Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ބަދުނާމު

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 25, 2018 4 Mins Read
12 Comments

ނޯޓް: މިއީ ޙަޤީޤީ ޙާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

 

ނިޝާއަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. އުމުރުން ދިހަ އަހަރު ވީއްސުރެ އޭނާއަށް އުފަލަކީ ނެތް އެއްޗެއް ފަދައެވެ. ހިތާމައަކަށްފަހު ހިތާމައެއް އޭނާއާއި ބައްދަލުކުރަމުން ދިޔައިރު އޭނާ ކެތްތެރިކަމާއެކު އެ ހުރިހާ ހިތާމަތަކެއް ބަރުދާސްތުކުރިއެވެ. ހަމައެކަނި ނުކުޅެދޭ ޙާލުގައި ބަލި އެނދުގައި އޮތް އޭނާގެ މަންމައަށްޓަކައެވެ.

ނިޝާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތައް އޭނާއަށްވެސް އަޑުއިވެއެވެ. އޭނާއަކީ ބައްޕަ ނެތް ކުއްޖެކޭ ކިޔާ އަޑު އިވުމުން ލަދުގަނެއެވެ. ދެރަވެއެވެ. އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. ވުމާއެކު މަންމައާއި އޭނާގެ ބައްޕައާއި ބެހޭގޮތުން ސުވާލުކުރެއެވެ. ނަމަވެސް އެސުވާލު ކުރާ ކޮންމެ ދުވަހަކީ އޭނާއަށް އެތައް އަނިޔާއަކާއި ކުރިމަތިލާންޖެހޭ ދުވަހެކެވެ. މަންމައަށް އެސުވާލަށް ޖަވާބު ނުދެވިގެން އުޅޭ ސަބަބެއް ނިޝާއަކަށް ނުވިސްނެއެވެ. ބައެއްފަހަރު ރަށުތެރޭ ދެކެވޭ ވާހަކައަކީ ތެދު ވާހަކައެކޭވެސް އޭނާއަށް ހީވެއެވެ. ނަމަވެސް އެފަދަ ހުތުރު ތުހުމަތެއް އެއްވެސް މީހަކާއިމެދު ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ.

ނިޝާގެ ދިރިއުޅުމުގެ ހިތްދަތިކަމުގެ ތެރެއަށް އިތުރު ހިތްދަތިކަމެއް ލިބުނީ މަންމައަށް ދިމާވި އެކްސިޑެންޓެއްގައި ގައިގެ އެއްފަޅިން ވާގި ނެތުމުންނެވެ. ޙާލަތު ނިޔާކުރި ގޮތުން ނިޝާއަށް މަޖުބޫރުވީ ކިޔެވުން ހުއްޓާލާށެވެ. ގްރޭޑް ހަތަރަކުން ކިޔެވުން ހުއްޓާލައި އޭނާ މަންމަގެ ޚިދުމަތުގައި ދުވަސްތައް ހޭދަކުރަން ފެށިއެވެ. އޭނާގެ މަންމަ އޭނާއާއި ދޭތެރޭ ކިތަންމެ އިހާނެތިކޮށް ކަންތައްކުރި ނަމަވެސް އޭނާގެ ވާޖިބު އަދާކުރަން އޭނާ ބޭނުންވިއެވެ. އެއްވެސް ޝަކުވާއަކާނުލާ އޭނާ މަންމައަށް ޚިދުމަތްތައް ކޮށްދެމުން ދިޔައީ ނުހަނު އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ނިޝާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އޭނާގެ މަންމަ ނާހިދާއަށް އަމިއްލަ ކުށް އިހުސާސްކުރެވެއެވެ. ނިޝާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކުރެއެވެ. ނިޝާގެ އެއްވެސް ކުށެއްނެތި އަނިޔާ ކުރެވުނީތީ އަމިއްލަ ނަފުސުދެކެ ރުޅި އާދެއެވެ. އެ ހުރިހާ އަނިޔާއަކާއި ވޭނެއްގެ ބަދަލުގައި އިންތިހާއަށް ލޯބިދޭން ނާހިދާ ބޭނުންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އޭނާއަކީ އާރެއް ބާރެއް ނެތް ނިކަމެއްޗެކެވެ. އަމިއްލަ ޙާލައިގެން ނޫޅެވޭ ބޭކާރު މީހެކެވެ. މިއީ އޭނާ ކުރި ކުށުގެ ސަޒާއޭ ނާހިދާގެ ހިތް ބުނެއެވެ.

ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެން ނިޝާ އެދެމައިންނަށް ބަނޑުފުރާނަ މުއްތިކުރެވޭވަރު ކުރެއެވެ. އޭނާގެ އުމުރު މަތިވަމުން ދިޔަވަރަކަށް އޭނާ ކުރާ މަސައްކަތް އިތުރުކޮށް ލިބޭ ލާރިން ފޮރުވައި ރައްކާކުރެއެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރެއެވެ. އޭނާއާއި އެއް އުމުރެއްގެ ކުދިން ސްކޫލަށް ކިޔަވަން ދާތަން ފެނުމުން އޭނާވެސް ކިޔަވަން ދާހިތްވެއެވެ. ނަމަވެސް އޭނާއަށް ހުރިގޮތަކީ އެއީކަމަށް ޤަބޫލުކޮށް ޝުކުރުކޮށްލައިގެން ހުންނަނީއެވެ. އެއް އުމުރުފުރާގެ ކުދިން ރީތި ހެދުންލައި ނަލަހެދިގެން އުޅޭތަން ފެނުމުން އޭނާއަށް އެފަދަ ހެދުން ނުލެވޭތީ ދެރަވެއެވެ. އޭނާ އެ ލާ ބާވެ ކުލަ ވެއްޓިފައިވާ ހެދުންތައް ލައިލައި ފޫހިވެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ހައިސިއްޔަތު އޭނާއަށް ވިސްނެއެވެ. ވުމާއެކު އޭނާ އެއިން އެއްވެސް ކަމަކާ ޝަކުވާއެއް ނުކުރެއެވެ.

ނިޝާގެ ފުރިހަމަވަމުން އަންނަ ހަށިގަނޑަށް ހިތްނުބައި ޒުވާނުންގެ ލޯތައް އަމާޒުވެއެވެ. ތާޒާ މަލުގެ ފޮނިކޮޅު ބޯލުމަށް އެދިއެވެ. އާ މަލަކުން ރަހަ ބަލާލުމުގެ ބޭނުމުގައި ތިބި އެތައް މާބުރެއްވެސް އޭނާގެ ފަހަތުން އެނބުރެމުން ދިޔައެވެ. އޭގެ ތެރެއިން އެކަކަކީ އަދީލްއެވެ. އޭނާއަކީ ރަށަށް އެރި ބީރައްޓެއްސެކެވެ. މުއްސަންޖެކެވެ. އަންހެންކުދިންގެ ހިތްތަކަށް އަސަރުކުރުވާނެ ހިތްގައިމު ސިފަތަކެއް ލިބިފައިވާ ފިރިހެންވަންތަ ޒުވާނެކެވެ. އާއިލާއަށް އެހީތެރިވުމުގެ ނަމުގައި ގެއަށް އައިސް އުޅުމުގެ ތެރޭގައި އޭނާ ނިޝާއަށް އެކިއެކި ދުއްތުރާތައް ކުރިމަތިކުރެއެވެ. ނަމަވެސް ނިޝާއަށް އެއިން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އޭނާގެ ވާހަކަ ޤަބޫލުކުރާނެ މީހަކު ނުވާނެކަން އެނގޭތީއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނިޝާއަށް ހޭލެވުނީ އޭނާގެ ގައިގައި މީހަކު ބީހޭކަމުގެ އިހުސާސް ކުރެވިގެންނެވެ. އޭނާއަށް ހޭލެވުމާއެކު އެނދުމަތީގައި އޭނާގެ ހަށިގަނޑު މައްޗަށް ގުދުވެގެން އޮތް އަދީލް އޭނާގެ އަނގަމަތީ އަތްއެޅިއެވެ. ނިޝާއަށް ވާން އުޅެނީ ކީއްކަން ވިސްނެއެވެ. ވުމާއެކު އޭނާ ސަލާމަތްވާން ތެޅިފޮޅުނެވެ. ނަމަވެސް އަދީލްގެ ބާރުގަދަ ދެއަތުގެ ވަކިތަކުން ސަލާމަތްވުމުގައި ނިޝާއަކަށް ކާމިޔާބެއް ނުހޯދުނެވެ. ނިކަމެތިކަމުގެ އިންތިހާގައިވާ ނިޝާގެ ޢިއްފަތްތެރިކަން ފޭރިގަތީ އެއްވެސް ރަޙުމެއް ނެތިއެވެ. ނިޝާގެ ހިތް ކުދިކުދިކޮށްލާފައެވެ.

ހިތް ފުރޭވަރުވުމުން އަދީލް ހުއްޓާލިއިރު އޭނާގެ ފުން ނޭވާގެ އަޑު ވަނީ ކޮޓަރިތެރޭގައި ހަރުލާފައެވެ. ވަރުބަލިކަމުގައި ނިޝާގެ ގައިމަތިން ނުތެދުވެ އިރުގަނޑެއް ވަންދެން އޮތެވެ. ނިޝާގެ ލޮލުން އެއްވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައިރު އޭނާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވެއެވެ. އަދީލްގެ ވަރުބަލިކަން ފިލުމުން އޭނާ ތެދުވަމުންވެސް ނިޝާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ގޯނާކޮށްލިއެވެ. އޭނާއަށް އެކަމުން ޚާއްސަ އުފަލެއް ލިބޭ ފަދައެވެ. ނަމަވެސް އޭނާ އެކުރީ ކިހާ ނުބައި ފާފައެއްކަން އޭނާއަށް ވިސްނޭނެނަމައެވެ. އަދީލް ތެދުވެ ހަށިގަނޑަށް އަންނައުނުތައް މަހާލައިގެން ދިޔައިރުވެސް ނިޝާ އޮތީ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުން ހަރަކާތެއްވެސް ގެންނަން ނުކެރިފައެވެ.

ނިޝާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރެވޭތޯ އޭނާ ހިތްވަރާއެކު މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ޖާނުން ވަރުގަދަ ފިރިހެނަކު އޭނާފަދަ ބަލިކަށި އަންހެންކުއްޖެއްގެ ގައިގައި ހިފަހައްޓާލި ތަންތަނުގައި ރިއްސަމުން ދިޔައީ ކެތްނުކުރެވޭ ވަރަށެވެ. ދަށްބަނޑަށް ވާންވެފައި ހުރުމުގެ ސަބަބުން ދެފައި ކުރުކޮށްގެން އޭނާއަށް އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. އެތައްއިރެއް ވަންދެން އެހެން އޮތުމަށްފަހު ހިތްވަރާއެކު އޭނާ ފާޚާނާއަށް ވަނެވެ. އެތައްއިރަކު ހަށިގަނޑުގައި ސައިބޯނިލައި ގައި ދޮވެ ރަނގަޅަށް ފެންވަރާލުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ހަށިގަނޑަށް ލިބުނެވެ. ނަމަވެސް އޭނާގެ ހިތަށް ކޮށްފައިވާ އަސަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެރެއަށްފަހު ކޮންމެ ރެއަކުވެސް އަދީލް އައިސް ނިޝާގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތް ފޯރުވައެވެ. އޭނާގެ ޖިސްމުން އުފާ ހޯދައެވެ. އޭނާގެ ޖިސްމު މުޑުދާރުކުރެއެވެ. މުޅި ދުނިޔެ މަތިން ފޫހިވާވަރު ކުރެއެވެ. ނަމަވެސް އޭނާއަކީ އެހާ ފަސޭހައިން ހިތްވަރު އެލުވާލާ ކަހަލަ ކުއްޖެއް ނޫނެވެ. އޭނާގެ ފަހުނޭވަޔާ ހަމައަށްވެސް އޭނާ ހިތްވަރުކުރާނެއެވެ. ކެތްކުރާނެއެވެ. އޭނާ ޔަޤީންކުރެއެވެ. ކޮންމެވެސް ދުވަހަކުން މާތް ﷲ އޭނާ މި މުސީބާތުން ސަލާމަތްކޮށްދެއްވާނެއެވެ. އެކަމަށްޓަކައި އޭނާ ތާއަބަދު ﷲގެ ޙަޟްރަތުގައި ދަންނަވައެވެ.

އެ ވޭންތައް ތަހައްމަލުކުރަމުންދާތާ ދެމަސްވީތަނާ ނިޝާއަށް އާދަޔާ ޚިލާފު އުނދަގޫތަކެއް ވާން ފަށައިފިއެވެ. ގަދަ ވަސްތަކަށް ބޯއަނބުރައެވެ. މޭ ނުބައިކޮށް ހޮޑުލަވައެވެ. އާދަޔާ ޚިލާފަށް ހުތް އެއްޗެހި ކާހިތްވިއެވެ. ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެހާ ޅަ އުމުރެއްގައި ހަށިގަނޑުގެ ވަނާތަކަށް އަންނަންޖެހޭވަރަށްވުރެ ބޮޑެތި ބަދަލުތައް އޭނާގެ ހަށިގަނޑުގެ ވަނާތަކަށް އަންނަމުން ދިޔައެވެ. އެކަމުގެ ސަބަބުން ރަށުތެރޭގައި އޭނާ ރަށްމެދަށް ބަލިވެ އިން ވާހަކަ ދެކެވެން ފެށިއެވެ. އިސާހިތަކު އޭނާގެ މަންމައާއި ހަމައަށް އެވާހަކަ އަތުވެއްޖެއެވެ. އެތައް ދުވަހެއް ވަންދެން އެގެއަށް ނުވަދެ ތިބެފައި އެވާހަކަ ގޮވާލުމަށް ގެއަށް އައި މީހުން މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ނިޝާއަށް އިތުރު ހިތްދަތިކަމެއް ލިބިގެން ދިޔައެވެ.

ނާހިދާގެ ދެލޮލުން ނިޝާއަށް ފެނުނީ އާދޭހުގެ އަސަރެވެ. އޭނާއަށް ޙަޤީޤަތް ކިޔައިދިނުމަށް އެދިއެވެ. ނިޝާ އެއްވެސް ވާހަކައެއް ސިއްރެއް ނުކުރިއެވެ. އަދީލް އެމީހުންނަށް އެހީތެރިވުމުގެ ނަމުގައި އެގެއަށް އައިސް އެމީހުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައި އޭނާ ދުނިޔެއަށް ގިނަކޮށްލި ވާހަކަ ކިޔައިދިނީ ރޮއިރޮއިފައެވެ. ނިޝާގެ ޙާލާއިމެދު ނާހިދާ ހަމްދަރުދީވިއެވެ. އޭނާއަށް ޖެހުނު ޙާލު އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ޖެހުނީ ކީއްވެބާވައެވެ؟ އޭނާގެ ޒުވާންކަން ނަގާލީވެސް ހަމަ އެފަދަ ނުލަފާ ފިރިހެނެކެވެ. ތަފާތަކީ އެ އަނިޔާވެރިޔާ އޭނާއަށް ލޯބީގެ ދަޅަ ދައްކައިގެން ހައްލާލަން އުޅެ ކާމިޔާބު ނުވުމުން ބަދަލު ހިފިކަމެވެ. ނަމަވެސް އަދީލް އެމީހުންގެ ކިބައިން ހިފަން އޮންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ އަދީލްއަށް ނިޝާ އެއްވެސް ގޯނާއެއް ނުކުރާނެކަން ނާހިދާއަށް ޔަޤީނެވެ. އަދި އަދީލް އެމީހުންނަށް އެހީތެރިވުމުގެ ނަމުގައި އައީ އެމީހުން އޭނާގެ ކައިރިން އެހީއަކަށް އެދިގެނެއްވެސް ނޫނެވެ. ވީއިރު އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަންހެނަކަށް ވީތީ މިފަދަ ބަދުނާމެއް ކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކީހެއްޔޭ ނާހިދާގެ ހިތަށްއެރިއެވެ.

ނިޝާގެ ހިތަށްއަރައެވެ. އޭނާގެ ކުށަކީ ކޮބައިބާވައެވެ؟ އަންހެނަކަށް ވުން ހެއްޔެވެ؟ ނުވަތަ ނިކަމެއްޗަކަށް ވުން ހެއްޔެވެ؟ އެއިން ކޮންމެ ސަބަބަކަށް ވީނަމަވެސް އެއީ އޭނާ ގަސްތުގައި ހޯދައިގަތް ކަންކަމެއް ނޫނެވެ. އެއީ އޭނާގެ ތަޤުދީރެވެ. ތަޤުދީރާއި ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ޢިއްފަތާއި އަބުރު ގެއްލުނީ އޭނާ ކޮންކަމެއް ކޮށްގެން ހެއްޔެވެ؟ އޭނާ ލައި އުޅެނީ ގަޔަށް ބާރު، ކުރު ހެދުމެއް ނޫނެވެ. މީހުންގެ ލޮލުގައި އަޅައިގަންނާނެފަދަ ގޮތަކަށް ޒީނަތްތެރިއެއް ނުވެއެވެ. ފެންވަރާލުން ފިޔަވައި އޭނާ ވާ ޒީނަތެއްނެތެވެ. ވީއިރު މީހުންގެ ލޮލުގައި އޭނާ އަޅައިގަންނާންވީ ކީއްވެ ހެއްޔެވެ؟ ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. މިއީ ތަޤުދީރޭ ބުނެ ނިންމާލަންވީ ހެއްޔެވެ؟

ނިޝާގެ ހިތަށް އަރައެވެ. އެއްވެސް މީހަކު ކަމުގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނުވަނީ ކީއްވެ ހެއްޔެވެ؟ އޭނާފަދަ ނިކަމެތިންނަކަށް މިދުނިޔޭގައި އިންސާފު ލިބުމެއް ނުވެއެވެ. ނިކަމެތިންނަށް މިދުނިޔޭގައި އޮތީ މާތް ﷲއަށް ވަކީލުކޮށްލައިގެން އަޖަލު ހަމަވަންދެން އުޅުމެވެ. މިދުނިޔޭގައި އިންސާފު ނުލިބުނަސް އިންސާފުގެ މައިދާނުގައި އިންސާފު ލިބޭނެކަމުގެ ޔަޤީންކަމުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެވްލީން… 13

Next

އެންމެ ހިނިތުންވުމަކަށް 01

Next
October 25, 2018

އެންމެ ހިނިތުންވުމަކަށް 01

Previews
October 24, 2018

އެވްލީން… 13

12 Comments!

  1. Anonymous says:
    October 25, 2018 at 11:00 am

    Nice story☺️

    1. Saandy says:
      October 25, 2018 at 8:44 pm

      Thank You 🙂

  2. Shaya says:
    October 25, 2018 at 12:40 pm

    V reethi mi stry

    1. Saandy says:
      October 25, 2018 at 8:45 pm

      Shukuriyya Shaya 🙂

  3. Lily says:
    October 25, 2018 at 6:27 pm

    Ma Sha Allah. Vrh reethi. Saandy dhigu stories genesnudheynantha? Im waiting your dhigu story eh?

    1. Saandy says:
      October 25, 2018 at 8:52 pm

      Shukuriyya Lily.. In Sha Allah!! Adhi dhigu vaahakaves genesdheynan.. Vaki dhuvaheh bunaakah neynge 🙂

  4. Leesh says:
    November 12, 2018 at 5:41 pm

    Fantastic, it’s so like love letters that’s they’re ……

    1. Saandy says:
      November 14, 2018 at 12:15 am

      Thank You Leesh 🙂

  5. Aisha says:
    January 18, 2019 at 9:53 am

    Wow Varah ves Reethi vaahaka ah this story make me feel cry this so heart touching but a real life true stories ?????

    1. Saandy says:
      January 20, 2019 at 3:41 pm

      Thank You Aisha 🙂

  6. Nazauha says:
    January 18, 2019 at 9:54 am

    Reethi Varah ves

    1. Saandy says:
      January 20, 2019 at 3:41 pm

      Thank You Nazauha 🙂

Comments are closed.



All Right Reserved!