ނީތާ
“ބަލާއެއްނު.. ހަމަ ބޭރަށް ދާން ނުކުންނައިރަށް ތި ލެކްޗަރުފަތި އަމުނައިގަންނަންވޭތަ؟ މަ އުޅޭނީ މަ ބޭނުން ގޮތަކަށް.. މިކަމަކާ އެކަކަށްވެސް ނުބެހެވޭނެ.. ކޮންފަދަ ބަލާވެރިކަމެއްތަ މީ؟ މަގޭ ހިތަށް އަރާ މަށަށް މި ބަލާވެރިކަމުން ސަލާމަތްވެވޭނީ ކޮން ދުވަހަކުންބާއޭ؟” ނީތާ ހަޅޭއްލަވައިގަތީ އޭނާގެ މަންމައާއި ދިމާއަށެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ބަސްމަގު ހުރިގޮތުން ނަޖުމާގެ ލޮލުން ކަރުނަ އޮހިގަތެވެ.
“އަދި ހަމަ އެއްޗެކޭ ބުނާއިރަށް ހޭރެން ފަށާނެ.. މަގޭ ހިތަށް އަރާ ކާކަށް ދައްކަންބާއޭ ކަމެއް ވާއިރަށް ހޭރިގަންނަނީ؟” ނީތާގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. ހިތުގައި ޖެހިފައި ހުރިވަރުން ނަޖުމާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ނީތާ އަނގަޔަށް ނުބައި ވައްތަރެއް ޖައްސައިގަނެފައި އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އަތުގައި ހުރި ބާރެއްލައި ދޮރު ޖަހާފައި ނުކުތެވެ.
ނީތާ ނުކުތްއިރު އޭނާގެ އިންތިޒާރުގައި ކަޅު ކުލައިގެ ޕްރައިވެޓު ކާރެއް އޮތެވެ. އެއީ އޭނާގެ އެމީހެއްގެ ލޯތްބަށްޓަކައި މޮޔަވެފައިވާ އަސްލަމްގެ ކާރެވެ. އަސްލަމްއަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ނީތާ އޭނާއާއި ގުޅުނީ ހަމައެކަނި އޭނާގެ މުދާވެރިކަމުގެ ސަބަބުންނެވެ. މުއްސަންޖަކާއި ކައިވެނިކޮށް އަރާމު ދިރިއުޅުމެއްގައި އުޅުމަކީ އޭނާގެ އަބަދުވެސް ހުވަފެނެކެވެ.
ނީތާ ލާފައިވާ ރަތްކުލައިގެ ކުރު ޓޮޕުކޮޅު ބަނޑުގެ ފޫޅާއި ހަމައަށް ހުރިއިރު އެ ޓޮޕުކޮޅުގެ އަތެއްވެސް ނެތެވެ. ޓޮޕުކޮޅުގެ މޭމަތީގައި ރަތްކުލައިގެ ވިދާ އެސްތަކެއް ހުރުމުން އަޅައިގަންނަ ގޮތެއް ހުރެއެވެ. ނީތާ ލާފައިވާ ގަޔަށް ބާރު ކުރު ސްކާރޓްކޮޅުގެ ސަބަބުން އޭނާގެ ދޮން ދެފައިގެ ފަލަމަސްގަނޑުން ބޮޑު ބަޔަކާއިއެކު ތިރި އެއްކޮށް އޮތީ ހާމައަށެވެ. ކަންފަތުގައި ލާފައިވާ ރަތްކުލައިގެ ކަންފަތުލާ މުދި އޮތީ ކޮނޑުގައި ޖެހޭވަރަށް ދިގުކޮށް އެލިފައެވެ. ނޭފަތް ތޮރުފާލާފައި ހުރިއިރު އެހެއް ލައްވާފައި ހުއްޓެވެ. ދެއަތުގައި ހުދާއި ރަތްކުލައިގެ ވިދާ ތަނޑިބައެއް އަޅާފައި އޮތްއިރު ކޮނޑާއި ހަމައަށް އަރާ އޭނާގެ ފަން އިސްތަށިގަނޑުގައި ވަނީ ރަތްކުލައިން ހައިލައިޓުކޮށްލާފައެވެ. ރަތްކުލައިގެ ކަށި ފައިވާނަކަށް އަރާފައިވާއިރު ނީތާ ހީވަނީ ހިންދީ ފިލުމުތަކުން ފެންނަ ބަތަލާއަކު އޭނާގެ ބައިވެރިޔާއަކާއެކު ކެއުމަކަށް ދާން ތައްޔާރުވެގެން އިންހެންނެވެ.
“ވާއު.. ސޯ ސެކްސީ..” ނީތާ ކާރަށް އަރައި ހަމަޖެހުލުމުން އަސްލަމް ބުނެލިއެވެ. ނީތާ އަސްލަމްގެ ކޮނޑުގައި ޖަހާލުމުން އަސްލަމް ހިނިގަނޑެއް ޖަހާލަމުން ކާރު ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އަސްލަމްއަށް އިރުއިރުކޮޅާ ނީތާއަށް ބަލާލެވެއެވެ. ބައެއްފަހަރު ނީތާގެ ދޮންދޮން ފަލަމަސްގަނޑަށް ބަލާލެވޭއިރު އަނެއްބައި ފަހަރު ނީތާގެ މޭމައްޗަށެވެ. ލާފައިވާ ނިވާކަންކުޑަ ހެދުމުގެ މަތިކޮޅު ކުޑަކޮށް ތިރިވެފައި އޮތުމުން އަޑިންލާ ފޭރާމުގެވެސް ބޮޑުބައެއް ހާމަވެއެވެ. އަސްލަމް ނީތާއަށް ބަލާލަނީ ދަހިވެތި ނަޒަރަކުންނެވެ.
އަސްލަމް ނީތާ ގޮވައިގެން ދިޔައީ އޭނާގެ ގެޔަށެވެ. އެ ގަނޑުވަރެއްފަދަ ބޮޑު ގެޔަށް ވަދެވުމާއެކު އަސްލަމް ނީތާގެ ގައިގައި ބައްދައިގަތެވެ. ނީތާވެސް ދެކޮޅެއް ނުހަދައެވެ. އޭނާވެސް ހުރީ އަސްލަމްގެ ފަރާތުން އެފަދަ ބީހުންތަކަކަށް އެދިއެދިއެވެ. އަސްލަމް ނީތާ އޭނާއާއި ދިމާއަށް އަނބުރާލަމުން ތުންފަތުގައި ބޮސްދިނެވެ. ނީތާވެސް ފުރިހަމައަށް އަސްލަމްގެ އެ ހަރަކާތުގައި ބައިވެރިވީއިރު ހުށަހެޅުނީ ކިހާވަރެއްގެ ބޮޑު ފާފައަކަށްކަން ވިސްނިހެނެއް ހިއެއްނުވެއެވެ. އަސްލަމްގެ ހަރަކާތްތައް އަވަހެވެ. އޭނާގެ ދެއަތުން ނީތާގެ ޓޮޕުކޮޅު ބާލައި މުށިތަކުމައްޗަށް އެއްލާލާފައި ސްކާރޓްކޮޅުވެސް ދަމައިގަތެވެ. އޭނާގެ ހަށިގަނޑުން ފޭރާންތައް ވަކިވުމާއެކު މަލުގެ ކަރުގަނޑަށް ކަށި ކޮއްޕާލީ އަވަހަށް ފޮނިކޮޅު ބޯލުމަށެވެ. ހަރަކާތްތައް އަވަސްވެފައި އިހުސާސްތައް ފުންވަމުން ގޮސް ހަށިގަނޑަށް އަރާފައިވާ ބާރުގަނޑު ނެތުނުއިރު އޭނާގެ ހަށިގަނޑަށް ވެރިވެފައިވީ ލޮޑުކަމުގައި އިރުގަނޑަކު އޮވެވުނެވެ.
“އާލް.. އަޅެ ކީއްވެތަ؟ މަ ޕްރެގް ވެއްޖެއްޔާ ކިހިނެއް ހަދާނީ؟” ނީތާ ކަންބޮޑުވުން ފާޅުކުރިއެވެ.
“ސޮރީ ނީތޫ.. ހަމަ ކޮންޓްރޯލުނުވީ.. ކަންބޮޑުނުވޭ.. ނީތޫ ޕްރެގްއެއް ނުވާނެ.. ވެއްޖެއްޔާ އެބޯޓްކޮށްލާނީ.. އަހަރެން އެކަން ކޮށްދޭނަން.. ނުވެއްޖެއްޔާ އަހަރެން ނީތޫއާ މެރީ ކުރާނަން..” އަސްލަމް ބުންޏެވެ. ނީތާވެސް ހިތްހަމަޖައްސާލީ އޭނާ ދުނިޔޭގެ ލަދުން ސަލާމަތްވާނެކަން އެނގުމުންނެވެ.
އެރެއަށްފަހު އަސްލަމްގެ ފަރާތުން ކޮންމެ ރެޔަކުވެސް ނީތާއަށް ދުނިޔަވީ އަރާމު ލިބެއެވެ. އުފާ ލިބެއެވެ. އަސްލަމް އެކަން ކުރަނީ ހަމައެކަނި އޭނާގެ ހަށިގަނޑުގައި ކެކެމުންދާ ހައިޖާނުގަނޑަށް ލުޔެއް ހޯދަންކަމެއް ނީތާއަކަށް ނޭނގެއެވެ. ނީތާ ހީކުރާ ގޮތުގައި އަސްލަމް އޭނާދެކެ ލޯބިވެއެވެ. ނަމަވެސް އަސްލަމް ނީތާދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެއެވެ. އޭނާ ބޭނުންވަނީ ނީތާގެ ހަށިގަނޑުން އުފާ ހޯދާށެވެ. އޭނާގެ ކަރުހިއްކުން ފިލުވާށެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ތިންމަސް ވީތަނާ ނީތާއަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެން ފެށިއެވެ. ބޯއަނބުރާ ހޮޑުލަވާ ގޮތްވުމުން ކަންބޮޑުވިއެވެ. އޭނާގެ ހަށިގަނޑަށްވެސް އަންނަމުންދިޔަ އާދަޔާ ޚިލާފު ބަދަލުތަކުން ބައެއް މީހުން އޭނާއާއިމެދު ޝައްކުގެ ނަޒަރުން ބަލައެވެ. ޚުދު އޭނާގެ މަންމަވެސް އޭނާއަށް ޝައްކުކުރެއެވެ.
ނީތާގެ މައްސަރު ކަންތައް ނުޖެހި ދުވަސް ފަހަނައަޅާ ދިޔުމުން އޭނާ ބަލިވެ އިނީކަމުގައި ޔަޤީންކުރެވުނެވެ. ނަމަވެސް އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބޭސް ފިހާރައަކުން ކިޓެއް ގަނެގެން ޓެސްޓް ކުރިއެވެ. ޖަވާބު ލިބުނު ހިނދު އޭނާ ނުހަނު ކަންބޮޑުވިއެވެ.
“އަސްލަމް! އައިމް ޕްރެގް.. ޕްލީޒް ހެލްޕް މީ..” ނީތާ އާދިލްއަށް ގުޅައި ވަރަށް އާދޭހާއެކު އެދުނެވެ.
“މިރޭ އަހަރެން ގުޅާނަން ބޭސް ހޯދާފައި.. ސަތޭކަ ޕަސެންޓް ޔަޤީން އެއްޗެއް އެއީ.. އެއްގުޅަ ކާލާއިރަށް ތިކަން ނިމޭނެ..” އާދިލް ބުނެލިއެވެ. ނީތާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
ނީތާ އިންތިޒާރު ކުރަމުން ދިޔައީ އާދިލްގެ ފޯނު ކޯލަކަށެވެ. އޭނާ ދުނިޔެއަށް ގިނަވުމުގެ ކުރިން އެކަމުން ސަލާމަތްވާން އޭނާ ބޭނުންވިއެވެ. ފާފައިގެ މައްޗަށް ފާފަ ކުރަން ވިސްނަމުން ދާއިރުވެސް އޭނާ އެކަމަކާ ކަންބޮޑެއް ނުވެއެވެ. ކަންބޮޑު ވާނީ އިސްލާމީ އެއްވެސް ސިފައެއް ގައިގައި ހަރުލާފައި ހުރިނަމައެއް ނޫން ހެއްޔެވެ؟
އެރޭގެ ބަރާބަރު އަށެއް ޖެހިއިރު އަސްލަމް ނީތާއަށް ގުޅިއެވެ. ގުޅާފައި ބޭސް ލިބުނު ވާހަކައާއި ނީތާ ބަލައި ފަނަރަ ވަރަކަށް މިނެޓު ފަހުން ދާނެކަމަށް ބުންޏެވެ. ނީތާވެސް އެންމެ ރަނގަޅުކަމަށް ބުނެފައި ތައްޔާރުވެލިއެވެ. ނީތާގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކުގެ ސަބަބުން އޭނާއަށް ޝައްކުވީ ހިސާބުން ފެށިގެން އޭނާ ލައި އުޅެނީ ގަޔަށް ތަންކޮޅެއް ދޫ ހެދުންތަކެވެ. އެހެން މީހުންނަށް ޝައްކު ވެދާނެތީއެވެ.
ފަނަރަ މިނެޓު ފަހުން އަސްލަމް ނީތާއަށް ގުޅާފައި ތިރިއަށް ފައިބަން ބުންޏެވެ. އޭނާ ހުރީ އެގޭ ދޮރުމަތީގައި ކަމަށްވެސް ބުންޏެވެ. ނީތާ އަވަސްއަވަހަށް ނުކުތްއިރު ނަޖުމާ ސިޓިންގރޫމުގައި ހެދުމެއް ފެހުމުގައި އިނެވެ. ނީތާއަށް ބަލާލުމަށްފަހު އޭނާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނަޖުމާ އެއްވެސް އެއްޗެކޭ ނުބުނުމުން ނީތާ ހައިރާންވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާ ބޭރަށް ދާން ނުކުންނަ ކޮންމެ ފަހަރަކު ނަޖުމާގެ އެތައް ޝަކުވާއެއް، އެތައް ނަޞޭޙަތެއް އަޑުއަހަން ޖެހޭ ވިއްޔާއެވެ. ނީތާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބޭރަށް ނުކުތެވެ.
ނީތާ ބޭރަށް ނުކުތްއިރު އޭނާގެ އިންތިޒާރުގައި އަސްލަމް އިނެވެ. ނީތާ ގޮސް ކާރަށް އެރުމާއެކު އަސްލަމް ކާރު ދުއްވާލިއެވެ. ކާރުގެ މިސްރާބު ހުރީ އަސްލަމްގެ ގެއަށެވެ. ގެޔާއި ހަމައަށް ދެވެންދެންވެސް ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ކަހަލައެވެ. ކާރު މަޑުކޮށްލުމާއެކު ނީތާ ކާރުން ފޭބިއެވެ. އަސްލަމް ކާރު ޕާކުކޮށްފައި އައިސް ނީތާގެ އަތުގައި ހިފައިގެން އޭނާގެ ގެއަށް ވަނެވެ.
ގެއަށް ވަނުމާއެކު އަސްލަމް ނީތާގެ ގައިގައި ބައްދާލިއެވެ. އެ ބައްދާލުގައި ހުރި ގޮތަކުން އަސްލަމްގެ ބޭނުމަކީ ކޮބައިކަން އެނގުމުން ނީތާ އަސްލަމްގެ އަތުގައި ހިފާ ދުރުކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަނެއްކާވެސް ނީތާގެ ގައިގައި ބައްދާލިއެވެ.
“ނީތޫ ޕްލީޒް..” އަސްލަމް މަސްތީ ރާގެއްގައި ބުންޏެވެ.
“ނޫން އަސްލަމް.. ވިސްނާލަބަލަ.. އަހަރެން މިހާ ކަންބޮޑުވެގެން އުޅޭއިރުވެސް އަސްލަމް ހިޔެއްނުވޭ އެހާ ކަންބޮޑުވެގެން އުޅޭހެނެއް.. ބަލާބަލަ އަހަރެންގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް.. މިހާރު ބައެއް މީހުން ޝައްކުވެސް ކުރޭ.. މުޅި ދުނިޔެއަށް އަހަރެން ބޭޒާރުވީމަތަ އަސްލަމް އަހަރެންނަށް އެހީވާން ތި ހުންނަނީ؟ އަހަރެން ބޭނުން މީހުންނަށް އެނގުމުގެ ކުރިން މިކަމުން ސަލާމަތްވާން.. ޕްލީޒް ހެލްޕް މީ..” ނީތާއަށް ރޮވުނެވެ.
“އަހަރެން ނީތޫ މި ގެނައީވެސް ހެލްޕް ވާކަށްނު.. އަޅެ ހިނގާބަލަ.. އަހަރެން ބުނީމެއްނު ބޭސްވެސް ހޯދާފަ ހުންނާނެ ވާހަކަ.. ހިނގާ ދައްކާނަން.. އޭރުން ނީތޫއަށްވެސް ޤަބޫލު ކުރެވޭނެ އަހަރެން މި ހަދަނީ ދޮގެއް ނޫންކަން..” ނީތާގެ އަތުގައި ހިފަމުން އަސްލަމް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަދި ނީތާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ނީތާވެސް ދެކޮޅެއް ނުހަދައެވެ. އަސްލަމް އޭނާއަށް ދެރަގޮތެއް ނުހަދާނެކަން އޭނާ ޔަޤީންކުރެވުނީތީއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދޮރު ތަޅުލާފައި އަސްލަމް ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. ގޮސް އަލަމާރީގެ ތަޅުލާ ވަތްގަނޑަކުން ބޭސް ކާޑެއް ނަގައި ނީތާގެ އަތަށް ދިނެވެ. ނީތާއަށް އޭގައިވާ ނަން ކިޔާލެވުމާއެކު ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ އަސްލަމްއަށް ބަލާލާފައި ހިނިތުންވެލީ ޝުކުރުވެރިކަމާއެކުއެވެ.
“ދެން މިހާރު އަހަރެން އެދޭ ކަންތައް ކޮށްދެވިދާނެތަ؟” އަސްލަމް އެހެން ބުނެލުމާއެކު ނީތާ ބޯޖަހާލިއެވެ. އެޔާއެކު އަސްލަމް އައިސް ނިތާއާއި ދިމާއަށް ގުދުވެލިއެވެ.
**********
ނީތާ ގެޔަށް ދިޔައިރު ނަޖުމާ ބަދިގެތެރޭގައި އުޅެއެވެ. ނީތާ ގާތުގައި ކާނަންތޯ އެހުމުން ނީތާ ރުންކުރު ރާގެއްގައި އޭނާ ނުކާނަން ކަމަށް ބުނެލިއެވެ. ދަރިފުޅުގެ އުޅުމާއިމެދު ނަޖުމާ ހިތާމަކުރެއެވެ. ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތްކަންވެސް އޭނާއަށް އެނގެއެވެ. ދަރިފުޅުގެ އުޅުން އިސްލާޙުކޮށްދެއްވުން އެދި މާތް ﷲއަށް ދުޢާ ދެންނެވުން ނޫންކަމެއް އޭނާއަކަށް ކުރެވޭކަށް ނެތެވެ.
ހަފުތާއެއް ވީއިރުވެސް ނީތާއަކަށް އެކަމަކުން ސަލާމަތެއް ނުވެވުނެވެ. އެކަމުގެ ނިޝާނެއްވެސް ނުފެނުނެވެ. އެހެންކަމުން އޭނާ އަލުން އަސްލަމްއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު ނިއްވާލާފައި އޮންނާތީ ގުޅޭ ގޮތެއް ނުވިއެވެ. ނަންބަރު ބަދަލުކުރީ ކަމަށް ހީކޮށް ބެލިއިރު ފޭސްބުކް އައިޑީ ވަނީ ޑިއެކްޓިވޭޓް ކޮށްލާފައެވެ. ވައިބަރ އިން އެންމެ ފަހުން އޮންލައިން ވެފައި ވަނީވެސް އޭގެ ދެހަފުތާ ކުރިންނެވެ. ނީތާއަށް ގޮތް ހުސްވިއެވެ. އަސްލަމް ހޯދަން އެގެއަށް ދާން ނިންމީ އޭނާއަށް ގުޅޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
ހަމަ އެދުވަހު ނީތާ އަސްލަމްގެ ގެއަށް ދިޔައެވެ. އެގެއަށް ގޮސް ބެލް އެޅި އަދަދެއްވެސް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އެދުވަހު އެކަނިވެސް ނީތާ ދެތިން ފަހަރަށް އެގެއަށް ދިޔައެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ. ތިންވަނަ ފަހަރު އެގޭ ކައިރީ ދިރިއުޅޭ މީހަކު އެދުވަހު ނީތާ މާގިނައިން އެގޭ ކައިރިން ފެންނާތީ ކީއްކުރަނީތޯ އަހާލިއެވެ. އަސްލަމް ހޯދަން ކަމަށް ބުނުމުން އޭނާ ހެނދުނު ހެނދުނާ ފޮށި ހިފައިގެން ދިޔަތަން ފެނުނު ވާހަކަ އެމީހާ ބުންޏެވެ. ނީތާގެ ހިތްވަރު އެލުނެވެ. އަސްލަމްއާއިމެދު އޭނާއަށް ކުރެވުނީ ކުށްހީއެއްކަން އޭނާއަށް ޔަޤީންވީ އެހިސާބުންނެވެ. އަސްލަމްއަކީ ފައްކާ މާބުރެކެވެ. ހިތްފުރޭވަރަށް މަލުން ފޮނި ބޮއިގެން މާބުރު އުދުހި ފިލީއެވެ. ރަޙުމެއް ނެތިއެވެ.
އެދުވަހުގެ ފަހުން ނީތާ ގެއިން ބޭރަކަށް ނުނިކުމެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. ދުވަސްވަމުން ދިޔަ ވަރަކަށް ނީތާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދިޔައީ އިތުރުވަމުންނެވެ. ބަނޑު ނުކުންނަން ފެށުމުން އޭނާ އުޅެނީ ބަނޑުގައި ފޮތި ބަނދެގެންނެވެ. އެއްދުވަހެއްގެ މެންދުރު ވަގުތު ނީތާއަށް ބަދިގެއަށް ވަދެވުނު ވަގުތު ބަތް ތަވާ ކެކޭ ވަހަށް އޯކާ ދެމިގަތެވެ. ނަޖުމާއަށް އިތުރަށް ޝައްކުވިއެވެ.
“ނީތާ ބަނޑުބޮޑު ދޯ؟” ނަޖުމާގެ ސުވާލުން ނީތާ ސިހުނެވެ. ނަޖުމާގެ ކޮންމެ ބަހަކަށް ރައްދު ދެމުން ދިޔަ ނީތާއަށް މިއަދު ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާއަށް ބުނެވޭނީވެސް ކީކޭ ހެއްޔެވެ؟ އޭނާ އިނީ ބަލިވެއެވެ. ކިތަންމެ ސިއްރުކުރަން އުޅުނަސް އަބަދަކު ސިއްރެއް ނުކުރެވޭނެއެވެ. ތަޖުރިބާގެ އަލީގައި ނަޖުމާ ބުނި އެންމެ ޖުމުލައަކުން ނީތާގެ އަނގަ ބަންދުވީއެވެ. ނީތާގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން ނަޖުމާއަށް ޖަވާބު ލިބުނެވެ. އޭނާގެ މެޔަށް ތޫނު ތަދެއް އެރިއެވެ. މޭގައި އަތް އަޅާލެވުމާއެކު އޭނާ ވެއްޓުނެވެ. ނަޖުމާ ވެއްޓެމުންދިޔަ ވަގުތު ނީތާއަށް މަންމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ.
“މަންމާ.. މަންމާ..” ނަޖުމާގެ ކައިރީގައި ދެކަކޫ މައްޗަށް އިށިނދެ އިނދެ ނީތާ ރޮމުން ގޮވަމުން ދިޔައެވެ. ނީތާ ބަލިވެ އިން ޚަބަރާއިއެކު ލިބުނު ޝޮކުގައި ނަޖުމާ މިދުނިޔެއާއި އަލްވަދާޢު ކީއެވެ.
“މަންމާ.. އަހަރެންނަށް މާފުކުރޭ..” ނީތާއަށް ހެޔޮވިސްނުން ލިބުނެވެ. ނަމަވެސް ވަގުތު ފާއިތުވީ ފަހުންނެވެ. މަންމަ އެދުވަހު ދިންހާ ނަޞޭޙަތަށް ބީރު ކަންފަތެއް ދެވުނީތީ މިއަދު ނީތާ ހިތާމަކުރެއެވެ. މަންމައާއި މުއާމަލާތު ކުރެވުނު ގޮތާއިމެދު ލަދުވެތިވެއެވެ. މަންމަގެ ހިތް ހަލާލު ނުލިބި މަންމަ ދުނިޔެއިން ވަކިވީތީ ހިތާމަކުރިއެވެ. މަންމަގެ ހިތުގައި ޖެއްސުނީތީ ހިތާމަކުރެއެވެ. މަންމައަށް އިހާނެތިކޮށް ހިތައި ބަސްނޭހުމުގެ ނަތީޖާ ކިހާ ހިތިކަން އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ.
(ނިމުނީ)
10 Comments!
Comments are closed.






nice.when next part
Thank You Pinky.. This story is finished 🙂
She is right. I read it from there when he/she uploaded on that site. Good luck Saandy
Thank You Psenhi 🙂
Saandy is right. I read it from there when u uploaded on that site. Good luck Saandy
Thank You Psenhi 🙂
Masha Allah ..varah reethi iburahtherei story eh Mee?
Thank You maaee 🙂
Kithanme ginain vaahaka kiyas hama thi beyfulhaa nukiyaa vaahaka eh indhedaane
Ran’galhu vaahakaeh @Lovely thibuny 🙂