Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ފިލާވަޅު

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 29, 2018 5 Mins Read
8 Comments

އިބާއަކީ ރީތި ކުއްޖެކެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އެތައް ފިރިހެންކުއްޖެއްގެ އަމާޒުފަތްގަނޑަކަށް ވެފައިވާ މަޝްހޫރު ކުއްޖެކެވެ. ލިބިފައިވާ ރީތިކަމެއްގެ ސަބަބުން އޭނާގެ ކިބައިގައި އިންތިހާއަށް ބޮޑާކަމާއި ކިބުރުވެރިކަންވެއެވެ. މުއްސަނދި އާއިލާއެއްގެ ކުއްޖެއްކަމުން އޭނާ ދިރިއުޅެމުންދަނީ ގަނޑުވަރެއްފަދަ ގެއެއްގައި ރަސްދަރިކަނބަލެއް ފަދައިންނެވެ. ފެޝަނަށް ލޯބިކުރާ ޒަމާނީ ކުއްޖެކެވެ.

އިބާއަކީ ސްކޫލްގެ ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖެކެވެ. ކިޔެވުމަށް އަރާހުރި ކުއްޖެއް ނަމަވެސް އޭނާގެ ކުލާހުގައި ކިޔަވަމުންދާ ސުހާއާއިމެދު އޭނާގެ ހިތުގައި ހަސަދަވެރިކަންވެއެވެ. އޭނާއަށްވުރެ ސުހާ ކިޔެވުމަށް މޮޅުވީތީއެވެ. އެންމެންގެ އިޙްތިރާމް ސުހާއަށް ލިބޭތީއެވެ. ކުލާހުގެ ހުރިހާ ކުދިންވެސް ސުހާއަށް ޤަދަރުކުރާތީއެވެ. އޭނާއަށް ނުލިބޭ ގާތްކަން ސުހާއަށް ލިބޭތީއެވެ.

އިބާ ސުހާދެކެ ރުޅިއަންނަ އަނެއް ސަބަބަކީ ސުހާގެ ދީންވެރިކަމެވެ. ސުހާ އަޅަމުންދާ ގަޔަށް ދޫ، ބޮޑު ކަޅު ހެދުމާއި ބޮޑު ބުރުގާގެ ސަބަބުން އިބާ އޭނާދެކެ އިންތިހާއަށް ފޫހިވެއެވެ. ދީންވެރިވިޔަސް ބޮޑުވަރު ކަމުގައި އިބާ ބުނެއެވެ. ނަމަވެސް ދީންވެރިކަމަކީ ކޮބައިކަން އިބާއަށް ވިސްނޭނަމަ އޭނާ އެހެން ނުބުނީހެވެ. ވިސްނޭނީވެސް ކިހިނެއް ހެއްޔެވެ؟ އިސްލާމް ގަޑިއަކީ އޭނާ އެންމެ ފޫހިވާ ގަޑިއެވެ. މިނިވަންކަން ގެއްލިފައިވާކަމަށް އޭނާ ބުނަނީ އެއްވެސް ބިރެއް ނެތިއެވެ. އީމާންކަމުގެ ޒައްރެއްވެސް ނެތީއެވެ.
އިބާގެ ފަރާތުން ސުހާއަށް އިންޒާރާއި މަލާމާތުގެ އެކި ބަސްތައް ކެނޑިނޭޅި އިވެމުންދިޔަ ނަމަވެސް ސުހާ އެކަމަކާ މާބޮޑަކަށް އަޅައެއް ނުލައެވެ. އިބާއަށް ނުވިސްނޭތީ ދެރަވި ނަމަވެސް އޭނާ އިބާއަށް ރައްދު ދޭކަށް ބޭނުމެއްނުވެއެވެ. އޭނާއަށް އިބާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގުމުގެ ކުރިން އިބާ އަޅަމުންދިޔަ ނިވާކަން ކުޑަ ހެދުންތަކާއިމެދު ހިތްހަމަނުޖެހި އުނދަގޫވެގެން ނަސޭހަތް ދިން ދުވަހު އިބާ ދިން ޖަވާބު އޭނާގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.

“މަގޭ ޒާތީ ކަންކަމާއި ބެހެން ކަލޭ ތީ ކާކު؟ މަ ނޫޅެން ކަލޭހެން މާ ޞާލިހު މީހަކަށް ހެދެންވެގެން ތި ގޯނިގަނޑު ފައްތާކަށް.. ކަލޭ ތި ގޯނިގަނޑު ފައްތައިގެން މުޅި ގައިގައި ފޮތި އޮޅައިގެން ހުރެބަލަ.. ކިހާ ބޮޑު ބަލާއެއްތަ މީ..” އެދުވަހު އިބާ ބުނެފައިވެއެވެ. އެދުވަހަށްފަހު ސުހާ އިބާގެ ކަންކަމާއި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާ އަބަދުވެސް އިބާއަށް ހެޔޮ ވިސްނުން ދެއްވާތޯ މާތް ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވައެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ވޭތުވަމުން ގޮސް އިބާގެ ސާނަވީ އިމްތިހާނު ނިމިއްޖެއެވެ. ސްކޫލަށް ދާން ނުޖެހޭތީ އިބާގެ ފޫހިކަން އިތުރުވާން ފެށިއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ނާޒިޔާވެސް ސްކޫލް ނިމުނު ފަހުން ވަރަށް ދިމާނުވެއެވެ. މާ ބުރައީއެވެ. އިބާއާއި ޚިލާފަށް ނާޒިޔާއަކީ ގޭތެރޭގެ މަސައްކަތް ކުރާހިތްވާ ކުއްޖެކެވެ. އޭނާ ސްކޫލް ނިމުމާއެކު މަންމައަށް އެހީތެރިވެދޭން ފެށީއެވެ. ވުމާއެކު އޭނާ ގޭގެ ކަންކަމުގައި މާ ބުރަވީއެވެ. އެހެންކަމުން އިބާއާއިއެކު ހޭދަކުރެވޭ ވަގުތު މަދުވާން ފެށީއެވެ.

ސާނަވީ އިމްތިހާނުތަކުގެ ނަތީޖާ ލިބުނުއިރު އިބާއަށް ލިބުނު އުފާވެރިކަން ނުހަނު ބޮޑެވެ. އޭނާ ވަނީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ. ނަމަވެސް އިނާމު ދިނުމުގެ ޖަލްސާގައި އޭނާ ޖެހުނީ އެތައް ބައެއްގެ ކުރިމަތީގައި ލަދުން އިސްޖަހާށެވެ. އޭނާއަށް އަމިއްލަ ނަފްސާއިމެދު އޮތް ޔަޤީންކަން މާ ބޮޑުވީއެވެ. އެއްވަނައަކީ އޭނާގެ ޙައްޤެއްކަމަށް ޤަބޫލުކުރެވޭ ކުރެވުން މާ ބޮޑުވީއެވެ. އެއްވަނައަށް ހޮވުނީ ދެ ދަރިވަރުންކަމަށް އިޢުލާން ކުރުމާއެކު އޭނާގެ މޫނުމަތި ބަނަވިއެވެ. ދެން އެއްވަނައަށް ހޮވޭނީ ސުހާކަން އޭނާއަށް ޔަޤީންވީއެވެ.

“އެއްވަނައަށް ހޮވުނު ފުރަތަމަ ދަރިވަރަކީ..” ނަންތައް އިޢުލާނުކުރަން ހުރި ފަރާތުން އެހާ ހިސާބަށް ބުނިތަނާ އިބާ ގޮނޑިން ތެދުވިއެވެ. ނަމަވެސް ސުހާގެ ނަން ކިޔާލުމާއެކު އޭނާއަށް ހުއްޓެވުނެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެންމެންގެ ލޯތައް އޭނާއަށް އަމާޒުވެފައިވާތަން ފެނުމުން ގަތް ލަދުން އިތުރަށް އެތާ މަޑުކުރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ވުމާއެކު ހޯލުން ބޭރަށް ނުކުމެވެން އެންމެ ކައިރީގައި ހުރި ދޮރުން ނުކުމެގެން އޭނާ ޖަލްސާ ދޫކޮށް ދިޔައީއެވެ. ފަޚުރުވެރި އެއްވަނަ ލިބުމުގެ ޝަރަފު ސްޓޭޖުމަތިން ލިބެން އޮއްވާ ބޮޑާކަމުގެ ސަބަބުން އެފުރުސަތު ނަގާލާފައެވެ.

އަހަރުގެ އަޟްޙާ ޢީދު ރަށުގައި ވަރަށް ފޯރިގަދައެވެ. ރަށުގައި އޮތް ފުޓްބޯޅަ މެޗަކަށް އެންމެ ކައިރީގައި އޮތް ރަސްދޫއިން އައި ފުޓްބޯޅަ ޓީމުގެ ތެރޭގައި އާލިފް ހިމެނުނެވެ. ދީނުގެ ކަންކަމަށް ލޯބިކުރާ ހެޔޮލަފާ ޒުވާނެކެވެ. ރަށުން ވަރަށް ފުރިހަމަ މެހެމާންދާރީއެއް އެޓީމާއި އެރަށުން އައި މީހުންނަށް އަދާކުރިއެވެ. ކަނޑުގަދަ ދުވަހެއްގައި ކުރި ދަތުރެއް ކަމުން އެދުވަހުގެ ހަވީރު ކުޅެން އޮތް ފުޓްބޯޅަ މެޗު ޖެހިގެން އޮތް ދުވަހަށް ފަސްކުރިއެވެ.

ހަވީރުގެ ވަގުތެވެ. ސުހާއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ މައިހާ ދިޔައީ އަތިރިމައްޗަށް ހިތްފަސޭހަ ވައިކޮޅެއް ހޯދާލުމަށެވެ. އުޑުމަތި ބަނަކޮށް އޮތް ދުވަހެއްކަމުން ފުދޭވަރަކަށް ވައިވެސް ޖެހެއެވެ. އެ ދެމީހުން އަތިރިމައްޗަށް ދިޔައިރު ތަންކޮޅެއް ދުރުގައި ޒުވާން ފިރިހެނަކު ހުއްޓިލައިގެން ފޯނެއްގައި ހުއްޓެވެ. އޭނާ ފޯނުން ވާހަކަ ދައްކަ ދައްކާފައި ދާންވެގެން އެނބުރިލެވުނީ ސުހާމެން ތިބި ދިމާއަށެވެ. ސުހާއަށް އެ ޒުވާނާ ފެނުމާއެކު އެއީ މިއަދު ރަށަށް އައި ފުޓްބޯޅަ ޓީމާއިއެކު އައި މީހެއްކަން އެނގުނެވެ. އެ ޒުވާނާ ހެދުން އަޅާފައިވާ ގޮތުން އެއީ ދީނަށް ލޯބިކުރާ މީހެއްކަން އެނގުނެވެ. ވުމާއެކު ސުހާއަށް އެ ޒުވާނާއާއިމެދު ޝައުޤުވެރިވެވުނެވެ. އެ ޒުވާނާއަށްވެސް ސުހާމެން ފެނުނެވެ. ނަމަވެސް މާބޮޑު ސަމާލުކަމެއް ނުދީ އެއްގަމަށް އަރައިގެން ދިޔައީއެވެ.

“ވަރަށް ތަފާތު މީހެއް ދޯ؟” ސުހާ ސިހުނީ މައިހާގެ އަޑުންނެވެ.

“އަސްލުވެސް..” ސުހާއަށްވެސް އެއްބަސްވެވުނެވެ.

*****

އިބާ ފިހާރައަކަށް ވަދެފައި ނުކުންނަނިކޮށް ފިހާރައަށް ވަންނަން އައި މީހެއްގެ ގައިގައި ލައިގަތެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ވެއްޓި ސްކްރީން ތަޅައިގެން ދިޔައެވެ.

“މަގޭ ފޯނު..” ފޯނު ނަގައި ތެޅިފައިވާ ސްކްރީންއަށް ބަލާލަމުން ދެރަވެފައި އިބާއަށް ބުނެލެވުނެވެ.

“ވަރަށް ބޮޑަށް މަޢާފް..” ފިރިހެންވަންތަ އަޑެއް އިވުމާއެކު އިބާ އިސްއުފުލާ ބަލާލެވުނެވެ. އެވަގުތު އޭނާއަށް ހުއްޓުން އެރީ އެއީ މިއަދު އައި ފުޓްބޯޅަ ޓީމާއިއެކު އައި މީހުންގެ ތެރެއިން އޭނާއަށް ރީތިވެގެން އުޅުނު ޒުވާނާއަށް ވީމައެވެ.

“އިޓްސް އޯކޭ..” އިބާ އެހެން ބުނެލުމާއެކު އާލިފް ފިހާރައަށް ވަންނަން ހިނގައިގަތެވެ.

“އެކްސްކިއުޒް..” އިބާ އެހެން ބުނެލުމުން އާލިފް ހުއްޓިލިއެވެ.

“ކޮން ނަމެއް ކިޔަނީ؟” ހިނިތުންވެލަމުން އިބާ އަހާލިއެވެ.

“އާލިފް..” އިބާ އަޅާފައިވާ ހެދުމުގެ ނިވާކަން ކުޑަކަމުން އާލިފް ދުރަށް އެނބުރިލަމުން ބުނެލިއެވެ.

“މީ އިބާ..” އިބާ ތަޢާރަފްވެލިއެވެ. އާލިފް އަޅާނުލާ އެތެރެއަށް ވަނެވެ. އާލިފް އެތެރެއަށް ވަދެގެން ދިއުމުންވެސް އިބާ އިރުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުއްޓެވެ.

ކަމުދާ އެއްވެސް ފިރިހެނަކު ނުފެންނަކަމަށް ބުނަމުން އައި އިބާއަށް އާލިފް ވަރަށް ކަމުދިޔައެވެ. އޭނާ އެވާހަކަ ދެއްކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒޭބާ ގާތުގައެވެ.

“އަޅެ އޭނަ ހާދަ ސަޅިއޭ.. އެކަމަކު އެހެރަ ސްޓައިލްއެއް.. އެހެރަ ތުނބުޅިއެއް.. ޗީޑި.. ފަކުރުން ހީވަނީ ހޮޑުލެވިދާނެހެން.. އެކަމަކު އޭނަ އެ ތުނބުޅި ބާލައިފިއްޔާ ޔަޤީން އޭނަ ވަރުގެ ރީތި މީހެއް މި ރާއްޖޭގަވެސް ނޫޅޭނެ.. އަދި އެހެރަ ލާ ކުރުތާއަކާ ފަޓުލޫނެއްވެސް.. އޭނަގެ ފައި އެހާ ދިގުއިރު ސްކިނީއަކާއި އަތް ދިގު ގަމީހެއް ލައިފިއްޔާ ހާދަ ސަޅިވާނެޔޭ..” އިބާ ބުނެލިއެވެ.

“ސާބަސް.. ތުނބުޅި ބޭލީމަ ހުންނާނީ ނުލާހިކު އަންހެންކޮށް.. ބަލަ ތުނބުޅިއަކީ މީހާގެ ފިރިހެންވަންތަކަން ދައްކައިދޭ ސިފައެކޭ.. ތުނބުޅި ތުނިކޮށް ކޮށާލާފައި ހުންނައިރު ސަޅިވާނެ..” ޒޭބާ އެކަމާއި ފާޅުގައި ދެކޮޅު ހެދިއެވެ.

“އަޅެ އޭނަ ރީއްޗެއް ނޫންތަ؟ އެހެރަ ސަޅި ހަށިގަނޑެއް..” އިބާ ހުރީ އާލިފްގެ ރީތިކަން ފެނި މޮޔަވާވަރު ވެފައެވެ.

“އޭނަ ރީއްޗޭ.. އެކަމަކު ހިއެއްނުވޭ ތީ އިބާއަށް ކާމިޔާބުވެދާނެ ކަމެއްހެނެއް..” ޒޭބާ ބުނެލިއެވެ.

“އައްޗި.. ތީ ހަމަ ހީވާ އެއްޗެއް.. އަހަރެން ވަރަށް ހައިރާންވެއްޖެ ޒޭބާ ތިހެން ބުނީމަ.. ޒޭބާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ކުރަން ދިމާކޮށްފި ކަމެއް ނުކޮށް ހުއްޓާނުލާނެކަން..” އިބާ ބުނެލިއެވެ.

“އަހަރެން އެހެން މިބުނީ، އޭނައަކީ ވަރަށް ދީންވެރި މީހެއް.. ބަރާބަރަށް ނަމާދުވެސް ކުރޭ.. އޭނަ މިރަށަށް އައިފަހުން އަހަރެން ދެކެން ކޮންމެ ނަމާދަކަށް އަހަރެމެން ގޭ ކައިރި މިސްކިތަށް އޭނަ އަރާތަން.. އިބާއަކީ ނަމާދެއް ކުރާ މީހެއް ނޫން.. ހެދުން އެޅުމުގައިވެސް ނިވާކަމެއް ނުހުރޭ.. ދީންވެރި މީހުން ބޭނުންވާނީ ހަމަ ދީންވެރި އަންހެނެއް.. އެހެންވެ އެހެން މިބުނީ..” ޒޭބާ އޮޅުންފިލުވައިދިނެވެ.

“އަހަރެން އޭނައެކޭ އެއްގޮތަށް ބަދަލުވެއްޖެއްޔާ އަހަރެންނަށް އޭނަ ލިބިދާނެއެއްނު..” އިބާ ބުންޏެވެ.

“އާނ.. ތިހެން ވެދާނެ..” ޒޭބާ ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ފުޓްބޯޅަ މެޗުން ރަށު ޓީމު ބަލިވީ އާލިފް ޖެހި ގޯލަކުންނެވެ. އިބާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ އާލިފް ގޯލު ޖެހީމައެވެ. ރަށު ޓީމު ބަލިވި ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގުން އެއީ މަދުން ވާ ކަމެކެވެ. އާންމުކޮށް ބަލިވާ ޓީމުން ކޮންމެވެސް ކަހަލަ މައްސަލަތަކެއް ޖައްސައި ހިތްހަމަނުޖެހުން ފާޅުކުރާނެއެވެ.

އިޝާ ނަމާދުން ފައިބައިގެން އާލިފް ގެއަށް ދިޔަ މަގުމަތީ އިބާއާއި ދިމާވިއެވެ. އިބާ އޭނާ މަޑުކުރުވައިގެން ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އާލިފްއަކީ ހިލޭ އަންހެނުންނާއި ވާހަކަދައްކަން ބޭނުންވާ މީހަކަށް ނުވާތީ އޭނާ ދާން ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ހުއްޓެވުނީ އިބާ އޭނާގެ އަތުގައި ހިފެހެއްޓީމައެވެ.

“އިބާ.. އަހަރެންގެ އަތުން ދޫކޮށްލާ.. ތީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން.. ހިލޭ އަންހެނަކާއި ފިރިހެނަކަށް އެކަކަށް އަނެކަކުގެ ގަޔަކު އަތެއް ނުލެވޭނެ..” އާލިފް ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު ވިސްނައިދޭފަދަ ގޮތަކަށެވެ.

“އަހަރެން ދައްކާ ވާހަކަ އަޑުއަހާލަދީބަލަ ޕްލީޒް..” އިބާ ބުނެލިއެވެ.

“އަހަރެންނަކަށް ވަގުތެއް ނެތް.. ތި ބުނަން ބޭނުންވާ ވާހަކައެއް އަވަހަށް ބުނޭ..” އާލިފް ހުރީ އަވަހަށް ދާން ބޭނުންވެފައެވެ.

“އަހަރެންނަށް އާލިފްދެކެ ލޯބިވެވިއްޖެ.. އަހަރެން ބޭނުން އާލިފްއާއި އިންނަން..” އިބާ ފަސްޖެހުމެއްނެތި ބުންޏެވެ.

“ތީ އަހަރެމެން ދެމީހުން ދައްކަންޖެހޭ ކަހަލަ ވާހަކައެއް ނޫން.. ތިވާހަކަ ދައްކަން ޖެހޭނީ އަހަރެމެންގެ މައިންބަފައިން.. އެކަމަކު އަހަރެން ބުނެފާނަން ވާހަކައެއް.. އަހަރެންނަށް ކަމުދާ ކަހަލަ އެއްވެސް ސިފައެއް އިބާގެ ކިބަޔަކު ނެތް.. އިބާގެ ހެދުން އެޅުމާއި ތި ގެންގުޅޭ ޒަމާނީ ގޮތްގަނޑު އަހަރެންނަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ.. އަހަރެން ބޭނުންވަނީ އިސްލާމީ ރިވެތި ސިފަތައް ހުރި ކުއްޖެއް.. އެކުއްޖާ ލަދުވެތިވާންވާނެ.. ބަރާބަރަށް ނަމާދުކުރަން ވާނެ.. ފުރިހަމައަށް ނިވާވެގެންހުރި ކުއްޖަކަށް ވާން ޖެހޭނެ.. ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖަކާ ނޫނީ އަހަރެންނަކަށް ނުގުޅެވޭނެ..” އާލިފް ބުނެދިނެވެ.

“އަހަރެން ތިބުނި ހުރިހާ ކަމެއްވެސް ކޮށްފާނަން..”

“އަހަރެންނަށްޓަކައެއް ނޫން ތި ކަންތައްތައް ކުރަންވީ.. މާތް ﷲއަށް ބިރުވެތިވެ އެކަލާނގެ ޙަޟްރަތުން ރުއްސެވުން ހޯދުމަށް ތިކަންތައްތައް ކުރަންވީ.. އޭރުން ދެދުނިޔޭގައިވެސް އުފާވެރިކަން ލިބޭނެ.. އިންޝާ ﷲ!” އާލިފް ވިސްނައިދިނެވެ.

“ދެން އަހަރެން ދަނީ.. މިހާރު މާ ލަސްވެއްޖެ..” އާލިފް އެހެން ބުނުމަށްފަހު ހިނގައިގަތީ އިބާ އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޓީމުގެ ހުރިހާ މެންބަރުންނާއި ރަސްދޫއިން އައި ހުރިހާ މީހުން ރަށުން ފުރައިފިއެވެ. އާލިފް ފުރީ އެރަށުން ދެ އަންހެންކުދިންގެ ހިތް އަތުލައިގެންނެވެ. އާލިފް ފުރި ފަހުން އިބާއާއި ސުހާއަކަށް ހަމަ ނިންޖެއް ނުލިބެއެވެ. އަބަދުހެން ފިކުރު ކުރެވެނީ އާލިފްއާއި ދޭތެރޭގައެވެ. ހަމައެގޮތަށް އާލިފްގެ ހިތް އެދި ގޮވަނީ ސުހާއަށެވެ.

މެންދުރު ނަމާދުން ފައިބައިގެން އައިސް ކައިގެން އާލިފް ނުކުމެ ގޭ ޖޯލިފަތީގައި އޮށޯވެލައިގެން އޮއްވާ އަވަށްޓެރިއެއްކަމަށްވާ އާދަންބެ އައިސް ސަލާމް ގޮވާލިއެވެ. އާލިފްއަކަށް އަޑެއް ނީވުނެވެ.

“ކަލޯ ކޮން ފިކުރެއްގައި؟” އާދަންބެ އައިސް އާލިފް ގާތުގައި ޖޯލީގައި އިށީނދެލަމުން އަހާލިއެވެ.

“އަނހާ އާދަންބެ..”

“އާދަންބެއަށް ހީވަނީ މިހާރު އެކޮއިވެސް ބޮޑުވެއްޖެހެން..” އާދަންބެ ބުނެލިއެވެ.

“ކީއްވެ ތިހެން ތިބުނީ؟” އާލިފް އަހާލިއެވެ.

“ބުނާނެއެއްނު.. ދެތިން ފަހަރު ސަލާމް ގޮވިއިރުވެސް އެކޮއިއަށް އަޑު އިވުނު ކަމަކަށްވެސް ނުވި ވިއްޔަ.. އިހަށް ދުވަހު މެޗަށް ގޮސްފައި އައިފަހުން ވެގެން އުޅޭ ގޮތެއް ތީ.. އެރަށުން މާ ކަމުދާ ކުއްޖަކު ފެނުނީ ދޯ؟” އާދަންބެ އަހާލިއެވެ.

“އާނ.. އެކަމަކު ކިހިނެއް އާދަންބެއަށް އެނގުނީ؟” އާލިފް ކުޑަކޮށް ލަދުގަތެވެ.

“ބަލަ އާދަންބެމެން ބޮލުގައި ނުރަ ޖަހާފައި މިހުރީ ތަޖުރިބާއިންނޭ..” އާދަންބެ އެހެން ބުނެލުމުން އާލިފް ހީލިއެވެ.

“ކޮން ނަމެއް ކިޔާ ކުއްޖެއް އެއީ؟”

“ސުހާ.. ވަރަށް އަޚްލާޤު ރަނގަޅު ކުއްޖެއްކަމަށް ވަނީ.. ވަރަށް ދީންވެރި..” އާލިފް އެހެން ބުނެލުމުން އާދަންބެ ހީލިއެވެ.

“ތިހެންވިއްޔާ ބަރާބަރުވާނެ.. އަވަހަށް ނިންމަން އުޅޭ.. ކޮބާ ބައްޕަ؟ ބައްޕަ ހޯދާލާށޭ އާދަންބެ މިއައީ..” އާދަންބެ އެހެން ބުނެލުމުން އާލިފް ހީލަމުން ބައްޕަ އެތެރޭގައި އެބަ އުޅެޔޭ ބުނެލިއެވެ.

ޖެހިގެން އައި ހަފްތާގައި އާލިފްއާއި އޭނާގެ މައިންބަފައިން ސުހާގެ ކައިވެންޏަށް އެދި އެރަށަށް ދިޔައެވެ. އާލިފްއާއި ދޭތެރޭ ސުހާގެ މައިންބަފައިން ނުހަނު ހިތްހަމަޖެހުނެވެ. ސުހާވެސް ލޮލުން ބޮލުން ޤަބޫލުވިއެވެ. ވުމާއެކު ވީހާވެސް އަވަހަކަށް އެ ކައިވެނި ކުރުވުމަށް ހަމަޖެހުނެވެ. އިބާއަށް އެ ޚަބަރު ލިބުމުން އިންތިހާއަށް ދެރަވިއެވެ. ނަމަވެސް އެ ހާދިސާއިން އޭނާއަށް ރަނގަޅު ފިލާވަޅެއް ދަސްވިއެވެ. އޭނާ ހިތް އެދޭ ބައިވެރިއެއް ފެނުނީ އެންމެ ފަހަރަކުއެވެ. ނަމަވެސް އެ ބައިވެރިޔާ ގެއްލުނީ އޭނާގެ ވިޔާނުދާ އުޅުމުގެ ސަބަބުންނެވެ. ދީނަށް ލޯބިކޮށް ދީނުގައިވާ ގޮތަށް އުޅެވުނުނަމަ އޭނާއަށް އެފުރުސަތު ނުގެއްލުނީހެވެ. އޭނާ ދެން އެނބުރި އޭނާގެ މާޒީއަކަށް ނުދާނެއެވެ. ދެން އޭނާ ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރާނީ އޭނާއަށް ދިރިއުޅުމުގައި ލިބުނު އަގުހުރި ފިލާވަޅާއިއެކު ދީނުގައިވާ ގޮތަށެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެވްލީން… 21

Next

?ހައިލަން 2

Next
October 29, 2018

?ހައިލަން 2

Previews
October 28, 2018

އެވްލީން… 21

8 Comments!

  1. އަޙުމަދު says:
    October 29, 2018 at 8:30 am

    ވަރަށް ރީތި

    1. Saandy says:
      October 29, 2018 at 7:38 pm

      ޝުކުރިއްޔާ އަޙުމަދު 🙂

  2. Shaya says:
    October 29, 2018 at 10:21 am

    Nice

    1. Saandy says:
      October 29, 2018 at 7:39 pm

      Thank You Shaya 🙂

  3. Suha says:
    October 29, 2018 at 12:00 pm

    wow…varah rythi…varah furihama..varah rangalhu filaavalheh..

    1. Saandy says:
      October 29, 2018 at 7:39 pm

      Thank You Suha 🙂

  4. Unknown girlll.. says:
    October 29, 2018 at 10:29 pm

    Sandy…sandy ge dhigu vaahakaeh kiyaalan libeyni kon irakun? …v.ibraitheri vaahakaeh…….love it??????❤

    1. Saandy says:
      October 30, 2018 at 12:15 am

      Shukuriyya Unknown girlll.. Neynge ehen bunaakah.. Maybe December ga libidhaane.. Ekam promise eh noon in’gey 🙂

Comments are closed.


All Right Reserved!