Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ނުވަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
May 25, 2014 7 Mins Read
28 Comments

އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ގޮސް ޑޮކްޓަރ މޭޒް ކުރިމަތީ ހުރި ގޮނޑީގައި އިށީނީމެވެ. ޑޮކްޓަރ އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އަހަރެންގެ ނުތަނަވަސްކަން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ.

“..ލޫޝާ ވަރަށް ހިތާމަވެރި ހަބަރެއްދޭންވެފަ މިއޮތީ..” ޑޮކްޓަރ އަހަރެންގެ މޫނަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ.

“..ކި.ކި. ކި ހިނެއްވީ..” އަހަރެން މޫނުމަތީގައިވާ ދާތިކިތައް ފޮހެލީމެވެ. އޭސީކޮށްފައިވާ ކޮޓަރީގައި އިންއިރުވެސް ހާސްވެ ދާހިއްލަމުން ދިޔައެވެ. ހިތްވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ.

“..އެޗް. އައި. ވީ. ޕޮޒިޓިވް..” އަހަރެންނަށް ލިބުނު ޝޮކާއެކު މުޅި ހަށިގަނޑު ރޫރޫ އަޅާގަނެގެންދިޔައީ އިންތިހާއަށެވެ. އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. މުޅިގައިން ހީބިހި ނަގައިގަނެގެން ދިޔައިރު ހިތުގެ ހިނގުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ޑޮކްޓަރ ބުނި އެއްޗެއް ޤަބޫލްކުރަން އުނދަގޫވިއެވެ. އަޑުއިވުނު ގޮތާމެދު ޝައްކުއުފެދުނެވެ. އަހަރެންނަށް އަޑު މިއިވުނީ ރަނގަޅަށް ބާއެވެ؟ އަހަރެން ގަނޑުވެފައި އިންދާ ލޮލުން ކަރުނަ ހިލުނެވެ.

“..ކި..ކި..” އަހަރެންނަކަށް ވާހަކައެއް ނުދެއްކުނެވެ. އަރުތެރޭގައި އެއްޗެއް ތާށިވެފައި ހުރި ކަހަލައެވެ. އަހަރެންނަށް ނޭވާ ހިފަހައްޓައިލައި ގޮނޑީގައި ބާރަށް ހިފަހައްޓައި ލައިގެން އިނދެވުނީ ޑޮކްޓަރ އިތުރަށް އެއްޗެއް ބުނެލާތޯއެވެ.

“..ލޫޝާގެ ހަށިގަނޑުން އެޗް އައިވީގެ ވައިރަސް ވަނީ ފެނިފަ..” ޑޮކްޓަރގެ ބަސްތައް ތޫނު ތީރުތަކެއްހެން އައިސް ހެރުނީ އަހަރެންގެ މެޔަށެވެ. ވަގުތުން ލޮލުތެރެއަށް ޖަމާވެފައިވާ ކަރުނަތައް އޮހިގަތެވެ. އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ.

“..ނޫން..ނޫން..” އަހަރެންނަށް މޫނުމަތީ ދެއަތް އަތްއަޅާލަމުން އަޑުން އަޑުނަގާ ރޮއެ ގަނެވުނީއެވެ. “..ނުވާނެ އެހެނެއް.. ތީ އޮޅުމެއް.. ތީއޮޅުމެއް.. ތީއޮޅުމެއް. ދޮގެއްތީ..” އަހަރެންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދިޔަރު އަޑުދިޔައީ ހިނދެއް ހިނދަކަށް މަޑުވަމުންވެ.

“..ތިހެނެއް ނުވާނެ.. ފާފައެއް އަހަރެން ނުކުރަން..” އަހަރެންނަށް ގިސްލަމުން ބުނެވުނެވެ.

އަހަރެންނަށް އެޗްއައިވީ އެއް ނުޖެހޭނެއެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އަހަރެން ފާފައެއް ނުކުރަމެވެ. އަހަރެންނަށް އެޗްއައިވީ ޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ތީ ނުބައި ރިޕޯޓް ތަކެކެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަހަރެން ދެއަތުން ފޮހެލީމެވެ.

“..ޑޮކްޓަރ.. ޔަޤީން..ރިޕޯޓް..” އަހަރެން އަޑު ތުރުތުރު އަޅާވަރުން ބުނަން ބޭނުންވާ އެއްޗެއް ނުބުނެވެއެވެ. ޑޮކްޓަރަށް އަހަރެން ބުނަން އުޅުނު އެއްޗެއް އެނގުނެވެ.

“..މީ ހަމަ ލޫޝާގެ ރިޕޯޓްތައް..” ޑޮކްޓަރ މޭޒުމަތީގައި އޮތް ރިޕޯޓްގެ ގަނޑުތައް އަހަރެންނާ ކައިރި ކޮށްލިއެވެ.

އަހަރެން ތުރުލަމުން ދިޔައަތުން ރިޕޯޓްތައް ނެގީމެވެ. ފެންކަޅިވެފައިވާ ލޮލުން ރިޕޯޓްގައި ލިޔެފައި ހުރި އެއްޗެއް ފެންނަނީ ފުސްކޮށްނެވެ. އެއީ ހަމަ އަހަރެންގެ ރިޕޯޓްތަކެވެ. ރިޕޯޓްތަކުން ދައްކާގޮތުން އަހަރެންގެ ހަށިގަނޑުންވަނީ އެޗްއައިވީގެ ވައިރަސްފެނިފައެވެ. މީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟ އަހަރެންގެ ލޮލު ތެރެއަށް ޖަމާވަމުން ދިޔަ ކަރުނައިގެ ސަބަބުން ރިޕޯޓްގައި ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭގެވަރުވިއެވެ. އަހަރެންނަށް ތުންފަތް ފިއްތާ ބާރުކޮށްލަމުން ޑޮކްޓަރއާ ދިމާއަށް ބަލާލެވުނެވެ. ނުބައި ރިޕޯޓްތަކެކޭ ބުނާނެ ނަމަ ކޮންފަދަ ހެއްޔެވެ؟

“..އެޗް.އައި.ވީގެ ވައިރަސް ހަށިގަނޑަށް ވާސިލްވާނެ ކިތަންމެ ގޮތްތަކެއް އެބަހުރި..” ޑޮކްޓަރ ބުންޏެވެ. “..އެއްގޮތަކީ ބަލިޖެހިފައި ހުރި މީހަކާއެކީ ރައްކާތެރިނޫން ގޮތެއްގައި ޖިންސީގުޅުން ހިންގައިގެން.. ވައިރަސްހުރި ލޭ ހަށިގަނޑަށް އެޅިގެން.. ނޫނީ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އިންޖެކްޝަން ނޫނީ ސިރިންޖް ކަހަލަ އެއްޗެއް ބޭނުން ކުރެވިގެން.. އަދި ކަނޑައިގެން ގޮސްފައިވާތަނެއްގައި ބަލިޖެހިފައިވާ މީހެއްގެ ލޭ ނުވަތަ ތެތް ދިޔައެއް ޖެހިގެން ނޫނީ ހޭކިގެންވެސް އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާޞިލްވެދާނެ..”

“..ނޫން.. ތިކަހަލަ އެއްވެސް ކަމެއްނުވޭ.. ތި ރިޕޯޓްތައް ނުބައި..” އަހަރެންގެ އަޑުވަނީ ބެދިފައެވެ. “..އަހަރެން ޤަބޫލެއް ނުކުރާނަން..”

“..ލޫޝާގެ ފިރިމީހާ ފަރާތުން ލޫޝާގެ ހަށިގަނޑަށް މި ވައިރަސް އައުމުގެ ފުރުޞަތުވެސް އެބައޮތް..” ޑޮކްޓަރ ބުނެލިއެވެ.

އަހަރެން ވަގުތުން ހުއްޓުން އެރިއެވެ. ރުއިން މެދުކެނޑުނެވެ. ކައިލްއަކީ އަހަރެން ނޫން މީހުންނާ ގުޅުން ހިންގަމުން އައި މީހެކެވެ. ފާފަތައްކުރަމުން އައި މީހެކެވެ. އޭނާ ނަހަމަ ގޮތުގައި ގުޅުން ހިންގައިފައިވަނީ ކިތަށް މީހުންނާކަމެއް ބުނާކަށް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް ޤަބޫލްކުރެވޭ ގޮތުގައި ކައިލް ޔުމްނު ނޫނަސް އެތަކެއް މީހުންނާ ގުޅުންތައް ހިންގާފައިވާނެއެވެ. އެހެންކަމުން އަހަރެންގެ ހަށިގަނޑުގައި އެޗްއައިވީގެ ވައިރަސް ވާނަމަ އެވައިރަސް ވަދެފައި އެވަނީ ކައިލްގެ ފުށުންނެވެ. ހަމަ ހަޤީޤަތަށްވެސް ބަލިޖެހިފައިވާކަން އަހަރެންނަށް ޤަބޫލްކުރެވުނެވެ. ކައިލް ކުރި ފާފައެއްގެ ޝަޒާ އަހަންނަށް ލިބުން މީ އިންސާފެއް ހެއްޔެވެ؟

އަހަރެންނަށް ދެން މިދުނިޔޭގައި އުޅެވޭނި ކުޑަ ދުވަސްކޮޅަކު އެވެ. އަހަރެން މިވަނީ މަރުގެ ތުންފަތް މައްޗަށް ވެއްޓިފައެވެ. ދުވަސްކޮޅަކުން އަހަރެން މަރުވެދާއެވެ. އަހަރެން އެގޮތް ބޭނުން ނުވިޔަސް ލޯބިވާ އެންމެން ދޫކޮށްލާފައި ޖެހޭނީ ދާށެވެ. ކައިލްގެ ވިޔާނުދާ އުޅުމުގެ ސަބަބުން އަހަރެންގެ ހަޔާތް ބަރުބާދުވީއެވެ. ކިނާން މަންމައާ ބައްޕަގެ ލޯބިން މަހުރޫމްވަނީއެވެ. ކިނާން ޔަޠީމް ވަނީއެވެ. ކިނާން މަތިން ހަނދާންވުމާއެކު އަނެއްކާވެސް އަހަރެންނަށް ރޮއެގަނެއްވިއްޖެއެވެ.

“..ލޫޝާ ހިތްވަރު ކުރަންވާނެ..” ޑޮކްޓަރ ބުނި އަޑުއިވުނެވެ. “..ބޮލުގަ ރިހުމާއި، ހޮޑުލެވުން އަދި ހުންއަހުމާއި، ގައިގައި ރިއްސުން، މިއީ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ފުރަތަމަ މަރުހަލާގައި ފެންމަތިވާނެ ކަންތައްތައް.. އަދި މީގެއިތުރަށް ބޭރަށް ހިންގުމާއި ގޮއްލުމާއި ބިހިނެގުމާއި، ކަރުތެރެފާރުވުންފަދަ ކަންތައްވެސް މެދުވެރިވެދާނެ.. ލޫޝާއަށް އެނގޭނެ ފަދައިން މިބައްޔަކީ ފަރުވާއެއް ހޯދިފައިވާ ބައްޔެއްނޫން..” އަހަރެންގެ ރުއިމުގެ އަޑުބާރުވެގެން ދިޔަހިނދު އަނގަމަތީ ދެއަތް އަޅާ ބާރުކޮށްލެވުނެވެ.

ލޫޠު ދޮރު ހުޅުވާލައިފައި ރޫމަށް ވަނީ އެވަގުތެވެ. ލޫޠު ސުވާލްގެ ނަޒަރަކުން އަހަރުމެންނަށް ބަލަމުން ދިޔައެވެ. އަހަރެންނަށް ކަރުނަތައް ފޮހެމުން ލޫޠުއާ ދިމާއަށް ދުއްވާ ގަނެވުނެވެ.

“..ދޮނާ ސަލާމަތްކުރޭ.. ދޮނާ މަރުވާކަށް ބޭނުމެއްނޫން.. ދޮނާ ސަލާމަތްކޮށްދީ..” އަހަރެންނަށް ރޮމުން ރޮމުން ލޫޠުގައިގާ އޮޅުލައިގަނެވުނީ މޮޔަޔަކު ފަދައިންނެވެ.

“..ދޮނާ ކިހިނެއްވީ..” ލޫޠު އަހަރެން ދެކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަން މަސައްކަތްކުރިއެވެ. އަހަރެން އޮތީ ލޫޠުގެ ޓީޝާޓްގައި ބާރަށް ހިފަހައްޓައިލައިގެންނެވެ. އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު ލަމުންދިޔައިރު ލޮލުން އޮހެމުންދިޔަ ކަރުނަތަކުން ލޫޠުގެ ޓީޝާޓް ތެންމަމުން ދިޔައެވެ.

“..ކިނާން ކޮއްކޮ ކިހާ ދެރަވާނެ.. މަންމައާ ބައްޕަ ކިހާ ރުއިމެއް ރޯނެ.. ޕްލީޒް ލޫޠު.. ދޮނާ ސަލާމަތްކޮށްދީ.. ދޮނާ މަރުވަނީ.. ދޮނާ މަރުވަނީ.. ކިނާން ކޮއްކޮ ދޫކޮށްލާފަ ދާކަށް ބޭނުމެއް ނޫން.. ކޮއްކޮއަށް ދޮނާއާ ނުލާ ނޫޅެވޭނެ.. ދޮނާ ސަލާމަތްކުރޭ ހެޔޮނުވާނެ..” އަހަރެން ސަލާމަތްކޮށްދިނުމަށް އެދެމުން ދިޔައީ ގިސްލާ ރޮމުންނެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން އަޑުވެސް ތުރުތުރު އަޅައެވެ. އަހަރެން މަރުވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެން މިވަނީ މަރުގެ ތުންފަތްމަތީގައެވެ. ކިނާން ދޫކޮށްލާފައި ދާން ޖެހޭނެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ބާރަށް ރޮއެ ގަނެވެއެވެ.

ލޫޠު ވަރަށް މަސައްކަތުން އަހަރެން ދުރުކޮށްލަމުން އަހަރެންގެ މޫނުމަތީ ދެއަތުން ހިފަހައްޓާލިއެވެ. އަހަރެންގެ ދެލޮލަށް ލޫޠުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނުނީ ފުސްކޮށްނެވެ. އަހަރެންނަށް ކިޔޭ ނުކިޔޭއެއް ނޭގެއެވެ. ލޫޠު ކޮންމެވެސް ވާހަކައެއް ދައްކާހެންވެސް ހީވެއެވެ. ނަމަވެސް ކިޔާ އެއްޗެއް އަހަރެންނަކަށް ސާފެއްނުވެއެވެ. އަހަރެންގެ ހިތަށްކޮށްފައިވާ އަސަރާއި ބޮލަށް އަރަމުންދިޔަ ބާރުގަނޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވިއިރު ލޫޠުގެ ސޫރަވެސް ދިޔައީ ފަނޑުވަމުންނެވެ. އަހަރެންނަށް ލޫޠުގައިގާ ހިފަހައްޓައިލަން މަސައްކަތްކުރެވުނެވެ. އެޔާއެކު އަހަރެންގެ ދެލޯ މެރެމުން މެރެމުންގޮސް މުޅިތަން އަނދިރިވެއްޖެއެވެ.

************

އަހަރެންނަށް ދެލޯ ހުޅުވާލެވުމާއެކު ފުންމައިގެން ތެދުވެވުނެވެ. މޭމަތީ އަތްއަޅާލަމުން ފުންނޭވާއެއް ދޫކޮށްލެވުނީ އަހަރެންނަށް ފެނުނީ ހުވަފެނެއްކަމަށް ހީކޮށެވެ. ނަމަވެސް އަހަރެން އޮތީ ހޮސްޕިޓަލްގައިކަން އެނގުމާއެކު ހުވަފެނެއް ނޫންކަން ޔަޤީންވިއެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު ލޫޠު ޑޮކްޓަރާއި ވާހަކަ ދައްކަން ހުރިތަން ފެނުނެވެ. ހަމަ ހަޤީޤަތަށްވެސް އަހަރެން މިވަނީ ދެދުވަހެއްގެ މެހެމާނަކަށް ވެފައެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާލެވުމާއެކު ލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

އަހަރެން ކައިރީ މީހަކު އިށީންހެން ހީވެގެން އަހަރެން މަޑުމަޑުން އިސްއުފުލާލީމެވެ. ލޫޠުއާ ހަތަރުކަޅި ސީދާވެގެން ދިޔައެވެ. އޭނާގެ މޫނު މަތިންވެސް ފެންނަނީ މާޔޫސްކަމެވެ. ލޫޠުއަށް ހުރިހާކަމެއް އެނގި އެކަމާ ހިތާމަކޮށް ރޮއެފައިވާކަން އެލޮލުގައިވާ ރަތްކަން ހެކިދެއެވެ. އޭނާގެ ލޮލުގެ ތެރޭގައި ވިދުމެއް އެކުލެވިފައިވެއެވެ.

“..ދޮނާ..” ލޫޠުގެ އަޑުގައިވެސް ވަނީ ރިހުންއެކުލެވިފައެވެ. “..ހިތްވަރުކުރޭ.. އައި އޭމް ވިތު ޔޫ..”

ލޫޠު ދެއަތުން އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލި ހިނދު ލޫޠުގެ އަތުގައިވާ ތުރުތުރުލުން އަހަރެންނަށް އިޙްސާސް ކުރެވުނެވެ. މަޑުމަޑުން އަތް އުފުލާލަމުން މޫނާ ކައިރިކުރަމުން ދިޔައިރު އަހަރެންގެ ގިސްލުން ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.

“..ދޮނާ ގެ ކުށަކީ ކޮބާ..” އަހަރެންނަށް ލޫޠުގައިގައި ބާރަށް ބައްދާލެވުނެވެ. “..ދޮނާ ނުކުރަން ފާފައެއް..ދޮނާއަށް މިހެންވީ އޭނަގެ ސަބަބުން.. ދޮނާ ފާފައެއް ނުކުރަން..”

“..އައި ނޯ ދޮނާ..” ލޫޠު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “..ދޮނާބެގެ ސަބަބުންކަން އަހަރެންނަށް އިނގޭ.. ދޮނާ ހަޤީޤަތް ފޮރުވައިގެން އުޅުނަސް އަހަރެންނަށް ވިސްނޭ.. އަހަރެން އެއްޗެއް ނުބުނެ އަޅާނުލާ މިހުރީ ދޮނާބެ އިސްލާޙްވީހެން ހީވާތީ.. ދޮނާ އުފަލުގަ އުޅެމުން އައީ ތީ.. ނަމަވެސް އޭނަ އުޅުނު ވިޔާނުދާ އުޅުމުގެ ސަބަބުން ދޮނާއަށް ހުރިހާ ގެއްލުމެއް..ދޮނާގެ ދިރިއުޅުން ހަލާކުކޮށްފަ އޭނާ އެހުރީ.. އަހަރެން ދުވަހަކުވެސް ދޮނާބެއަކަށް މާފެއް ނުކުރާނަން.. އަހަރެންނަށް އައި ރުޅީގައި ދޮނާބެއަށް ގުޅާފައި ވަރަށް އެއްޗެހިވެސް ކީއްޖެ..”

“..ލޫޠު..” އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. “..ދޮނާއަށް އެހެންމީހަކު ކުރި ކުށެއްގެ ސަޒާ ދޮނާއަށް ލިބެންވީ ކީއްވެ.. މީ ކޮންކަހަލަ ދުނިޔެއެއް.. މީ އިންސާފެއް ނޫން އިންސާފެއް ނޫން.. ހުރިހާ ގެއްލުމެއް މި ލިބެނީ ކުށެއް ނެތް މަޢުސޫމް ކުއްޖާއަށް.. ކިނާން މަންމައާއި ބައްޕަގެ ލޯބިން މަހުރޫމްވަނީ.. އަޅެ ކީއްވެތަ އަހަރެންނަށް މިހެންމިވީ.. އަހަރެންގެ ކުށަކީ ކޮބައިތަ؟..”

“..ދޮނާ.. ދޮނާ..” ލޫޠު އަހަރެން ކޮނޑުގައި ހިފައި ތެދުކޮށްލިއެވެ. އަދި އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ.

“..ދޮނާ ކެތްތެރިވޭ.. މިދުނިޔެއަކީ ވަގުތީތަނެއް..” ލޫޠު ވާހަކަދައްކަމުން ދިޔައީ ކަރުނަތައް ހިންދަމުންނެވެ. ނުރުއިމަށް ހިތްވަރުކުރަމުންނެވެ. “..އެކަކަށްވެސް ނޭގޭނެ އެމީހެއްގެ މަރު އެމީހަކާ ބައްދަލުކުރާނެ ވަގުތެއް.. އެކިމީހުންނަށް މެދުވެރިވާނީ އެކިގޮތް.. ރަނގަޅު މީހާއަށް ދެރަގޮތްވެސް މިދުނިޔެމަތީގައި ވެދާނެ.. އެކަމް އާޚިރަތް ދުވަހުން އެމީހުންނަށް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެ.. މީ އިމްތިޙާނެއް.. މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. ކެތްތެރިވޭ.. މާތްﷲއަށް ދުޢާދަންނަވާ.. އަދިވެސް އުމުރު ދިގު ދަންމަވާތޯ މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާ.. އެކަލާންގެއީ ހުރިހާކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާންގެ.. ނުރޮއެ ހުއްޓާލާ.. އަހަރެން އަބަދުވެސް ދޮނާއާއެކު ވާނަން.. މަރު ދުވަހާއި ހަމައަށް.. ދޮނާ ނެތް ދުވަހަކުންވެސް ކިނާންއަށް ނިކަމެތިކަމެއް ލިބުނަކަ ނުދޭނަން.. އައި ޕްރޮމިސް..”

އަހަރެންނަށް ރޮމުން އަނެއްކާވެސް ލޫޠުގައިގާ އޮޅުލައި ގަނެވުނެވެ. އަހަރެންނަކަށް ކެތެއްނުކުރެވޭނެއެވެ. ކެތްކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ކިނާން ނަންއިވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ފޮތިފޮތި ވަމުންދާ ކަހަލައެވެ.

“..ސްޓޮޕް ކުރައިން ނައު..” ލޫޠު އަހަރެންގެ ބުރަކަށީ ފިރުމާލަމުން ގަޔާ ދުރުކޮށްލިއެވެ. “..ޑޮކްޓަރ ހުއްދަދީފަ އޮތީ ގެޔަށް ދިޔަސް އެންމެ ރަނގަޅުކަމަށް.. ލެޓްސް ގޯ ހޯމް..”

އަހަރެން މަޑުމަޑުން އެނދުން ފޭބީމެވެ. ލޫޠު އަހަރެންނަށް ފުރަގަސް ދެމުން މޫނުމަތީ އަތްއަޅާލިތަން ފެނުނެވެ. އޭނާ އަހަރެންގެ ކުރިމަތީ ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް އެހިތުގައި ރިހޭނެވަރުވެސް އަހަރެންނަށް އިޙްސާސްކުރެވެއެވެ.

ލޫޠުގެ ފޯން ރިންގްވާން ފެށުމުން ޖީބަށް އަތްކޮށްޕާލަމުން ފޯން ނެގިއެވެ. އޭނާ ފޯނަށް ބަލާލަމުން އެނބުރިލަމުން ސްކުރީން އަހަރެންނަށް ދައްކާލިއެވެ. ގުޅަމުންދަނީ ކައިލްގެ މަންމަކަން އެނގުމާއެކު އަހަރެންނަށް ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ދެއަތަށް ބޯ ހޫރުވާލެވުނެވެ. ލޫޠު މަޑުމަޑުން ބޯޖަހާލިއެވެ.

*********

ލޫޠު ދޮރުހުޅުވާލަމުން ގެޔަށް ވަނުމުން އިސްޖަހައިލައިގެން ހުރެ އަހަރެންވެސް ވަނީމެވެ. ސޯފާގައި ކިނާން ގޮވައިގެން މަންމަ އިނެވެ. ކިނާން ދުވެފައި އަހަރެންނާ ދިމާއަށް އަންނަން ފެށުމުން އިސްޖަހާލެވުނެވެ. ކިނާން އައިސް އޮޅުލައި ގަތުމާއެކު ރޮވޭގޮތް ވުމުން އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ކިނާން އުރާލީ ގަދަކަމުން ހިނިތުންވަމުންނެވެ.

“..ހާދަ ލަސްވީ ދަރިފުޅާ ..ކިހިނެއްވީ؟ ލަސްވެގެން ލޫޠު ފޯނަށްވެސް ގުޅާފިން މިހާރު ދެތިން ފަހަރަކު.. ކިހިނެއްވަނީ ރިޕޯޓްތައް.. ޑޮކްޓަރ ކީކޭ ބުނީ..” މަންމަ ސުވާލްތައް ފަތިފައްޗަށް އަމުނާލިއެވެ.

“..ދަރިފުޅާ..” އަހަރެންނަށް ދޭނެ ޖަވާބެއް ނޭގިގެން މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

މަންމައަށް އެއްވެސް ކަމެއް އެނގޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންނަށް ޖެހިފައިވާ ބަލި އެނގިއްޖެ ނަމަ އެހިތް ފަޅިފަޅިވެގެން ހިނގައިދާނެއެވެ. އަދި އަހަރެންނަށް ބަލި ޖެހުނީ ކައިލްގެ ސަބަބުންކަން އެނގިއްޖެނަމަ އެމަންމައަށް ވާނެގޮތެއްވެސް ނޭގެއެވެ.

“..ޑޮކްޓަރ ބުނީ ފާޑެއްގެ ރޯގާއެކޭ..” ޖަވާބު ދިނީ ލޫޠުއެވެ. “..ބޭސްކާލަނިކޮށް ރަނގަޅުވޭދާނޭ..”

“..އަލްޙަމްދުލިﷲ..” މަންމަ މޭމަތީ އަތް އަޅާލަމުން ލޯ މަރާލިއެވެ.

ލޫޠު ކިނާން އުރާލުމާއެކު އަހަރެން މަޑު ހިނގުމެއްގައި ގޮސްވަނީ ކޮޓަރިއަށެވެ. އެޔާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގެންފިއެވެ. ގިސްލެވެން ފެށުނެވެ. އަހަރެން ދުވެފައިގޮސް އެނދުމައްޗަށް ޖެހިގަތީމެވެ.

އިރު އޮއްސި އަނދިރިވެގެން ދިޔައިރުވެސް އަހަރެން އޮތީ އެކަނިމާއެކަނިކޮޓަރީގެ އެނދުގައި އޮށޯވެލައިގެންނެވެ. އަހަރެން ފެންވަރާހިތެއް ބޭރަށް ނުކުނަ ހިތެއްވެސް ނުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދެލޮލުން ދިލަ ނަގަމުން ދިޔައެވެ. ދެލޯ ފާރުވެފައިވާ ކަހަލައެވެ. މަންމަ މެންދުރާއި ހަވީރު ކާން ގެނައި ނަމަވެސް ކާހިތެއް ނުވިއެވެ. ބޮލުގަ ރިއްސަނީކަމަށް ބުނެ މަންމައަށް އޮޅުވާލީވެސް ކާން އުޅުނު ނަމަވެސް އަހަރެންގެ އަރުން އެއްޗެއްވެސް ނުދިރޭނެކަން އެނގޭތީއެވެ. ކައިލްވެސް އަހަރެންގެ ފޯނަށް އެތައް ފަހަރަކު ގުޅިއެވެ. ނަމަވެސް ވާހަކަ ދައްކާނެ ހިތްވަރު ނެތުމުން ޖަވާބެއް ނުދެމެވެ. މިހާރު ކައިލްގެ ނަން ހިތަށް އެރިއަސް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވެއެވެ.

“..ދޮނާ އެއްޗެއް ކާލަން ހިނގާބަލަ..” ލޫޠު ކޮޓަރިއަށް ވަނެވެ. އަހަރެން ޖަވާބު ދިނުމެއްނެތި ބާލީހުގައި ބޯ އަޅާލައިގެން ލޫޠުއަށް ބަލަހައްޓައިގެން އޮތީއެވެ. އޭރުވެސް ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ.

“..ދޮނާ.. ޕްލީޒް.. ނުރޮއެބަލަ..” ލޫޠު އަހަރެން ކައިރީ އިށީނެވެ. “.. ތެދުވެބަލަ.. ހެނދުނުންސުރެ އެއްޗެއް ނުކައި ތިއޮންނަނީ.. ކޮއްކޮ ނިންދަވާ ގަޑިވެސް ޖެހެނީނުން..”

“..މަންމަ ކައިރީ ބުނޭ ކޮއްކިއަށް ކާންދީފައި ނިންދަވާލަދޭށޭ..” އަހަރެން އެނދުން ތެދުވެލަމުން ފާހާނާއާ ދިމާއަށް ހިނގައިގަތީމެވެ. “..އަހަރެން ނުކާނަން..”

“..ދޮނާ.. ހެޔޮނުވާނެ..” ލޫޠުގެ އަޑުގައިވަނީ އާދޭހެވެ. “..އެއްޗެއް ނުކައި ހުރީމަ ގެއްލުންވާނީ ހަމަ ދޮނާއަށޭ.. މާބޮޑަށް ބަލިވެދާނެ..”

“..ދެން އަހަރެން ކިހިނެއްތަ ހަދަންވީ..” އަހަރެންނަށް ހަޅޭލަވާގަނެވުނެވެ. “..ކައިގެން އަހަރެންނަށް ވާނެ ފައިދާއެއް ނެތޭ.. އަހަރެން ކެޔަސް ނުކެޔަސް މަރުވާނެ.. މީ ރަނގަޅު ވާނެ ބައްޔެއް ނޫނޭ.. ލޫޠުއަށް ހަމަ ރަނގަޅަށް އެކަން އިނގޭނުން.. ދެން ކީއްކުރަންތަ ތިހެން ތިއުޅެނީ.. މީ މިއަދު އަހަރެންނަށް މިންވަރު ކުރައްވާފައި އޮތްގޮތް..”

“..ދޮނާ..” ލޫޠު އައިސް އަހަރެންގެ ދެއަތުގައި ހިފާލިއެވެ. “..ދޮނާ ހިތްވަރުކޮށްބަލަ.. އަހަރެންނަށް އިނގޭ ތިކަހަލަ ކަމެއް ދިމާވީމަ ކެތްކުރަން އުނދަގޫ ވާނެކަންވެސް.. މީހުންނާ ވާހަކަ ދައްކާލައި ކައިގެން ބޮއެގެން އުޅުނީމަ ތި ހަށިގަނޑަށް ލުޔެއް ލިބޭނީވެސް.. ތިހެން ކޮޓަރިން ނުނުކުމެ ނުކައި ނުބޮއެ އޮންނަން ވެއްޖެނަމަ ދޮނާގެ ބަލި ހައްތަހާ ބޮޑުވާނީ..”

“..އަހަރެން މިހާރު ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެ..” އަހަރެންނަށް ބުނެވުނެވެ. “..މީ އަހަރެންގެ އުޅުން ވިޔާނުދާވެގެން މެދުވެރިވި ކަމެއްނޫން.. މީހަކު ކުރި ފާފައެއްގެ ޝަޒާ އަހަންނަށް މިލިބުނީ.. މިއަދު މިދުނިޔޭގައި އަހަރެން އުޅުމުގެ މަޤުޞަދެއް ނެތްކަހަލަ..”

“..ދޮނާ ދުނިޔޭގައި ހުރުމުގެ މަޤުޞަދެއް އެބަވޭ.. އެއީ ކިނާން.. ކިނާންއަށްޓަކައި ނަމަވެސް ދޮނާ ހިތްވަރުކޮށްގެން އުޅެން އެބަޖެހޭ..” އަހަރެންނަށް ބޯ ޖަހާލެވުނެވެ. އަހަރެން ދިރިހުރުމުގެ މަޤުޞަދަކީ އެއީއެވެ. ކިނާންއަށްޓަކައި އަހަރެން ހިތްވަރުކުރަން އެބަޖެހެއެވެ. ކިނާންއަށް މަންމައެއްގެ އަޅާލުމާއި ލޯބި ދެވެން އޮތްދުވަހު އެލޯތްބާއި އަޅާލުން ދޭން އެބަޖެހެއެވެ. އަހަރެން އެކަން ކުރާނަމެވެ. ހަމައެކަނި ކިނާންއަށްޓަކައެވެ.

********************

ހެނދުނުގެ ވަގުތެވެ. އަހަރެންނަށް ސިހިފައި ހޭލެވުނީ މީހަކު ހަޅޭލަވާގަތް އަޑަށެވެ. އަހަރެން ބަލާލިއިރު ކޮޓަރި ދޮރުމަތީ ކައިލް ހުއްޓެވެ. ކައިލްގެ ލޯ އަނގުރު އަލިފާން ގަނޑެކޭ އެއްގޮތްއިރު އޭނާގެ ދެބުމަ ގޮށްޖެހި ދެލޯވަނީ ވަށް ވެފައެވެ.

“..ގޮތްކުޑަ އަންހެނާ..” ކައިލް ބާރު ހިނގުމުގައި އައިސް އަހަރެންގެ އަތުގެ މުލައް ދަނޑީގައި ހިފަމުން އެނދުން ނެގިއެވެ.

“..ކި..ކިހިނެއްވީ..” އަހަރެންހުރީ ވާނުވާގައެވެ. ކައިލް ރުޅި އަންނަން ޖެހޭ ސަބަބެއް އަހަރެންނަކަށް ނޭގުނެވެ.

“..ކިހިނެއްވެގެން މިއުޅެނީ.. ކޮން ހަޅޭކެއް މިލަވަނީ..” މަންމަވެސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ.

“..މި އަންހެނާ ކައިރީ ވެގެން އުޅޭ ގޮތެއް އަހާބަލަ..” ކައިލް ދަތްކުނޑި ވިކާލަމުން  މަންމައާ ދިމާއަށް  އަހަރެން ހޫރުވާލީ ބާރަށެވެ.

“..ކައިލް..” މަންމަ ހަޅޭލަވާގަތެވެ.

“..މަންމާ ހަޅޭނުލަވާ..” ކައިލް މަންމައާ ދިމާއަށް އަތް އުފުލާލަމުން ބާރަށް ބުނެލިއެވެ. “..ތިހީކުރާ ކަހަލަ އަންހެނެއް ނޫނޭއެއީ.. މިއަދު މީ މަގޭ ދުވަސް.. މަގޭ އެހެން އަންހެނެއް ކައިރިއަށް ދިޔައީމަ މަންމަ ކަންބޮޑުވެގެން އުޅުނީ.. ބަލާބަލަ ތިހިރި ކަމަނާ މިހާރު ކޮށްގެން އެއުޅޭކަމެއް.. މަންމަ ހީކުރީ އެއީ ވަރަށް މާތް އަންހެނެއް ކަމަށްތަ؟ އޭނަ ފިރިހެނުންނާ ގުޅުންތައް ހިންގަމުން އައިކަން އޭނާއަށް ޖެހިފަ އެހެރަ ބަލިން އެއޮތީ އެނގިފަ.. ކިތަންމެ ސިއްރުކޮށްގެން އުޅުން ނަމަވެސް މުޅި ދުނިޔެއަށް އެއޮތީ އެކަން ފަޅާއަރާފަ.. އޭނާ އެހުރީ އެޗްއައިވީއަށް ޕޮޒިޓިވްވެފަ..”

އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވިގެންދިޔައިރު ހިތުގެ ހިނގުން އެތައްގުނައަކަށް އިތުރުވެގެންދިޔައެވެ. މަންމައަށް ޤަބޫލްކުރަން އުނދަގޫވެފައި އަހަރެންނަށް ބަލަންހުއްޓެވެ. ކައިލް ބާރު ހިނގުމުގައި އައިސް އަހަރެންގެ އަތުގައި ހިފައިލަމުން ކޮޓަރި ދޮރުން ބޭރަށް ހޫރުވާލިއެވެ. އަހަރެންގޮސް ލައިގަތީ ލޫޠުގެ ގައިގައެވެ. ލޫޠު އަހަރެންގެ ގައިގައި ހިފަހައްޓާލިއެވެ. އޭރުވެސް އަހަރެންގެ ހައިރާންކަން ފިލައިގެން ނުދެއެވެ. އަހަރެންނަށް އެޗްއައިވީ ޖެހުނީ ކައިލްގެ ސަބަބުންނެވެ. އެކަން ކައިލްއަށްވެސް އެނގިހުރެ އަހަރެން ބަދުނާމް ކުރީ ކީއްވެގެން ބާއެވެ؟

“..ތިހިރީ ވަރިކޮށްފަ.. ރައްކާވޭ މިގެއިން..” ކައިލްގެ އަނގައިން ބޭރުވެގެންދިޔަ ބަސްތައް ހޮނު ގުގުރިއަށްހާ ބާރަށް އައިސް އަހަރެންގެ ހިނދުރީގެ ތެރެއިން ވަދެގެންދިޔައެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ސާޅީސް (ފުރަތަމަ ބައި)

Next

އޯގާވީ ހިތަކުން…30

Next
May 26, 2014

އޯގާވީ ހިތަކުން…30

Previews
May 25, 2014

ސާޅީސް (ފުރަތަމަ ބައި)

28 Comments!

  1. saamy says:
    May 25, 2014 at 12:03 pm

    Piss piss haadha gotheh neh firihenekey dhw mi kail aky mahama hairaan vejje alhe rahmuge kanfulhevves nethy ey dhw nishan heyonuvaane kail hithuga hamdhardhy eh nethas nishan looshah hamdharudhy vefa loosh ah thihaa dheragoiy nuhadhaa bala v dheravey loosh ah abadhu dheragoiy vaathy vaahaka vv reethi aneh bayah inthixaaru kurah

    1. nishan says:
      May 25, 2014 at 2:26 pm

      thank you saamy 🙂 sorry loosh ah ehen hadhan jehunii thi .. loosh nasyb ehaa gadha noon v ma kanneyge ehen evee..

  2. Pooollll says:
    May 25, 2014 at 1:12 pm

    Thi kayak mee Hunane wham badhaluvun vaane bayan noon aharen ham haram vejje

    1. nishan says:
      May 25, 2014 at 2:29 pm

      neygunu pooolll bunan thiulhun ehcheh.. thanx vaahaka kiyaali thi..

  3. me says:
    May 25, 2014 at 4:04 pm

    mi vaahakaige nan balaaleemaves engey mikahala katu gotheh kan vaany, ekam vaahaka v habeys inge, salhi, keep it up, miulhey 2 anhenun fight kuraa iru enme majaly, haha bt v sad 🙁

    1. nishan says:
      May 25, 2014 at 5:16 pm

      Kykuranii dho.. dhuniyey ga ulhey enmen Ulhenii vs ufalaku nooneh nun.. Thank you 🙂

  4. me says:
    May 25, 2014 at 4:06 pm

    mihaaru keehvetha comment kohfa inna varu vaahaka view kohnulanis nufennany, v kada mihaaru inna goiy

    1. nishan says:
      May 25, 2014 at 5:20 pm

      Thee Admin genesfaivaa Badhaleh.. I also not happy with it.

  5. Nana says:
    May 25, 2014 at 4:35 pm

    Vaahaka kauri yah dhaagoiy varanasi fohi loosh eh noon barubaadhu vaan geheyniy yumnu e hen nooniy varah kada

  6. Nana says:
    May 25, 2014 at 4:40 pm

    Vaahaka kuriyah dhaagoiy varah fohi loosh barubaadhu ku ratify yumn.u barubaadhu vaangeheyney ehennooniy mivaahaka varah kada

    1. nishan says:
      May 25, 2014 at 5:22 pm

      Kiyuntherin hiy hama jehey Kahala gothakah ninmaalevey tho masahkaiy kuraanan.. Thank you..

  7. veera says:
    May 25, 2014 at 4:52 pm

    Vaahaka ky iru v hithuga jehunu mi firihen verinah nuvaane ithubaaru kuraakah

    1. nishan says:
      May 25, 2014 at 5:24 pm

      Hey veera.. Not all boys inge. Some 😉

  8. me says:
    May 25, 2014 at 5:41 pm

    dhn admin gandaa, kurin in gothey rangalhy, pls change it

  9. nisha says:
    May 25, 2014 at 6:50 pm

    Maasha allah… vaahaka v nice… kyhvetha abadhu loosh dherakuranee??? Eh e dw kail looshah maa heyo boduvegen ulhunu kamakee??? Yageen eh e fake report thakeh.
    e nulafaa yumnu gandu roarne dhuvahakah inthixaarukuran….

    1. nishan says:
      May 25, 2014 at 7:50 pm

      Thank you Nisha.. Loosh ah Fahun rangalhu gotheh vedhaane kamah balamaa dho.. 😉

  10. sem says:
    May 26, 2014 at 1:19 am

    ya..Yageen e hama fake reporteh kan… adi vaakaige kanthatha mi dima vany vs v avas avah..

    1. nishan says:
      May 26, 2014 at 8:07 am

      Fake ehchakah vs vedhaane hama 😉

  11. swyt says:
    May 26, 2014 at 11:59 am

    hituga jehiyje……. thihen hadhaakah nuvaane nun loosh ah…. fahun vaan oi goi rangalhy baa…. varahsalhi mibaives…
    dhen oi baige inthizaarugaaaaaaa…….

    1. nishan says:
      May 26, 2014 at 12:58 pm

      Fahun rangalhu gotheh vs vedhaane. Thank you.. 🙂

  12. ފެންޓެސީ says:
    May 26, 2014 at 1:18 pm

    އަޅެ ނިޝާން… ވަރަށް ގޯސް… ލޫޝް އަށް އެހެން ހަދާކަށް ނުވާނެ… ފެންޓަސީވެސް ވީރާ އާއި އެއްބަސް.. ފިރިހެނުންނަށް އިތުބާރު ކުރާކަށް ނުވާނެ… ބަލާބަލަ އެކުއްޖާ ފަކީރުއަށް ހެދި ގޮތް… އަޅެ ކައިލް ރަނގަޅު ނޫނަސް ޝާން ރަނގަޅު ވާން ވާނެ ދޯ ލޫޝްއަށް… އެނީވޭ ވާހަކަ ވަރަށް ރީތި އިނގޭ.. ބަޓް ޕްލީޒް ދެން ލޫޝްއަށް އެގޮތަށް ނަހަދައްޗޭ 🙂

    1. Anonymous says:
      May 26, 2014 at 6:22 pm

      Fantasy bunyas firihenun nah ithubaaru kuran vaane 😛 all are not same.. Loosh ah gotheh hedheykah netheh nun..she will die soon. 🙁 thanks for the comment…

  13. bubbles says:
    May 26, 2014 at 2:59 pm

    Mashaa allah v v nice mi part ves… can’t wait. .avahah up kohdhechey.. eiy hams. Yumnu n kail.ge reyvumeh..

    1. nishan says:
      May 26, 2014 at 6:26 pm

      Thanks bubbles.. Will upload Wednesday or Thursday ga 🙂

  14. bubbles says:
    May 26, 2014 at 10:07 pm

    Thanks nishaan. Alhe loosh ah ragalhu gotheh hadhaa dhechey. . .. I love this story

    1. nishan says:
      May 26, 2014 at 10:34 pm

      Hehe.. Try kuraanan..

  15. fathun says:
    May 27, 2014 at 7:13 am

    aslu eiy yumnu nd kail ge reyvume kan hama yagyn. yumnu bunye nun kail aa innanamey. kail ekama plan kogen beyra diyaiy ves. dats their plan

    1. nishan says:
      May 27, 2014 at 12:44 pm

      Good thinking :-P. Let’s c dho

Comments are closed.


All Right Reserved!