ހިތް ފަނާވެދަންދެން… 8
ޝެރީން ބާރަށް ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެނދުގަ އިށީދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ހިތުގަ އުފެދެމުން ދިޔަ ޝަކުވާތައް ފުނިޖެހުނު ވަރަކަށް ޝެރީންގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަވަރުތައް ފެންނަން ފެށިއެވެ. ” އަހަރެން މިއީ އިންސާނެއްކަމަށް އެންމެން ޤަބޫލު ނުކުރަނީ ކީއްވެތަ؟ އަހަރެންގެ ހިތެއް އޮވޭ…..ބޭނުން ތަކެއް އޮވޭ…..” ޝެރީން އަމިއްލަ ނަފްސަށް އަހާލިއެވެ. އެނދުގަ ތަރުތީބުން އަތުރާލާފައިވާ ބާލީސްތައް ނަގާ ކޮޓަރީގެ އެކި ދިމާލަށް އުކަން ފަށައިފިއެވެ. ދެވަނަ ބާލީސް އެއްލާލީ އަލަމާރި އާއި ދިމާލަށެވެ.
މަޑު ބާލީހަކުން އަލަމާރީގައި ޖެހުނު ވަގުތު ވަރަށް ބާރު އަޑެއް އިވުނެވެ. ހީވަނީ އަލަމާރިން ބައެއް ވެއްޓުނީ ހެންނެވެ. ޝެރީން ތެދުވެ އެދިމާލަށް ހިނގައިގަތެވެ. އަލަމާރި ބޭރުން އެއްވެސް ގެއްލުމެއް ލިބިފަ ހުރިތަނެއް ނުފެނެއެވެ. އެ އަޑު އައީ ކީއްވެކަމާއި މެދު ވިސްނަން ހުރެ އަލަމާރި ދޮރު ހުޅުވާލުމަށް ދޮރުފަތުގައި އަތްޖައްސާލި ވަގުތު ޝެރީންއަށް އަލަމާރި އާއި ފާރާއި ދެމެދު ފޮތެއް ވެއްޓިފައިވާތަން ފެނުނެވެ.
މަޑު މުށިކުލައިގެ އޮމާން ބަނޑޭރިގަނޑެއްލާފައިވާ އެފޮތް ނަގާ ޝެރީން ހުޅުވާލިއެވެ. ރަތްކުލައިގެ ރިބަން ފަށެއް ފޮތުގެ މެދެއްހާ ހިސާބުގައި ވެއެވެ. ރަތްވެ ބާވެފައިވާ ގަނޑުތައް ޝެރީން އުކަން ފެށިއެވެ. އޭގައިވާ އަކުރުތައް ކިޔަން ފެށިއެވެ. އެއީ އޭނަގެ މަންމަ ލިޔެފައިވާ ޑައިރީއެކެވެ. މިވީ ވިއްސަކަށް އަހަރުގެ ތެރޭގަ އެ މަންމަގެ އެއްވެސް ހަނދާނެއް ނެތެވެ. މަންމަ ދުނިޔޭގަ ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގެއެވެ. ބައްޕަ ކައިރީ އެތައް ފަހަރަކު މަންމަ އާއި ބެހޭގޮތުން އެހިއަސް އެދެވޭ ޖަވާބެއް ނުލިބިއެވެ. ޝެރީން ޑައިރީ މޭގަ ޖައްސާލައިގެން ހުރެ ގޮސް އެނދުގަ އިށީނެވެ. ފޭދިފައިވާ ގަލަމަކުން ލިޔެފައިވާ އަކުރުތަކުގައި ފިރުމަމުން ކިޔަންފެށިއެވެ.
*-*-*-*-*
ކައިވެންޏަކީ ކޮން އެއްޗެއްކަން އަހަރެންނަށް ދަސްވީ އަހަރެންގެ އުމުރުން ފަނަރަ އަހަރުގަ ޒަވާޖީ ޙަޔާތެއް ފެށި ހިސާބުންނެވެ. މަންމަމެން ކައިރީ އުޅުމުގެ ސަބަބުން ދަސްނުވެ ހުރި ކިތައްމެ އެއްޗެއް ދަސްވި ނަމަވެސް އެ ދަސްވި އެއްޗެހީގެ އެއްވެސް ބޭނުމެއް ނެތޭ ހީވާ ފަހަރުވެސް މަދެއް ނޫނެވެ. ކައިވެންޏަކީ އުފަލާއި އަރާމުގެ ދާނެކެވެ. އިތުބާރާ ލޯތްބާއި އެކު ޖަހާލެވޭ ވަރުގަދަ ގޮށެކެވެ. ނޫނެކެވެ. އެއީ ހަޤީޤަތެއް ނޫނެވެ. އެއީ ހަމައެކަނި މަންމަ ކިޔައިދިން އެއްޗެކެވެ. ފާއިޤް އާއި އިނުމަށްފަހު އަހަރެންނަށް ޖެހެނީ އެ ޚިޔާލުތައް ދޫކޮއްލާށެވެ. އަރާމެއް އުފަލެއް ނެތެވެ. އިތުބާރާއި ލޯތްބަކީ ދަންނަ އެއްޗެއް ނޫނެވެ.
ކައިވެނި ކޮއްގެން އަހަރެން ފާއިޤްގެ ގެއަށް ބަދަލު ވި ހިސާބުން އަހަރެންނަކީ އާއިލާއަށް ބީރައްޓެހި މީހެކެވެ. އެންމެންވެސް ބުނެއެވެ. މުއްސައްޖަކާއި އިނދެވުމުން އުޅުނު ބާ ގެގަނޑުމަތިން ހަނދާން ނެތުނީއެވެ. އަހަރެން އެކަކު މަތިންވެސް ހަނދާނެއް ނުނެތެއެވެ. ފާއިޤް މަނާކޮއްފަ އޮތީތީ އެކަން ކުރަން ފަސްޖެހެވެނީއެވެ. އަހަރެންނަށް ލިބޭ އަނިޔާތައް މީހަކާ ހިއްސާކޮއްފާނެކަމުގެ ބިރު އޭނަގެ ހިތުގައި އޮންނަނީއެވެ. އޭނަގެ ފަހަތުގައިވާ ފަރުދާ އެހެން މީހުންނަށް ހާމަވާން ނޭދެނީއެވެ.
ކައިވެންޏަށް ތިންމަހުގައި އަހަރެން ބަނޑުބޮޑުވިއެވެ. އަހަރެންނަށް ލިބުނު ބަލިމަޑުކަމުން އަހަރެން ހީކުރީ ލިބެމުން ދާ އަނިޔާތަކަށް ލުއިކަމެއް ލިބޭނެކަމަށެވެ. ނަމަވެސް އޭނަގެ އުޅުމަކަށް އެއްވެސް ބަދަލެއް ނުވެއެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަހަރެން ހޭލީ ފާއިޤް އޮފީހަށް ދާންވާއިރަށް ސައިހަދާށެވެ. ހޭލިވަގުތު ބޯ އަނބުރާހެންވެސް ހީވިއެވެ. އެކަމަކު ހިތްވަރަށް ތެދުވީ އެނޫން ގޮތެއް ނެތީމައެވެ. ކޮފީ ގިރަން އުޅުމުގެ ތެރޭ ދެތިން ފަހަރަކު ހޮޑުވެސް ލެވުނެވެ. ހަށިގަނޑަށް ލިބެމުންދިޔަ ލޮނޑުކަމުން އަހަރެން އިރުކޮޅަކަށް ހަމަޖެހިލުމަށް އިށީނީމެވެ. ފާއިޤް ތައްޔާރުވެގެން ބަދިގެއަށްވަނީ އެވަގުތުއެވެ.
އަހަރެންގެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަން އޭނަގެ ލޮލަކަށް ނުފެނުނެވެ. އަދިވެސް ސައިތައްޔާރު ނުވަނީ ހެއްޔޭ އެހީ ވަރަށް ހަރުކަށިކަމާއި އެކުއެވެ. އަހަރެން ޖަވާބު ދިނީ ބޮލުންނެވެ. ސަބަބު ބުނެދޭން ފެށިތަނާ އިތުރު ވާހަކަ ނުދައްކާށޭ ބުނެ ހަޅޭއްލަވައިގަތެވެ. އަހަރެންނަކީ ކަންނެތް އަންހެނެކޭ ކިޔާ ހަރުކަށިބަސްތަކުން އަހަރެންގެ ހިތް ފޮތި ފޮތި ކޮއްލިއެވެ.ދުލުން ބޭރުކޮއްލާ ވިހަ ބަސްތަކުން ނުފުދިގެން އަނިޔާ ކުރަން ފެށިއެވެ. ގަދަކަމުން އަހަރެންގެ އަތުގަ ހިފާ ނެގުމަށްފަހު އައިސް އަލަމާރިއަށް ކޮއްޕާލިއެވެ. އައިސް އަލަމާރީގަ އަހަރެންގެ ބޯޖެހުނުކަން އެނގުނެވެ. ދެންވީ ގޮތެއް ނޭނގެއެވެ.އޭގެ އެތައް ގަޑިއިރެއް ފަހުން އަހަރެންނަށް ހޭލެވުނެވެ. ގަދަ ނިދީގަ އޮވެފައި ކުއްލިއަކަށް ހޭލެވޭ މީހެއް ފަދައިންނެވެ. ނިއްކުރި ފަޅައިގެން ދިޔަތަނުން ފައިބަމުން ދިޔަ ލޭގެކޯރެއް އެތަނުގައި ހެދިފައިވެއެވެ. ބޮލުގަ އަތްއަޅާލައިގެން ހުރެ އަހަރެން ތެދުވީމެވެ. ފާރުގަ ހަރުކޮއްފަ ހުރި ގަޑިން މެންދުރު އެކެއް ޖެހިކަމުގެ އެލާރމް އަޅަން ފެށިއެވެ. ބަނޑުހައިވެގެންނާއި ހަށިގަނޑުގަ ވަރުނެތުމުން މުޅި މީހާ ތުރު ތުރު ލާންފެށިއެވެ.
ގޭސާފްކުރަން ގެންގުޅޭ އައިސާފުޅުގެ އައީ އެވަގުތުއެވެ. މިއީ އަބަދުވެސް އޭނަ އަންނަ ގަޑިއެވެ. އޭނަގެ އެހީތެރިކަމާއި އެކު އަހަރެން ކޮޓަރިއަށް ދިޔައީމެވެ. އަހަރެންގެ ބޮލުގަ ބޭސްއަޅައިދީ ސައިދީ ހެދީ އޭނައެވެ. އަހަރެންގެ ހާލާއި މެދު ހަމްދަރުދީވިއެވެ. އޭގެ ފަހުން އަހަރެންނަށް އެހީވުމަށް ކުރިން އަންނަ ގަޑިއަށްވުރެ ކުރިއަށް އާދެއެވެ. ގޭތެރެ ސާފްކުރުމުގެ އިތުރުން ސައިހެދުމުގައިވެސް ބައިވެރިވެއެވެ.
ބަނޑުބޮޑުވުމަށްފަހު ފުރަތަމަ ތިންމަސް ދިޔައީ ގިނަ އުދަނގޫތަކަކާއި އެކުއެވެ. ހޮޑުލުން މެދުކެނޑި ހަމަޔަކަށް އެޅުނަސް ހަށިގަނޑަށް އެއްވެސް އަރާމެއް ނުލިބެއެވެ. އަބަދު ވަރުބަލިވެ ނޭވާކުރުވާހެން ހީވެއެވެ. އަހަރެން ފާއިޤް ކައިރީ މިވާ އުދަނގޫތަކުގެ ވާހަކަ ބުނީމެވެ. ފަރުވާއެއް ލިބޭތޯއެވެ. އެކަމަކު އޭނަގެ ޖަވާބަކަށްވީ އެއީ މާބަނޑު ކޮންމެ އަންހެނަކަށްވެސް ދިމާވާކަމެއް ކަމަށާއި އަހަރެން ކަންނެތްކަމުން މަސައްކަތް ނުކުރަންވެގެން ދައްކާ އުޒުރުތަކެއް ކަމުގައެވެ.
ފާއިޤްއަށް ސިއްރުން އައިސާ ފުޅުގެ އެހީގައި އަހަރެން ޖެހިގެން އައި ދުވަހު ޑޮކްޓަރަށް ދައްކަން ދިޔައީމެވެ. މާދަތިތަކަކާ ދިމާނުވެ ޑޮކްޓަރަށް ދެއްކުނެވެ. މިއީ އަހަރެން ޑޮކްޓަރަކަށް ދެއްކި ފުރަތަމަ ދުވަސްކަމުން މިކަހަލަ ކަންތައްތަކުގައި ފަރުވާ ކުޑަނުކުރުމަށް ޑޮކްޓަރ ވަރަށް ނަސޭހަތްތެރިވިއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި ހަރުދަނާ ވާށޭ ކިޔައި މާބަނޑުވުމާއި ބެހޭ ވަރަށް ގިނަ މައުލޫމާތު ދިނެވެ. އަހަރެންނަކީ ހިސާބަކަށް ކިޔަވާފަ ހުރި މީހެއްކަމުން އަހަރެންނަށް އެ މައުލޫމާތަކީ އާ މައުލޫމާތެއް ނޫނެވެ. އަހަރެންވެސް އަހަރެންނަށް ލިބެން އުޅޭ ދަރިފުޅަށް ފާގަތި ދިރިއުޅުމެއް އެދެމެވެ. ޑޮކްޓަރު ދިން ނަސޭހަތްތަކުން އަހަރެންނަށް ރޮވެން ފެށުނެވެ. އެއީ އަހަރެންގެ އިހުމާލުންވާ ކަންތައްތަކެއް ނޫނޭ ބުނަން ބޭނުމެވެ.
ލޭޓެސްޓު ތަކެއް ހެދުމަށްފަހު ލޭމަދުކަމަށް ޑޮކްޓަރު ބުނުއްވިއެވެ. ރަނގަޅު ކާނާ ބޭނުންކޮށް އަރާމް ކުރުމަށް ބުންޏެވެ. އަހަރެން ގެއަށް އައީ އަޒުމް ކަނޑައަޅައިގެންނެވެ. ފާއިޤް އާއި ދެކޮޅަށް ނަމަވެސް އަހަރެން ބަރާބަރަށް ޑޮކްޓަރަށް ދައްކަން ދާނަމެވެ. އަހަރެން ޑޮކްޓަރަށް ދެއްކިކަން އެނގުނީ އޭގެ އަނެއް ދުވަހުއެވެ.
ފާއިޤްއަށް ސިއްރުން އަހަރެން އެވަރުގެ ފިޔަވަޅެއް އެޅީތީ ފާއިޤް އެދުވަހުވެސް ރުޅި އައީ އަހަރެން ދެކެއެވެ. އޭނައަކީ ފިރިމީހާކަމަށާއި ފިރިމީހާ ނުރުހޭކަމެއް ނުކުރެވޭނެކަމަށް ބުނެ އަހަރެންނަށް އިންޒާރުދެމުން ދިޔައެވެ. އަހަރެން ރައްދު ޖަވާބު ދިނީމެވެ. އަހަރެންނާއި މެދު އެއްވެސް ލޯތްބެއް އެ ހިތުގަ ނެތަސް އަހަރެންގެ ދަރިފުޅަށްޓަކައި ހަމްދަރުދީވުމަށް އާދޭސްކުރީމެވެ. އަހަރެން ކުރި އާދޭހުގެ ސަބަބުން ފާއިޤްގެ ރުޅި ހިސާބަކަށް މަޑުވިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިން ބޭރަށް ދިޔައެވެ.
އޭގެ ފަހުން ވިހަން ވަންދެން އަހަރެންނަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ފާއިޤް ބޭނުމެއް ނުވެއެވެ. އިސްތިރިކޮށް ހަދަނީ އަމިއްލަ އަށެވެ. ކޮންމެ ދުވަހެއްގެ ޚަރަދަށް ސަތޭކަ ރުފިޔާ މޭޒުމަތީ ބާއްވައެވެ. އެއީ އަހަރެންނާއި ތުއްތު ދަރިފުޅަށް ދުވަހުގެ ޚަރަދެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅު ދެކެ އެހާ ނަފްރަތު ކުރަންވީ ސަބަބެއް އަހަރެންނަކަށް ނޭނގެއެވެ.
އަހަރެންގެ ދަރިފުޅު ޔޫނާއަށް ތިންމަހަށް އޮއްވަ އަހަރެންގެ ދޮންތަ ގެއަށް އައެވެ. އަހަރެން އުޅުނީ ޔޫނާ ރީތިކޮއްލާށެވެ. ދޮންތަ ފެނުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި ލަދުގަނެ ދެރަވެސްވިއެވެ. ދޮންތަ ޔޫނާ އުރައިގެން ހުރެ އަހަރެންނަށް އެއްޗެހި ކިޔެވެ. އެންމެންނަށްވެސް ހީވެފައި އޮންނަނީ އެކައްޗެކެވެ. އެމީހުންނާއި އަހަރެން ވާހަކަ ނުދައްކަނީ އަހަރެން ފިރިމީހާގެ މުދަލުން އެމީހުންނަށް އެހީއެއް ވެދެން ޖެހިދާނެކަމަށް ކަމަށެވެ. ދޮންތަވެސް ބުނީ އެފަދަ ޖުމްލައެކެވެ. ދޮންތަ ގެއަށް އެއްޗެއް ދޭންޖެހިދާނެކަމަށް ނުދިޔަޔަސް މިގޭ އޮޅިގަނޑު ގިރާކޮށް އައީކަމަށް ބުނެ މަލާމާތްކުރިއެވެ. އަދި މިގެއަށް އައީއޭ ކިޔައި އެއްޗެހިތަކެއް ނުދިނަސް ހެޔޮކަމަށް ބުންޏެވެ.
އަހަރެންނަށް ރޮވުނެވެ. އަދި ހުރިތަނަށް ތިރިވެގެން އިނދެ އަހަރެންގެ ހާލު ކިޔައިދިނީމެވެ.ދޮންތަ ޔޫނާ އެނދުގައި ބާއްވާލުމަށްފަހު އަހަރެންގެ ކޮނޑުގަ ހިފާ ނަގާ ދޮންތަގެ މޭގަ ޖައްސާލިއެވެ. ދޮންތައަށް ހީކުރެވުނު ނުބައި ގޮތާއި މެދު އަހަރެންގެ ކިބައިން މަޢާފަށް އެދެން ފެށުމުން އަހަރެން ބުނީމެވެ. ދޮންތަގެ މަޤާމުގައި އަހަރެން ހުރި ނަމަވެސް ހީކުރެވޭނީ އެހެން ކަމަށެވެ. ދޮންތަ އަހަރެންނަށް ކިޔައިދިނެވެ. ފާއިޤް އަހަރެންގެ މައިންބަފައިންނަށް ޚަރަދު ކުރެއެވެ. އެންމެންގެ ކުރިމަތީގަ އެއީ ވަރަށް ރަނގަޅުމީހެކެވެ. ފާއިޤްގެ ހެޔޮކަމާއި މެދު އަހަރެންގެ މައިންބަފައިންގެ ދުލުން ތައުރީފްގެ ބަސްތައް އޮހޭކަމަށް ބުންޏެވެ.
އަހަރެން ވަރިވާންބޭނުން ކަމަށް ބުނުމުން ދޮންތަ ބުންޏެވެ. އޮތީ އަހަރެން މިހެން ކެއްކުރުމެވެ. އަހަރެންގެ ބައްޕަ ތިބެނީ ބާރަ އަންހެން ކުދިންނެވެ. އަހަރެން މިހާލުގައި ގޮސް އެގެއަށް ވަދެއްޖެނަމަ ބައްޕައަށް އުފުލަންޖެހެނީ އެއްބުރައެވެ. ދޮންތަ އަހަރެންނަށް ނަސޭހަތް ތެރިވީ މައިންބަފައިންނާއި ޔޫނާއަށްޓަކައި ވެސް މި އަނިޔާވެރިކަމުގަ ކެއްތެރިވުމަށެވެ އަދި ދޮންތައަށް ވީވަރަކުން ހާލުބަލާ އެހީތެރިވާނެކަމަށް ބުނެ އަހަރެންގެ ހިތްހަމަ ޖައްސައިދިނެވެ.
އަހަރެން ދިރުއުޅުން ކުރިއަށް ގެންދިޔައީމެވެ. ޔޫނާގެ އުމުރުން އަހަރެއް ވޭތުވެގެން ދިޔައިރުވެސް އަހަރެންނާއި ފާއިޤް އެކޭ ބީރައްޓެހި ދެމިހުންނެކޭ އެއްފަދައެވެ. އެއްގެއެއްގައި އުޅުނަސް އަހަރެމެން ދެމީހުން ވާހަކަ ދައްކައެއް ނުހަދަމެވެ. އެއްދުވަހު ފާއިޤް އޮފީސް ނިމިގެން އައި ގަޑިއެވެ. ޔޫނާ ކުޅެން އުޅެއެވެ. ފާއިޤް ފެނުމާއި އެކު ޔޫނާ ހީގެންފައި ތެދުވެ ހިނގައިގަތެވެ. އަހަރެން ބަދިގެ ތެރޭ މަންޒަރު ބަލަން ހުރީއެވެ. ފާއިޤް އިރުކޮޅަކު ޔޫނާ ހިނގާތަން ބަލަން ހުރެފައި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ޔޫނާ ފާއިޤްގެ ފަހަތުން ހިނގައިގެންވަގުތު ބަނޑުވަތަން ވެއްޓުނެވެ. ޔޫނާ ރޮއިގެން އަޑަށް އަހަރެންގެ ހިތް ކުދި ކުދި ވިއެވެ. ބަދިގެ ދޮރާއި ނިވާވެގެން ހުރެ އަހަރެން ފާއިޤް ހަދާ ނުހަދައެއް ބަލަން ހުރީމެވެ. ރޮއި ރޮއި އޮތް ޔޫނާ އާއި ދިމާލަށް ފާއިޤް ހިނގައިގަތީ ޔޫނާ އެތައް އިރަކު ރުއިފަހުންނެވެ. ފާއިޤް ޔޫނާ ނަގައި ކޮނޑުމަތީ ބާއްވާލި މަންޒަރާއި އެކު އަހަރެން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮހިގަތެވެ. ބައްޕަގެ ފުރަތަމަ ބީހިލުމާއި އެކު ޔޫނާގެ ރުއިން ހިނދިގެން ދިޔައެވެ. މަޑު ހީލުމެއްގެ އަޑު އިވިގެން ދިޔައެވެ.
ފާއިޤް އިރުކޮޅެއް ޔޫނާ އާއި އެކު ހޭދަކޮއްލިއެވެ. އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް އޮފީސް ނިމިގެން އައިސް ފާއިޤް ޔޫނާ އާއި އެކު ހޭދަކޮއްލައެވެ. ޔޫނާ އާއި ފާއިޤް ގާތްވި ނަމަވެސް އަހަރެންނާއި ފާއިޤްގެ މެދުގައިވާ ދުރުމިނަކަށް ބަދަލެއް ނާދެއެވެ. އަހަރެން މި ހުންނަނީ ރަނގަޅު ފުރުސަތަކަށް ބަލަ ބަލައެވެ. ފާއިޤް އެހެން ކަންތައް ކުރަންވީ ސަބަބު އަހަރެން އޮޅުންފިލުވަން ބޭނުމެވެ.
އޭގެ ދެމަސް ފާއިތުވެގެން ދިޔައެވެ. މިހެން އެކަނިވެރިކަމާއި އެކު ދިރިއުޅުން ކުރިއަށް ގެންދަން ޖެހުމުން އަހަރެންގެ ކެއްތެރިކަން ކޮޅުން ލައިފިއެވެ. ދުވާލަކު ސަތޭކަ ރުފިޔާއިން ޚަރަދު ބެލެހެއްޓުންވަނީ އުދަނގުލަކަށްވެފައެވެ. އަހަރެން ގަސްތު ކޮއްގެން ހުރީ މިއަދު ފާއިޤް އައިހާ އަވަހަކަށް ހުރިހާ ޝަކުވާތަކެއް ކުރާށެވެ.
ފާއިޤް މިއަދު އޮފީހުން އަންނަމުން ޔޫނާއަށް ކުޅޭ އެއްޗެހި ގެނެސްދިނެވެ. ފާއިޤް އޮފީސް ހެދުން ބަދަލުކޮއްލަން ކޮޓަރިއަށް ވަތްވަގުތު އަހަރެން ފާއިޤްގެ ފަހަތުން ވަނީމެވެ. އަހަރެން ވަރަށް ހިތްވަރު ކޮއްލާފައި އަހަރެންނާއި މެދު މިހެން ކަންތައްކުރަނީ ކީއްވެތޯ އެހީމެވެ. އަދި އަހަރެންގެ ކުށެއްވާނަމަ އެކަން އަހަރެންނަށް އޮޅުން ފިލުވައިދިނުމަށް އެދުނީމެވެ. ފާއިޤް ފަރުވާކުޑަގޮތަކަށް ބުނެލީ އަހަރެންގެ ކުށެއް ނެތް ކަމަށެވެ. މިހެން ކަންތައް ކުރަންޖެހޭ ސަބަބެއް ބުނެއެއް ނުދިނެވެ. އަހަރެން މިއަދު މިހިސާބަށް ކުރުކޮއްލާކަށް ނޭދެމެވެ. ބޭނުންވަނީ އޮޅުން ފިލުވާށެވެ.
ފާއިޤްގެ ކުރިމައްޗަށް އަރާ އަހަރެން އޭނަގެ ދެލޮލަށް ބަލާލީމެވެ. އޭނަ ހުރީ އަހަރެންނަށް ބަލަން ނުކެރި އިސްޖަހައިގެންނެވެ. އޭނަ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ އާދޭސް ކުރަން ފެށީމެވެ. ފާއިޤްގެ ދުލުން ސަބަބު ކިޔައިދެމުން ދިޔައިރު އަހަރެން މޭ ހީފަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެއީ އަހަރެންގެ ހިތަށް ނުވެސްގެނެވޭ ޚިޔާލުތަކެކެވެ.
ފާއިޤްގެ މުއްސަދިކަމުގެ ދަހިވެތިކަމުގައި އަހަރެންގެ މައިންބަފައިން އަހަރެން ފާއިޤްއަށް ވިއްކާލީ ނޯކަރެއްގެ ދަށު ދަރަޖައިގެ ގެންގުޅޭށޭ ކިޔާފައެވެ. ފާއިޤް އަހަރެން ގެނައީވެސް ނޯކަރެއްގެ ގޮތުގައެވެ. އެކަމަކު ފާއިޤްގެ މައިންބަފައިން އޭނައަށް މަޖުބޫރު ކުރުވީ އަހަރެންނާއި ކައިވެނި ކުރާށެވެ. އޭރު ފާއިޤްވަނީ އެހެން ކުއްޖަކާއި އެކު ކައިވެނި ކުރަން ތައްޔާރުވެފައެވެ. ލޯބިވެރިޔާ އާއި ދުރުވާންޖެހުމުން ހުރިހާ ރުޅިއެއް ބާލަން ހުރީ މި ނިކަމެތި އިންސާނާއެވެ. ފާއިޤް ރުޅި އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް އަނިޔާ ކުރެވެނީ އޭނަގެ ހިތުގަ އަނދަމުންދާ އަލިފާނެއްގެ ސަބަބުންނެވެ.
އަހަރެންނަށް އަހަރެންގެ މައިންބަފައިންނާއި ވާހަކަ ދެއްކުން މަނާކުރީ މައިންބަފައިންނަކީ އަހަރެންނަށް ހެޔޮއެދޭ ބަޔަކަށް ނުވާތީއެވެ. ފާއިޤްއަށް ގުޅައިގެންނާއި އޭނަގެ އޮފީހަށް ގޮސްގެން އަހަރެންގެ ބައްޕަ ފައިސާ ދޭށޭ ކިޔާކަމަށް ބުންޏެވެ.ފާއިޤްގެ ފަރާތުން މި އިވުނީ ދޮންތަ އަހަރެން ކައިރީ ދެއްކި ވާހަކަތަކާއި މުޅިން ތަފާތު ވާހަކަތަކެވެ. ފާއިޤް އަހަރެން ކައިރީ ދޮންތައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެކަމަށް ބުންޏެވެ.
އަހަރެމެން ދެމީހުން ދައްކަމުން ދިޔަ ވާހަކަތައް މެދު ކަނޑާލީ ޔޫނާ އައިސް ކޮޓަރި ތެރެއަށް ވަނުމުންނެވެ. ކޮށި ގޮތަކަށް ހިނގަމުން އައިސް އަހަރެމެން ކައިރީ ހުއްޓުމުން ފާއިޤް ޔޫނާ އުރާލިއެވެ. އަދި އަހަރެންގެ ކޮނޑުގަ އަތްބާއްވާލުމަށްފަހު އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ދުވަހަކުވެސް އެހެން ކަންތައް ނުކުރާނެކަމުގެ ޔަޤީންކަން ދިނެވެ.
އެތައް ދުވަހަކަށްފަހު އަހަރެންގެ ދިރިއުޅުމަށް ބަހާރު މޫސުން އަތުވެއްޖެއެވެ. އެއީ ކުރީގެ ފާއިޤް އޭ ނުބުނާހާ ރަނގަޅު މީހަކަށް ފާއިޤް ބަދަލުވެއްޖެއެވެ. ކައިވެންޏަށް ހަތަރު އަހަރުވީއިރު އަހަރެން ދެވަނަ ކުއްޖަކަށް ބަލިވެ އިނެވެ. މިފަހަރު ޤަވައިދުން ޑޮކްޓަރަށް ދެއްކުމާއި ހުރިހާ ކަމެއް ބެލެހެއްޓީ ފާއިޤްއެވެ. ދޭތެރެއަކުން ޗުއްޓީއެއް ނަގައި އަހަރެމެން ދެމައިން ކައިރީ ގިނަ ވަގުތު ހޭދަކުރެއެވެ. މިފަހަރު އަހަރެންނަށް މާ ބޮޑު އުދަނގޫތަކެއް ނުވެ ވިހެއުމާއި ހަމަޔަށް ދެވުނެވެ.
ވިހޭ ދުވަހުވެސް އަހަރެންގެ ހުރިހާ ކަމެއް އެންމެ ގާތުން ބެލެހެއްޓި މީހަކީ ފާއިޤްއެވެ. މި ފަހަރުވެސް އަންހެން ކުއްޖެކެވެ. އަހަރެން މާކުރިން ހުރީ ކުދިންނަށް ކިޔާނެ ނަން ހޯދައިގެންނެވެ. މި ފަހަރު މި ދަރިފުޅަށް ދޭނީ ޝެރީންއެވެ. އެއީ ފާއިޤްގެ ބައްޕަ ޝަރީފް އާއި ގުޅުވާލައިގެންނެވެ. އަންހެން ކުއްޖަކަށް ވުމުން ފާއިޤްގެ މޫނުމަތި މިލައިގެން ދިޔައެވެ. ފާއިޤް ބޭނުންވަނީ ފިރިހެން ކުއްޖެކެވެ. އޭނަ ދެކޭ ގޮތުގަ އޭނަގެ ވިޔަފާރި ދެމެހެއްޓޭނީ ފިރިހެން ކުއްޖަކު ލިބިގެންނެވެ. އަހަރެން ބުނީމެވެ. އަންހެން ކުދިންވެސް މިހާރު ވަކި ދެރައެއް ނުވާނެއެވެ. ފާއިޤްގެ ވިޔަފާރި ކޮޅަށް ޖަހާލެވޭނެ ވަރުގެ ޤާބިލްކަން ހުރި ދަރިއަކަށް ހެދިދާނެކަމަށް ބުނީމެވެ. އަހަރެންގެ ހިޔާލުތަކާއި ފާއިޤްގެ ހިޔާލުތައް ވަރަށް ތަފާތެވެ. އޭނަ ދެކޭގޮތުގައި އަންހެން ކުދިން މީހުންނާއި އިނުމުން ވިޔަފާރި އެދަނީ ހިލޭ ފިރިހެނެއްގެ އަތަށެވެ.
ޝެރީން ބޮޑުވަމުން އާއިރު ފާއިޤް އަނެއްކާވެސް މަޑުމަޑުން ދުރުވާން ފަށައިފިއެވެ. ބީރައްޓެހިކަމުގެ ސާލެއް ދެމީހުންގެ ދެމެދަށް ވަދެއްޖެއެވެ. މިހެން ކަންތައްވާން ފެށުމުން އަހަރެން ވަރަށް ދެރަވާ ގޮތްވެއްޖެއެވެ. ފާއިޤްގެ ފަރާތުން ލިބެންޖެހޭ ލޯތްބަށް އެދި އާދޭސް ކުރެވެން ފަށައިފިއެވެ. މި ފަހަރު ހިތްވަރު ލިބުނީ ކިހިނެއްކަމެއް ނޭނގެއެވެ.
ފާއިޤް ދައްކާ ބަހަނާއަކީ ބިޒީވުމެވެ. ކުދިން ލިބުމުން އެކުދިންގެ ޚަރަދަށްޓަކައި ކަމެއް އުނިނުވާނެހާ ގިނަ ފައިސާ އެއްކުރަން ބޭނުންވާކަމަށް ބުންޏެވެ. އަދި ގޭތެރެއިން ކަމެއް އުނި ނުވާނެހެން ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ކޮންމެ ކަމެއް ކުރުމަށް ނޯކަރުން ހަމަޖެއްސިއެވެ. ޚަރަދު ކޮއްފަ ބާކީ ވާވަރަށް ފައިސާ ދެއެވެ. އޭނަ ދެކޭގޮތުގައި އެއީ އޭނަގެ ޒިންމާތައް އަދާކުރެވުނީއެވެ. ފައިސާގެ ދާނުގައި ދެކުދިން ނިންދާލެވުނީއެވެ. އަހަރެން ދެކޭގޮތުގައި އެއީ ޒިންމާގެ ދެބައި ކުޅަ އެއްބައެވެ. ބައްޕަގެ ފަރާތުން ލިބެންވީ އޯގާތެރިކަމާއި ލޯތްބަކީ އެ ދެކުދިންނަށް ބީރައްޓެހި އެއްޗެކެވެ.
ގިނަ ރޭރޭ ފާއިޤް ނިދަން އަންނަނީވެސް އަހަރެން ނިދާ ފަހުންނެވެ. އެކަމަކު ބައެއް ފަހަރު ހުކުރު ދުވަސްތައް ގޭގަ ހޭދަކުރެއެވެ. ނިދާ ގަޑި ނޫން އެހެން ގަޑިތަކުގައި ގޭގަ އުޅުނަސް އިންނަނީ ކޮންމެވެސް މަސައްކަތެއްގައެވެ. ޝެރީންގެ އުމުރުން އަހަރެން ވީތަނާ ތިންވަނަ ފަހަރަށް އަހަރެން ބަނޑުބޮޑުވިއެވެ.
އަހަރެންގެ ބަނޑަށް ދެމަހުގައި ފާހާނާއަށް ވަދެ އުޅެނިކޮން ކައްސާލައިގެން ވެއްޓުނެވެ. ލޭކުލަ ފެނުމުން އަރާމް ކުރަން އެންގިއެވެ. އަހަރެން އަރާމް ކުރަން ބާއްވާ ކުދިންގެ ކަންތައްތައްވެސް ނޯކަރުންނާއި ޙަވާލު ކުރިއެވެ. ކުދިން ބެލެހެއްޓުމަށް ހާއްސަ މީހަކަށް މަލީހާ ގެނައެވެ. މަލީހާ އަކީ ކުދިން ނުލިބޭ އަންހެނެއްކަމުން ކުރިން ކުރި ދެކައިވެނިވެސް ވަނީ އެކަމާއި ހެދު ރޫޅިފައެވެ. އަހަރެންގެ ދެކުދިންނަށް މަލީހާގެ ފަރާތުން ލޯބިދިނެވެ. ވިހަން ވަންދެން އަހަރެންގެ ދެކުދިން ގެންގުޅުނީ މަލީހާއެވެ.
ފާއިޤްގެ ރައްޓެއްސެއްކަމަށްވާ ރަބީއު އަހަރެމެންގެ ގެއަށް ހަފްތާއަކަށް މަޑުކޮއްލަން އައެވެ. ފާއިޤް އުޅެނީ ގިނަ ވަގުތު ބޭރުގަކަމުން ފޫހިވެގެން ވާހަކަ ދައްކަން ހުރި މީހަކީ ރަބީއުއެވެ. ރަބީއު އަކީ މީހުންނާއި ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. ރަބީއު މަސައްކަތް ކުރަނީ އޭނަގެ އަމިއްލަ ރަށުގައި ކަމުގައި ވިއަސް ފަހުން ފާއިޤް ކައިރީ ބުނެގެން ފާއިޤްގެ އޮފީހުން ވަޒީފާއެއް ހަމަޖެއްސިއެވެ.
ރާއްޖެއިން ބޭރަށް ފާއިޤް ވިޔަފާރިކަމުގައި ފުރައިގެން ދިޔައީ އަހަރެން ވިހަން އޮތް ދުވަހުއެވެ. އަހަރެންނަށްވުރެ ބޮޑަށް ފާއިޤްއަށް ވިޔަފާރި މުހިއްމު ވީތީ އަހަރެން ހިތްހަމަ ނުޖެހުނެވެ. ފާއިޤް ދަމުން ދިޔައީ ގެއަށް އިތުރު ތިން ނޯކަރަކު ގެނެއްސައެވެ. އަހަރެން ވިހެއުމަށް ބަނޑުގައި ރިއްސަން ފެށުމުން އެންމެ ބޮޑަށް އެހީތެރި ވެދިނީ ރަބީއުއެވެ. މަލީހާ މަޑުކުރީ ގޭގައެވެ. ގަދަވޭނެއް ތަހައްމަލު ކުރުމަށްފަހު އަހަރެން ވިހެއީ މިފަހަރުވެސް އަންހެން ކުއްޖެކެވެ. ބޭރުގައި ހުރި ފާއިޤްއަށް ރަބީއު އެ ޚަބަރު ދިނެވެ.
އަހަރެން ވިހައިގެން ތިން ދުވަހު ހޮސްޕިޓަލުގައި އޮތް އިރު ފާއިޤް އަހަރެންނަށް ގުޅައިވެސް ނުލައެވެ. އަތަށް ފަޔަށް ނޯކަރުންލާ ފައިސާގެ ގޯނިތަކެއް ބަންޑުންކޮއްލުމުން ފާއިޤްގެ ހިތުން އެ ކޮއްދެވުނީ ވަރަށް ބޮޑުވަރެކެވެ. ފާއިޤް ވިޔަފާރި ދަތުރު ނިންމާލާ މާލެ އައީ މަހެއް ވަނިކޮންނެވެ.. އެއީ ހޮސްޕިޓަލްގައި އޮތް އިރު ރަބީއު ހޯދައިދިން ނަންތަކުގެ ތެރެއިން ނަމެކެވެ.
މާލެ އައުމަށްފަހުވެސް ފާއިޤް އުޅުނީ ވިޔަފާރި ކަންތައްތަކުގައެވެ. ބޮޑެތި ވިޔަފާރި ވެރިންނާއި އެކު ޑީލްތައް ހަދައި އިތުރަށް ވިޔަފާރި ފުޅާކުރެވޭތޯއެވެ. ފާއިޤް ގެއަށް އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް އެކަމާއި ޝަކުވާ ކުރެވެއެވެ. ފާއިޤް އޮފީހުން އަންނަ އިރު ހުންނަ ވަރުބަލިކަން ފިލުވައި ނުލެވެނީސް އަހަރެންގެ ޝަކުވާތައް އޮންނަނީ އަހަން ޖެހިއެވެ.
ފާއިޤް ހިތްހަމަ ނުޖެހި ޝަކުވާނުކުރާށޭ ކިޔައި ހަޅޭއްލަވައެވެ. އެކަމަކު އަހަރެން ބޭނުންވަނީ ހައްލުކަމަށްބުނެ އަހަރެން ޝަކުވާ ކުރަމެވެ. ތިންކުދިން ލިބިފައި ވީއިރު އެކުދިންނަށް އެއްވެސް ވަރަކަށް ވަގުތު ނުދޭތީ އެކުދިން ކުރާ ޝަކުވާ އަހަން ހުރީ އަހަރެން ކަމަށްވެފައި އެ ޝަކުވާތައް ފާއިޤް އާއި ހަމަޔަށް ގެނެސްދެން ޖެހެއެވެ. ފަހުން ފަހުން އައިސް ފާއިޤް ގެއަށް އަންނަ ކޮންމެ ފަހަރަކު އޮންނަނީ ޒުވާބު ކުރަން ޖެހޭ ހިސާބަށް ގޮހެވެ. ބައެއް ފަހަރު އެ ޒުވާބުގައި އަހަރެންނަށް އަނިޔާވެސް ކުރެއެވެ.
އަހަރެން ކެއްނުކުރެވިގެން ވަރިއަށް އެދުނީމެވެ. އެއީ ފާއިޤް މާކުރިން ބޭނުންވެފައި ހުރިކަމެއްކަމުން މާ ބޮޑު ދެކޮޅު ހެދުމެއްނެތި އަހަރެން ވަރިކޮއްދިނެވެ. ތިންކުދިންނާއި އެކު އަހަރެން ނިކުންނަން ފެށުމުން ފާއިޤް އެއް ކުއްޖަކު ދޭށޭ ބުންޏެވެ. އަހަރެން އެއްވެސް ކުއްޖަކު ދޭކަށް ބޭނުމެއް ނޫނެވެ. އަހަރެންނަށް ތިންކުދިން ނުބެލެހެއްޓޭކަން އެނގި ހުރެވެސް ބޭނުންވީ ތިންކުދިން ގެންދާށެވެ. ފާއިޤް ގަދަކަމުން އަހަރެންގެ އަތުން ޝެރީން އަތުލިއެވެ. އަހަރެން ހިތަށް އެރިއެވެ. ފާއިޤްއަށް މުހިއްމުވީ ޝެރީން އެކަނި ބާއެވެ. ތިންކުދިން އަތުނުލީ ކީއްވެބާއެވެ.؟
*-*-*-*-*-*-*
ޝެރީން ޑައިރީ ލައްޕާލިއެވެ. އެ ޑައިރީގައި ތިންވަނައަށް ލިބުނު ދަރިފުޅުގެ ނަމެއް ނެތެވެ.
” ކީއްވެތަ މަންމަ ދަމުން އަހަރެން ނުގެންދިޔައީ…..މަންމާ އަހަރެން ބަލާ އާދޭ…..” ޝެރީން ޑައިރީ މޭގަ ޖައްސާ ބާރުކޮއްލިއެވެ. ރޮއި ރޮއި ދެލޯ ރަތްވެ ދުޅަވީއިރުވެސް އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ.
އަނދިރިކޮޓަރީގައި ހުރި ގޮނޑިއެއްގައި ފާއިޤްވެސް އިނީ ވިސްނުމެއްގައެވެ. މިރޭ ޝެރީން ދެއްކި ވާހަކަތަކުން އޭނަގެ މާޒީ ހަނދާންވެއްޖެއެވެ. މިވޭތުވެގެން ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އޭނަގެ އަނބިމީހާގެ ހަނދާންތަކެއް އައިސްފައެއް ނެތެވެ. ކުރީގެ ހަނދާންތަކުން އޭނަގެ ހިތަށް ތަދުކުރަން ފަށައިފިއެވެ. ޔޫނާ އުރާލައިގެން ހުރެ ކުރި ސަމާސާތަކުގެ ތަސްވީރު ހީވީ އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ހެންނެވެ. މިއިން ދުވަހަކު ޝެރީން ނޫނީ އޭނަގެ ދުނިޔޭގައި އިތުރު މީހަކު ނުވެއެވެ، އަނެއް ދެކުދިން މަތިން ހަނދާނެއްނުވެއެވެ. އެކުދިން ދުނިޔޭގައި ތިބިތޯ އަދި އުޅެނީ ކޮން ހާލެއްގައިތޯ ބެލިފައެއް ނެތެވެ.
ހަސީބާ ވަކިވެގެން ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭނަގެ ހަޔާތަށް ފަޅުކަން އިޙްސާސްވިއެވެ. ގެއަށް އަންނަ އިރު އޭނަގެ ޙިދުމަތުގައި ތިބޭ ނޯކަރުން ކޮއްދޭ ކަންތައް އޭނައަށް ކަމުނުދާ ހިސާބަށް ދިއުމުންނެވެ. ހަސީބާ ހުންނަހެން އޮފީހުން އަންނަ އިރަށް ބޫޓް ބާލައިދޭނެ މީހަކު ނެތެވެ. ފަޅުކަން އިޙްސާސްވި ނަމަވެސް ހަސީބާ ވީ ކޮންތާކުތޯ ބަލާލާނެ ހިތްވަރެއް ނުލިބުނެވެ. ކަށީގައި ހިފާފައިވާ ގޮތްދޫ ނުކުރުމުގެ ގޮތްތަކުން ހަސީބާ ހޯދާ އޭނަގެ ކުރިމަތީ މަޢާފަށް އެދެން ބޭނުމެއް ނުވެއެވެ.
މިއަދު އޮފީހުގެ ކެބިންތައް ފެންނަނީ ހަލަބޮލި ކޮންނެވެ. ހާސްކަމުގައި ހުރެވެސް ޝެރީން މިއަދު އޮފީހަށް ދިޔައީ މަސައްކަތްތަކުގައި މަސްއޫލު ވެލުމުން ސިކުނޑިއަށް ލިބިފައިވާ ހާސްކަން ކުޑަކޮއްލެވޭތޯއެވެ. ކެބިންއަށް ވަދެ ހަމަނުޖެހެވި އުޅެނިކޮން ފޯނުން ރިންގުވާން ފެށިއެވެ.
” އައްސަލާމް އަލައިކުމް….ޝެރީން..” ފޫހި ރާގަކަށް ޝެރީން ޖަވާބު ދިނެވެ. ” މިއީ ވެޑިން ޕާރޓީ އިންތިޒާމން ކުރާ ފަރާތެއް…މީގެ ދެދުވަސް ކުރިން އަޅުގަނޑުމެއް އޯޑަރ ކުރި މާތައް ނުލިބޭތީ..ތިކޮޅުން ތިފަދަ ކަމެއް ކުރާއިރު އޯޑަރ ތައް ޑެލިވެރީ ނުކޮއްދެވޭއިރު ހިފަނީ ކީއްކުރަންތޯ…..އަޅުގަނޑުމެންގެ މަސައްކަތްތައް ކުރަނީ ވަކި ޕްލޭންއެއްގެ ދަށުން…..އެންމެ ކަމެއް ފަސްވިއަސް މުޅި ޕްލޭންއަށް ބުރު އަރާ….އަޅުގަނޑު އެދެނީ އެ އޯޑަރ ދެން ކެންސަލް ކޮއްދިނުމަށް……” އެކޮޅުން ފޯނު ބޭއްވީ ޝެރީން އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. މިއީ ކުރީ ދުވަހު ދިމާވި ކަހަލަ ކަމެކެވެ. ކޮންމެސް މީހަކު އޭނަގެ މަސައްކަތްތަކަށ ހުރަސް އަޅާކަން އޭނައަށް ވަނީ އެނގިފައެވެ.
(ނުނިމޭ)
10 Comments!
Comments are closed.


Mi story mee hurihaa site eh ga ves up kuraa story eh tha???? Xaahy ehen story eh nulibeyne tha read koh laakah…
Mashaa Allah v v v v nice mi part ves.. keep up your gud work..
salhi
konirakuntha mivaahaka dhen genes dhenee
Kon dhuvahakun 9 vana bai nikunnaany
koba anehbaaiii???
kobatha anehbaii??vaanuvaa angabala
e meehun ge nubai kamun nuliyaane ehen meehun ge hiyy thalhu vaany ma hama heybali vey
plz mivaahaka genesdhybala nimendhen
Gina vaahaka thakuge ehbai genesdhevenee miyun therin inthizaarah hahleh genes dheebala xaaahy mivaahakaige anehbai genes dheebala