މައިދައިތަ
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޖެހެމުންދާ ތާޒާ ވައިރޯޅީގެ ތާޒާކަން ލިބިގަތުމަށްޓަކައި އަތިރި މައްޗަށްދާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް ޒިލާލް އާއި ލުބާ ތިބީ ރަށުގެ ތުނޑީކޮޅުގައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވާނެ ހިސާބެއްގައެވެ. ލުބާ އިނީ ޒިލާލްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ.
ޒިލާލް އާއި ލުބާ އަކީ ދެ ލޯބިވެރިންނެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. ސްކޫލްދައުރު ނިންމާލުމަށްފަހު ޒިލާލް ރަށު އޮފީހަށް ވަޒީފާއަށް ވަނެވެ. ލުބާ ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. އަތްމަތި ތިޔާގިވުމުން ނޫނީ ކައިވެނި ކުރާކަށް ޒިލާލް ބޭނުމެއް ނުވެއެވެ. ނަމަވެސް ލުބާގެ ނިންމުމަށް ބަދަލެއް ނާންނާނެކަން ޔަޤީންވުމުން ޒިލާލް ކައިވެނި ކުރުމަށް ނިންމިއެވެ. ލުބާގެ ހިތްހަމަޖައްސައި ދިނުމަށްޓަކައެވެ.
“ލުބާ އަށް އެނގެއެންނު ދޯ އަހަރެން މޮމްގެ ގޮތް؟ ވަރަށް ވިސްނައިގެން އުޅޭތި. މޮމް ވަރަށް ރުޅިގަދަވާނެ. އެކަމަކު ވަރަށް ރަނގަޅުވާނެ… އަހަރެން މޮމްދެކެ ވަރަށް ލޯބިވޭ… އެއީ މީގެ ހުރިހާވެސް މީހަކީ… މޮމް ވެސް އަހަރެންދެކެ ވަރަށް ލޯބިވާނެ. އަހަރެން ހީކުރަން އަންޑަސްޓޭންޑް ވާނެކަމަށް..” ޒިލާލް މާނޭވާއެއް ލިއެވެ. “އޯ…ކަމޯން ޒީ… އައި ނޯ ދެޓް… އަހަންނަށް އޯކޭ ހަމަ. އަހަންނަށް އެނގެޔޭ މައިދައިތަ ރުއްސަން.” ލުބާ ހީލިއެވެ. ޒިލާލް ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.
ޒިލާލް އާއި ލުބާގެ ކައިވެނި ވަރަށް ކުލަގަދަ ގޮތެއްގައި ކުރެވިއްޖެއެވެ. ކައިވެނި ޙަފްލާ ނިންމާލުމަށްފަހު ލުބާ ބަދަލުވީ ޒިލާލްގެ ގެއަށެވެ. ޒިލާލްގެ ގެއަކީ ބޮޑު ގަނޑުވަރެއްހެން ހަދާފައިވާ ރީތި ގެއެކެވެ. ނަމަވެސް އެބޮޑު ގޭގައި އުޅެނީ ޒިލާލްގެ ލޯބިވާ މަންމަ ޒުބޭދާ އާއި ޒިލާލް އެކަންޏެވެ. ބައްޕަވަނީ ޒިލާލް ވަރަށް ކުޑައިރު ނިޔާވެފައެވެ.
ފަތިހުގެފިނިކަން ކެނޑި، މުޅިން އާދުވަހަކަށް އިރުއަރައިފިއެވެ.ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތެރެއިން ފުރޭނިގެންއައި އިރުގެ ރަންއަލިމޫނަށްއެޅުމާއެކު ލުބާއަށް ހޭލެވިއްޖެއެވެ. ދޮރުފޮތިތައްއެއްފަރާތްކޮށްފައި ހުރުމުގެ ސަބަބުން މުޅިކޮޓަރިތެރެއަށްވަނީއަވިވެފައެވެ. ރަނގަޅަށް ލޯހުޅުވާލެވުމާއެކު ފުރަތަމަވެސް އޭނާ އަށްބަލާލެވުނީ ގަޑިއަށެވެ. އޭރު ގަޑިން ހެނދުނު 9 ޖެހީއެވެ. ލުބާ ޒިލާލްއަށް ބަލާލިއެވެ. ޒިލާލް އޮތީ ގަދަ ނިދީގައެވެ. ލުބާ ތެދުވެ ފާޚާނާއަށްވަދެ މޫނުދޮވެލައިގެން ނުކުންއިރު ދޮރުގައި ޓަކިދޭ އަޑު އިވުނެވެ. ލުބާ ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ އޭނާގެ އެންމެގާތް އެކުވެރިޔާ ސުދާއެވެ. “އަދިކިރިޔާ ދޯ ވޭކްއަޕް ތިވީ…ރޭގަ ސުހާގުރާތު…” ލުބާ ސުދާގެ އަނގަމަތީގައި އަތްއެޅިއެވެ. “ޝޫޝްޝް!…” ލުބާ ދެފަރާތް ބަލާލިއެވެ. މައިދައިތަ ފެންނާކަށްނެތެވެ. އެހެންކަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. “މަޑުކުރައްޗޭ މަ އެބަ އަންނަން އެއްޗެހި ބަދަލު ކޮއްލައިގެން..” ލުބާ ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ.
“ހާދަ ލަހަކުން ތިހޭލީ” ލުބާ ފެނުމާއިއެކު މައިދައިތަ ޝަކުވާކުރިއެވެ. “ރޭގަ…ރޭގަ. ތަންކޮޅެއް ލަހުން ނިދުނީ…މާބޮޑަށް ވަރުބަލިވެފަ ހުރީމަ.. އެހެންވެ..” ލުބާ މަޑުމަޑުން ބުންޏެވެ. ޒުބޭދާ އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ދިޔައީމެވެ. “މިހާ އަވަހަށް ރުޅިގަނޑު ބާލަންފެށީ. އަދި މިއުޅެނީ އެއްދުވަސް ނުވެގެން.. ވަރެއްގެ މައިޓެއް…ކިހާވަރަކުން ދާނެބާ؟” މައިދައިތަ ނުކުމެގެން ދިޔުމުން ލުބާއަށް ބުނެވުނެވެ.
ލުބާ ކޮޓަރިއަށް ވަންއިރު ޒިލާލް އުޅެނީ ހޭލައެވެ. “ހާދަ މޫޑީވެފަ.. އަނެއްކާ ކިހިނެތްވީ؟” ލުބާގެ މޫނު ފެނުމުން ކަމެއް ގޯސްވެއްޖެކަން ޒިލާލްއަށް ވަގުތުން ނަގާގަނެވުނެވެ. “ކަމެއްނުވޭ… މާލަހުން ހޭލެވުނީމަ ހީވާގޮތްތީ.” ލުބާ ހިތްހަމަޖެހޭގޮތް ދައްކާލަމުން ބުންޏެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަށެވެ. މިހާރު ލުބާ އާއި ޒިލާލްގެ ކައިވެންޏަށްވެސް 5 މަސް ފުރުނީއެވެ. މައިދައިތައިގެ މިޒާޖު ލުބާއަކަށް ހަމަ އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ހުންނަނީ މާ އޯލްޑް ވިސްނުމެކެވެ. ލުބާ ކުރާ ހުރިހާ ކަމަކަށް ބެހޭނެއެވެ. ލުބާ ލާ ހެދުމަށް ބެހޭނެއެވެ. ލުބާ ކުރާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ. ކޮންމެވެސް ފާޑެއް ކިޔާނެއެވެ. ލުބާއަށް މައިދައިތައާއިއެކު އުޅުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ލުބާ ބޭނުންވީ ހުރިހާ ވާހަކައެއް ޒިލާލުއަށް ކިޔާދޭށެވެ. “ޒިލާލް ޤަބޫލު ކުރާނެބާ؟ އޭނަ ހަދާނީ ކިހިނެތްބާ؟ އަހަރެންދެކެ ފޫހިވާނީބާ؟” މިހުރިހާ ސުވާލެއް ލުބާ ނުތަނަވަސް ކުރުވަމުން ދިޔައެވެ. ލުބާ ބޭނުންވީ ކުޑަ ދުވަސްކޮޅެއް މަޑު ކޮށްލާށެވެ. ފިރިމީހާއަށް ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް އެނގޭނެކަމުގެ އުއްމީދުގައެވެ.
ލުބާ އިނީ ގޭގެ ގޯތިތެރޭގައި ބަހައްޓާފައިވާ ޖޯލިފައްޗެއްގައެވެ. ކައިރީގައި ރޯފަންތަކެއް ހުއްޓެވެ. ލުބާ އަތުގައި ފިޔޮއްސަކާއި ފަންވަތެއް އޮތެވެ. ހީވަނީ އިލޮށި މަށަނީ ހެންނެވެ. ލުބާ އިނީ ފުންޚިޔާލެއްގެ ތެރޭގައެވެ. އަތުގައި އޮތް ފިޔޮހި ފަންވަތުގައި ހިންގާލަންވެސް ނޭނގިފައި އިން ލުބާ ސިއްސައިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސުދާގެ ސަކަ ހަރަކާތަކުންނެވެ. “ސާބަސް!. ކޮން ދުނިޔެއެއްގަ…އަދިވެސް ހިޔާލީ ފޮލާ ކައްކަނީތަ؟” ސުދާ ލުބާ އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން ބުނެލިއެވެ. “ސުދާއަށް އެނގެއެއްނު މަ ވިސްނާނީ ކޮން ކަމަކާ ކަން. ތީ ހުރިހާ ކަމެއްވެސް އެނގޭ މީހަކީ” ލުބާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. “ހޫނ!…އޭ އިނގޭތަ އަހަރެން ވާހަކައެއް އަޑު އަހައިފިން… ވަރަށް ހިތާމަވެރި ޚަބަރެއް…” ސުދާގެ މޫނުމަތީގެ މަޖާ ކުލަވަރުވެސް ފޫހިކަމަށް ބަދަލުވެގެން ދިޔައެވެ. “އެހެންތަ؟ އަނެއްކާ ކޮން ވާހަކައެއް؟” ލުބާ އަތުގައި އޮތް ފަންވަތާއި ފިޔޮހި ބިންމަތީގައި ބާއްވާލަމުން ސުދާއަށް ބަލާލިއެވެ. “ލުބާގެ މައިޓްގެ ވާހަކައެއް… ބުނެފިއްޔާ ލުބާ ވަރަށް ދެރަވާނެ.. އެކަމަކުވެސް މަ ބޭނުން ބުނަން.” ސުދާ މާޔޫސްވެފައިވާ ރާގެއްގައި ބުނެލިއެވެ. “ދެން ބުނަންވީނު.. އަހަރެން އިތުރަށްވާނެ ކޮން ދެރައެއް އޮންނާނީ؟.. ބުނެބަލަ އަވަހަށް.” ލުބާ އިނީ ކެތްމަދުވެފައެވެ. “ލުބާގެ މައިޓް ލުބާގެ ގޯސް ވާހަކަ ދައްކަމުން ހިނގަނީނު… އަހަރެމެން ގެއަށްވެސް ދިޔަ.. އަހަރެންގެ މަންމަގާތު އެވާހަކަ ދައްކަނިކޮށް އަހަންނަށް އަޑު އިވުނީ.. ބުނީ ލުބާ ވަރަށް ގޯހޯ… ހޭލަނީވެސް ހިތަށް އެރި އިރަކު އޯ. މައިޓަށް އަޅައެއްވެސް ނުލަޔޯ… ނުތެދުވެ އޮތަސް ޙާލުވެސް ބަލާނުލާނެޔޯ.. އަދި ބުނި ވަރަށް ކަންނެތޭވެސް.. ވަރަށް މުޑުދާރޭވެސް..” ސުދާ ލުބާގެ މޫނަށް ބަލާލިއެވެ. އޭރު ލުބާ އިނީ ވަރަށް ރުޅި އައިސްފައެވެ. މީހާ ހީވަނީ ފުފިދާނެހެންނެވެ. “އަހަރެން ހިޔެއްނުކުރަން ދުވަހަކުވެސް މީހުންގާތު އަހަރެންގެ ވާހަކަ ދައްކަމުން އެދައިތަ ހިނގާފާނެ ކަމަކަށް. އެކަމަކު އެކަންވެސް އެކުރީތާ.. ދެން މަށެއްވެސް ނުހުންނާނަން މަޑެއްކޮނެއް. މަބަލާލާނަން ކާކަށްތޯ ވާހަކަ ދެއްކެނީ… ހުރެބަލަ.. މަބަލާލާނަން ކާކުތޯ ކަނޑަށް ގަދައީ!. ވަރަށް ފޫހިވެއްޖެ… ވަރަށް ރުޅިވެސް އަތުވެއްޖެ.” ލުބާ ހީވަނީ ރޯމަހެއް މަރަށް ތެޅޭ ހެންނެވެ. ޖޯލީގައި އިނދެވެނީވެސް ކިރިޔާއެވެ. “ސާބަހޭ!.. ދެން ތިވަރަށް ރުޅި އަންނާކަށް ނުވާނެ. ދުވަސްކޮޅަކުން ލޭމައްޗަށް ހިނގައިދާނެ.. ބުނެއެއްނު ނަގާހާ ވިލަޔަކަށް ފެނެން ނާންނާނެޔޭ. އަޅާނުލާބަލަ. ދުވަސްކޮޅަކުން މައިތިރިވެދާނެ…. ދެން އަހަރެން ދަނީ އިނގޭ!… ފަހުން އަންނާނަން..” ސުދާ ޖޯލިންތެދުވެ ހިނގައިގަންނަމުން ބުންޏެވެ.
ރޭގަނޑުގެ އަނދިރިކަން ރަސްކަންކުރަމުންދިޔައެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. ރޭގަނޑު ގޮވާލާ ރަފީޤުގެ އަޑުވެސް އިވެނީ މަދުފަހަރަކުއެވެ. ނަމަވެސް ލުބާ އޮތީ ނުނިދިފައެވެ. ވަރަށް ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. ޒިލާލްއަށް ހޭލެވުނީ އެވަގުތުއެވެ. “އަދިވެސް ނުނިދަންތަ؟.. ކިހިނެތްވެފަ ތިއޮތީ؟… އަނެއްކާ ބަލީތަ؟” ނިދީގެ އެއްވެސް އަސަރެއް ލުބާގެ މޫނުމަތިން ފެންނަން ނެތުމުން ޒިލާލު އަހާލިއެވެ. “ނިދޭނެތަ ޒިލާލުގެ މަންމަޔާ ހުރެ!!؟.” ލުބާ ފޫހިގޮތެއް މޫނަށް ހަދާލަމުން ބުންޏެވެ. “އަހަރެންގެ މޮމް ކީއްކުރީ އަނެއްކާ!!؟” ޒިލާލުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. “އަހަރެންގެ ވާހަކަ ދައްކަމުން މުޅި ރަށުގަ ހިނގަނީނު… އަހަރެން ގޯހޭ ކިޔާފަ. ދެން ވަރަށް ފޫހިވޭ.. ހިނގާ އަހަރެމެން ގެއަށް ބަދަލުވާން. މަށަކަށް މިތާކު ކެތެއް ނުވާނެ.” އެއް ނޭވާ އަކުން ލުބާ ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ. “ނުވާނެ!. އަހަރެންގެ މޮމް މީހުންގާތު ލުބާގެ ވާހަކައެއް ނުދައްކާނެ. ތިވާނީ މީހަކު ދޭތެރެ ޖައްސަން އުޅެނީކަމަށް. އަހަރެން ޤަބޫލެއް ނުކުރާނަން. ތިނޫން ކޮންމެ ވާހަކައެއް ޤަބޫލުކުރިޔަސް ތިކަމެއް ޤަބޫލެއް ނުކުރެވޭނެ.. ތީ ދޮގެއް… ލުބާ ހީނުކުރާތި މަ ލުބާ ޖަހާހާ ބެރަކަށް ނަށާނެޔޭ!” ޒިލާލުވެސް ހުރީ ރުޅި އައިސްފައެވެ. ފިރީމީހާ އެހާ ރުޅިއައިސްފައި ހުއްޓާ ލުބާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ދެން އިތުރަށް އެވާހަކަ ނުދައްކަންވެގެން ލުބާ އަނެއްފަރާތަށް އެނބުރުނީއެވެ. އަދި ދުވަހަކުވެސް ފިރިމީހާ އެވާހަކަތައް ޤަބޫލުނުކުރާނެކަންވެސް ލުބާއަށް ޔަޤީންވިއެވެ. ލުބާ ވިސްނިއެވެ. ދެން ހަދާނެ ގޮތަކާއިދޭތެރޭގައެވެ. އެހެން އޮއްވާ މޮޅު ހިޔާލެއް ލުބާގެ ސިކުނޑިއަށް ވިސްނުނެވެ. ލުބާ ހިނިތުންވެލިއެވެ.
“އެނގޭތަ!.. މަ ވަރަށް މޮޅު ގޮތެއް ރާވައިފިން.. މައިޓަށް ޖެހޭނީ މިފަހަރު އަހަރެމެން ދޫކޮށްލާފައިދާން”. ލުބާ އޭނާއަށް ވިސްނުނު މޮޅު ހިޔާލު ސުދާއަށް ކިޔާދެމުން ދިޔައެވެ. އޭރު އެދެމީހުން ތިބީ ސުދާގެ ކޮޓަރިތެރޭގައެވެ. “ކޮބާތަ ތިމޮޅު ގޮތަކީ؟” ސުދާ ބޭނުންވީ އެގޮތެއް ހޯދާށެވެ. “ފަންޑިތަ!… އަހަރެން ނިންމައިފިން މައިޓަށް ފަންޑިތަ ހަދަން.” ލުބާ ހަމަޖެހިލައިގެންހުރެ ވާހަކަ ދައްކަމުން ދިޔައެވެ. “ސުބުހާނަﷲ.!. ލުބާއަށް އެނގޭތަ އެއީ ކިހާވަރެއްގެ ކަމެއްކަން.؟. ނުވާނެ ތިކަހަލަ ކަންތައް ކުރާކަން.” ލުބާއަށް ވިސްނައިދެވޭތޯ ސުދާ މަސައްކަތް ކުރިއެވެ. “މިނިންމުމެއް ދެން ބަދަލެއް ނުކުރެވޭނެ. އަހަރެން ބޭނުން އަހަރެންގެ ކައިވެނި ސަލާމަތް ކުރަން. އޭނަޔާ ހުރެ އަހަރެންގެ ކައިވެނި ރޫޅޭކަން އަހަރެން ބޭނުމެއްނޫން. މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން” ލުބާ މަޑުމަޑުން ބުންޏެވެ.
ވަގުތަކީ އިރުއޮއްސޭ ވަގުތެވެ. ދުވާލުގެ ހޫނުކަން ކެނޑި ދުނިޔެމަތި ފިނިވަމުން ދިޔައެވެ. އުނޑުމަތީގައިވާ ނޫ ވިލާތައް ފިލާގޮސް އުނޑުމަތި ރަތްވަމުން ދިޔައެވެ. މަގުތައްވެސް ފެންހަނީ ވަރަށް އަމާންކޮށެވެ. އޭރު ލުބާ ބާރު ހިނގުމެއްގައި ދާތަން ފެނެއެވެ. ލުބާގޮސް ވަނީ ރަށުގައި ނަން މަޝްހޫރު ފަންޑިތަވެރިއެއްގެ ގެއަށެވެ. އޭރު އޭނާ ކޮންމެވެސް ފޮތް ބޮނޑިއެއް ހާވަމުންދެއެވެ. “އައްސަލާމް ޢަލައިކުމް” ލުބާ ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމް ސަލާމް” ބަރު އަޑަކުން ޖަވާބުއައެވެ. “އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކު.” ލުބާ އެތެރެއަށް ވަންނަމުން ބުންޏެވެ. “އަހާނ ކަނބުލޮ.!!.. އިށީނދޭ” ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮއްލަމުން މުޙައްމަދުކޮއެ ބުންޏެވެ. “ކޮބާ މައްސަލައަކީ؟” އަނެއްކާވެސް ވާހަކަދެއްކީ މުޙައްމަދުކޮއެވެ. “އަޅުގަނޑު ބޭނުންވަނީ މައިދައިތަ މަރާލަން.” އެއްވެސް ޖެހިލުމެއްނެތި ލުބާ ބުންޏެވެ. “އެކޮޔަށް އެނގޭތަ އެއީ ކިހާބޮޑު ފާފައެއްކަން.؟.. ބޭބެ އެކަހަލަ ކަންތައް ކޮއްދީއެއް ނޫޅެން.” މުޙައްމަދުކޮއެގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. “އަޅުގަނޑު މިއައީ ވަރަށް އުއްމީދާއިއެކު. ބައްޕަގެ އެންމެ ގާތް ރަޙުމަތްތެރިޔާ ވީމަ. ހީކުރަން މިފަހަރު މިކަން ކޮއްދޭނެކަމަށް. އަޅުގަނޑު ބޭނުން އުފާވެރި ދިރިއުޅުމެއް. އެކަމަކު މައިދައިތަޔާ ހުރެ އެކަން ވާކަށް ނެތް” ލުބާ ހިތްވަރު އެލުވައެއްނުލައެވެ. “ފަންޑިތަ ހަދައިގެން މަރާލެވިދާނެ. އޭރުން ކަނބުލޮއަށް ހިތްހަމަ ޖެހުމެއް ލިބޭނެތަ؟. މަރާލުމުން ޕޮލިހުން ނުކުމެ ތަޙްޤީގު ކުރަން ފަށާނެ. އަދި މީހުން ކަނބުލޮއަށް ޝައްކު ކުރާނެ.. މިހުރިހާ ކަމަކަށް ވިސްނާލަބަލަ.” މުޙައްމަދުކޮއެ ބެލީ ލުބާއަށް ވިސްނައިދެވޭތޯއެވެ. “ނޫން!. މިދުނިޔެއިން އެންމެން މަރުވަނީ ބަލިވެގެންތަ؟.. އަޅުގަނޑު ބޭނުންވަނީ ހަމަ އޭނަ މަރާލަން. ދެން ކެތެއް ނުކުރެވޭނެ. ވަރިހަމަ ޖަލުގަ އިންނަން ޖެހުނަސް” ލުބާ ހުރީ ގޮތްދޫކުރާ މޫޑެއްގައެއް ނޫނެވެ. “މައްސަލައެއްނެތް!. އަހަރެން ފަންޑިތަ ހަދާދީފާނަން. އެކަމަކު ކަނބުލޮ ޖެހޭނެ ވަރަށް ކެތްތެރިވާން. މިބުނީ އަހަރެން ބޭނުމެއްނޫން އަހަރެންގެ ރަޙްމަތްތެރިޔާގެ ހުރި ހަމައެކަނި ދަރިފުޅު އެކަހަލަ މަޅިއެއްގަ ބެދޭކަށް. އަހަރެން ދޭނަން ވިހައެއް. ކަނބުލޮ ހަދަން ޖެހޭނެ ގޮތަކީ ކޮންމެ ދުވަހަކު ހެނދުނު މައިދައިތައަށް އެންމެ މީރު ކެއުމެއް ތައްޔާރުކުރާނީ. ދެން އެއަށް އަހަރެންދޭ ފުޅިން ތިއްކެއް ޖަހާނީ. މެންދުރުވެސް ހަމައެގޮތަށް ހަދާ. އަދި މައިތަ ކައިރިން ދުރަށް ނުގޮސް އަބަދު މައިދައިތައަށް ޚިދުމަތް ކޮށްދިނުމުގައި އުޅޭތި. އަދި ދީނީ ކަންތައްތަކަށް ފަރުވާތެރިވާތި. ހުރިހާ ނަމާދެއް ކުރާތި!.. މިކަން ވާނީ އެއްމަހުން. އޭރުން އެއްވެސް މީހަކު ކަނބުލޮއަށް ޝައްކެއްވެސް ނުކުރާނެ. އެއްމަސް ވަންދެއް ކަނބުލޮއަށް ކެތްކުރެވޭނެތަ؟” މުޙައްމަދުކޮއެ ލުބާއަށް ބަލާލިއެވެ. “މައްސަލައެއް ނެތް. ކެތްކުރާނަން. ކެތްތެރިކަމުގެ މޭވާ ފޮނިވާނެޔޭ ބުނާތީ އަހަން.” ފުން ނޭވާއެއް ބޭރުކޮށްލަމުން ލުބާ ބުނެލިއެވެ. މުޙައްމަދުކޮއެ އެތެރެއަށްވަދެ ކުޑަ ފުޅިއެއް ހިފައިގެން ނުކުމެ ލުބާއަށް ދިއްކޮށްލިއެވެ. “ކިހާވަރެއް ދޭންވީ؟” ލުބާ އެފުޅީގައި ހިފަމުން އަހާލިއެވެ. “ތީމަގޭ ދަރިއެއްފަދަ ކުއްޖެއް. ބޭބެ އެއްވެސް އެއްޗެއް ބޭނުމެއްނޫން. އެކަމަކު ތިޔަށް ވަރަށް ފަރުވާތެރިވާތި. ތިއީ ވިހައެއް” ހިނިތުން ވަމުން މުޙައްމަދުކޮއެ ބުންޏެވެ. ލުބާވެސް ހިނިތުންވެލިއެވެ.
ޖެހިގެންއައި ދުވަހު ވަރަށް ފަތިހާ ލުބާ ތެދުވިއެވެ. އަދި ފަތިސްނަމާދު ކުރުމަށްފަހު ބަދިގެއަށް ވަދެ ސައި ތައްޔާރުކުރިއެވެ. އޭރު އަދި މައިދައިތަ ކޮޓަރިއަކުން ނުނިކުމެއެވެ. ލުބާ ތައްޔާރުކުރީ މައިދައިތައަށް އެންމެ މީރު މުގުރިހައެވެ. މައިދައިތަ ބަދިގެއަށް ވަންއިރު ލުބާ ހުރީ ސައިތައްޔާރުކޮށް ނިންމާފައެވެ. ގޭތެރެއާއި ގޯތިތެރެވެސް ވަނީ ކުނިކަހާފައެވެ. މައިދައިތައަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. “މިއަދު ސައިހަދައިދޭނީ އަހަރެން.. އިނގޭ މަންމާ!.” ލުބާ އޯޤާތެރިކަމާއިއެކު ބުންޏެވެ. ޒުބޭދާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލުބާ ބަދިގެއަށް ވަދެ މައިދައިތައަށް ކާން ތައްޔާރުކޮށްދިނެވެ. އަދި މޮޑުނު ރޮށި ތައްޓަށް ވިހަ އެޅުމަށްޓަކައި ލުބާގެ ޖީބުގައިވާ ފުޅި ނެގިއެވެ. އޭގައިވަނީ ދިޔާ ފެނެކެވެ. ލުބާ އޭގެން ތިއްކެއް ޖެހުމަށްފަހު ޖީބަށް ފުޅިލިއެވެ. އަދި ރޮށިތަށި ގެންގޮސް ޒުބޭދާއަށް ދިނެވެ. އުފަލުން އިނދެ ޒުބޭދާ ރޮށިތަށި ހުސްކޮއްލިއެވެ. ޒުބޭދާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާގެ ޅީދަރިފުޅަށް އައި ކުއްލި ބޮޑު ހެޔޮ ބަދަލަކުންނެވެ. އޭނާ ﷲ އަށް ޝުކުރުކުރިއެވެ.
ލުބާގެ ވާޖިބަކީ މިހާރު ޒުބޭދާއަށް ޚިދުމަތްކޮށްދިނުމެވެ. ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން ފިރިމީހާގެ ހުރިހާ ކަމެއް ބަލަމުން ދީނީ ކަންތައްތައް ބަރާބަރަށް ލުބާ އަދާކުރެއެވެ. ޢާލާގެ މުރާލިކަމާއި ހީވާގިކަންފެނި ޒުބޭދާ ހުންނަނީ އުފަލުން ފޮޅިފައެވެ. ހީވަނީ އެހެން ދުނިޔެއެއްގައި އުޅޭހެންނެވެ. ޒުބޭދާއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. މިކަންތައްތައް މިހާރު ޒިލާލުއަށްވެސް ފާހަގަ ކުރެވެއެވެ. ޒިލާލުވެސް ވަރަށް އުފާވެއެވެ. ނަމަވެސް ފަރުދާގެ ފުރަގަސް ފެންނާނީ ކާކަށް ހެއްޔެވެ؟.
ދުވަސްތައް ވޭތުވަމުންދަނީ މިފަދަ ގޮތަކަށެވެ. ލުބާ ހިންހަމަނުޖެހޭފަދަ އެންމެ ލަފުޛެއްވެސް ވޭތުވެގެންދިޔަ ދެހަފުތާތެރޭގައި މައިދައިތަގެ ދުލުން ބޭރެއްނުވެއެވެ. އެކަމާ ލުބާ ހުންނަނީ ހައިރާންވެފައެވެ. އެއީ ހަމަ ކުރީގެ މައިދައިތަ ބާއޭ ކިތަންމެ ފަހަރަކު ލުބާގެ ހިތަށް އަރާ ފައިބަމުން ދެއެވެ. ލުބާގެ މޫނުމަތިން މިހާރަކަށް އައިސް ފެންނަނީ އުފާވެރިކަމެވެ.
ދުވާލުގެ ހިތްގައިމު ވަގުތެވެ. ރޭގަ ވެހުނު ވާރޭގެ އަސަރު ކޮންމެވެސް ވަރަކަށް އޭރުވެސް ހުއްޓެވެ. ބިންގަނޑުވަނީ ތެމިފައެވެ. އިރުގެ ހޫނުން ދުނިޔެ ހޫނުކުރަމުންދިޔައެވެ. ގޯތިތެރޭގައިވާ ބޮޑު ބަނބުކެޔޮ ގަހުން ބިންމައްޗަށް އެޅިފައިވާ ފަތްތައް ނަގަން އޭރު ލުބާ އުޅެއެވެ. “އޭތް!!.. އެނގޭތަ!.. މިއަދު ލުބާގެ މައިޓް އަހަރެމެން ގެއަށް ދިޔަ. ހުރީ ވަރަށް އުފަލުން. ބުނީ މަށަށް ލިބިފަ މިހުރީ ޖަވާހިރެކޭ. ތީ މިހާރު ކުރީގެ ލުބާއެއް ނޫނޯ. ތިފަދަ ދަރިއަކު ލިބޭނީ މަދުމީހަކަށޯ.” ހިނިއައިސްފައިހުރެ ސުދާ ވާހަކަދެއްކީ ކުރިމަތީގައިހުރި ލުބާއަށެވެ. އޭރު ލުބާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެއީ މައިދައިތަ މަރުވުމުގެ ވަގުތު ކުޑަތަންވާތީ ކަމެއް، ނުވަތަ މައިދައިތަ ރަނގަޅުވީމާ ކަމެއް ބުނެދޭކަށް ނޭނގެއެވެ. “އެހެންތަ؟ މައިޓް ހަމަ އެހެން ބުނިތަ؟” ލުބާ ހުރީ ހައިރާންވެފައެވެ. “ދެން އަހަރެން ދުވަހަކުވެސް ލުބާ ގާތު ދޮގެއް ހެދިންތަ؟” ސުދާވެސް ކުރީ ސުވާލެކެވެ. “ނޫނޭ. ތީމަގޭ ބެސްޓްފްރެންޑެއްނު ދޯ.” ލުބާ ހިނިތުންވެލިއެވެ.
ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. މެދު އުޑުގައިވާ އިރު އޭގެ ވާޖިބު އަދާކުރަމުންދަނީ އެއްވެސް އުނިކަމެއް ނެތިއެވެ. މަގުމަތިން މީހެއްގެ ހިލަމެއް ވާތީއެއްވެސް ނުފެނެއެވެ. ހީވަނީ އިރުގެ ހޫނަށް އެންމެންވެސް ފިލައިގެން އުޅޭހެންނެވެ. މެންދުރުގެ ކެއުން ތައްޔާރުކުރަމަށްޓަކައި ބަދިގެތެރޭގައި އުޅުނު ލުބާ ބަދިގެއިން ނުކުތީ ދުވަމުންނެވެ. ލުބާއަށް ނުކުމެވުނީ ހަމަކިރިޔާއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ލުބާއަށް ހޮޑުލެވުނެވެ. އެވަގުތަކީ ޒުބޭދާ ބަދިގެފަރާތަށް ނުކުތް ވަގުތުކަމުން، އެމަންޒަރު ޒުބޭދާއަށް ރަނގަޅަށް ފެނުނެވެ. ޒުބޭދާގެ މޫނުމަތިން ފާޅުވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. ދުވަމުން ކަހަލަ ގޮތަކަށް ކާގެތެރެއަށް ވަދެ ފެންތައްޓެއް ހިފައިގެން ޒުބޭދާ ނުކުތެވެ. ލުބާ ހުރީ ޒުބޭދާގެ މޫނުމައްޗަށް ބަލަހައްޓައިގެންނެވެ. ޒުބޭދާ ހުރީ ހެވިފައެވެ. ފެންތަށީގައި ހިފަންވެސް ނޭނގިފައިހުރި ލުބާ ސިހުނީ ޒުބޭދާ ލުބާގެ ބޮލުގައި ފިރުމާލުމުންނެވެ. ލުބާ ހިނިތުންވެލިއެވެ.
ޒުބޭދާ މާމައަކަށް ވާންއުޅޭކަމުގެ އުފާވެރި ޚަބަރު ޒިލާލު ގެއަށް އައުމުން ޒުބޭދާ ދިނެވެ. ޒުބޭދާ ހީވަނީ މޮޔަވެދާނެ ހެންނެވެ. ކުރެވޭ ނުކުރެވޭ ކަމެއްވެސް ޒުބޭދާއަށް ނޭނގޭ ކަހަލައެވެ. މިމަންޒަރު ބަލަންހުރި ލުބާގެ ލޮލުން ކަރުނަ ފޭދިގަތެވެ. ޒިލާލު ލުބާގެ ގާތަށް އައިވަގުތު ލުބާގެ ފެންކަޅިވެފައިވާ މޫނު ފެނުނެވެ. ޒިލާލު އޯޤާތެރިކަމާއިއެކު ލުބާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އަދި ލުބާ ގޮވައިގެން ކޮޓަރިއަށްވަނެވެ. “ކިހިނެތްވީ މަގޭ ޖާން.؟. ކީއްވެތަ މިހާ އުފާވެރި ވަގުތެއްގައި ތިރޮނީ؟ ބުނެބަލަ ލޯބިވާ.” އުފާވުމުގެ ބަދަލުގައި ލުބާ ރޯތީ ހައިރާންވެ ހުރެ ޒިލާލްއަށް އަހާލެވުނެވެ. “އުފަލުން.” ގަސްދުގައި ލުބާ ދޮގުހެދިއެވެ. ހަޤީޤަތުގައި މިއަދު ލުބާ ހުރީ ވަރަށް ދެރަވެފައެވެ. ލުބާދެކެ ލޯބިވާ މައިދައިތަ ދެން އެމީހުންނާ ވަކިވާކަށް މާގިނަ ދުވަހެއްނެތެވެ. އެހެންނަމަވެސް މިއަދު މައިދައިތަ ވަކިވެގެންދާތަން ބަލާކަށް ލުބާ ބޭނުމެއް ނުވެއެވެ. އެމަންޒަރު ބަލާކަށް ލުބާއަކަށް ކުޅަދާނައެއްވެސް ނުވާނެއެވެ. އެއްޗެއްގެ މުހިއްމުކަން އެނގޭނީ އެއެއްޗެއް ބީވުމުންނެވެ. ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. ދެން ހަދާނެ ގޮތަކާއިދޭތެރޭ ލުބާ ވިސްނިއެވެ.
ފުން ވިސްނުމުގެ ތެރޭގައި އޮތް ލުބާއަށް ނިދުނީ ކިހާ އިރަކުކަމެއްވެސް ނޭނގުނެވެ. ލުބާއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. ލުބާ ތެދުވެ ނަމާދު ކޮއްލައިގެން ބަދިގެ ފަރާތަށް ދިޔައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ލުބާގެ ދެލޯ ފެންނަނީ ރަތްކޮށެވެ. މޫނު ކޮންމެވެސް ވަރަކަށް ދުޅައެވެ. ހީވަނީ ވަރަށް ގިނައިން ރޮއިފައިވާ ހެންނެވެ. ލުބާ ސައި ތައްޔާރުކޮށް ނިންމާލިއެވެ. އަދި ކަބަޑުގެ ދޮރު ހުޅުވާލުމަށްފަހު ކުޑަ ފުޅިއެއް ނެގިއެވެ. އެއީ މުޙައްމަދުކޮއެ ދިން ވިހަ ފުޅިއެވެ. ލުބާ އެއަށް ބަލާލިއެވެ. އޭގައި މިހާރު ވަނީ މަދު އެތިފޮދެކެވެ. ލުބާ އެފުޅީގެ މަތި ނެގުމަށްފަހު އޭގައިވާ ވިހަ ޒިންކަށް އޮއްސާލިއެވެ. ނަމަވެސް ދެން މިހާރު ކުރެވޭނެކަމެއް ނެތޭ ހިތަށް އަރަމުން ދިޔައެވެ. ލުބާ ފުންނޭވާ އެއް ބޭރުކޮށްލިއެވެ.
ވަގުތަކީ އިރުއޮއްސޭ ވަގުތެވެ. އިރުއޮއްސޭ ހިތްގައިމު މަންޒަރު ބަލާލުމަށްޓަކައި ޒުވާންފުރައިގެ ޖޯޑުތައް އަތިރިމަތީގައި ތިއްބެވެ. އޭރު މަސްވެރިން މަހުން ލަފައިގެން މަސްބެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔައެވެ. ލުބާގެ މިސްރާބު ހުރީ ފަންޑިތަވެރިޔާ މުޙައްމަދުކޮއެގެ ގެއަށެވެ.
“އަޅުގަނޑު ބޭނުމެއް ނޫން މައިދަ މަރުވާކަށް. ދެން ކިހިނެތް ހަދާނީ؟” ލުބާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. “ދެން ތީގަ ކުރެވޭނެ ކަމެއް ނެތް. އޭރުވެސް ބޭބެ ބުނިން ތިކަން ކުރާނެ ކަމެއް ނެތޭ. އެކަމަކު އެކޮއި ބޭނުންވީ ފިޔަވަޅު އަޅަން. މިހާރު ވަގުތު ފާއިތުވެއްޖެ.” މުޙައްމަދުކޮއި ވާހަކަ ދެއްކީ ހަމަޖެހިހުރެގެންނެވެ. “ނޫން. ނޫން. ކުރެވޭނެ ކޮންމެވެސް ކަމެއް އޮންނަން ވާނެއެއްނު. ތިއީ ނަން މަޝްހޫރު ފަންޑިތަވެރިން. އެވިހައިން އަސަރުނުކުރާނެ ގޮތެއް ހެދިދާނެއެއްނު. އާދޭސް ކޮށްފަ މިބުނީ. މައިދައިތަ ސަލާމަތްކޮށްދީ” ލުބާއަށް ރޮވޭގޮތްވިއެވެ. ލޮލުގެ ތެރޭގައި ޖަމާވެފައިހުރި ކަރުނަ އެއްވެސް ހިފެހެއްޓުމެއްނެތި ލުބާގެ ކޯތާފަތް ތެތްމަމުން ގެންދިޔައެވެ. އެވަގުތު މުޙައްމަދުކޮއި ހީގަތެވެ. ލުބާހުރީ ވާނުވާ ނޭނގިފައެވެ. ލުބާ މުޙައްމަދުކޮޔަށް ބަލާލިއެވެ. ހައިރާންކަމާއިއެކުގައެވެ. “އަހަރެންނަށް އެނގުނު ކަނބުލޮ އޭރު ހުރީ ވަރަށް ރުޅި އައިސްފަކަން. ފަހުން ވިސްނުނީމަ ރަނގަޅުވާނެކަން. އަދި މައިދައިތަ އެގޮތަށް ކަންތައްކުރާނީ ކަނބުލޮއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވޭތީކަން. އެހެންވެ އަހަރެންބުނީ މައިދައިތައަށް ރަނގަޅުވާށޭ. ހިތުގައި ނުޖައްސާށޭ. ހުރިހާ ކަމެއް ކޮށްދޭށޭ. ދީނީ ކަންތައްތައް ފުރިހަމަ ކުރާށޭ. އަހަރެން ކަނބުލޮ އަތަށްދިނީ ސާފު ޠާހިރު ފެންފޮދެއް. ކަނބުލޮ އެކަމާ ނުވިސްނާ. އަހަރެން އެކަންކުރީ މިދުވަސް އަންނާނެކަން އެނގިހުރެ. އަހަރެން ވިހައެއް ނުދެން.” މުޙައްމަދުކޮއެ ވާހަކަދެއްކީ އުފަލުންހުރެއެވެ. ލުބާއަށް ހެޔޮ ވިސްނުނީތީއެވެ. ލުބާ މުޙައްމަދު ކޮޔަށް ބަލަހައްޓައިގެން ހުރީ ހައިރާންކަމާއިއެކު އުފަލުންނެވެ. ޝުކުރުވެރިކަމާއިއެކުގައެވެ. ލުބާއަށް އުފަލުން ރޮއިގަނެވުނެވެ. ބޭއިޚްތިޔާރުގައެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ! މިއަދު ބޭބެގެ ސަބަބުން އަޅުގަނޑަށް އުފާވެރި ދިރިއުޅުމެއް ލިބިއްޖެ. މައިދައިތަގެ ލޯބި ލިބިއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ! ﷲ ބޭބެގެ ވިސްނުން ތަނަވަސްކޮށްދެއްވާށި!” ލުބާ ހުރީ އުފަލުން ފޮޅިފައެވެ.
ލުބާ ގެއަށް އައިއިރު ޒުބޭދާ ލުބާގެ އިންތިޒާރުގައި ހުއްޓެވެ. ޒުބޭދާ ފެނުމާއިއެކު ލުބާގެ ބަޑި ފަޅައިގެން ދިޔައެވެ. އަދި ދުވެފައިގޮސް ޒުބޭދާގެ ގައިގައި އޮޅުލައިގަތެވެ. ދެން ދުވަހަކުވެސް ދޫނުކުރާނެމޭ ބުނާފަދަ ގޮތަކަށެވެ. ތީ އަހަރެންގެ ލޯބިވާ “މައިދައިތަ” އޭ ބުނަމުންނެވެ.
ނިމުނީ!
6 Comments!
Comments are closed.
Rovijje.. Vvvv reethi Naaash 72 ah Hama saabas
vaahaka v reethi.. nanna haadha molhey dhw. naashge ithuru vaahaka thakeh kiyan libeyne kamah unmeedhu kuran.
Mi story adu ehin thankolheh kury aharehge roadha mahu radio in genesdhin kuruvaahaka mubaaraathun.. anwhkaa miy copy eh tha.. nuny original author tha..
Mi story adu ehin thankolheh kury aharehge roadha mahu radio in genesdhin kuruvaahaka mubaaraathun.. anehkaa miy copy eh tha.. nuny ..original author tha..
Wow.vaahaka vv reethii
warah salhi faadakah rovihjje!!!:(