Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކަ

ގެ

Ibrahim Waheed Level 1
October 26, 2018 7 Mins Read
13 Comments

ސާދަ ފަނަރައިގެ ރޭތަކުގެ ތެރެއިން ރެއެއްކަމުން ހަނދުގެ ޗާލުކަން އުޑުމަތި ބަލއިލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ނަމަވެސް މާލޭގެ “ސިޓީ ލައިޓްސް”ގެ ސަބަބުން އެ ޗާލުކަން މަދު ބަޔަކަށް ނޫނީ އިހުސާސް ނުވާނެއެވެ.  އުޑުމަތީގައި އެއްވެސް ވިލާކޮޅެއް ފެންނާކަށް ނެތެވެ. މުޅި ޖައްވު ވަނީ ރީތި ތަރިރަކުން ޖަރީކޮށްފައެވެ.

އެއާޕޯރޓުން  ނުކުމެގެން އަހަރެން ބޭރުގައި މަޑުކޮށްލީ ޓެކްސީއެއް ފެނޭތޯއެވެ. މީގެ ދިހަ އަހަރު ކުރިން އަހަރެން ދޫކޮށްފަ ދިޔަ މާލެއާ މިރޭ އަހަންނަށް ފެންނަން މިހިރަ މާލޭގެ މަންޒަރުތައް ވަރަށްވެސް ތަފާތެވެ. ގިނަ ފިހާރަތަކާއި ބުރި ބުރިއަށް ނެގިފައިވާ ގެތަކެވެ. އަދި އެހައިމެ ގިނަ މީހުންނެވެ. ބަދަލު ނުވެ އޮތީ ދިވެހިން ސާފުތާހިރުކަމަށް ވާ އިހުމާލެވެ. ބިންމަތިން ބުނެދެމުން ދިޔައީ އެ ވާހަކައެވެ. އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްތަކުގައި ރާއްޖޭގެ ފޮޓޯތައް ފެނުނު ނަމަވެސް އައިސްފައިވާ ބަދަލު ހަމަލޮލުން މި ފެނުނީ އަދި ކިރިޔާއެވެ.

އަހަރެންގެ އާއިލާގައި ހުންނަނީ އަހަންނާއި އަހަރެންގެ ދައްތައެވެ. އަހަރުމެން އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލު ކުރީ ދިމާވި ކާރު އެކްސިޑެންޓެއްގައި އަހަރުމެންގެ މައިންބަފައިން ނިޔާވުމުންނެވެ. އެއިރުވެސް ދައްތަގެ ފިރިމީހާ އުޅުނީ އޮސްޓްރޭލިއާގައެވެ. އަހަރުމެން އެކޮޅަށް ބަދަލުވީ ދޮންތަބޭގެ އެދުމުގެވެސް މަތިންނެވެ.

ކޮނޑާ ހަމައަށް ކޮށާލާފައިވާ އަހަރެންގެ އިސްތަށިގަނޑު ރީތިކޮށްލަމުން މަގުގެ ދެފަރާތް ބަލައިލީމެވެ. އަހަންނަށް ލަސްވަމުން ދާހެން ހީވާތީ އަނެއްކާވެސް ދުއްވަމުން އައި ޓެކްސީއަކަށް އަތް ދިއްކޮށްލީމެވެ. ގުޅާނެ ޓެކްސީ ނަމްބަރެއްހާ ހިސާބުވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ފޯނު ރިންގުވާތީ އަތްދަބަހުން ފޯނު ނަގައި ބަލައިލިއިރު “ވައިބާރ” އިން އެ ގުޅަނީ ދޮންތައެވެ.

” ހަލޯ؟” އަހަރެންގެ ކަންފަތުގައި ފޯނު ޖަހައިލަމުން ބުނީމެވެ. ” ރަޝް، ޖެޓީ ކައިރީތަ؟ ދޭ އާ ވެއިޓިން” ދޮންތަ ހުރީ އަހަރެން ނުގޮސްގެން ލަސްވެފައެވެ.

” ޓެކްސީއެއް ނުލިބިގެން. ދޮން. ގެ ބަލަހައްޓާ މީހާ ވަކިކުރަން އަހަންނަށް އެނގޭނީ ކިހިނެއް؟ އެބައިންތަ އެމީހާގެ ފޮޓޯއެއް؟” ހިތުގައި އޮތް މުހިއްމު ސުވާލެއް ހަނދާނަށް އައީ އެވަގުތެވެ.

“ނެތޭ! ދޮން ވަރަށް ބަލައިފިން. އެކޮޅުން ސޯބިރު ގުޅާފަ ބުނީ ހުންނާނަމޭ ދާންވާ އިރު ޖެޓީ ކައިރީ. ރަޝް ބަލައިގެން އުޅެއްޗޭ. ރަނގަޅަށް ބަލައިފަ އަވަހަށް ކަންކަން ހަމަޖައްސާފަ އާދޭ. ދޮންތަބޭ ދާނެ ރަޝް އަންނަހާ ވީމަ މިކޮޅަށް.” ދޮންތަގެ އަޑުގާ ވަނީ ނުތަނަވަސް ކަމެވެ.

” ހާސް ނުވޭ. ލަހެއް ނުވާނެ. ކޮންސްޓްރަކްޝަން ކަންކަން ހަމަޖައްސާފަ ހަމަ ތިން ދުވަސް ފަހުން ދާންވީ. ދޮން ދެން ބޭއްވީ. ޓެކްސީއެއް އެބަ އާދޭ” ދުރުން ފެހި ސިގްނަލް ދިއްލައިގެން އައި ޓެކްސީ އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

ޓެކްސީއަށް ލަގޭޖް ލުމަށްފަހު ވަދެ އަހަރެން ހަމަޖެހެލީމެވެ. ދާންވީ ތަން ބުނެފައި ފުންނޭވާއެއް ބޭރުކޮށްލެވުނީ ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުންނެވެ. ކިތަންމެ ވަރުބަލިވިއަސް އަދި ނިމުނީއެއް ނޫނެވެ. މަންޒިލު އަދިވެސް އޮތީއެވެ.

ރާއްޖެއަށް އަހަރެން މި އައީ އަހަރުމެން އުޅެފައި ދޫކޮށް ދިޔަ ގެ ރަށުގަ ހުރީތީ އެތަން ގެސްޓް ހައުސް އަކަށް ހެދުމަށް މަސައްކަތް ފަށާށެވެ. ގެ ހުރީ ފުދޭވަރަކަށް ބާވެފައި ކަމަށް ޚަބަރު ލިބިފައި ވުމުން ގެ މަރާމާތު ކުރުމުގެ މަސައްކަތް ބެލުމަށް އަހަރެން އައީ މިއީ އަހަރެން ކިޔެވި ދާއިރާއާވެސް ދުރުނޫން ގޮތަކަށް ގުޅޭ ކަމަކަށް ވާތީއެވެ. ހުންނަން އަހަރެން ހަމަ ޖެހިފައި އޮތީ އަހަރުމެންގެ ގޭގައެވެ. އެތަނަކާ އެތައް ފޮނި އަދި ހިތި ހަނދާންތަކެއް ގުޅިފައިވި މާހައުލުގައެވެ. އެ މާހައުލު ދޫކޮށްފަ ދިޔަ ދުހުން ފެށިގެން ގެ ސާފުކޮށް ބަލަހައްޓާ މީހަކީ އަހަރުމެން ރަށުގެ މުސްކުޅި ފުރައިގެ އަންހެނެއް ކަމަށް ސޯބިރު ބުންޏެވެ.

އެތައް ގަޑިއިރެއްގެ ދަތުރަށްފަހު އަހަރެންގެ މަންޒިލަށް ދުއްވަމުން ދިޔަ ލާންޗު ހުއްޓިއެވެ. ރަށުގެ ފަޅުތެރެއަށް ލާންޗު ވަން ވަގުތު، ލާންޗުން ބޭރަށް އަހަރެން ބޯ ދިއްކޮށް ބަލައިލީމެވެ. ރަށަށަވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އެއީ މަގު ބައްތިއެއް ނެތް ” އަނދިރިކަމުގެ ކިއްލާ”އެކެވެ. ނަމަވެސް މިއަދު ބަނދަރު މަތިވެސް ވަނީ ދިއްލައިލާފައެވެ. މަގުތަކުގައި ދާރު އަޅާފައެވެ.

ބަނދަރު މައްޗަށް ފޭބިއިރު ސޯބިރު އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ކޮންސްޓރަކުޝަން މެނޭޖަރަކީ އެއީއެވެ. ސޯބިރުގެ ކައިރީ އަދިވެސް ދެ މީހަކު ހުއްޓެވެ. އަހަރެން ސަލާމްކޮށްލީމެވެ. އަދި ތަޢާރަފުވަމުން ހިނގައިގަތީ ސޯބިރު ކުރީގައި ހުރެގެންނެވެ.

“އެހެން ވީމަ މާދަމަ ހެނދުނުގެ ވަގުތުގަ ސަޔަށް ބައްދަލުވުން ކިހިނެއް ވާނެތޯ؟” ސޯބިރު އަހައިލިއެވެ.

“އާދެ. ވީ އެންމެ އަވަހަކަށް ނިންމޭތޯ ބަލަން ބޭނުން. އެކަމް ޕާފެކްޓްކޮށް. މާދަން ކަންނޭނގެ ގެވެސް ރަނގަޅަށް ބަލައިލެވޭނީ. ވަރަށް ޓަޔާޑް.” އަހަރެންގެ އަޑުގައިވެސް ވަނީ ވަރުބަލި ކަމެވެ.

“އެހެންވީމަ އަޅުގަނޑު މާދަމައަށް ކޮންޓްރެކްޓް ޕޭޕާރސް ރެޑީ ކޮށްލާނަން.” ސޯބިރުގެ ހިނގުން ބާރުކޮށްލީ ލަސްވެފައި ވުމާވެސް އެކުއެވެ.

އަހަރުމެން ހިނގަމުން ދިޔައީ މުޅިންވެސް އަލި މަގުތަކުންނެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ފެންނަނީ ދެތިން މީހެކެވެ. ވަށައިގެން ކިޔަމުން ދަނީ ހަމަހިމޭން ކަމުގެ ނާނާއެކެވެ. އެއީ ކުރިން ރަށުގެ އާދަ އޮންނަ ގޮތެއް ނޫނެވެ. ދިހައެއް އެގާރަ ޖަހާއިރުވެސް ކޮންމެވެސް ކުދިބަޔަކު ރަށުގެ މަގުމަތީ ދުވެ ސަކަރާތްޖަހާ އަޑު އިވޭނެއެވެ. ޒަމާނާއެކު އެކަން ވެސް އޮއްސުހުނީ ހެއްޔެވެ؟

ސޯބިރުގެ މިސްރާބު ބަދަލު ކޮށްލީ ކުޑަކޮށް އަނދިރި މަގަކަށެވެ. ފަސް ވަރަކަށް މިނެޓު ހިނގުމަށްފަހު ސޯބިރު އައިސް ހުއްޓުނީ އަހަރުމެންގެ ގެ ކުރިމަތީއެވެ. އަދިވެސް ހުރީ ހަމަ ކުރިއެކޭ އެއްފަދައިންނެވެ. އަހަރުމެންގެ އާއިލާއަކީ އެއިރު ވަރަށް ފޯރާ އާއިލާއެކެވެ. ރަށުގައިވެސް އެއިރު ދެބުރިއަށް ނަގާފައި ހުރި ހަމަ އެކަނި ބިޔަ ގެއަކީ އަހަރުމެންގެ ގެ؛ ސަހަރެވެ.

” ސަޢިދާ ހީވާގޮތުން އެތެރޭގަ އުޅޭނެ. ޚަބަރުލިބިފަ އޮންނަގޮތުން ކޮންމެ ދުވަހަކުވެސް ސަޢީދާ ގެއަށް އާދޭ.” ސޯބިރުގެ އެ ޖުމުލައިން އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ކަންކަމާ ހަވާލުވެ ހުރީ ސޯބިރެވެ. ތޯތޯ ބަހެއްގެ މައްޗަށް އަހަރެން ހުންނަން މިތަން ހަމަ ޖެއްސިކަންވެސް މި އެނގުނީ އަދި ކިރިޔާއެވެ. ނަމަވެސް އަހަރެން އެއްޗެއް ބުނާކަށް ނުހަދަމެވެ. އެއަށްވުރެން ވެފައިވާ ވަރުބަލިކަން މާ ބޮޑީއެވެ.

“ދެން އަޅުގަނޑުމެން ގޮސްލީ. މާދަމާ ނުވައެއްގަ އަޅުގަނޑު އަންނާނަން ބަލައި” ސޯބިރު ދާން އެނބުރެމުން ބުނެލިއެވެ. އަހަރެންވެސް ޝުކުރުވެރިވަމުން ލަގޭޖު ހިފައިގެން ހިނގައި ގަތީމެވެ.

ގޭގެ މައި ދޮރާށިން އެތެރެއަށް ވަންއިރު ބޭރުގައި ވަނީ ފަނޑު އަލިކަމެކެވެ. ގޭގެ ފެންޑާ އަކީ ވަރަށް ބޮޑު ފެންޑާއެއް ކަމުން އެކި ކަހަލަ ގަސްތައް ގޭތެރޭ ހައްދާފައި އޮވެއެވެ. ހަނދުވަރުގެ އަލިކަން ލިބޭކަން ނަސީބެކޭ ހިތައް އެރިއެވެ. ވަރަށް ރީތިކޮށް މުޅި މާހައުލު ވަކިވެއެވެ. ދައްތައާއި ރައްޓެހިންނާއެކު ދުވެ ކުޅޭ ހަނދާންތައް އަހަރެންގެ ސިކުނޑިއަށް ފުނި ޖެހެމުން ދިޔައެވެ. އެ މަންޒަރުތައް ލޮލަށް ސިފަވަމުން ދެއެވެ.

ބަލާކަށް ގިނައިރަކު އަހަންނެއް ނުހުންނަމެވެ. ވެފައިވާ ވަރުބަލިކަމާއެކު އަހަރެން ހިނގައިގަތީމެވެ. އަރާފައިވާ “ހީލްސް” އިން ޓޮއް ޓޮއް ޖަހައި އަޑު ހަމަ ހިމޭންކަން ފޫދުއްވަމުން ދިޔައެވެ. އަހަރެން ގެޔާ އަރާ ހަމަވީ ތަނުން ގޭގެ ދޮރު ހުޅުވުނެވެ. ދެފަރާތަށް ދެ ދޮރު ހުޅުވުނު ހިނދު އަހަރެން ކުޑަކޮށް މަޑު ޖެހިލީމެވެ. އެތެރެއިން ކުޑަ ފާނޫޒެއް ހިފައިގެން ސަޢީދާ ނުކުތެވެ.

މިއީ ޖޯކެއް ހެއްޔެވެ. ރަށުގައި ކަރަންޓު އެބަހުއްޓެވެ. އެތައް ގެއެއް ދިއްލާފައި ހުރީތީ އަހަރެންގެ މި ދެލޮލުން ދުށީމެވެ. އަނެއްކާ މިޒަމާނުގައި ފާނޫޒު ގެންގުޅުނަސް ބެޓެރީ އިން ދިއްލޭ ފާނޫޒު ނޫނީ ގެންގުޅޭތީ ނުދެކެމެވެ. މި ފަދަ އެތައް ހިޔާލުތަކެއް އަހަރެންގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ.

ސަޢީދާ ލައިގެން ހުރީ ރަތްކަން ގަދަ ލިބާހަކާއި ކަނޑިއްކެކެވެ. މޫނުމަތީގައި ޖެހިފައިވާ ރޫތައް ގިނައެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ހުޅި ޖަހައިފައެވެ. ސަޢިދާ ކުއްލިއަކަށް ބަލައިލއެވެ. ސީދާ އަހަރެންގެ ލޮލަށެވެ. ކުޑަ ސިހުމެއް އެވަގުތު އަހަންނަށް ލިބުނެވެ. އެ ބެލުމުގައި ބުނަން ނޭނގޭ ފަދަ ބިރުވެރި ގޮތެއް ހުއްޓެވެ.

“ސަ.. ސަޢީދާއްތަ ތަ؟” އަހަރެންގެ އަޑުގައި މަޑު ކޫރުމެއް ހުއްޓެވެ. ސަޢީދާ އަހަރެންގެ ފައިކޮޅުން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. މިމީހުންގެ މި އާދަ އަދިވެސް ނުކެނޑޭބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ އަހަންނަށް ލެވިފަ ހުރި ހެދުން މާ ކުރީ ބާވައެވެ. ކަކޫ ނިވާކޮށްލުމަށް އަހަރެން ސްކާޓުގައި ހިފައި ކުޑަކޮށް ދަމައިލީމެވެ.

ސަޢީދާ ބޯ ޖަހައިލިއެވެ. އަދި އެތެރެއަށް ހިނގައިގަތެވެ. އެތެރެއަށް ވަންނަން އެ ދިނީ ދަޢުވަތު ކަމުގައި ބަލާ އަހަރެންވެސް ހިނގައިގަތީމެވެ. މިއީ އަހަރެންގެ ގެއެވެ. ކޮން ދަޢުވަތެއް ހެއްޔެވެ؟!

އެތެރެއަށް ވަނުމާއެކު އަހަންނަށް ވަށައިގެން ބަލައިލެވުނެވެ. މައިން ބަފައިންގެ ހަނދާންތައް އިސާހިތަކު ސިކުނޑިއަށް ބާރު ފޯރުވިއެވެ. ތަސްވީރަކު ފުލު ތަސްވީރެއް އަހަރެންގެ ހަނދާނުގެ އަލްބަމުން އުކެމުން ދިޔައެވެ. އެހެރަ ސޯފާއެވެ. އެ ފަންކާއެވެ. އެ ކުޑަ ދޮރެވެ. އޭނދަ ޗާންދަލިއާއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ހަމަ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ވަގުތު ހުއްޓިފައި ވާ ފަދައެވެ.

ސަޢިދާ ކިތަންމެ ރަނގަޅަކަށްވެސް ގޭތެރެ ބަލަހައްޓަމުން ދާކަން އެނގެއެވެ. އެންމެ ހިރަފުސްކޮޅެއްވެސް ފެންނަން ނެތެވެ. އަހަރެންގެ ހަޔާތާ މިވަރަށް ގުޅިފައިވާ މި މަންޒިލު ސުންނާފަތިކޮށްލުމަށް ދެވަނަ ވިސްނުމަކަށް މި ވަގުތު ނުގޮސްފިނަމަ ވަރަށް ރަނގަޅެވެ.

ވަށައިގެން ބަލަމުން ދިޔަ އަހަރެންގެ ނަޒަރު އަޅައިގަތީ ކައިރީ އަހަންނަށް ފާޑަކަށް ބަލަން ހުރި ސަޢީދާއަށެވެ. ވާހަކަ ދައްކަން ވެސް އަހަރެން އެބަ ބިރުގަނެއެވެ.

“ކަ.. ކަރަންޓު ނެތީތަ؟” އުނދަގުލުން ނަމަވެސް އަހަރެން އެހީމެވެ. ސަޢިދާ ހޫމް ބުނެލިއެވެ. “ކޮބާ ކޮޓަރި؟” އަހަރެން ބޭނުންވީ މި މާހައުލާ ދުރަށް ދާށެވެ. އެމީހާގެ މޫނު ނުފެންނަ ހިސާބަށް ދާށެވެ.

ސަޢީދާ އަތުގެ އިޝާރާތުން ސިޑި ބަރި ދައްކައިލިއެވެ. މަތީގައި ހުންނާނީ އެންމެ ކޮޓަރިއެއްކަމުން އިތުރު ސުވާލު ކުރަން ނުހަދާ އަހަރެން ހިނގައިގަތީ ސިޑިއާ ދިމާލަށެވެ.

“ކާނަން؟” އެ މުސްކުޅި ބިރުވެރި އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ވަގުތުން އއަހަރެން ބޯހުރުވާލީމެވެ. އަދި ހިނގުން އިހުނަށްވުރެ ބާރުކޮށްލީމެވެ.

ކޮޓަރީގަ ހުރީ އުއްބަތި ދިއްލާފައެވެ. މާ ޓުކުރިއެއް ބަހައްޓާފައި ހުރި އިރު އޭގެން އާދަޔާ ޚިލާފު މީރު ވަހެއް ކޮޓަރީގައި ހިފާފައި ހުއްޓެވެ. ކޮޓަރީގައި ވަނީ ހަނދާންތަކުގެ ތަސްވީރުތަކެއް ސާލު ފަތުރާފައެވެ.

ކޮޓަރިއަށް ވަނުމާއެކު އަހަރެން ދޮރު ޖަހައި ތަޅުލީމެވެ. ބެޑުމަތީ އޮށޯވެލީ މާދަމާ ކުރަން އޮތް މަސައްކަތް  ބޮޑުކަމުން ރަނގަޅަށް ނިދާލެވޭތޯއެވެ. ނަމަވެސް ފޯނުގަ ފިރުމާ ނުލާ ނިދުމަކީ އަހަންނަށް ވާނެކަމެއް ނޫނެވެ.

” ދޮން، ހާދަ ކްރީޕީ ދައިތަ ގަނޑެކޭ. މި ތަނެކޭ ކާނިވަލެއްގެ ބިރުވެރި ހޮހޮޅައެކޭ އެއްގޮތް. އަވަދި ބިރުން. އައި ހޯޕް އައި ކޭން ސަވައިވް ދިސް ޝި* ފޯ ތްރީ ޑޭސް!” އަހަރެން ޝަކުވާތައް ބަންޑުންކޮށްލަން ފެށީމެވެ. ދޮންތަ ހިނިގަނޑެއް ޖަހައިލި އަޑު އިވުނެވެ.

“ކޮބާ، މަ ބުނީމެއްނު އަނީސް! އޭނަ މިހާރުވެސް ބިރުން ރޮނީ!” ދޮންތަ މަލާމަތްކުރަން ފެށިއެވެ. އަހަރެން ވަގުތުން އިންކާރުކުރީމެވެ. “ތެދެއް ރަޝާ؟ އެކަމް ބުނި ދަމުން މަމީ ފިނޑި މީހެއް ނޫންކަން ދައްކާނަމޭ!” ދޮންތަބޭ ދޮންތަގެ އަތުން ފޯނު އަތުލައި އެ ސަކރާތުގަ ބައިވެރިވިއެވެ.

” އެއީ ބިރުންނެއް ނޫން. މިތާ ކަންތައް ހުރިގޮތް މި ކިޔާދެނީ. ފަސްޓް އިމްޕރެޝަން! އެހެންނޫނަސް އަހަންނެއް ބިރެއް-” އަހަންނަށް ހަޅޭލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ކޮޓަރީ ދޮރު ކުރިމަތީ ހުރި ސަޢިދާގެ ބޮޑު ދެލޯ ފެނިފައި އަހަރެން ބެޑުމަތިން ނަގާ ކޮޅަށް ޖެހުނެވެ. އަތުން ފޯނުވެސް ދޫވިއެވެ. އެވަރު ބާރަށް އަހަރެން ހަޅޭލަވައިގަތުމުންވެސް އެމީހާ ކަހާތަން ހިރުވާވެސް ނުލައެވެ.

“ޓަކި ދިންނަމަ..” އަހަރެން ބުނެލީ ހިސާބަކަށް ނުރުހުންވެ ހުރެއެވެ. އެއްވެސް ޖަވާބެއް ނައެވެ. އަންނާނެ ކަމަށް އުއްމީދެއްވެސް ނުކުރަމެވެ. އަނެއްކާވެސް ވާހަކަ ދެއްކީ އަހަންނެވެ. ” ކިހިނެއްވީ ތި އައީ؟”

ސަޢީދާގެ އަތުގައި އޮތް ބެޑު ޝީޓު އަހަންނަށް ފެނުމުން އެނބުރި ބެޑުމައްޗަށް ބަލައިލީމެވެ. ތެދެކެވެ. ބެޑަކު އެއްވެސް ބެޑު ޝީޓެއް ނެތެވެ. އަހަރެން ސަޢީދާގެ ކައިރިއަށް ޖެހިލުންވެ ހުރެ ހިނގައިގަތީމެވެ.

“ގެނޭ” އަހަރެން އަތް ދިއްކޮށްލުމުން ސަޢީދާ އިތުރު ވާހަކައެއް ދައްކާކަށް ނުހަދައެވެ. އަހަރެން ބެޑްޝީޓު އަޅާ ނިމުނު އިރު އެ ދައިތަގަނޑު އެތަނުގަ ހަމަ އެ ހުރި ގޮތަށް ހުއްޓެވެ. މިފަހަރު އަހަރެން ގާތަށް ރުޅި އަންނަގޮތް ވިއެވެ. ” ނިދަން މިއުޅެނި. ދަމުން ދޮރު ޖަހައިފަ ދައްޗޭ” ތަންކޮޅެއް ހަރުކަށިކޮށް އަހަރެން އެހެން ބުނުމުން ސަޢީދާ ނުކުތެވެ. ނިދާ ހެދުމާއި އުއްބައްތިއެއް ހިފައިގެން ފާޚާނާއަށް ވަންނަން އަހަރެން ހިނގައިގަތް ވަގުތު އެއްޗެއް ހަނދާންވެގެން މަޑު ޖެހެލީމެވެ.

އަހަރެން ކޮޓަރިއަށް ވަންނަމުން ދޮރު ތަޅުލީމެވެ. ސަޢީދާ އެތެރޭގައި ހުއްޓާ ފެނުނީ ކުއްލިއަކަށެވެ.  އެތެރެއަށް ވަން އަޑެއްވެސް އަދި ވަންނަނިކޮށްވެސް ނުދެކެމެވެ. އަނެއްކާ ޑަބަލް ކީއެއް އޭނާގެ އަތުގައި އޮންނަނީ ހެއްޔެވެ؟

އަހަރެން ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. ދެވަނަ ތަޅުދަނޑިއެއް އޮތަސް އިޒުނަ ނެތި ކޮޓަރިއަށް ވަނުމީ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ސިފައެކެވެ. އަހަރެން ހިނގައިގަތީ ކޮޓަރިން ބޭރަށް  ދިއުމަށެވެ. ސަޢީދާ ގާތު ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރުމަށް ހަނދާން ނުނެތެނީސް ބުނަން އަހަރެން ބޭނުމެވެ.

ކޮޓަރި ދޮރު ހުޅުވާ އަހަރެން ބޭރު ބަލައިލިއިރު މުޅި މާހައުލުގައި ވަނީ އާދަޔާ ޚިލާފު އަނދިރި ކަމެކެވެ. ކުރިން ހުރި ފަނޑު އަލިކަންވެސް މިހާރު ނެތެވެ. ބޭރަށް ނުކުތް އަހަރެން ދެވަނަ ވިސްނުމަކަށް ދިޔައީ އެހިސާބުންނެވެ. މި ފަހަރު އަސްލުވެސް ބިރުގަތެވެ. އެހެންކަމުން އެނބުރި ކޮޓަރިއަށް ދިއުމަށް ކޮޓަރީގެ ދޮރު ހުޅުވައިލި ވަގުތު އަނެއްކާވެސް އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

ކޮޓަރީގައިވެސް މިހާރު ވަނީ ކަނު އަނދިރިކަމެވެ. ތަނެއް ދޮރެއްވ ވަކި ނުވެއެވެ. ހަޅޭ ލަވައިގަންނަންވެސް އަހަރެން ބޭނުމެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ މި ހަމަހިމޭން މާހައުލެވެ.

އަވަސް އަވަހަށް އަހަރެން މަސައްކަތް ކުރީ އަހަރެންގެ ފޯނުން ޓޯޗު އަލި ކުރެވޭތޯއެވެ. ނަމަވެސް ފޯނުވެސް އޮތީ ނިވިފައެވެ. ބިރުވެރިކަމުގެ ތެރެއަށް މިއީ އިތުރުވި ބޮޅެކެވެ. އަހަންނަށް ހަޅޭލަވައިގަންނަން މަޖުބޫރުވެއްޖެއެވެ.

މީހަކަށް އެހީއަށް އެދި ގޮވަމުން އަހަރެން ދުއްވައިގަތީ އެ އެއް މި އެއް ނުބަލައެވެ. ޖެހުނު އެއްޗެއް އެއްފަރާތް ކުރަމުން ދުވަމުން ގޮސް ސިޑި ބަރިން ފައިބަނިކޮށް އަހަރެންގެ ފައި ކައްސައިލިއެވެ. ވެއްޓި ސިޑިއެއްގައި ބޯ ޖެހުނުލެއް ބާރުކަމުން އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. އެއިރުވެސް އަހަރެން ދިޔައީ ހަމަ އެ ސިޑި މަތިން ފުރޮޅެމުން ވެއްޓެމުންނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަށައިގެންވާ މާހައުލަށް އަނދިރިވާން ފަށައިފިއެވެ.

އަހަރެން ލޯ ހުޅުވައިލި އިރު ވަށައިގެންވާ މާހައުލުގައި ފުސް ކަމެއް ހުއްޓެވެ. ނޭފަތުގައި ޖެހުނީ “ޑިޓޯލް” އެންޓިސެޕްޓިކްގެ ވަހެވެ. ތަންތަން ސާފުވާން ފެށިއިރު އަހަންނަށް އޮވެވުނީ ރަށު ސިއްޚީ މަރުކަޒުގައެވެ. އަހަރެން ވަށައިގެން ބަލައިލީލެމެވެ. ކައިރީ ސޯބިރާއި ދެތިން ނަރުހުންވެސް ތިއްބެވެ. ސޯބިރުގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.

” ކިހިނެއްވީ؟ އަހަންނަށް ރޭގަ..” އަހަރެން ތެދުވަން އުޅުނީމެވެ. ނަމަވެސް ސޯބިރު އަހަރެން ހުއްޓުވައި ބޭއްވިއެވެ. ބޮލުގައި ބެންޑޭޖު އޮޅާފައި އޮތްކަންވެސް ރޭކާލީ އެވަގުތުއެވެ.

“ވަރަށް ބޮޑަށް މަޢާފަށް އެދެން. އަޅުގަނޑުގެ އިހުމާލުން ވީ ކަމެއް. އަޅުގަނޑުވެސް ރަށުން ބޭރުގަ އުޅޭތާ މަހެއް މިވަނީ، އެހެންވެ އެއްގޮތަކަށްވެސް…”

ވާ ނުވާ ނޭނގިފައި އިންދައި އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އަހަރެން ސޯބިރު ގާތު މަޑުކޮށްލުމަށް އެދި ފޯނު ނަގައި ބަލައިލީމެވެ. ގުޅަނީ ދޮންތައެވެ.

” ރަޝް ރަނގަޅުތަ؟” ދޮންތަ ހުރީ ވަރަށް ބޮޑަށް ހާސް ވެފައެވެ. އަހަންނަށް އަނގައިން ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ވާހަކަދެއްކީ ދޮންތައެވެ.

“އަޅެ، ވަރަށް ބޮޑަށް ސޮރީ. ދޮން އަކަށް ވެސް ނޭނގެއޭ! މިއަދު ސޯބިރު ގުޅާފަ ބުނީމަ އެނގުނީ. އެހެންނަމަ ކޮއްކޮ އެކަނި ނުވެސް ފޮނުވާނަން އައި ސްވޭ..! މިއީ އަހަރުމެން ވެސް އެކަކާ ވާހަކަ ދައްކައިގެން ޑީލްގެ ކަންކަން ގެންދިޔައީމަ ވީގޮތް. ރަށުގަ އުޅޭ މީހަކާވެސް މަޝްވަރާކޮށްލެވުނު ނަމަ…” މި އެންމެން މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

“މަޑު ކޮށްބަލަ މަޑު ކޮށްބަލަ..! ކިހިނެއްތަ އަސްލު ވެގެން މިއުޅެނީ؟” އަހަރެން އަހަން ބޭނުންވެފަ އޮތް ސުވާލު އެހީމެވެ.

” ސޯބިރު ނުބުނޭތަ؟ އޭނައަށްވެސް މިއަދު އޯ އެނގުނީ، ރަށުގަ ނޫޅޭތާ..” ދޮންތަވެސް ފެށީ އަނެއްކާ އެވާހަކައެވެ. އަހަރެން ފޫހިވާގޮތް ވިއެވެ.

“އާ ވާހަކައެއް ކިޔަބަލަ ހެޔޮނުވާނެ!” އަހަރެން ހިސާބަކަށް ރުޅިއައިސް ބުނީމެވެ.

“ރަޝް، ސަޢީދާއްތާ މަރުވިތާ މިއަދަށް ދެހަފްތާ ވީ… މަރުވީ އަހަރުމެންގެ ގޭގަ ސާފުކުރަން އައިސް އުޅެނިކޮށް.. ތިން ދުވަސް ފަހުން ފެނުނީވެސް” އެ ވެއްޓުނީ އަހަރެންގެ ފޯނެވެ.

ހިތް އަވަސްވާން ފަށައިފިއެވެ. އަތްފައި ފިނިވާން ފަށައިފިއެވެ. ބޮލުގައި އިހުނަށްވުރެ ގަދައަށް ރިއްސަން ފެށިއެވެ. ކައިރީ ތިބި މީހުން ތެޅިފޮޅިގަތެވެ. ވަށައިގެންވާ މާހައުލަށް އަނދިރިވެ އަނެއްކާވެސް ހިނދުކޮޅަކަށް އަނދިރި ކަމުގެ ދުނިޔެއަށް އަހަރެން ގެނބިގެން ހިނގައްޖެއެވެ.

******************

Share Article

Follow Me Written By

Ibrahim Waheed

Level 1

Other Articles

Previous

އީސްޓު ވިލާ – 2

Next

އެ ސިއްރު

Next
October 26, 2018

އެ ސިއްރު

Previews
October 26, 2018

އީސްޓު ވިލާ – 2

13 Comments!

  1. Nia says:
    October 26, 2018 at 9:58 am

    So creepee..ekamu v nice??

  2. NODDY says:
    October 26, 2018 at 12:37 pm

    ??? are u binmaa ibrahim waheed

    1. Ibrahim Waheed says:
      October 26, 2018 at 7:43 pm

      Haha not binmaa ??

  3. Baby says:
    October 26, 2018 at 2:46 pm

    So scary..ekam v. Reethi
    So realistic??

  4. އިއްބެ says:
    October 26, 2018 at 5:47 pm

    Is it the END tha?

    1. Ibrahim Waheed says:
      October 26, 2018 at 7:42 pm

      Yup, its a short story ?

  5. Ibrahim Waheed says:
    October 26, 2018 at 7:44 pm

    Thanks everyone ?

  6. **** says:
    October 27, 2018 at 4:35 pm

    What the ****aadhi when baeh neendheytha.. Really liyefa in bai vvv vv Reeth but ehisaabun nimunyma hadi

  7. Mody says:
    November 1, 2018 at 2:15 pm

    Varah Salhi!! Ehen bayeh genesdhinama

  8. Niumathulla says:
    December 18, 2018 at 3:31 pm

    . ފައްކާ ލިޔުމެއް ކަމަށް ބުނެ ވެއެވެ

  9. Secret says:
    December 25, 2018 at 9:21 pm

    Vrh salhi story eh…. Ekam ehisaabun end genaeema vrh hadi

  10. Denim girl says:
    February 17, 2019 at 7:40 pm

    Nimuneetha?? ??
    By the way, salhi! ??

  11. Azoo says:
    June 30, 2019 at 4:05 pm

    Very nice story

Comments are closed.


All Right Reserved!