ބަރުބާދު (އެގާރަވަނަބައި)
“..ބޮލުގަރިހުމާއި، ހޮޑުލުން، ގައިގަ ރިހުމާއި ހުންއައުން މިކަންތައްތަކަކީ އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާސިލްވުމަށްފަހު ފުރަތަމަ މަރުހަލާގައި މެދުވެރިވާނެ ކަންތައްތައް..” އަހަރެން ޑޮކްޓަރ ދެއްކިވާހަކަތައް ލޫޠުއާ ހިއްސާކުރަމުން ދިޔައީމެވެ. އަހަރެންނާއި ލޫޠު ތިބީ އައިޖީއެމްއެޗް ލެބޯޓަރީ ކުރިމަތީގައި ހުރި ގޮނޑިބަރީގައެވެ.
“..އެހެންވެ ދޮނާއަށް ހަމަހީވަނީ ރިޕޯޓްތައް ރަނގަޅުހެން..” އަހަރެން ވާހަކަ ދެއްކީ ދުރު ބަލަހައްޓައިގެން އިނދެއެވެ. “..ލޫޠުއަށް އިނގޭތަ.. މިހާރު ދޮނާގެ ގައިގަ ބިހިވެސް ނަގަން ފަށާފި.. ޑޮކްޓަރ ބުނި ބިހިވެސް ނަގާނެކަމަށް.. ދޮނާއަށް ހަމަ ފީލްވަނީ ދޮނާގެ ހަށިގަނޑުގަ ބަލި އެބަހުއްޓޭ.. ލޫޠުއަށްވެސް ފީލްވާނެ ދޮނާ ހަމަ ހަޤީޤތަށްވެސް ބަލިކަން..”
“..ދޮނާ ބަލިކަމަށް އަހަރެންވެސް ޤަބޫލްކުރަން.. އެކަމް ތި ނުވެދާނެ އެޗްއައިވީގެ ކަމަކަށް..” ލޫޠު ބުނި އަޑުއިވުނެވެ. “..ދެންނޭގެ އަހަރެންނަށް ހަމަ ހީވަނީ ކޮންމެވެސް ނުބައެއް އެބައުޅެއޭ..”
އަހަރެން އިތުރައް އެއްޗެއް ނުބުނަމެވެ. އުޅޭ ނުބައެއް އުޅެނީ އަހަރެންގެ ހަށިގަނޑުތެރޭގައޭ ހިތްބުނެއެވެ. ލޫޠުވެސް އިތުރައް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. ނަންބަރު ޖެހުމުން އަހަރެން ލެބޯރެޓަރީއަށް ވަންއިރުވެސް ޑޮކްޓަރ ދައްކާފައިވާ ވާހަކަތައް ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑުގައި ބަލި ނުހުންނާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ލޫޠުވެސް އަހަރެންނާއެކު ވަންއިރު އޭނާވެސް ހުރީ ވިސްނުމެއްގައި ހެން ހީވެއެވެ. އަހަރެންނާއި ވާހަކަ ދެއްކުމެއްނެތި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުއްޓެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ކޮން ހިޔާލްތަކެއްކަމެއް ނޭގެއެވެ.
ލޭ ނެގުމަށްޓަކައި ކަށި އަހަރެންގެ ގަޔަށްކޮށްޕާލި ހިނދު ހިޔާލަކަށް ގެއްލިފައިހުރި ލޫޠުއަށް ތެޅިގަނެވުނެވެ. ވަގުތުން އަތް ހިރުވައިގަންނަމުން ކަހައިގަތެވެ. އޭނާ ކަހައިގަތީ އަހަރެންގެ ހަށިގަނޑުން ލޭނެގުމަށްޓަކައި ކަށިކޮށްޕާލި ހިސާބެވެ. އަހަރެންނަށް ހިނިތުންވެވުނީ ބޭއިޙްތިޔާރުގައެވެ.
“..އެއްޗެއް ކަށިޖެހީތަ..” ވީގޮތް އެގުންނަމަވެސް އަހަރެން އެހީމެވެ.
“..ނުވިސްނާހުރީމަ..” ލޫޠު އަހަރެންނާ ދިމާއަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ.
“..ހަވީރު 05:30 ގެ ފަހުން ރިޕޯޓް ލިބޭނީ..” ސުލިޕްކޮޅު ދެމުން ނަރުސްކުއްޖާ ބުނެލިއެވެ.
ޓެސްޓްތައްވެސް ހެދިއްޖެއެވެ. ދެންއޮތީ ނަތީޖާ ލިބޭނެ އިރަކަށް އިންތިޒާރުކުރުމެވެ. ކައިލްގެ ހުރި ތެދުވެރިކަމެއް އެނގިގެންދާނީ އޭރުންނެވެ. އަހަރެންގެ ރިޕޯޓްތަކުން އެޗްއައިވީގެ ވައިރަސް ހުރިކަމަށް ދައްކާފިނަމަ ކައިލްގެ ރިޕޯޓްތައް ނުބައި ކަމަށް ޤަބޫލްކުރެވުނީއެވެ.
އަހަރެން އިއްޔައިންސުރެ އެއްޗެއް ނުކައި ހުރުމުގެ ސަބަބުން ގަޔަކު ހިނގާނެހާ ހިތްވަރެއް ނެތެވެ. ބަނޑަށް ހޫނުއަރާ ބަނޑުން އަޑުގޮވަމުންދިޔައެވެ. ގަދަކަމުން ނަމަވެސް އަރުތެރޭން އެއްޗެއް ދިރުވާލައި ބަނޑުހައި ހޫނުކަން ފިލުވާލަން ބޭނުންވިއެވެ. ގައިގައިވެސް ކޮންމެވެސް ވަރަކަށް ރިހެމުންދިޔައެވެ. ހުންވައްތަރުވާން އުޅޭހެން ހީވެއެވެ. ބޭސްވެސް ކެވޭނީ އެއްޗެއް ކާލައިގެން ކަމަށްވުމާއެކު އަހަރުމެން ހޮސްޕިޓަލްއިން ނިކުމެގެން ދިޔައީ ހާބަރ ކަޑައަށް ސައިބޯށެވެ.
“..ދޮނާ ވާހަކައެއް އަހާލަންތަ؟..” ލޫޠު ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ. އަހަރެން ބޮލުގެ އިޝާރާތުން އާއެކޭ ބުނީމެވެ.
“..އަހަރެން ހިތަށްއަރަނީ ކައިލް އެހެން އަންހެނުންނާ ގުޅުންތައް ހިންގަމުންދިޔަކަން އެނގިހުރެ ދޮނާ އޭނާއާއެކު އުޅުނީ ކީއްކުރަންބާއޭ..” ލޫޠު އެހިއެވެ.
“..އަހަރެން ކިނާންއަށްޓަކައި ހުރިހާކަމެއްކުރީވެސް..” އަހަރެން މަޑުމަޑުން ބުނީމެވެ. “..ކައިލްއާއި ޔުމްނު..”
އަހަރެން ހިތަށްއެރި އެއްޗެއްގެ ސަބަބުން ކުއްލިއަކަށް ހުއްޓުން އެރިއެވެ. އަހަރެންނާއި ކައިލްގެ ދެމަފިރިކަމުގެ ގުޅުމެއް ނުހިންގާތާ ފަސްމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަހަރެންގެ ހަށިގަނޑުގައި އެޗްއައިވީގެ ވައިރަސް ވާނަމަ އެވައިރަސް ވަދެފައިވާނީ މީގެ ފަސްމަސް ދުވަސްކުރިންނެވެ. އެހެންކަމަށްވާނަމަ ޔުމްނުވެސް އެބަލީގެ ޝިކާރައަކަށްވުމުގެ ފުރުޞަތެއް އެބައޮތެވެ. އެހެނީ މީގެ ތިންމަހެއްހާ ދުވަސްކުރިން ޔުމްނުއާ ކައިލްއާ ދެމެދު ގުޅުންތަކެއް ހިނގަމުން އައިސްފައިވާތީއެވެ.
“..ޔުމްނު ކިހިނެއްވީ..” ލޫޠު ދެފަރާތަށް ބަލާލަމުން ސުވާލްކޮށްލިއެވެ.
ލޫޠު ހީކުރީ ޔުމްނު ފެނިގެން އަހަރެން ޔުމްނުގެ ނަން ބުނިކަމަށެވެ. ކައިލްއާ ޔުމްނުގެ މެދުގައި ގުޅުމެއް އުފެދިގެން އައިކަން އެއީ ލޫޠުއަށް އެނގިގައިވާ ހަޤީޤަތެއް ނޫނެވެ.
“..ލޫޠުއަކަށް ނޭގޭނެ.. ކައިލްއުޅުނު ޔުމްނުއާ އިންނަން..” އަހަރެން ބުނީމެވެ.
“..ވަޓް.. ސީރިއަސްކޮށް.. ޔުމްނުވެސް އޯކޭވެގެންތަ؟..” ލޫޠުއަށް ޤަބޫލްކުރަން އުނދަގޫވިކަން އެމޫނުމައްޗަށް އަރައިގެން ދިޔަ ކުލަވަރުންނާއި އަނގައިން ބޭރުވި ބަސްތަކުން އެނގިގެންދިޔައެވެ. އަހަރެން ބޯޖަހައިލީމެވެ.
“..ކިހިނެއްވެގެން ނީދެވުނީ..” ލޫޠު އެހިއެވެ. “..ދޮނާ ޤަބޫލް ނުވީމަތަ؟..”
“..ތީވެސް ސަބަބެއް.. އަހަރެން ކައިލް މަންމައަށް އެދެމީހުންގެ ކަންތައް އަންގައިގެން.. ހިނގައިދިޔަ ކަންތައް ގަނޑެއްގައި އެދެމީހުން ބުރޭކް އަޕްވީ.. ކައިލްވެސް އަހަރެން ކިބައިން މާފަށްއެދި އިޞްލާހްވީމަ އަހަރެން މިއުޅުނީ..” އަހަރެން މާބޮޑު ތަފްސީލަކަށް ނުގޮސް ކުރުގޮތަކަށް ކަންތައްވެގެން ދިޔަގޮތް ލޫޠުއަށް ކިޔާލަދިނީމެވެ.
“..ތިކަމުގެ ދޯ ދޮނާ މާބޮޑަށް ޑިޕްރެސްވެގެން އުޅުނީ.. އަހަރެން ހީކުރިކަހަލަ މީހެއްނޫން އެ ކައިލްއަކީ..” ލޫޠު ދެއަތަށް ބޯ ހޫރުވާލަމުން ބުނެލިއެވެ. “..މިއަދު ކަންތައްވެގެންދިޔަ ގޮތުން ވަރަށް ފޫހިވެއްޖެ އޭނަ މަތިން.. އޭނާ ހިތުގަ ދޮނާގެ މައްޗަށް އެއްވެސް ވަރަކަށް ލޯތްބެއް ނެތް.. އެކަން މިއަދު ޔަޤީންވެއްޖެ..”
ކައިލްއަކީ އަހަރެންވެސް އުންމީދުކުރި ކަހަލަ ފިރިއެއް ނޫނެވެ. އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އެއްވެސް ރަހުމެއް ކުލުނެއް ނެތްކަން މިއަދު ޔަޤީން ވެއްޖެއެވެ. އަހަރެންގެ މައްޗަށް ލޯތްބެއްނުވާކަން ޔަޤީންވެއްޖެއެވެ. އެހިތުގައި ކުޑަކޮށް ނަމަވެސް ލޯތްބެއްވީނަމަ މިއަދު އަހަރެންނަށް މިހެނެއް ނުހެދީހެވެ. އަހަރެންގެ ކުށެއްނެތި ވަރިކޮށް ގެއިން ނެރެ އެއްލައެއް ނުލީހެވެ. ނަމަވެސް އަހަރެންނަށް ކެތްކުރެވޭނެއެވެ. ކެތްކުރާނަމެވެ. އަހަރެން ޤަބޫލްކުރާ ގޮތުގައި މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެއެވެ.
އަހަރުމެން ސައިބޮއެގެން ގެޔަށްދިޔައިރު ނީލްހުރީ އަހަރުމެންގެ އިންތިޒާރުގައެވެ. ނީލް އުޅެމުންދަނީ ދެކޮޓަރީ އެޕާޓްމަންޓެއްގައެވެ. އެތަނުގައި އުޅެމުންދަނީ ނީލް އާއި އޭނާގެ މަންމައާއި ބައްޕައެވެ. އަހަރުމެން އައުމުން ނީލްގެ ކޮޓަރި އަހަރުމެންނަށް ދިނީއެވެ. ނީލް ބަދަލުވީ އޭނާގެ މަންމައާއި ބައްޕަގެ ކޮޓަރިއަށެވެ. ނީލްކަހަލަ އެކުވެރިޔަކު އަހަރުމެންނަށް ލިބިފައިވާކަން އެއީ އަހަރުމެންގެ ނަސީބެވެ. ބޭނުން ދުވަހެއްވަންދެން އެގޭގައި ހުރެވޭނެކަމަށް ނީލް ބުންޏެވެ. އަހަރުމެން ނީލްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރީމެވެ.
އަހަރެން ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލީ ބޮލުގެ ރިހުން ގަދަވެ ހަށިގަނޑު ހޫނުވާން ފެށުމުންނެވެ. ގައިގާ ރަޖާ އޮޅާލަމުން ގުރުޑުވެލީމެވެ. ލޫޠު އަހަރެންގެ ނިތްކުރިމަތީގައި ތެތް ފޮތި ގަނޑެއް ބާއްވާލައިގެން ކައިރީގައި އިނެވެ. ފޮތިގަނޑު ހިކިލާއިރަށް ތެންމާލުމަށްފަހު ބާއްވައެވެ. އަހަރެންގެ ހުން ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. ނަމަވެސް އަހަރުމެން އަތަކު ކާނެ ބޭހެއް ނެތެވެ. ހުރިހާ ބޭސްތަކެއްވީ ކައިލްމެން ގޭގައެވެ. ބޭސް ސިޓީވެސް އަތުގައި ނެތުމުން ބޭސް ގަނެވޭކަށްވެސް ނެތެވެ. އެންމެފަހުން ލޫޠު ބޭރަށްނުކުތީ ޑޮކްޓަރއަކާ ބައްދަލުކޮށްލުމަށްފަހު އަންނާނެކަމަށް ބުނަމުންނެވެ.
އަހަރެން ކޮޓަރީގައި އެކަނިވުމާއެކު ތަފާތު އެތަކެއް ހިޔާލްތަކަކުން ސިކުނޑި ބަރުކޮށްލާފިއެވެ. އަހަރެންގެ ބަދުނަސީބު ހަޔާތާމެދު ވިސްނެންފެށުނެވެ. ކައިލް މަންމަ މަތިން ހަނދާންވާން ފެށިއެވެ. އަހަރެން ބަލިވެއްޖެނަމަ އެމަންމަގެ ލޮލަށް ނިދިވެސް ނާންނާނެއެވެ. އަހަރެންގެ ގާތުގައި ފިރުމާލަ ފިރުމާލާ އިންނާނީ ފޫހިކަމެއްނެތިއެވެ. މިއަދު އެމަންމަ ކޮބައި ހެއްޔެވެ؟ މިއަދު އެމަންމަވެސް ހަޤީޤަތް ނޭގޭ ހާލުގައި އަހަރެންނަށް ކުރާނީ ނަފުރަތެވެ. ވާނީ ފޫއްސެވެ. އަންނާނީ ރުޅިއެވެ. އަހަރެންގެ ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގެންދިޔަ ހިނދު ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެޔާއެކު ކިނާންގެ ލޯބި ސޫރަ ލޯމައްޗަށް ފެންނަން ފެށިއެވެ. ކިނާން އަހަރެން ކައިރިއަށް އައުމަށް ރޮމުންދިޔަ އަޑު ކަންފަތްދަށުގައި ގުގުމާލިއެވެ. ކިނާންއަށް ގޮވާލަމުން ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް ކިނާންއެއް ފެންނާކަށް ނެތެވެ. ކިނާންއާ ވާހަކަ ދައްކާލައި އުރާލައި ހަދައިލަން ހިތްއެދެންފެށިއެވެ. ނަމަވެސް ކައިލް އަހަރެންނަށް އެފުރުޞަތު ނުދޭނެކަން އެނގުމުން ގިސްލެވެންފެށުނެވެ.
އަހަރެންނަށް ކެތްކުރަން އެންމެ އުނދަގޫކަމަކީ ކިނާންއާ ދުރުގައި އުޅެންޖެހުމެވެ. އަހަރެން ބޭނުންވާނަމަ ކިނާން އަހަރެންނަށް ހޯދޭނެއެވެ. މަންމައާއި ދަރިފުޅު އެގޮތަށް ވަކިކޮށްލުމަކީ ކައިލްއަށް ކުރެވޭނެ ކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންކަހަލަ ދެދުވަހެއްގެ މެހެމާނެއްގެ ކައިރިއަށް ދަރިފުޅު ގެންނާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް ޤަބޫލް ކުރެވޭގޮތުގައި ކައިލް ނެތް ދުނިޔެއެއްގައިވެސް މަންމައާއި ބައްޕަ ކިނާންއަށް ލޯތްބާއި އަޅާލުން ދޭނެއެވެ. ދަރިފުޅު ބޮޑުވާނީ މާމައާއި ކާފަގެ ލޯބި ލިބިގެންނެވެ. ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް އެމީހުންނަށް ހޯދައިދެވިދާނެއެވެ. ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ލިބޭނީ އެމީހުން ކައިރީގައި ހުރުމުންނޭ އަހަރެންގެ ހިތްބުނެއެވެ. ދަރިފުޅު އަނބުރާ ހޯދުމުގެ ވިސްނުމެއް އަހަރެންގެ ނެތީ އެސަބަބުތަކާއި ހުރެއެވެ.
މީހަކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އަހަރެން ކަރުނަތައް ފޮހެލަމުން އެތެއަށް ވަނުމަށް ބުނީމެވެ. ނީލް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެގެން އަޔެވެ. އޭނާގެ އަތުގައި ހުރި ފެންތަށި ފެނުމުން އެއައީ ބޭސް ހިފައިގެންކަން އެނގުމުން އަހަރެން ތެދުވެލީމެވެ.
“..ލޫޠު ގުޅާފަ ބުނި ލޫޝްއަށް ބޭސް ދޭށޭ..” ފެންތަށި ދިއްކޮށްލަމުން ނީލް ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވެލަމުން ފެންތަށީގައި ހިފީމެވެ. ނީލް އަހަރެންގެ އަތަށް ބޭސްގުޅަ ދިނެވެ. އެއީ ރަތްކުލައިގެ ކެޕްސޫލްއެއްހެން އޮތް ބޭސްގުޅައެކެވެ. އަހަރެންނަށް ނީލްއާ ދިމާއަށް ބަލާލެވުނީ އެވައްތަރުގެ ބޭހެއް އަހަރެން ބޭނުން ނުކުރާތީއެވެ.
“..މީ ލޫޠު ބުނި ވައްތަރުގެ ބޭސްގުޅައެއްތަ؟.. އަހަރެން މިގޮތަށް ހުންނަ ބޭހެއް ބޭނުމެއް ނުކުރަން..” އަހަރެންނަށް ޑޮކްޓަރ ދިން ބޭސްތަކުގެ ތެރޭގައި އެކުލައިގެ ބޭހެއްނެތްކަން ޔަޤީންވެއެވެ. އެހެންކަމުން އެބޭސްގުޅަ ކެއުމަށް ފަސްޖެހެވުނެވެ.
“..ބިރުނުގަނޭ.. ލޫޠު ޑޮކްޓަރާ ވާހަކަދެއްކުމަށްފަހު އަހަރެންނަށް ގުޅާފަބުނީ ތިބޭސް ގަންނަން..” ނީލް ބުނެލިއެވެ. އަހަރެންނަށް ހީކުރެވުނީ ބިހި ނަގާފައި ހުރުމުން އިތުރުބޭހެއް ދިނީކަމަށެވެ. އެހެންކަމުން ޖެހިލުންވެފައި އިނދެ ބޭސްގުޅަ ދިރުވާލީމެވެ.
އަހަރެން އޮށޯތުމުން ނީލް އަހަރެންގެ ގައިގައި ރަޖާ އަޅާލަދިނެވެ. އަދި އިސާހިތަކު ރަނގަޅުވެދާނެކަމަށް ބުނަމުން ނީލް ކޮޓަރިން ނިކުތީ އަރާމުކުރުމަށް ބުނަމުންނެވެ. ނީލް ކޮޓަރިން ނިކުތްކަމެއް ނޭގެއެވެ. އަހަރެންގެ މުޅި ހަށިގަނޑަށް ލުޔެއް ލިބިގެންދިޔަހެން ހީވިއެވެ. ބޮލުގަ ރިހުމާއި ގައިގައި ރިހުންވެސް ފިލާދިޔަކަހަލައެވެ. ހަށިގަނޑުވެސް ފިނިވަމުންދިޔައިރު އެސްފިޔަތަކަށް ބަރުވެ ދެލޯ ދިޔައީ މެރެމުންނެވެ. ނިދިއަންނަގޮތްވުމުން އަހަރެން ދެލޯމަރައިލީމެވެ. އެޔާއެކު އަހަރެން އަރާމު ފުން ނިންޖަކަށް ގެނބިގެން ދިޔައެވެ.
*********
އަހަރެންނަށް ހޭލެވުނީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އޭރު ލޫޠު ކޮޓަރި ތެރޭ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަހުރީ އަހަރެން ނުހޭލައިގެން ކަންނޭގެއެވެ.
“..ކޮންކަމަކާ ހާސްވެގެން ތިއުޅެނީ..” އަހަރެން ލޫޠުއަށް ބަލާލަމުން ބުނީމެވެ. “..ކިހިނެއްވީ..”
“..ހާދަވަރަކަށް ނިދާލީ.. ކިހިނެއް މިހާރު..” ލޫޠު އެނދުގައި އިށީންނަމުން އަހަރެންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.
އަހަރެންގެ ގަޔަކު ހުމެއް ނެތެވެ. ބޮލަކު އަދި ގަޔަކުވެސް ނުރިއްސައެވެ. އެހާގިނައިރު ނިދާލެވުމުން އަހަރެން އިނީވެސް ވަރަށް ހަމަޖެހިފައެވެ.
“..ހުމެއްވެސް ނެތް..” ލޫޠު ބުނެލިއެވެ. “..އަހަރެންނަށް ޑޮކްޓަރާއި ބައްދަލުވާގޮތް ނުވެގެން ލަސްވީ..”
“..އަވަހަށް މި ބޭސް ކާލާ..” ލޫޠު ފެންތައްޓަކާއެކު ބޭސްގުޅަތަކެއް ދިއްކޮށްލިއެވެ. “..މިގަޑީގަ އޯކޭވެފަ ހުއްޓަސް ފަހުން ހުންއަތުވެދާނެ.. އަދި އެބައޮތް ވާހަކައެއް ބުނަންވެފަވެސް.. އަވަސްކުރޭ..”
ލޫޠު އުޅުނީ ވަރަށް އަވަސް އަރުވާލައިފައެވެ. އަހަރެންނަށް ލޫޠުގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ ފެންތަށީގައި ހިފަންވެސް ހަނދާންވެސް ނެތިފައެވެ. ހިތުގައި ސުވާލްތަކެއް އުފެދިގެން ދިޔައެވެ. ނީލް ގެނެސްދިނީ ލޫޠު ބުނެގެން ގެނައި ބޭހެއް ނޫން ހެއްޔެވެ؟
“..ނީލް ކައިރީ ބޭސް ދޭކަށް ނުބުނަންތަ؟..” އަހަރެން ސުވާލްކޮށްލީމެވެ.
“..ޔާ.. ވައި.. ކީއްވީ..” ލޫޠު ބުނެލިއެވެ. “..ނީލް ކައިރިއަކު ނުބުނަން ބޭހެއް ދޭކަށް..”
“..ނީލް ގެނެސްދިން ބޭހެއް..” އަހަރެން އެނދުން ތެދުވެލީމެވެ. “..ލޫޠު ބުނެގެން ގެނައި ބޭހެކޭ ބުނީމަ އަހަރެން ކާލީ.. އެބޭސް ކޭތަނުން އަހަރެންނަށް ނިދުނީ..”
ލޫޠު ވަގުތުން ފޯން ނަގައި ނީލްއަށް ގުޅާލިއެވެ. އަދި އަހަރެންނަށް ބޭހެއް ދިނިންތޯ ސުވާލްކުރިއެވެ. ނީލް ބުނިއެއްޗެއް އަހަރެންނަކަށް ނޭގެއެވެ. ލޫޠު ނީލްދެއްކި ވާހަކަތައް އަޑުއަހަން އިނުމަށްފަހުގައި ފޯން ކަނޑާލީ އޯކޭ އޭ ބުނެލަމުންނެވެ. ލޫޠު އަހަރެންކައިރީ ބުނެލީ އެއީ ނިދާބޭހެއް ކަމުގައެވެ. އަހަރެން އިތުރަށް އެއްޗެއް ނުބުނަމެވެ. އެއީ ކޮންމެ ކަހަލަ ބޭހަކަށްވިޔަސް އެބޭސް ކެއުމުން އަހަރެންގެ ހަށިގަނޑަށް ލުއިތަކެއް ވަނީ ލިބިފައެވެ.
“..ދޮނާ މިތާ އިށީނދެބަލަ..” އެނދަށް އިޝާރާތްކޮށްލަމުން ލޫޠު ބުނެލިއެވެ. “..ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އެބައޮތް..”
“..ކޮންވާހަކައެއް..” އަހަރެން ލޫޠުއާ ދިމާއަށް ބަލާލަމުން ބުނީމެވެ.
“..އަހަރެން އެވާހަކަ ދެއްކުމުގެ ކުރިން ދޮނާ އަހަރެންނަށް ކިޔާދީބަލަ.. ކައިލްއާ ޔުމްނު ރައްޓެހިވިކަން ދޮނާއަށް އެނގުނުގޮތާއި، އެނގުމަށްފަހު ފަހުން ދޮނާ ކަންތައްކުރިގޮތާ އެމީހުން ބުރޭކް އަޕްވިގޮތާ މިހުރިހާ އެއްޗެއް.. އެމީހުންގެ ހުރިހާ ވާހަކަތަކެއް..”
ކުއްލިއަކަށް ޔުމްނުގެ ވާހަކަތައް އެނގެން ލޫޠު ބޭނުންވީ ކީއްވެގެންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލޫޠުގެ މޫނަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނެވެ. ލޫޠު އެވާހަކަތައް އެހުމަށް ޝައުޤުވެރިވެގެން އެއުޅެނީ ކީއްވެގެން ބާއެވެ؟
އަހަރެން ލޫޠުއަށް ހުރިހާ ވާހަކަތަކެއް ތަފްސީލްކޮށް ކިޔާދިނީމެވެ. ކައިލްގެ ފޯނުން ނަންބަރު ހޯދައިގެން ޔުމްނުއާއި ކައިލްގެ ދެމެދު ގުޅުންއޮތްކަން އެނގުނުގޮތެވެ. ކައިލް ޔުމްނުއާ ދެއަތްބަށް އިނުމަށްޓަކައި ރާވަމުންދިޔަ ރޭވުންތަކެވެ. އަދި އަހަރެން ވަރިކޮށް ނުލެވުނު ސަބަބެވެ. އެހުރިހާކަމެއް އަހަރެންނަށް އެނގުނުގޮތެވެ. އެކަންތައް އެނގުމުން އަހަރެން ދެންކަންތައްކުރި ގޮތެވެ. އެޔަށްފަހު އަހަރެންނަށް ކާމިޔާބުލިބި ކައިލްއާއި ޔުމްނު ރުޅިވި ސަބަބުވެސް ބުނެދިނީމެވެ. ލޫޠު އަހަރެން ދެއްކި ހުރިހާ ވާހަކަތަކެއް ކަނުލާ އަޑު އެހިއެވެ.
“..އެއްވެސް ވަރަކަށް އެނގޭތަ އެމީހުން ރޭވި ރިސްކުބޮޑު ޕުލޭނަކީ ކޮބައިކަން..” ލޫޠު ސުވާލްކޮށްލިއެވެ. އަހަރެން ދެކޮނޑު އަރުވާލީ ނޭގެއޭ ބުނުމުގެ ގޮތުންނެވެ.
“..ދޮނާ މިހާރު ތި އިން ހާލަތަކީ އެބުނާ ރިސްކު ބޮޑު ޕުލޭނަކީ..” އަހަރެންގެ ދެލޯ ބޮޑުވެގެންދިޔަ ހިނދު އަނގަމަތީ އަތް އަޅާލެވުނެވެ.
“..ދޮނާ ވިސްނާލަބަ.. ކައިލް ބުނެފައެވަނީ ދެގޮތުންކުރެ ކޮންމެ ގޮތަކަށް ކަންތައްވިޔަސް ކިނާން ހުންނާނީ ކައިލްގެ ގާތުގައޭ.. ދޮނާ އެކާވެންޏާ ޤަބޫލްނުވީމަ އެމީހުން ދޮނާގެ ހަށިގަނޑަށް ވައިރަސް ވައްދާފަ ކައިލް ފުރައިގެން ބޭރަށްދިޔައީ.. އަދި ބަލިޖެހުންކަން އެނގުނީމަ އެނބުރި ރާއްޖެ އައިސް ވަރިކޮށް ގެއިން ނެރެއެއްލާލީ.. އެމީހުނަށް ޔަޤީންވޭ އެހާލަތުގައި ދޮނާ ކިނާން ހޯދުމަށް މަސައްކަތް ނުކުރާނެކަން.. އެހުރިހާ ގޮތެއް ދޮނާއަށް ހަދާފަ ކައިލްއާ ޔުމްނު އެއުޅެނީ އުފަލުގަ.. އެމީހުންގެ ޕްލޭން ކާމިޔާބުވެގެން އުފާފާޅު ކުރަނީ.. މިއަދު އަހަރެންގެ މި ދެލޮލުން ދެކެފިން އެދެމީހުން ރެސްޓޯރެންޓެއްގައި ހީހީފަ ވާހަކަ ދައްކަން ތިއްބަ..”
ލޫޠު އަނގައިން ބޭރުވަމުންދިޔަ ކޮންމެ ލަފްޒެއްދިޔައީ އަހަރެންގެ ހައިރާންކަން އިތުރުކުރަމުންނެވެ. އަހަރެންގެ ލޯ ކުރިމައްޗަށް އޭރުގެ މަންޒަރުތައް ސިފަވަމުންދިޔައެވެ. ކަންފަތްދަށުގައި އެމީހުން ދެއްކިވާހަކަތައް ގުގުމަމުންދިޔައެވެ. ކައިލް ރޮމުން އަހަރެންގެ ގާތުގައި މާފަށް އެދުނު މަންޒަރުވެސް ރިޕީޓްވަމުން ފެންނަމުންދިޔައެވެ. ޤަބޫލްކުރަން އުނދަގޫވިއެވެ. ކައިލްއަކީ އެހާމޮޅު އެކްޓަރަކީ ހެއްޔެވެ؟ ނޫނެކެވެ. ލޫޠުއަށް ހީކުރެވިގެން އެއުޅެނީ ގޯސްކޮށްނެވެ. އެކަމް ޔުމްނުއާއި ކައިލް ގުޅުމެއްނެތްނަމަ އެދެމީހުން ރެސްޓޯރެންޓެއްގައި ތިބެންވީ ކީއްވެގެންހެއްޔެވެ؟ އަހަރެން ލޫޠުއަށް އިތުބާރުކުރަމެވެ. ލޫޠު ދޮގެއް ނަހަދާނެއެވެ. ކައިލްއަށް ބަލިޖެހިފައިވާނަމަ އެގޮތަށް މަޖާކޮށް އުފާކުރަން އުޅޭނެހެނެއް ހިޔެއްނުވެއެވެ. ލޫޠު ދައްކަނީ ތެދުވާހަކަތަކެއްހެން ހީވުމާއެކު އަހަރެންގެ ބޮލުގައި ރިއްސާގަތެވެ. އަހަރެންގެ ހިތުގެ ހިނގުންވެސްވަނީ އަވަސްވެފައެވެ. ހިތްނެގިނެގިފައި ޖެހެމުންދިޔައެވެ. އަހަރެންގެ ހަށިގަނޑަށް އެމީހުންނަށް އެޗްއައިވީ ވައިރަސް ވެއްދޭނީ ކިހިނަކުން ހެއްޔެވެ؟
“..އަހަރެންނަކަށް ނޭގެ.. ދޮނާގެ ހަށިގަނޑަށް އެވައިރަސް އެމީހުން ވެއްދި ގޮތެއް..” އަހަރެން ގަބުވެފައި ހުއްޓައި ލޫޠު ވާހަކަ ދައްކަންފެށިއެވެ. “..މޭ ބީ އެމީހުން ފޭކް ރިޕޯޓްތަކެއް ހެއްދުވީ..އެކަމުގެ ހަޤީޤަތް އެނގޭނީ މިއަދުގެ ރިޕޯޓްތައް ލިބުނީމަ.. އަހަރެންނަށް ހީވާގޮތުން އެމީހުން ފޭކް ރިޕޯޓްތަކެއް ހަދަން ރޭވިނަމަ ރިސްކު ބޮޑު ޕްލޭންގެ ނަމެއް އެޔަކަށް ނުދޭނެ.. އެމީހުން ކޮންމެވެސް ގޮތަކުން އެވައިރަސް ދޮނާގެ ހަށިގަނޑަށް ވައްދާފަ އެވަނީ..”
“..ނޫން.. ނޫން..ތީ ދޮގެއް..” އަހަރެން ލޫޠުއަށް ފުރަގަސްދެވުންއިރު ލޮލަށްވަނީ ކަރުނަ ގިނަވެފައެވެ. .
“..މީ ތެދު ދޮނާ..” ލޫޠު އަހަރެންގެ ކޮނޑުމަތީ އަތްބާއްވާލިއެވެ. “..ކައިލް ބޭރަށްދިޔުމުގެ ކުރިން ދޮނާގެ ހަށިގަނޑަށް އިންޖެކްޝަނެއް ކަހަލައެއްޗެއްޖެހިތަ؟.. ބަލިވެގެން ނަމަވެސް ތަނެއްގަ އެޑްމިޓްކޮށް ދޮނާ ގަޔަށް ލޭ އެޅިތަ ؟.. ނިކަން ހަނދާންކޮށްފަ ބުނެބަލަ..”
“..އަހަންނަކަށް ނޭގެ ލޫޠު..”. އަހަރެނަށް ރޮއެ ގަންނަމުން ލޫޠު ގައިގައި އޮޅުލައި ގަނެވުނެވެ. “..އަހަރެން ހަނދާނެއްނުވެ ބަލިވެގެންވެސް ހޮސްޕިޓަލްއަކަށް ގެންދިޔަ ހަނދާނެއްވެސް..”
“..ދޮނާ މީ ރޯންވީ ވަގުތެއްނޫން..” ލޫޠު އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ. ލޫޠުގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓެއެވެ. އޭނާހުރީ ހިތްހަމަނުޖެހިފައެވެ. “..ނިކަން ހަނދާންކޮށްފަ ބުނެބަލަ.. ކައިލް ކުއްލިއަކަށް ބަދަލުވުމުގެ ކުރިން އެކަހަލަ ކަމެއްވިތޯ..”
“..އަހަރެން ބޯ ފަޅައިގެންދިޔަރޭ..” އަހަރެން ކުއްލިއަކަށް ހަނދާނަށް އަޔެވެ. “..އެރޭ ކައިލް ބުނި ހޮސްޕިޓަލްއަށް ގެންދިޔަވާހަކަ.. އަހަރެން އޮތީ ހޭނެތިފަ.. އެހެންވެ ނޭގެ ހޮސްޕިޓަލްއަށް ގެންގޮސް އިންޖެކްޝަނެއް ޖެހިކަމެއް ނޫނީ ލޭއެޅިކަމެއްވެސް..”
“..އެއީ އަހަރެން މާލެއައި ދުވަހުގެ ކުރީ ދުވަހުގެ ރޭ ދޯ..” ލޫޠު އެހިއެވެ. އަހަރެން ދެތުންފަތް ފިއްތާބާރުކޮށްލަމުން ބޯޖަހައިލީމެވެ. ލޫޠު އަނގައިން ނުބުނެ ވިސްނަން ހުއްޓެވެ. އެޔަށްފަހު އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން އަހަރެންނަށް ބަލާލަމުން ބުނެލިއެވެ.
“..މިތަނަށް އެރޭ އިންޖެކްޝަން ޖެހީ..” އަހަރެންގެ ދެފައިކޮޅުން ވާގި ދޫވެގެންދިޔައެވެ. ޓައިލްސްގަނޑު މައްޗަށް ތިރިވެވުނެވެ.
“..ދޮނާ.. މީ ތިގޮތަށް ތިރިވާންވީ ވަގުތެއް ނޫން.. މީކޮޅަށް ތެދުވާންވީ ވަގުތު..” ލޫޠު އަހަރެންގެ ދެއަތުގައި ހިފައިލަމުން ކޮޅަށް ނެގިއެވެ. “..އަހަރެން މިހީކުރާ ގޮތަށް ދޮނާއަށް އެޗްއައިވީ ނުޖެހިވެސް ހުރެދާނެ.. އެރޭ ޖެހީ ހޮސްޕިޓަލްއިން ހަމަ ރަނގަޅު އިންޖެކްޝަންއަކަށްވެސް ވެދާނެ.. ދޭ ފާހާނާއަށްވަދެ ފެންވަރާލައިގެން އަންނަން.. ދެން ދޮނާޖެހޭނީ އަހަރެން ބުނާ ގޮތަށް ކަންތައްކުރަން.. ދޮނާ ފެންވަރާލައިގެން ދާންވީ ކައިލްމެން ގެޔަށް.. ގޮސް ކިނާން ގޮވައިގެން އަންނަންވީ.. އަހަރެން ދާނަން ރިޕޯޓްތައް ބަލައި ދޮނާދޭ ކިނާން ބަލައި.. އެމީހުންނަށްގޮސް ސާބިތުކޮށްދީ ކިނާން ދޫކޮށްނުލާނެކަން..”
“..ނޫން..” އަހަރެންނަށް އެކަމަކާ އެއްބަހެއް ނުވެވުނެވެ. އަހަރެން ކިނާން ބަލައިދާނީ އަހަރެންގެ ހަށިގަނޑުގައި އެޗް.އައި.ވީގެ ވައިރަސް ނެތްކަމަށް ޔަޤީންވެއްޖެނަމައެވެ.
“..ދޮނާ..ތީއޭ އެމީހުން ބޭނުންވާ ގޮތަކީ..” ލޫޠު ބުނެލިއެވެ. “..ދޮނާއަށް ހީވޭތަ ޔުމްނު ރަނގަޅު މަންމައަކަށްވާނެހެން.. ދެން ކޮންމެ ގޮތެއްވިޔަސް ކައިލް ޔުމްނުއާ އިންނާނެ.. އިނުމަށްފަހުގައި ކިނާން އެގެއިން ނެރެނުލާނެ ކަމުގެ ކޮން ގެރެންޓީއެއް ދޮނާއަށް އޮތީ.. ކިނާން ބޮޑުވަމުން އަންނާނީ ރަނގަޅު ތަރުބިއްޔަތެއް ލިބިގެންކަމެއް ކިހިނެއް ދޮނާއަށް އެނގޭނީ..”
“..އަހަރެން ކަހަލަ ބަލިމީހެއް ކައިރިއަށް ގެނެސްގެން އަހަރެންނަށް ކޮން ތަރުބިއްޔަތެއްތަ ދެވޭނީ.. އަހަރެންނަށް ކޮން ޔަޤީންކަމެއްތަ އޮތީ..” އަހަރެންނަށް ވަގުތުން ބުނެވުނެވެ. “..އަހަރެންނަށް ވަރަށްހީވޭ އަހަރެންގެ ހަށިގަނޑުގަ އެވައިރަސް ހުރިހެން.. އަހަރެން ކިނާން ބޭނުމެއްނޫން..”
“..ދޮނާ މިކަމާ ވިސްނާ.. ވިސްނާފަ ގޮތެއް ނިންމާ.. ދޮނާ ގައިގައި ބަލި ހުއްޓަސް ނެތަސް ކިނާންއަށް އެންމެ ރައްކާތެރިތަނަކީ އަހަރުމެން ކައިރި..” ލޫޠު އެހެން ބުނަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ.
ލޫޠު ބުނީވެސް ދޮގު ވާހަކައެއް ނޫނެވެ. އެގެޔަކީ ކިނާންއަށް ރައްކާތެރި މާހައުލަކަށް ނުވާނެއެވެ. ޔުމްނު ކައިލްއާ އިނުމަށްފަހުގައި ކިނާންއާމެދު ކަންތައްކުރާނެގޮތެއް ހިޔާލަށް ގެންނަންވެސް ދައްޗެވެ. ޔުމްނު އަހަރެންނަށް ނުކުރި ރަހުމެއް އަހަރެންގެ ދަރިއަކަށްވެސް ނުކުރާނެއެވެ. ދެންހުރީ ކައިލްއެވެ. ކައިލްއަކީ ޔުމްނު މަޅީގައިޖެހި އަހަރެންނަށް މިހާލު ޖެއްސިމީހާއެވެ. ހަމައެގޮތަށް ޔުމްނު ބުނެފިނަމަ ކިނާންއަށްވެސް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެއެވެ. އަހަރެން ކިނާން ގެނެސްފިނަމަ އަހަރެން ނެތް ދުނިޔެއެއްގައިވެސް ލޫޠު ކިނާން ބަލައިދޭނެ ކަމުގެ ޔަޤީންކަން އަހަރެންނަށް އެބައޮތެވެ. ލޫޠު ކިނާންއަށް ނިކަމެތި ކަމެއް ލިބުނަކަ ނުދޭނެއެވެ. ކިނާން ބޮޑުވާނީ ރަނގަޅު ތަރުބިއްޔަތެއްވެސް ލިބިގެންނެވެ.
އަހަރެން ފެންވަރާލައިގެން ނުކުތްއިރު 05 ޖަހައި ބޮޑުވެއްޖެއެވެ. ލޫޠުއާއި ނީލް ސިޓިންގ ރޫމް ސޯފާގައި ވާހައެއްގައި ތިއްބެވެ. އަހަރެން ފެނުމާއެކު ލޫޠު ތެދުވަމުން ހިނިތުންވެލިއެވެ. އަދި އަހަރެން ކައިރިއަށް އައިސް ބޮލުގައި ފިރުމާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަހަރެންނަށް މިވަނީ ހިތްވަރު ލިބިފައެވެ. މިއަދު އަހަރެން ކިނާން ހޯދުމަށް ނިންމީ އެ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައެވެ. އަހަރެންގެ ދަރިފުޅު ބައްޕަގެ ލޯބިން މަޙުރޫމްކޮށްލުމަށް ނިންމީ އެބައްޕަގެ ލޯބި އެދަރިފުޅަށް ލިބޭނެކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ.
“..ދޮނާ.. ދެރަވެފަ ނޫނީ ރޮވިފަ ވާހަކަ ނުދައްކާތި.. ހަމަޖެހިލައިގެން ވާހަކަދައްކާނީ.. އާދޭސް ނުކުރާތި.. ކިނާން ލިބޭނީ ދޮނާއަށްކަން ހަނދާނުގަ ބަހައްޓާތި.. އެމީހުން ކޮންމެފަދަ އެއްޗެއް ބުންޏަސް ކެތްތެރިވާތި..” ލޫޠު އަހަރެން ކައިލްމެން ގެޔަށް ފޮނުވީ ކަންތައްކުރަންވީ ގޮތާއި ވާހަކަދައްކަންޖެހޭ ރާގުވެސް ބުނެދިނުމަށްފަހުގައެވެ.
އަހަރެންނާމެދު ރަހުމްނުކުރި ބަޔަކަށް އަހަރެންވެސް ރަހުމެއް ނުކުރާނަމެވެ. ކައިލް ކޮންމެފަދަ އެއްޗެއް ބުންޏަސް މިއަދު އަހަރެންގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައެއް ނުލާނަމެވެ. މިލޮލުން މިއަދު ކައިލްއަށް ފެންނާނީ ނަފްރަތުގެ އަލިފާނެވެ.
އަހަރެން ހަށިފުރާ ފުންނޭވާއެއްލުމަށްފަހު ލިފްޓްއިން ނުކުމެގެން ގޮސް ކައިލްމެންގޭ ބެލް އަޅާލީމެވެ. ނަމަވެސް އެތެރެއިން އެކަކުވެސް ދޮރެއް ނުހުޅުވިއެވެ. ގޭގައި މީހަކު ނެތީ ކަންނޭގެއެވެ. ހަވީރުގަޑިކަމަށްވުމުން ކިނާން ގޮވައިގެން ޕާކަށްދިޔައީކަމަށްވެސް ވެދާނެއެވެ. އެހެންހިތައި ދާން ހިނގައިގަތް ވަގުތު ޓެރަސްމަތިން މީހަކު ހީގަތް އަޑުއިވުނެވެ. ޔުމްނުގެ އަޑު އިވުނުހެންވެސް ހީވިއެވެ. އަހަރެން ޓެރަސްއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ ކައިލް ފެނުނެވެ. ކައިލްގެ ފަހަތުން ޔުމްނު ފެނުނު ވަގުތު އަހަރެންގެ ހިތުގެ ހިނގުން އެތައް ގުނައަކަށް އިތުރުވެގެންދިޔައެވެ. ޔުމްނުއާއި ކައިލްއާ ރާވައިގެން އަހަރެންނަށް ބޮޑު ކެއްސެއްދީފައިވާކަމަށް ޔަޤީންކުރެވުނެވެ. އަހަރެންގެ ހިތުގައި އެމީހުންގެ މައްޗަށް ރުޅިވެރިކަން އުފެދިގެންދިޔައެވެ. ޔުމްނު ހީގަންނަމުން ކައިލްގެ އަތުގައި އެލިގަތްތަން ފެނުމުން މޫނު އަނބުރާ ލެވުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އަހަރެން ދެން ބަލާލިއިރު ދެމީހުންގެ ނަޒަރުވެސް ސީދާވެފައިވަނީ އަހަރެންނަށެވެ. ޔުމްނުގެ ހުނުންމެދު ކެނޑިނުއިރު އެމޫނުމަތިން ސީރިޔަސްކަން ފާޅުވެފައި ހުއްޓެވެ. ކައިލްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެންދިޔައީ އަހަރެންނަށް އެދެމީހުންގެ ގުޅުން އޮތްކަން އެނގުމުން ކަންނޭގެއެވެ. ހަމައެސިކުންތުގައި އެކަންބޮޑުވުން ރުޅިވެރިކަމަށް ބަދަލުކޮށްލިއެވެ. ކައިލްއަކީ އެކްޓް ކުރަން މޮޅު މީހެކޭ އަހަރެންގެ ހިތަށް އެރިއެވެ. ކައިލް ބާރުބާރަށް ސިޑިން ފައިބެގެން އައިއިރު ޔުމްނު ހުރީ ޓެރަސްގައި މަންޒަރުބަލާށެވެ.
“..ކަލޭ ކީއްކުރަން ތިއައީ..” ކައިލް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.
“..އަހަރެން މިއައީ އެއްޗެއްބަލާ..” އަހަރެން ހަމަޖެހިލައިފައި ބުނީމެވެ. “..އަހަރެން ހަނދާންނެތި މިގޭގައި ބާއްވާފަ ދެވުން އެއްޗެއް..”
“..ކަލޭ ތިއުޅެނީ މަށަށް ދުއްޕާން ކުރާނެ ގޮތެއް ނޭގިގެންތަ؟ ” ކައިލް އަހަރެންގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓާލިއެވެ. “..އޭއްޗެކޭ މީއްޗެކޭ ކިޔާފަ އަންނާނެކަމެއް ނެތް.. ކަލޭގެ އެއްޗެއް މިގެޔަކު ނޯންނާނެ..”
“..ކަލެޔަށް މަގައިގަ އަތްލުމުގެ ހައްޤެއް ނޯންނާނެ..” އަހަރެން ކައިލްގެ އަތް ފޮޅުވާލީމެވެ.
“..ހާދަވަރެއްވެފަ ތިހުރީ.. މަ ބޭނުން ގޮތެއް ކަލެޔަށް ހަދާނީ..” ކައިލް އަހަރެންގެ ދެއަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލަމުން ދުރަށް ކޮށްޕާލިއެވެ. “..ރައްކާވޭ މިތަނުން..”
“..ކަލޭ ބޭނުންހާގޮތެއް ދެން ނުހެދޭނެ..” އަހަރެން ސާބިތު ކަމާއެކު ބުނެލީމެވެ. “..ދެން ކަންތައްވާނީ އަހަރެން ބޭނުންވާގޮތަށް.. އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލާ އަޑު އިވިއްޖެތަ؟ މިއަދު މަ މިތަނުން ދާނީ ކިނާން ގޮވައިގެން.. ކަލޭހީކުރީ މޮޅެތި ޕްލޭންތައްކޮށްގެން މަށާ ކިނާންއާ ދުރުކުރެވޭނެ ކަމަށްތަ؟.. މިއަދު ކިނާން ނުލިބިއްޖެޔާ ކޯޓަށް ގޮސްގެންނަމަވެސް ކިނާން ހޯދާނެކަން.. ހަނދާންކުރާތި..” ކައިލްގެ މޫނުމަތީ މީހަކު އެތިފަހަރެއް ވިހެލިކަހަލައެވެ. ލިބުނު ޝޮކުގައި އަހަރެންނަށް ބަލަހައްޓައިގެން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
25 Comments!
Comments are closed.
Varah reethi mi part ves…
thank you walee..
Masha allah v v nice mi part ves.. alhe loosh ah aids nujassachey.. eyrun mi vaahaka hadi vaane..dhn libey rreports thah normal kohllaafa loosh ah kinaan dhyfa yumnu n kail ah bodu ladeh dhybaaa.. eyrun dhn reethi vaany..
thank you bubbles.. nishaan vs unmeedhu kuranii report normal vaane kamah 🙂 12th vana bain engeyne HIV virus huritho nehtho.. inthizaaru kohlaa ..
i hate kyle
mee too 😉
v reethi mibaives,…heevejje thikahala kanthagade hinganihen..nubai frnd eh dhw…lets see dhw dhen vaane gothe.. 🙂 – waiting-
frnd aku nubai vaani dhen ehaavarakah dhiri huhtaa maraa viyya e lee.. hehe.. thank you lin..
waitin for next part.. 😀
soon will up next part..
Saabahey loosh thy anhenun naky thi kail ah vaane mifaharu rangalhu filaavalheh dheyn haadha nulafaa furihenekey hun. v kihaahuthun huttaa thi nimmaly vaahaka vvv reethi ekm haadha dhuvahakashey dhw mi inthixaaru kuran jehuny
Thank you.. Ehaa dhigu inthizaareh kuruvaakah nujahsaanan inge..
Varah nice mi part. Loosh ah Hama selute. 12 vana part up kurany kon iraku?
Thank you Xaan.. Mi week therey up kohla dhevytho masahkaiy kuraanan..
aaachaaaa….. gadha loosh haadha hiyy vareh libifa ey eynayah e huree… dhn kail vx avahah kinaan loosh ah dheyn veeenu goiy dhookohfa… eyrun yumnu aaa ekkn maaa ufaluga ulheveynenu 😛 hahaha btw v salhi mi part vx waiting 4 the next part gudluk <3
Thank you haxu.. Kyle ehaa faseyhain dhoo dheyne heneh hiyeh nuve..
Vara salhi
Thank you aisha
ingey ey ee eah vuren goiyy dhoo nukuraa firiheneh kan…….. haadha boa haru sorekey dhw ……….. :p
Aan dho 😛 hehe
vvv salhi mi part vx Nishan.. waitin for next part eagerly
thank yu yashaa..
Varahvarah riythi aneh part kobaatha haadha lahey up kuraaleh avahah up kohdhiybala haadha dhigu enthizaarekeyyyyyy
Thank you Nana.. Maadhamaa up kohdheynan in shaa Allah..
wow v v v varah reeth mivaahaka aneh bayah inthizaar kuran.