Skip to content
އެސްފިޔަ

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ 03

ކާވެނިފުޅު

ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި ކާވެނިފުޅު ބައްލަވައިގެންނެވުމުންގެ ކުރިން އިތުރު އެކަލޭގެފާނަށް ހުވަފެންފުޅުގައި، ޖިބްރީލުގެފާނު ވަޑައިގެން އެކަމަނާގެ ސޫރަފުޅު ދައްކަވައި ވިދާޅުވިއެވެ. މިއީ ކަލޭގެފާނުގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ. މި ޙަދީޘް ޝަރަޙަ ކުރައްވައި ބައެއް މުޙައްދިޘުން ވިދާޅުވާ ގޮތުގައި ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި ކާވެނިފުޅު ބައްލަވައިގެންނެވީ މިހުވަފެންފުޅުގެ ޒަރީޢާއިން ލިބިވަޑައިގެންނެވި އިލާހީ ޢަމުރުފުޅަކުންނެވެ. އެހެނީ ނަބީބޭކަލުންގެ ހުވަފެންފުޅަކީ ވަޙީ ކަމަށް ރިވާވެފައިވާ ޙަދީޘްތައް ހުންނަކަމަށްޓަކައެވެ.

عبد الله ابن عباس رضى اللّـه عنــه ،  ގެ އަރިހުން ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم، ކާވެނިބެއްލެވި ހަމައެކަނި ބިކުރުވެރި ބޭކަނބަލަކީ السّيّدة عائشة رضى اللّـه عنــها، އެވެ. މިދެންނެވި ބަސްފުޅުން އެހެން އޮތީ، ރަސޫލާ ކާވެނިބެއްލެވި އެންމެހައި ބޭކައުކަނބަލުންނަކީ އެހެންނާ ހުވަފަތްވެފައިވާ ބޭކަނބަލުންނެވެ. އެހެންނާ ވަރިކުރައްވާފައިވާ ބޭކަނބަލުންނެވެ. ނަމަވެސް السّيّدة عائشة رضى اللّـه عنــها، އަކީ އެއްވެސް މީހަކާއި ކާވެނިބައްލަވައި ނުގެން އިންނެވި އަންހެން ބޭކަނބަލެކެވެ.

އިމާމު ބުޚާރީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަހަރެން ރަސޫލާ صلّى اللّـه عليه وسلّم، އަށް ދެންނެވީމެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ހަނަފަސްބިމަކަށް ވަޑައިގެންނެވިއިރު، އެތަނުގައިވަނީ ދެގަހެވެ. އެދެގަހުގެ ތެރެއިން އެއްގަހުގެ މޭވާވަނީ ކުރިން ކޮންމެވެސް މީހަކު ބޭނުންކޮށްފައެވެ. އަނެއްގަހަކީ އެގަހުގެ މޭވާ އެއްވެސް  މީހަކު ބޭނުންކޮށްފައިވާ ގަހެއްނޫނެވެ. އެހެންކަމުގައިވާނަމަ ކަލޭގެފާނުގެ އެދެގަހުގެ ތެރެއިން ކަލޭގެފާނުގެ ޖަމަލު ހުއިހެއްޕެވުމަށް ބޭނުންކުރައްވާނީ ކޮންގަހެއްތޯއެވެ؟ ރަސޫލާ صلّى اللّـه عليه وسلّم، ޙަދީޘް ކުރެއްވިއެވެ. އެގަހުގެ ބޭނުން އެއްވެސް މީހަކުކޮށްފައިނުވާ ގަހެކެވެ.”

މިރިވާޔަތުގެ ރާވީ ވިދާޅުވެފައިވެއެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ މަޤްޞަދަކީ ރަސޫލާ صلّى اللّـه عليه وسلّم، ކާވެނިބައްލަވައިގެންނެވި ބިކުރުވެރި ބޭކަނބަލަކީ އެކަމަނާކަން ހާމަކުރެއްވުމެވެ.

صفی الرحمن مبارکپوری  އޭނާ ލިޔުއްވި الرحيق المختوم އޭ ކިޔުނު ސީރަތުފޮތުގައި ލިޔުއްވާފައިވެއެވެ. ނަބީކަމުން 11 ވަނަ އަހަރުގައި ނަބިއްޔާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އާއި ކާވެނިބައްލަވައިގެންނެވިއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ، 6 އަހަރުފުޅެވެ. އެކަމަނާގެ އަރިހުގައި ކައުއިތުރު ރަސޫލާ ރޭކުރެއްވީ ހިޖްރައިން އެއްވަނަ އަހަރުގެތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 9 އަހަރުފުޅެވެ.

މިދެންނެވި ރިވާޔަތުން ދޭހަވަނީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަކީ ނަބިއްޔާ صلّى اللّـه عليه وسلّم، ތިންވަނައަށް ކާވެނިފުޅު ބަލައްވައިގެންނެވި ކަމަނާކަމުގައެވެ. އެހެނީ، صفی الرحمن مبارکپوری ، الرحيق المختوم  ގައި ލިޔުއްވާފައިވަނީ ކައުސާހިބާ أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها،  އާއި ކާވެނިފުޅުބައްލަވައިގެންނެވީ ނަބީކަމުން ދިހަވަނަ އަހަރުގެ ޝައްވާލުމަހުގެ ތެރޭގައިކަމުގައެވެ. ޖުމްހޫރު ޢިލްމުވެރިންގެ ނަޒަރިއްޔާއަކީވެސް މިއީއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ ކުރިން ރަސޫލާ صلّى اللّـه عليه وسلّم، ކާވެނިފުޅު ބައްލަވައިގެންނެވި أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އަކީ ނަބީކަމުގެ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. އިސްލާމްވުމުގެ ސަބަބުން މައްކާގެ މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާތަކަށް ކެތްކުރައްވަން ދަތިފުޅުވުމުން ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ ބުރަވެސް އުފުއްލަވައިފައި އިންނެވި ބޭކަނބަލެކެވެ. އޭރު އެކަމަނާއާއި ކާވެނި ބައްލަވައިގެން ހުންނެވީ އެކަމަނާގެ ދެބެއިންގެ ދެދަރިބޭކަލެއްކަމުގައިވާ السَّكْران بن عَمْرو رضى اللّـه عنــه ، އެވެ.

އޭގެދެކަނބަލުން، ޙަބަޝާއަށް ވަޑައިގެން އެނބުރި މައްކާއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީ السَّكْران بن عَمْرو رضى اللّـه عنــه ،އަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގައި އަވަހާރަވެއްޖެއެވެ. އޭރު އެދެކަނބަލުންނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެ ދަރިކަލުންގެ ނަންފުޅަކީ ޢަބްދު ރަޙްމާންއެވެ. އޭރު أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އަކީ ޢުމުރުފުޅުން ދުވަސްފުޅުވެ މުސްކުޅިފުޅުވެފައިވާ ބޭކަނބަލެކެވެ. އެހެންކަމުން މަދަނީ ދައުރުގައި އެކަމަނާވަނީ ރަސޫލާ އެކަމަނާއަރިހުގައި ރޭކުރައްވަން ހަމަޖެހިފައިވާ ދުވަސްތައް أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަށް ދެއްވާފައެވެ. މިކަމުންވެސް ކައުސާހިބާގެ ކާވެނިފުޅުތަކާމެދު އިޢުތިރާޟުކުރާ މީހުންނަށް ވަރަށް ބޮޑު ރައްދެއްލިބެއެވެ.

އުމުރުފުޅުގެ ގޮތުން ބަލާއިރު، أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އަކީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަށްވުރެ ދޮށީ ބޭކަނބަލެކެވެ. އެދެކަނބަލުންގެ އުމުރުފުޅުގެ ތަފާތު ވަރަށްބޮޑެވެ. ނަމަވެސް އޭގެ ދެކަނބަލުންގެ ދެމެދުގައި އޮތީ ވަރަށް ރިވެތި ސުލޫކެކެވެ. أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، ދުވަހަކުވެސް، أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ކޯފާއިސްވާއެއްވެސް ކަމެއް ނުކުރައްވައެވެ. އެކަމަނާއަށް ވަރަށް ހެޔޮފުޅުކޮށް ހިއްތަވާ ހެއްދެވިއެވެ.

ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އާއި ކާވެނިބައްލައިގެންނެވުމަށްފަހު އެކަމަނާ އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންނެވި ގަނޑުވަރަށް ގެންދެވިއެވެ. އެއީ އެކަލޭގެފާނުގެ ގެކޮޅުގެ ކަންތައްތައް އިންތިޒާމު ކުރެއްވުމަށާއި އެކަލޭގެފާނުގެ ތުއްޕުޅު ދެދަރިކަނބަލުންގެ ބެލެހެއްޓެވުމަށެވެ. أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އަކީ އެފަދަ ކަމަކަށް އެންމެ އެކަށޭނަ އެއްބޭކަނބަލެކެވެ. ވަރަށް ގެވެހި ހިންގުންތެރި ބޭކަނބަލެވެ. އޭރު ރަސޫލާގެ ދެދަރިކަނބަލުން فَاطِمَةَ الزَّهْرَاءِ رضى اللّـه عنــها، އާއި أمّ كُلثُوم رضى اللّـه عنــها، އަށް ވަނީ މައިކަނބަލުންނާއި ވަކިވެވަޑައިގެންނެވުމުގެ ހިތާމަފުޅާ ކުރިމަތިވެވަޑައިގެންފައެވެ. އެދެކަނބަލުންގެ ދޮށީ ދެދައިތާފުޅުން އޭރު ތިއްބެވީ އެދެކަނބަލުންނާއި ވަކިންނެވެ. ކާވެނިފުޅު ކުރައްވައިގެންނެވެ.

زينب بنت رسول الله صلّى اللّـه عليه وسلّم އިންނެވީ أبو العاص بن الربيع އިސްމަތުގައި، އޭނާގެ ގެކޮޅުގައެވެ. رُقيّة رضى اللّـه عنــها، އާއި عثمان بن عفَّان رضى اللّـه عنــه  ކާވެނިބައްލަވައިގެން އޭގެ ދެކަނބަލުން ތިއްބެވީ ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވެ. އެހެންކަމުން ރަސޫލާގެ ގެކޮޅުގައި ކަންތައްތައް ބެލެހެއްޓެވުމަށް ހުންނެވީ ތުއްޕުޅު ދެދަރިކަނބަލުންނެވެ. ނަމަވެސް أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، ރަސޫލާއާއި ކާވެނިބައްލަވައިގެން އެކަމަނާ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ދެދަރިކަނބަލުންނަށް އެހީތެރިވެވަޑައިގެންނެވިއެވެ. އޭރު أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަކީ ތުއްޕުޅުބޭފުޅަކަށްވަނީ އެކަމަނާ އިންނެވީ އެކަމަނާގެ ބައްޕާފުޅު أبوبكر الصّدّيق رضى اللّـه عنــه ، ގެ ގެކޮޅުގައެވެ.

 

ކާވެނިފުޅާ ގުޅޭގޮތުން ދުޝްމިނުން ކުރާ އިޢުތިރާޟް

أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ ކާވެނިފުޅާ ގުޅޭގޮތުން ދީނުގެ ދުޝްމިނުން ވަރަށް ގިނަ ނޭދެވޭ ވާހަކަތައް ދައްކައެވެ. ވާހަކައަކީ މި ޒަމާނުގެ ޢިބާރާތަކުން ދަންނަވާނަމަ “މާފަހުން ވިހާފައިވާ” ވާހަކަތަކެވެ. އެވާކަތައް ފުޅާކޮށް “ގުރާ” ގޮވާހެން ދެއްކުންވަނީ ޢާއްމުވެފައެވެ. އެބައިމީހުން މިކަން ކުރަމުންގެންދަނީ ދުލާއި ޤަލަމުންނެވެ. ބަހާއި ޢަމަލުންނެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު އެގޮވެލިފަތީގައި ދަނީ ޒަމާނީ ކުލަޖެހެމުންނެވެ. އިންސާނީ ޙައްޤުތައް އައްޑަނައަކަށް ހަދައިގެންނެވެ. ނަމަވެސް ވާހަކައަކީ އެއް ވާހަކައެކެވެ.

އެގޮތުން އެބައިމީހުން ދައްކާ އެއްދަލީތަކީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ކާވެނިފުޅު ކުރެވުނުއިރު އެކަމަނާގެ ޢުމުރުފުޅުގެ ހަގުކަމެވެ. ޙަޤީޤަތުގައި ދަންނަވާނަމަ އެއީ އެއްވެސް ދައުވާ އަކަށް ނުވާ ކަހަލަ ދަޢުވާއެކެވެ. އެހެނީ އެ ޒަމާނުގެ ޢަރަބީންނަކީ ވަރަށް ޅައިރުގައި ކާވެނިކުރާބައެކެވެ. އެގޮތުން أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ރަސޫލާއާއީ ކާވެނި ބެއްލެވުމުގެ ކުރިން އިންނެވީ ޖުބައިރު ބިން މުތުއިމްއާއި ޚިތުބާ ކުރެވިފައެވެ. އެވާހަކަ އިސްވެހިނގައްޖެއެވެ.

މި ދައުވާއަށް ދެވިދާނެ އިތުރު ރައްދަކީ އޭރުގެ ޢަރަބީންނަށް ރަސޫލާ صلّى اللّـه عليه وسلّم އެކުރެއްވި ކާވެނިފުޅަކީ ޒަމާނާއި ތަނާއި ނުގުޅޭ އަޚްލާޤީގޮތުން ދަށްފެންވަރުގެ ކަމެއްނަމަ އެކަން އޭރު އިސްލާމްދީނުގެ ދުޝްމަނުން ޖޯކަކަށް ހަދައިގެން ނުވަތަ އިޢުތިރާޟަކަށް ހަދައިގެން ނުދެއްކީ ކީއްވެގެން ބާވައެވެ. މިކަމުން ދޭހަވީ އޭރުގެ މުޖުތަމަޢުގައި އެއީ ހުތުރު ކަމެއް ނޫންކަމެވެ. ހަމަ ވަރަށް އާދައިގެ ކަމެއްކަމެވެ.

ތިންވަނަ ރައްދަކީ، އޭރުގައި ފޮތުގެ އަޙްލުވެރިންގެ ތެރޭގައިވެސް އެހައި ޅަޢުމުރުގައި ކާވެނިކުރުމަކީ އާއްމުކަމެވެ. އޭގެ އެއްދަލީލަކީ އުންމުލް މުއުމިމީން ޞަފިއްޔަތުގެފާނެވެ. އެކަމަނާއަކީ ބަނީ ނަޟީރުވަންހައިގެ ރައީސް ހުޔައްޔު ބިން އަޚްތަބުގެ ދަރިކަނބަލެވެ. އެކަމަނާ އެންމެ ފުރަތަމަ ކާވެނިފުޅުކުރެއްވި އިރު އުމުރުފުޅަކީ 11 އަހަރުފުޅެވެ. ބައްޕާފުޅު އެކަމަނާގެ ކާވެނިފުޅުކޮށްދެއްވީ ޔަހޫދީންގެ ބޮޑެއްކަމުގައިވާ ސައްލާމު ބިން މިޝްކަމުއާއެވެ . މިއީ ހުތުރުކަމެއް ނަމަ ބައެއްގެ ތެރޭގައި ތިބި ބޮޑުންގެ ބަޔަކު ތިމާގެ އިން އަންހެންދަރިއަށް އެހެން ހަދާނެ ބާވައެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ގެ ކާވެނިފުޅު ކުރެވުނުއިރު އެކަމަނާއަކީ ތުއްޕުޅު ބޭފުޅަކުކަމުގައިވިޔަސް އެކަމަނާ އަރިހުގައި ރަސޫލާ صلّى اللّـه عليه وسلّم ރޭކުރެއްވީ އުމުރުފުޅުން 9 އަހަރު ފުރިހަމަ ވުމަށްފަހުއެވެ. އޭރު އެކަމަނާއަކީ މިޒަމާނުގައި މިހެދިފައިވާ ޤާނޫނުތަކަށް ބަލައި ކުޑަކުއްޖެކޭ ދެންނެވި ދާނެއެވެ. އެއީ އަޅުގަނޑުމެން މިކިޔާ 18 އަހަރު ނުވާތީއެވެ. ނަމަވެސް ޙަޤީޤަތަށް ދަންނަވާނަމަ އޭރު އެކަމަނާއަކީ ޖިސްމާނީގޮތުން ހެދިފޯދިފައިވާ ބޭކަނބަލެކެވެ. ކާވެނިފުޅަކަށް ތައްޔާރުވެފައިވާ ބޭކަނބަލެކެވެ. ހޫނު އަބުހަވާގައި ދިރިއުޅޭ ދިރޭތަކެތީގެ ހެދިބޮޑުވުމުގައި އަވަސްކަން މިޒަމާނުގެ ސައިންސްއިންސުންވެސް ސާބިތުވާކަން ކުރިން ދެންނެވިފައި ވާނެއެވެ.

މިކާވެނިފުޅާ ވިދިގެން މުސްތަޝްރަޤުންގެ އަނެއް ދައުވާއަކީ ރަސޫލާ صلّى اللّـه عليه وسلّم އަކީ ޝަހްވަތްތެރިކަން ގަދަބޭކަލެކޭ ބުނުމެވެ. އޭގެ ސަބަބުން މީހެއްގެ އިން ޅަދަރިއަކާއި ކާވެނިބެއްލެވީއެވެ. މިއީވެސް ކޯޓުން ބޭރު ދައުވާއެވެ. އަސްލެއްނެތް ވާހަކައެކެވެ. އިތުރު ރަސޫލާއަކީ އެހާ ޝަހްވަތްތެރިކަން ބޮޑު ބޭފުޅެއްނަމަ ޢުމުރުފުޅުން 25 އަހަރުފުޅުގައި 40 އަހަރުފުޅުގެ ޚަޖީޖަތުގެފާނާއި ކާވެނިބެއްލެވީސް ބާވައެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނު އިޚްތިޔާރު ކުރައްވާނި އެއަށްވުރެ ޒުވާން ބޭނބަލެކެވެ. އަދި އޭރު ޚަދީޖަތުގެފާނަކީ އެހެން ދެކާވެނިފުޅެއްވެސް ކުރައްވައި ދަރިކައުކަނބަލުން ލިބިވަޑައިގެންފައި އިންނެވި ސާހިބެކެވެ.

ޚަދީޖަތުގެފާނު ފުރައުއްތަވުމަށްފަހު، ރަސޫލާ ކާވެނިބައްލަވައިގެންނެވީ ޢުމުރުފުޅުން ދުވަސްފުޅުވެފައިން އިންނެވި ބޭކަނބަލަކާއެވެ. أمّ المؤمنين السّيّدة سَوْدَةَ بِنْتَ زَمْعَةَ رضى اللّـه عنــها، އާއެވެ. ހިޖުރައަށް ވަޑައިގެންނެވިފަހު އެކަމަނާގެ މުސްކުޅިފުޅުކަމުން ރަސޫލާގެ އަރިހުގައި ރޭކުރައްވަން ހަމަޖެހިފައިވާ ދުވަސްތައް އެކަމަނާވަނީ أمّ المؤمنين السّيّدة عائشة رضى اللّـه عنــها، އަށް ދެއްވާފައެވެ. އެކަމާ ވިދިގެން ނިސާސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވިއެވެ.

وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا﴿١٢٨﴾

ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــها، ފިޔަވައި ދެން ރަސޫލާ ކާވެނިބައްލަވައިގެންނެވި ހުރިހާ ބޭކަނބަލުންނަކީވެސް ހުވަފަތްވެވަޑައިގެންފައި ތިއްބިވި ބޭކަނބަލުންނެވެ. ނުވަތަ ވަރިކުރެވިފައިވާ ބޭކަނބަލުންނެވެ. އެކާވެނިފުޅުތަކުގެވެސް މައިގަނޑު މަޤްޞަދަކީ އެބޭކަނބަލުންނަށް އެހީތެރިވެދެއްވުމެވެ. ލިބިފައިވާ ހިތާމައަކުން ސަލާމަތްކޮށްދެއްވުމެވެ.

{ނުނިމޭ}

Comments (4)

  1. Lotus

    Really liked it. Keep it up
    Waiting for next part

  2. Blue princess

    Maasha Allah. V reethi waiting for next part

  3. Hudher

    Maasha allah dear nyc part ??

  4. Rayaa

    Ithuru baeh nehtha. V kiyaahiy vey.

Comments are closed.