Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 28, 2018 5 Mins Read
20 Comments

މާތް ﷲ އިންސާނުން ޚަލްޤުކުރެއްވީ ވަރަށް މާތް މަޤުސަދެއްގައެވެ. ނަމަވެސް އެކަން ދަންނަނީ ކިތައް މީހުންބާވައެވެ. ސަކަރާތާއި މަޖަލަކީ ދިރިއުޅުމުގެ މަޤުސަދު ކަމުގައި ހީކުރާ މީހުން ވަރަށްވެސް ގިނައެވެ. ކޮންމެ މީހަކުވެސް ފަޚުރުވެރިވެލާފައި ތިމަންނައަކީ މުސްލިމެކޭ ބުނާއިރު މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅެވެނީ ކިތައް މީހުންނަށްބާވައެވެ. ދިރިއުޅުމުގެ ޙަޤީޤީ މަޤުސަދާއިމެދު ގިނަ މީހުންނަށް ވިސްނެނީ އުމުރުގެ ބޮޑު ބައެއް ބޭކާރުގޮތުގައި ހޭދަކޮށްލެވޭ ފަހުންނެވެ. އަހަރެންނަކީ އޭގެ ތެރެއިން އެކަކީމެވެ.

އަހަރެންގެ އުމުރުން ތޭރަ އަހަރުގައި މަންމަ ނިޔާވިއެވެ. މަންމަގެ މަރަށް ދެމަސް ނުވަނީސް ބައްޕަ އެހެން މީހަކާއި ކައިވެނިކޮށްގެން ގެއަށް ގެނައެވެ. އަހަރެންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ އެއީކަމަށް ބުނަމުންނެވެ. އަހަރެން އެވާހަކައެއް ޤަބޫލެއް ނުކުރަމެވެ. ދުވަހަކުވެސް ދޮންމަންމައެއް ރަނގަޅުވާނެކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. ފެނިފައި ހުރި މަންޒަރުތަކުން އެކަން ކުރިއަށް އޮތްތާ ވެދާނެ ކަމަކަށްވެސް ޤަބޫލުކުރާކަށް އަހަރެން ބޭނުމެއްނުވިއެވެ. ނަމަވެސް ޙަޤީޤަތަކީ އަހަރެންގެ ދޮންމަންމަ އަހަރެންގެ މަންމައާއި ބައްޕައަށްވުރެވެސް ރަނގަޅުކަމެވެ. އަހަރެންނަށް ދީނީ ކަންކަމަށް ބާރުއަޅަން ފެށީ ދޮންމަންމައެވެ. އެއީ އެއްއިރެއްގައިވެސް އަހަރެންގެ އުފަން މަންމަ ކުރި ކަންކަމެއް ނޫނެވެ. ބައްޕަވެސްމެއެވެ. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް މަންމައާއި ބައްޕައަށް ވަރިހަމަވާނެއެވެ.

ދޮންމަންމަ އަހަރެންނަށް ދީނީ ކަންކަން އުނގަންނައިދޭން މަސައްކަތްކުރިއެވެ. ނަމާދުކޮށް ހެދުމަށް ބާރުއެޅިއެވެ. ނަޞޭޙަތް ދިނެވެ. ނަމަވެސް އަހަރެން ދޮންމަންމަގެ ހުރިހާ ނަޞޭޙަތްތަކަކަށް ދިނީ ބީރު ކަންފަތެކެވެ. އަބަދު އެއްވާހަކައެއް ދައްކާތީ ބޮލަށް އުނދަގޫވާތީއެވެ. އަހަރެން ދުށް ގޮތުގައި ދޮންމަންމައަކީ އަހަރެންގެ މުސްތަޤުބަލަށް އެޅުނު ހުރަހެކެވެ. ސުންޕާ ހިޔަންޏެކެވެ. މިނިވަންކަން ނަގާލި ނުލަފާ އަންހެނެކެވެ. ދޮންމަންމަގެ ނަޞޭޙަތްތައް އަޑު އިވިއިވި އަބަދުވެސް އަހަރެންގެ ބޮލުގައި ހުންނަނީ ރިއްސާފައެވެ. އެހެންކަމުން އަހަރެން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަން ފެށީމެވެ. އަހަރެންގެ ބަދުނަސީބުކަމާއެވެ. މުސްލިމެއްގެ ނަމުގައި ހުރެ ހިދާޔަތެއް ނުލިބުނެވެ.

އަހަރެންގެ ރަޙުމަތްތެރިންނާއެކު ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރަން ފެށުމުން ދޮންމަންމަ އެކަމާވެސް ނަޞޭޙަތްދިނެވެ. އަހަރެންނަށް އެ ނަޞޭޙަތްވެސް ޤަބޫލުކުރެވުނީ ފާޑުކިޔުމެއްގެ ގޮތުގައެވެ. އެކަން އަހަރެންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. ވުމާއެކު ފުރަތަމަ ފަހަރަށް އަހަރެން ދޮންމަންމައަށް އަޑުލީމެވެ. ދޮންމަންމަގެ ދެލޮލުން އެއްވެސް އިޚުތިޔާރަކާއިނުލާ ކަރުނަތައް އޮހިގަތެވެ. ދޮންމަންމަގެ ސަބަބުން އަހަރެންގެ އެތައް އުފާތަކަކަށް ހުރަސް އެޅުނެވެ. އެއީ އަހަރެން ޤަބޫލުކުރި ގޮތެވެ. ނަމަވެސް ދޮންމަންމަ ބުނި ކޮންމެ ޖުމުލައެއްވެސް ބުނެފައިވަނީ އަހަރެންނަށް ރަނގަޅަކަށެވެ. އަހަރެން އޭރު އެކަން ޤަބޫލުކުރަން ބޭނުން ނުވީއެވެ.

އަހަރެންގެ އުމުރުން ފަނަރަ އަހަރުން ފެށިގެން އަހަރެން ނުކުރާ ނުބައި ކަމެއް ނޯންނާނެއެވެ. އެނދުތަންމަތި ފަޅުފިލުވާލަން ގެންގުޅެވުނު އަންހެންކުދިންގެ އަދަދު ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އެއްފަހަރު އުޅޭ ކުއްޖަކާއެކު ދެވަނަ ފަހަރު އުޅޭހިތެއް ނުވެއެވެ. އަހަރެންދެކެ ވީ ލޯބީގެ ސަބަބުން މޮޔަވި ދެތިން އަންހެންކުއްޖަކުވެސް އުޅުނެވެ. އަހަރެން އެކުދިންގެ ބޭނުން ހިފާލުމަށްފަހު މުޅި ދުނިޔެއަށް ގިނަކޮށްލީއެވެ. އަހަރެން ލޯބީގެ ނަޒަރުން އެއިން އެއްވެސް ކުއްޖަކާ ދޭތެރޭ ނުދެކޭތީއެވެ. އަހަރެންގެ ލޯ އަމާޒުވީ ހަމައެކަނި އެކުދިންގެ ހަށިގަނޑަށެވެ.

އުމުރުން ފަނަރަ އަހަރު ވީއްސުރެ ފެށިގެން އަހަރެން ރާބޯން ފެށީމެވެ. ރިސޯޓުތަކަށް ގޮސް އުޅޭ އެކި ދަތުރުތަކުގައި ބާރތަކަކީ އަހަރެން އެންމެ ހިތްހަމަޖެހޭ އެއް މަންޒިލެވެ. އަހަރެން ރިސޯޓަކަށް ގޮސްފިނަމަ ބާރ ތެރެއިން ނުފެނި ދާނީ މަދު ވަގުތުތަކަކުއެވެ. އެކަމުގެ ހުރި ގެއްލުންވެސް އަހަރެންނަށް އިހުސާސްކުރެވުނީ ވަގުތު ފާއިތުވީ ފަހުންނެވެ. ރާ ބޮއިބޮއި އެތެރެހަށި ގިރުނު ފަހުންނެވެ. ސިނގިރޭޓާއި މަސްތުވާ ތަކެއްޗަކީ އަހަރެންގެ އެންމެ ގާތް އެކުވެރިންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. އަހަރެން މަސްތުގެ ޙާލުގައި ދޮންމަންމައަށް އަނިޔާ ކުރީމެވެ. ދޮންމަންމަގެ އެއްވެސް ކުށެއް ނެތިއެވެ. ދޮންމަންމަގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިއްކަކީ އަހަރެންގެ ހިތަށް ފިނިކަން ގެނެސްދޭ އެއްޗެކެވެ. އަހަރެންގެ އުފާތަކަށް ހުރަސް އަޅާތީއެވެ. އެއީ އަހަރެން ޤަބޫލުކުރި ގޮތެވެ. ޙަޤީޤަތަކީ ދޮންމަންމަ މަސައްކަތްކުރީ އަހަރެންނަށް ޙަޤީޤީ އުފާ ހޯދައިދޭންކަމެވެ.

އަހަރެންނަށް ނަމާދަކީ ޙަރާމް އެއްޗެއްފަދައެވެ. ނަމާދުގައި ކިޔާ އެއްޗެހި އަހަރެންނަށް ނޭނގޭ ތާނގައި ކުޑަމިނުން ނަމާދުގެ ހަރަކާތްތައްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ހުރި އަބާއްޖަވެރިކަމާއެވެ. ޤުރުއާން ކިޔަވާކަށް ނޭނގެއެވެ. ދީނުގެ ކަމެއް ދަސްކުރާކަށް ޝައުޤެއްވެސް ނުހުރެއެވެ. އަހަރެންނަކީ ފާފަވެރިއަކީމެވެ.

ދޮންމަންމައާއި ޖެހިގެން ބައްޕަވެސް އިސްލާހުވިއެވެ. އަހަރެންގެ ހަނދާން ހުންނަން ފެށިފަހުން ދުވަހަކުވެސް މާތް ﷲގެ ކިބަޔަށް ސަޖިދައެއް ނުޖަހާ އަހަރެންގެ ބައްޕަ މިހާރު ބަރާބަރަށް ނަމާދުކުރެއެވެ. ފާފަ ފުއްސެވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވައެވެ. އަހަރެންނަށް އެތައް ފަހަރަކު ބައްޕަ ރޮއިރޮއިފައި ދުޢާ ދަންނަވާ އަޑު އިވުނެވެ. އަހަރެންނަށްވެސް އެއިން އަސަރުކުރިއެވެ. އެހާ އިޚުލާސްތެރިކަމާއެކު މީހަކު ދުޢާކުރި އަޑު ކުރިން އަހަރެން އަހާފައި ނުވާތީއެވެ. އިވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އަހަރެންނަކީ ދުވަހަކުވެސް މިސްކިތަކަށް އެރި މީހެއް ނޫން ވިއްޔާއެވެ. އަހަރެންގެ ހުރި ޖާހިލުކަމާއެވެ. ބައްޕަގެ މި އާދަތަކުގެ ސަބަބުން ބައްޕަގެ މޫނުމަތިން ކުރިން ނުފެންނަ ހިނިތުންވުމާއި ހިތްހަމަޖެހުން ފެންނަމުން ދިޔައެވެ. ހިތްހަމަޖެހުމެއް ނުލިބުނީ އަހަރެންގެ ހިތަށެވެ.

މާތް ﷲ އެކި މީހުންނަށް ހިދާޔަތާއި ތެދުމަގު ދައްކަވަނީ އެކި ސިފަސިފައިގައެވެ. އެއްބަޔަކަށް ތެދުމަގު ލިބެނީ މާތް ﷲގެ ކަލިމަތައް ބޭނުންކޮށްގެން ދީނީ ޢިލްމުވެރިން ބަސްމޮށުންތެރިކަމުގެ ހުނަރާއެކު ދެއްވާ ދަރުސްތަކުންނެވެ. އަނެއް ބަޔަކަށް ފެންނަ ބިރުވެރި ހުވަފެނަކުންނެވެ. އަނެއް ބަޔަކަށް ތެދުމަގު ލިބެނީ ރީތި ރާގުރާގަށް ޅެންވެރިން ހަދާފައިވާ މަދަޙަތަކުންނެވެ. އަދި އަނެއް ބަޔަކަށް ތެދުމަގު ލިބެނީ ބަންޤީގެ ކަލިމަތަކުންނެވެ. އަހަރެންނަށް ތެދުމަގު ލިބުމަށް މެދުވެރިކުރެއްވީ ހުކުރު ޚުތުބާއެވެ.

ހުކުރު ވަގުތެވެ. އަހަރެން އޮތީ އާދައިގެ މަތިން ނިދަން އޮށޯވެއެވެ. މެނދުރުގެ އެ އަވިގަދަ ގަޑީގައި އޭސީގެ ފިނި ބާރުކޮށްލައިގެން ނިދާލުމަކީ އަހަރެންނަށް ލިބޭ އެންމެ ބޮޑު އަރާމެވެ. ހިތްހަމަޖެހުމެވެ. ދޮންމަންމަ ހުރީ ޓީވީ ހުޅުވައި ޓީވީއެމް އަށް ލާފައެވެ. ޓީވީގެ އަޑު ފުދޭވަރަކަށް ބާރުކޮށްފައި ހުރުމުން އަހަރެންގެ ކަންފަތަށް އުނދަގޫވިއެވެ. ވުމާއެކު ނިދޭގޮތެއް ނުވިއެވެ. ޓީވީ ނިވާލުމަށް ގަސްތުކޮށްގެން އަހަރެން ގޮސް ޓީވީ ނިވާލަން އުޅެއުޅެ ނިވައެއް ނުލެވުނެވެ. އަޑު މަޑުކުރަން އުޅެ އަޑު މަޑެއްވެސް ނުކުރެވުނެވެ. ރިމޯޓްގެ ބެޓެރި ބާވީކަމަށް ހީކޮށް ގޮސް ޓީވީގައިވާ ނިވާލާ ފިތަށް އޮބާލުމުންވެސް ޓީވީއެއް ނުނިވުނެވެ. އެވަރުން ނުވެގެން ގޮސް ކަރަންޓު ބޯޑުގެ ސުވިޗު ކަނޑާލަން އުޅެއުޅެ އެވެސް ކަނޑައެއް ނުލެވުނެވެ. އަޖައިބުވިއެވެ. އިރުކޮޅެއްވެސް ނުވަނީސް ބަންޤީގެ މޫރިތި ކަލިމަތައް އަޑުއިވެން ފެށިއެވެ. އެ ކަލިމަތަކުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. ކުރިންވެސް އެތައް ފަހަރަކު އަހަރެންނަށް ބަންޤީގެ އަޑު އިވުނެވެ. ނަމަވެސް އޭރު އެއްވެސް އަސަރެއް އަހަރެންނަކަށް ނުކުރެއެވެ.

ބަންޤި ނިމުމާއެކު ޚުތުބާ ފެށުނެވެ. ޚުތުބާގައި ދެއްކީ ބޮޑެތި ފާފަތަކާއި އޭގެ ނުބައިކަމުގެ ވާހަކައެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްތަކުން ހުރިހާ ކަމެއް އޮޅުންފިލުވައިދިނެވެ. ޙައްލު ބުނެދިނެވެ. އެކަންކަމުން އަވަހަށް ތައުބާވުމަށް ގޮވާލިއެވެ. އަހަރެންނަށް އިވުނު ވާހަކަތަކުން ނިދިވެސް ފިލިއެވެ. އަހަރެންނަށް އުޅެވިފައި ހުރި ގޮތްތަކާއިމެދު ފުރަތަމަ ފަހަރަށް އަހަރެންނަށް ވިސްނާލެވުނެވެ. އަހަރެންނަށް ކުރެވިފައިވާ ކުދިބޮޑު ހުރިހާ ފާފަތަކެއް އަހަރެން ޚިޔާލުގެ ސްކުރީންގައި އެނބުރެމުން ދިޔައެވެ. އަހަރެންގެ ފާފަވެރިކަމާއިމެދު ހިތާމަކުރެވުނެވެ. ތައުބާ ވާނީ ކިހިނެއްބާވައެވެ. މާތް ﷲ އަހަރެންގެ ތައުބާ ޤަބޫލުކުރައްވާނެބާވައެވެ. އަހަރެންގެ ހިތުގައި ސުވާލު އުފެދުނު ކަމަކީ މިއީއެވެ. އަހަރެން މިފަދަ ޚިޔާލުތަކެއްގައި އޮއްވާ އިވެން ފެށީ ނުހަނު ޖާދުވީ އޮމާން އަޑަކުން ކިޔަމުންދިޔަ މަދަޙައެކެވެ.

“ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް
ވިދާ އެންމެ އަލި ނޫރު ހޯދަން ހިދާޔަތް
ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް
×2
ދެދުނިޔޭން މި އަޅަމެންނަށް ލައްވާށި ރަޙުމަތް
އަބަދު ދެއްވަވާނދޭ އިލާހީ އިނާޔަތް
ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް
*****
ޙަޔާތް މުޅި އަމާންކަންމަތީ ލައްވަވާނދޭ
×2
ނުބައި ނަރަކައިން ވޭނީ އަޅު ދިންނަވާނދޭ
ރަސޫލާގެ ދެއްވާނދޭ މާތްވީ ޝަފާޢަތް
ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް
×2
*****
(އީމާންކަންމަތީ ސާފު އަޅު ލައްވަވާނދޭ
ހިތާ މޭތެރޭ މިވީ ނޫރު ލައްވަވާނދޭ)
×2
ނަސީބާ ފަލާޙު ދާއިމީ ދެއްވަވާނދޭ
×2
ސުވަރުގޭގެ ފިނިވީ ހިޔާ ދެއްވަވާނދޭ
އަޅާ ދިންނަވާފާނދޭ ދުވަހުން ޤިޔާމަތް
ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް…”

އެ މަދަޙައިގެ ޖާދޫގައި ޖެހިފައި އަހަރެންނަށް އޮވެވުނީ ހަމައެކަނި އެއަޑުގައިވި އޮމާންކަމާއި އަސަރަކުންނެއް ނޫނެވެ. އެ މަދަޙައިގައި އެ ކީ އެއްޗިއްސަކީ އޭގެ ކުޑައިރުކޮޅެއް ކުރީއްސުރެ އަހަރެންގެ ހިތުގެ ގޮވުމެވެ. އަހަރެންނަށްޓަކައި ހަދާފައިވާ މަދަޙައެއް ފަދައެވެ. އެދުވަހުގެ ހުކުރު ޚުތުބާ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ.

އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ތައުބާވާށެވެ. އުޅެވިފައި ހުރި ގޮތްގޮތުން އަހަރެންނަށް ލިބެން އޮތް ޢަޛާބުތައް އެނގުމުން ހިތަށް ބިރުވެރިކަން ވަނީއެވެ. ނަމަވެސް އަހަރެންނަކަށް ތައުބާވާނެ ގޮތެއް ނޭނގެއެވެ. އަހަރެން ނިންމީ ދީނީ ޢިލްމުވެރިއަކާއި ބައްދަލުކުރާށެވެ. އަހަރެން ދީނީ ޢިލްމުވެރިއަކާ ބައްދަލުކުރަން ދިއުމުގެ ކުރިން އަހަރެންގެ ސިފައަށް ބޮޑު ބަދަލެއް ގެނައީމެވެ. އަތާއި ފައިގައި އަޅާފައިވާ ފަށްތައް ނެގީމެވެ. ގައިގެ އެކި ހިސާބުގައިވާ އެހެނިހެން ގަހަނާތައް ނެގީމެވެ. އުނަގަނޑާއި ހަމައަށް ދިގުކޮށްފައިވާ އަހަރެންގެ އިސްތަށިގަނޑު ކުރުކުރުކޮށް ކޮށާލީމެވެ. އިންސާނެއްގެ ސިފައަށް ބަދަލުވީމެވެ. އަހަރެންގެ ސިފައަށް އައި ބޮޑު ބަދަލުން ޚުދު އަހަރެންވެސް ހައިރާންވިއެވެ. އަހަރެންގެ މި ސިފަ ފެނުމުން ދޮންމަންމަ އުފަލުން ފޮޅުނެވެ. ނަމަވެސް އަހަރެން ދޮންމަންމައަށް ރުޅި މޫނު ހަދާލާފައި ނުކުމެގެން ދިޔައީއެވެ.

ޢަޞްރު ނަމާދު ވަގުތަށް އަހަރެން ދިޔައީ ގޭ ކައިރި މިސްކިތަށެވެ. އަހަރެން ނަމާދުކުރަން ބޭނުންވި ނަމަވެސް ނަމާދުކުރަން ނޭނގޭތީ މިސްކިތަކަށް ނާރަމެވެ. ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފައިބަމުން ގޮސް އެންމެ ފަހުން ފޭބި މީހުންގެ ތެރޭގައި ޓީވީ ޗެނަލްތަކުން ފެންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ހިމެނުނެވެ. އަހަރެން މަގުގެ ދެކޮޅު ބަލާލަމުން އެ ޢިލްމުވެރިޔާއާއި ދިމާއަށް ހިނގައިގަތީމެވެ. އަހަރެން ކުއްލިއަކަށް ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓުމުން އޭނާ ސިހިފައި ބަލާލިއެވެ. އަހަރެންގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަތަން ފެނުމުން އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. ކަރުނަތަކަށް ކެތްނުވެގެން އޮހެން ފެށުމުން އެ ޢިލްމުވެރިޔާ އަހަރެންނާއި ސުވާލުކުރިއެވެ. ވީ ކީއްތޯއެވެ. އަހަރެން އެއްވެސް ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.

އެ ޢިލްމުވެރިޔާގެ ފަރާތުން އަހަރެންނަށް އެނގުނީ އަހަރެން ފާފަތައް ކުރުން ހުއްޓާލުމަށް ޢަޒުމުކަނޑައަޅައި އެކަމާ ހިތާމަކުރަން ފެށި ހިސާބުން އަހަރެންނަށް ތައުބާ ވެވިއްޖެކަމެވެ. އަހަރެންނަށް ނަމާދުކުރަން ނޭނގޭ ވާހަކަވެސް ބުނީމެވެ. އެ ޢިލްމުވެރިޔާ އަހަރެންނަށް އެހީތެރިވެ ދަސްކޮށްދޭނެކަމަށް ވަޢުދުވިއެވެ. އަހަރެން އޭގެ ފަހުން ގިނަ ވަގުތުތަކެއް އޭނައާއެކު ހޭދަކުރަމެވެ. އޭނާވެސް އަހަރެންނަށް ވަގުތު ހުސްކޮށްދެމުން ދިޔައީ އުފަލުންނެވެ. އޭނާގެ ފަރާތުން އެހެން މީހަކަށް ހެޔޮ މަގުގައި ސާބިތުވުމަށް އެހީތެރިކަން ދެވޭތީއެވެ.

އަހަރެންގެ ދިރިއުޅުމުގެ ޙާލަތު އަނެއްކާވެސް ބަދަލުވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ދޮންމަންމަގެ ވަކިވުން އަހަރެންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަހަރެންނަށް ދޮންމަންމައާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތުންނެވެ. ދޮންމަންމައާއި ދިމާއަށް ކިޔިފައި ހުރި އިހާނެތި އެއްޗެހިންނެވެ. ހަމަހޭގައި ހުރެގެން ނޫނަސް ދޮންމަންމައަށް ކުރެވިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އަހަރެންގެ ހިތާމައިގައި އަހަރެންގެ އެކުވެރިއެއްގެ މަޤާމުގައި ހުރި ޢިލްމުވެރިޔާ ބައިވެރިވިއެވެ. އަހަރެންނަށް ހިތްވަރުދީ ނަޞޭޙަތްދިނެވެ. ދޮންމަންމައަށް ހެޔޮދުޢާ ކުރުމަށް ނަޞޭޙަތްތެރިވިއެވެ.

އަހަރެންގެ އެކުވެރިޔާގެ ބަސްއަހައިގެން އަހަރެންގެ ޙަޔާތަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން އަހަރެންގެ މޫނުމަތިން ހިތްހަމަޖެހުމާއި އުފާވެރިކަން ފެންނަން ފެށިއެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރެވި ޢަޒުމު ވަރުގަދަވާން ފެށިއެވެ. ހިތަށް އުފާވެރިކަން ލިބުނެވެ. އެދުވަހަށްފަހު އަހަރެން އުޅެމުން ދިޔައީ މާތް ﷲ އެންގެވި ގޮތަށެވެ. ފާފައެއް ކުރެވިދާނެކަމަށް އަހަރެން ހުންނަނީ އަބަދުވެސް ތައްޔާރުވެގެންނެވެ. ސަލާމަތަށް އެދިގެން މާތް ﷲގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި އަހަރެން ދެމިހުރީމެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 7

Next

އެވްލީން… 20

Next
October 28, 2018

އެވްލީން… 20

Previews
October 28, 2018

ހޯދޭތޯ މަންޒިލެއް… 7

20 Comments!

  1. Shaya says:
    October 28, 2018 at 9:48 am

    Masha allah…varah furihama…

    1. Saandy says:
      October 28, 2018 at 9:51 pm

      Shukuriyya Shaya 🙂

  2. Aish says:
    October 28, 2018 at 10:27 am

    Maa Shaa allah

    1. Saandy says:
      October 28, 2018 at 9:51 pm

      Shukuriyya Aish 🙂

  3. Naaya says:
    October 28, 2018 at 1:53 pm

    Maasha Allah.im speechless. Mi vaahaka varah varah reethi

    1. Saandy says:
      October 28, 2018 at 9:51 pm

      Shukuriyya Naaya 🙂

  4. anonymouse says:
    October 28, 2018 at 2:27 pm

    maasha allah..may allah guid us all to the right path..saandy im impressed as usual vrh furihama..btw can u tell me madhahaige name?

    1. Saandy says:
      October 28, 2018 at 9:52 pm

      Thank You dear.. “Dhuaa” madhaha albumge “Dhuaa” madhaha mee 🙂

  5. Ibsha says:
    October 28, 2018 at 7:35 pm

    Maasha Allah

    1. Saandy says:
      October 28, 2018 at 9:54 pm

      Shukuriyya Ibsha 🙂

  6. # says:
    October 28, 2018 at 9:02 pm

    Maasha Allah

    1. Saandy says:
      October 28, 2018 at 9:54 pm

      Shukuriyya dear 🙂

  7. Hajja says:
    October 28, 2018 at 10:40 pm

    Maasha Allah.. rovijje… V furihama story eh.. thibaa thi kuri masahkathugai maai Allah barakaaiy lavvaashi @saandy???

    1. Saandy says:
      October 29, 2018 at 6:15 am

      Aameen 🙂 Shukuriyya Hajja 🙂

  8. rau says:
    October 28, 2018 at 10:54 pm

    varah furihama vaahaka eh.. keep it up

    1. Saandy says:
      October 29, 2018 at 6:16 am

      Shukuriyya rau 🙂

    2. ? rau?❣❤ says:
      October 29, 2018 at 6:25 am

      Maruhabaa?

    3. Saandy says:
      October 29, 2018 at 7:26 am

      🙂

  9. Anonymous says:
    October 28, 2018 at 11:41 pm

    varah furihama ibrah thyri vaahakaeh☺☺

    1. Saandy says:
      October 29, 2018 at 6:16 am

      Shukuriyya dear 🙂

Comments are closed.



All Right Reserved!