިލް ކުރި ކުށަކަށް މަންމަ މާފަށް އެދޭކަށް ނުޖެހޭނެއެވެ. މަންމަގެ ދަރިއަކަށް ކައިލްވިނަމަވެސް އެކަމުގައި މަންމަގެ އެއްވެސް ކުށެއް ނެތެވެ.
“..މަންމައަށް ދަރިފުޅަށް ކައިލްގެ ލޯބި އަނބުރާ ހޯދައެއް ނުދެވޭނެ.. ހޯދަދިނުމަށް މަސައްކަތެއްވެސް ނުކުރާނަން.. ދަރިފުޅު ކަހަލަ މާތް އަންހެނަކަށް އެކަހަލަ ފިރިހެނެއް އެކަށީގެނެއް ނުވޭ..” މަންމަ ނޭފަތް ދަމާލަމުން ވާހަކަދައްކަންފެށީ އަހަރެންގެ ދެއަތުގައި ބާރަށް ހިފަހައްޓާލަމުންނެވެ. “..މަންމަ މިވަނީ ވަޢުދެއް.. ކައިލްއަކަށް ދަރިފުޅާއި ކިނާން ވަކިކޮށެއް ނުލެވޭނެ.. މާތްﷲ އިރާދަފުޅާއެކު ކިނާން ބޮޑުވާނީ ދަރިފުޅުގެ ލޯތްބާއި، ދަރިފުޅުގެ މާތް އަޚްލާޤު ލިބިގެން.. އެހެންވެގެން މިއަދުވެސް ކައިލްގެ ނުޤަބޫލްގަ ކިނާން ގޮވައިގެން މިއައީ.. ދެން ކިނާން ހުންނާނީ ދަރިފުޅު ގާތުގަ ދަރިފުޅު އުޅޭތަނެއްގަ..”
އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެންނާއި ކިނާންއާ ދެމީހުންގެ ދެމެދަށް އެޅޭ ހުރަހަކަށް މަންމަ ނުވާނެ ކަމުގެ ޔަޤީންކަން ލިބުމުންނެވެ.
ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. މަންމަ ކޮންމެ ދުވަހަކުވެސް އަހަރެންގެ ހާލު ބެލުމަށްޓަކައި ގެޔަށް އާދެއެވެ. ކިނާންއާ ބައްދަލުކޮށް އުފާވެރި ވަގުތުތައް ހޭދަކުރެއެވެ. ކައިލްވެސް ކިނާންއާ ބައްދަލުކުރުމަށް އާދެއެވެ. ލޫޠު އެކަމާ ހިތްހަމަ ނުޖެހުންނަމަވެސް އަހަރެން ކައިލްއަށް ކިނާންއާ ބައްދަލުކޮށް އުޅުން މަނަލެއް ނުކުރަމެވެ. ކުރާކަށްވެސް ނެތީމެވެ. ކައިލް ކިނާންއާ ބައްދަލުވެ އުޅުމަށް ހުރަސް ނޭޅުމަށް އަހަރެން މަންމަ ކައިރީ އެދުމުން މަންމަވެސް އެކަމާ އަޅައެއް ނުލައެވެ. އަހަރެން މާލޭގައި އުޅޭހާ ހިނދަކު ކައިލްއަށް ކިނާންއާ ބައްދަލުވެ އުޅުމުގެ ފުރުޞަތު ލިބޭނެއެވެ. އަހަރެން ނިންމައިގެން ހުރީ ކޯޓުން ވަރި ޘާބިތުކުރެވުނުހާ އަވަހަކަށް މިފަސްގަނޑު ދޫކޮށް ދާށެވެ. ލޫޠުއާއެކު މެލޭޝިޔާއަށް ދިރިއުޅުން ބަދަލްކުރާށެވެ. މާޒީގެ ހަނދާންތައް ހިތުން ފޮހެލުމަށް އެޔަށްވުރެ މޮޅުގޮތެއް ނޯންނާނެއެވެ.
އަހަރެންނަކަށް ކައިލްގެ މޫނުމަތިން ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއްވެސް ނުފެނެއެވެ. އަހަރެން ކައިލްދެކެ ފޫހިވެ ރުޅިއައި ނަމަވެސް އަދިވެސް އެސޫރަ ފެނުމުން ހިތަށް ތަދުވެއެވެ. ކައިލްގެ މޫނުމަތީގައިވާ މާޔޫސްކަމާއި ހިކިވެ އަނަރޫފަވަމުންދާ ހަށިގަނޑު ފެނުމުން ދެރަވެއެވެ. އޭނާ ކަމަކާ ހިތާމަކޮށް ރޮއެ ހަދާކަމަށް ވަޅުޖެހެމުންދާ ދެލޯ ހެކިދެއެވެ. ނަމަވެސް ކިނާންއާ ވާހަކަ ދައްކާއިރުވެސް މޫނުމަތިން އުފާވެރިކަން ދެއްކުމަށް އޭނާ މަސައްކަތްކުރެއެވެ.
ކައިލް އަހަރެންނާ ވަކިން އުޅެންޖެހުމުން އެކަމާ ހިތާމައެއް ނުކުރާނެއެވެ. އޭނައަށް އަންނަމުންދާ ބަދަލުތަކުގެ ސިއްރަކީ ޔުމްނުއެވެ. ޔުމްނުދެކެ ކައިލް ލޯބިވާވަރު ހިތަށްއަރާ ކޮންމެ ފަހަރަކު އަހަރެންގެ ހިތްރޯލައެވެ. އަހަރެންދެކެ ކައިލް އެވަރަށް ލޯބި ނުވީތީ ޝަކުވާކުރެވެއެވެ. ކިތަންމެ ވަރަށް ކެތްކުރި ނަމަވެސް އެންމެނަށް ސިއްރުން ރޯ ނުލާ ދުވަހެއް ނުދެއެވެ. އެކަނިވާ ކޮންމެ ވަގުތަކު އެހަނދާންތައް އަހަރެންނަށް އުނދަގޫކުރެއެވެ. ހަޤީޤީ ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ހަޤީޤީ ލޯތްބެއް ވެވިއްޖެނަމަ އެލޯބި ހިތުން ފޮހެލަން އުނދަގޫވާނެއެވެ. ނަމަވެސް އެއީ ނުވާނެކަމެއް ނޫނެވެ.
ވަރި ޘާބިތުކުރުމަށް ކޯޓަށް ކިޔާފައި އޮތް ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެން އިނީ ސިޓިންގ ރޫމްގައި ޓީވީ ބަލާށެވެ. ލޫޠުއާއި ކިނާން ކޮޓަރި ތެރޭގައި އުޅުނެވެ. ޓީވީން އަންނަމުންދިޔަ ޕޮރޮގްރާމަށް ގެއްލިފައި އިންދައި ޓަކި ޖަހާލި އަޑުއިވުނެވެ. އަހަރެން މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާ ލުމާއެކު ދޮރުމަތީގައި ހުރި ޔުމްނު ފެނުމުން ސިކުންތު ކޮޅަކަށް ހުއްޓުން އެރިއެވެ. ސިކުންތުކޮޅަކަށް ނަމަވެސް ދޮރުމަތީ ހުރީ ޔުމްނުކަމާމެދު ޝައްކު އުފެދުނެވެ. އަހަރެން ފަރުވާތެރި ކަމާއެކު ޔުމްނުގެ މޫނަށް ބަލާލީމެވެ. ދުވަސްތަކަކަށްފަހު ޔުމްނު ފެނުނުއިރު އޭނާއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެމޫނުމަތި މިލާ މޯޅިވެފައިވާއިރު އެއްވެސް ކަހަލަ ތާޒާކަމެއްނެތެވެ. ދެލޮލުގައި ރަތްކަންހުރިއިރު އަދިވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ކިބުރުވެރި ބޮޑާ ހިނިތުންވުމެއް ނެތްތާގައި ތުންފަތްމަތީގައިވެސް ދިރުމެއް ނެތެވެ. ޔުމްނު ގަދަކަމުން ހިނިތުންވެލަމުން އެތެރެއަށް ވަންނަން އައުމުން އަހަރެންނަށް އެއްފަރާތަކަށް ޖެހިލެވުނެވެ. އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެޔާއެކު އޭނާގެ ލޮލުން ކަރުނަތައް ކޯރެއްހެން ކޯތާފަތްމަތިން ތިރިއަށް ފައިބާގަތެވެ. އަދި ކަރުނަތައް ފޮހެލަމުން އިސްޖަހައިލިއެވެ.
“..އައި އޭމް ސޮރީ..” ޔުމްނު އަޑުވެސް ވަނީ ބެދިފައެވެ. “..އަހަރެން މިއައީ ލޫޝް.. ލޫޝާ ކިބައިން މާފަށް އެދެން.. އަހަންނަށް މިއަދު އިޙްސާސް ކުރެވޭ ލޫޝާ ވާނެ ދެރަ.. ބިރުގަންނާނެވަރު.. ރޯނެވަރު.. އައި އޭމް ރިއަލީ ސޮރީ.. އަހަރެންނަށް އޭރު ނުވިސްނުނީ.. މިއަދު ވިސްނުނުއިރު މިވަނީ ވަގުތު ފާއިތުވެފަ.. އަހަރެންނަށް މި ލިބުނީ އަހަރެންގެ ކުރި ކުށުގެ ސަޒާ.. އަހަރެންނަށް މާޒީ ބަދަލެއް ނުކުރެވޭނެ ނަމަވެސް ލޫޝްއަށް މާފުކޮށްދެވެން އޮތިއްޔާ މާފުކޮށްދީ..”
އަހަރެން ހުރިގޮތަށް ހުރީއެވެ. ޔުމްނު މާފަށް އެދުމުން އަހަރެން ހައިރާނެއް ނުވިއެވެ. އޭނާ މާފަށް އެދެން އަންނާނެކަން މާކުރިން އެނގިފައިވާ ކަހަލައެވެ. އަހަރެންނަށް ޔުމްނުއަށް މާފުކުރެވިދާނެއެވެ. މާފުކޮށްފީމޭ ދުލުން ބުނެވިދާނެއެވެ. ނަމަވެސް އޭނާ ކަންތައްކުރި ގޮތް މިހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ.
“..އިނގޭ މާފުކުރަން އުނދަގޫވާނެކަން..” ޔުމްނު އަހަރެންގެ އަތުގައި ހިފާލިއެވެ. “..އަހަރެން ކަންތައް ކުރިގޮތް ތިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެކަންވެސް އިނގޭ.. އެހެންވިޔަސް އެންމެ ފަހަރަކު ނަމަވެސް ތި ދުލުން މާފުކޮށްފީމޭ ބުނެލަދީ.. އޭރުން އަހަރެންނަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބޭނީ.. އަހަރެން ކުރި ކުށުގެ ސަޒާ އަހަންނަށް ލިބިއްޖެ..”
އަނެއްކާވެސް ޔުމްނުއަށް ރޮވިއްޖެއެވެ. އަހަރެން އަތުގައި ހިފަހައްޓާލައިގެން ހުރެ މާފުކޮށްދިނުމަށް އެދެމުން ދިޔައީ އާދޭހާއެކުއެވެ. ގިސްލަމުން ނޭފަތް ދަމަމުންނެވެ. އަހަރެންނަށް ޔުމްނުގެ ހާލަށް ހަމްދަރުދީވެވުނެވެ. ދެރަވިއެވެ. އަހަރެންގެ ހިތަކީ އެހާ ހަރުހިލަ ހިތެއް ނޫނެވެ. ޔުމްނުގެ ގަޔަށް އެޅީ އެޗްއައިވީ ޕޮޒިޓިވް ލެޔެއް ނޫނޭ ބުނެފާނަމޭވެސް ހިތަށް އެރިއެވެ.
“..އިޓްސް އޯކޭ..” އަހަރެންނަށް ބުނެވުނީ އެހެންނެވެ. އެއީ ހަމައެކަނި ޔުމްނު ހިތްހަމަ ޖައްސައި ދިނުމަށްޓަކައި އަހަރެންގެ ދުލުން ބޭރުކޮށްލި ބަހެކެވެ.
“..ވަރަށް އުފާވެއްޖެ..” ޔުމްނު ކަރުނަތައް ފޮހެލަމުން ހިނިތުން ވެލިއެވެ. “..އަހަރެންނަށް ހަމަޖެހުމެއް ލިބިއްޖެ.. ދެން ދުވަހަކުވެސް މިޔުމްނު ލޫޝާއަކަށް އުނދަގުލެއް ނުކުރާނަން.. އަހަރެންގެ ސޫރަވެސް ދެން ލޫޝާއަކަށް ނުފެންނާނެ.. ލޫޝާ ދުނިޔޭގައި ހުރިހާ ދުވަހަކު ހެޔޮ ދުޢާކޮށްދޭތި.. ދެން ދަނީ.. ހިތްހެޔޮކުރާތި..”
“..ކޮންތާކަށް ދަނީ..” އަހަރެންނަށް އެހެން އެހުނީ ހިތުގައި އުފެދިގެންދިޔަ ބިރުވެރިކަމެއްގެ ސަބަބުންނެވެ. ޔުމްނު އަމިއްލައަށް މަރުވުމުގެ ވިސްނުން ގެން ގުޅެނީބާއެވެ.
“..އަހަރެން މިދުނިޔޭގައި އުޅޭނެހާ ހިތްވަރެއް އަދި ބޭނުމެއްވެސް ނެތް..”
އަހަރެންގެ ޝައްކު ޔަޤީނަށް ބަދަލުވެގެންދިޔަ ހިނދު ދެލޯ ތަންމިނަށް ހުޅުވިގެންދިޔައެވެ. ޔުމްނު މަރު ވެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ.
“..ޔުމްނު ތިކަހަލަ މޮޔަކަމެއް ނުކުރައްޗޭ..” އަހަރެން ހާސްވެފައި ހުރެ ބުނެލެވުނެވެ.
“..ދުވާލަކު އެތައް ފަހަރަކު މަރުވުމަށްވުރެ އެއްފަހަރު މަރުވިއްޔާ ހިތަށް މާފަސޭހަވާނެ..” ޔުމްނު އަސަރާއެކު ބުނެލިއެވެ.
“..ޔުމްނު.. ތީ ރަނގަޅު ގޮތެއް ނޫން.. ކުރަން ތިއުޅެނީ ވަރަށް ބޮޑު ފާފައެއް.. ބިރުވެތިވޭ..” އަހަރެންނަށް ވަގުތުން ބުނެވުނެވެ.
“..މީ އަހަރެން ކުރާނެ އެންމެ ފަހު ފާފަ..” ޔުމްނު ހިނގައިގަތެވެ.
“..ޔުމްނު..” އަހަރެންނަށް ޔުމްނު އަތުގައި ހިފެހެއްޓުނެވެ. “..ތަޢުބާވެ ރަނގަޅުވުމަށް އަޒުމް ކަނޑައަޅާ.. މިނޫނަސް ދުވަހެއް އޮތްކަން ހަނދާންކުރޭ..”
“..ނޫން.. އަހަރެންނަށް ނުވާނެ ކެތެއް.. ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެން ބިރުންގޮސް ހޭނެތުނީ ކިތައް ފަހަރުކަމެއް ނޭގެ.. ހޮސްޕިޓަލްގައިވެސް އެތައް ފަހަރަކު އެދުމަތިކޮށްފި.. މަންމަ އާއި ބައްޕަ އަހަރެންނަށް ވާގޮތެއް ނޭގިގެން ރޯމަންޒަރު ބަލާކަށް ކެތެއްނުވާނެ.. ދެންހުރީ ކައިލް އޭނާއަށް އުފާވެރި ހަޔާތެއް ލިބޭނީ އަހަރެން އަވަހަށް މަރުވީމަ.. މިއަދު އަހަރެން ކައިރީ ހިތްވަރުދޭން ހުއްޓެއްކަމަކު އޭނަވެސް އަބަދަކު ނުހުންނާނެ.. ދުވަސްކޮޅަކުން ފޫހިވެދާނެ.. އެހެންވެ އަހަރެން މި ނިންމުން މިނިންމީ..”
އަހަރެން ވަރަށް ނަސޭހަތް ދިނުމުންވެސް ޔުމްނު އަމިއްލައަށް މަރުވުމުގެ ވިސްނުން ސިކުނޑިން ނެރެލާކަށް ނޫޅުނެވެ. އަހަރެން ހާސްވެ ބިރުގަންނަ ގޮތްވިއެވެ. އެތެރެހަށިން ހޫނު އަރާ ދާހިއްލާ ފޯވެއްޖެއެވެ. ޔުމްނުއަށް ބަލިނުޖެހޭކަން އަންގައިގެން ނަމަވެސް ޔުމްނު ހުއްޓުވަން އެބަޖެހެއެވެ. ހަޤީޤަތް އެނގުމުން ކުރީގެ ޔުމްނުއަށް ބަދަލްވިޔަސް ފަރުވާލެއް ނެތެވެ. މީހެއްގެ ފުރާނަ އަހަރެން ކުރި ކަމެއްގެ ސަބަބުން ގެއްލިގެންދާކަން އަހަރެން ބޭނުމެއްނޫނެވެ. ޔުމްނު އަހަރެން ކޮނޑުމަތީ އަތް ބާއްވާލަމުން ހިތްހެޔޮކުރުމަށް ބުނަމުން ހިނގައިގަތެވެ.
“..ޔުމްނު..” އަހަރެން ޔުމްނުއަށް ބާރަށް ގޮވާލުމާއެކު ހުއްޓުނެވެ. “..ޔުމްނު ގަޔަށް އެޅީކީ އެޗްއައިވީ ޕޮޒިޓިވް ލެޔެއްނޫން..”
ޔުމްނު އަނގަމަތީ އަތް އަޅާލައިގެން ހުރެ ފަހަތަށް އެނބުރުނެވެ. ޤަބޫލްނުކުރެވިގެން އަހަރެންނަށް ބަލަމުންދިޔައީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ. އަހަރެންނާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އަހަރެން ބޯ ޖަހައިލީ ގަދަކަމުން ހިނިތުންވަމުންނެވެ. އެޔާއެކު ޔުމްނު އަޑުގެ ނެތްތަނަށް ހަޅޭލަވާ ގަންނަމުން ހޭންފެށިއެވެ. އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ދިޔުމަށް ސިކުންތެއްވެސް ނުނެގިއެވެ. ޔުމްނު ހުނުން ހުއްޓާކަށް ނޫޅުނެވެ. އަނގަމަތީ އަތް އަޅާލައިގެން ހުރެ ބާރު ބާރަށް ހެމުންދިޔައީ މޮޔައަކު ފަދައިންނެވެ. ލިބުނު އުފަލާއެކު ބުއްދި ގޯސްވެގެން ދިޔައީބާއެވެ؟ އަހަރެން ޔުމްނު ކައިރިއަށް ޖެހިލަމުން ދެކޮނޑުގައި ހިފާތަޅުވާގަތީ ޔުމްނުއަށް ބާރަށް ގޮވާލަމުންނެވެ. ކުއްލިއަކަށް ޔުމްނުގެ ހުނުން މެދު ކެނޑުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ޔުމްނުގެ ހުނުމުގެ އަޑު ސިޓިންގ ރޫމްގައި ގަދަވެގެންދިޔައެވެ.
“..މޮޔަވީތަ ޔުމްނު..” އަހަރެން ހަޅޭލަވައި ގަތުމާއެކު ޔުމްނުގެ ހުނުން މެދުކެނޑުނެވެ.
“..މަ މޮޔަކޮށްލާ ހިތްވަރަށްވޭ ދޯ..” ޔުމްނު ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަދި އޭނާ ކަޅި އަޅާލަމުން އަހަރެންނަށް ބަލާލިއިރު އޭނާގެ ދެބުމަވެސްވަނީ ގޮއްޖެހިފައެވެ. އަހަރެންގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.
“..މަ މިތަނަށް މިއައީވެސް ޝައްކުވެގެންނޭ.. މޮޔަ ގަނޑު..”
އަހަރެންނަށް ލިބުނު ހައިރާން ކަމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޔުމްނު އަހަރެން މޮޔަ ހެއްދުވީ ހެއްޔެވެ؟ ޔުމްނު ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން އަހަރެންނާ ކައިރިއަށް ފިޔަވަޅު އަޅަމުން އަޔެވެ. މިހާރު އަހަރެންނަށް މިފެންނަނީ ކުރީގެވެސް ކިބުރުވެރި ބޮޑާ ޔުމްނު ޝައުކަތެވެ. އޭނާގެ އަސްލު ސިފައެވެ. މިއޮއް އޮތްހާއިރު އޭނާ ކުރީ އެކްޓްތަކެއްކަން ޔަޤީންވެގެންދިޔަ ހިނދު ލޭ ދައުރުވުން އަވަސްވެގެން ދިޔައީ އިންތިހާއަށެވެ.
“..ހަމަ ރަނގަޅަށްވެސް ތީ ބޮޑު މޮޔައެއް..” ޔުމްނު އަޑުގައިވަނީ ފަޚުރުވެރިކަމެވެ. ކިބުރުވެރިކަމެވެ. “..ކަލެޔަށް އެވަރު ބޮޑު ފާފައެއް ކުރާކަށް ނުކެރޭނޭ ހިތަށް އަރާތާ ދުވަސްތަކެއް ވެއްޖެ.. މަށަށް އިނގޭނެ ދޯ ލޫޝާގެ ގޮތްގަނޑު.. ތީ އެއްވެސް މީހަކަށް ގެއްލުމެއްދޭން ކެރޭނެ މީހެއްނޫން.. ތީ އެޔަށްވުރެ މާ ބޮޑު ފިނޑިއެއް.. އެހެންވެގެން ޝައްކުވެގެން ޔަޤީންކޮށްލަން މިއައީ.. މަކޮށްލި މޮޅު އެކްޓްގަ ޖެހި ޖަޒުބާތީވެގެން ހަޤީޤަތް ފަޅާއަރުވާތިލީ އަމިއްލަ އަނގައިން.. މަ އަމިއްލައަށް މަރުވާނެތަ؟..ނެވަރ ..” އަނެއްކާވެސް ޔުމްނު ހިނިގަނޑެއް ޖަހާލައިފިއެވެ. އަހަރެންގެ އެތެރެހަށީގައި ވަރުގަދަ ހުޅުގަނޑެއް ރޯވެގެންދިޔައެވެ. ޔުމްނުގެ މަޅީގައި ޖެހެވުމުން އަމިއްލަ ނަފްސުދެކެވެސް ލަދުގަތެވެ. ރުޅިއާދެވުނެވެ. އެޔާއެކު އަވަސް އަވަހަށް ނޭވާތައް ލެވެމުންދިޔައީ އެތެރެހަށީގައި އަނދަމުންދާ އަލިފާނުގެ ގިނި މަޑުކޮށްލުމުގެ ގޮތުންވެ.
“..މަ އޭރުވެސް ބުނީމެއްނުން މަ ފަހާލައިފައި ކުރި އަރައިގެނެއް ނުދެވޭނޭ..” ޔުމްނު އަހަރެންނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. “..ކައިލްއާ އިންނާނަމޭވެސް ބުނީމެއްނުން.. ބަލަންހުރޭ.. ރޯންހުރޭ.. ކައިލްއާ އިންނަންވެސް އިންނާނަން އަދި ބުނަން ކިނާންވެސް އަތުލާނަން..”
“..އެހެންތަ ހީވަނީ..” އަހަރެން އަރަގަތް ރުޅިއާއެކު ޔުމްނުގެ މޭމަތީ ދެއަތް އަޅާލަމުން ކޮއްޕާލެވުނެވެ. “..މަވެސް އެއްޗެއް ހަނދާންކޮށްދީފާނަން.. ކަލެޔަށް މަންމަ ރުހުމުގަ ތި ކާވެންޏެއް ނުކުރެވޭނޭ މަ ބުނީމެއްނުން ދޯ.. މަންމަގެ ރުހުމެއް ކަލެޔަކަށް ނުލިބޭނެ.. ދެން ކިނާންގެ ވާހަކަ އޭނަ ލިބޭނޭ ހިތަށްވެސް ނާރުވާތީ.. މިއަދު ކޯޓުން ކިނާން ހަވާލުކުރާނީ އަހަރެންނާ.. އެޔަށްފަހު ކަލޭމެންގެ ލޯ މަތިން ކިނާން ގެއްލުވާލާނަން.. އަހަރެން ބަލަންހުރިހާ ހިނދަކު ކިނާންއެއް ކަލޭމެންނަކަށް ނުލިބޭނެ..”
“..ތީ ދެދުވަހެއްގެ މެހެމާނެކޭ..” ޔުމްނު އެއްމިޔަކަނުން ހީލިއެވެ. “..މާދަމާވެސް މަރުވެދާނެ.. އިންނާނެ މީހަކުވެސް ކަލެޔަށް ނުވާނެ.. އެކަނި އުޅެންޖެހުނީމަ ބަލިބޮޑުވެގެން އަވަހަށް މިދުނިޔެ ދޫކޮށް ހިނގައިދާނެ.. އޭރުން ކިނާން ލިބޭނީ ކައިލްއަށް..”
“..އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ލޫޝާއަކަށް ނިކަމެތިކަމެއް ނުލިބޭނެ.. ލޫޝާ އަތަކުން ކިނާންއެއްވެސް އަތެއް ނުލެވޭނެ..” ނީލްގެ އަޑު އިވިގެންދިޔައެވެ. އަހަރެން ބަލާލުމާއެކު ނީލް ބާރު ހިނގުމުގައި އައިސް އަހަރެން ގާތުގައި ހުއްޓެމުން އަތުގައި ހިފާލިއެވެ. “..އަހަރެން ލޫޝާއާ އިދެފާނަން.. ލޫޝާއަކީ ދެދުވަހެއްގެ މެހެމާނަކަށް ވިޔަސް އަހަރެން މިހުރީ އިންނަން ތައްޔާރަށް.. އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ލޫޝާ އެކަނި އުޅޭކަށް ނުޖެހޭނެ..”
“..އޯ..” ޔުމްނުގެ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “..މީދޯ މިގެޔަށް އައިސްގެން މިއުޅޭ ސަބަބަކީ..”
“..މާ އަނގައެރުވޭ މީހަކަށް ވެގެން އުޅޭނެކަމެއް ނެތް..” ނީލް ބާރަށް ބުނެލިއެވެ. “..ހިތްމައްޗަށް އަރައިގެން އުޅެންޏާ.. ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮށްޕާލަން ޖެހިދާނެ.. ކަލޭ އަނގައިން ކަންތައްކުރިގޮތް ކިޔާދީފައިވާ ވީޑިއޯއެއް އެބައޮތް.. ޒައިކުއާ އޭނަގެ ކޮއްކޮ ބަޔާންތައްވެސް ލިބެން އެބަހުރި.. އެވީޑިއޯއާއި އެމީހުންގެ މަތިން ހަނދާން ނައްތާ ނުލައްޗޭ..” ޔުމްނުގެ ދެލޯ ބޮޑުވެގެން ދިޔައިރު މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.
“..ނޫނީ މިފަހަރު ހަމައަސްލަށްވެސް ލޭ އަޅާލަފާނަން..” ނީލް ޔުމްނު އިތުރަށް ބިރުގަންނުވާލުމަށްޓަކައި އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ޔުމްނުއަށް ތެޅި ގަނެވުނެވެ. އިސާހިތަކު އޭނާގެ މޫނުމައްޗަށް ދާތިކިތައް ޖަމާވެ ބަބުޅަން ފަށައިފިއެވެ.
“..ލޫޝާއަށް ލޫޠުއަށް ނުކެރުނަސް މަށަށް ކެރިދާނެ.. އެހެންވީމަ މައިތިރިވެގެން ހުރެވޭތޯ ބަލާ..” ނީލް ދެލޯބޮޑުކޮށްލުމާއެކު އަވަސްއަވަހަށް ނޭވާލަމުން ޔުމްނު ނީލްގެ އަތް ފޮޅުވާލިއެވެ. އަދި އަވަސް އަވަހަށް ގެއިން ނުކުންނަން އުޅެނިކޮށް ދޮރުގައި ބާރަކަށް ޖެހިފައި ވެއްޓުނެވެ. އެޔާއެކު ފުންމާގެން ތެދުވެ ދުވަމުން ކަހަލަގޮތަކަށް ގެއިން ނުކުމެގެން ދިޔައެވެ. އަހަރެންގެ ގާތަށް ހިނިއަޔެވެ. ޔުމްނު އަކީ ހިތުން މޮޅުވެގެން އުޅުނަސް ވަރަށް ބޮޑު ފިނޑިއެކެވެ.
“..ތޭންކްސް..” އަހަރެން ނީލްއަށް ޝުކުރުއަދާ ކުރީމެވެ. ނީލް ހިނިތުންވެލިއެވެ.
“..އަހަރެން ލޫޝްއާ އިންނާނަމޭ ބުނީމަ އެއްޗެއް ހިތަށް ނާރުވާތި..” ނީލް ބުނެލިއެވެ. “..އެއީ ޔުމްނު އަނގަ ބައްދާލުމަށް ބުނި އެއްޗެއް.. ވީ އާރ ފްރެންޑްސް..”
ނީލް ހެދީ ދޮގެއްކަން އަހަރެންނަށް އެނގެއެވެ. އޭނާ އަހަރެން ދެކެ ލޯބިވާކަން ޔަޤީނެވެ. އެކަމަށް އެދެލޯވެސް ހެކިދެއެވެ. އެދެލޮލުން އަހަރެންނަށް ލޯބި ފެނެއެވެ. ނީލްގެ އަމަލުތައް ހުންނަގޮތުންވެސް އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީންވެއެވެ. ނަމަވެސް ނީލް ލޯބިވާކަމަކަށް އެއްބަހެއް ނުވެއެވެ. ލޫޠުވެސް ނީލްގެ ހިތުގައިވާ ވާހަކަތައް ބޭރުކުރުމަށް މީގެ ކުރިން އެތައް ފަހަރަކުވަނީ މަސައްކަތްކޮށްފައެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް އޭނާ ބުނަނީ އަހަރެންނަށް ބަލަނީ ރަޙްމަތްތެރިއެއްގެ ނަޒަރުން ކަމުގައެވެ. އޭނާ ލޯބި ސިއްރުކޮށްގެން އުޅޭ ސަބަބެއް އަހަރެންނަކަށް ނޭގެއެވެ. ފަހަރުގައި ނީލް ހުންނަނީ އަހަރެންގެ އިޝާރާތެއް ވޭތޯ ކަންނޭގެއެވެ. ނީލް އެކަން ސިއްރެއް ގޮތުގައި ބާއްވާކަންވެސް ނަސީބެކެވެ.
ކާވެނި ކުރަން އެންމެ ރަނގަޅުވާނީ ތިމާ ލޯބިވާ މީހަކަށްވުރެ ތިމާދެކެ ލޯބިވާ މީހަކާއޭ މީހުން ބުނާތީ އަޑު އަހަމެވެ. ލޫޠުވެސް އަހަރެންނަށް ވިސްނާދެނީ އެގޮތަށެވެ. ނަމަވެސް އެއީ ކުރަން ކިހާ އުނދަގޫ ކަމެއްކަން އެނގޭނީ ޚުދު އަހަރެންނަށެވެ. ލޯބި ނުވާ މީހަކާ ގުޅިގެން އުމުރު ދުވަހަށް އެކީގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އިނުމަށްފަހުގައިވެސް އަހަރެންނަށް ލޯބި ނުވެވިއްޖެނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަށް އުފަލެއް ނުލިބުނުތާގައި ނީލްއަށްވެސް ލިބޭނީ އިތުރު ހިތްދަތި ކަމެކެވެ. އަހަރެންނަށް ނީލް ލޯބިވާކަން އެނގޭއިރުވެސް ނޭގޭކަމަށް ހެދިގެން މިހުންނަނީ އެހެންވެގެންނެވެ.
************
މެންދުރުފަހު ވަރި ޘާބިތު ކުރުމަށް ކޯޓަށް ގެންދެވުނެވެ. ކައިލް ކޯޓް ރޫމްގައި ހިމޭންވެފައި އިންއިރު އިނީ އިސްޖަހައިލައިގެންނެވެ. ޔުމްނުއަށް ބަލި ނުޖެހޭކަން އޭނާއަށް އެނގިފައި އޮތްހެނެއް ހިޔެއްނުވެއެވެ. އޭނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ނުފެންނަނީ އެސިއްރު އަދިވެސް ސިއްރެއްގޮތުގައި އޮތީމަ ކަންނޭގެއެވެ. ވަރިކުރީ ކީއްވެގެންތޯ ގާޟީ ސުވާލްކުރިއެވެ.
“..ހިނގި ހަމަ ނުޖެހުމެއްގައި.. ވަރީގެ ބަސް ބުނެވުނީ..” ކައިލް މަޑުމަޑުން ބުނެލިއެވެ. އޭނާ އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކިއެވެ.
ޤާޟީ އަހަރެންނާވެސް ސުވާލްކުރިއެވެ. ކަންތައް ހިނގާދިޔަގޮތުގެ ތަފްޞީލެއް އަހަރެންވެސް ނުދެމެވެ. އަހަރެންނާއި ކައިލްގެ ބަޔާންތައް ނަގައި ވަރިވެސް ޘާބިތުވެގެން ހިނގައްޖެއެވެ. ކިނާން ހުންނާނީ އަހަރެން ކައިރީކަމުގައި ބުނިއިރު ކައިލް ކިނާން އަތުލުމަށްޓަކައި ދިފާޢުގައި އެއްވެސް ވާހަކައެއް ނުދައްކައި ހިމޭނުން އިނީއެވެ. އޭނާއަށް އެނޫން ގޮތެއް ނޯންނާނެއެވެ. އަހަރެން އަތުން ކިނާންދެން އަތުލެވޭނީ އަހަރެން މީ ރަނގަޅު މަންމައެއް ނޫންކަން އޭނައަށް ޘާބިތުކޮށްދެވިގެންނެވެ. ކިނާން ހޯދުމަށްޓަކައި އަހަރެންނޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދެއްކި ނަމަ އަހަރެން އޭނާ ބޭޒާރުކޮށްލީމުހެވެ. އޭނާ ރަނގަޅު ބައްޕައަކަށް ނުވާނެކަން ސާބިތުކޮށްދިނީމުހެވެ. އޭނާ ހިމޭނުން އިނދެ އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްނިގެން ދިޔައީ އެސަބަބާ ހުރެއެވެ.
އަހަރެން މަގުމައްޗަށް ނުކުތްއިރު ލޫޠު ބަލާއައިސް ހުއްޓެވެ. މަޑުމަޑުން ލޫޠުއާ ދިމާއަށް ހިނގައިގަތީމެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓެން މަޖުބޫރުވީ ކައިލް ގޮވާލި އަޑުއިވުމުންނެވެ. އަހަރެން ފަހަތަށް އެނބުރި ބަލާލުމާއެކު ކައިލް މަޑުމަޑުން ހިނގާލައިފައި އައިސް އަހަރެން ކައިރީ ހުއްޓުނެވެ. އަހަރެން ކައިލްގެ މޫނަށް ނުބަލަންވެގެން ހުރީ ދުރުބަލަހައްޓައިގެންނެވެ. ކައިލް އިރުގަނޑަކު ހިމޭނުން ހުރުމަށްފަހުގައި ފުރަނީ ކޮންއިރަކުތޯ ސުވާލްކޮށްލިއެވެ.
“..މިއަދު ހަވީރު..” އަހަރެން ހިނގައިގަތީމެވެ.
“..ލޫޝް..” ކައިލްގެ އަނގައިން އިވިގެން ދިޔަ އަޑާއެކު އަހަރެންގެ ފިޔަވަޅުތައް ގަނޑުވިއެވެ. ކުއްލިއަކަށް ހީވީ ދެފައި ބިންގަނޑުގައި ތަތްލިހެންނެވެ.
“..ލޫޝް..” އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުނުއިރު ކައިލްބުނި ބަސް ރިޕީޓްކޮށްލެވުނީ ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އެނބުރި ބަލާލަންވެސް ނުކެރިފައި ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރެވުނެވެ.
“..ލޫޝް.. އައި މީން ލޫޝާ..” ކައިލް އާގަންނަ ގޮތަކަށް ބުނެލިއަޑު އިވުނެވެ. “..ވާހަކައެއް ދައްކާލަން މަޑުކޮށްލަދީފާނަންތަ؟..”
މިއަދު މީ ކައިލްއާ އަހަރެންނާ ވާހަކަ ދައްކާނެ އެންމެފަހު ދުވަސްކަމަށްވުމުން އަހަރެން މަގުގެ އެއްފަރާތަކަށް ޖެހިލީ މެވެ. އޭނާ ދައްކަން އުޅޭ ވާހަކައެއް އަހަރެންނަކަށް ނޭގެއެވެ. މީގެ ކުރިން އޭނާ އަހަރެންނާ ވާހަކަ ދެއްކުމަށް މަސައްކަތްކޮށްފައެއް ނުވެއެވެ. އެހެންކަމުން އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ.
“..ލޫޝާ..” ކައިލް ވާހަކަދައްކަންފެށީ މަޑުމައިތިރިކަމާއެކު އެވެ. “..ވަރަށް ލަދުގަނޭ މިއަދު މިވާހަކަ ދައްކަންވެސް.. އެކަމް މީ އަހަރެންނަށް ލޫޝާއާ ވާހަކަ ދައްކާލުމަށް ލިބޭނެ ފަހު ފުރުޞަތުކަމަށްވުމުން މިވާހަކަ ދެއްކުމަށް ކޮންމެހެންވެސް ބޭނުންވީ.. ލޫޝާ.. އަހަރެން މީ ވަރަށް ނުބައި ނުލަފާ މީހެއްކަމަށް އަހަރެން ޤަބޫލްކުރަން.. އަހަރެން ލޫޝާއާމެދުވެސް ކަންތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށް ޤަބޫލްކުރަން.. އެކަމުގެ ސަބަބުން އަހަރެންގެ އުފަންމަންމަ ވާހަކަ ނުދައްކާތާ އެތައް ދުވަހެއް ވެއްޖެ..”
ކައިލް ވާހަކަ ދައްކަމުން ދިޔައިރު އަޑުދިޔައީ ބެދެމުން ކުރަކިވަމުންނެވެ. އަޑުގައިވެސް ވަނީ ރިހުން އެކުލެވިފައެވެ.
“..ލޫޝާ އަހަރެންނަށް ކަމެއްކޮށްދެންޔާ މަންމަ އަހަރެންނާ ވާހަކަ ދައްކާލާނެގޮތް ހަދާދީބަލަ.. ޕްލީޒް.. އަދި ލޫޝާއަށް އަހަރެންނަށް މާފު ދެވެން އޮތިއްޔާ މާފުކޮށްދީފަ އެއްފުރުޞަތު ދީބަލަ..”
“..އަހަރެން ކައިލްއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން..ކައިލް މަންމައާވެސް ވާހަކަ ދައްކާކަށް ނެތިން..” އަހަރެން ދުރުބަލަހައްޓައިގެން ހުރެ އެހެންބުނަމުން ހިނގައިގަތުމާއެކު އަތުގައި ހިފެހެއްޓިއެވެ. އަހަރެން އަތަށް ބަލާލަމުން ރުޅިވެރިކަމާއެކު ކައިލްއަށް ބަލާލުމާއެކު އެލޮލުގައިވާ ކަރުނަތައް ފެނުމާއެކު ވަގުތުން ދުރުބަލާލެވުނެވެ.
“..ޕްލީޒް..” ކައިލް އާދޭހާއެކު ބުނެލިއެވެ. “..ކިނާންއަށްޓަކައި މާފުކޮށްދީފަ ނަމަވެސް އެއްފުރުޞަތު ދީބަލަ.. އަހަރެން ލޫޝްގެ ފަހު ދުވަސްކޮޅު އުފަލުގައި ގެންގުޅޭނަން އައި ޕްރޮމިސް..”
“..ކައިލް ހީކުރީ ދެން މައުޅޭނީ ވަރަށް ވޭނުގަ ކަމަށްތަ؟..” އަހަރެން ކައިލްއާ ހަތަރު ކަޅި ހަމަކޮށްލީމެވެ. “..ކައިލް ނެތަސް މަ އުޅޭނީ އުފަލުގަ.. އަހަރެންނަށް މާފުކޮށްދީ ކައިލްއަށް ތިންވަނަ ފަހަރަށް އިތުބާރު ކުރެވޭކަށްނެތް..”
“..ހެޔޮނުވާނެ.. ކިނާންއަށްޓަކައި.. އެއް ފުރުޞަތުދީ..” ކައިލްގެ ލޮލުތެރެއިން ފޭދިގެން ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.
“..އަހަރެންނަށް ކޮންމެ ފަދަ އަދަބެއްދިނަސް އޯކޭ.. ލޫޝް އަހަރެން ކައިރިއަށް އެނބުރިއާދޭ.. ކިނާން ބައްޕަގެ ލޯބިން މަހުރޫމްކޮށްނުލާ.. ލޫޝް ނެތްދުވަހަކުންވެސް އަހަރެން ކިނާން ބަލައިދޭނަން.. ލޯބިދޭނަން..” ކައިލް ލޮލުން އޮހެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ. މިއަދު ކައިލްގެ އެކަރުނަތަކަކަށް އަހަރެން ނުހެއްލޭނަމެވެ. ކައިލްގެ ހަޔާތަށް އެނބުރިދިޔުން އެއީ އަހަރެން ހުވަފެނެއްގައިވެސް ދެން ކުރާނެކަމެއް ނޫނެވެ.
“..ތިހާވަރަށް ކިނާންއާ މެދު ވިސްނާނަމަ މިއަދު އަހަރެންނަށް މިހެނެއް ނުވާނެ.. އަދި ބުނަން އެއްވާހަކަ މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް ކިނާން ބަލައިބޮޑުކުރެވެންދެން ދުނިޔޭގަ ހުރެވޭނެ.. މިބުނީ ކައިލް ތިހީކުރާ ކަހަލަ އެއްވެސް ބައްޔެއް އަހަރެންގެ ގަޔަކު ނެތޭ.. އަހަރެން ގަޔަކު އެޗް އައިވީގެ އަސަރެއް ނެތް..”
އަހަރެން އެހަޤީޤަތްވެސް ކައިލްގެ ކުރިމަތީ ހާމަކޮށްލަދިނީމެވެ. އެއީ އަހަރެން ކުރިންވެސް ނިންމާފައިވާ ގޮތެވެ. ފުރުމުގެ ކުރިން ކައިލްއަށް ހުރިހާ ހަޤީޤަތެއް ކިޔާލަދިނުމެވެ. މިއަދު ކައިލް ރޮއެ ރޮއެފައި އާދޭސް ކުރި ނަމަވެސް މާދަމާ ޔުމްނުއަށް ބަލި ނުޖެހޭކަން އެނގުމުން އޭނާއަކަށް އަހަރެންނެއް އަދި ކިނާންއެއްވެސް މުހިއްމެއް ނުވާނެއެވެ. ކައިލްއަށް އަހަރެން ބުނިވާހަކަ ޤަބޫލްނުކުރެވިގެން ބަލަހައްޓައިގެން ހުއްޓެވެ.
“..އާނ.. ތިމީހުންނަށް އެދުވަހު ޒައިކުދިނީ އެޗްއައިވީ ލެޔެއް ނޫން.. އަހަރެން ގަޔަށް އެޅުނީ އެޗްއައިވީ ލެޔެއްނޫން.. އަހަރެން ހަށިގަނޑަކު އެބައްޔެއް ނެތް.. އެހެންވީމަ ކިނާންއާ މެދު ނުވިސްނާ.. އަހަރެން އޭނަ ބަލާނަން..”
ކައިލް ވިސްނަން އިރުގަނޑަކު ހިމޭނުން ހުއްޓެވެ. އެޔަށްފަހުގައި އޭނާ ޔުމްނު ނަން މަޑުމަޑުން ބުނެލިއެވެ. އަހަރެންނަށް ޤަބޫލްނުކުރެވިގެން ކައިލްއާ ދިމާއަށް ބަލާލެވުނުއިރު ކައިލްގެ ތުންފަތީގައި ލުއި ހިނިތުންވުމެއް ހުއްޓެވެ. އޭނާ މިވަގުތުވެސް ވިސްނަމުން އެދަނީ ޔުމްނުއާ މެދުގައެވެ. އަހަރެންނަށް ބަލިނުޖެހޭކަން އެނގުމުން އުފާވުމުގެ ބަދަލުގައި އުފާވީ ޔުމްނު ހަށިގަނޑުގައި އެބަލި ނުހުންނާނެކަން އެނގުމުންނެވެ. އޭނާ ދެންމެ އަހަރެން ގާތުގައި އެއްފުރުޞަތު ދިނުމަށް އާދޭސްކުރި ހަނދާންވެސް ނެތްކަހަލައެވެ. މީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އަހަރެން ބަލަހައްޓައިގެން ހުރިގޮތުން ކައިލްއަށް ބުނެވުނީ ކިހާވަރެއްގެ ވާހަކައެއްކަން ނަގައިގަނެވުނެވެ. ކައިލްގެ ހިނިތުންވުން ފިލާގޮސް ސީރިޔަސްކަމަށް ބަދަލްވިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ.
“..އެއްވެސް އެއްޗެއް ބުނުމުގެ މާނައެއް ނެތް.. ތީ ކަލޭގެ އަސްލުސިފައަކީ.. ޗީ.. ލަދުގަނޭ ކަލޭ ކަހަލަ މީހެއްދެކެ ލޯބި ވެވުނީތީވެސް.. އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.. ނުކުރާނަން.. ކަލޭ ބުނެފީމެއްނުން ކޮންމެ ފަދަ އަދަބެއްދިނަސް މައްސަލައެއް ނެތްކަމަށް.. ކަލޭގެ އަދަބަކީ އުމުރު ދުވަހަށް ކިނާންއާ ވަކިން އުޅެން ޖެހުން.. ގުޑު ބައި އަޙްމަދު ކައިލް..”
އަހަރެން ދެފަޔަށް ލެވުނުހާ ބާރެއްލަމުން ހިނގައިގަތީމެވެ. ދުވަހަކުވެސް ފަސް އެނބުރި ފަހަތަށް ނުބެލުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
…………………………………………………….
………………………………………
…………………
……….
….
ކިނާން ކިޔަމުން ދިޔަ ޑައިރީގެ ގަނޑުތައް އުކައިގަތެވެ. އޭނާގެ ތުރުތުރުލަމުން ދިޔަ އަތުން ގަނޑުތައް އުކަމުން ދިޔައީ ނޭވާ ހިފަހައްޓައިލައިގެން އިނދެއެވެ. އޭގެފަހުން ކަންތައްވެގެންދިޔަ ގޮތްވެސް އޭނާ އެނގެން ބޭނުންވެއެވެ. ނަމަވެސް އެފޮތުގައި އިތުރަށް އެންމެ ވާހަކައެއްވެސް ލިޔެވިފައެއް ނެތެވެ. ގަނޑުތައް އުކަމުން ދަނިކޮށް ފޮތުގެ ވަކި ހިސާބަކުން އެއްޗެހިތަކެއް ލިޔެފައިވާ ގަނޑުކޮޅެއް ކިނާންއަށް ފެނުނެވެ. ކިނާން ގަނޑުކޮޅު ނަގާ ކިޔާލިއެވެ.
އަހަރެން އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އުފަން ޤަޢުމު ދޫކޮށް މެލޭޝިޔާއަށް ދިރިއުޅުން ބަދަލްކޮށްލީ ދުވަހެއްގެ ކޮޅުންވެސް އެނބުރި ރާއްޖެއަށް ނުދިޔުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އަހަރެންގެ ދަރިފުޅު ބައްޕަގެ ލޯބިން މަޙުރޫމްކޮށްލަން ޖެހުމުން އެދަރިފުޅުގެ މާފު ލިބޭނެކަމަށް އުންމީދުކުރަމެވެ. ކިނާން އުމުރުން 18 އަހަރު ފުރޭ ދުވަހު އަހަރެން މިދުނިޔޭގައި ހުއްޓަސް ނެތަސް ކައިލް ކަންތައްކުރިގޮތް އޮޅުން ފިލުވާދޭނަމެވެ. މަންމައާ ބައްޕައަށް އެކީގައި ނޫޅެވުން ސަބަބުވެސް ބުނެދޭނަމެވެ. އަހަރެން މި ޑައިރީ ލިޔުމުގެ މަޤުޞަދަކީއެއީއެވެ. ދަރިފުޅު މަންމައަށް ކުށެއް ކުރެވިފައިވާނަމަ މާފުކުރާނެކަމަށް ހީކުރަމެވެ.
ކިނާންގެ އަތުތެރޭގައި ގަނޑުކޮޅު ބޮޑިކޮށްލިއިރު ދެދަތްޕިލަވަނީ ފިއްތާ ބާރުކޮށްލެވިފައެވެ. އޭނާގެ އުމުރު 18 އަހަރު ފުރުނުރޭ މިލިބުނީ ކޮންކަހަލަ ސަޕްރައިޒްއެއް ހެއްޔެވެ؟ ކިނާން ޑައިރީގައި ބާރަށް ހިފަހައްޓާލަމުން އިސްޖަހައިލުމާއެކު ދިގުކޮށްލެވިފައިވާ އިސްތަށިގަނޑު ތިރިއަށް ފައިބާގަތެވެ. އޭނާގެ މަންމަ މާޒީގައި އެފަދަ ކަންތައްތަކެއް ހިނގާގޮސްފައިވާ ކަމަކަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. އޭނާގެ ބައްޕައަކީ އެހާ ނުބައި ނުލަފާ މީހެއްކަމަކަށް ހިޔެއްވެސް ނުކުރެއެވެ.
“..މަމް އައި އޭމް ސޮރީ..” ކިނާން އަޑުވެސް ތުރުތުރުލައެވެ. ލޫޝާގެ ހިތްދަތި މާޒީގެ ސަފްޙާތަކުގެ އަސަރު ކިނާންގެ ހިތުގެ އެންމެ ފުންމިނަށް ވަނީ ފޯރާފައެވެ.
ކިނާން އިސްއުފުލާލީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު އޭނާގެ ލޮލުތެރޭގައި ކަރުނަތައް މުތީތަކެއްހެން ވިދަމުން ދިޔައެވެ. ރަތްކުލައިގެ ތުންފަތުގައިވެސް ތުރުތުރު ލުމެއް ހުއްޓެވެ. ކިނާން އިންގޮތަށް އިނީއެވެ. ކޮޓަރިއަށްވަނީ ކާކުތޯ ބަލާކަށް ނޫޅުނެވެ. އެގަޑީގައި ކޮޓަރިއަށް އަންނާނީ ކާކުކަން ކިނާންއަށް އެނގޭކަހަލައެވެ.
“..ދަރިފުޅާ..” ކިނާން މަޑުމަޑުން ތެދުވީ ޑައިރީވެސް ހިފައިގެންނެވެ.
“..ޑޭޑް..” ކިނާން އަތުގައި އޮތް ޑައިރީ ދައްކާލަމުން ވާހަކަ ދައްކަންފެށީ އަސަރާއެކުއެވެ. “..މީ ހަމަ ހަޤީޤަތްތައް..”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
60 Comments!
Comments are closed.





ބުރާސްފަތި ދުވަހު އަޕްކޮށް ނުދެވުނިތީ މިޕާޓް ތަންކޮޅެއް ދިގުކޮށް އަޕްކޮށް މިދިނީ.. އުންމީީދުކުރަން ކަމުދާނެކަމަށް.. ބުނާ ދުވަހަށް އަޕްކޮށް ނުދެވިދާނެތީ ނެކްޓް ޕާޓް ގެނެސްދޭން ވަކިދުވަހެއް މިފަހަރު ނުބުނާން.. އެކަމް ވަރަށް އަވަހަށް ގެނެސްދޭނަން.. 🙂
Wowwwe v v reethiii … kinan ge dad thiii dhunuye ah ufan vwfa huriiiiii ibiliss ehh.. julafaa nubaiii.. I love this story 🙂 ♥ thanks dear vaahaka up koh dhini ma 😉
thank you ummi vaahaka kiyaali ma.. 🙂
loosh maruvytha ????…. 🙁 .. noon ehn neh nuvaane .. gabooleh nukuraanan .. 🙁 …. nishaan .. my heart is broken .. hiyy halaaku vehje .. adhi fahuthan kolhu keeiru haadha dhera viyey…..alhe dhn vygoiy nishaan nugennaanatha ??…. genanhchey ingey … kail aa yumnu ah vygoi.. dhn loosh ah vee kihineh kameh vess neyge ehnu .. loosh ah vyy goi vess genesdhehche .. … v v v v v reethi mi part vess .. hama superb … alhe kinaan v smart vaane dhw .. kinaan bodu vy vihya … hehehe .. 😉 …. ekam kinaan kihaa dhera vaane .. .. how sad …. dhn neel kinaan ah kiyaidheynetha fahun vygoi ??.. alhey .. mihaaru next part kiyaa hithun hureveny kyy eh nun .. nishaan ah hyvanyy dhn kon dhuvahakun hen genes dheveyny ??? … v v v v nice … .. nishaan loosh ah vy goi engen beynun .. maruvytha .. ?? ;( …. gud luck … 🙂 🙂 🙂
varah gina suvaal thakeh hithu thereyga gina vegen gosfi dho .. dont worry next part kiyaali ma thi hurihAa suvaaleh ge javaab libigen dhaane.. iraadha kureviyya feshey week thereyga genes dheynan.. vaki dhuvaheh nubunaanan 😉 and thank a lot for the long comment 😀
shazaa mean akeee maamaluge meeruvas and something like that. kushah libey adabakee sazaaa. so shazaa liuneema mulhin maana ulhifa onnnanee.. .. so mikahala kanthah ragulhukohlaa nishaan… anyway this is nice story.. i like this story.
majii ah furathama bunelan beynun vanii varah varah bodah shukuriyya ey.. i didn’t knw that before .. shazaa n sazaa meaning different kameh.. jus now i checked radheef.. ur rite shazaa mean maamaluge meeruvas.. ehenveema ethankolhu islaah kohlaanan.. once again thank you..
welcome
Veehaaves avahakah aneh bai genes dhinun edhen
yeah will up soon..
Alhey mi vee kihineh?..kihineh kyle ah kiyaan libuneee… next part avahahh up kohlacheyy..
irish suvaal ge javaab next part in libigen dhaane.. thank you.. varah avahah up vaane in shaa allah
alhe nishan…kihineh tha thi hedhy? keeve tha kyle ah kinan dhiny…loosh aa kinaan vaki kury keevve? ehaa salhiko mi vaahaka genes dhemun ais kulli akah mulhi plan badhal kollaafa mi othy…story fashaigen ai iraku nishan ge hithaku neh kan neynege diary ge bai gennan…ekamaku mi othy kulliakah ebai genessa…..bunebala mee dhogekey 😉
komme gothakah genayas varah nice mi story…ekamaku hama dhera vany kyle ah kinaan libunyma…loosh maruvejjiyya varah dhera vaane…avaha aneh bai genesbala…kiyaa hithun hureveny kee noon
hehehe.. how did you knw that.. yeah story feshi iru dairy bai gennan hiyaaluga vs neh.. dairy visnun aii vaahaka liyan feshi fahun.. kurin hiyaaluga inn nama feshuma dairy ekey bunegen fashaani 😀 roxe gadha inge 😉 mi genaii badhalu vs kamu dhaane kamah unmeedhu kuranii and thi hithuga ufedhey hurihaa suvaaleh ge javaab next part in libeyne 🙂 thank you..
hehe…kuda koh mind read kuran ingeythee ae.. B) 😛
Aneh bai kon irakun?
Feshey week therey genes dheynan..
,V v salhi mi part n waiting 4 the next
Nishan mi waahaka kuriah gendhaa goii v salhi
I like it
thank you faai 🙂
v salhi wait for nxt pat
thank you shai..
ހަމަރަގަޅަށް ވެސް ރޮވިއްޖެ
Awwwww 🙁
Aisha ehaavarah roa iruves nishaan tissue eh nudhen tha? :p
Hehe I don’t have ey 😉
Alheyy. Dhn vaany kihineh baaaa!!!!
Nishaan, u me ge hiyy ehaa bodah nuthalhuva aneh part avahah up koh dhehcheyy. V lwbi part eh mi ves. Nishan I r da best writer. Thnk yew beeg koh
Yeah will up soon.. Eyrun dhen vaane gotheh vs engeynii.. Thank you aish haa
mi part v reethi…mi vaahaka mee hageegee vaahaka eh tha?
Thank yu Jee.. Me real story eh noon..
v salhi
Thank yu Shai..
varah varah reethi mivaahaka. keep going. one of the best story i’ve ever read. 😉
Thank you Dhaa 😉
vaahaka v v reethi vaahakage aneybayah inthizaaru v kuranan kiyalahithun miharu hureveny eh nun aneyba v avahah up kohdheythi. adhi ehvaahaka bunelan beynun vaahakaga kail ah ingey yumnu vx mihaaru hiv hunnakan dhen loosha vx hiv hunna kan kail ah ingey ekan inguhure kail ehaarulhiara lwbi nuva meehey loosha akee dhen kyve loosha kaary roaeroefa aadhes kohfa b aneyka alun gulhey beynunve ey kiya roehedha looshage fahudhuvx kolhuvx loosha happykon loosha beynunva gothah gengulhe dheynamey kiya. kail. ah yumnu aa nulanulhevigen ulhe yumnu dheke vaalwbi .loosha dheke nuvairu hama yumnj vx fahu dhuvx kolhennu kail ah ingey gothun hama ehennunnama kail yumnu aa meri kuraane ennu. kinan aahedhy eybunedhaane faharuga thikolhun ehennama loosha varikoh geybeyru nukuraane ennu mithankolhu heevey hama nujeheyhen. ehen namavx vaahaka v v reethi aneybayah inthizaaru kuran..
Hey zeeshan u forgot something emeehun varu Gadha plan ehge dhashun aii heh nun Loosh varikoh Lee.
Neal n Looth ge sababun eythi work nukoh fani vee. Mihaaru dhen eulhenii Kinaan Malaysia ah gendhaathi.
I forgot to mention that. Thank you thihaa varah mivaahaka ah inthizaaru kuraathii.
Soon will up next part..
vara reethi! nimunuthankolhu a ee kiuntherinna dhin suprise eh dhw nishaan… suprise v kamudhey …. ,keep going =D …BEST OF LUCK…. _RAMAZAAN MUBAARIK nishaan _
yeah eii suprise 😀 kamu dhiya ee thi 🙂 and thank you.. lin ashaai lin ge family ah vs ramazaan mubaarak ..
aneh part avhah up kohbala nishan……. nw abadu mi site check kurevenee vaahaka up v thw bala…. plx avasssssssssssssss….
aneh part avhah up kohbala nishan……. nw abadu mi site check kurevenee vaahaka up v thw bala…. plx avasssssssssssssss….
aneh part avhah up kohbala nishan……. nw abadu mi site check kurevenee vaahaka up v thw bala…. plx avasssssssssssssss….
aneh part avhah up kohbala nishan……. nw abadu mi site check kurevenee vaahaka up v thw bala…. plx avasssssssssssssss….
aneh part avhah up kohbala nishan……. nw abadu mi site check kurevenee vaahaka up v thw bala…. plx avasssssssssssssss….
Adhi nuliyevigen Miulhenii.
Up kohdheynan varah avahah
niahaan .. kobaa tha aneh bai .. ????????????????????????.. avass koh baa .. plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
i mean nishaan ingeyy
Adhives ninmaa nulevey..
Nishaan: MiKudhin mi Kura inthizaaruge nimun avahahgenesdheeba. Haadha inthixaarekey mi kurevenee
🙂 reethi barubaadheh. ☆☆☆
Inthizaaru ge nimun veehaa vs avahakah genes dhevey tho masahkaiy mikuranii..
adhi mihaaaa reethi dhivehi story eh nukiyan..v v v reethi..best of luck for ur future n waiting aneh part ah!!! keiii madhu vephrrr 😀
thank you shiu 😀
V nice vaahaka keep it up!!;-)
thank yu issa 🙂
thihaa bxi meehun vaaaka nuliyebala….
Nish bunyas mikameh nuhuhteynun hehe 😉
..alhe thankolheh avahah vaahaka up kohdheebala
Dhen avaskurey mihaaru miadhu friday
Maadhamaa iru erumuge Kurin vaahaka up kohdheynan in shaa Allah
dhn nishaan gadaaaaaaaaaa…. avs kohbala …. 🙁 …,… maadhn iru eru muge kurin neh noon .. hama mihaaru …. mihaaru 1 week vy ey … 1 week therey adhivess next part nunmeny tha ?.. i think one week is enough for u …. dhn dhn miadhu nugeneh sih yaamun ….. varugadha landeh dheynan 😛 …… dhn avas kurah chey .. plsssssssssssss
hehe.. nimifa ey aslu iny.. liyevifa in gothaa medhu hiy hama nujeheythi up nukoh meeni.. mirey hiy hama jehey gothakah changes genesfa mirey up koh dheynan 😀
adhi vx vaahaka up nukureveny tha