ވަކިވެގެން ތިޔަ ދިޔައީ މާ ދުރަށް ދުނިޔެއާ
ހަނދުގެ އަލިން މުޅި ހިސާބުގަނޑަށް ވަނީ އަލިވެފައެވެ. ހަނދުގެ ވަށާގެން ރަނިކަން ކުރަމުންދާ ތަރިތަކުގެ ސަބަބުން އެމަންޒަރު ބަލަބަލާ ފޫހިނުވާނެއެވެ. މިނިވަންކަމާއެކު އެހަނދު އޭގެ ވާޖިބު އަދާކުރަމުންދާއިރު ކުރިމައްޗަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. ހަމަ އެގޮތަށް މުޅި އާއިލާގައިވެސް ރަނިކަން ކުރަމުން އަންނަ އެމައުސޫމު ކުއްޖާގެ ހަޔާތަށްވެސް މިފަދަ ތޫފާނެއް އައިސްދާނެ ކަމަކަށް އެކަކުވެސް ހީއެއްނުކުރެއެވެ.
އެރެއަކީވެސް ހަމަ ވަރަށް ފުރިހަމައަށް ހަނދުވަރުދީފައި އޮތް ރެއެކެވެ. އާލާ އޭނާގެ އެކުވެރި އައިޝްކާ އާއި އެކު ސައިކަލުގައި އައީ އުފާވެރި ވަގުތުކޮޅެއް އެމީހުންގެ އެކުވެރިންނާއި އެކު ހޭދަކޮށްލުމަށްފަހުގައެވެ. މިއީ އާލާގެ އެންމެ ފަހު ވަގުތުކޮޅުކަން އެނގޭނެނަމަ އައިޝްކާ އެރޭ ސައިކަލުގައި އާލާ ގެއަށްލާކަށް ނުދާނެއެވެ. ނަމަވެސް ތަޤްދީރު ބަދަލުކުރެވޭނެ އެއްވެސް މީހެއް ނޫޅޭނެ ނޫންހެއްޔެވެ؟ އާލާ އާދޭސްކުރާވަރުން އައިޝްކާއަށް މަޖުބޫރުވީ އާލާ ގޮވައިގެން ސައިކަލުގައި ދިއުމަށެވެ. ނަމަވެސް އެވަގުތުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. މުޅި އުމުރަށް އާލާ އެމީހުންނާއި ވަކިވީއެވެ. އަބަދުގެ އަބަދަށް އެ ލޮބުވެތި ހިނިތުންވުން އެމީހުންގެ ލޯމަތިން ގެއްލުނީއެވެ. އާއިލާ އެންމެންގެ ލޮލުގެ ކޮއެފަދައިން ލޯބިދީގެން ބޮޑުކުރި ކުއްޖާ އުމުރުން 24 އަހަރުގައި މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީއެވެ. އެއެންމެންގެ ހަޔާތް އަލިކޮށްދިން ހުޅުކޮޅު ނިވުނީއެވެ. އެހެން މީހެއް ކުރި ކުށެއްގެ ސަބަބުން ގެއްލި އެދިޔައީ އާއިލާއެއްގެ ހުރި ހަމަ އެކަނި އަންހެންދަރިއެވެ. އެކުވެރިންގެ ލޯތްބާއި ޤަދަރު ލިބިފައިވާ މާތް އެކުވެރިއެކެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގެއްލިގެން އެދިޔައީ ކުށެއްނެތް ފުރާނައެކެވެ.
އާލާގެ ފުރާނަނެތް މަސްގަނޑަށް ބަލަހައްޓައިގެން ރޯން އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިންނާއި އަދި ހެޔޮއެދޭ ފަރާތްތަކުން ތިއްބެވެ. އެންމެ ފަހު ފަހަރަށް އެދޮން ބައްޓެއްފަދަ މޫނަށް ބަލާފައި އެފަން އިސްތަށިގަނޑުގައި އައިޝްކާ ފިރުމާލީ ހިތާމައާއެކުއެވެ. އެވަގުތު އައިޝްކާގެ ހަނދާނަށް އައީ އެންމެފަހު ފަހަރަށް އާލާއާއި އެކު ހޭދަކޮށްލެވުނު ވަގުތުކޮޅެވެ. އާލާ އެންމެ ފަހުން ބުނި ބަސްތައް ހީވީ އަދިވެސް އައިޝްކާގެ ކަންފަތުގައި ގުގުމަމުންދާހެންނެވެ. “އަހަރެން ނެތަސް އަހަރެން މަތިން އަބަދުވެސް ހަނދާންކުރައްޗޭ. އަހަރެން ތިއެންމެން ދެކެވެސް ވަރަށް ލޯބިވޭ.” “އަހަރެންވެސް އަދި މިތިބަ އެންމެންވެސް އާލާ ދެކެ ވަރަށް ލޯބިވޭ. އަބަދުވެސް އާލާ މަތިން ހަނދާންވާނެ. މާތްﷲ އާލާގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވާށި. އާމީން. އިންޝާﷲ ވީ ވިލް މީޓް އިން ޖަންނަތް.” މަޑުމަޑުން އެހެނަސް އަސަރުން ފުރިގެންވާ ރާގަކުން އައިޝްކާއަށް އެހެން ބުނެވުނެވެ.
އާލާ މި ދުނިޔެއާއި ވަކިވެގެންދިޔައީ ނުރައްކާތެރި އެކްސިޑެންޓެއްގެ ޝިކާރައަކަށްވެގެންނެވެ. ކުރިމަތިން އައި ސައިކަލު ކޮންޓްރޯލު ނުކުރެވިގެން އާލާމެންގެ ސައިކަލުގައި ޖެހި އާލާ މާދުރަށް ވިއްސައިގެންދިޔައީއެވެ. މިކަމުގެ ސަބަބުން އާލާގެ އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުންވެ، ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ. ޑޮކްޓަރުން ބުނުއްވި ގޮތުގައި ހޮސްޕިޓަލަށް އާލާ ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. އައިޝްކާ އާއި ދެން އެކްސިޑެންޓުވި މީހާގެ ނަސީބު ރަނގަޅުކަމުން އެދެމީހުންނަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވީއެވެ.
7 Comments!
Comments are closed.

Assalaamu Alaikum! Its my first story website akah liyaa. Mistakes huredhaane. Please tell me the mistakes. Hope you all will like my story?
MAHA ALLAH REETHI MIS STORY. BUT I THINK KUDAKOH NINMUN MI HAA FURIHAMA KOLLI NAMA MAA REETHI VEES KANNEYGE.
Thankyuh?
Reethi ekamu mistakes eba huri
Emme furathama hingi goiy ves kiyaanudhee vaane goiy thi kiyaa dhiny
Thankyuh?
Nice story
Thankyuh?