Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ކެހި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 31, 2018 4 Mins Read
10 Comments

އަހަރެންގެ އުމުރުން ހަތަރު އަހަރުގައި އަހަރެންގެ މަންމަ ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފައެވެ. އޭގެފަހުން އަހަރެންގެ ބައްޕައާއެކު އަހަރެން އުޅެމުން ދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އަހަރެންނަށް ބައްޕަގެ ފަރާތުން އިންތިހާއަށް ލޯބި ލިބުނެވެ. ނަމަވެސް އަހަރެންގެ ޙަޔާތުގައި އުނިވީ މަންމަގެ ލޯތްބެވެ. ކިތަންމެ ވަރަކަށް ލޯބިދިނަސް މައެއްގެ ލޯބި ބަފައަކަށް ނުދެވޭނެއެވެ. އެކަން އަހަރެންގެ ބައްޕައަށް އިހުސާސްނުވީކަމެއް ނުވަތަ އަހަރެންނަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވީއެއްކަމެއް ނޭނގެއެވެ. މަންމަ ނިޔާވިފަހުން ބައްޕަ އެހެން މީހަކާ ކައިވެންޏެއް ނުކުރެއެވެ.

ޙަޔާތުން ދުވަހެއް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން ދިހަ އަހަރު ފުރުނުއިރު ބައްޕަވެސް ނިޔާވީއެވެ. އަހަރެން މުޅިން އެކަނިވީއެވެ. އަހަރެން އެކަނިވި ވަގުތު އަހަރެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އެންމެ ގާތް އެކުވެރިޔާ ނިހާޒްގެ ބައްޕަ އާމިރެވެ. އާމިރުބޭގެ ދެމަފިރިން އަހަރެން އެގެއަށް ގެންގޮސް އަހަރެންނަށް މައިންބަފައިންގެ ފުރިހަމަ ލޯބި ދިނެވެ. އަހަރެންގެ ޙަޤީޤީ މައިންބަފައިން މިދުނިޔޭގައި ނެތްކަން އިހުސާސްނުވާނެހާ ބޮޑަށެވެ. އާމިރުބޭގެ ދަރިންވެސް އަހަރެންނަށް ވަރަށް ހެވެވެ. އެމީހުން އަހަރެންނާ ދޭތެރޭ ދެކުނީ އަހަރެންނަކީވެސް އެމީހުންގެ އާއިލާގެ މެންބަރެއްގެ ގޮތުގައެވެ.

އަހަރެންނާއި ނިހާޒް ކިޔަވަމުން ދިޔައީ އެއްކުލާހެއްގައެވެ. އަހަރެންނާއި ނިހާޒް އަބަދުވެސް އުޅެނީ ކުލާހުގެ އެންމެ މަތީ ހަރުފަތުގައެވެ. ކިޔެވުމުގެ އިތުރުން ސްކޫލުގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އަހަރެމެން ދެމީހުން ފަހަތަށް ޖައްސާލެވޭވަރުގެ އިތުރު ކުއްޖަކު އަހަރެމެން ކުލާހަކު ނޫޅެއެވެ. އަހަރެމެން ދެމީހުންގެ ފަރާތުން ވާދަވެރިކަމެއް، ހަސަދަވެރިކަމެއް ނޯންނާތީ ކުދިން ތަފާތު ގޮތްގޮތަށް އެވާހަކަ ދެއްކިއެވެ. ބައެއް ކުދިން އަހަރެމެން ދެމީހުންގެ ގުޅުމަށް ހުތުރު ނަންވެސް ދެމުން ދިނެވެ. އެފަދަ ވާހަކަތަކުން ނިހާޒްގެ ހިތުގައި އަހަރެންނާއިމެދު ހަސަދަވެރިކަމާއި ނަފުރަތު އުފެދެމުން ދިޔަކަމެއް އަހަރެން ނުދެނަހުރީމެވެ. އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއްގެ އިޝާރާތެއް ނުވާތީއެވެ. ދެމީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާތީއެވެ.

އޯލެވެލްއާއި ހިސާބުން ނިހާޒް ކިޔެވުން ނިންމާލީއެވެ. އޯލެވެލްގެ ނަތީޖާއިން ނިހާޒް އަހަރެންނަށްވުރެ ދަށްވި ދަށްވުމަކީ އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އަނދަމުންދިޔަ ނަފުރަތުގެ އަލިފާންގަނޑު އިތުރަށް ބޮޑުވި ކަމެކެވެ. އެވަރުންވެސް އަހަރެންނަށް އޭނާގެ ހިތުގައި އަހަރެންނަށްޓަކައި އޮތީ ނަފުރަތުކަމެއް ރޭކާއެއް ނުލިއެވެ. އެޔަށްވުރެ އޭނާގެ އެކްޓް މޮޅީއެވެ. ނުވަތަ އަހަރެންނަށް އޭނާއަށް މާބޮޑަށް އިތުބާރު ކުރެވުނީއެވެ.

އަހަރެން ބޭނުންވީ އިތުރަށް ކިޔަވާށެވެ. ޑޮކްޓަރަކަށް ވުމަކީ އެންމެ ކުޑައިރުއްސުރެވެސް އަހަރެންގެ އުއްމީދެވެ. ނިހާޒްގެ މައިންބަފައިން ތިބީ އެމީހުންގެ ޚަރަދުގައި އަހަރެންނަށް ކިޔަވައިދޭންވެސް ތައްޔާރަށެވެ. ނަމަވެސް އަހަރެން ކިޔަވަން ބޭނުންވީ އަހަރެންގެ އަމިއްލަ ޚަރަދުގައެވެ. ހަ އަހަރު ވަންދެން އެމީހުން އެއްވެސް ބަދަލެއް އަތުލުމަކާއިނުލާ ހުރިހާ ޚަރަދެއް ކޮށްދީގެން ބެލެހެއްޓުމުން އިތުރު ޚަރަދުތަކެއް އެމީހުން ލައްވާ ކުރުވަން އަހަރެންގެ ހިތް ނޭދުނީއެވެ. އަހަރެންގެ ހިތް އެދުނީ ހަރުދަނާ މީހަކަށްވެ އަހަރެން އެމީހުންނަށް ޚަރަދުކުރާށެވެ. އެމީހުން އަހަރެންނަށް ދިން ލޯތްބާއި ދިން އެހީތެރިކަމުގެ އަގުން ކޮންމެވެސް މިންވަރެއް އަދާކުރެވޭތޯއެވެ. ނަމަވެސް…

ޑޮކްޓަރީކަން ކިޔަވަން އަހަރެން މެލޭޝިޔާއަށް ދިޔައީ އޭގެ ތިން އަހަރު ފަހުންނެވެ. ސަރުކާރުގެ ރަނގަޅު ވަޒީފާއެއް އަދާކޮށް ފައިސާ އެއްކޮށްގެންނެވެ. ޑޮކްޓަރީކަން ކިޔެވިއިރު އާމިރުބެމެންގެ އެހީތެރިކަން އަހަރެންނަށް އެކި ގޮތްގޮތުން ލިބުނެވެ. ފައިސާއަށް ދަތިވެއްޖެނަމަ ފައިސާވެސް ޖަމާކޮށްދީ ހެދިއެވެ. އެކަންވެސް ވީ ނިހާޒްގެ ހިތް އަހަރެންނާމެދު އިތުރަށް ގޯސްވީ ކަމަކަށެވެ. އޭނާގެ ޙައްޤަކުން އަހަރެންފަދަ ދުރުހިލޭ މީހަކަށް ގިނަ ޚަރަދުތަކެއް ކުރާތީއެވެ. އަހަރެންނަށް އޭރު އެކަންތައްތައް ނުވިސްނުނީތީ މިއަދު ހިތާމަކުރަމެވެ. ނިހާޒްގެ ހިތް އަހަރެންނަށް ކުރިން އެނގުނުނަމައޭ މިހާރު އަހަރެންގެ ހިތަށް އަރައެވެ.

ޑޮކްޓަރީކަން ކިޔަވަން ދިޔަތާ ދެވަނައަށް ވީ އަހަރު ނިހާޒް އަހަރެންނަށް އާމިރުބެ ވަރަށް ބަލިކަން އެންގިއެވެ. އަހަރެން ކިޔެވުން ކުރިއަށް ގެންދަން ކިތަންމެ ބޭނުންވި ނަމަވެސް އާމިރުބެ ބަލި ޙާލުގައި ވަނިކޮށް ދެކިނުލައި ކެތްނުވުމުން އަހަރެން މާލެ އައީމެވެ. އޭރު ނިހާޒް އުޅެނީ ފުލުހުންގެ ވަޒީފާގައެވެ. ސިޔާސީ ކަންތައްގަނޑު އިންތިހާއަށް ބޮޑު ދުވަސްވަރެއްކަމުން އޭނާއަށް ގެއަށް ވަދެވޭ ކަމަކަށް ނުވެއެވެ. ނިހާޒް ނޫނީ އާމިރުބޭގެ ތިބީ މުޅިންވެސް އަންހެން ދަރީންނެވެ. އެހެންކަމުން އަހަރެން ކިޔެވުން ހުއްޓާލާފައި އާމިރުބެއަށް އެހީވާން މަޑުކުރަން ނިންމީ ރާމިޒާއްތަ އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އަހަރެން ޙާލުގައި ޖެހުނު ދުވަހު އެހީވި މީހާ ޙާލުގައި ޖެހުމުން އެހީތެރިނުވެ ދުރަށް މޫނު އަނބުރާލަން އަހަރެންނަށް ކެތްނުވީއެވެ. އަހަރެންގެ ހިތުގައި އާމިރުބެއަށް ބައްޕަގެ ދަރަޖަ ދެވިފައި ވާތީވެސްމެއެވެ.

އަހަރެން މާލެ ބަދަލުވިތާ ދެމަސް ފާއިތުވީތަނާ އަހަރެން ޒަވާޖީ ޙަޔާތަކަށް އެދި އަންހެންކުއްޖަކާ ގުޅުނީމެވެ. އެއީ ބަލާލަން ރީތި، އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ބޮޑު ހެދުންލައި ބުރުގާ އަޅައި ނިވާވެގެން އުޅޭ ކުއްޖެކެވެ. އަހަރެން ހިތްއެދޭ ހުރިހާ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ނިހާގެ މާޒީގެ ހުރިހާ ވާހަކަތަކެއް އަހަރެންނަށް ކިޔައިދިނެވެ. އޭނާ ދެކުދިންނާއި ލޯބީގެ ގޮތުން ގުޅުނުކަމަށް ބުނެދިނެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖެއްގެ މަޢުލޫމާތެއް ކިޔައެއް ނުދެއެވެ. އަހަރެންވެސް އެއީ މުހިންމު ކަމެއްކަމަށް ނުދެކޭތީ އެކަން އޮޅުންފިލުވާކަށްވެސް ނޫޅެމެވެ. ކުރިން އެކަން އޮޅުންފިލުވުނުނަމައޭ މިހާރު އަހަރެންގެ ހިތަށް އަރައެވެ.

ނިހާއާއި އަހަރެން ގުޅުނުކަން އެނގުނު ހިސާބުން ނިހާޒް އަހަރެންނާ އެއްކޮށްހެން ގުޅުން ކަނޑާލިއެވެ. އަހަރެންނަށް އެކަމުގެ ސަބަބު އެނގުނީ ވަގުތު ފާއިތުވީ ފަހުން ނިހާގެ ފަރާތުންނެވެ. ނިހާއަކީ ކުރިން ނިހާޒްއާއި ލޯބީގެ ގޮތުން ގުޅިފައިވާ ކުއްޖެކެވެ . ނިހާ ނިހާޒްއާއި ދުރުވީ ނިހާޒް އޭނާއަށް ވަގުތު ނުދޭތީއެވެ. މާ ރުޅި ގަދަވީމައެވެ. ގަޔަށް އަތްލާން މަސައްކަތްކުރާތީއެވެ. ކައިވެނީގެ ބޭރުން ގުޅުންތަކަށް ދަޢުވަތު ދޭތީއެވެ. އަހަރެން އެކަމާ ދެރަވިއެވެ. ކުރިން އެކަން އެނގުނުނަމަ އަހަރެން ނިހާއާ ނުގުޅުނީމުހެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް ގެއްލުނީ ދެމީހުންނަށް އެކަކާ ލޯބީގެ ގުޅުމެއް ބޭއްވުނީތީއެވެ .

އަހަރެންނާއި ނިހާގެ ކައިވެންޏަށް ތާރީޚު ކަނޑައެޅިއްޖެއެވެ. ދުވަސް ކައިރިވަމުން އައިސް ހަފްތާއަކަށް ވެފައިވަނިކޮށް އަހަރެމެން ދެމީހުން އެއްރޭ ހިނގާލަން ނުކުތީމެވެ. އަހަރެމެން ދިޔައީ އާޓިފިޝަލް ބީޗަށެވެ. އެތާނގައި ވާހަކަދައްކާލަން ތިބުމަށްފަހު އަހަރެން ކައިރީގައި ހުރީ ހޮޓަލަށް ވަނީ ނިހާގެ އެދުމުގެ މަތިން ފެންފުޅިއެއް ގަންނަންވެގެންނެވެ. ނިހާ އަހަރެމެން ތިބި ހަޓުގެ ދަށުގައި ބައިންދާފައެވެ. އަހަރެން ނުކުތްއިރު ނިހާ ފެންނާކަށް ނެތެވެ. އެހާ އަވަހަށް ނިހާ ވަނީ ކޮންތާކަށްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނިހާ އަހަރެންނާ ސަމާސާއެއް ކޮށްލަނީކަމަށް ހީކޮށް އަހަރެން ނިހާއަށް ގޮވަމުން ގޮސް ހަޓު ދަށުގައި އިށީނީމެވެ. ނަމަވެސް ތިރީސް ވަރަކަށް މިނެޓް ވީއިރުވެސް ނިހާގެ ޚަބަރެއް ނުވިއެވެ. އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އަހަރެން މުޅި އެ ހިސާބުގަނޑު ހޯދިއިރުވެސް ނިހާއެއް ނުފެނުނެވެ. ކުޑަ އިރުކޮޅެއް ފަހުން އަހަރެންނަށް ލިބުނީ ނިހާގެ މެސެޖެކެވެ. ހަދަން ފަށާފައިވާ އިމާރާތެއްގެ ކުރިމަތީ ހުރި އިމާރާތުގެ ނަން ޖަހާފައި އެތަނަށް އައުމަށް މެސެޖުގައި އޮތެވެ. އޭނާއަށް އެތަނަށް ދެވުނީ ޕާޓޭންގެ ބަޔަކު އޭނާ ފަހައިގަތުމުން ފިލަންވެގެން ކަމަށްވެސް މެސެޖުގައި ލިޔެފައި އޮތެވެ. ނިހާ ހެޔޮ ޙާލުގައި ހުރުމުން ހިތްހަމަޖެހިފައި ހުރެ އަހަރެން ނިހާ ބުނި އެޑްރެހަށް ދިޔައިރު އަހަރެންގެ ހިތް އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތުގެ ގޮވުމަށްވުރެ ނިހާގެ މެސެޖަށް ކުރެވުނު އިތުބާރު މާ ބޮޑުވީއެވެ.

އަހަރެން އެ ފަޅު ގޭގެ ތެރެއަށް ވަންނަމުން ނިހާއަށް ގޮވީމެވެ. ނަމަވެސް ނިހާގެ އެއްވެސް އަޑެއް ނީވުނެވެ. އެންމެ ކައިރީގައި ހުރި ސިޑިން މައްޗަށް އަހަރެން އެރިއިރު އަތްފައި ފިނިވިއެވެ. ހިތް ތެޅެމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ނަމަވެސް ނިހާ ނުލައި ދާކަށް ހިތެއް ނޭދުނެވެ. ވުމާއެކު އަހަރެން ސިޑީގެ އެންމެ މަތީ ހަރުފަތަށް އެރިއިރު ތިން ދޮރު ފެންނަން ހުއްޓެވެ. އެއްވެސް ދޮރެއްގައި ދޮރުފަތެއް ހަރުކޮށްފައެއް ނެތެވެ. އަހަރެން ފަހަރަކު ކޮޓަރިއެއް ބަލަމުން ގޮސް އެންމެ ފަހު ކޮޓަރިތެރެ ބަލާލުމާއެކު އަހަރެންގެ ދެފައި ތުރުތުރުލާން ފެށިއެވެ. ދެފައި ބިމުގައި ހަރުނުލައޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ބަރަހަނާ ޙާލުގައި ނިހާ އޮތީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ނިހާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. ނިހާގެ ކައިރިއަށް ދެކަކޫމައްޗަށް ތިރިވަމުން ނިހާގެ ބަނޑަށް ހަރާލާފައިވާ ވަޅި ނައްޓާލީ އަހަރެންގެ ދެއަތުންނެވެ. އަހަރެންނަށް ނިހާގެ ޙާލު ފެނުމުން ވަރަށް އަސަރުކުރިއެވެ. ނިހާގެ ފޯނުން މެސެޖުކުރީ ނިހާ ނޫންކަން އަހަރެންނަށް ޔަޤީންވިއެވެ. އެމީހެއްގެ މަޤުސަދުވެސް އަހަރެންނަށް ވިސްނުނީ ފުލުހުންގެ ޓީމަކުން އައިސް އަހަރެން އިން ކޮޓަރިއަށް ވަނުމުންނެވެ. އެމީހަކު ބޭނުންވީ އަހަރެން ބައްދާލާށެވެ.

ޝަރީއަތުގައި އަހަރެން ކިތަންމެ ވަރަކަށްވެސް ނިހާ މަރާލީ އަހަރެން ނޫންކަމަށް ބުނީމެވެ. ނަމަވެސް ހުރިހާ ހެއްކެއް ހުރީ އަހަރެންނާ ދެކޮޅަށެވެ. ނިހާގެ ބަނޑަށް ހަރާލާފައިވާ ވަޅީގައި ހުރީ އަހަރެންގެ އިނގިލީގެ ނިޝާނެވެ. އަދި ނިހާ އެންމެ ފަހުން ފެނިފައިވަނީވެސް އަހަރެންނާ އެކީގައެވެ. އަހަރެންގެ ދިފާޢުގައި ދެއްކޭނެ އެއްވެސް ހެއްކެއް ނެތުމުން އަހަރެންގެ މައްޗަށް ކުށް ސާބިތުވީއެވެ. އަހަރެންނަށް ނިހާގެ މަރުގެ ޙަޤީޤަތް އެނގުނީ އަހަރެންގެ ދިރިއުޅުން ހުރަގޭގެ ތެރޭގައި ހަމަޖެހުނު ފަހުންނެވެ. އިތުރު މީހެއްގެ ފަރާތަކުން ނޫނެވެ. އަހަރެން އެންމެ ލޯބިވި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނިހާޒްގެ ފަރާތުންނެވެ. ނިހާގެ ޤާތިލަކީ އެއީއެވެ. އަހަރެންނަށްޓަކައި އޭނާގެ ހިތުގައިވި ހަސަދައާއި ނަފުރަތުގެ އަލިފާންގަނޑުގެ ހުރިހާ ވަރެއް އޭނާ ބޭލީ ކުށެއްނެތް ނިހާއަށެވެ. ހަމައެކަނި އަހަރެންގެ ކިބައިން ބަދަލު ހިފުމަށެވެ. ބޭރުފުށުން ހެޔޮއެދޭކަމަށް ދައްކައިގެން އޭނާ އަހަރެންނަށް ކެހި ދިނީއެވެ. އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލީއެވެ. އަހަރެންގެ އެއްވެސް ކުށެއް ނެތިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެވްލީން… 26

Next

ހުވަފެނުގެ ރާނީ 7

Next
October 31, 2018

ހުވަފެނުގެ ރާނީ 7

Previews
October 31, 2018

އެވްލީން… 26

10 Comments!

  1. Queen Dandelion says:
    October 31, 2018 at 8:27 am

    Masha allah??woah???hama vrh vrh rythi mi stry vx?????whn nxt???Saandy dhigu vhk eh dhn genesdheyny kon irakun?

    1. Saandy says:
      November 1, 2018 at 8:28 am

      Shukuriyya Queen Dandelion.. Dhigu vaahakaeh genesdheveyne dhuvaheh bunaakah neynge.. Ekam mihaaru dhigu vaahakaeh liyamun midhany.. Liye nimuneema up kollaany 🙂

  2. Liber says:
    October 31, 2018 at 9:36 am

    what a nyc stry……

    1. Saandy says:
      November 1, 2018 at 8:28 am

      Thank You Liber 🙂

  3. . says:
    October 31, 2018 at 9:43 am

    ??

    1. Saandy says:
      November 1, 2018 at 8:29 am

      Thank You dear 🙂

  4. Unknown girlll.. says:
    October 31, 2018 at 6:39 pm

    Nice…..????

    1. Saandy says:
      November 1, 2018 at 8:34 am

      Thank You Unknown girlll 🙂

  5. Shaya says:
    October 31, 2018 at 10:09 pm

    Its a great story?????

    1. Saandy says:
      November 1, 2018 at 8:42 am

      Thank You Shaya 🙂

Comments are closed.



All Right Reserved!