Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އާލިފް

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 22, 2018 4 Mins Read
8 Comments

އާލިފްގެ އުމުރުން ފަންސަވީސް އަހަރު ވީއިރުވެސް އޭނާ ހުރީ ހުސްހަށިބަޔަށެވެ. އިންނާނެ ކުދިން ނުވަނީކީ ނޫނެވެ. އޭނާ ގަޔާވާފަދަ ކުއްޖަކާ ދިމާނުވަނީއެވެ. އޭނާގެ މަންމަ، ސާދުނާގެ އަބަދުގެވެސް ޝަކުވާއަކީ މަންމައަށް ފަސޭހަކޮށްދީ އަޅާލާނެ ޅީދަރިއަކު ނުލިބުމެވެ. އާލިފް މަންމައާއި ދޭތެރޭ ނުވިސްނާ ވާހަކައެކެވެ. އެވާހަކަތައް ތަކުރާރުކޮށް އަޑުއަހަންވުމުން އާލިފްގެ ބޮލުގައި ރިއްސައެވެ. މަންމަގެ އަނެއް ޝަކުވާއަކީ އޭނާ ވަޒީފާއަކަށް ނުދިޔުމެވެ. މަޖަލާއި ސަކަރާތުގައި އުމުރު ބޭކާރުކޮށްލާތީއެވެ.

އާލިފް ހޭލައިގެން ނުކުތްއިރު މެންދުރު ބާރަ ޖަހަނީއެވެ. އޭރު ސާދުނާ އުޅެނީ މެންދުރަށް ކައްކަންވެގެން ބަދިގޭގައެވެ. އާލިފް ބަދިގެއަށް އައިސް ވަނީ ހަމައެކަނި ކުރު ސޯޓެއް ލައިގެންނެވެ. ސޯޓު ކިރިޔާ އޭނާގެ އުނަގަނޑުގައި ހަރުލާކަމެވެ.

“މަންމާ.. ވަރަށް ބަނޑުހައިވެއްޖެ..” އާލިފް އާފުރިލަމުން ބުނެލިއެވެ.

“އާލިފް ރޭގައި ކިހާއިރަކު ގެއަށް އައީ؟” ސާދުނާ އަހާލިއެވެ.

“ދޭއް ޖަހަނިކޮށް..” އާލިފް ދޮގު ހަދާކަށް ނޫޅެއެވެ. ދޮގު ހެދިޔަސް ބޭޒާރުވާނެކަން އެނގޭތީއެވެ.

“އާލިފްއަށް މަންމަ ކިހާވަރަކަށް ނަޞޭޙަތް ދިނީމަތަ މަންމަ ބުނާގޮތެއް ހަދާނީ؟” ސާދުނާ ހިތްހަމަނުޖެހުނު ނަމަވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

“މަންމާ.. ވަރަށް ބަނޑުހައިވެއްޖެޔޭ..” އާލިފް ތަންކޮޅެއް ބާރަށް ބުންޏެވެ.

“މި ގެންދަނީއޭ.. މަންމަ ނަޞޭޙަތެއް ދޭތީ ދޯ މާ ރުޅިގަދަވެގެން ތިއުޅެނީ..” ސާދުނާ ބުނެލިއެވެ. އިރުކޮޅެއް ފަހުން އޭނާ ބިސްގަނޑަކާއި ކޮފީ ތަށްޓެއް ގެނެސްދިނެވެ. އާލިފް އަވަސްއަވަހަށް ބިސްގަނޑު ކުދިކުދިކޮށް ކޮށާލަމުން ކާން ފެށި ވަގުތު އާލިފް އާފުރިލިތަން ފެނުމުން ސާދުނާގެ ގާތަށް ރުޅިއައެވެ.

“ދެން ދޭ އަނެއްކާވެސް ނިދަން.. ދެން މިއަދު އިރު ހުއްޓާ ނުތެދުވާތި..” ސާދުނާ ހިތްހަމަނުޖެހިފައި ބުންޏެވެ. އާލިފްއަށް އެކަން ފާހަގަވުމުން ކާހިތްވެސް ކެނޑުނެވެ. ނަމަވެސް ބަނޑުހައިވެފައި ހުރިވަރުން އޭނާ ކެތްކޮށްލައިގެން ކެވޭތޯ ބެލިއެވެ. އެވަގުތަކީ އާލިފްގެ ބައްޕަ ނިޒާރަށް އެތަނަށް އާދެވުނު ވަގުތެވެ.

“އާލިފް! ރޭގައި ކިހާއިރަކު ގެއަށް އައީ؟” ރުންކުރު ގޮތަކަށް ނިޒާރު އަހާލިއެވެ. އާލިފް ޖަވާބެއް ނުދިނެވެ.

“ދުވާލު ހަތަރުދަމު ނިދާފައި ރޭގަނޑު ހަތަރުދަމު ހޭލާ ހުޅެފައި.. މީ މީހުން ދުނިޔޭގައި އުޅޭ ގޮތްތަ؟ އަމާ ދިނީމަ ކައިލައިގެން ބަފާ ދިނީމަ ލައިގެން އުޅޭނެހާ ތާކު އުޅެންވީ.. ކުރަނީ ކީއްކަމެއް އުޅެނީ ކޮންތާކުކަމެއް އަހަރެމެންނަކަށް އެނގެނީކީ ނޫން.. އަތުން ފައިން މަސައްކަތެއް ކުރާނެކަމެއް ނެތް.. ކިހާ ދުވަހެއް ވަންދެން މައިންބަފައިން ފެލައިގެން އުޅެވޭނެކަމަށްތަ އާލިފް ތިއުޅެނީ؟ އޭނ..” ނިޒާރު ރުޅިވެރިކަމާއެކު އެތިވަރު ގޮވައިގަތެވެ. އާލިފް އައި ރުޅީގައި ކޮފީތަށީގައި އަތުން ޖަހައި ވިއްސައިލާފައި ނުކުމެގެން ދާން ފެށުމުން ސާދުނާ އޭނާއަށް ގޮވިއެވެ. ނަމަވެސް އޭނާ މަޑުވެސްކޮށްނުލާ ގޮސް ކޮޓަރިއަށް ވަދެ އަތުގައި ހުރިހާ ބާރެއް ލާފައި ދޮރު ޖެހިއެވެ. ދޮރު ޖެހިލެއް ބާރުކަމުން ފާރުތަކަށްވެސް ދިޔައީ ގުޑުން އަރައިގެންނެވެ. ސާދުނާއަށް ބޯ ހޫރާލެވުނެވެ. އިރުކޮޅެއްވީތަނާ އިވުނީ އާލިފްގެ ކޮޓަރިން ބިއްލޫރިތަކެއް ތަޅައިގެން ދިޔަ އަޑެވެ. ސާދުނާ ކަންބޮޑުވެފައި އެދިމާއަށް ހިނގައިގަތުމުން ނިޒާރު އޭނާ ހުއްޓުވިއެވެ.

“އޭނަ މޮޔަ ކަމެއް ކޮށްފާނެ..” ސާދުނާއަށް ކަންބޮޑުވެފައި ބުނެލިއެވެ.

“ކޮށްފާނެއެއްނު.. އޭނަޔައިގެން އުޅޭ ވަރަކަށް އޭނަގެ ކަންތައް ހައްތަހާ މައްޗަށް ދާނީ.. ހަމަ ސާދުނާ ހައްދާ ގޮތުން އެހެން އެވަނީ.. އޭނަ ކައިރީ ރަނގަޅަށްވެސް އެއްޗެކޭ ބުނެވޭކަށް ނޯންނާނެ ސާދުނާ އޭނަގެ ފަޅިއަށް އަރާވަރުން.. އެހެންވެގެން އޭނަ ބޭނުންހާ ގޮތަކަށް އެ އުޅެވެނީ..” ނިޒާރު ގާތަށް އައިސްފައި ހުރި ރުޅި އަދިވެސް މަޑެއް ނުވެއެވެ.

“ނިޒާރު އޭނައާ ތި ވާހަކަދައްކަނީ މައިންބަފައިން ދަރިންނާ ވާހަކަދައްކާ ގޮތަށްތަ؟ ދަރިން މައިންބަފައިން ބުނާ ގޮތަށް ކަންތައް ކުރާނީ ލޯބިން ކަންތައް ކޮށްދިނީމަ.. ގޯސްކޮށް ކަންތައް ކުރަންޏާ ލޯބިން ރަނގަޅު ގޮތް ވިސްނައިދިނީމަ.. ކަމެއް ވާއިރަށް ހަޅޭއްލަވައި އެއްޗެހި ކިޔައިގަތީމަ ބުނާގޮތެއް ނުހަދާނެ.. އޭރުން ދަރިންގެ ހިތުގައި މައިންބަފައިންގެ މައްޗަށް ނަފުރަތު އުފެދޭނީ..” ސާދުނާ ބެލީ ނިޒާރަށް ވިސްނައިދެވޭތޯއެވެ.

“އަހަރެން ކުރިންވެސް ހަމަ މިހެންތަ އޭނަޔާ ވާހަކަދެއްކީ؟ ލޯބިން ކިހާ ދުވަހެއް ވަންދެން ނަޞޭޙަތް ދިނީ.. ދަރިން ނުކިޔަމަންތެރިވީމަ މައިންބަފައިންނަށްވެސް ދަރިންނާ ދޭތެރޭ ކަންތައްކުރާ ގޮތް ބަދަލުކުރަން ޖެހޭ.. މިހާރު އޭނަ އެހުރީ ހައްދުފަހަނައަޅާފައި.. ކިތަންމެ ލޯބިން ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަ ހިތަކަށް އެކައްޗެކޭވެސް ނާރާނެ..” ނިޒާރު އަޑުމަޑުކުރިއެވެ.

“އަދި އޭނަ އެއްވެސް ގޯސް ކަމެއް ކުރާ ވާހަކައެއް އަޑެއް ނީވޭ.. އެހެންވީމަ އަދިވެސް އަހަރެމެން މަސައްކަތް ކޮށްލަނިކޮށް އޭނަ ރަނގަޅު ކުރެވިދާނެ.. ނިޒާރުވެސް ތިގޮތް ދޫކޮށްލާފައި ތަންކޮޅެއް ލޯބިން އޭނަޔާ ވާހަކަދައްކާ ނަޞޭޙަތް ދީބަލަ.. ވީހާވެސް ބޮޑަށް އޭނަ ގާތްކޮށްގެން ގެންގުޅެބަލަ.. އޭނަ އެކަހެރިނުކޮށްބަލަ..” ސާދުނާގެ ވާހަކަތަކަށް ނިޒާރު އެއްވެސް އެއްޗެކޭ ނުބުންޏެވެ. ވިސްނުމަކަށް ގެއްލިފައި އިނީއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ؟” ސާދުނާއަކަށް ނިޒާރުގެ އެ ހަމަހިމޭންކަން ކަމަކު ނުދިޔައެވެ.

“އަހަރެން މަސައްކަތް ކުރާނަން..” ނިޒާރު ގޮތް ދޫކުރިއެވެ.

އާލިފް ހީވަނީ ރުޅިއައިސްގެން ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އޭނާ އުޅޭ ގޮތަށް އަބަދާއި އަބަދު މަންމައާއި ބައްޕަ ފާޑުކިޔާތީ އޭނާ އިންތިހާއަށް ރުޅިއާދެއެވެ. އެއްވެސް މިނިވަންކަމެއް އޭނާއަކަށް ނޯވެޔޭ އޭނާއަށް ހީވެއެވެ. އޭނާގެ އެ އުޅުން އޭނާގެ ގައިގައި އަށަގަތީވެސް އެމީހުންގެ ސަބަބުންނެވެ. އޭނާގެ އެއްވެސް ކަމަކަށް މައިންބަފައިން އޭރު ފާޑެއް ނުކިޔައެވެ. އޭނާ ކިތަންމެ ގިނައިރަކު ނިދިޔަސް އަޅައެއްނުލައެވެ. ގެއިން ބޭރުގައި ކިތަންމެ ގިނައިރެއް ވިޔަސް ހޯދާކަށް ނޫޅެއެވެ. ގެއަށް އައުމުން ސުވާލެއް ނުކުރެއެވެ. އަބަދުވެސް އެކަނިވެރިކަން އޭނާއަށް އިހުސާސްކުރެވެއެވެ. އެހެންކަމުން އޭނާ އެ އެކަނިވެރިކަން ފިލުވުމަށް ޚިޔާރުކުރީ އޭނާގެ އެކުވެރިންނެވެ. ވިޔާނުދާ އެކުވެރިންނެއް ނޫނެވެ. ރަނގަޅު އެކުވެރިންތަކެކެވެ. ދުވަހަކުވެސް މީހުންނަށް ގޯނާކޮށް ޖެއްސުމެއް ނުކުރެއެވެ. މާރާމާރީއެއް ނުހިންގައެވެ. މަސްތުވާތަކެތި ފަދަ އެއްވެސް ވަބާއެއްގައި އޭނާއެއް ނުޖެހެއެވެ. ވީއިރު އޭނާ ގެއަށް ލަހުން އައިސްގެން މަންމަމެން އެހާވަރު އަރުވާލަން ޖެހޭ ހެއްޔެވެ؟

ނިޒާރު ސާދުނާގެ ލަފަޔާ އެއްގޮތަށް އާލިފް ގާތްކުރެވޭތޯ މަސައްކަތް ފެށިއެވެ. ނަމަވެސް ނިޒާރު ފެންނަ ހިސާބަށް އަންނާކަށްވެސް އާލިފް ބޭނުމެއް ނުވެއެވެ. ނިޒާރު ގޭގައި އުޅޭނަމަ އާލިފް ކޮޓަރިއަކުން ނުނިކުމެއެވެ. ނިޒާރުގެ ފަރާތުން އިވިފައިވާ ނުރުހުމުގެ ބަސްތަކުން އޭނާގެ ހިތުގައި ނިޒާރުގެ މައްޗަށް އުފެދިފައިވާ ފޫހިކަމެއްގެ ސަބަބުންނެވެ.

“ސާދުނާ ބުނާނެ އަހަރެން އޭނަ ދުރުކުރާތީއޭ އޭނައަށް އެހެން ވަނީ.. އޭނަ ގާތްކުރެވޭނީ އޭނަ އަހަރެން ފެންނަ ހިސާބަށް އައިސްގެނެއްނު.. ހަމަ ސާދުނާ ހައްދާ ގޮތް އެއީ..” ނިޒާރު އަނެއްކާވެސް އޭނާގެ ޒިންމާ ސާދުނާގެ ބޮލުގައި އެޅުވިއެވެ. ނިޒާރުގެ މައްސަލައަކީ އެޔެވެ. އަމިއްލަ ކުށް ނުފެނުމެވެ. ޒިންމާ ނުނެގުމެވެ. އެއްވެސް ކަމެއް ޢަޒުމާއެކު ކުރިއަށް ނުގެންދެވުނެވެ. މާ ފަސޭހައިން ހަތިޔާރު ބެހެއްޓުމެވެ.

“އަހަރެންގެ ބޮލުގައި ތި ހުރިހާ ކަމެއް ނާޅުވާބަލަ.. ރަނގަޅު.. އަހަރެންނަށްވެސް ގޯސްކޮށް ކަންތައް ކުރެވިފައި އެބަހުރި.. އެކަން އަހަރެން ޤަބޫލުކުރަމޭ.. ހަމައެގޮތަށް ނިޒާރުވެސް ހަދާ ގޯސްތައް ޤަބޫލުކޮށްބަލަ.. އޭނަޔާ ނިޒާރު އެއްވެސް އިރަކު ލޯބިން ވާހަކަ ދެއްކިންތަ؟ ނަޞޭޙަތް ދޭ ނަމުގައި ރުޅިއައިސްގެން ވާހަކަދެއްކީމަ އެއްވެސް މީހަކު އެވާހަކަތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވާނެ އެއީ ކިތަންމެ ރަނގަޅު ވާހަކައަކަށްވިޔަސް.. ނިޒާރު ގާތު އަހަރެން މިވާހަކަ ކިތައް ދުވަހު ދެއްކިން؟ އެކަމަކު ނިޒާރު އެއިން އެއްވެސް ވާހަކައެއް އަޑުއެހިންތަ؟ ނާހަމެއްނު ދޯ.. ނިޒާރު އެކަމުގައިވެސް ކުށްވެރިކުރީ އަހަރެން.. އަހަރެން އޭނައަށް ހިތްވަރުދޭކަމަށް ބުނީ.. އަހަރެން ކީއްވެ އޭނައަށް ހިތްވަރުދޭންވީ؟ އޭނަ އެއީ އަހަރެންގެ ދަރިއެކޭ.. ނުވަ މަސްދުވަސް ވަންދެން ބަނޑުގައި ބާއްވައިގެން ހުރިހާ ވޭނެއް އުފުލީ އަހަރެންނޭ.. އަހަރެން ބޭނުންވާނެތަ އަހަރެންގެ ދަރިއަކު ނުބައި މަގަކުން ދާން؟ ނޫނީ އަހަރެމެންގެ ބަސްނާހާ އުޅެން؟” ދެރަވިވަރުން ސާދުނާގެ ލޮލުން ކަރުނަ ހިލުނެވެ.

“ތީވެސް ރަނގަޅު ވާހަކައެއް.. އަހަރެމެންނަށް އާލިފްއާމެދު އިހުމާލުވެވުނީމަ ވީގޮތް މީ.. އަހަރެމެން ހިނގާ އަނެއްކާވެސް އޭނަ ރަނގަޅުކުރެވޭތޯ މަސައްކަތްކުރަން..” ނިޒާރު ބުންޏެވެ. އޭނާ ފުރަތަމަ ފަހަރަށް އަމިއްލަ ކުށް ޤަބޫލުކުރިއެވެ. ކޮޓަރީގައި މަންމަމެންގެ ވާހަކަތައް އަޑުއަހަން ހުރި އާލިފްއަށް ހިނިތުންވެލެވުނެވެ. އޭނާއަށް އާ ހިތްވަރެއް ލިބުނެވެ. މައިންބަފައިން އެމީހުންގެ ކުށް ޤަބޫލުކުރީތީއެވެ. އޭނާ އެމީހުން އެދޭފަދަ ދަރިއަކަށް ވާން ޢަޒުމުކަނޑައެޅިއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އާލިފްއާއި ނިޒާރުގެ ގުޅުން ރަނގަޅުވަމުން ދިޔައެވެ. ނިޒާރު ކުރިން އާލިފްއާއި ދިމާއަށް ކިޔާފައިހުރި އެއްޗިއްސަށް އޭނާ މާފަށް އެދުނެވެ. ލޯބިން އެތައް ނަޞޭޙަތެއް ދިނެވެ. ސާދުނާގެ ފަރާތުންވެސް އާލިފްއަށް ކުރިން ނުލިބުނު ލޯތްބާއި އަޅާލުން ލިބުނެވެ. ވުމާއެކު އޭނާ ޢަޒުމުކަނޑައެޅި ކަންތައް ހާސިލުކުރަން ފަސޭހަވިއެވެ. އޭނާ ރޭގަނޑު ބޭރުގައި ހޭދަކުރާ ވަގުތު މަދުކުރިއެވެ. ގޭގައި މައިންބަފައިންނާ އެކު ހޭދަކުރާ ވަގުތު އިތުރުކުރިއެވެ. ވަޒީފާއެއް ހޯދައި ހަރުދަނާ ޒުވާނަކަށް ވިއެވެ. މައިންބަފައިން ދެކުނު ހުވަފެން ޙަޤީޤަތަކަށް ހަދައިދިނެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ޝަކުވާކުރާކަށް ނެތީމޭ

Next

އެވްލީން… 9

Next
October 22, 2018

އެވްލީން… 9

Previews
October 22, 2018

ޝަކުވާކުރާކަށް ނެތީމޭ

8 Comments!

  1. Nau says:
    October 22, 2018 at 8:08 pm

    Yeyy me first nyc

    1. Saandy says:
      October 23, 2018 at 12:29 pm

      Thank You Nau 🙂

  2. Nash? says:
    October 22, 2018 at 8:16 pm

    Me dhw First …….varah ragalhu vaahaka kolheh..well done??

    1. Saandy says:
      October 23, 2018 at 12:29 pm

      Thank You Nash 🙂

  3. Shaya says:
    October 22, 2018 at 11:31 pm

    Masha allah…varah furihama vaahakaeh!!..and the best thing is that u took up a topic which really suits todays society

    1. Saandy says:
      October 23, 2018 at 12:29 pm

      Thank You Shaya 🙂

  4. Blue beauty says:
    October 23, 2018 at 1:10 am

    Ur right ✔️ ???

    1. Saandy says:
      October 23, 2018 at 12:30 pm

      Thank You Blue beauty 🙂

Comments are closed.



All Right Reserved!