ފަނާ
ހިތްގައިމު މާހައުލެކެވެ. ހުދު ދޮންވެލިގަނޑެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދެވެ މާދުރުން ފެންނަމުންދާ ގަދަނޫ ކުލައިގެ ކަނޑެވެ. ދުނިޔެމައްޗަށްވެރިކުރުވާފައިވަނީ ރަން ކުލައެވެ. އިރުއޮއްސެމުންދާ ވަގުތުކޮޅަކީ ޒީތަން އަށް އެންމެ ހިތްގައިމު ވަގުތުކޮޅެވެ. ޒީތަން ނޫނަސް ރަށުގެ އެތައްބަޔަކު އެ މަންޒަރު ބަލަން ނުކުމެތިބެއެވެ. އެއީ ރަށުތެރެ އެންމެ ހަލަބޮލިވާ އެއް ވަގުތު ކޮޅެވެ.
އިރުއޮއްސި ރޭގަނޑުގެ އަދިރިކަން ފެށިއްޖެއެވެ. ރަށުތެރޭގެ ހަލަބޮލިކަންވެސް މަޑުމަޑުން ފިލަންފަށައިފިއެވެ. ޒީތަން ގެޔަށް ދިޔުމަށް ހިނގައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ހިނގަމުންދިޔަ މަގުމަތިން އޭނައާ އެތައްބަޔަކާ ދިމާވިއެވެ. ހުސްވެސް ގާތް އެކުވެރިންނާއި ދެކެފަރިތަ މީހުންނެވެ. ކޮންމެ މީހަކުވެސް ޒީތަން ފެނުމާއެކު ހިނިތުންވެލައެވެ. އެރަށުގެ އެންމެންވެސް އުޅެނީ ހާދަ އެކުވެރިކޮށެވެ. ކޮންމެ ކަމެއް ކުރިޔަސް ކުރަނީ އެންމެން ގުޅިގެންނެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ޒީތަން ހިނގުން ހުއްޓާލީ ޒާމިލްގެ ގެއާއި އަރާ ހަމަވުމުންނެވެ. އޭރު ޒާމިލް އޮތީ ކުންނާރު ގަހަކަށް އަރައެވެ. ޒީތަން ހަމަ ފެނުމާއެކު ކުންނާރުތަކެއް އޭނައާ ދިމާއަށް އުކަން ފަށައިފިއެވެ. ޒީތަން ހެމުން ހެމުން ކުންނާރުތައް ހޮވާ ނިމިނުއިރު ޒާމިލް ގަހަކު ނެތެވެ. ކުއްލިއަކަށް ސިއްސައިގެންގޮސް ޒީތަންގެ އަތުގައިހުރި ކުންނާރުތައް ވެރުނީ މީހަކު އޭނާގެ ކޮނޑުގައި ޖަހާލީމައެވެ.އޭރު ފުރަގަހުގައި ހުރީ ޒާމިލްއެވެ.
ޒާމިލް އަކީ އެންމެ ކުޑަ އިރުންސުރެންވެސް ޒީތަންގެ އެންމެ ގާތް އެކުވެރިޔާއެވެ. ހަޔާތުގެ ގިނަ ވަގުތުތަކެއް އޭނައާއިއެކު ހިއްސާ ކޮށްފައެވެ. އުފާވެރި ވަގުތުތަކުގައި ހީ ސަމާސާ ކުރުމުގައެވެ. ހިތާމަވެރި ވަގުތުތަކުގައި ހިތްވަރު ދިނުމުގައެވެ.އެހެންކަމުން ޒީތަންގެ އިހްސާސްތައް އެންމެ ރަަގަޅަށް އެގޭނެ މީހަކީ ޒާމިލެވެ.
ކުޑައިރު ދެމީހުން އެކުގައި މުޅި ދުވަސް ކުޅިވަރާއި މަޖަލުގައި ހޭދަ ކުރިނަމަވެސް، މިހާރު ޒާމިލަށްޓަކައި ޒީތަންގެ ހުރިހާ ވަގުތުތަކެއް ހުހެއް ނުކުރެވެއެވެ. މިހާރު ޒާމިލްވެސް ރަށުގައި އުޅޭ ދުވަސްތައް ވަރަށް މަދެވެ. އޭނާ ދުނިޔޭގެ އެކި ތަންތަން ބަލަން ދިޔުމަށް ވަރަށް ޝައުޤުވެރިވެއެވެ. ޒީތަންވެސް އޭނާއާއިއެކު ގެންދިޔުމަށް ވަރަށް މަސައްކަތްވެސް ކުރެއެވެ. ޒާމިލް އޭނާ ދާ ތަންތަނުގެ ރީތިކަމާއި ހިތްގައިމުކަމުގެ ވާހަކަ ޒީތަން ގާތުގައި އަބަދުމެ ދައްކައެވެ. ނަމަވެސް ޒާމިލް އެދައްކާ ވާހަކަތައް ގިނަފަހަރަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ޒާމިލް ވާހަކަ ފެށުމުން ހުސް ފޮންޏޭ ކިޔައި ވާހަކަ މެދު ކަޑުވާލައެވެ. ހަގީގަތުގައިވެސް ޒީތަން އަށް އޭނާގެ ރަށް ފިޔަވައި އެހެން ހިތްގައިމު ތަނެއް އޮންނާނެކަމަށް އޭނާގެ ހިތް ޤަބޫލު ކުރަން ބޭނުން ނުވަނީއެވެ. ޒީތަންމެން އެ ރަށުގައި އުޅެމުން އެދަނީ ހާދަހާ އުފަލާއި އަރާމުގައެވެ.
ދުނިޔެ ހިނގަމުންދަނީ ވަރަށްވެސް ހަލުވި ކޮށެވެ. އިރު އަރާ އޮއްސެމުންދަނީ ދުވަހުގެ ގިނަ މަސައްކަތްތައް ކޮށް ނުނިމެނީހެވެ. ޒީތަންވެސް އާއިލާއާއި އެކު ގިނަވަގުތުތަކެއް ހޭދަ ކުރުމަށްފަހު ހަވީރު ދިޔައީ ޒާމިލްގެ ގާތަށެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް ހުއްޓުނީ ރަށުގެ ތުނޑީގައެވެ. ކުއްލިއަކަށް ޒީތަންގެ ލޮލުގައި އެ އަޅައިގަތީ ގޮނޑުދޮށަށް ލައްގާފައި އޮތް އެއްޗެއްގައެވެ. އޭނާ ގޮޑުދޮށަށް ލައްގާފައި ހުންނަ އެއްޗެހި ވަރަށް ގިނައިން ހޮވައެވެ. ގެޔަށްދިޔުމުން ގިނަފަހަރަށް މަންމަ އެ އެއްޗެއް އެއްލާލައެވެ. ނަމަވެސް އެހެން ދުވަސްދުވަހާ ހިލާފަށް ލައްގާފައި މި އޮތީ މާބޮނޑިއެކެވެ. ވަރަށްވެސް ރީއްޗެވެ. ރަތް ކުލައާއި ފިޔާތޮށި ކުލައިގެ މާތަކެކެވެ. ޒީތަން ހުރީ ހައިރާންވެފައެވެ. ލޮނުގައި ޖެހިފައިވީ ކަމުގައި ވިޔަސް މާތަކަށް އެއްވެސް ގެއްލުމެއް ވެފަނެތީމައެވެ. ޒާމިލް ހިނިއައިސްހުރެ ތިއީ އަސްލު މަލެއް ނޫނޭ ބުންޏެވެ. ޒީތަން މާބޮޑީގައި ވަސްގަތެވެ.ތެދެކެވެ. އެއްވެސް ވަހެއް ނެތެވެ. ޒީތަން ވަރަށް ހައިރާން ކަމާއެކު އެކި މަލަށް ވަކިވަކިން ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މިއަދާ ހަމައަށްވެސް ފެންނަމުންދިޔައީ ޤުދުރަތީ މަލެވެ.
ދުވަސްތަކުގެތެރެއިން މިއީވެސް ދުވަހެކެވެ. ޒާމިލް ޒީތަންގެ ގާތަށް އައި އިރު ހުރީ ހެވި ދިލިފައެވެ. ވީ ކީއްކަމެއް ވާން އުޅެނީ ކީއްކަމެއްވެސް ޒީތަން އަކަށް ނޭގުނެވެ. ޒާމިލް ބަހެއްވެސް ބުނެ ނުލާ ޒީތަންގެ އަތުގައި ހިފާގެން، ތަނެއްގަ މަޑުވެސް ކޮށްނުލާ ދިޔައީ ޒާމިލްގެ ގެޔަށެވެ. އޭރު ޒީތަންގެ މަންމައާއި ޒާމިލްގެ މަންމަ ވާހަކައެއް ދައްކަމުންދަނީއެވެ. ދައްކަމުންދަނީ ދެވަނަ ވާހަކައެއް ނޫނެވެ. އެދެމީހުންގެ ކައިވެނީގެ ވާހަކައެވެ. ޒީތަން ލަދުން މޫނުގައި އަތްއެޅިއެވެ. ހަޤީގަތުގައި މިއީ ޒީތަންވެސް އެންމެ ބޭނުންވި ގޮތެވެ. އަދި ޒާމިލްވެސް މިކަމަށް ރުހޭކަން އެނގުމުން އިތުރަށް އުފާވިއެވެ.
އޭގެ ހަފްތާއެއް ފަހުން ޒީތަންމެންގެ ކައިވެނި ކުރެވިޖެއެވެ. ޒީތަންގެ ހަޔާތައްއައި އެންމެ އުފާވެރި ދުވަހެވެ. ޒާމިލްއާއެކު މުޅި އުމުުރު ހޭދަކުރެވޭނެތީއެވެ.
ކައިވެނިކޮށްގެން މިވީ އަހަރެއްހާ ދުވަހު ޒާމިލް އުޅުނީ ރަށުގައެވެ. ޒީތަންގެ ގާތުގައެވެ. ދަރިއަކުވެސް އޮތުމާއެކުގައެވެ. އެހެންނަމަވެސް އަނެއްކާވެސް ތަނަކަށް ދިޔުމުގެ ވާހަކަ އޭނާ ދައްކަން ފަށައިފިއެވެ. ޒީތަންވެސް އެކަމަކާއި ދެކޮޅެއް ނުހަދައެވެ. ކައިވެންޏަށްފަހު ޒާމިލް ހޭދަކުރީ އެދެމައިން އުފާކޮށްދިނުމުގައެވެ. ވީއިރު ޒާމިލްގެ އުފަލަށް އޭނާ ހުރަސް އަޅަންވީ ސަބަބެއްނެތެވެ.
ޒާމިލް ދިޔަފަހުން ހަފްތާއެއްވީއެވެ. މިއަދަކީ އޭނާ އަންނާނެކަމަށް ބުނި ދުވަހެވެ. ޒީތަން ހެނދުނު ހެނދުނާ މަންމަ އަތަށް ދަރިފުޅުދީފައި އަތިރިމައްޗަށް ނުކުތެވެ.
މިހާރު މެންދުރު ވަނީއެވެ. އެހެންނަމަވެސް ޒާމިލް އައުމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ޒީތަން އިންތަނުން ތެދުވީ މާޔޫސް ކަމާއި އެކުގައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މާދުރުން އަންނަ އެއްޗެއްގައެވެ. މީގެ ކުރިއަކުން އޭނާ މިޒާތުގެ އެއްޗެއް ނުދެކެއެވެ. ރަށާއި ކައިރިވަމުން އަންނަވަރަކަށް އެ އެއްޗަކުން އިވޭ އަޑުފަށްގަނޑު ދިޔައީ ގަދަވަމުންނެވެ. މި ގަދަ އަޑާއި އެކު ހަމަހިމޭންކޮށް އޮތް ރަށް ހަލަބޮލި ކޮށްލައިފިއެވެ. ގަސްގަހުގައި ތިބި ދޫނިތައްވެސް މި އަޑާއެކު ބާރަށް ގޮވަމުން ކޮޅު ކޮޅަށް އުދުހެން ފަށައިފިއެވެ.
ޒީތަންވެސް ބިރުގަންނަން ފަށައިފިއެވެ. އޭނާ ބާރަށް ދުވެފައި ގޮސް މަގޫ ގަސްތަކެއްގެ ތެރެއަށް ވަދެއްޖެއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަޔަސް އެ އެއްޗަކަށްވާގޮތް ސިއްރު ސިއްރުން ބަލަމުން ދިޔައެވެ. އެއީ ޒާމިލް އެބުނާ ކަހަލަ ދޯންޏެއްތާއޭ ހިތައް އަރަމުން ދިޔައެވެ. އެދޯނި ގޮނޑުދޮށަށް ބީއްސާލުމަށް ފަހު ބަޔަކު އެ ދޯނިން ފައިބާން ފަށައިފިއެވެ. މީގެ ކުރިއަކުން ޒީތަން މިކަހަލަ ބަޔަކު ނުދެކެއެވެ.
ބައެއް މީހުން ދޯނިން ފޭބުމަށްފަހު ދެން ބާލަން ފެށީ ގެނައި އެއްޗެއްސެވެ. ހާދަ ސާމާނެކެވެ. ހަމަގައިމުވެސް ޒީތަން ގޮނޑުދޮށުން ހޮވާކަހަލަ އެއްޗެހިވެސް އޭގެތެރޭގައި ހިމެނެއެވެ.
ރަށުގެ އެންމެން ކަހަލަ ގޮތަކަށް މިހާރުވަނީ ރަށަށް މި އެރި ގޮތްނޭގޭ މީހުންތަކަށް ސަމާލުކަން ހުއްޓިފައެވެ. ބައެއް ކުޑަކުދިން ބިރުން ރޮނީއެވެ. ބައެއް ކުދިން އެމީހުން ގެނައި ސާމާނުތަކުގައި އަތްލާ މަޖާކުރަމުން ދަނީއެވެ. އެކުދިން އެ އެއްޗެެއްސާ ކުޅެހަދާއިރި އެއިން މީހަކު އަޅާވެސް ނުލައެވެ.
ޒީތަންގެ ހިތަކުން ބިރުވެރިކަން ފިލާނުދެއެވެ. މި ގޮތް ނޭގޭ މީހުންތައް މި ރަށަށް އަރައިގެން މި އުޅެނީ ކީއްކުރަންބާއެވެ.؟
އެމީހުންތައް ރަށުގެ އެތަން މިތަން ރަނގަޅަށް ބެލުމަށްފަހު މަޑުކޮށްލީ ބިޔަ ނިކަގަހެއްގެ ދަށުގައެވެ. އިރުކޮޅަކަށްފަހު އެތަނުން އެކަކު ނިއުޅާލީ އޮޅާލާފައި އޮތް އެއްޗެކެވެ. އޭގައިވަނީ ކޯއްޗެއްތޯ ބެލުމަށް ޒީތަން އެމީހުންނާ ތަންކޮޅެއް ކައިރިޔަށް ޖެހިލިއެވެ. އޭގައިވަނީ ކުރެހުމެކެވެ. ހީވާ ގޮތުން އޭގައިވަނީ މިރަށުގެ ޗާޓެވެ. އެޗާޓުގެ އެކި ހިސާބުތަކުގައި އެމީހާ އިގިލި ޖައްސަމުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ.
އިރު އޮއްސެމުން ދަނީއެވެ. ރަށުގެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ބިރުވެރިކަމާއި ހާސްކަމެވެ. އެންމެން ކަހަލަ ގޮތަކަށް އުޅެމުންދަނީ މި މީހުންގެ ކައިރީގައެވެ. ކުރަން އުޅޭ ކަންކަމުގެ މަޢުލޫމާތު ރަނގަޅަށް ސާފުކުރުމަށެވެ.
އަނެއް ދުވަހުގެ ހެދުނެވެ. ރަށުތެރެއިން ރުއިމުގެ އަޑު ކަޑައިގެން ނުދެއެވެ. އެމީހުންތައް ރަށް ސުންނާފަތި ކުރަމުންދަނީއެވެ. މީހަކަށް ބަލާލުމެއްނެތިއެވެ. ގެތައް ބިމާ ހަމަވަމުން ދަނީއެވެ. ކުޑަކުދިންތައް ޒަހަމު ވަމުން ދަނީއެވެ.
ޒީތަން އަކަށް މަޑަކުން ނުހުރެވުނެވެ. އެމީހުންގެ ގާތަށް ގޮސް އެހެން ނުހެދުމަށް ރޮއި އާދޭސް ކުރަން ފެށައިފިއެވެ. އެހެންނަމަވެސް އެއީ ހިލަ ހިތްތަކެއްގެ ވެރި ބަޔެކެވެ. ރަހުމެއް ހަމްދަރުދީއެއް ނެތް ބަޔެކެވެ. ޒީތަން ކުރި އެއްވެސް އާދޭހެއްގެ އަޑެއް އެމީހުނަށް އިވޭ ކަމަށްވެސް ނުހެދިއެވެ.
މެންދުރުވީ އިރު ރަށުގެ ގެތައް ބިމާ ހަމަކޮށްފިއެވެ. އެއަށްފަހު އެމީހުން އެތަނުގައި ޖެހީ އަލިފާނެވެ. ހިނދުކޮޅެއްގެ ތެރޭގައި މިއޮތް ހުރިހާ ދުވަހު އުޅެމުން ގެންދިޔަ ގެތަޢް އަޅިޔަށް ވެގެން ދިޔައީއެވެ.
ހިތާމާގެ ކޮޅެއްވެސް ނެތެވެ. ޒީތަންގެ ދަރިފުޅުވެސް އެމީހުންގެ ރަހުމު ކުޑަ އަމަލުތަކުގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކުރީ ޒީތަންގެ ކުރިމަތީގައެވެ. މިމީހުން މިވަރުގެ ބޮޑު އަނިޔާއެއް މި ދިނީ ކީއްވެގެން ހެއްޔެވެ؟
ދުވަހުގެ އަސުރަށްވީއިރު އެމީހުންތައް އެ އައިތަނަކަށް ދިޔުމަށް ފުރައިފިއެވެ. ރަށުގެ އެންމެންގެ މޫނުމަތީގައިވެސް ވަނީ ނިމުމެއް ނެތް ފަދަ ހިތާމަވެރި އަސަރުތަކެވެ.
ޒީތަން މިއަދުވެސް އެއިނީ ތުނޑިމަތީގައެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ދަރިފުޅާއި ގެދޮރު ގެއްލުނީމައެވެ. އޭނާގެ ލޯބިވާ ފިރިމީހާ ކައިރީގަ ނެތުމުންނެވެ. ޒީތަންގެ ހިތުން ދުވަހަކުވެސް އެބިރުވެރި ދުވަސް ފިލާގެންދާނެ ހެއްޔެވެ.؟
ޒީތަން ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ބޮލުގައި ފިރުމާލުމުންނެވެ. ކައިރީގައި އެހުރީ އޭނާގެ ފިރިމީހާ ޒާމިލް އެވެ. ޒާމިލް ހަމަ ފެނުމާއެކު ޒީތަން ބަޑި ފަޅައިގެން ހިގައްޖެއެވެ. ބާރަށް ރޮވެންފަށައިފިއެވެ. ދިމާވި ބިރުވެރި ކަންތައްގަނޑުގެ ވާހަކައާއި ދަރިފުޅުގެ މަރުގެ ވާހަކަ ރޮމުން ކިޔައި ދެމުން ދިޔައެވެ. ޒާމިލްވެސް ޒީތަންގެ ވާހަކަތައް އަޑުއަހަމުން ދިޔައީ ރޮމުން ގިސްލަމުންނެވެ. ޒާމިލް ހުރިހާ ވާހަކަތަކެއް އަޑުއެހުމަށް ފަހު ބުނީ މިހެންނެވެ.
” އެއީ އަހަރެމެންނާ މުޅިން ތަފާތު ބައެއް. އެމީހުންނަކަށް އަހަރެމެންނެއް ނުފެންނާނެ. އެމީހުންގެ ދިރިއުޅުމަށް އަހަރެމެންނަކީ މުހިއްމު ބައެއް ނޫން…. އެއީ އިންސާނުން… އަހަރެމެންނަކީ ޖިންނީން… ”
ޒާމިލްގެ އެވާހަކަތައް ޒީތަން ޤަބޫލު ކުރި ނަމަވެސް އެ ނާމާން ކަޅު ދުވަހުގެ ހަދާންތައް އޭނާގެ ހިތުން ފިލައިގެން ނުދާނެކަން ޔަޤީނެވެ. ހަމަގައިމުވެސް މިހާރު ޒީތަންގެ ހިތުގައި އިންސާނުންނާއި މެދު އުފެދިފައިވަނީ ނަފްރަތާއި ރުޅިވެރިކަމެވެ….. ( ނިމުނީ )
5 Comments!
Comments are closed.


Wow mi waahaka warah reethi.. Im speechless.. ??
Thank you.. ?❤️❤️
Varah salhi reethi story eh hama ?
Thank u ☺️
Horror True story eh neh thoa ? ???