Skip to content
އެސްފިޔަ

ދާފަރާ

“އިއްސޭ… އިއްސޭ ދެން ތެދުވެބަލަ… ދެން ކިހައި އިރެއް މިހާރު މިގޮތަށް ގޮވޭތާ! ގައިމު ހޭލަން ވެއްޖެއްނު!” ޒަހުރާ ކުދިކިޔަމުން އެނދުކައިރިއަށް ވެއްޓިފައިވާ ބާލީސް ނަގައި ހިންދެމިލިއެވެ. [ބުނާނެ މަށޭ ނިދި ގަދައީ… ނިދި ގަދައީ ކާކުބާ… އަހަރެން ބަދިގެއަށް ދިޔައީ ވެސް އެވަރަށް ގޮވައިފަ… ތި ދެން ތިހާ ނިދިގަދަ މީހެއް ވެސް ނޫނެއްނު… ދެން ތެދުވެ ބަލަ…] އެނދުގައި ބާލީސް ބާއްވާލަމުން އިސްމާޢިލްގެ ބުރަކަށީގައި ކޮއްޓައިލިއެވެ.
“އަދިވެސް އޮތީތަ… އެބައިވޭތަ؟…” މަޑުމަޑުން އެނދުގެ މަގަތުގައި އިށީނދެލިއެވެ. [ދެން މި ފަރާތަށް އެނބުރިލަބަ… ބަލިވީތަ؟ ވާހަކަދައްކަ ބަލަ… ތިއޮތީ އަހަރެންނާ ރުޅިންތަ…] އިސްމާޢިލްގެ ކޮނޑޑުގައި ޒަހުރާ ކޮއްޓައިލިއެވެ.
“އިއްސޭ.. އޭތް…” ޒަހުރާ ފެންކަޅިވިއެވެ. “އިއްސޭ… ދެން… މި ކޮޅަށް އެނބުރިލަބަލަ…. ބަލައިލަބަ…” ޒަހުރާގެ އަޑުގައި ނޭނގޭ ތުރުތުރެއް އެފެދެމުން ދިޔައެވެ. މީހާގެ ނޭވައި އަވަސްވަމުން މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ.
“ދެން އިއްސޭ…. މަންމާ…” ޒަހުރާ އަޑުން އަޑުނަގައި ރޯންފެށިއެވެ. މަޑުމަޑުން ފަހަތަށް ޖެހެން ފެށުނެވެ. “މަންމާ… މަންމާ… ބައްޕާ…” ޒަހުރާ ބާރުބާރަށް ގޮވަންފެށިއެވެ.
އެއާއެކު ޒަހުރާގެ މަންމަ، ހަލީމާ އާއި ބައްޕަ، ދޮންއާދަނު ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ފަހަތުން ދައްތަ، ޝަޒިއްޔާ ވެސް އެތެރެއަށްވަނެއެވެ. އޭރު ޒަހުރާ އަޑުންއަޑުނަގައި ރޮނީއެވެ. އިސްމާޢިލްގެ ބުރަކަށިމަތީގައި ބޯއަޅައިގެން އޮވެއެވެ.
“ކިހިނެއްވީ… ދަރިފުޅާ.. އޭތް ތެދުވެބަލަ…” ހަލީމަ ޒަހުރާ ނެގޭތޯ މަސައްކަތް ކުރިއެވެ. ޝަޒިއްޔާ ވެސް އެހީތެރިވަމުން ދިޔައެވެ.
“އަހަރެން ވެސް ދާނަން… އިއްސެއާއެކު ދާނަން… މަންމާ… ބައްޕާ…” ޒަހުރާ ހީވަނީ މޮޔައެއް ހެންނެވެ.
“ނޭވައެއް ނުލައި… ވިންދެއް ވެސް ނެތް… ހީވަނީ… މަ… މަރުވެފަ” ދޮންއާދަނަށް ހައިރާންކަމާއެކު މަޑުމަޑުން ބުނެލެވުނެވެ.
“ނޫން… ނޫން އިއްސެ މަރެއް ނުވާނެ… އޭނާ އެ އޮތީ ނިދައިފަ… އަދި އޭނާ ހޭލާނެ… އޭނާ މަރެއް ނުވާނެ….” ޒަހުރާ ކޮންޓްރޯލުން ނެއްޓިއެވެ. “އަދި އޭނާ ލޯ ހުޅުވާނެ… އިއްސޭ ބަލައިބަލަ… އިއްސޭ ލޯ ހުޅުވާލަބަލަ… އިއްސޭ އަޑުއަހައިބަލަ… ބަލައިބަ ބައްޕަ ކިޔާ އެއްޗެއް… އިއްސޭ… އިއްސޭ…. ދެން އިއްސޭ ހޭލަބަލަ….” ޒަހުރާ އަޑުގެ ނެތްތަނަށް އަޑުގދަކުރަމުން ރޮމުން ގިސްލަމުން ވާހަކަދެއްކިއެވެ.
ކުއްލިއަކަށް ޒަހުރާ އަނބުރައިގަތެވެ. ޝަޒިއްޔާއާއި ހަލީމަގެ އަތްމައްޗަށެވެ. ދޮންއާދަނާ ހަލީމާ ވެގެން ޒަހުރާ ކޮޓަރިން ބޭރަށް ނެރެވޭތޯ އުޅުނުވެ. އޭރު ކައިރި އަވަށްޓެރިން ގޭތެތެރޭގެ އަޑު ގަދަވާތީ ގޭ ދޮށަށް ޖަމައިވަމުން ދިޔައެވެ.
އިސްމާޢިލްގެ ކަށުކަމާކެމީގެ ކަންކަން ނިންމުމުން ފުލުހުންގެ ތަޙްޤީޤު ޓީމުގެ މަސައްކަތްތައް މެކުހަށް ޖެހިކަހަލައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އިސްމާޢިލާއި ޒަހުރާގެ ކޮޓަރީގެ ދޮރު ހުޅުވައިލެވުނެވެ. އިސްމާޢިލްގެ ކުއްލި މަރުގެ ތަޙްޤީޤަށް ބޭނުންވާ އެންމެހާ ހެކިތަކާއި ޤަރީނާތައް އެއްކުރުމަށެވެ.
އިސްމާޢިލް މަރުވެފައިވަނީ ހަށިގަނޑަށް ކަރަންޓްގެ އަސަރުކޮށްގެން ކަމަށް ޑޮކްޓަރުން ޔަޤީންކަން ދޭތީއެވެ. އެންމެންގެ ޝައްކުގެ އިނގިލިތައް އަމާޒުވަމުން ދިޔައީ ޒަހުރާއަށެވެ. އުފަލާ ސަކަރާތުގައި ހުކުރު ދުވަހު ރަށުގެ މަގުތަކުގައި އިސްމާޢިލާއި ޒަހުރާ އުޅުނުތަން ރަށުގެ އެންމެންނަށް ފެނިފައިވާތީ، ޝައްކުގެ ވަހުމުތައް ދެކަފި ވަމުން ދިޔައެވެ. އެހެންވެ ޒަހުރާގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ރަށުގެ ސިއްޚީ މަރުކަޒުގައި އެނދުމަތި ކުރަން ޖެހުނެވެ.
ފުލުހުންގެ ތަޙްޤީޤުތައް ނިންމާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު އެދުވަހުގެ ފަސްގަޑި ބައިވަނީއެވެ.
“އެންމެ ރަނގަޅު ކޮޓަރިއަށް ވަނަސް… ތަޙްޤީޤަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއް ކުރެވިއްޖެ” އިސްމާޢިލްގެ މަރުގެ ތަޙްޤީޤު ކުރުމަށް އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ ވެރިޔާ، ޚަލީލު ދޮންއާދަންބޭގެ ކޮނޑުގައި އަތްބާއްވާލިއެވެ.
“ކިހިނެއްތޯ އެކަންވީ؟ ކޮންކަމެއްތޯ ފާހަގަކުރެވުނީ…؟” ދޮންއާދަނުގެ ހިތުގެ ތެޅުން އަވަސްވިއެވެ. “ރަށު ތެރޭ މިދެކެވޭ ވާހަކަތަކާ އެއްވެސް ވަރެއްގެ ގުޅުމެއްވޭތޯ…”
އޭރު ހަލީމާއާއި ޝަޒިއްޔާގެ އެހީތެރިކަމާއެކު ޒަހުރާ އަތުލަފިކޮށްގެން ގޯތިތެރެއަށް ވަދެގެން އާދެއެވެ. ފުލުންގެ އިޝާރާތަށް ޒަހުރާ އެމީހުންނާ ދިމާއަށް ދިޔައެވެ.
“ރަށު ތެރޭ ޒަހުރާއޭ ކިޔައިގެން އެދެކެވޭ ވާހަކަތަކަކީ އެއްވެސް ވަރަކަށް ތެދެއް ނޫން! ފުލުހުންގެ ތަޙްޤީޤުތަކުން އިސްމާޢިލްގެ މަރުގެ ކަންކަން ސާބިތު ކުރެވޭ ވަރުގެ ހެކިތައް ފެނިއްޖެ… އަދި އިސްމާޢިލްގެ ހަށިގަނޑުން ނެގުނު ސާންޕަލްތަކާ ދިމާވާނެ ހުރިހާ ހެކިތަކެއް ފެނިއްޖެ! އެކަމަކު ވެސް…” ފުލުހުން ޚަލީލު މާނޭވާއެއް ދޫކޮށްލިއެވެ. “އެނދުމަތިން ދަނޑިފަންކާގެ ވާގަނޑު ބޭއްވީ ކީއްވެ ބާއޭ ސުވާލު އުފެދޭ! ޒަހުރާއާ އެ ސުވާލުކޮށްލަން ބޭނުން… ހަމައެކަނި މި ސުވާލުގެ ޖަވާބު ބޭނުމީ…”
“އެ… އެ… އެ… އެއީ… އިއްސެ… އިއްޔެ ކޮޓަރި ސާފުކޮށްފަ… ވަގުތީ ގޮތުން… އިތުރު އެކްސްޓެންޝަން ކޭބަލެއް ގަންނަން… ހޫނު ވާތީ އިތުރު ފަންކާއެއް….” ޒަހުރާއަށް ގިސްލެވެން ފެށުނެވެ. އެކިތަނުން އެކިވާހަކަ ނަގައި އެއްކޮށްލެވުނީ ހަމަ ކިރިޔާއެވެ.
“އެންމެ ރަނގަޅު… މި ފަހަރު މިކަން މިވީ ވަރަށް ދެރަކޮށް… ވިސްނަންވީ ވަރަށް ވިސްނައި ނުލެވުނީ… ބަލަންވީ ވަރަށް ބަލައި ނުލެވުނީ… މިފަހަރު މި ގެއްލުނީ ފުރާނައެއް…” ޚަލީލު ބަލައިލީ ޒަހުރާއަށެވެ. “އިސްމާޢިލް މަރުވީ ކަރަންޓުގައި ޖެހިގެން… ކަރަންޓުގައި ޖެހުނުކަމަށް ލަފާކުރެވެނީ އެނދު ހުރަސްކޮށް އަޅައިފައިވާ ނަރުން… އެ ނަރުގައި ދާފަރާ ކެނޑިފައި އެބަހުރި… އިސްމާޢިލްގެ ކަނާތުފައިގެ ބޮނޑުވައި އިނގިލިއޮތީ ވަރަށް ބޮޑަށް ފިހި ނޫފައިގެންފަ… ބޮޑަށް ލަފާކުރެވެނީ…. ނިދީގެ ތެރޭގައި އެ ނަރުގައި އިނގިލި ޖެހި ދާފަރާ ގޮސްވާ ހިސާބުގައި އިނގިލި ޖެހި ހަށިގަނޑަށް ކަރަންޓް އައީ ކަމަށް… މީ ވަރަށް ވިސްނަން ވެއްޖެ ކަމެއް… ކަރަންޓް ނަގައިފައިވާ ކޮންމެ ތަނަކަށް، ކޮންމެ އެއްޗަކަށް ވަރަށް ބޮޑަށް ސަމާލުވަންޖެހޭ… އެހެންނޫނީ މިފަދަ ހިތާމަވެރި ހާދިސާތައް ކުރިމަތިވެދާނެ…”
ޒަހުރާ ބާރުބާރަށް ހަލީމާގެ ގައިގައި އޮޅުލައިގަތެވެ. އަޑުން އަޑުނަގައި ރޯން ފެށުނެވެ. އަލަތު ފިރިމީހާ ދުނިޔެއާ އަލްވަދާޢު ކިޔައިގެން އެދިޔައީ އެ ހަޔާތުގެ އުފާވެރިކަމުގެ ދާފަރާ ހިފައިގެންނެވެ. އެއާއެކު މަޑުމަޑުން އޭނާގެ ފެންކަޅިވެފައިވާ ދެލޯ މަރައިލިއެވެ.

Comments (9)

  1. shaan

    vaahakage feshun v reethi nimun v foohi.

  2. dhooni

    varah hadi… mi dhen kocheh?

  3. Hathan

    varah hama nujehey than than kolhu eba huri.. fachoo recheck nukohtha upload kury…

  4. bubbles

    Aslu mi vaahaka salhi veesmistakes neiy nama.. vaki hisaabakun foohi v..

  5. bubbles

    Aslu mi vaahaka salhi veesmistakes neiy nama.. dheyn ulhunu msgves neygey. Ehn e v concentrate nukurevunyma kamah ves vedhaane..vaki hisaabakun foohi v..

  6. Satan

    Mives Vaahaka Tha

  7. LAYAA

    ahcheedi kiyunu moya hithah araif

  8. foni

    no suspence.. nthn interestn

  9. meena

    aslu vaahaka fashaafa kuriah gen dhaane gotheh neygigen nimmaalee hen heevanyy.. mulhin sakaraaey

Comments are closed.