ކައުއިތުރު ރަސޫލާ ހިޖުރައަށް ވަޑައިގެންނެވުން
أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަހެރެންގެ މައިންބަފައިން އިސްލާމްދީންނޫން އެހެން ދީނެއްގައި އުޅުނު ހަނދާނެއް އަހަރެންގެ ނުހުރެއެވެ. ހަމައެހެންމެ ކައުއިތުރު ރަސޫލާ އަހަރެމެންގެ ގެއަށް ފައިންޕުޅު ނުބީއްސަވާ އެއްވެސް ދުވަހެއް ފާއިތުވެގެން ދިޔަ ހަނދާނެއްވެސް އަހަރެންގެ ނުހުރެއެވެ. ދެންފަހެ، މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން އަހެރެންގެ ބައްޕާފުޅު އަބޫބަކުރުގެފާނު މައްކާއިން ނުކުމެވަޑައިގެން ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު بَرْكَ الْغِمَادِ އާއި ހަމައަށް ވަޑައިގެންނެވިތަނާ އެތަނުން قَارَة ގެ ސަރުދާރު ابْنُ الدَّغِنَةِ އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާ އަބޫބަކުރުގެފާނަށް ދެންނެވިއެވެ.
“އޭ އަބޫބަކުރެވެ. ކަލޭގެފާނު ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟”
އަބޫބަކުރެގެފާނު ޖަވާބު ދެއްވިއެވެ. “އަޅުގަނޑުގެ ޤަޢުމުގެ މީސްތަކުން އަޅުގަނޑުގެ ދީނާހުރެ އަޅުގަނޑު ރަށުން ނެރެ ބޭރުކޮށްލައިފިއެވެ. އެހެންކަމުން އަޅުގަނޑުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރެވޭނެ ފަދަ ތަނަކަށް ދެވެންދެން ބިމުގައި ދަތުރުފަތުރު ކުރަންކަމަށެވެ.”
ابْنُ الدَّغِنَةِ ވިދާޅުވިއެވެ. “އޭ އަބޫބަކުރެވެ offizielle website. ކަލޭގެފާނުފަދަ މީހަކު އޭނާގެ ޤަޢުމުން ބޭރުކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކަލޭގެފާނަކީ މުޙުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ، އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި، އަވައްޓެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި އުޅުއްވާ ބޭކަލެކެވެ. ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހުފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި ބޭކަލެކެވެ. އެހެންކަމުން އަޅުގަނޑު ކަލޭގެފާނަށް ހިމާޔަތްދީފީމުއެވެ. ކަލޭގެފާނު ކަލޭގެފާނުގެ ޤައުމަށް އެނބުރި ވަޑައިގެން ކަލޭގެފާނުގެ ގެކޮޅުގައި އަޅުކަން ކުރައްވާށެވެ.”
ދެން އަބޫބަކުރެގެފާނު ابْنُ الدَّغِنَةِ އާއިއެކުގައި މައްކާއަށް އަރާވަޑައިގެންނެވިއެވެ. ދެން އެދުވަހުގެ ހަވީރުގެ ވަޤުތުގައި ابْنُ الدَّغِنَةِ މައްކާގެ ޤުރައިޝުންގެ ޤަބީލާތަކުގެ މަޖްލީސްތަކަށްގޮސް ދެންނެވިއެވެ. ” އަބޫބަކުރުގެފާނު ފަދަ މީހަކު ޤަޢުމުން ބޭރުވެގެން ދިޔުމަކީ ކިހާ ގެއްލުން ބޮޑު ކަމެއްތޯއެވެ. އެކަލޭގެފާނު ޤަޢުމުން ނެރެލުންވެސް ހަމައެފަދަމެއެވެ. ތިޔަބައިމީހުން މުޙުތާދުވެރިންނަށް އެހީތެރިވެވަޑައިގަންނަވާ، އެބައިމީހުންގެ ދިރިއުޅުން ހަމަޖައްސަވައިދެއްވައި، އަވައްޓެރިންނާއި ގާތްތިމާގެ މީހުންގެ ގުޅުން ޤާއިމުކުރައްވައި އެބައިމީހުންނަށް ހެޔޮ ފޯރުކޮށްދެއްވައި، ނިކަމެތި ފަޤީރުންނަށް އެހީތެރިވެދެއްވައި، މެހެމާނުންނަށް ކަމޭހިއްތަވައި، މުސީބާތްޖެހުފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދެއްވައި ބޭކަލަކު ރަށުން ބޭރުކުރަނީ ހެއްޔެވެ؟ އަހަރެން އެކަލޭގެފާނަށް ހިމާޔަތްދީފީމުއެވެ. މިއަޑުއަހައި ޤުރައިޝުންގެ ތެރެއިން އެއްވެސް މީހަކަށް ابْنُ الدَّغِنَةِ ގެ ރައްކާތެރިކަން ބޮލާލައި ޖަހާކަށް ނުކެރުނެވެ. އެބައިމީހުން އޭނާއަށް ދެންނެވިއެވެ.
“އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރަންޖެހޭނީ އެކަލޭގެފާނުގެ ގެކޮޅުގައެވެ. އެކަލޭގެފާނު ގެކޮޅުގައި ނަމާދުކޮށް އެކިޔަވާ ވިދާޅުވާ އެއްޗެއް ކިޔެވިޔަކަސް އެންމެ ރަނގަޅެއެވެ. ނަމަވެސް އެކަލޭގެފާނު އެތަކެތި ޢާއްމު ތަންތަނުގައި ކިޔަވައި ވިދާޅުވެގެން ނުވާނެއެވެ. އެހެނީ އެކަމުން އަހަރެމެންގެ ކުދީންނާއި އަންހެނުންތައް ފިތުނަވެރި ވެދާނެކަމުގެ ބިރު އަހަރެމެންނަށް އެބައޮތެވެ.”
ދެން ابْنُ الدَّغِنَةِ އެ ހުރިހާ ވާހަކަތެކެއް އަބޫބަކުރުގެފާނަށް ވިދާޅުވެދެއްވިއެވެ. ދެން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ނަމާދުކުރުން މަތީ ދުވަސްކޮޅެއް ވަންދެން ދެމިހުންނެވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގެކޮޅުގެ ކުރިމަތީގައި ކުޑަ މިސްކިތެއް ބިނާކުރައްވައިގެ އެތަނުގައި ނަމާދުފުޅު ކުރައްވައި ޤުރުޢާން ކިޔަވާ ވިދާޅުވާން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ނަމާދުފުޅު ކުރައްވާތަން ބެލުމަށާއި އެކަލޭގެފާނު ކިޔަވާ ވިދާޅުވާ އެއްޗެއް އަޑު އެއްސެވުމަށް މުޝްރިކުންގެ އަންހެނުންނާއި ކުޑަ ކުދީން ޖަމާވާން ފަށައިފިއެވެ. އެބައިމީހުން އެމަންޒަރު ދެކެ އަޖާއިބުވެގެން އުޅެތެވެ.
އަބޫބަކުރުގެފާނަކީ އެކަލޭގެފާނު ޤުރުޢާން ކިޔަވައި ވިދާޅުވާއިރު ކީރިތި ކުރައްވައި އުޅުއްވާ ބޭކަލެކެވެ. މިކަންތައް ފެންނަން ފެށުމުން ޤުރައިޝުންގެ ކާފިރުންނަށް އެކަންތައް ބޮޑުވެއްޖެއެވެ. ދެން ابْنُ الدَّغِنَةِ ބަލާފޮނުއްވައިގެން ގެންވައި ދެންނެވިއެވެ. “އަހަރެންމެން ކަލޭގެފާނުގެ ކިބައިން އަބޫބަކުރުގެ ޙިމާޔަތް ޤަބޫލުކުރީ އެކަލޭގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި އެކުރައްވައި އަޅުކަމެއް ކުރައްވައި އެކިޔަވައި އެއްޗެއް ގޭގައި އިންނަވައިގެން ކިޔެވުމަށް އެއްބަސްވެގެންނެވެ. މިހާރު އެކަލޭގެފާނު އެކަންތައް ހަނދާންނައްތާލައި ގެކޮޅުގެ ކުރިމަތީގައި މިސްކިތެއް ބިނާކޮށްފިއެވެ. އެތަނުގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައި އަޑު ހަރުކޮށް ޤުރުޢާން ކިޔަވައި ވިދާޅުވެއެވެ. މިހާރު އަހަރެމެންގެ އަންހެނުންނާއި ކުޑަ ކުދީން ފިތުނަ ވެރިވެދާނެ ކަމުގެ ބިރު ވަރަށްވެސް ބޮޑުވެއްޖެއެވެ. ކަލެގެފާނު ވަޑައިގެން އެކަން މަނާކުރައްވާށެވެ. އެކަލޭގެފާނު ގެކޮޅުގައި ހުންނަވައިގެ އަޅުކަން ކުރައްވަން އެއްބަސްވެވަޑައިގެންފި ނަމަ އެކަން ޤަބޫލުފުޅު ކުރައްވާށެވެ. ޙިމާޔަތް ދަމަހައްޓާށެވެ. އެކަލޭގެފާނު އެގޮތާއި އެއްބަސްވެވަޑައި ނުގެންނެވިނަމަ ކަލޭގެފާނުގެ ޒިންމާއި ބަރީއަވެގަންނާށެވެ. އަހަރެމެން ކަލޭގެފާނު ހިމާޔަތްދީފައިވާ މީހަކުގެ ހިމާޔަތް އުވާލާކަށް ނޭދެމެވެ. ނަމަވެސް އަބޫބަކުރުގެފާނު ފާޅުގައި އެކުރައްވާ ކަންތައްތަކަށް އަހަރެމެންނަކަށް ނުރުހެވޭނެއެވެ.
ދެން ابْنُ الدَّغِنَةِ އަބޫބަކުރެގެފާނުގެ އަރިހަށް ވަޑައިގެން އެވާހަކަފުޅު ދެންނެވުމުގެ އެކަލޭގެފާނު ޖަވާބުދެއްވިއެވެ. “އަޅުގަނޑު ކަލޭގެފާނުގެ ޒިންމާއިން ބަރީޢަވެއްޖައީމުއެވެ. މާތް ﷲ ގެ ރައްކާތެރިކަމާއި ހިމާޔަތުގެ ދަށުގައި ހުރުމަށް އަޅުގަނޑު މާބޮޑަށް ރުހެމެވެ.”
ކައުއިތުރު ރަސޫލާ މައްކާގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނު މުސްލިމުންނާއި މުޚާތަބު ކުރައްވައި ވިދާޅުވެއެވެ. ” ތިމަންކަލޭގެފާނަށް ހުވަފެނުގައި ތިޔަބައިމީހުން ހިޖުރައަށް ވަޑައިގަންނަވާނެ ބިން ދައްކަވައިފިއެވެ. އެތަނަކީ ކަދުރު ރުއް ގިނައިން ހެދޭ ބިމެކެވެ. ދެފަރުބަދަ ދެމެދުގައިވާ ތަނެކެވެ.” ދެން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ދެއްވަމުން ބައެއް ބޭކަލުން މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. އަދި ޙަބަޝާއަށް ހިޖުރައަށް ވަޑައިގެން ތިއްބެވި ބޭކަލުންވެސް އެނބުރި މަދީނާއާށް ހިޖުރައަށް ވަޑައިގެންނެވިއެވެ.
އަބޫބަކުރުގެފާނުވެސް މަދީނާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ހެއްދެވިއެވެ. ނަމަވެސް ކައުއިތުރު ރަސޫލާ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. ކުޑަ ހިނދުކޮޅަކަށް ލަސްކޮށްލައްވާށެވެ. އެހެނީ އަހަރެންނަށްވެސް ހިޖުރައަށް ވަޑައިގެނެވުމަށް ހުއްދަލިބިވަޑައިގަންނަވާނެކަމަށް އަހަރެން އުއްމީދު ކުރައްވަމެވެ.” އަބަކުރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު މިކަމަށް އުއްމީދު ކުރައްވަންތޯއެވެ. ކަލޭގެފާނަށް އަޅުގަނޑުގެ މައިން ބަފައިން ޤުރުބާނެވެ. ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. ދެން އަބޫބަކުރުގެފާނު ހިޖުރައަށް ވަޑައިނުގެން، ރަސޫލާއަށްޓަކައި މަޑުކުރެއްވިއެވެ. އެކަލޭގެފާނާއިއެކުގައި ހިޖުރަކުރެއްވުމަށް އެދިވަޑައިގެން އެކަމުގެ އުއްމީދުގައެވެ. އެކަލޭގެފާނު ދެޖަމަލު ބައްލަވައިގެން އެދެޖަމަލަށް ރަނގަޅަށް ހުއިކާންދެމުން ގެންދެވިއެވެ. އެގޮތުގައި ހަތުރު މަސްދުވަސް ވޭތުކުރެއްވިއެވެ.
އެއްދުވަހަކު އަހަރެމެން އަބޫބަކުރުގެފާނުގެ ގެކޮޅުގައި ތިއްބަވަނިކޮށް މީހަކު އައިސް ބައްޕާފުޅަށް ދެންނެވިއެވެ. “މިހުންނެވީ މާތް ﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނު އެހުންނެވީ އިސްތަށިފުޅު ނިވާކުރައްވައިގެންނެވެ. އެކަލޭގެފާނު އެވަޑައިގެންވީ އެހެންޏާ މިގެއަށް ވަޑައިގަންނަވާ ވަގުތަކުނޫނެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ޤުރުބާނެވެ. މާތް ﷲ ގަންދެމެވެ. އެކަލޭގެފާނު މިގަޑީގައި މިގެއަށް އެވަޑައިގެންނެވީ ކޮންމެވެސް ބޮޑުކަމެއް ޖެހިވަޑައިގެންނެވެ.”
ދެން ރަސޫލާ ވަޑައިގެން ގެކޮޅަށް ވަދެވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ #. ދެން އެކަލޭގެފާނަށް ހުއްދަ ލިބިލެއްވުމުން ގެކޮޅަށް ވަޑައިގެން އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. “މިގޭގައި މިވަގުތު ތިބި އެންމެހައި މީސްތަކުން އަޅުގަނޑުމެން މިދައްކާން އުޅޭ ވާހަކަ ނީވޭނެ ފަދަ ތަނަކަށް ފޮނުވައިލައްވަ ދެއްވާށެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “އެބައިމީހުންނަކީ ހަމަ ކަލޭގެފާނުގެވެސް އަޙްލުވެރިންނެވެ. އަޅުގަނޑުގެ ބައްޕަ ކަލޭގެފާނަށްޓަކައި ޤުރުބާނެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ.”
ދެން ކައުއިތުރު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންފިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނާއެކު އަޅުގަނޑު ބައިވެރި ކުރައްވާނުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. އަބޫބަކުރުގެފާނު ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުގެ ދެ ޖަމަލުގެ ތެރެއިން އެއްޖަމަލު ޚިޔާރު ކުރައްވާށެވެ. ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނު އެޖަމަލުތަކުގެ ތެރެއިން ޖަމަލެއް ޤަބޫލުކުރާނީ އުޖޫރައާއެކުގައެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވިދާޅުވެފައިވެއެވެ. ދެން ތިމަންބޭކަނބަލުން އަވަހަށް އެދެބޭކަނލުންގެ ދަތުރަށް ތައްޔާރުކޮށްދެއްވަން ފެއްޓެވީމައެވެ. ދަތުރުމައްޗަށް ބޭނުންވާނެ ކާނާތައް ހަމުން ހަދާފައިވާ ކޮތަޅަކަށް އެޅީމެވެ. އެކޮތަޅު ބަންދުކުރުމަށްޓަކައި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެ އުނަގަނޑުގައިވާ ނިތާޤުން އެއްބައި ކަނޑާލައިގެން އެ ކޮތަޅުގެ އަނގަ ބަންދުކޮށް އެއްސީމެވެ. އެހެންކަމުން އެކަމަނާއަށް ޛާތުއް ނިތާޤައިން އޭ ކިޔުނެ ވެ. އެބަހީ ދެ ނިތާޤުގެ ވެރިއާއެވެ އެކަމަނާއަށް ކިޔުނެވެ.
ދެން އަބޫބަކުރުގެފާނާއި ކައުއިތުރު ރަސޫލާ ދަތުރު ކުރައްވަމުން ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިންރޭ ވަންދެން މަޑުކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު ﷲ އަކީ ވަރަށް ވިސްނުންފުޅު ތޫނު ހުޝިޔާރު ބޭކަލެކެވެ. އެކަލޭގެފާނު ކައުއިތުރު ރަސޫލާއާއި އަބޫބަކުރުގެފާނުގެ އަރިހުގައި ރޭގަނޑު ހޭދަކުރެއްވުމަށްފަހު ފަތިސް ވުމުގެ ކުރިން އެނބުރި މައްކާއަށް ވަޑައިގަންނަވައެވެ. އޭރު މައްކާގެ މުޝްރިކުން ހީކުރަނީ ޢަބްދު ﷲ އޭނާ ގެ މުޅިދުވަސް ހޭދަކުރީ މައްކާގައި ކަމަށެވެ. ދުވާލުގަޑީގައި މައްކާގެ މުޝްރިކުން ރާވައި ނުބައި ރޭވުންތަކުގެ ޚަބަރު އެކަލޭގެފާނު ވަޑައިގެން ރަސޫލާގެ ދެކަލުންނަށް ދެއްވައެވެ.
އަބޫބަކުރުގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައިވާ ޢާމިރު ބުން ފުހައިރާ، އަބޫބަކުރުގެފާނުގެ ބަކަރިތަކުގެ ތެރެއިން ކިރު އެރިފައިވާ ބަކަރިއެއް ރޭގަނޑުވުމުން އެދެބޭކަލުންގެ ގާތަށް ގެންދަވައެވެ. އެގޮތުން ތާޒާ ކިރު އަބަދުވެސް އޭގެ ދެކަލުންނަށް ލިބިވަޑައިގަންނަވައެވެ. އެއިން ކިރުފެއްލަވައިގެ އެކިރުފޮދު ހޫނު ކުރައްވަނީ އެއަށް ދޮންވެފައިވާ ހޫނު ހިލަކޮޅުކޮޅު އަޅުއްވައިގެންނެވެ.
އޭގެ ތިން ދުވަހުގެ ތެރޭގައި އަބޫ ބަކުރުގެފާނު بني الدئل ވަންހައިގެ މީހަކު ކުއްޔަށް ހިއްޕަވައިގެން މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ. އޭރު އޭނާ ހުރީ އޭނާގެ ދީނުގެ މަތީގައެވެ. ދެން އޭނާއަށް އަމުރުކުރައްވައިގެ އޭގެ ދެކަލުންގެ ޖަމަލުގެންނަވައިގެން ތިން ރެއަށްފަހު ދަތުރުފުޅު ފެއްޓެވިއެވެ.”
މިދެންނެވުނީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ ދޫފުޅުން އެކަމަނާގެ ލޮބުވެތި ފިރިކަލުންނާއި ބަފައިކަލުން ހިޖުރައަށް ވަޑައިގެންނެވި ޙާދިޘާ ވިދާޅެވެފައިވާ ގޮތެވެ. ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވިއިރު، أمّ المؤمنين ގެ ޢުމުރުފުޅަކީ އަށްއަހަރުފުޅެވެ. ނަމަވެސް ސީރަތުގެ ފޮތްފޮތުގައި ހިޖުރައިގެ ޙާދިޘާ އެންމެ ތަފްސީލުކޮށް ރިވާކޮށްދެއްވާފައިވަނީ އެކަމަނާއެވެ. މިކަމުންވެސް އެކަމަނާގެ ފިޤްހުވެރިކަމާއި ވިސްނުންފުޅުގެ ތޫނުކަން ހާމަވެގެންދެއެވެ.
ކައުއިތުރު ނަބިއްޔާ صلّى اللّه عليه وسلّم މަދީނާއަށް ވަޑައިގެން، އެކަލޭގެފާނުގެ އަހުލުބައިތުން މަދީނާއަށް ގެންނެވުމަށަޓަކައި زيد بن حارثة رضى اللّـه عنه އާއި، أبورافع رضى اللّـه عنه މައްކާއަށް ފޮނުއްވިއެވެ. އެ ދެބޭކަލުންނާއެކު އަބޫބަކުރުގެފާނުވެސް އެކަލޭގެފާނުގެ އަހްލުވެރީން މަދީނާއަށް ގެންނެވުމަށްޓަކައި عبداللّه بن أريقظ ފޮނުއްވިއެވެ.
އެގޮތުން ކީރިތި ރަސޫލާގެ ދެއަނބިކަނބަލުންކަމުގައިވާ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި أمّ المؤمنين السّيّدة سودة رضى اللّـه عنــها، ހިޖުރައަށް ވަޑައިގެންނެވީ އެއް ޤާފިލާގައެވެ. ކީރިތި ރަސޫލާގެ ހުއްސަރިބައި ދެދަރިކަނބަލުންކަމުގައިވާ ފާޠިމަތުގެފާނާއި އުއްމު ކުލްޘޫމުގެފާނުވެސް އެދެކަނބަލުންގެ ދެދޮންމަންމާފުޅާއެކުގައި މަދީނާއަށް ދަތުރުފުޅު ފެއްޓެވިއެވެ.
މިބޭކަނބަލުންގެ އިތުރުން މިޤާފިލާގައި ބައިވެރިވެވަޑައިގެން ބޭކަނބަލުންގެ ތެރޭގައި أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ މަންމާފުޅު އުއްމު ރޫމާންނާއި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ހިމެނިވަޑައިގަންނަވައެވެ. ކައުއިތުރު ރަސޫލާގެ ދޮށީ ދަރިކަނބަލުން ޒައިނަބުގެފާނަށް މިޤާފިލާގައި ބައިވެރިވެވަޑައި ނުގެންނެވުނީ އެކަމަނާގެ ފިރިކަލުންގެ އަބުލް ޢާޞު އެކަމަނާ ހިޖުރައަށް ނުފޮނުވުމުގެ ސަބަބުންނެވެ. އޭރު އަދި އެކަލޭގެފާނު އިސްލާމްވެވަޑައެއް ނުގަންނަވައެވެ.
ޙަޤީޤަތުގައި ކައުއިތުރު ރަސޫލާ އެކަލޭގެފާނުގެ އަޙްލުބައިތުން މަދީނާއަށް ގެންނެވީ މަސްޖިދުއްނަބަވީ ބިނާކުރައްވައި ނިންމެވުމަށްފަހުގައެވެ. އެކަލޭގެފާނުވަނީ މަސްޖިދުއްނަބަވީއާއި އިންވެގެން ކޮޓަރިކޮޅުތަކެއް ހައްދަވާފައެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ދިރިއުޅުއްވުމަށްޓައި މަސްޖިދުއްނަބަވީގެ ވަށަވަށައިގެން ބިނާކޮށްދެއްވާފައިވާ ކޮޓަރިތަކަކީ އަޅުގަނޑުމެން މިހާރު ދެކޭފަދަ އަރާމު ހިތްފަސޭހަ ކޮޓަރިކޮޅުތަކެއް ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުނަމަ އެކޮޓަރިކޮޅުތަކަކީ އޭރުގައި ހުރި އެންމެ ފެންވަރު ރަނގަޅު ކޮޓަރިކޮޅުތަކަކަށް ހެއްދެވުމުގެ ޤާބިލުކަން މަދަނީ ދަޢުރުގެ ފަހުކޮޅުގައި އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެބޭކައުކަނބަލުން ދުނިޔޭގެ އަރާމާއި ޒީނަތްތެރިކަމަށް ވުރެ އިސްކުރެއްވީ އާޚިރަތުގެ ދަރުމައާއި ޘަވާބެވެ.
ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. “އަހަރެން ކުޑައިރު ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކަށް ވެދެ އުޅެމެވެ. އަހަރެން ކޮޅަށް ތެދުވެ އަތް މައްޗަށް ދަމާލުމުން އަހަރެންގެ އަތް އެކޮޓަރިކޮޅުތަކުގެ ފުރާޅުކޮޅުގައި ޖެހެއެވެ.”
މަދީނަތުލް މުނައްވަރާގެ ތާރީޚޭ ކިޔުނު ފޮތުގައި ލިޔެވިގެންވެއެވެ. ނަބިއްޔާގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ބިދޮށުގެ ބިތް ބައްދާފައިވަނީ ކަދުރުރުކުގެ ފަނުންނާއި އީޓު ގަނޑުގަނޑުންނެވެ. އެކޮޓަރިކޮޅުތަކުގެ ދޮރުތައް ހައްދަވާފައިވަނީ އަގުބޮޑެތި ލަކުޑިއަކުންނޫނެވެ. ދޮރުކޮޅު ނިވާކުރައްވާފައިވަނީ ފަރުދާކޮޅަކުންނެވެ. އެކޮޓަރިކޮޅުތަކުގެ ފުޅާމިނުގައި ހުންނަނީ 4 މީޓަރު 3 މީޓަރެވެ.
ދެންފެހެ، މިކޮޓަރިކޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބިނާކުރެއްވީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި أمّ المؤمنين السّيّدة سودة رضى اللّـه عنــها،، ގެ ކޮޓަރިކޮޅެވެ. އެހެންކަމުން أمّ المؤمنين السّيّدة سودة رضى اللّـه عنــها،، ހިޖުރައަށް ވަޑައިގެން ފައިބާ ވަޑައިގެންނެވީ މަސްޖިދުއްނަބަވީ އާއި އިންވެގެން ހުރި އެކަމަނާގެ ކޮޓަރިކޮޅަށެވެ. އަނެއްބައި ރިވާޔަތުގައިވަނީ أبو أيّوب الأنصارى رضى اللّـه عنه ގެ ގެކޮޅަށްކަމުގައެވެ. އިތުރު އެހެން ރިވާޔަތެއްގައިވަނީ حارثة بن نعمان رضى اللّـه عنه ދެއްވި ގެކޮޅަކަށް ކަމުގައެވެ. ނަމަވެސް أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ވަޑައިގަތީ އެކަމަނާގެ އަހްލުވެރިންނާއެކު ބަނޫ ޙާރިޘު ބިން ޚަޒްރަޖުގެ އަވަށުގައިހުރި ގެއަކަށެވެ. {ނުނިމޭ}
One Comment
Comments are closed.
Sahaabeenge vaahaka genesdheyiru laan heyonuvaavaruge photo eh einy Facebook site in fennnan…ummedh kuran veehaaves avahakh badal kuraane kamah..n esfiya site ga ein photo gulhey..