ބަދަލުވެދިޔަ ޙަޔާތް
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
އަހަރެންގެ ހަނދާން ހުންނަން ފެށިއިރުވެސް އަހަރެންގެ ބައްޕަ މިދުނިޔެއަކު ނެތެވެ. މަންމަ އަހަރެންނަށް ކިޔައިދިން ގޮތުންނަމަ ބައްޕަ މިދުނިޔެއާއި ވަކިވީ އަހަރެންގެ އުމުރުން އެންމެ ދޮޅު އަހަރުގައި އަހަރެމެންގެ ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި އަހަރެންނާއި މަންމަ ސަލާމަތްކުރުމުގެ ތެރޭގައެވެ. ބައްޕަގެ ކުއްލި ވަކިވެދިޔުމާއެކު އަހަރެންނާއި މަންމަ މުޅިން އެކަނިވި ކަމުގައި މަންމަ ބުނެދިނެވެ. މަންމަގެ އާއިލާގައި އެކަކުވެސް ނެތެވެ. ބައްޕަގެ އާއިލާ މީހުން ތިބި ނަމަވެސް މަންމައާއި ބައްޕަ ކައިވެނިކުރީ އާއިލާގެ ނުޤަބޫލުގައިކަމުން އެމީހުންގެ އެހީތެރިކަން ނުލިބުނީއެވެ. ބައްޕަގެ މަރުގެ ތުހުމަތުވެސް އެމީހުން އެޅުވީ މަންމަގެ ބޮލުގައިކަމަށް މަންމަ ކިޔައިދިނެވެ. އަދި އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް އެމީހުންނަށް ހިތްހެޔޮކުރުމަށް ނަޞޭޙަތްދެއެވެ. ނަމަވެސް އެމީހުން އަހަރެންނާއި މަންމަ ޙާލުގައި ޖެއްސިއިރު އަހަރެންނަށް އެމީހުންނާ ދޭތެރޭ ހިތްހެޔޮކުރެވޭނެ ހެއްޔެވެ؟ އެއީ ނުވާނެ ކަމެކެވެ.
އަހަރެންގެ ސްކޫލަށް ވެއްދިއިރު މަންމަ އުޅެނީ އުމެއިރު ކިޔާ މީހަކާއި ކައިވެނީގެ ގޮތުން ގުޅިގެންނެވެ. އުމެއިރުގެ ފުށުން އަހަރެންނަށް ބަފައެއްގެ ފަރާތުން ލިބޭނެ އެންމެ ފުރިހަމަ ލޯބި ލިބުނެވެ. ފަހަރެއްގައި އެއީ އުމެއިރުއަކީ ދަރިން ލިބުމުގެ ނިޢުމަތުން މަޙުރޫމުވެފައިވާ މީހަކަށް ވާތީކަމަށްވެސް ވެދާނެއެވެ. އޭނާ އަހަރެންނަށް ދެމުންދިޔަ ލޯބީގެ ސަބަބުން އަހަރެންގެ ހިތް އޭނާއަށްޓަކައި ޝުކުރުން ފުރުނެވެ. ލޯބިން ފުރި ބަންޑުންވާވަރުވިއެވެ. އޭނާއަކީ މީހުންނަށް ހެޔޮ މީހެކެވެ. ރަށުގައިވެސް އޭނާއަކީ މީހުންގެ މައްޗަށް ހެޔޮކަމުގައި ނަން މަޝްހޫރު މީހުންގެ ޤަދަރު ލިބިފައިވާ މީހެކެވެ. އޭނާގެ އެ ރަނގަޅު ސިފައިގެ ނިވަލުގައިވަނީ ކޮންފަދަ ނުބައިކަމެއްކަން މީހުންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޚުދު އަހަރެންނަށްވެސް އެކަން އެނގުނީ އަހަރެންގެ އުމުރުން ތޭވީސް އަހަރު ވީފަހުންނެވެ.
އަހަރެންގެ އުމުރުން އެގާރަ އަހަރުގައި މަންމަ އަހަރެން މާލެ ފޮނުވީ ރަނގަޅު ތަޢުލީމެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. މަންމަ އަހަރެން މާލެ ފޮނުވި ދުވަސް މަތިން އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. މަންމައާއި ވަކިން އަހަރެންނަށް ނޫޅެވޭނެކަމަށް ބުނެ ނުދާންވެގެން ބޮޑާ ހޭކީމެވެ. ރުއީމެވެ. މަންމައާއި ވަކިވާން ޖެހުމުން ހިތުގައި ޖެހުނެވެ. ވޭން އެޅިއެވެ. މަންމަ އެތައް ނަޞޭޙަތެއް ދިނެވެ. ހިތުން ލޭ އޮހޮރޭ ޙާލުގައި އަހަރެންގެ އުފަން ފަސްގަނޑާއި އެންމެ ލޯބިވާ މަންމަ ދޫކޮށްލާފައި އަހަރެން މާލެ ދިޔައީ ގަދަވެ ސަލާމަތުން ހުރިނަމަ މާތް ﷲގެ އިރާދަފުޅާއެކު މަންމަގެ ހުރިހާ އުއްމީދެއް ފުރިހަމަކޮށްދީގެން އެނބުރި އަންނާނެކަމުގެ ވަޢުދު މަންމައަށް ވެފައެވެ.
އަހަރެން މާލެ ދިޔަފަހުން އެއްއަހަރު ފިޔަވައި ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީގައި އަހަރެން މަންމަ ގާތަށް ރަށަށް އަންނަމެވެ. ޓާމް ބަންދުތަކުގައި މަންމަ އަހަރެން ގާތަށް މާލެ އާދެއެވެ. އެދުވަސްތަކުގައި ދޮންބައްޕަގެ ޚަބަރެއް ވަނީ މަދު ފަހަރަކުއެވެ. އަހަރެން މާލެ ދިޔަތާ މާގިނަ ދުވަހެއްނުވެ ދޮންބައްޕަ ބޯޓު ދަތުރުކުރަން ދިޔައީކަމަށް މަންމަ ބުންޏެވެ. މަންމަ އެކަނިވުމުން އަހަރެން މަންމަ ގާތަށް ރަށަށް ބަދަލުވާން މަސައްކަތްކުރީމެވެ. ނަމަވެސް މަންމަ އެކަމަށް ހުރަސްއެޅީ އަހަރެން ކިޔަވައިގެން މޮޅު މީހަކަށްވުމުން މަންމަ މާ އުފާވާނެކަމަށް ބުނަމުންނެވެ. މަންމަގެ އެ އެދުމުގައި ކޮޅުފައިން ނުޖެހުމަށް އާދޭސްކުރިއެވެ. ވުމާއެކު އަހަރެންނަށް މަޖުބޫރުވީ ކިޔެވުން ނިމެންދެން މާލޭގައި މަޑުކުރާށެވެ. މަންމަ ހިތުގައި ޖެހޭވަރުގެ ކަމެއް ކުރަން އަހަރެންނަށް ކެތްނުވާތީއެވެ. އަހަރެން ކިޔެވުން ނިންމާލުމަށްފަހު ރަށަށް އެއްކޮށް ބަދަލުވީ ބާރަ އަހަރު ފަހުންނެވެ.
އަމިއްލަ ވަޒަނަށް އާދެވުމުން ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް އަހަރެންނަށް ލިބުނެވެ. އެއްއަހަރަށްފަހު މަންމަ ފެންނާތީ އަހަރެން ހުރީ ނުހަނު އުފާވެފައެވެ. އަހަރެން ފެނުމުން މަންމަގެ ހިތް އުފަލުން ފުރޭނެކަން އަހަރެންނަށް ޔަޤީނެވެ. މަންމަ އެދޭފަދަ ދަރިއަކަށް ވެގެން އާދެވުނުކަމުގެ ފޮނި އިހުސާސް އަހަރެންނަށް ކުރެވުނެވެ. މަންމައަށް އަހަރެން ފެނުމާއެކު ކަންތައްތައް ވެގެންދާނީ ކިހިނެއްބާވައޭ އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ. އަންގާވެސްނުލާ ކުއްލިއަކަށް ރަށަށް އައުމުން މަންމައަށް ކުއްލި ހައިރާންކަމެއް ލިބޭނެކަމުގެ ޔަޤީންކަން އަހަރެންނަށް އޮތެވެ. އެއާއެކު އަންގާނުލާ އައީތީ ޝަކުވާގެ ބަސްތައްވެސް އަޑުއިވޭނެކަން އަހަރެންނަށް އެނގެއެވެ.
ބާރަ އަހަރުގެ ތެރޭގައި ރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހަދާފައި އޮތުމާއެކު ގެތައްވެސް ވަނީ ޒަމާނީ ފެންވަރަށް ހަދާފައެވެ. ބައެއް ގޭގެ ބުރިބުރިއަށް ނަގާފައިވެސް ހުއްޓެވެ. ކިތަންމެ ގިނަ ދުވަހަކު ރަށުން ބޭރުގައި އުޅުނު ނަމަވެސް އަހަރެންނަށް ރަށުގައި އުޅޭކަށް އުނދަގުލެއް ނުވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރަށުގެ ބަނދަރުން ރަށުގެ ބޮޑުމަގަށް ނުކުތުމުން އަހަރެންގެ ގެއަށް ދާން އިތުރު ދިމަދިމާއަށް ދާކަށް ނުޖެހޭނެ ވިއްޔާއެވެ. މަގު ހުރިގޮތަށް ކުރިއަށް ދާންވީއެވެ.
އަހަރެން ބޮޑުމަގަށް ނުކުތްއިރު މަގުގެ މެދެއްހާ ހިސާބުގައި މީހުން އެއްވެފައި އޮތްތަން ފެނުނެވެ. ވީ ކީއްބާވައޭ އަހަރެންގެ ހިތަށްއެރިއެވެ. ފިޔަވަޅުތައް ތަންކޮޅެއް ހަލުވިކޮށްލީމެވެ. ގެއާއި ކައިރިވީ ވަރަކަށް އެއީ އަހަރެންގެ ގޭ ކައިރިއަށް އެއްވެފައިވާ މީހުންކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅެންފެށީ ހިތަށް ވަތް ނުބައި ޚިޔާލުތަކަކުންނެވެ. އަހަރެންގެ މަންމައަށް ކަމެއްވީބާވައޭ އެވަގުތު ހިތަށްއެރިއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލަމުން އަހަރެން ދުއްވައިގަތީމެވެ. އެއްވެފައިވާ މީހުންތަކާއި އަރާ ހަމަވުމުން އަހަރެންނަށް އެތަނުން ދޮންބައްޕަގެ އަޑު އިވުނެވެ. މީހުންތަކުގެ ތެރެއިން ޖާގަ ހަދަމުން އެންމެ އެތެރެއަށް ވަދެވުމާއެކު ފެނުނު މަންޒަރުން އަހަރެންގެ ދެފައިކޮޅުން ވާގި ދޫވާގޮތްވިއެވެ. ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންވެސް ހީވިއެވެ. މުޅި ދުނިޔެ އެނބުރޭފަދަ އިހުސާސެއްވެސް ކުރެވުނެވެ.
އެއްވެފައިވާ މީހުންތަކުގެ މެދުގައި ހަށިގަނޑުގެ މަތީ ބައިގައި އެއްވެސް ނިވާކަމެއްނުވާ ހާލުގައި އިސްއުފުލާލަން ނުކެރިފައި ބަންޑުން އޮތީ އަހަރެންގެ ލޯބިވާ މަންމައެވެ. އެއްބަޔަކު އެމަންޒަރު ވީޑިއޯ ކުރަމުން ދިޔައިރު އަނެއްބަޔަކު ފޮޓޯ ނަގަމުން ދިޔައެވެ. އެއިން އެއްވެސް މީހަކު މަންމަގެ ޙާލާއިމެދު ހަމްދަރުދީވެ މަންމަގެ ހަށިގަނޑު ނިވާކޮށްދޭކަށް ނޫޅުނެވެ. ދޮންބައްޕަ ދިޔައީ މަންމަގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވަމުންނެވެ. ހުތުރުވެގެން ނާޅުވާ އިލްޒާމެއް ނެތެވެ. އަހަރެން އެއިން އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރަމެވެ. އަހަރެންގެ މަންމަ އެކަހަލަ ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަރެންނަށް އޮތީމައެވެ. މަންމަ އޮތް ޙާލު ދެކޭކަށް އަހަރެންނަކަށް ކެތެއް ނުވިއެވެ. އަހަރެން ލައިގެން ހުރި ގަމީސް ބާލައިގެން ގޮސް މަންމަގެ ހަށިގަނޑު ނިވާކޮށްދިނީމެވެ. މަންމަ އަހަރެންގެ ގައިގައި އޮޅުލައިގަނެގެން ރޮމުން ދިޔައެވެ. އެވަރުންވެސް ދޮންބައްޕަގެ ގޮވެލިފައްޗަކަށް ހުއްޓުމެއް ނައެވެ. އަހަރެންގެ ހިތުގައި ދޮންބައްޕައަށްޓަކައި ނަފުރަތު އުފެދުނެވެ.
އަހަރެން މަންމަގެ ގައިން ދޫކޮށްލުމަށްފަހު އެ އެންމެންނާ ކުރިމަތިލީމެވެ. އެއީ އިންސާނުންބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް އެމީހުންގެ ހިތުގައި ނެތީތޯ އަހަރެން އެމީހުންނާ ސުވާލުކުރީމެވެ. އެތާނގައި ގިނަ އަދަދެއްގެ އަންހެނުން އެއްވެފައި ތިބިއިރު، އަންހެނަކު އެފަދަ ނިކަމެތި ޙާލެއްގައި ފެނުމުން އެއިން އެއްވެސް އަންހެނެއް އެހީގެ އަތެއް ދިއްކޮށްނުލީ ކީއްވެތޯ އެހީމެވެ. އެމީހުންގެ ހިތުގައި ރަޙުމުގެ ޒައްރެއްގެ މިންވަރުވެސް ނެތީތޯ ސުވާލުކުރީމެވެ. އެތާނގައި ތިބި ފިރިހެނުން އެ މަންޒަރުތައް ފޮޓޯނަގައި ވީޑިއޯ ކުރަން ތިބިއިރު އެމީހުންގެ އާއިލާގެ އަންހެން މެންބަރަކަށް އެފަދަ ހާލެއް ޖެހިއްޖެނަމަވެސް ކަންތައް ކުރާނީ ހަމަ އެހެންތޯ އަހަރެން އެހީމެވެ. އެކަކުވެސް ޖަވާބެއް ނުދިނެވެ. އިސްދަށަށް ޖަހާލިގޮތުން އެމީހުން އެމީހުންގެ ކުށް ޤަބޫލުކުރި ފަދައެވެ. އަހަރެން އިތުރަށް އެމީހުންގެ ކުރިމަތީގައި ހުންނާކަށް ބޭނުމެއްނުވިއެވެ. އަހަރެން މަންމަ ގޮވައިގެން ގޭތެރެއަށް ވަތްއިރު ފަހަތުން ދޮންބައްޕަވެސް ވަނެވެ. އަހަރެންގެ ލޭ ހޫނުވިއެވެ. ނަމަވެސް ކެތްކުރީމެވެ. މަންމައަށްޓަކައެވެ.
ބަރަހަނާ ޙާލުގައި މަންމަ އެންމެންގެ ތެރޭ އޮތް މަންޒަރު އަހަރެންގެ ލޮލު ކުރިމަތީގައި ސިފަވިއެވެ. މަންމަގެ ހަށިގަނޑުގައިވާ ޒަޚަމްތަކާއި ލާފައިވާ ލަކުނުތައް އަހަރެންނަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އަހަރެންގެ ގައިން ހީބިހި ނެގިއެވެ. ދޮންބައްޕަގެ ޙަޤީޤީ ސޫރަ އަހަރެންނަށް އެނގުނީ އެދުވަހުއެވެ. އަހަރެންގެ މަންމައާއި ސުވާލުކުރީމެވެ. މަންމަ އަހަރެންނަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނެވެ. މަންމަ އަހަރެން ކިޔަވަން ފޮނުވި ސަބަބަކީ މަންމައަށް ދޮންބައްޕަ ކުރަމުންދިޔަ އަނިޔާތައް ފެނި އަހަރެން ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށްކަމަށް ބުންޏެވެ. އަދި އަހަރެން ކިޔަވައިގެން އައުމުން ހުރިހާ ވާހަކައެއް ކިޔައިދީ އެ ރަޙުމެއްނެތް އަނިޔާވެރިޔާގެ ކިބައިން ސަލާމަތްވާން ނިންމައިގެން ހުރިކަމަށް ބުންޏެވެ. ކުރިން އެކަން ނުކުރީ މަންމައަށް އަހަރެންނަށް ކިޔަވައިދިނުމުގެ ތަނަވަސްކަން ނެތުމުންކަމަށްވެސް ބުންޏެވެ. ދޮންބައްޕަގެ ޚަރަދުގައި އަހަރެންނަށް ކިޔަވައިދިނީތީ އަހަރެން ގާތަށް އިންތިހާއަށް ރުޅިވެސް އައެވެ. އެފަދަ އަނިޔާވެރިއެއްގެ ފަރާތުން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. ނަމަވެސް މަންމަގެ ޙާލާއިމެދު ވިސްނާލާފައި އަހަރެން އެ ހުރިހާ ކަމެއް ހިންދާލީއެވެ.
އަހަރެން ރަށަށް އައިފަހުން ދޮންބައްޕަ ގޭގައި އުޅެނީ ވަރަށް މަދު ވަގުތުކޮޅަކުއެވެ. ގިނައިން ގެއަށް އަންނަނީވެސް އަހަރެން ނިދުމުންނެވެ. އަހަރެންނަކީ ކުރަން ހިތުލާ ކޮންމެ ކަމަކާއި ކެރިގެން ކުރިމަތިލާ ޖެހިލުންކުޑަ މީހެއްކަން އޭނާއަށް އެނގޭނެއެވެ. އެހެންކަމުން އަހަރެންނާއި ކުރިމަތިލާން އޭނާ ޖެހިލުންވަނީ ކަންނޭނގެއެވެ. މަންމަގެ ފަރާތުން އަހަރެންނަށް އެނގުނު ގޮތުގައި ދޮންބައްޕަ މަންމައަށް އަނިޔާކުރަނީ ޙަޤީޤަތުގައި މަންމަގެ ކުށެއް އޮވެގެންނެއް ނޫނެވެ. ދޮންބައްޕައަށް ދަރިއަކު ނުލިބުމުގެ ޒިންމާ އަޅުވަނީ މަންމަގެ ބޮލުގައިކަމަށް މަންމަ ބުންޏެވެ. ދޮންބައްޕަ މަންމައަށް އެ ބާލަނީ އެކަމުގެ ރުޅިކަމަށް މަންމަ ވަނީ ބުނެފައެވެ. ނަމަވެސް ދޮންބައްޕައަށް ދަރިން ނުލިބުން އެއީ މަންމަގެ ކުށެއް ހެއްޔެވެ؟ ނޫނެކެވެ. ނުބައި ނުލަފާކަމުން މާތް ﷲގެ މިންވަރުފުޅަށް އީމާން ނުވަނީއެވެ.
މަންމަގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި އާންމުވުމާއެކު އެއްދުވަހަކު އަހަރެންނަށް ލިބުނީ ފޯނު ކޯލެކެވެ. އެއީ ދޮންބައްޕަ ކުރިން ކައިވެނިކުރި އަންހެނެއްގެ ފޯނު ކޯލެކެވެ. އޭނާ އަހަރެންނަށް ކިޔައިދިން ގޮތުގައި ދޮންބައްޕަ އަހަރެންގެ މަންމައާއި ކައިވެނިކުރުމުގެ ކުރިން ތިން ކައިވެނި ކޮށްފައިވެއެވެ. އެއިން ކޮންމެ މީހަކާވެސް ކައިވެނިކޮށްގެން އުޅުނުއިރު އެތައް އަނިޔާއެއް ކުރިކަމަށް އޭނާ ބުންޏެވެ. ދޮންބައްޕަ އޭނާއަށް ކުރި އަނިޔާތަކުގެ އެތައް ނިޝާނެއް މިހާރުވެސް އޭނާގެ ހަށިގަނޑުގެ އެކި ހިސާބުގައި ހުންނާނެކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ދޮންބައްޕަ ކައިވެނިކުރި ކޮންމެ މީހަކަށް އަނިޔާކޮށްފައި އެވާހަކަތައް ދައްކަން ނުކެރޭވަރު ކުރެއެވެ. އެމީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ނަގައި އެ އެއްޗެހި ލީކުކޮށްލާނެކަމުގެ ބިރު ދައްކައިގެންނެވެ. އެތަނުން ދެމީހުން މިހާރު ވަނީ ނިޔާވެފައިކަމަށް އޭނާ ބުންޏެވެ. މިހާތަނަށް ދޮންބައްޕަގެ ހަޤީޤަތް ވަންހަނާވެފައި އޮތް ސަބަބަކީ އެއީކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަހަރެން ނަން އަހާ އަހާވެސް އޭނާގެ ނަމެއް ނުބުންޏެވެ. އަހަރެން މައްސަލަ ޖައްސައިފިނަމަ ހެކިބަސް ދޭނަންތޯ ސުވާލުކުރުމުން އޭނާ އެކަމާ އެއްބަސްވީ ދޮންބައްޕައަށް އެކަމުގެ އެއްވެސް ޚަބަރެއް ނޭނގި ދޮންބައްޕަ ހައްޔަރުކޮށްފިނަމަ ހެކިބަސް ދޭނެކަމުގައެވެ. އެނޫން ގޮތަކަށް އެކަން ވާން ނެތްކަމަށް ބުންޏެވެ.
އަހަރެން އޭނާ ގާތުގައި އަހަރެންގެ ފޯނު ނަންބަރު ހޯދި ގޮތް އެހީމެވެ. އޭނާ ބުނީ އަހަރެން މާލޭގައި ކިޔަވަން ހުރި ގޭ މީހުންނަކީ އޭނާގެ ތިމާގެ ބައެއް ކަމަށެވެ. އެގޮތުން އަހަރެންގެ މަންމަ މާލެ އައިސް ހުރި ފަހަރެއްގައި މަންމައާއިއެކު ދޮންބައްޕަ ފެނުމުން އޭނާ އެގޭ މީހުންނާއި ސުވާލުކުރީކަމަށެވެ. އަދި އަހަރެންގެ ޙަޤީޤަތް އޮޅުންފިލުމަށްފަހު ދޮންބައްޕަގެ ޙަޤީޤަތް ކިޔައިދޭން ބޭނުންވެގެން ނަންބަރު ހޯދީކަމަށެވެ. ނަމަވެސް ކުޑަ ކަމެއް ދިމާވެގެން ރާއްޖެއިން ބޭރަށް ދާން ޖެހުމުން އެވާހަކަ ނުބުނެވި ލަސްވީކަމަށްވެސް ބުންޏެވެ. އަދި އެ ފޮޓޯތައް އޭނާއަށް ފެނުނީ ރާއްޖެ އައިތާ ދެދުވަސް ވީތަނާ ކަމަށް ބުންޏެވެ. ދޮންބައްޕަގެ ޙަޤީޤަތް ހާމަކޮށްދިނީތީ އަހަރެން އޭނާއަށް ޝުކުރުވެރިވީމެވެ. އަދި އަހަރެންނަށް އެހީތެރިވެދިނުމަށް އެދުނީމެވެ. އޭނާ ކަނޑައެޅި ޝަރުތާއި އެއްގޮތަށް ކަންތައްތައް ދާނަމަ އޭނާ އެއްބާރުލުން ދޭނެކަމަށް ބުންޏެވެ. އެއީ އޭނާގެ އެއްވެސް ފޮޓޯއެއް އެއްޗެއް ލީކުވެ އޭނާ ބޭޒާރުވާން ނޭދޭތީކަމަށް ބުންޏެވެ. އަހަރެން އެކަމާ އެއްބަސްވީމެވެ.
ހަފްތާއެއް ވަންދެން އަހަރެންނަށް މަންމަގެ ފަރާތުން އެއްވެސް ތަފާތުކަމެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ހަފްތާއެއް ވީތަނާ މަންމަ ގައިގައި ރިއްސާތީ އުޅެން ފެށިއެވެ. މަންމަ ނުބުނި ނަމަވެސް އަހަރެންނަށް ވީގޮތް އެނގުނެވެ. އަނެއްކާވެސް ދޮންބައްޕަ މަންމައަށް އަނިޔާކުރީއެވެ. އަހަރެންގެ ރުޅި އަށްޑިހައަށް އެރިއެވެ. ދޮންބައްޕަގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެކަމަށް އަހަރެން މަންމައަށް ވަޢުދުވީމެވެ. މަންމަ އެ ގައިދުޚާނާއިން މުޅި އުމުރަށް ސަލާމަތްކޮށްދޭނެކަމަށް ބުނީމެވެ. އަހަރެންގެ ރުޅިވެރިކަން ފެނި މަންމަގެ ހިތުގައި ބިރުވެރިކަމެއް އުފެދުނުކަން އަހަރެންނަށް އެނގުނީ މަންމަ އަހަރެންނަށް ދިން ނަޞޭޙަތްތަކުންނެވެ.
އަހަރެން ދޮންބައްޕައަށް އިންޒާރު ދިނީމެވެ. ދޮންބައްޕަ މަންމައަށް ކުރާ އަނިޔާ ހުއްޓާނުލައިފިނަމަ މައްސަލަ ޖައްސާނެކަމަށް ބުނެއެވެ. ދޮންބައްޕަ ހާހެއް ނުވިއެވެ. އޭނާގެ ޖަވާބަކަށްވީ އަވަހަށް މައްސަލަ ޖައްސާށޭއެވެ. އޭނާ ޖަލުދެކެ ބިރު ނުގަންނަކަމަށް ބުނެލީ ނުހަނު ފަސޭހައިންނެވެ. އަދި އެގޮތަށް ކަންތައް ކޮށްފިނަމަ ހުރިހާ ދެރައެއް ލިބޭނީ އަހަރެންނާއި މަންމައަށްކަމަށް ބުންޏެވެ. ހުރިހާ ބޭޒާރެއްވެ ލަދުގަންނަން ޖެހޭނީވެސް ޚުދު އަހަރެންގެ ލޮބުވެތި މަންމައާއި އަހަރެންކަމަށް ބުނެލިއިރު އޭނާގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުމެކެވެ. އަހަރެންގެ ލޭ ކެކިގަތެވެ. އަތް އިސްކުރެވެން އުޅުނެވެ. ނަމަވެސް އޭނާ އަހަރެންގެ އަތުގައި ހިފަހައްޓަމުން މަންމައަށް ހޭއަރުވާލާނެކަމަށް ބުނެ ދިން އިންޒާރަށްފަހު މަޑުވެސްކޮށްނުލާ ނުކުތީ ބޭރަށެވެ.
އަހަރެންވެސް ވަގުތުން ނުކުތީ ބޭރަށެވެ. ނަމަވެސް އަހަރެންނަށް ނުކުމެވުނުއިރު އޭނާ ސައިކަލަށް އަރައިގެން ދުއްވާލައިފިއެވެ. އަހަރެން އިންތިޒާރުކުރީ އެރެއަށެވެ. އެރޭވެސް ދޮންބައްޕަގެ އަނިޔާތަކާއި މަންމަ ކުރިމަތިލާން ޖެހޭނެކަން އަހަރެންނަށް ޔަޤީންވިއެވެ. ދޮންބައްޕަ އެދުވަހު ގެއިން ދިޔައީ އެކަމުގެ އިންޒާރު ދީފައެވެ. އަހަރެން ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ މަންމަގެ އެއްވެސް އަޑެއްބަޑެއް ނީވޭތީއެވެ. ދޮންބައްޕަގެ އަނިޔާތައް ކުރިމަތިވުމާއެކު އަހަރެންނަށް އެނގޭނެއެވެ. މަންމަގެ ވޭނީ ހަޅޭކުގެ އަޑު އަހަރެންނަށް ހުރިހާ ކަމެއް އޮޅުންފިލުވައިދޭނެއެވެ. އަހަރެން ހުރީ އެވަގުތަށް ތައްޔާރުވެގެންނެވެ. ދޮންބައްޕަގެ އަނިޔާވެރިކަން ނިންމާލުމަށެވެ.
ގަޑިން މެންދަމުން އަލިވެ ދޭއް ޖެހުމާއެކު ގޭގެ ބޮޑުދޮރު ހުޅުވާލި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދޮންބައްޕަ ގެއަށް އައީކަން އަހަރެންނަށް ޔަޤީންވިއެވެ. އަހަރެން ހުރީ މާކުރިން އަހަރެންގެ ކޮޓަރީގެ ނިދާ ބޮކި ދިއްލައި ކޮޓަރި ފުދޭވަރަކަށް އަނދިރިކޮށްލައިގެންނެވެ. ދޮންބައްޕައަށް އަހަރެން ނިދައިފިހެން ހީވާގޮތަށް ކަންތައް ކުރުމަށް އަހަރެން ހުރީ އަޑެއްވެސް އިއްވާނުލައެވެ. އިރުކޮޅެއްނުވެ މަންމަ ކޮޓަރީގެ ދޮރު ހުޅުވާފައި ލެއްޕި އަޑު އިވުނެވެ. އަހަރެން އިންތިޒާރުކުރި ވަގުތު ޖެހުނީއެވެ. ގިނައިރެއް ނުވިއެވެ. މަންމަގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެންގެ އެތެރެހަށީގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑަށް ދަރު އެޅިފަދައެވެ. އަހަރެން އެދުވަހު ކަނޑައިގެން ގެނައި ދެފޫޓު ބައިގެ ކުރެދި ދަނޑި ނަގައި އަތަށް ހެޔޮވަރުކޮށްލަމުން އަހަރެން ކޮޓަރިން ނުކުތީމެވެ.
“ދޮންބައްޕަ ހަމަ މިހާރު ތިކޮޓަރިން ނުކުމޭ!” އަހަރެން ދޮރުގައި ޖަހާލަމުން އަމުރުވެރިކަމާއެކު ބުނީމެވެ. އެޔާއެކު އޭނާ މަލާމާތްކުރާ ޒާތަކަށް ގަދަ ހިނިގަނޑެއް ޖަހާލިއެވެ.
“ކަލޭއަށް ކީއްކުރެވޭނީ؟” ދޮންބައްޕަގެ ޖަވާބު އިވިފައި އަހަރެންގެ ލޭ ކެކިގަތެވެ.
“ކުރާނެ ކަންތައް އެނގޭނީ ކަލޭ ބޭރަށް ނުކުތީމަ..” އަހަރެން އައިސްފައި ހުރި ގަދަ ރުޅީގައި ދޮންބައްޕައެއްވެސް ނުކިޔުނެވެ.
“ކަލޭ ހަމަ ތިހެން ހަޅޭއްލަވަލަވާ ހުންނަން ޖެހޭނީ..” ދޮންބައްޕަގެ ޖަވާބު އިވިފައި އަހަރެން ގާތަށް އައި ރުޅީގައި ދަނޑިބުރިން ޖެހިޖެހީނުން އެކޮޓަރީގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފީމެވެ. ދޮންބައްޕައާއި މަންމައަށްވެސް ލިބުނީ ސިހުމެކެވެ. ދޮންބައްޕަ އެހެން ބުނީ އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަހަރެން އޭރު ހުރީ ރުޅި ގަދަވެގެން ގޮސް ބުއްދި ފިލާފައެވެ. އަހަރެން ކުޑަދޮރު ތެރެއިން އަތް ދިއްކޮށް ކޮޓަރީގެ ބޮޑުދޮރު ހުޅުވީމެވެ. އަހަރެން ދޮރުން އެތެރެވިތަނާ ދޮންބައްޕަ ވަރަށް ރުޅިއައިސްފައި އަހަރެންނާ ދިމާއަށް އައެވެ. ނަމަވެސް އަހަރެން އަތުގައި އޮތް ދަނޑިބުރި ފެނުމާއެކު ހުއްޓުނެވެ.
“ކީއްވެ ތި ހުއްޓުނީ؟ އާދޭ އާދޭ..” އަހަރެން ރުޅިއައިސްފައި ބުނީމެވެ. އެޔާއެކު އޭނާ އައިސް އަހަރެންގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓުނެވެ. އަހަރެންނަށްވުރެ އޭނާ އިސްކޮޅުން ކުރުވުމުން އޭނާ އަހަރެންނަށް ބަލަން ޖެހެނީ މޫނު މައްޗަށް ޖަހައިގެންނެވެ.
“އަހަރެން މިހުރީ އައިސް.. ކަލޭ ތި ދަނޑިބުރި ހިފައިގެން ތިއައީ އަހަރެން ގައިގައި ޖަހަންކަމަށްތަ؟ ނިކަން ޖަހާބަލަ ތިހާ ހިތްވަރެއް ހުރިއްޔާ..” ރުޅިވެރިކަމާއެކު ދޮންބައްޕަ އެހެން ބުނިނަމަވެސް އޭނާގެ އަޑުގައި ވަނީ މަލާމާތެވެ. އަހަރެންގެ ރުޅިގަދަކުރަން އޭނާ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ހިއްޗެވެ. އަހަރެންގެ ރުޅި ހަމައިން ނައްޓައި އޭނާގެ ބޮލުގެ މެދުގައި ދަނޑިބުރިން ބާރު ބޮނޑިއެއް އަޅާލެވުނެވެ. އެޔާއެކު އޭނާގެ ވޭނީ އަޑުން ކޮޓަރިތެރެ ގުގުމާލިއެވެ. އަހަރެންނަށްވެސް ހަމަބިމަށް އާދެވުނީ މަންމަ އައިސް އަހަރެންގެ މޫނުމަތީގައި ޖެހުމުންނެވެ. ވެއްޓި ހަރަކާތް ހުއްޓިފައި އޮތް ދޮންބައްޕަ ފެނުމުން އަހަރެންނަށް ގޮތް ހުސްވިއެވެ. އަހަރެން އަވަސްއަވަހަށް ތިރިވެ ދޮންބައްޕަ ނޭވާލައިތޯ ބެލިއިރު ނޭވައެއް ނުލައެވެ. ވިންދު ބެލިއިރުވެސް ވިންދުވެސް ވަނީ ހުއްޓިފައެވެ. އަހަރެންގެ އިންތަނަށް ގަނޑުވިއެވެ. ކުރެވުނު ކަންތަކާއިމެދު ދެރަވިއެވެ. މޮޔަ ހީވިއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީތީ ރުޅިއައެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަހަރެންނަށް އެ ގޯސްވެސް ހެދުނީއެވެ.
އަހަރެންނަށް ކުރެވުނު ފާފައިގެ އަދަބު ލިބިގަންނަމުން މިދަނީ ހިތާމަކުރާ ޙާލުގައެވެ. އަހަރެންގެ މަންމަ އަހަރެންނަށް ކިޔަވައިދިން މަޤުސަދު އަހަރެންނަށް ހަނދާން ނައްތާލެވުނީ އެންމެ ކަމެއްގެ ސަބަބުންނެވެ. ދޮންބައްޕަ މަންމައަށް ކުރަމުންދިޔަ އަނިޔާއެވެ. އަހަރެން މަންމަދެކެ ވާ ލޯތްބެވެ. ނަމަވެސް އަހަރެންގެ މަންމައަށް ނުޙައްޤުން ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ބަދަލުގައި އަހަރެންނަށް މަންމައަށް ދެވުނީ އިތުރު އަނިޔާއެކެވެ. އިތުރު ހިތްދަތިކަމެކެވެ. އެފަކީރުގެ ހިތް ހަލާކުވެ މިދުނިޔެ ދޫކުރީ އަހަރެންނަށް ކުރެވުނު ބޮޑު ފާފައާއިމެދު ހިތާމަކޮށްކޮށް އެހިތަށް ކެތްނުވެގެންނެވެ. އަހަރެން އަހަރެންގެ ކުށަށް ތައުބާވަމެވެ.
(ނިމުނީ)
12 Comments!
Comments are closed.






MaSha Allah it’s a wonderful story…u r grt saandy n keep writing…may Allah bless u?
Thank You ShaiShy 🙂
Alhey…….???.. kome kameh ves vaany rangalhashey bunehnun….v.nice ,???keep up the good work .???with l O of ❤???
Thank You Unknown girlll 🙂
?
Thank You Ibsha 🙂
V reethi
Shukuriyya Shaya 🙂
vaahakaige namaai vaakaai nugulhey.. but vaahaka varah reethi
Shukuriyya 🙂
varah.salhi
Shukuriyyaa Adam2 🙂