ކުއްލިއަކަށް ދުރަށް ބަލާލަމުން ޔާނިއު ވަރަށް ހާސްކަމާއެކު ގޮނޑިން ފުންމައިގެން ކަހަލަގޮތަކަށް ތެދުވެއްޖެއެވެ. ޔާނިއުއަށް ވީގޮތް ފެނިފައި އަރީންވެސް ޔާނިއު ބަލަންހުރި ދިމާލަށް އެނބުރި ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒުގައި އަންހެން ކުދިންތަކަކާއެކު އިނީ ފައިހާ ނޫން ދެވަނަ މީހެއް ނޫނެވެ.
“ވަރެއް ވެއްޖެދޯ؟ ބަލަ ފޫކޮޅަށް ކައްޓެއް ހެރިގެން ގޮނޑިން ފުންމާގަތްގޮތުން މަހީކުރީ ކުރިމަތިން ބޮޑު ބިރެއްފަދަ އެއްޗެއް ފެނުނީކަމަށް” އަރީން ހެމުންހެމުން ދިމާކުރާކަހަލަ ގޮތަކަށް ބުންޏެވެ.
“ހެހެހެ. އެކުއްޖާގެ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް ކުރިމަތިން ފެނުނީމަ އެހެން ދޯ ދެންވާނީވެސް” ދެމީހުންވެސް ހެމުންހެމުން ގޮނޑީގައި އިށީންނަމުން ޔާނިއު ބުންޏެވެ.
“އަރީން. ފައިހާދޯ އެކުއްޖާއަށް ކިޔަނީ. އެގޭމީހުންނަކީ ކޮންކަހަލަ ބައެއް.” ޔާނިއު މާބޮޑު ސަމާލުކަމެއް ނުދޭކަން ދައްކަމުން އަރީން ކުރެން އަނހާލިއެވެ.
“އެއީ މިރަށު ޖަމީލުބޭގެ އެންމެ ހަނގު އަންހެން ދަރި. އެމީހުންނަކީ ވަރަށް އުޅުން ރަނގަޅު އާއިލާއެއްކަމަށް ބުނަނީ. އެމަންޖެ ފޯން ނަމްބަރަކީ 7674456. މިވަރުން ފުދޭތަ؟ ހަހަހަ” އަރީން ޖަވާބު ދިނީ ޔާނިއު އެންމެ ބޮޑަށް ބޭނުންވާނެ މައުލޫމާތާއެކުގައެވެ.
“އޭ މަނޫޅެން އެފައިހާއަށް ގުޅާކަށް. އަރީންއަށް މާރަނގަޅަށް އެނގޭނެ މަތިޔަ ކުޅިވަރެއް ނުކުޅޭނެކަން” ޔާނިއު އަރީންއަށް ޖަވާބު ދެމުން ބުންޏެވެ.
” ހޫނ ދެން ތިކަން މަށަށް އެނގޭ. އެކަމަކު މިފަހަރު ތިޔަ ކުއްޖާ ގަޔަށް ފެން ޖެހިފަހުން ތިޔަ ވާގޮތްތަށް ކުރިން ނުވޭ. އަޅެ ބުނެބަލަ ތަފާތު ގޮތެއް ނުވޭތަ؟” އަރީން ސީދާ ޔާނިއުގެ ލޮލަށް ބަލަމުން ސުވާލުކޮށްލިއެވެ.
“ހަމަ ރަނގަޅަށް މިބުނީ. އަދި ތިޔަ ކުއްޖާއަކަށް މާބޮޑު ޝައުޤެއް ނެތް” އެއްބަސްނުވާ ގޮތަކަށް ޔާނިއު ޖަވާބު ދިނެވެ.
“އޯކޭ. އޭ ހިނގާ ދެން ގެއާކޮޅަށް ދަމާ. މައެބަޖެހޭ ދޯނި ލަފަންވާއިރަށް ބަނދަރަށް ދާންވެސް ޖެހޭ” އަރީން ގަޑިއަށް ބަލާލަމުން ބުންޏެވެ.
“އާނ. ހިނގާ ދޯ” ގޮނޑިން ތެދުވަމުން ޔާނިއު ބުންޏެވެ. އެތަނުން ދަމުންވެސް ޔާނިއު ދުރުގައި ހުރި މޭޒުގައި ތިބި ކުދިންނަށް ބަލާލިއެވެ. އަދިވެސް އެމޭޒުގައި ފައިހާމެން އެބަތިއްބެވެ. ފައިހާ އިނީ ފުރަގަސް ދީގެންކަމުން މޫނު ފެންނަ ގޮތެއް ނުވުމުން ޔާނިއު ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ.
***********
ފައިހާއަކީ ހުވަދު އަތޮޅު ތިނަދޫ އަރާއިރު މުޙައްމަދު ޖަމީލުއާއި އާމިނަތު ރަޝީދާގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ހަނގަށް ހުރި ދަރިއެވެ. އަދި އެދެމަފިރިން ކައިރީގައި ރަށުގައި ހުރި ހަމައެކަނި ދަރިވެސް މެއެވެ. ފައިހާ ދަނީ މިދިޔަ އަހަރު އޭލެވެލް ނިންމުމަށްފަހު މިހާރު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ތިނަދޫ ކެންޕަސްއިން ސެކަންޑަރީ ޓީޗިންގ ކޯސް ހަދަމުންނެވެ. ފައިހާގެ ދޮއްޓަށް ތިބެނީ 3 ބޭބެއިންނެވެ. ފައިހާގެ ދޮންބެ ޔޫޝައު މުޙައްމަދު ޖަމީލު ހުންނަނީ މާލޭގައި ސަރުކާރުގެ ވަޒީފާއެއްގައެވެ. ތުއްތުބެ ޔޫނުސް މުޙައްމަދު ޖަމީލު ހުރީ ސަރުކާރުން ލިބުނު ސްކޯލަރޝިޕެއްގައި ރަޝިޔާގައި ޑޮކްޓަރީކަން ކިޔަވާށެވެ. ކުޑަބެ ޔާނިޝް މުޙައްމަދު ޖަމީލު ހުރީ މާލޭގެ އެންމެ ބޮޑު އެއް ސްކޫލުކަމަށްވާ މަޖީދިއްޔާގެ ޕްރިންސިޕަލަކަށެވެ. ފައިހާގެ ބައްޕަ އަކީ މަސްވެރި ކެޔޮޅެކެވެ. ފައިހާއާއި އާޢިލާ ދިރިއުޅޭ ގެއަކީ އާދައިގެ ގޮތަކަށް ހަދާފައިވާ ތިން ކޮޓަރީގެ ގެއެކެވެ. ގޯތިތެރޭގައި ތަފާތު އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ގަސްތައް ހައްދާފައިވެއެވެ. އަދި ފައިހާގެ ޚާއްޞަ ބަގީޗާއެއްވެސް އޮވެއެވެ. އެތަނުގައި ގިނަ އަދަދެއްގެ މާގަސްތަކާއި، ރީތި އެތަށް ގަސްތަކެއް ހައްދާފައިވެއެވެ. ފައިހާގެ ބަގީޗާގެ އެއްކޮޅުގައި މެދު ވަރެއްގެ އުދޯއްޔެއް އެލުވާލާފައި ހުރެއެވެ. އުނދޯލި ހުންނަތަން ހުންނަނީ މަތި ފަހުން ހިޔާކޮށްފައެވެ. އެތަނަކީ ދުވާލު ގަޑީގައި ފައިހާ އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނެވެ. ކިޔެވުމަށާއި، ހުސްވަގުތު ހޭދަކުރުމަށް ވެސް ފައިހާ އެންމެ ބޭނުންވާ ތަނަކީ ފައިހާގެ ބަގީޗާއެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ފައިހާ އޮތީ ބަގީޗާގެ ރީތި މާގަސްތައް ފަހަތުގައި ހުރި އުނދޯލީގައި އޮށޯވެގެންނެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ ތަފާތުކޮށް މިއަދު ފައިހާ އޮތީ ކޮންމެވެސް ފިކުރެއްގައިއެވެ. ފައިހާ ލޯމަރާލައިގެން އޮތް ނަމަވެސް އޮތީ ނިދާފައެއް ނޫނެވެ. ލޯ މަރާލައިގެން އޮތް އިރު ލޯކުރިމަތިން ފެންނަމުން ދަނީ ޔާނިއުގެ ރީތި ސޫރައެވެ. އެއީ މީގެ 2 ދުވަސްކުރިން ޔާނިއު ފައިހާގެ ގަޔަށް ފެންޖަހަން އުޅުނުއިރު ހިނގި ހާދިސާގައި ފައިހާއާ ދާދި ކައިރީގައި ޔާނިއު ހުރިއިރު ފެނުނުގޮތެވެ. ކުއްލިއަކަށް ފައިހާ ލޯ ހުޅުވާލާފައި ދެފަރާތަށް ބޯހޫރުވަމުން އަމިއްލަ ނަފްސަށް ބުނަމުން ދިޔައީ އެހެން ވެގެން ނުވާނެކަމަށެވެ. އޭނާ ޔާނިއުއާމެދު ވިސްނައިގެން ނުވާނެއެވެ. އެދުވަހު ފައިހާ އެންމެ ގާތް އެކުވެރިންތަކަކާއެކު ކެފޭއަށް ގޮސް ޔާނިއުއާ އެކު ދިމާވި ހާދިސާގެ ވާހަކަ ދައްކަން އުޅެފަވެސް އެވާހަކަ ނުދެއްކީ އޭނާ އެކަމާ ވިސްނަން ބޭނުންނުވާތީއެވެ.
“ފައިހާ ހަވީރު ސައިވެސް ނުބޯ ދުވަހަކީތަ؟” ފައިހާގެ މަންމަ އޭނައަށް ގޮވާލަމުން އަނހާލިއެވެ.
“ލައްބަ މަންމާ އަދި މެންދުރު ކެއިތާ މާގިނަ އިރެއްވެސް ނުވެއެއްނު. ބަޑުހައިވެސް ނުވޭ” ފައިހާ ޖަވާބު ދެމުން ބުންޏެވެ.
“މިބުނީއޭ މިކުއްޖާ ކާއެއްޗެއްސާ މިހާ ދުރުން މިއުޅޭގޮތެއް މަށަކަށް ނޭގެ. ގައިގާ ހަކަތައެއްވެސް ހުންނީ ބަތްކޮޅެއް ކާލައިގެންނެއްނު” ފައިހާގެ މަންމަ ފައިހާ އޮތް އުނދޯލި ކައިރިއަށް އަންނަމުން ބުންޏެވެ.
“މަ ންމާ. ކިހިނެތް ބަތްކާނީ ނުބައި އެއްޗެއް” ފައިހާ އުނދޯލިން ތެދުވަމުން ބުންޏެވެ.
“ދަރިފުޅާ ބަލާބަލަ މީހާއަށް ވާގޮތް. ހިކިވެގެންގޮސް ބާރު ވައިރޯޅިއެއް ޖެހުނަސް ހީވަނީ އުދުހިގެން ގޮސްދާނެހެންވިއްޔާ” ފައިހާއަށް ހަށިގަނޑަށް އިޝާރަތްކޮށްލަމުން ފައިހާގެ މަންމަ ބުންޏެވެ.
“މަންމާ. މިއަދު ހަވީރު އެއްވެސް ތަނަކަށް ނުދަންތަ؟ ފައިހާ ވާހަކަ ބަދަލުކޮށްލަމުން ސުވާލުކޮށްލިއެވެ.
“ވާހަކަ ބަދަލުކޮށްލީ ދޯ؟ ހޫނ. މިއަދު މަންމަ ކުޑަކޮށް ވަރުބަލިކޮށް މިއުޅެނީ. ދަރިފުޅު ބޭނުމިއްޔާ ކުޑާއްތައާއެކު ދާންވީނު” ފައިހާގެ މަންމަގެ އެއްބަނޑު ހުރި ހަމައެކަނި ކޮއްކޮއާ އެކު ދިއުމަށް ބުނަމުން ފައިހާއަށް ޖަވާބު ދިނެވެ.
“މަންމާ މިދަނީ އެހެންވީމާ ފެންވަރަން. ކުޑާއްތައަށް ގުޅާލާފަ ދާނީ. މަންމަ މިތާ އޮށޯވޭ” އުނދޯލިން ތެދުވަމުން ފައިހާ ބުންޏެވެ.
“ދަރިފުޅާ އިހަށް އިށީދެބަލަ. ދެ ދުވަހެއް ވަރު މިވަނީ ދަރިފުޅު ކޮންމެވެސް ބޮޑު ފިކުރެއް ކުރާހެން މަންމައަށް އެބަހީވޭ. މަންމަ އަށް ރަނގަޅަށްތަ މީހީވަނީ” ފައިހާ އަތުގައި ހިފާ އުނދޯލީގައި އަލުން ބައިންދަމުން ފައިހާގެ މަންމަ ރަޝިދާ ބުންޏެވެ.
“ނޫން މަންމާ. އެއްވެސް ކަމަކާ ނުވިސްނަން. ސެމިސްޓަރ ޓެސްޓްތަކާ މިވިސްނަނީ. ކިޔެވުން އިތުރަށް ރަނގަޅުކުރަން އެބަޖެހޭ” މަންމައަށް ފުރަތަމަ ފަހަރަށް ހަޤީޤަތް ފޮރުވަމުން ފައިހާ ބުންޏެވެ.
“އާނ. ދަރިފުޅާ ޓީޗަރުން ތަމްރީނުކުރާ ކޯސް ހަދާއިރު ވަރަށް ރަނގަޅަށް މަސައްކަތްކުރަންވާނެ. ކޯހުން ރަނގަޅު ނަތީޖާއެއް ލިބޭތޯ ބަލަންވާނެ” ފައިހާ އަށް ހިއްވަރު ދެމުން މަންމަ ރަޝީދާ ބުންޏެވެ.
“މަންމާ. ދެން ދަނީ ފެންވަރަން. އަވަހަށް ބޭރަށް ދެވޭނީ އޭރުންނެއްނު” މަންމަގެ ކުރިމަތީގައި ގިނައިރު ނުހުންނަން ބަހަނާއަކަށް ހަދަމުން ފައިހާ އެތަނުން ދަމުން ބުންޏެވެ. ފައިހާ ދިޔަމުން ފައިހާގެ މަންމަ ރަޝީދާ ވިސްނާލިއެވެ. އޭނާގެ ދަރި އޭނައަށް މިފަހަރު ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއެވެ.
“އަނެއްކާ މަގޭ ދަރިއަށް ކަމެއް ދިމާވީބާ؟” ރަޝީދާއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ.
“ނޫން. މަގޭ ދަރިއަށް ބޮޑު ކަމެއް ދިމާވެއްޖެއްޔާ މަގޭ ކައިރީގައި ބުނާނެ” ރަޝީދާއަށް އޭނަގެ ދަރިއާމެދު އޮތް ޔަގީންކަން އަލުން އާކުރިއެވެ.
*****************
ޔާނިއުއާއި އަރީން ސައިކަލުގައި ދިޔައީ ރަށުގެ މެދުތެރޭގައި ހަދާފައިވާ ޔާނިއުގެ ގެއަށެވެ. އެގެއަކީ ރަށުގައި އެންމެ ފެންވަރު ރަނގަޅުކޮށް 2 ބުރިއަށް ހަދާފައިވާ ގެއެވެ. ގޭގޭ ދޮރާށިން ވަދެގެންދާއިރު ދެފަރާތުގައި އޮންނަނީ ތަފާތު ކުލަކުލާގެ ރީތި ގަސްތައް ހައްދާފައެވެ. އަދި ގޯތީގެ އެއް އަރިމަތީގައި އުނދޯލިގެއެއް ހުރެއެވެ. އުނދޯލިގޭގެ ތެރޭގައި ޖޯލިތައްވެސް ހުރެއެވެ. ގޭގައި ޖުމްލަ 5 ކޮޓަރި ހުރެއެވެ. ޔާނިއުގެ ކޮޓަރި ހުންނަނީ 2 ވަނަ ބުރީގައެވެ. ގޭގެ ސިޓިންގ ރޫމްއަށް ޔާނިއު އާއި އަރީން ވަނީ ސަލާމް ގޮވުމަށްފަހު އެތެރިން ޖަވާބު ދެމުންނެވެ. ކުޑައިރުއްސުރެ ޔާނިއު
ތަރުބިއްޔަތުވެފައިވަނީ އިސްލާމީ ރިވެތި އާދަތަކުގެ މަތީގައެވެ. ސިޓިން ރޫމުގެ ސޯފާގައި ތިބީ ޔާނިއުގެ މަންމަ ފާތިމަތު ނިޝްރީންއާއި ބައްޕަ މުޙައްމަދު މަންސޫރު ކޮންމެވެސް ކަމަކާ މަޝްވަރާކުރުމުގައެވެ.
“ދަރިފުޅާ. އަރީންއާ ދެމީހުން މިތާ އިށީދެބަލަ” ޔާނިއުގެ ބައްޕަ މަންސޫރު ހިތުންވުމަކާއެކު ބުންޏެވެ.
“ބައްޕާ. އަނެއްކާ މާބޮޑު ކަމެއްވީތޯ؟” ޔާނިއު ކުޑަކޮށް ހާސްކަމާއެކު ބުންޏެވެ.
“ބޮޑު ކަމެއް ނުވިޔަސް ދަރިފުޅާ ބައްޕަ ކޮންމެ ކަމަކާވެސް މަޝްވަރާކުރަމެއްނު. މިދައްކަނީ ދަރިފުޅު މާދަމާ މާލެދިޔައިމާ ބައްޕަމެން ހާދަ ފޫހިވާނެއޭ. އަރީންވެސް ޔާނިއުއާއެކު ދޭވިއްޔަ. އެހެން ނޫންނަމަ އަރީން މިގެއަށް ކޮންމެ ދުވަހަކު އަންނާނެ” ޔާނިއުގެ ބައްޕަ މަންސޫރު ބުންޏެވެ.
“އަޅުގަނޑު އީދު ޗުއްޓީއަށް މިއައީވެސް ބައްޕައާއި މަންމައާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށް. މިހާރުދެން މިއަހަރު ނިމުނީމާ ކޯސްވެސް ނިމޭނެނު ބައްޕާ” ޔާނިއު ވަރަށް ޅަގޮތަކަށް ބުންޏެވެ.
“ދަރިފުޅު ބިޒްނަސް ކޯސް ނިންމާފައި ރަށަށް އައީމާ ބައްޕަ ވިޔަފާރީގެ ކަންކަން ދަރިފުޅާ ޙަވާލުކޮށްފައި ދެން ގޭގަ ހުންނާނީ. ދަރިފުޅުވެސް މިހާރު 20 އަހަރުވެޖެ. ތީ ބޮޑު ކުއްޖެއް މިހާރު. ބައްޕައަށް ޔަޤީން ދަރިފުޅަކީ ޒިއްމާނެގޭ ޒިއްމާދާރު މީހަކަށް ވާނެކަން” މަންސޫރު އޭނާގެ ދަރިފުޅާ މުޚާތަބުކޮށް ބުންޏެވެ.
“ބައްޕާ ތިކަމާ ވާހަކަ ދައްކަން ފެންނަނީ އަދި ފަހުން. އަދި ކިޔަވާވެސް ނުނިމޭ. އެހެން ނޫނަސް އަހަރެން ޖެހޭނެ ކުންފުނީގައި ދުވަސްކޮޅަކު ބައްޕައާއެކު އުޅެ ތަޖުރިބާވެސް ހޯދަން. ދެއްތޯ މަންމާ” ޔާނިއު އޭނާގެ ބައްޕައަށް ލަފާދެމުން މަންމަގެ ރުހުންވެސް ހޯދިއެވެ.
“ދަރިފުޅު އެބުނީ ރަނގަޅު ވާހަކައެއް”
“އެންމެ ރަނގަޅު. ދަރިފުޅު ރަނގަޅަށް ކިޔަވާ ރަނގަޅު ކާމިޔާބެއް ލިބޭތޯ ބަލާ” މަންސޫރު އޭނަގެ ދަރިފުޅާ އެއްބަސްވުމުގެ ގޮތުން ބުންޏެވެ.
“އަރީން ދަތުރަށް ތައްޔާރުވެއްޖެތަ؟” މަންސޫރު ޔާނިއުގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަރީން ކުރެން އެހިއެވެ.
“ލައްބަ ޔާނިއު ބައްޕާ. އަޅުގަނޑު ހަމަ މުޅީން ތައްޔާރުވެފައި ހުރީ. ޔާނިއު ހީވަނީ އަދި ބައެއް ކަންކަން ނުނިމޭހެން” ޔާނިއުއާ ދިމާލަށް ލާނެތްގޮތަކަށް ބަލާލަމުން އަރީން ބުނެލިއެވެ. އެވަގުތު ޔާނިއު އަރީންގެ ފައިގައި ވިކައިގަތެވެ. އަދި ލޯއަޅާލިއެވެ. އަރީންއަކީ ޔާނިއުގެ އެންމެ ގާތް ރަހުމަތްތެރިއާކަމުގައި ވީނަމަވެސް މަންސޫރުގެ ދެމަފިރިން އަރީން ބަލައިގަންނަނީ ދަރިއެއް ފަދައިންނެވެ.
” ތެދެއް ދަރިފުޅާ. ކޮންކަމެއް ނުނިމެނީ” މަންސޫރު ވެސް އެކުދިންގެ ސަމާސާގައި ބައިވެރިވިއެވެ.
:ބައްޕާ މިއަރީން ދައްކާ ވާހަކަ ގަބޫލުނުކުރައްވާ؟ ޔާނިއު އަރީންއާ ދިމާލަށް ލޯއަޅާލަމުން ބުނެލިއެވެ.
“އަރީން. މިއޮތީ އަރީންގެ ދަތުރަށް ތައްޔާރުވުމަށް އަހަރެންދޭ ހަދިޔާއެއް. މީގަ ހިފާބަލަ” އަރީންއާ ދިމާލަށް ފައްސަތޭކަ ރުފިޔާގެ ފައިސާ ބޮޑިއެއް ދިއްކޮށްލަމުން މަންސޫރު ބުންޏެވެ.
:ޔާނިއު ބައްޕާ. އަޅުގަނޑުގެ ދަތުރަށް ހަމަ މުޅިން ތައްޔާރުވެފައި މިހުރީ. އަރީން އެފައިސާގައި ނުހިފަން ބަހަނާ ދެއްކިއެވެ.
“ނޫން އެހެންވިސް މީގަ ހިފާ އަރީން މީ ހަމަ ކުޑަ ހަދިޔާއެއް” މަންސޫރު އަރީންގެ އަތުގައި އެފައިސާ ލިއެވެ.
“ބައްޕާ އަޅުގަނޑު މިދަނީ ފެންވަރާލަން އިނގޭތޯ ކޮޓަރިއަށް” ޔާނިއު އޭނާގެ ބައްޕައަށް ބުންޏެވެ.
“އަޅުގަނޑުވެސް މިދަނީ ގެއަށް ދާން” އަރީން އެހެން ބުނެލާފައި ދާން ހިނގައިގަތެވެ.
***************************
ފައިހާ އޭނާގެ ކުޑާއްތައާ އެކު ހިނގާލަން ދިޔައީ ރަށުގެ އަލަށް ބިން ހިއްކާ ސަރަޙައްދު ބަލާލާށެވެ. ފައިހާގެ ކުޑާއްތައަކީ އޭނާގެ ދައްތައަކަށްވުރެ ބޮޑަށް ރައްޓެއްސެއްވެސް މެއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ފައިހާ މިއަދު ވާހަކަ މަދުކަން ފައިހާގެ ކުޑާއްތަ ހީނާއަށް ފާހަގަކުރެވުނެވެ.
“އޭ ފައި. މިއަދު ގޭގައި ކަމެއް ހިނގީތަ؟ މާވާހަކަ މަދުވެފައި ހުރީމަ” ފައިހާގެ ކުޑާއްތަ ހީނާ ސުވާލުކޮށްލިއެވެ.
“ނޫނޭ. ތީ ކުޑާއަށް ހީވިގޮތެއް. ގޭގައިއެއްވެސް ކަމެއް ނުވޭ” ފައިހާ ކަމެއް ނުވާކަން ދައްކަމުން ބުނެލިއެވެ. ކުއްލިއަކަށް ފައިހާގެ ފޯން ރިންގުވާން ފަށައިފިއެވެ. ފައިހާ އަތް ދަބަހުން ފޯނުނަގާ ބަލާލިއިރު ފޯނުކުރަނީ ދަންނަ ނަންބަރަކުން ނޫނެވެ. އެހެންވެ ފޯނު އަލުން ޖީބަށްލާން އުޅެފަވެސް ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ. ފޯނުން އިވުނު އަޑު ކަންފަތުގައި ޖެހުމާއެކު ފައިހާ ކުއްލިއަކަށް ސިހިގެން ދިޔައެވެ.
(ނުނިމޭ)
7 Comments
Comments are closed.
Mi part ves v reethi..anekka eii yaaniu tha?
im 2nd dhw
mi story gaa kihineve areen kiyaa kugeh eananee…
ok .ok .hadhaavehge . ey eid duvahu fenkulhikulhnukuge dhw………….
im sorry …yarn rulhi anna evs eche othiyaa ……im so sorry….ly…madhukobaa 1.2.3kiyaafin hurihaa part vshama habaes….vvvvv .reethi…masha allah …………ly so mach…4 vana part kiyanmiulhnee……….by ………
hahahaha ….been yarn rulhi anna evs vaahakaeh nubuney dhw yarn…….
hahahaha ….been yarn rulhi anna evs vaahakaeh nubuney dhw yarn…….by… been….
????v.reethi…… next part……?????