Skip to content
އެސްފިޔަ

15އަހަރުގެ ޖަލު ހުކުމް (2ވަނަ ބައި)

ވާހަކަ ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާޙީމް

ގިނަދުވަސްތަކެއް ނުވަނީސް އަހަރެން މަސައްކަތް ކުރާތަން މަންމައަށް އެނގުނެވެ. އެތަށްފަހަރަކު އެމީހުންނާއިއެކު މަސައްކަތް ނުކުރުމަށް އަހަންނަށް ނަސޭޙަތްތެރިވިއެވެ. އެބުނި ބަސްތަކެއް އަހަންނަކަށް މުހިންމެއް ނުވިއެވެ. އެހެންކަމުން އަހަރެން މަސައްކަތްކޮށްދޭ މީހުންގެ ގާތަށްގޮސް ހަޅޭއްލަވާވެސް ހަދައެވެ. ޖެހިގެން އަންނަ ދުވަހު މަސައްކަތައް ދިއުމުން އެމީހުން ބުނާނެއެވެ. “ފައުޒާންގެ މަންމަ އަނެއްކާވެސް އައިސް ހަޅޭއްލަވާފަ ގޮއްސި. ކޮންމެ ދުވަހަކު އާދޭ. ކުރާނެކަމެއް ނެތީތަ؟” މިހެން ބުނާއަޑު އަހާފައި އަހަރެން ވަރަށް ލަދުގަނެއެވެ.

އަހަންނަށް ރަނގަޅުގޮތް މަންމައަށް ހޯދައިނުދެވުނުތާ އެހެންމީހުން އެއުފާ ހޯދައިދޭން އުޅޭއިރު މަންމަ އެކަމަށް ހުރަސްއަޅަނީ ކީއްކުރަންހެއްޔެވެ. މަންމަގެ އެހީ ނުލިބުނަސް މާރަނގަޅޭ ހިތަށްއަރާ ފަހަރުވެސް މަދެއްނުވާނެއެވެ. ގެއަށް ވެދެފިނަމަ އަހަރެން ހުންނަނީ އެކަނިވެފައެވެ. ރުޅިއައިސްފައެވެ. ބާކީވެފައެވެ. ‘އަހަރުން ނިކަމެތީ ކީއްވެހޭ؟ އަހަރުންގެ މާމަމެން، ކާފަމެން އެއުޅެނީ ހާދަ ފުދިގެންނެވެ.’ ކިތަންމެ ދެރަވިއަސް، ރުޅިއަޔަސް މި އިޙުސާސްތައް އަޑުއަހާނޭ އެކަކުވެސް ނުހުރެއެވެ.

ނަމަވެސް، މިއަދު ކުރާނެކަމެއްނެތެ. މާޒީގައި މަންމަ އެދިން ނަސޭހަތުގެ މުހިންމުކަން މިއެނގުނީ މާ ލަސްވިފަހުންނެވެ. “ދަރިފުޅާ! މަންމަ ބުނާ ބަސްއަހާ… ދަރިފުޅަށް ދެރަގޮތެއް މަންމަ ނޭދޭނަން. އެކުގައި ތިޔައުޅެނީ ރަނގަޅުބައެއްނޫން. އެމީހުން ދަރިފުޅުގެ ބޭނުން އެހިފަނީީ، ފަހުން އެމީހުން ދަރިފުޅަށް ލަނޑުދީފައި ފިލާނެ. އޭގެކުރިން ތިގޮތް ދޫކޮށްލާ ދަރިފުޅާ..” އެދުވަހު މަންމަދިން ނަސޭހަތަށް އަހަރެން ދިނީ ބީރު ކަންފަތެވެ. އަދި ޖަވާބުގައި ބުނަމެވެ. “މިގޭގައި ކަލޭމެންނާއިއެކު އުޅުމަށްވުރެއް އެމީހުންނާއެކު އުޅުނަސް މާބޮލަށްފަސޭހަވާނެ”

މަސައްކަތުގައާއި، މަޖަލާއި އުފާކުރުމުގައި ދުވަސްތައް ވޭތުވެދިޔައެވެ. މީސްމީހުންނަށް މަސައްކަތް ކޮށްދީގެން އަހަރެންގެ ދިރިއުޅުން ފަސޭހަވެގެން ދިޔައެވެ. ފައިސާއަކަށް ދައްޗެއްނުވިއެވެ. މިނިވަންކަން ލިބުނެވެ. އަހަރެންގެ ދިރިއުޅުމުގެ ހަލާކަށްވީ އެލިބުނު މިނިވަންކަމެވެ. މަސައްކަތުން ލިބުނު ސިނގިރޭޓެކެވެ. އޭގެ އުޖޫރައެވެ. އެއީ ހަލާކަށް އެޅުނު ފުރަތަމަ ބިންގާއެވެ.

އަހަރެންގެ އުމުރުން 18އަހަރުވީ ދުވަހެވެ. އެމީހުންނަށް އިތުރު ބޮޑެތި މަސައްކަތް ކޮށްދޭނޭ މަގެއް ފަހިވެގެން ދިޔައެވެ. އެ މަސައްކަތްތަކަށް ބޮޑެތި އުޖޫރަ ލިބެއެވެ. ސިނގިރޭޓުން އެނާރޖީ ޑްރިންކަށެވެ. ޑްރިންކުން ހަކުރަށެވެ. އެތަކެތި ބޭނުންކުރަމުންގޮސް އާދަވިއިރުވެސް އަހަންނަކަށް ނޭނގުނެވެ. އެ ޕެކެޓުތައް ގޭގައިވެސް ފޮރުވާފައި ބެހެއްޓީމެވެ. އަބަދުވެސް ހުންނަނީ އޭގެ ބޭނުންޖެހިފައެވެ. އެއްދުވަހު މަސްތުވެފައިވާ ޙާލު ގެއަށްވަދެ ބަނޑުހައިވެގެން ކާނެ އެއްޗެއް ތައްޔާރުކުރުމަށް އަމުރުކޮށް ހުތުރުބަހުން ވާހަކަ ދައްކާހެދީމެވެ. އަހަރެންހުރީ މަސްތުވާތަކެތީގެ ވަބާގައިޖެހި ހެވާނުބައި ވަކިކުރަން ނޭނގޭ ހާލެއްގައެވެ.

އަހަރެންގެ މަންމައަށް އެމަންޒަރު ފެނިފައި ހިތާމައިން ރޮވުނެވެ. ހިތް ކުދިކުދިވި ކަހަލައެވެ. ބައްޕައަކާނުލައި އަހަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް މަންމަ ކުރި ބުރަ މަސައްކަތްތަށް ފެނަށް ވެދިޔަކަހަލައެވެ. މަންމަގެ ހުވަފެންތަކުގައި ކޮޅުފައިންޖެހިފަދައެވެ.

މަންމަގެހިތަށް ކުރި އަސަރުގެ ކުޑަމިންވަރެއް ނަމަވެސް މިއަދު އަހަންނަށް ވިސްނިއްޖެއެވެ. އެކަމާ ވިސްނާ ހިތާމަކުރަމެވެ. ދަންނަ ނުދަންނަ އެންމެންގެ ކުރިމަތީ މަންމައާއިމެދު ދެރަކޮށް ކަންތައް ކުރެވުނީތީ ލަދުގަންނަމެވެ. ކޮއްކޮމެންނަށް ރަނގަޅު ނަމޫނާއަކަށް ވާންވީދުވަހު ދެއްކުނު ނަމޫނާ ހަނދާންވެފައި ދެރަވަމެވެ.

1އަހަރު ނިމި 2އަހަރު ފާއިތުވެދަނީޢެވެ. އެމީހުންނާއެކު އެތައް މަސައްކަތެއްގައި އަހަންނަށްވަނީ ބައިވެރިވެވިފައެވެ. ވަޑާންކުރުމާއި، ކުލަލުމާއި، ކަރަންޓުގެ މަސައްކަތްކުރުމާއި، ވައްކަމާއި، މަސްތުވާތަކެތި އެތެރެކޮށް ވިއްކުންފަދަ އެންމެ ކުޑަ މަސައްކަތުން ފެށިގެން ޖިނާއީ ކުށަކަށްވާވަރުގެ ބޮޑެތި ކަންކަމުގައެވެ.

“އޭ ފައުޒާން.. މަށަށް ކަމެއް ކޮށްދީބެއަ..” އަހަންނާއިއެކު މަސައްކަތް ކުރަމުންދާ ވިޝާހް ބުންޏެވެ. ޖަވާބުގައި ކޮންކަމެއްތޯ އަހަރެން އަހާލީމެވެ.

މިއުޅެނީ އަހަރެންގެ ބިޓައް ކެވެލިކޮޅެއް ހޯދަންވެގެން… ކައޭ އަތުގަ އިންނާނެތަ ބޭނުން ނުކުރާ ކެވެލިކޮޅެއް؟ އަޅެ ހޯދަދީބެ” ވިޝާހު މިހެން ބުނުމުން އަހަރެންގެ ހަނދާނަށްއައީ މީގެ ދެދުވަސް ކުރިން މަންމަ އަތުގައި އަޅާ ކެވެލިކޮޅު ހަލާކުވެގެން ކޮއްކޮ އަތަށް ފޮރުވަން ދިންކަމެވެ.

“ފަހަރެއްގާ ލިބިދާނެ ރަން ކެވެލި ކޮޅެއް. އެކަމު އޭތި އޮތީ ކުޑަކޮށް ހަލާކުވެފަހެން މަށަށް ހީވަނީ…” ވަރަށް ވިސްނާލާފައި އަހަރެން ޖަވާބު ދިނީމެވެ.

“ގަދައިނގޭ ބްރޯ. ރަން ކެވެލި ކޮޅެއް ގެނެސްދީފިއްޔާ މަ ދޭނަށް 8000ރުފިޔާ. ކުޑަކޮށް ހަލާކުވެފައޮތަސް ހަދާލެވޭނެއެންނު.” އަހަރެންގެ ކޮނޑުގައި ހިތްވަރުގެ އަތެއް ޖަހަމުން މިހެން ބުނެފައި ވިޝާހް ދިޔައެވެ.

ޖެހިގެންއައި ދުވަހު ގޭގެ އެންމެން ނިދާ ހަމަހިމޭންވި ދަންވަރަށް އަހަރެން ގެއަށް ދިޔައީމެވެ. ވަރަށް ސިއްރު ސިއްރުން ކޮއްކޮމެންގެ ކޮޓަރިއަށް ވަދެ އަލަމާރި ހުޅުވާލީމެވެ. އަދި އަތުގައި އޮތް ފޯނުން އަލިކޮށްލާފައި އަލަމާރި ހާވަން ފެށީމެވެ. އަލަމާރީގައި އިން ރަން އަޅާ ކުޑަ ފެހިކުލައިގެ ފޮށްޓެއް ފެނުނެވެ. އެ ފޮށިހުރީ ތަޅުނުލައެވެ. އެ ފޮށި ހުޅުވާލިތަނުން އަހަންނަށް ފެނުނީ ރަންކެވެލިކޮޅެކެވެ. އެކެވެލިކޮޅުކައިރީ ހުދު ކަރުދާސްކޮޅެއް ފަތް ޖަހާލާފައި އޮތެވެ. އެ ކަރުދާސްކޮޅު ނަގައި ހާވާލީމެވެ. އޭގެތެރޭ އޮތީ ކެވެލި ކޮޅުގެ ބުޅިއެވެ. އެކަރުދާސްކޮޅުގެ ތެރެއަށް ކެވެލިކޮޅުވެސް ލުމަށްފަހު ކަރުދާސް ކޮޅު ފަތްޖަހާލާފައި ޖީބުތެރެއަށް ލައިގެން ކޮޓަރިން ނިކުތީމެވެ.

ޖެހިގެންއައި ދުވަހުގެރޭ އަހަރެން އެކެވެލިކޮޅު ވިޝާހުއަށް ދިނީމެވެ. އޭގެ އަގަށް އަހަަންނަށް 8000ރ ލިބުނެވެ.

އެއްކުރިއެރުމަކަށްފަހު އަނެއް ކުރިއެރުމެކެވެ. އެއްކުށަކަށްފަހު އަނެއް ކުށެކެވެ. އުމުރުން 18އަހަރުވެ މުޖުތަމައުއަށް ނިކުމެ ބޭނުންތެރިމީހެއްގެ ގޮތުގައި ހިމެނޭންވީ ދުވަހު އަހަންނަށް އެއްޗެއް ނުލިބުމުން އެންމެ މުހިންމުވީ ފައިސާއެވެ. އޭރު މީހުން އިސްކަމެއްދެނީ އާމްދަނީ ހޯދޭނެ ގޮތަކަށްނޫނެވެ. އެމީހުންނަށް މުހިންމީ ފައިސާ ލިބޭ މިންވަރެވެ. އަދާކުރާ މަސައްކަތުގެ ބާވަތައްވުރެއް މުހިންމީ ލިބޭ އުޖޫރައެވެ.

އަހަރެން އެމީހުންނަށް މަސައްކަތް ކޮށްދޭތާ 2އަހަރަށްވުރެ ގިނަވެއްޖެއެވެ. ފާއިތުވެގެންދިޔަ އަހަރުތަކުގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެންމެ ފަހަރަކުވެސް ހައްޔަރުކުރެވިފައެއް ނުވާނެއެވެ. މިހާރު އަހަރެން މަސްތުވާތަކެތި ވިއްކުމުގައިވެސް ބައިވެރިވަމެވެ. އެ މަސައްކަތް ފެށެނީ ރޭގަނޑެވެ. އަހަންނާއި ހަވާލުކުރަނީ ހެންވޭރު ހިސާބުގެ މީހުންނާށް ހަކުރު ވިއްކާށެވެ. ދެރެއެއްގެ މަތިން އަހަރެން އެއްހިސާބެއްގައި އެ މަސައްކަތް ކުރީމެވެ.

އެއްދުވަހު އަހަންނަށް ހަކުރު ވިއްކަން ހެންވޭރު ދަނޑުކައިރީ ހުންނަ ގެއަކަށް ދިއުމަށް ހަވާލުކުރެވުނެވެ. ދަންވަރު 12ގެ ފަހެވެ. އަހަރެންގެ އަތުގައި އޮތް ކުޑަވަރެއްގެ ބޭރުފެންނަ 5 ހަކުރު ޕެކެޓު ޖީބަށްލުމަށްފަހު ދިއުމަށް ހަމަޖެހިފައިވާ ގެއާއި ދިމާލަށް ހިނގައިގަތީމެވެ.

އެގެއަށް ގޮސް ދޮރުގައި ޓަކިޖަހާފައި އަހަރެން އެތެރެއަށް ވަނީމެވެ. އެއިރު އެގޭތެރޭގައި 5 ފިރިހެނުން ތިއްބެވެ. އެމީހުން ބޮލުގެ އިސްތަށިގަނޑު ކޮނޑާހަމައަށް ދިގެވެ. 2މީހަކު އެތެރޭގައިހުރި ސޯފާމައްޗަށް ދެމިފައި އޮތެވެ. އަނެއް 3މީހުން ސޯފާކައިރީ ތިރީގައި އިށީނދެގެން ތިއްބެވެ.

އަހަރެންގެ ޖީބުން ކުޑަ ދެ ހަކުރު ޕެކެޓު ނަގައި އެއާހަވާލުވުމަށް އައިސްހުރިމީހާއަށް އެ ވިއްކުމަށްފަހު ފައިސާ ހިފައިގެން އަހަރެން އެގެއިން ނިކުތީމެވެ. އިރުކޮޅެއްނުވެ އެގޭކައިރިން އިވެންފެށީ ފުލުހުންގެ ކާރެއް ސައިރެންއަޅާއަޑެވެ. އެވަގުތު އަހަރެންގެ އަތުގައި ހުރި ފައިސާކޮޅު ފަޓުލޫނުގެ ޖީބުތެރެއަށްލައި ފޮރުވީމެވެ. ގަތް ބިރެއްގެ ސަބަބުން ދުވެފިލަން އުޅެނިކޮށް މީހަކު އަހަރެންގެ ފަހަތުން ކޮނޑުގައި ވަރަށްބާރަށް ހިފެހެއްޓިއެވެ. ފަސްއެނބުރި ބަލައިލިއިރު ފެނުނީ 2 ފުލުހުންނެވެ.

ވަގުތުން އެގޭގެ އެތެރެ ބަލާފާސްކުރެވުނެވެ. އެ ފާސްކުރުމުގެ ތެރެއިން ކިއްލިޕެކެޓުގެ ކުޑަ 6 ހަކުރު ޕެކެޓާއި 2 ބަނގުރާފުޅިވަނީ ފެނިފައެވެ. އަދި އެގޭގައި ތިބި 5 ފިރިހެނުން މަސްތުވާތަކެއްޗައް ޕޮސިޓިވްވެ، ހައްޔަރު ކުރެވުނެވެ.

ހެންވޭރު ގެއެއްގައި މަސްތުވާތަކެތި ގަނެވިއްކުމުގެ ތުހުމަތުގައި 6 ފިރިހެނުން ހައްޔަރު ކުރެވުނު ޙަބަރު ޖެހިގެންއައި ދުވަހުގެ މެންދަމު އަލިވިލުނުއިރު މާލެތެރޭގައި ގުގުމާލި ރާގެއްފަދައިން ފެތުރިގެން ދިޔައެވެ. އަދި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި އަހަރެން އުޅެނިކޮށް އަތުލައިގަނެވުނުކަމުގެ ޙަބަރު އަހަރެންގެ މަންމައަށް ލިބުނެވެ. އަހަންނާއި އެކު މަސައްކަތް ކުރި އެކަކުވެސް އަހަރެންގެ ދިފާޢުގައި ބަހެއް ބުނާކަށް ނައެވެ. އޭގެ ބަދަލުގައި އެކުގައި ކުރެވުނު ހުރިހާ ކުށެއްގެ ތުހުމަތުވެސް އެޅުވުނީ އަހަރެންގެ ބޮލުގައެވެ.

އަހަރެން އިން ކުޑަގޮޅީގެ ދޮރުފަތް ހުޅުވާލި ބާރުމިނުގައިގޮސް ފާރުގައި ޖެހުނު އަޑަށް އަހަރެން ބޯ ހިއްލާލީމެވެ. އަހަންނަށް ފެނުނީ އެ ޖަލުގޮޅި ކައިރީ ތިބޭ ސެކިއުރިޓީ ގާރޑުންގެ ތެރެއިން މީހެކެވެ. އަހަރެން ޖަލުގައި ބަންދުވިތާ މިއަދަށް މިވީ 15އަހަރެވެ.

އެހެންކަމުން އުމުރުން 35އަހަރުގައި މަޖުތަމައުއަށް ނިކުތުމުގެ ފުރުސަތު އަނެއްކާވެސް އަހަންނަށް ލިބިގެން ދަނީއެވެ. އެހާ ދިގު އަހަރުތަކަކަށްފަހު އަމިއްލަ އާއިލާއާއި ކުރިމަތިލާން މިއަދު މިހުރީ ޖެހިލުންވެފައެވެ. އަހަރެންގެ އާއިލާ މީހުން އަހަންނާއިމެދު ދެކޭނެ ގޮތް ނޭނގި ދެރަވެ، ހިތް ނުތަނަވަސްވެފައެވެ. މިތަނުން ދޫކޮށްލާ ދުވަހު އަހަންނާއި ބައްދަލުކުރަން އެކަކުވެސް އަންނާނެބާއެ؟

މި ކުޑަގޮޅިން ނިކުންނަމުން އަހަރެން ފަސްއެނބުރި ބަލައިލީމެވެ. އެގޮޅިތެރޭގައި ބާއްވާފައިވާ ކުޑަ ހުދުކުލައިގެ ކަރުދާސްކޮޅަށެވެ. އަހަރެންގެ ހިޔާލުތަކެވެ. އެ ކަރުދާސްކޮޅުގައި ލިޔެވިފައިވާ ހިޔާލު ކިޔާލާނެ މީހަކު ވާނެކަމަށް އަހަރެން އުންމީދު ކުރަމެވެ.

‘މަސްތުވާތަކެތީގައި ޖެހިގެން ދިރިއުޅުން ހަލާކުވާ ކުދިންގެ އަދަދު މަދެއްނޫނެވެ. އަހަންނަކީވެސް އެ ނުރައްކާތެރި ބަލީގައި ޖެހުނު ޒުވާނެކެވެ. އެއީ އަހަރެންގެ އަމިއްލަ ފަރުވާކުޑަކަމުން ލިބުނު ގެއްލުމެއްބާއެވެ؟ ނޫނީ އަހަރެންގެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ނުވުމުން ދިމާވި ކަމެއްބާއެވެ؟ އެހެންނޫނީ އެއީ ސަރުކާރުން އަހަރެން ކަހަލަ ކުދިންނަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ އެދޭންވީ ރަނގަޅު ވަގުތުގައި ނުދެވުމުން ލިބުނު ގެއްލުމެއް ބާއެވެ؟

މިފަދަ ވާހަކަތަކަކީ އާނމުންގެ ތެރޭގައި ދެކެވޭފަދަ ވާހަކަތަކެއް ނޫނެވެ. އެއީ މިފަދަ ވާހަކަތަކަކީ އޭގެން ފައިދާއެއް ލިބޭނެ ވާހަކަ ތަކެއްކަމަށް ގިނަމީހުން ނުދެކޭތީއެވެ. ސަބަބަކީ މިފަދަ ވާހަކައެއް އެމީހުންގެ ދަރިންނަށް އަޑު އިވުނުކަމުގައިވާނަމަ އެކުދިންގެ ދިރިއުޅުމަށް އަސަރުކޮށްފާނެތީއެވެ. ނަމަވެސް ހައްލަކީ މިއެއްނޫނެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ދުރާލާ މިފަދަ ވާހަކަތަށް ކިޔައިދީ ނަސީހަތްލައިދޭނަމަ އެކުދިން ނުބައި މަގަކުން ދިއުމުގެ މަގު ހަނިވެގެން ދާނެއެވެ. އަދި މައިންބަފައިންގެ އަޅާލުން ދަރިންނަށް ދެވޭކަމުގައިވާނަމަ އެކުދިންގެ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ދުރުހިލޭ މީހުން އިޙްތިޔާރެއް ނުކުރާނެއެވެ.

އަދި ކިއެއް ހެއްޔެވެ! މަސްތުވާތަކެއްޗަކީ އެއެއްޗެއް ބޭނުންކުރުމުން އެމީހެއްގެ ވިސްނުން އެއްގޯސް ކޮށްލާއެއްޗެކެވެ. ނުބައިކަމަކަށް އަރައިގަންނާކަށް ޖެހިލުމެއް ނުވާނެއެވެ. މިފަދަ ކުދިންނަށް އެހީވުމަކީ ސަރުކާރުގެވެސް ޒިންމާއެކެވެ. އެމީހުންނަށް އަޅާނުލައި ދޫކޮށްލައިފިނަމަ އެކުދިން ރަނގަޅުވާނެ މަގު އެއްކޮށް ބަނދުވެގެން ދާނެއެވެ.

އަދި މިފަދަ ކަންކަމުގައި މުޖުތަމައު ހޭލުންތެރި ވުމަކީވެސް މުހިންމު ކަމެކެވެ. އަހަރެން ދެކޭގޮތުގައި އެއީ އަހަންނަށް ވިސްނުމެއްނެތި ކުރެވުނު ކަމެއްނޫނެވެ. އަމިއްލަ އަތުން ނަފްސު ހަލާކުގެ ތެރެއަށް އެއްލާލީ އެނގިހުރެއެވެ. އެކަނިވެރިކަމުގެ އަނދިރީގައެވެ. އަހަރުންފަދަ ކުދިން މުޖުތަމައުތަކުން އެކަހެރިކޮށްނުލާށެވެ.‘

 

“ވިސްނުމެއްނެތި ކޮށްފިކަމަކުން، އެންމެފަހަރަކު ދޭހުގައި،

ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެއޭ އުމުރަށް މުޅީން”

 

-ނިމުނީ-

Comments (8)

  1. Kitty

    Varah reethi mi vaahaka… Iburai ves haasil vey.. Its admirable.. Very inspiring.. Beautiful, ❤️❤️❤️????raani ge ehen vaahakaeh kiyaalan libeyne kamah ummeedhu kuran

  2. Kitty

    Varah reethi mi vaahaka…. Its admirable, beautiful.. Iburai ves haasil vey… Inspiring vaahakaeh.. Masha allah…. Raani ge ehen vaahakaeh kiyaalan libeyne kamah ummeedhu kuran????❤️❤️

  3. Kitty

    Varah reethi mi vaahaka.. Masha allah.. Admirable and very inspiring.. Iburai ves haasil vaathi bodah kamudhiya e ves… Varah reethi vaahaka genes dheefa oi goi.. Raani ge ehen vaahakaeh kiyaalan libeyne kamah ummeedhu kuran ❤️❤️???

  4. Kitty

    ❤️❤️❤️❤️❤️❤️❤️❤️❤️??????

    1. Kitty
      Kitty

      Varah reethi mi vaahaka ves Masha allah keep up the good work and this story is very inspiring and admirable… Moral is very good…. Raani ge ehen vaahakaeh kiyaalan libeyne kamah ummeedhu kuran…. If this comment is being repeated.. Then its because of alhugandu fonuvi comments nufenigen ithurah fonuvifa hurykamah balaa ingey.. Lots of love raani ❤️❤️??????

    2. Kitty
      Kitty

      Raani this story is very inspiring.. I really loved it.. Hama kiyaala hithun kiyuny ves.. Raani ge ehen vaahakaeh kiyaalan libeyne kamah ummeedhu kuran

  5. Kitty

    Reapeated more than once… Sorry… Comment fonu v ma fennan nethyma aslu… Sorry once again

    1. rainy
      Kitty

      Thank you. look forward to more of my stories, kitty. they will be updated soon insha’ allah.

Comments are closed.