Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީލޯބި

ޤުރުބާނީގެ އަގު

Faathii Level 410 Stories100 Comments100 Login
October 26, 2018 9 Mins Read
19 Comments

މުޅި ހިސާބުގަނޑުގައިވަނީ ހަމަހިމޭންކަމެވެ. ކޮންމެވެސް ހިސާބަކުން ކާރެއްގެ ބަރުގަނު ނުވަތަ ސައިކަލެއްގެ ބަރުގޮނު އަޅާލާ އަޑު އިވިދާނެއެވެ. އެ ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. އެއްބަޔަކަށް އެ ހަމަހިމޭންކަމުން ފަޅުކަން އިހްސާސް ކުރެވުނު ނަމަވެސް އަނެއްބަޔަކަށް އެފަދަ ހަމަހިމޭންކަންވަނީ ހިތުގެ ހަމަޖެހުން ކަމުގައެވެ.

ނުސައިބާ އޮތީ އޭނާގެ ހަމަހިމޭން ކޮޓަރީގެ އެނދުގައި ހަމަޖެހިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. “ކުރާނީ ކީއް ހެއްޔެވެ؟ ވިސްނައިދޭން ކުރާނެހާ މަސައްކަތެއް ކުރެވިއްޖެއެވެ. އެކަމަކު އެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އޭނާގެ ހިތަކަށް ކުޑަވެސް އަސަރެއް ނުކުރާ ކަހަލައެވެ. ދެން މިކަމުގައި އަހަންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތީ ހެއްޔެވެ؟ އަދިވެސް ހުއްޓާނުލާ ދުޢާ ކުރުން މަތީ ހުންނާނީއެވެ. ކެތްތެރި ކަމާއިއެކު ވިސްނައިދެވޭތޯ ބަލާނީއެވެ.” އެ ޚިޔާލުތަކުން ނުސައިބާއަށް މިހާރު ދުރަށްދެވޭ ވަގުތެއް ވަރަށް މަދެވެ.

ނުސައިބާ އާޢި ރިޔާޒް ސްކޫލު ނިމުމަށްފަހު ލޯބީގެ ގޮތުން ގުޅިގެން ތިން އަހަރު އުޅުމަށްފަހު ކައިވެނިކުރީ ދެމީހުންވެސް ނުލާހިކު ލޯބިންނެވެ. އަދި މިހާރު ކައިވެންޏަށް 4 އަހަރު ވެ ދެއަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުރެއެވެ. މިއޮށް ހުރިހާ ދުވަހުވެސް ކުދިކުދި މައްސަލަތައް ދެމީހުންގެ ދޭތެރޭ ޖެހުނު ނަމަވެސް އެ މައްސަލަތައް ހައްލުވެ ދެމީހުން އުޅެމުން އައީ ނުލާހިކު އެކުވެރިކޮށެވެ. ނަމަވެސް މިއަދު ހާލަތު ބަދަލު ވެއްޖެއެވެ.

ނޫންނަމަ ބަދަލުވީ ނުސައިބާ އެވެ. ރިޔާޒް ހުރީ ހަމަ އޭނާގެ ގޮތުގައެވެ. ނުސައިބާއަށް ފުރަތަމަވެސް ތައާރަފްވި ގޮތުގައި އިތުރު ބަދަލެއް ނައިސްއެވެ. ރިޔާޒް ބުނާގޮތުން އަދިވެސް އޭނާގެ ލޯތްބަކަށްވެސް ބަދަލެއް ނާދެއެވެ. އާނއެކެވެ. ބަދަލު ވެވުނީ ނުސައިބާ އަށެވެ. ފާއިތުވި ދިޔަ ދުވަސްތަކުގައި ދިމާވެ، ފެނި އަދި ތަޖުރިބާ ކުރެވުނު ކަންކަމުން ނުސައިބާގެ ލޯވަނީ ހުޅުވިފައެވެ. އުޅެވެމުން އައީ ރަނގަޅު ގޮތައް ނޫންކަން ވިސްނުނީ ދާދި އިހަކަށް ދުވަހުއެވެ. އެ އިހްސާސްތައް ހިތުގައި އުފެދުނީއްސުރެ ނުސައިބާއަކަށް ހަމަ ނިންޖެއް ނުނިދެއެވެ. އަބަދުވެސް ވިސްނެނީ އޭނާގެ ދިރިއުޅުމާއި ދޭތެރޭގައެވެ.

އުޚުރަވީ ޙަޔާތާއިމެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި މިއޮށް ހުރިހާ ދުވަސް ހޭދަވެގެން ދިޔަ ގޮތާއި މެދުގައެވެ. ނަމާދެއް ނުކުރާތާ ޤުރުއާން ފޮތުން އަކުރެއް ކިޔާލި ދުވަހެއް ހަނދާނެއް ނުވެއެވެ. ނަމަވެސް އެ ކަންކަމުން ލިބޭނެ ފާފަ އިހްސާސް ކުރެވެމުން ދިޔަ ވަރަކަށް ނުސައިބާ މަޑުމަޑުން އޭނާގެ ދިރިއުޅުން ބަދަލު ކުރަން ފެށިއެވެ. ނަމާދުތައް ވަގުތުގައި އަދާކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އަދި ދުވާލަކު ނުވަތަ ހަފްތާޔަކު އެއްފަހަރު ނަމަވެސް ޤުރުއާނުގެ އަކުރެއް ކިޔޭވޭތޯ ބެލިއެވެ.

ﷲގެ ހެޔޮ ރަޙްމަތުން މިއަދު އެވަނީ އޭނާގެ ދިރިއުޅުން ބަދަލުކޮށް އިސްލާމްވަންތަ ދިރިއުޅެއް އުޅެން ފަށާފައެވެ. ނަމަވެސް ދެރަވަނީ އަދި ވިސްނެނީވެސް ރިޔާޒް އާއި ދޭތެރޭގައެވެ. އޭނާ ހަމަ އެއްގޮތަކަށްވެސް ނަމާދެއް ނުކުރެއެވެ. އެންމެ ކުރީންސުރެވެސް އޭނާއަކީ ފަހުގެ ފެޝަންތަކަށް ލޯބިކުރާ، ގަދަޔަށް ލަވަ އަޑުއަހާ، ގަދަ ފިލްމުތައް ބަލަން އާދަވެފައިވާ ފިރިހެނެކެވެ. ފަހަރެއްގައި އޭނާއަށް ހެޔޮމަގައް ފިޔަވަޅެއް ނޭޅިގެން އެއުޅެނީ އެ އާދަތަކާއި ހެދިއޭ ނުސައިބާ ވަރަށް ހިތައް އަރައެވެ. ސަބަބަކީ ނުސައިބާއަށްވެސް އެ މަގަށް އަޅަންވީ ފިޔަވަޅު އެޅުނީ އެތައް ޤުރުބާނީ އެއް ވެގެންނެވެ. ހިތުގައި ކުރެވޭ ފާފަތައް އިހްސާސްވީ ނަމަވެސް އެ ފާފަތަކުން ދުރުވުންވީ ވަރަށް އުނދަގޫ ކަމަކަށެވެ.

ޓީވީން ބަލަން ނުވާ މަންޒަރުތައް ބެލުމާއި، އިންޓަރނެޓް ފަދަ ބޭކާރު ކަންކަމުގައި ހޭދަކުރާ ވަގުތު މަދުކޮށް، ދީނީ ފޮތްތަކާއި، ދީނާއިބެހޭ ސުވާލާއި ޖަވާބުތައް ކިޔައި އަދި އެކިއެކި ސައިޓް ތަކުން މައުލޫމާތު ކިޔަން ފެށުމުން ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަމާއި، ސުވަރުގެ ލިބެން ބޭނުންވި ވަރުންނާއި، ﷲގެ ހެޔޮ ރަޙްމަތް އިހްސާސް ކުރެވުމުން އެކަންކަމުން ދުރުވާން ހިއްވަރު ލިބި މަސައްކަތް ކުރެވުނެވެ. އެހެންކަމުން ރިޔާޒް އެފަދަ ދީނީ އެއްވެސް އެއްޗެއް ނުކިޔާއިރު، ދީނީ ޚިޔާލުތައް ސިކުނޑިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ އަދި އެ ޚިޔާލުތައް ސިކުނޑިއަށް ނުވަންނަ ކަމުގައި ވަނީނަމަ ދީނީ ކަންކަމަށް ލޯބި ޖެހޭނީ ކިހިނަކުން ހެއްޔެވެ؟ އަބަދު ފިލްމުތަކާއި، ސިޔާސީ ކަންކަމާއި އަދި ރައްޓެހިންނާއިއެކު އަބަދު ކެުންބުއިންތަކުގައި ވަގުތު ބޭކާރު ކުރަނީނަމަ އަމިއްލަ ފާފަތަކާއި މެދު ވިސްނާނެ ވަގުތު ވާނީ ކިހިނަކުން ހެއްޔެވެ؟ ނުބަޔާއި ރަނގަޅުގޮތް ވަކި ކުރަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ނުސައިބާ އެކި ގޮތްގޮތައް ރިޔާޒް އަށް ވިސްނައި ދެވޭތޯ މަސައްކަތް ކޮށްފިއެވެ. ނަމާދުކުރަން އާދަކުރަން ފަށަންވީނުންތޯ ބުނެ އެތައް ދުވަހަކު ނަމާދު ގަޑި ޖެހުމުން އެކަންވެސް ހަނދާން ކޮށްދެއެވެ. ނަމަވެސް ރިޔާޒުގެ ހިތައް އެއްވެސް އެއްޗެއް އަރާ ހެނެއް ހިޔެއް ނުވެއެވެ. ފަހުންނޭބުނެ މަނާވެގަންނަނީއެވެ. އެ ބުނާ ފަހެއް ނައެވެ.

ނުސައިބާ ބުރުގާ އަޅާ އައުރަ ނިވާކުރަން ބޭނުންވާ ވަރުންވެސް ބުރުގާޔާއި އަތްދިގު ހެދުން ފަދަ ތަކެތި ގަނެދޭން އެދުމުންވެސް ރިޔާޒް އަދި ނުވޭ ނޫންހޭ ބުނެ އެކަމަށްވެސް މާ ބޮޑު ޝައުޤުވެރިކަމެއް ނުދެއްކިއެވެ. އެކަމާއި ހެދިވެސް ނުސައިބާގެ ހިތުގައި ޖެހުނެވެ. އަޢުރަ ނިވާކުރަން ފިރިމީހާގެ ހުއްދަ ހޯދާކަށް ނުޖެހޭނެކަން ނުސައިބާއަށް އެނގެއެވެ. ނަމަވެސް ރިޔާޒް އެކަމަށް ގަޔާނުވާތީ ނުސައިބާއަށްވެސް އަދިވެސް ފަހަތައް ޖެހެވެނީ އެވެ. ނޭނގޭ ކަހަލަ ޖެހިލުންވުމެއް ހިތުގައި އުފެދެނީއެވެ. ފަހަރެއްގައި ރިޔާޒް އޭނާދެކެ ފޫހިވެދާނެތީ ޖެހިލުން ވަނީ ކަންނޭނގެއެވެ. ނުވަތަ ރިޔާޒް އާއި ބަލާފައި އޭނާ މާ މުސްކުޅި ވަށްތަރު ޖަހާނޭ ހިތައް އަރާ ވަރުން ޖެހިލުން ވަނީއެވެ. ބުރުގާ އަޅާފައި އަނެއްކާ ފޫހިވެގެން ނުވަތަ ރިޔާޒައް ކަމު ނުދާތީ ނަގަން ބޭނުންވާނޭ ހިތައް އަރާވަރުންވެސް ޖެހިލުން ވެއެވެ.

އެހެން ނަމަވެސް އެއީ މުޅިންވެސް ޝައިޠާނާގެ ނުބައި ވަސްވާސްކަން ހިތުގެ އެއް ކަނަކުން ހަނދުމަ ކޮށްދެއެވެ. މިހާރު އެގޮތުގައި ކެތްކުރާތާ އެއް އަހަރުވަނީއެވެ. ރިޔާޒައް ވިސްނި، ތެދުމަގު ފެނި، ބަދަލު ވޭތޯ ދުޢާކުރުމުގައި ނުސައިބާ ދެމިހުންނަތާ އެއް އަހަރު ވެއްޖެއެވެ. ނުސައިބާ އަށް ވިސްނެމުން އެދަނީ ދެން ހަދާނެ ގޮތަކާއި މެދުއެވެ. އިލްމުވެރިން ކުރެ އަހާ އޮޅުން ފިލުވުމުން ބުނަނީ ނަމާދު ނުކުރާ ފިރިހެނަކާއި އެކު އުޅުން މުސްލިމު އަންހެނަކަށް ހުއްދަ ނުވާނެކަމަށެވެ. ދަރިން ނަށްޓަކައި ހުންނަންޖެހޭ ސަބަބެއްވެސް ނެތް ކަމަށެވެ.

އެހެންނަމަވެސް ކުޑަކުޑަ ދަރިފުޅާއިމެދުވެސް ވިސްނޭ ވަރުން ހިތުގައި ޖެހެއެވެ. ރިޔާޒް ރާޔަންދެކެ އެހާ ލޯބި ވާއިރު ރިޔާޒާއި ރާޔަން ވަކި ކުރަން ނުސައިބާ އަކަށް ފަސޭހަ އެއް ނޫނެވެ. އަދި އޭނާގެ ހިތުގައި ރިޔާޒައްޓަކާވާ ލޯބިވެސް ކުޑައެއް ނޫނެވެ. ނަމަވެސް އެހެން ހިތައް އަރާ ކޮންމެ ފަހަރަކު ﷲ މަތިން ހަނދާން ވެއެވެ. އެންމެ ލޯބިވާން ޖެހޭނީ އެކަލާނގެދެކެ ކަން ހިތުގެ ކަނަކުން ގޮވާލައެވެ. ދުނިޔޭގެ ލޯތްބަކަށްޓަކައި އާޚިރަތް ނަގާނުލުމަށް ހިތް ހަނދާންކޮށްދޭ ފަދައެވެ. ފިރިމީހާ އަށްޓަކައި ނަމަވެސް، ﷲގެ އަމުރަކާއި ހިލާފުން އެއީ ބޮޑު ފާފައެއްކަން ހަނދާން ވެއެވެ. ރިޔާޒް އިސްލާހު ނުވާހިނދުގައި އޭނާގެ ފަރާތުން ރާޔަން އަށް ދެވޭނެ އިސްލާމީ އަޚްލާޤެއް ވެސް ނޯންނާނެކަން ހިތް ބުނެދެއެވެ.

ނުސައިބާ ނޭފަތް ދަމާލިއެވެ. ހިތުގައި އަޅަމުންދާ ވޭނަށް ކެތްކުރެވޭތޯ ބަލަނީއެވެ. ކެތްތެރިންނާއި އެކު ﷲ ވޮޑިގެންވާކަމާއި، ރާޔަން އާއި ނުސައިބާވެސް ވާނީ ﷲގެ ބެއްލެވުމުގެ ދަށުގައިކަން ހަނދާން ވިއެވެ. އެހެންކަމުން އެ ދެމީހުންނަށް ދެރެގޮތެއް ނުވާނެކަން ކަށަވަރު ވެއެވެ.

އެހެން ނަމަވެސް އަނެއް މައްސަލައަކީ ނުސައިބާ ރިޔާޒް އާއި ވަކިވެއްޖެނަމަ ނުސައިބާ ރާޔަން ގޮވައިގެން އެނބުރި ދާން ޖެހޭނީ ނުސައިބާގެ މައިންބަފައިން ގާތަށެވެ. ނުސައިބާގެ ރަށަށެވެ. ނުސައިބާގެ މައިންބަފައިންނަށް ވާ ބުރަޔަކަށް ވާކަށް އޭނާ ނޭދެއެވެ. އަދި ރާޔަން އަށް ކިޔަވައިދޭން ޖެހޭނީވެސް އޭރުން ރަށު ފެންވަރުންނެވެ. މާލެޔާއި ރަށުގެ ސްކޫލުގެ ކިޔަވައިދޭ ފެންވަރުގައި ހާސް ތަފާތު ހުރެއެވެ. މުޅިންވެސް އެފަދަ އެތައް ގޮން ޖެހުމެކެވެ. ރިޔާޒްއާއި ވަކިވުން ނުސައިބާއަކަށް އެއް ގޮތަކަށްވެސް ފަސޭހައެއް ނޫނެވެ. އެހެން ހިތައް އެރިނަމަވެސް ހިތުގައި އެތައް ރިހުމެއް އުފެދެއެވެ.

ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ކޮންމެވެސް ގޮތެއް ނިންމަންވީ ވަގުތު ޖެހިއްޖެ ކަމުގެ އިހްސާސް ނުސައިބާއަށް ކުރެވުނެއެވެ. އެހެންކަމުން އޭނާ ރަނގަޅަށް ވިސްނާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މޫނުމައްޗައް ފައިބައިފައިވާ ކަރުނަތައް ފޮހެލަމުން އޭނާގެ އެންމެ ގާތް ރަހުމަތް ތެރިޔާއަށް ފޯނުން ގުޅާލިއެވެ. އަދި އޭނާއަށް ތިން އަތްދިގު ކަޅު ހެދުން ފަހައި ދިނުމަށް އެދުނެވެ. ނަދާ ރީތިކޮށް ފަހަން ދަނެއެވެ. އަދި ނުސައިބާއަށް ހެޔޮ ވިސްނުން ލިބުމުގައި ނަދާގެ ރޯލު ވަރަށް ބޮޑެވެ. ނަދާ ކޮންމެ ދުވަހަކު ފޭސްބުކުން ޝެއަރ ކުރާ ދީނީ މެސެޖްތަކުން ނުސައިބާގެ ހިތައް ދުވަހަކަށްފަހު ދުވަހެއް ދިޔައީ އެތައް އަސަރުތަކެއް ކުރުވަމުންނެވެ. އެ މެސެޖު ތަކާއި، ނަސޭހަތް ތަކާއި އަދި ހަނދާންކޮއްދޭ ޤުރުއާނުގެ އާޔަތްތަކުގައިވާ ތެދުކަން އޭނާގެ ސިކުނޑި ގަބޫލު ކުރަމުން ދިޔުމުގެ ސަބަބުން ހިތުގައި ޤިޔާމަތް ދުވަހައް ބިރުވެރިކަން އުފެދުމުގެ ނަތީޖާއަކީ އޭނާ އިތުރަށް އެފަދަ އެއްޗެހި ކިޔާ މައުލޫމާތު ހޯދަން ޝައުޤުވެރިވުމެވެ. އަދި އޭގެ ސަބަބުން އޭނާޔަށް ހިދާޔަތު ލިބިގެން ދިޔައެވެ.

ދެދުވަހެއްގެ ތެރޭގައި ނަދާ ނުސައިބާ އެދުނު ފަދައިން ތިން ހެދުން ފަހައިގެން ގެނެސްދިނެވެ. އަދި އަންނަމުން އައީ އެއާއި ގުޅޭނޭ ގޮތައް ބޮޑު ތިން ޝޯލްވެސް ހިފައިގެންނެވެ. އަދި އެއީ އޭނާގެ ފަރާތުން ދޭ ހަދިޔާއެއްކަމަށްބުނެ ރުފިޔާގައިވެސް ނަދާ ނުހިފިއެވެ. ނުސައިބާގެ އެ ނިންމުމުން ނަދާއަށްވުރެ އުފާވާނޭ ދެވަނަ މީހެއް މި ދުނިޔޭގައިވެސް ނެތްފަދައެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުން ވުމެކެވެ. އަދި ނަދާ ދިޔައީ ނުސައިބާއަށް ވަރަށް ހިތްވަރު ދީފައެވެ. ނުސައިބާ އޭގެ ތިންވަނަ އަށްވީ ދުވަހު ރިޔާޒް އޮފީސް ނިމިގެން ގެއަށް އަންނަ ގަޑިއަށް ތައްޔާރުވެގެން ހުރީ އެއިން ހެދުމެއް ލައިގެން ރީތިކޮށް އަޢުރަ ނިވާ ވާ ވަރަށް ޝޯލް އަޅައިގެން ރިޔާޒްއަށް ސަޕްރައިޒްދޭން ތައްޔާރުވެގެން ނެވެ.

ރިޔާޒް ގެއަށްއައިސް ވަންތަނުން އޭނާގެ އަންހެނުން ލައިގެން ހުރި އެއްޗެހި ފެނި ފުރަތަމަ ހައިރާންވިއެވެ. ނަމަވެސް އޭނާ ކައިރީ ނާހާ، އަދި ނުބުނެ އެކަން ކުރުމުން ހިތްހަމަ ނުޖެހޭގޮތް ވިއެވެ. ނުސައިބާ ސަޕްރައިޒް އޭ ބުނީ ހިނިތުން ވުމަކާއި އެކު ނަމަވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ރިޔާޒް ބުނާނޭ އެއްޗަކަށް ބިރުގެންފައިވާ ފަދައަކުންނެވެ. ރިޔާޒް ހިތްހަމަ ނުޖެހުން ނަމަވެސް ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީ އޭނާގެ އަނބިމީހާގެ ރީތި ކަމުންނެވެ. އެ މޫނުމަތީގައިވާ އުޖާލާކަމެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ނުސައިބާ ބިރުން ހުރެ ސަޕްރައިޒް ކިހިނެއްހޭ އަހާލުމުން ހޭވެރިކަން ވީ ރިޔާޒް އެއްޗެކޭ ނުބުނެ ކޮޓަރި ތެރެއަށް ވަދެގެން ދިޔައީ ހަމަ ބުނާނެ އެއްޗެއް އެ ވަގުތު އޭނާގެ ސިކުނޑިއަށް ނައުމުންނެވެ.

ކުއްލިއަކަށް ނުސައިބާގެ ހެދުމަށް އެގެނައި ބަދަލަށް ހޭނެން ރިޔާޒައް އަދި ދުވަސްކޮޅެއް ނަގާނެކަން ނުސައިބާ އޭނާގެ ހިތައް ވިސްނައިދެމުން ގެންދިޔައެވެ. ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. އެދެމީހުންގެ ދިރިއުޅުމަށް ބުނެދޭން ނޭނގޭ ހިމޭން ކަމެއް ވެރިވެފައިވާ ފަދައެވެ. ރިޔާޒް ރަނގަޅަކަށް ނުސައިބާ އަކާއި ވާހަކައެއް ނުދައްކައެވެ. ދެމީހުން އެކަކު އަނެކަކުގެ ޚިޔާލު ހޯދުން ހުއްޓިއްޖެއެވެ. އެހާ ލޯބިން އުޅުނު ދުވަސްތައް ހަދާން ނެތިދިޔަ ފަދައެވެ. އެ ދުވަސްތައް އަނބުރާ ނުގެނެވޭނޭ ވަރަށް އެ ދެމީހުންގެ މެދުގައި ފާރެއް ލެވުނު ކަހަލަ އިހްސާސެއް ނުސައިބާއަށް ކުރެވެމުން ދިޔައެވެ.

އެގޮތުގައި ގާތްގަނޑަކަށް ހަމަސް ފާއިތުވެ ހިނގައްޖެއެވެ. ނުސައިބާ އަކަށް އިތުރައް ކެތެއް ނުވިއެވެ. އެހިތުގައި އެތައް އިހްސާސް ތަކެއް އުތުރި އަރަމުން ދިޔައެވެ. އެ ކުޑަކުޑަ ސަބަބައްޓަކައި ރިޔާޒް އޭނާދެކެ ފޫހިވީއެވެ. ބޮޑު މައްސަލައެއް ޖެހުނީކީވެސް ނޫނެވެ. އޭނާ ނުބައިގޮތަކަށް އުޅުނީކީވެސް ނޫނެވެ. އޭނާ ރިޔާޒައް ބޭވަފާތެރިވީކީވެސް ނޫނެވެ. އެކަމަކުވެސް ރިޔާޒްގެ ނުރުހުމުގައި އައުރަ ނިވާ ކުރީތީ އޭނާ ދެކެ ހަމަ އެހާ ފޫހިވީއެވެ. އެއީ އިންސާނުންގެ މިޖާޒެވެ. ހިތްހަމަ ނުޖެހޭ ކިތަމެ ކުޑަކަމެއް ފެނުނަސް އެހާ އަވަހައް ފޫހިވާނެއެވެ. އެކަމަކު ﷲގެ އޯގާވަންތަކަން ދެކޭށެވެ. އެތައް ފާފަތަކެއްގައި އިންސާނުން ޣަރަޤުވެ ދުނިޔޭގެ އެތައް ދުވަހެއް ބޭކާރު ކޮށްލި ނަމަވެސް، އެމީހަކު ތަޢުބާވެ އިސްލާހުވުމުން އެމީހެއްގެ ފާފަތައް ފުއްސަވާ ޠާހިރު ކުރައްވައެވެ. އަދި އެ ޠައުބާ މަތީގައި މަރުވެގެން ގޮސްފިނަ އޭނާއަށް ސުވަރުގެއިން ހައްޤު މަޤާމު ދެނީ އޭނާގެ ކުރީގެ ފާފަތަކަށް އެއްވެސް އެއްޗެއް އުނިކުރުމެއް ނެތިއެވެ. އެއީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. ހުރިހާކަމެއް އެންމެ މޮޅައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

އެ ޚިޔާލުތައް ހިތައް ވެރިވުމުން ނުސައިބާ ހިތައް އެރިއެވެ. އޭނާ ދުވަސްތައް މި ބޭކާރު ކުރަނީ އެފަދަ އިންސާނަކަށް ޓަކައި ހެއްޔެވެ؟ ﷲގެ އަމުރުތަކަށް ބޯނުލަނބައި އެކަލާނގެއަށް ބިރުވެތި ނުވާ އިންސާނަކަށްޓަކައި މުޢުމިނަކު ކަރުނައަޅާ ރޯންވީ ސަބަބެއް ނެތެވެ. ﷲގެ ހަޟްރަތުގައި އެފަދަ މީހުން އެއީ އެއްވެސް އަގެއް ނެތް މީހެކެވެ. ވީމާ ނުސައިބާގެ އާޚިރަތް އޭނާއަށްޓަކައި ބަރުބާދު ކޮށްލުމުގެ ބޭނުމެއް ނެތެވެ. ނަމާދު ނުކުރާ ﷲގެ އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހަކާއި އެކު އުޅުން ހަރާމް ވަނީ ނަމަ އޭނާއަށް އެ ކުރެވެނީ ބޮޑު ފާފައެކެވެ. އޭނާގެ ދުވަސްތައް އެ ގުނަމުންދަނީ އެ ފާފައިގެ މަތީގައެވެ. އެގޮތުގައި ހުއްޓައި އޭނާގެ އަޖަލު އައިސް ޖެހޭކަށް އޭނާ ނޭދޭނެއެވެ.

ރާޔަން އަށް އޭނާގެ ބައްޕަގެ އަޅާލުމާއި ލޯބި ގެއްލުނަސް އޭނާ ގާތު ހުންނަނީ ނަމަ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭނެއެވެ. މޮޅެތި ސްކޫލުތަކުން ފެންވަރު މޮޅު ކިޔެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މި ދުނިޔެއަށް އިންސާނުން ލައްވާފައިވަނީ އާޚިރަތައްޓަކައި މަގުކޮށާށެވެ. މޮޅުކޮށް ކިޔަވާ، މަތީ މަޤާމުތައް ހޯދާ ދުނިޔެ ބާއްޖަވެރި ކުރާކަށް ނޫނެވެ. އާޚިރަތް ބާއްޖަވެރި ކުރާނޭ ގޮތް އެ ދަރިފުޅައް ދައްކައި ނުދެވިއްޔާ އެއީ މުސްލިމު މަންމައެއްގެ ބޮޑު ފެއިލް ވުމެއްކަން ކަށަވަރެވެ. އެ ދަރިފުޅައް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެ ދަރިފުޅުގެ އަތުގައި ހިފައިގެން ހެޔޮމަގު ދައްކައިދީ އެ މަގުން ހިނގާނޭ ގޮތް ދައްކައި ދިނުމެވެ. ދުނިޔޭގައި ދިމާވާނެ، ފެންނާނެ ދަޅަތަކަށް ނުހެއްލި ނިޢުމަތުގެ ގޯއްޗައް ފޯކަސް ކުރަން ދަސްކޮށްދިނުންކަން ޔަޤީނެވެ. އަދި އެ މަގުން އެ ދަރިފުޅު ހިނގައިފިނަމަ، މި ދުނިޔޭގައި ވެސް އަދި އާޚިރަތުގައިވެސް ލިބޭނީ ބާއްޖަވެރިކަން ކަން ކަށަވަރެވެ.

އެހުރިހާ ކަމަކަށް ވިސްނާފައި އޭނާ އޭނާގެ ބޮޑު ނިންމުން ނިންމިއެވެ. އެއީ ރިޔާޒް އާއި ވަކިވުމުގެ ނިންމުމެވެ. އެހެންކަމުން އޭނާ ވަރީގެ ފޯމު ނެގުމަށްފަހު ރިޔާޒްއަށް ސިޓީ އެއް ލިޔުނެވެ. އޭނާ ވަރިވަނީ ކީއްވެގެންކަން ފުރިހަމައަށް އެ ސިޓީގައި ބަޔާން ކޮށްދިނެވެ. އެއީ އޭނާއަށް ދުލުން އެ ހުރިހާ ވާހަކައެއް ނުދެއްކޭނެތީއެވެ. އަދި ފަހަރެއްގައި އެ ވާހަކަތައް އެ ގޮތައް ކިޔައިދޭން ރިޔާޒް ހުރަސް އަޅާފާނެތީވެސް މެއެވެ.

ރިޔާޒް އާއި ވަކިވަނީ އޭނާ ﷲގެ އަމުރު ފުޅުތަކަށް ބޯ ނުލަނބާތީ ކަމާއި، އެފަދަ މީހަކާއި އެއްކޮށް ދިރިއުޅުން މުސްލިމް އަންހެނަކަށް ހުއްދަ ނުވާނޭކަމެވެ. އަދި އޭނާ ވަކިވި ނަމަވެސް އަބަދުވެސް ދަރިފުޅުގެ ބައްޕަޔަކީ ރިޔާޒް ކަމާއި، ބައްޕަ އެއްގެ މަޤާމު ދުރުގައި ހުރިނަމަވެސް އަދާ ކުރާނެ ކަމަށް އުންމީދު ކުރާކަމަށާއި، އޭނާ ރިޔާޒު ބަދަލު ވާނޭކަމަށް ވަރަށް އުންމީދުކޮށް ހެޔޮ ދުޢާ ކުރިކަމަށް ލިޔުނެވެ. އަދި ކުރިއަށް އޮތްތާގައިވެސް އަބަދުވެސް ހެޔޮ ދުޢާ ކުރާނެކަމުގައި ބުންޏެވެ. އަދި އެ ދުވަހު ކޯޓައް ފޯމު ލާފައި ވާނެ ކަންވެސް ހާމަ ކުރިއެވެ. އެ ނިންމުމަކީ އޭނާގެ ހަޔާތުގައި ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމާއި، އަދިވެސް ހިތުގައި ވޭން އަޅާކަން ހާމަ ކޮށްދިނެވެ. އެހެންނަމަވެސް އޭނާ ﷲ އަށް އިތުބާރު ކުރާ ކަމާއި، އެކަލާނގެ އަށްޓަކައި ދޫކޮށްލި އެއްޗެއްގެ ބަދަލު މާ ހެޔޮގޮތުގައި އެކަލާނގެ ދެއްވާނޭކަން އޭނާއަށް ޔަޤީންވާކަން ބުނެދިނެވެ. އަދި އެ ދެމައިންގެ ދިރިއުޅުމުގެ ކަންކަމާއި މާ ބޮޑައް ފިކުރު ނުކުރުމަށާއި، އެދެމީހުންވަނީ ﷲގެ ބެއްލެވުމުގެ ދަށުގައިކަން ރިޔާޒައް ހަނދާން ކޮށްދިނެވެ.

ނުސައިބާ ވަރިއަށްއެދި ކޯޓައް ފޯމު ލީ ނަމަވެސް އެކަން ވާން އަދި ދުވަސްކޮޅެއް ނަގާނޭކަން އޭނާއަށް އެނގެއެވެ. އަދި ވަރި ނުވާހިދު އޭނާއީ ރިޔާޒްގެ އަނބިމީހާކަމާއި، އަންބެއްގެ ވާޖިބުތައް އަދާކޮށްދެން ޖެހޭނެކަންވެސް އޭނާ އަމިއްލަ ނަފްސައް ހަނދާން ކޮށްދިނެވެ. އެހެންކަމުން އޭނާ ނިންމީ ވަރީގެ ހުރިހާ ކަމެއް ނިމުނީމާ ނޫނީ ރަށަށް ބަދަލު ނުވާށެވެ.

ރިޔާޒް އަށް އެ ސިޓީ ހަވާލުކުރީ ނުސައިބާގެ އަތުންނެވެ. އެއީ ކޯއްޗެއްކަން ކިއީމާ އެނގޭނެކަމަށްބުނެ ނުސައިބޭ ކޮޓަރިން ބޭރަށް ނުކުތީ ސިޓިންރޫމްގައި ކުޅެން އިން ރާޔަން ގާތަށެވެ. ރިޔާޒް އެ ސިޓީ ކިޔަމުން ދިޔައިރު ސިކުނޑިއަށް ބުނެދޭން ނޭނގޭ ހާސްކަމެއް ވެރިވަމުން ދިޔައެވެ. އެއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އޭނާ އަދިވެސް ނުސައިބާދެކެ އިންތިހާއަށް ލޯބިވެއެވެ. ވީމާ ނުސައިބާ އަދި ރާޔަން ވެސް އޭނާގެ ދިރިއުޅުމުން ވަކިވެގެން ދާކަށް އޭނާ ނޭދެއެވެ. އެ ދެމީހުންނަކީ އޭނާގެ ދިރިއުޅުމުގެ އެއްބަޔެވެ. ވީމާ އެ މީހުންނާ ނުލާ އޭނާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟

ރިޔާޒައް ހަދާނޭ ގޮތް ހުސްވި ފަދައެވެ. ނުސައިބާގެ ނިންމުން އޭނާ ބަދަލު ނުކުރާނޭކަން ރިޔާޒްއަށް އެނގެއެވެ. ރިޔާޒައްވެސް މި ފަހަކަށް އައިސް އޭނާގެ ފާފަތަކުގެ އިހްސާސް ކުރެވެއެވެ. އަދި ނުސައިބާ ބުރުގާ އެޅިފަހުން އެ ބުރުގާޔާއެކު ފެންނަ ކޮންމެ ފަހަރަކު ނުސައިބާ އޭނާއަށް ނަމާދު ކުރުމަށް ހަނދާން ކޮށްދޭ ހަނދާންތައް ވަނީ ކީއްވެގެން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އަދި އެ ހަނދާންތައް ވެފައި ހިތުގައި ފާޑެއްގެ ބިރުވެރިކަމުގެ ވިންދެއް ޖަހާ ކަހަލައެވެ. ނުސައިބާ ބުރުގާއެޅިފަހުން އޭނަގެ ހިތުގައި ދީނަށްވާ ލޯބި އޭނާގެ ދުލުން ބަޔާން ނުކުރިނަމަވެސް ތަކުރާރުކޮށް ނުސައިބާ ފެންނަ ކޮންމެ ވަގުތަކު ރިޔާޒައް އެކަން ހަނދާން ވެއެވެ. ހިތް ބުނާ ފަދައެވެ. “ކަލޭއަށް ދީން ވެރި އަޚްލާޤް ރަނގަޅު އަންބެއް ލިބިފައިވީ ނަމަވެސް ކަލޭ ތިހިރީ އުޅޭ ގޮތެވެ.” ނުސައިބާއާއި އެކަމާއި ބެހޭގޮތުން ވާހަކަދައްކަން ކިތަމެ ބޭނުންވި ނަމަވެސް ހިތުގައި ފާޑެއްގެ ޖެހިލުމެއް ވަނީއެވެ. އޭނާގެ ކުރިމަތީގައި އަމިއްލަ ކުއް ޤަބޫލުކުރަން ހިތް ބޭނުން ނުވާފަދައެވެ.

އޭނާއަށް ދުވަހަކުވެސް ނުސައިބާ ބޭނުންވާފަދަ ދީންވެރި ފިރިޔަކަށް ނުވެވޭނެކަން، ސިކުނޑި އޭނާއަށް ވިސްނައިދޭން އުޅޭ ކަހަލައެވެ. އޭނާއަށް އެއޮށް ހުރިހާ ދުވަހު ދޫކޮށްލެވިފައިވާ ނަމާދުތަކާއި، އަރައިގަނެވިފައިވާ ފާފަތައް ގިނަކަން ހަނދާންވެ އެކަމާއި ދެރަވެއެވެ. ނަމަވެސް ﷲ އެ ފާފަތައް ނުފުއްސަވާނޭ ހިތައް އަރާފައި ހެޔޮކަމެއް ކުރަން ފަސްޖެހެވެނީއެވެ. އޭނާގެ އެކުވެރިންނަކީ ދީން ވެރި ބަޔަކަށް ނުވާތީ އޭނާ ބަދަލު ވެއްޖެނަމަ އެމީހުން ކުރާނެ މަލާމާތް ހިތައް އަރާފާ ޖެހިލުން ވަނީއެވެ. ފާއިތުވެގެން ދިޔަ ދުވަސްތައް އޭނާވެސް ވޭތުކުރީ އެ ވިސްނުންތަކާއި ހެދި ބަރުބޮޑުވެފައިވާ ހިތަކާއިގެންނެވެ.

ކުރެވިފައިވާ ފާފަތަކުގެ ބަރުކަން އިހްސާސްވާފަދައެވެ. ނަމަވެސް އެކަންކަމުން ސަލާމަތްވާން، އެކަމުން އަރައިގަންނަން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އަޅާނޭ ހިތްވަރު އެ ފައިގައި ނެތް ފަދައެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ލޯބިވާ އަނބިމީހާއާޢި ދަރިފުޅު އޭނާގެ ދިރިއުޅުމުން ބޭރުވިޔަދޭންވީ ހެއްޔެވެ؟ އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު ނުސައިބާ ބޭނުންވާ ގޮތަކީ އެއީ އެވެ. ފަހަރުގައި އޭނާގެ ފާފަތަކުގެ ޖަޒާ މި ދުނިޔޭން ލިބޭގޮތް އެއީ ކަންނޭނގެއެވެ. އެ ސިޓީ ހިފައިގެން އެނދުމަތީގައި އިސްދަށައް ޖަހައިގެން އިން ރިޔާޒްގެ ލޮލުގައިވަނީ ކަރުނައެވެ.

ނުސައިބާ ރާޔަން ނިންދަވާފައި ސިޓިންރޫމުގައި ބާއްވާފައި ކޮޓަރިއަށްވަނީ އެ ސިޓީ ދިންފަހުން ރިޔާޒްގެ ޚަބަރެއް ނުވާތީއެވެ. އޭރު ރިޔާޒްގެ ލޮލުގައިވާ ކަރުނަފެނި ނުސައިބާއަށްވެސް އަސަރު ކުރިއެވެ. އަނެއްކާ އޭނާއަށް މި އެޅެނީ ރަނގަޅު ފިޔަވަޅެއް ބާއޭ ހިތައް އެރިއެވެ. އެވަގުތު އޭނަ އެގޮތައް ނިންމި ސަބަބުތައް ހަނދާން ވުމާއިއެކު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާފައި ރިޔާޒްއާއި ކުރިމަތި ލިއެވެ.

އޭނާ ފޯމު ލީ ނަމަވެސް ރަށަށް ދާނީ ވަރީގެ ކަންތައްތައް އެކީ ނިމުނީމާކަން ހާމަކޮށްލީ ވާހަކަ ފަށާނެ އެހެން މިސްރާބެއް އެވަގުތު ނޭގުމުންނެވެ. ރިޔާޒް އިސް އުފުލާ ބަލާލީ ފުން ހިތާމަޔާއި އެކުއެވެ. އޭނާއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ދުވެފައިގޮސް އަނބިމީހާ ގައިގައި ބައްދައިގަތެވެ. އެޔާއިއެކު ރިޔާޒްގެ ރުއިން ބާރުވިއެވެ.

އެހެން އޭނައަށް ނުހެދުމަށް ބުނެލީ ރޮވިފައިވީ އަޑުންނެވެ. ނުސައިބާއަށް ލިބުނީ ސިހުމެކެވެ. އޭނާ ހީކުރީ ރިޔާޒްވެސް މިހާރު ކޮންމެވެސް ވަރަކަށް އެގޮތް ބޭނުންވާނެ ކަމަށެވެ. ރިޔާޒް މިހާރު އޭނާދެކެ ފޫހިވާ ކަމަށެވެ. ދެމީހުންގެ މެދުގައި ހަމަހިމޭންކަމުގެ ސިކުންތުކޮޅެއް ވޭތުވެގެން ދިޔައެވެ. ދެން ރިޔާޒް އަނެއްކާވެސް ރޮވިފައިވި އަޑަކުން އޭނާއަށް އިތުރު ދުވަސްކޮޅެއް ދިނުމަށް އެދުނެވެ. އޭނާ ބަދަލުވާން ބޭނުންވާކަމަށް ބުންޏެވެ. އޭނާއަށް އެކަން ވާނީ ނުސައިބާގެ އެހީޔާއި އެކު ކަމަށް ބުންޏެވެ.

ނުސައިބާއަށް ލިބުނީ ބަޔާންކުރަން ނޭނގޭފަދަ އުފަލެކެވެ. އޭނާގެ އެތައް ދުވަހެއްގެ ދުޢާ ﷲ އިޖާބަ ކުރެއްވި ފަދައެވެ.

ނުސައިބާ ރިޔާޒްއަށް މުއްދަތެއް ދިނެވެ. އަދި ކޯޓައްލީ ފޯމު ކެންސަލް ކުރަން އެދުނެވެ.

ދީނީ ކަންކަމުގައި ދެމީހުން އެކަކު އަނެކަކަށް އެއް ބާރުލުން ދީ، ކަންކަން ހަނދާންކޮށްދޭ ދެމީހުންކަމުގައި އެދެމީހުން ވެގެން ދިޔައެވެ. ނުސައިބާގެ ހިތާމަތައް ފިލާ އުފާވެރިކަން އެ ޙަޔާތައް އަލުން އަނބުރާ އައީ މާ ބޮޑަށެވެ. ކުރިން ދުވަހަކުވެސް ނުލިބޭފަދަ އުފާވެރިކަމެކެވެ. ކުރިން އެދެމީހުންގެ މެދުގައިވާ ގުޅުމަށްވުރެ މާ ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. ސުވަރުގޭގައިވެސް ދެމީހުން އެކުގައިވާނެކަމުގެ އިހްސާސް ކުރެވުމުން ހިތުގައި އުފެދޭ އުފާވެރިކަމުގެ އިހްސާސަކީ ބަހަކުން ބަޔާންކުރަން އުނދަގޫ އިހްސާސެކެވެ. ނުސައިބާ އުންމީދުކުރި ފަދައިން އޭނާ ﷲ އަށްޓަކައިވީ ޤުރުބާނީގެ އަގު އޭނާއަށް ލިބުނީ އޭގެ ދެގުނައަށްވުރެވެސް އުފާވެރިކޮށެވެ. އޭނާ އަބަދުވެސް އެކަމަށް ﷲ އަށް ޙަމްދު ކުރެއެވެ. އަލްޙަމްދުލިﷲ.

**ނިމުނީ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

އެވްލީން… 17

Next

އަހަރެންނަކީ ގުރައެކެވެ…

Next
October 26, 2018

އަހަރެންނަކީ ގުރައެކެވެ…

Previews
October 26, 2018

އެވްލީން… 17

19 Comments!

  1. Faathii says:
    October 26, 2018 at 10:39 pm

    Salaam. Here’s another short story of mine. Hope u will like it. Adhi alhuganduge vaahakathah kiyaa hihvaa kudhinnah ebaoi ufaaveri habareh. alhuganduge vaahaka series eh kuriah oithaagaa kiyan libeyne. In Shah Allah. adhi kurin nunimunu “Imthihaan” story ves ninmeytho eba balan. In Shah Allah.
    Jazakumullah khair. 🙂

  2. Samee says:
    October 26, 2018 at 11:01 pm

    Vvvvvvvv furihama??.. Hama rovihje. … Yuh are best witer… Mivaahakain iburatheh haasil koh hurihaa kudhin vx aahirathuge baahja verikan hodhumah edhen.

    1. Faathii says:
      October 28, 2018 at 7:36 am

      Jazaakillah khair
      🙂

  3. maaee says:
    October 27, 2018 at 12:40 am

    Masha Allah … Varaha reethi miadhuge mujuthama ah beynun vaa kahala story eh Mee… ?

    1. Faathii says:
      October 27, 2018 at 11:18 am

      Jazaakillah khair. 🙂

  4. Lam lamha says:
    October 27, 2018 at 1:40 am

    MASHA ALLAH V FURIHAMA

    1. Faathii says:
      October 28, 2018 at 7:38 am

      Jazaakillah khair.
      🙂

  5. ?????? says:
    October 27, 2018 at 8:08 am

    Maa sha Allah.. Vrh Vrh Vrh Vrh Vrh furihama.. ???❤️ Maaiyy Allah faathii thikuraa bura masahkathuga barakaaiyy lavvaashi.. Aameen.. Vrh ufaavey dheeny vaahaka geensdheythyve..?❤️??????

    1. Faathii says:
      October 27, 2018 at 11:21 am

      Ameen. Thibaa ahves Allah heyo rahmai lahvvaashi. ☺
      V ufaavey dheenee vaahaka thihaa kiyaa hihvaathy..

  6. liyaa says:
    October 27, 2018 at 9:59 am

    mashaa allah ☺

    1. Faathii says:
      October 27, 2018 at 11:23 am

      Jazaakillah khair
      🙂

  7. Eenash says:
    October 27, 2018 at 10:01 am

    Ma sha Allah thabarakallah. Varah reethi..???
    Waiting for more stories like this❤️????

    1. Faathii says:
      October 27, 2018 at 11:25 am

      Jazaakillah khair.
      In Shah Allah u will see soon.
      🙂

  8. princess says:
    October 27, 2018 at 10:08 am

    v v reeti adives mifadavaahaka kiyanlibeyne kamah unneedu kuran may god bless us dear???

    1. Faathii says:
      October 28, 2018 at 7:39 am

      May God bless u too..
      🙂

  9. Lotus says:
    October 27, 2018 at 1:52 pm

    Fabulous story.. waiting for more???

    1. Faathii says:
      October 27, 2018 at 7:08 pm

      Jazaakillah khair.
      🙂

  10. Anonymous says:
    October 27, 2018 at 6:13 pm

    Faathi akee girl eh tha

    1. Faathii says:
      October 27, 2018 at 7:09 pm

      Yes.

Comments are closed.



All Right Reserved!