ކޮންމެ ވަގުތަކު ވެސް ވިސްނިދާނެ!
ބޮޑު ޗުއްޓީ ނިމި މިއަދަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ. އެހެންދުވަސްތަކާ އެއްގޮތަށް އަހަރެންނަށް މިއަދުވެސް ފަތިސްނަމާދު ބަންގީގެ އަޑަށް ހޭލެވުނެވެ. އަހަރެންނަކީ ފަރުޟު ފަސްނަމާދު ކުރާ، އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅެމުން އަންނަ ކުއްޖެކެވެ. އެހެންމީހުންގެ ލޯތްބާއި އިޙްތިރާމު ހޯދާފައިވާ ކުއްޖެކެވެ. ނަމާދުކޮށް ޤުރުއާން ކިޔަވައިގެން އަހަރެން އަވަސްވެ ގަތީ ސުކޫލަށް ދާން ތައްޔާރުވާށެވެ.
އަހަރެން ގެއިން ނުކުތީ ގަޑިޖެހެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި، ރަށުގެ ބޮޑު މަގުގައި ހިނގަމުން ސުކޫލަށް ދިޔައީމެވެ. އަހަންނަކީ ޕްރިފެކްޓެއްކަމުން ސުކޫލަށް އަވަހަށް ވަންނަން ޖެހެއެވެ. ސުކޫލާއި އަރާ ހަމަވިއިރު ޕްރިފެކްޓް އެހެން ކުދިންވެސް ދާތަން ފެނެއެވެ. އަހަރެން ސުކޫލަށް ވަނެ، ފައިލުގައި ސޮއިކޮށްފައި، ކުލާހަށް ދިޔައީ އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ހާލުގައެވެ.
އަހަރެން ކުލާހަށް ވަން އިރު ކުލާހުގެ އެހެން ޕްރިފެކްޓް ކުދިން ތިއްބެވެ. އެހެން ދުވަސް ދުވަހާ އެއްގޮތަށް މިއަދުވެސް އެކުދިން އަހަންނާއި ބެހުނެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އަހަރެންނާ ބެހި ނުލާ އަހަރެން ރޮއްވާ ނުލާ އެކުދިންގެ ހިތްހަމައެއް ނުޖެހޭނެއެވެ. ފުރަތަމަ ވެސް އަހަރެންނާއި އެކުދިން ބެހުނެވެ. އެކި އެކި ކަންކަމާއެވެ. އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީއެވެ. ކުރީގައި އަހަރެންނަކީ ކުޑަކޮށް ފަލަކޮށް ހުންނަ ކުއްޖެކެވެ. ނަމަވެސް މިހާރު މިވަނީ ވަރަށް ބޮޑަށް ވެސް ހިކިފައެވެ. އަހަރެން ފަލަކޮށް ހުއްޓަސް ކުދިން މަލާމާތް ކުރެއެވެ. އަދި ހިކިކޮށް ހުއްޓަސްވެސް މަލާމާތް ކުރަނީއެވެ. ކުރީ އަހަރުތަކުގައި އެގޮތަށް އަހަންނާއި ކުދިން ދިމާކޮށް މަލާމާތް ކޮށް ހެދިޔަސް މާބޮޑަކަށް އަޅައެއްނުލަމެވެ.
ބެލް ޖަހާފިއެވެ. އަހަރެން އިނީ ޙިޔާލުގެ ފުން ކަނޑަކަށް ގެނބިފައެވެ. ކުލާހުގެ ހުރިހާ ކުދިން ހާޒިރުވެއްޖެއެވެ. އަހަރެންގެ އެކުވެރި ޝާޔާ އިނީ އަހަރެންގެ ކައިރީގައެވެ. އެކިއެކި ވާހަކަތައް ހިއްސާކުރުމުގައެވެ. ކުލާހުގައި އަހަރެންނާއި ހިތުން ރުހުމުން ވާހަކަދައްކާނީ ހަމައެކަނި ޝާޔާއެވެ. އަހަރެންނަކީ ކިޔެވުމަށް މޮޅުކުއްޖަކަށް ވުމުން ގިނަ ކުދިން ތިބެނީ އަހަންނާއި ހަސަދަވެރިވެފައެވެ. ފުރަތަމަ ގަޑި ފެށިއްޖެއެވެ. އަހަރުގެ ފުރަތަމަ ދުވަހަށް ވުމުން މިއަދު އޮތީ އެކުއްޖެއްގެ ތަޢާރަފު ދިނުމެވެ. ފުރަތަމަ ބެންޗުނިމި، އަހަރެން އިންނަ ބެންޗަށް ޖެހިއްޖެއެވެ. ޝާޔާގެ ތަޢާރަފުދިނުން ނިމި އަހަރެންނަށް ޖެހިއްޖެއެެވެ. ތެދުވެލާފައި އަހަރެންގެ ނަން ބުނީމެވެ.
“ފާތިމަތު ލުޔޫން ޙުސައިން” އަހަރެން އެހެން ބުނެލާފައި ގޮނޑީގައި އިށީނީމެވެ. އަހަރެން އިށީނުމާއެކު ބައެއް ކުދިން ސިއްރުސިއްރުން “ކުއީން ލަޔަން” އޭ ކިޔާ މަލާމާތް ކުރަން ފެށިއެވެ. އެކުދިން އަހަންނަށް އެހެން ކިޔަން ފެށީ އަހަންނަކީ ވަރަށް ފޮނި ބޮޑު ކިބުރުވެރި ކުއްޖެކޭ ކިޔާފައެވެ. ކުލާހުގައި ޝާޔާ ނޫނީ ހުރިހާ ކުދިން އަހަންނާ ހަނގާކުރެއެވެ. އެއްފަހަރު “ފެޓީ” އޭ ކިޔާފާނެއެވެ. އަނެއްފަހަރު “ފީ އިލޮއްޓޭ” ކިޔާފާނެއެެވެ. ބޯ ފަޅާގެން ދާވަރުވެއެވެ. އަދި އެހާމެ ދެރަވެސްވެއެވެެ. ސުކޫލު ނިންމާލާފައި އެކުވެރި ޝާޔާއާއެކު ގެއަށް ދިޔައީމެވެ. މޫނުގެ ކުލަވަރު އޮއްސިފައިވާކަން ޝާޔާއަށް އެނގެއެވެ. އަދި އެއީ ކީއްވެގެން ކަން ވެސް އެނގޭނެއެވެ.އަބަދުވެސް ޝާޔާ އަހަންނާއެކު ވެއެވެ. ދެރަވާވަގުތުގައި ހިތްވަރު ލާދޭން ހުރެއެވެ. އަހަރެން ދެރަވެފައި ހުރިއްޔާ އޭނާގެ މަސައްކަތަކަށް އޮންނާނީ އެކި އެކި މަޖާ ވާހަކަތައް ދައްކާގެން އަހަރެން ހެއްވާލުމެވެ. މިއަދުވެސް އޭނާ ދިޔައީ އޭނާގެވާޖިބު އަދާކުރަމުންނެވެ. އަދި އެކަމުގައި ކާމިޔާބުވެސް ހޯދިއެވެ. ނަމަވެސް އެއީ ކުޑަ ވަގުތު ކޮޅަކަށެވެ. އިރު އިރުކޮޅުން އަހަަރެންގެ ސިކުނޑިއަށް އެ ހަނދާންތައް ވެރި ކުރުވައެވެ.
ގެއަށް ވަތް އިރު މަންމަ އިނީ ސޯފާގައި ޓީވީ ބަލާށެވެ. އަހަރެން ފެނުމުން އެއްޗެހި ބަދަލުކޮށް ނަމާދު ކޮށްގެން ކާން އަންނާށޭ މަންމަ ބުނެލިއެވެ. “ދަރިފުޅާ ކިހިނެއްވެފަތިހުރީ؟” އަހަރެން އެއްޗެކޭ ނުބުނެ ދާންހިނގާ ގަތުމުން މަންމަ އެހިއެވެ. “ކަމެއް ނުވޭ މަންމާ…” އަހަރެން މިހެން ބުނުމުން ވެސް މަންމަ އަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. “ދަރިފުޅާ ކަމެއް ގޯސްވީތަ؟ ކުދިން ބެހެނީތަ ސުކޫލްގަ؟ މަންމަ ކާރީ ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް…. އެހެންނާ ދަރިފުޅުތީ ސުކޫލުންއައިސް ގެއަށް ވަންނަ ގޮތަށް މަންމަ ގާގަ ބައްދާލާ ކުއްޖެއް… މިއަދު ދެރަވެފަ ތިހުރީ ކަމެއް ވީމަ… ދަރިފުޅު މަންމައަށްކަމެއް ސިއްރު ކުރަނީތަ؟”އެތައް ސުވާލެއް މަންމަ އަހަރެންނާ ކުރިއެވެ.”ކަމެއް ނުވޭ މަންމާ…. މިއަދު މިހިރީ ވަރަށް ވަރުބަލިވެފަ. އެހެންވެ މަންމަ އަށް ހީވާގޮތެއް ތީ”. މަންމަ އަށް ޖަވާބެއް ދީފާ އަހަރެން ކޮޓަރި އާ ދިމާއަށް ހިނގާގަނީމެވެ. ނަސީބަކުން މަންމަގެ އިތުރު ސުވާލަކާ ކުރިމަތިލާކަށް ނުޖެހުނެވެ. މީ އަހަރެން މަންމަ އަށް ދޮގުހެދި ފުރަތަމަ ފަހަރެވެ.
ނަމާދުކޮށް ޤުރުއާން ކިޔަވައިގެން އަހަރެން ކާން ދިޔައީމެވެ. އޭރު ބައްޕަ ވެސް އަހަރެންގެ އިންތިޒާރުގައި ކާ މޭޒު ދޮށުގައި އިނެވެ. ތަށި ހިފާގެން ގޮސް ގޮނޑިއެއް ދަމާލާފައި އިށީނީމެވެ.”ދަރިފުޅާ ޔޫން! ކުލާސް ކިހިނެއް ވަނީ؟ ރަނގަޅު ތަ؟ ކަމެއް ގޯސްވެއްޖާ ބައްޕަ ކާރީ ބުނާތި. އެއްވެސް ކަމެއް ސިއްރު ނުކުރާތި އިނގޭ ދަރިފުޅާ!”ބައްޕަ ވަރަށް ލޯބިން އަހަންނާ ވާހަކަ ދެއްކިއެވެ.”ލައްބަ!”އޭގެ ބަދަލުގައި ވަރަށް ކުރު ޖަވާބެއް ދީފާ ކާން ފެށީމެވެ. ބައްޕަވެސް އިތުރު ސުވާލެއްނުކޮށް ކާންފެށިއެވެ.
ކާ ނިމުމުން މަންމަ އަހަރެން ގާތު ފިލާވަޅުތައް ހަދާ ދަސްކުރަން ދާން ބުނިއެވެ. އެއްވެސް ޝަކުވާއަކާ ނުލާ އަހަރެން ފިލާވަޅުތައް ނިންމަން ދިޔައީމެވެ. ސުކޫލަށް ދިޔަ އެންމެ ފުރަތަމަ ދުވަހު ވެސް އެތައް ބައިވަރު ފިލާވަޅުތަކެއް ދިނެވެ. އެއްގަޑި އިރު ތެރޭ ހުރިހާ ފިލާވަޅުތަކެއް ހަދާ ނިންމާލީމެވެ. އަދި ފޮތް ދަސްކުރަން ފެށީމެވެ. އަހަރެންނަކީ އަބަދުވެސް ދުވަހުން ދުވަހުން ދޭ ފިލާވަޅުތައް ދަސްކުރާ ކުއްޖެކެވެެ. ކިޔަވާހިތްވާ ކުއްޖެކެވެ. ނަމަވެސް މިހާރު އަހަރެން ކިޔަވާހިތެއް ނުވެއެވެ. ކިޔެވުން މަތިން ފޫހިވާން ފަށާފިއެވެ.”އަހަރެންނާ އަބަދުވެސް ކުލާސް ކުދިން ބެހެނީ ކީއްވެގެންތަ؟ އަހަރެން ކިޔެވުމަށް މޮޅުވީމަތަ؟’މިފަދަ އެކި ޙިޔާލުތަކުގައި އިންދާ އަޞްރު ނަމާދު ބަންގި ގޮވާފިއެވެ. ވަގުތު ދިޔަ ގޮތްވެސް އަހަރެންނަށް ނޭނގުނެވެ. ފޮތްތައް ލައްޕާފައި ގޮސް ފާހަނާއަށް ވުޟޫކުރަން ވަނީމެވެ. ނަމާދުކޮށް ނިންމާފައި މާތްﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވީމެވެ. އަހަރެންނަށް ކެތްތެރިކަން ދެއްވާތޯއެވެ. މުޞައްލަ ކަބަޑަށްލާފައި އަހަރެން ނިކުމެލީ ގޭގައި އޮންނަ ބަގީޗާއަށެވެ. ބޮލަށް ލުޔެއްލިބޭތޯއެވެ. ފިނިފެންމާ ގަސްތަކުގައި އަޅާފައި ހުންނަ ރަތް ކުލާގެ ފިނިފެންމާތަކަށް ބަލާ ފޫހިނުވާނެއެވެ. އަދި ކައިރީގައި ހުރި އެކި ކުލަކުލައިގެ މަތަރެސްމާ ގަސްތަކާއި ކުޑަ ވަރެއްގެ އުނދޯއްޔެއް ހުރުމުގެ ސަބަބުން އެ މަންޒަރަށް އިތުރު ފުރިހަަމަ ކަމެއް ގެނެސްދެއެވެ.
އަހަަރެން ގޮސް އުދޯލީގައި އިށީނދެލީމެވެ. އިރުކޮޅެއް ނުވެ މަންމަވެސް އައިސް އުދޯލީގައި އިށީދެއްޖެއެވެ. އެކި އެކި ވާހަކަ ދައްކާ ސަކަރާތް ޖަހާފައި އިރު އޮއްސި ބަންގި ގޮވަން ކާރިވުމުން ގެއަށް ވަނީމެވެ. ކޮޓަރިއަށް ވަންއިރަށް މަޣްރިބު ނަމާދު ބަންގި ގޮވާފިއެވެ. ވުޟޫކޮށްގެން އައިސް ނަމާދަށް އެރީމެވެ. ނަމާދުކޮށް ނިންމާފައި އިޝާ ނަމާދު ބަންގި ގޮވަންދެން ޤުރުޢާން ކިޔަވަން އިނީމެވެ.އިޝާ ނަމާދުކޮށް ނިންމާފައި ބަނޑުހައި ވެފައި ހުރުމުން ކާން ދިޔައީމެވެ. ކާގެން އައިސް މަންމަ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލާފައި އައިސް ނިދަން އޮށޯތީމެވެ. މާދަމާ ސުކޫލުގަ ވާނެ ގޮތަކާމެދު ވިސްނަން އޮވެފައި ނިދުނު އިރެއްވެސް
ނޭނގެއެވެ.
****************
އިންޓަވަލް ގަޑިޖެހުމުން އަހަރެން ކެންޓީނަށް ދަނިކޮށް ކުލާހުގަ އުޅޭ ޒިޔާދާ އާއި ކުލާހުގެ އެހެން ކުދިން އަހަރެން ހިފަހައްޓާގެން މީހަކަށް ނުފެންނަ ތަނަކަށް ގެންދިޔައެވެ.”ކަލޭ ތިއުޅެނީ ކީއްވެގެންތަ؟ އަހަރެންނަށް ވުރެ މާ މޮޅު ވާ ނަމޭ ހިތާތަ؟” ޒިޔާދާ އަހަރެންނާ ކޮންމެ ބަހެއް ބުނެލަނީ އަހަރެންގެ ކޯތާފަތް މަތީ ޖަހާލަމުންނެވެ. ޖަހާލާ ކޮންމެ ފަހަރަކު އަހަރެންގެ މޫނުން ތަރި ބުރާގެންދެއެވެ. އެހާވެސް ބާރެވެ. ”ކަލޭ ލޮލުން ފެން ތި ބާލަނީ އަހަރެމެންނަށް ދައްކަންތަ؟ ތި ވަރަށް ފެން ބޭލިޔަސް އަހަރެމެންގެ ހިތަކަށް އެކައްޗެކޭވެސް ނާރާނެ! ހައްހައްހާ!” މިހެން ބުނެލާފައި މައިހާ ހޭން ފެށިއެވެ. އަހަރެންނަށް އެއްޗެކޭ ބުނެލާނެ ހިތްވަރެއް ނުލިބުނެވެ. ކޯތާފަތަށް ވާ ތަދެއްގެ ސަބަބުން ރޮވެނީއެވެ. އެމީހުން ކުރާނެ ކަމެއް ކުރަންދެން ކެތް ކޮށްލާގެން ހުރީމެވެ. މިއަދު އަހަރެން ކާރީ ޝާޔާ ހުރިނަމަ މިހެން ނުވީހެވެ. ބެލް ޖެހި އަޑަށް އެމީހުން އަހަރެން އެތަނަށް ވައްޓާލާފައި ދިޔައެވެ.
މޫނާއި ޔުނީފޯމުގަ ހުރި ކިލާތައް ފޮހެމުން ކުލާހަށް ދިޔައީމެވެ. ފާހާނާއަށް ދާނެ ވަގުތު ނެތުމުން މޫނު ދޮވެލަން ވެސް ނުދެވުނީއެވެ. އަހަރެން ކުލާހަށް ވަނެ ގޮސް ގޮޑީގައި އިށީން އިރަށް ޝާޔާގެ ފަރާތުން އެތައް ސުވާލެއް އަމާޒުވިއެވެ. ”ޔޫން ކީއްވެ ލޯ ކައިރި ދުޅަ ވެފަ ތިހުރީ؟މުޅި މޫނުވެސް ތިހުރީ ދުޅަވެފަ އެއްނު؟ ޔޫން ބުނެބަަލަ….. ކިހިނެއްވީ ތަ؟ ޒިޔާދާމެން ކަމެއް ކުރީތަ؟” ޝާޔާ އެހެން ބުނެލިއިރަށް އަހަރެން ބޯ ޖަހާލީމެވެ. އެގަޑި އަކީ ރިލީފް ގަޑި އަކަށް ވުމުން އިންޓަވަލް ގަޑީގައި ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ޝާޔާ އަށް ކިޔާދިނީމެވެ. ރޮވޭވަރުން އަހަރެންނަށް ވާހަކަ ދައްކަން ވީ އުނދަގޫ ކަމަކަށެވެ.
”ޔޫން….. ޔޫންގެ މަންމަ އަށް ހުރިހާ ވާހަކަ އެއް ކިޔާދޭންވީ އެއްނު؟ މިއަދު މީ ސުކޫލަށް އައި ދެވަނަ ދުވަސް.. ގަޔަށް އަތް ފޯރުވާކަށް ނުޖެހެ އެއްނު….. އަހަރެން މިސް އަށް ގޮވަންތަ؟” ޝާޔާ އަހަރެން ގާތު މިވާހަކަތައް މީހަކަށް ކިޔާ ދިނުމަށް ބުނިއެވެ.” ނޫން ޝާޔާ….. އަހަރެން ބޭނުމެއް ނޫން މި ވާހަކަތައް ޝާޔާ ނޫން އެހެން މީހަކަށް އިނގޭކަށް……. އާދޭސްކޮށްފަ ޝާޔާ…..މި ވާހަކަތައް އެއްވެސް މީހެއް ކާރީ ނުބުނާތި؟ އެމީހުންނަށް އަދި ވިސްނޭނެ…” އަހަރެން ޝާޔާ ގާތު މި ވާހަކަތައް އެއްވެސް މީހެއް ގާތު ނުބުނުމަށް ބުނީމެވެ.”އާން…… އަހަރެން އެއްވެސް މީހެއް ގާތު މި ވާހަކައެއް ނުބުނާނަން….” ޝާޔާ ބުނެލިއެވެ.
***************
ދުވަސްތައް ފާއިތުވަމުން ދާނީ ހަލުވި ކަމާއެކުއެވެ. ނަމަވެސް އަހަރެންނާ ބެހުމެއް ހުއްޓައެއް ނުލައެވެ. ދުވަހަކަށް ވުރެ ދުވަހެއް ދަނީ ކިޔެވުން ދަށްވަމުންނެވެ. މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްއެވެ. ކުރީގައި އަހަރެންނަކީ ވަރަށް އަނގަގަދަ މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް މިހާރު އޭގެ އިދިކޮޅެވެ. އަހަރެންގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މަންމަ، ބައްޕަ އަދި ޓީޗަރުން ވެސް ސުވާލުކުރެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އަހަރެން ހިނިތުންވުމަކުން ފުއްދާލަމެވެ. ސުކޫލަށް އަންނަ ކޮންމެ ދުވަހަކު ޒިޔާދާ މެން އަހަރެންނާ ބެހެއެވެ. ޔުނީފޯމު ވީދާ ، ފޮތްތައް އިރާ ، އަހަރެން އިންނަ ގޮޑީގައި ތެރަސް އުނގުޅާ ހަދައެވެ. ނަމަވެސް އަދިވެސް އަހަރެން މިހުންނަނީ އެ އަނިޔާތަކަށް ހިތްވަރާ އެކު ކެތްކޮށްލާގެންނެވެ. އެމީހުންނަށް ވިސްނެންދެންނެވެ. އެކުދިންނަށް ވިސްނޭތޯ ކޮންމެ ނަމާދެއްގެ ފަހުގައި މާތްﷲ ގެ ހަޟްރަތަށް ދުޢާ ދަންނަވަމެވެ. ކުރީ އަހަރު ތަކުގައި އަހަރެންނާ ނުބެހޭ ވަރަށް މިއަހަރު ބެހޭބައެވެ.
ފުރަތަމަ ޓާމު ޓެސްޓު ފެށިއްޖެއެވެ. ޓެސްޓު ދުވަސްކޮޅު ވެސް އެކުދިން ދިޔައީ އަހަރެންނާ އެކި ގޮތް ގޮތުންވެސް ބެހެމުންނެވެ. ޓެސްޓު ނިމުނީވެސް ހަމަ އެހާލުގައެވެ. ޓެސްޓު ދުވަސްވަރު މަންމަ އަހަރެންގާތު ކޮންމެ ދުވަހަކު ފިލާވަޅު ދަސް ކުރަން ބުނެެއެވެ. ނަމަވެސް އަހަރެންނަކަށް ފިލާވަޅަކަށް ސަމާލުކަމެއް ނުދެވެއެވެ. ވިސްނެނީ މާދަމާ ވާނެ ގޮތަކާމެދުއެވެ. ކަންތައް މިހެން ވުމުގެ ސަބަބުން އަހަރެންނަށް ޓެސްޓުގައި މަދު ސުވާލުތަކަކަށް ނޫނީ ޖަވާބެއް ނުދެއެވެ. އަބަދުވެސް ދުޢާ ކުރެވެނީ މިކަމުން ސަލާމަތް ވެވޭނެ ދުވަހެއް މިންވަރުކުރައްވާތޯއެވެ. ޝަކުވާކުރެވެނީ އަހަރެންނަށް މިންވަރު ކުރައްވާފަހުރި ގޮތާމެދުއެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް މާތްﷲ މަތިން ހަނދާން ނުނައްތާލާނަމެވެ. އަބަދުވެސް އެކަލާންގެ ވޮޑިގެންވާކަން ހަނދާންކުރާނަމެވެ.
ޓެސްޓުގެ ނަތީޖާ ލިބިއްޖެއެވެ. އަހަރެން އެންމެ މާއްދާއަކުން ވެސް ފާސް ނުވެއެވެ. ޕޭޕަރު ތައް ހިފާގެން މޫނުމަތީގައި “ސްމައިލް ބޯޑެއް” އަޅުވާގެން ގެއަށް ދިޔައީމެވެ. މިއީ އަހެރެންގެ ހަޔާތައް އާ އެންމެ ހިތާމަވެރި ދުވަހެކޭ ބުނިޔަސް ދޮގަކަށް ނުވާނެއެވެ. މަންމަ އާއި ބައްޕަގެ ފަރާތުން އަމާޒުވާނެ ހުރިހާ ސުވާލުތަކަށް ޖަވާބުދޭނެ ތައްޔާރު ވަމުން އަހަރެން ގެއަށް ވަނެ މަންމަ އާއި ބައްޕައަށް ޕޭޕަރުތައް ދެއްކީމެވެ. ހުރިހާ ޕޭޕަރެއް ބަލާ ނިންމާފައި އެ ދެ މީހުން އަހަރެންނަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.
”މަންމާ…. ބައްޕާ….. އަހަރެންނަށް މަޢާފު ކުރޭ…. އަހަރެން މަންމަ އާއި ބައްޕައަށް ވަރަށް ބޮޑު ވާހަަކައެއް ނުކިޔާދީ އޮންނާނެ…. އެކަމަކު މިއަދު އަހަރެން ހުރިހާ ވާހަކައެއް ކިޔާދޭނަން…. މަންމާ… ބައްޕާ… މިއަހަރު ފެށުނީންސުރެ….. ކު..ކުލާސް ކުދިން އަހަރެންނާ ހަނގާކުރޭ… ޝާޔާ….. ޝާޔާ ނޫނީ ހުރިހާ ކުދިން….. އަހަރެންގެ ޔުނިފޯމް ވެސް ހަ…ހަލާކު ކޮށްފަ އެހުންނަނި އެކުދިން…. ކޮންމެ ފަހަރަކު އަހަރެން މަންމަ އަށް ދޮގުހެދީ… އެކުދިން އަހަރެން ގާގަ ވަރަށް ތެޅި… އަހަރެން ޝާޔާ ކައިރީ އެކަނި މިވާހަކަތައް ހިއްސާކުރީ…… އަހަރެންނަށް މަޢާފު ކުރޭ މަ…… މަންމާ….” ވަރަށް އުނދަގުލާއި އެކީ އަހަރެން މަންމަ އާއި ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔާދިނީމެވެ.
”ދަރިފުޅާ…. ދަރިފުޅާ ކީއްވެ؟ކީއްވެ މަންމަ އަށް ނުކިޔާދިނީ؟ ކީއްވެ ދަރިފުޅާ؟ މަންމަ ކިތައް ދުވަހު ދަރިފުޅު ކާރީ އެހިން؟ ކަމެއް ވީ ހޭ؟ ކުލާހުގަ ކުދިން ބެހެނީހޭ؟ އެކަމަކު އެއިން ކޮންމެ ފަހަރަކު ފަރިފުޅު ހިނިތުންވުމަކުން ފުއްދާލަނި…. މަންމަ ކާރީ ބުނެބަލަ ކާކު ދަރިފުޅާ ހަނގާކުރަނި؟ މަންމަ އެކުއްޖަގެ މައިންބަފައިން ކާރީ ބުނާނަން…” މަންމަ ރޮމުން އަހަރެންނާ ވާހަކަ ދެއްކިއެވެ.” ނޫން މަންމާ…… އެކުދިންގެ މައިންބަފައިން ކާރީ ނުބުނާތި! އިރާދަކުރެއްޔާ އެކުދިންނަށް ވިސްނޭނެ އަދި! އިންޝާﷲ…..އަހަރެން މަންމަ ކާރީ ނުބުނީ އެކުދިންނަށް އަމިއްލަ އަށް ވިސްނިގެން އަހަރެން ކާރިއަށް މަޢާފަށް އެދެން އާދޭ ތޯ! ނަމަވެސް އަހަރެން މިއަދު މަންމަ އާއި ބައްޕަ އަށް މިވާހަކަތައް މިކިޔާދިނީ ، އަހަރެންނަށް އިނގޭ އަހަރެންގެ ޕޭޕަރު ތައް ފެނިފަ ސުވާލުކުރާނެކަން…..” އަހަރެން ބުނީމެވެ.” އެންމެ ރަނގަޅު…މަންމަ ދަރިފުޅަށް މަޢާފުކޮށްފިން…..”
****************************************************************
މިއަދުވެސް އިރު އެރީ އެތައް ބައެއްގެ ހަޔާތަށް އެކި ކުލަ ގެނެސްދެމުންނެވެ. މިއަދުވެސް އަހަރެން ސުކޫލަށް ދިޔައީ ހިތުގައި ބިރުވެރިކަމެއް ބާއްވާގެންނެވެ. ސުކޫލުގެ ދޮރާށިން ވަތް އިރު ނޯޓިސް ބޯޑު ދޮށުގައި ކުދިންތައް ބޮނޑިވެފައި ތިބެ އެކި އެކި ވާަހަކަތައް ދައްކަމުން ދިޔައެވެ. ވާނުވާ ބަލާލުމައްޓަކައި އަހަރެން ވެސް ނޯޓިސްބޯޑު ދޮށަށް ދިޔައީމެވެ. އޭގައި ވަނީ އައްޝައިޚް މުޙައްމަދު އިޔާޒު އައްބުދުއްލަޠީފުގެ ވަރަށް ހާއްސަ ދީނީ ދަރުސެއް ސުކޫލުގައި އޮންނަ ވާހަކައެވެ. އަދި ސުރުޚީ އަކީ “ހަނގާކުރުމުގެ ނުބައިކަން” އެވެ. ސުރުޚީ ފެނުމާއެކު އަހަރެންގެ ހިތް ތެޅިލިއެވެ. އަނެއްކާ މިއުޅެނީ ކިހިނެއްވާން ބާވައެވެ؟
ރޭގަނޑުގެ ކެއުމަށްފަހު އަހަރެން ތައްޔާރުވީ މިރޭ އޮންނަ ދަރުސަށް ދިޔުމަށެވެ. ކަޅު އަބާޔާ އަކާއެކު ހަމަ އެކުލައިގެ ޝޯލްއެއްއަޅާލައި، ކުޑަކޮށް ފުށްޖަހާލައިގެން އަހަރެން ގެއިން ނުކުތީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ރަށުގެ ބޮޑު މަގަށް އެޅީ އެއީ ސުކޫލާއި އެންމެ ކައިރި މަގަށް ވެފައި އަދި އަލިކަމެއް ވެސް ހުރީ އެމަގުގައި ކަމަށް ވުމުންނެވެ. ނަމަވެސް އެމަގަށް އެޅުންވީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ. އަހަރެންގެކުލާހުގެ އެންމެ އިސް ސަފުގައި އުޅޭ ކުދިންކޮޅު ގުރޫޕު ހަދާލާފައި އަނދިރިގަނޑެއްގައި ތިއްބެވެ. އަހަރެން ހަަމަ ފެނުމާއެކު އަހަންނާ ދިމާކޮށްލާފިއެވެ. ކަޅު މާއްޔޭ ކިޔާ އަހަންނަށް މަލާމާތް ކުރަންފެށިއެެވެ. އެކުދިންގެ ބަސްމަގު ހުރިގޮތުން އަހަރެންނަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ކުއްލިއަކަށް ޝާޔާ އައިސް އަހަރެންގެ އަތަށް ދަމާގެންފައި މިތަނުން ދާން އަންނާށޭ ބުނެފިއެެވެ. އަހަރެންވެސް ވަކި އެއްޗެކޭ ނުބުނެ ޝާޔާގެ ފަހަތުން ހިނގައިގަތީމެވެ. އަހަރެމެން ހިނގާގަތުމުންވެސް އެމީހުން ފާޑުފާޑުގެ އެއްޗެހި ކިޔާ، ހީ ހެދިއެވެ.
*****************************************************************
ދަރުސަށް އަންނަ ކުދިން އިށީނުމަށްޓަކައި ޖަހާފައި ހުރި ގިނަ ގޮނޑިބަރިތަކެއް ދިޔައީ ފުރެމުންނެވެ. ފަހަރަކު ގުރޫޕެއް ހޯލުތެރެއަށް ވަންނަމުން ގޮސް 8 ޖެހިއިރު މުޅި ހޯލުތެރެ ފުރާލާފިއެވެ. ހާޒިރީ ބަލާ ވާހަކަ ބުނުމުން ވަރަށް ގިނަ ކުދިން ދަރުސަށް އައިސްފައިވެއެވެ. ބިސްމިނުގެ ބަރަކާތުން ދަރުސް ފައްޓަވާފައިދެއްވީ ޝައިޚެވެ. ވަރަށް ރީތި ދުނިޔެވީ މިސާލުތަކާއެކު މީހުންގެ ހިތްތަކަށް އަސަރު ކުރުވާނެ ފަދަ ގޮތަކަށް ޝައިޚުގެ ވާހަކަކޮޅު ކުރިޔަށް ދިޔައިރު ޒިޔާދާމެންގެ ގުރޫޕު ތިބީފޭސްބުކުގެ އަވާގައިޖެހިފައެވެ. ނަމަވެސް ސުކޫލުގެ ބައެއް ކުދިންގެ މޫނުތަކުން ބިރުވެރިކަން ވެސް ފާޅުވަމުން ދިޔައެވެ.ކުއްލިއަކަށް އެންމެންގެ ސަމާލުކަން ޝައިޚަށް ހުއްޓިގެން ދިޔައީ، ޝައިޚުގެ އަސަރުގަދަ އަޑުފުޅުން އައްރަޙްމާން ސޫރަތުގެ 41 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތާއި ހަމައަށް ކިޔަވާލުމުންނެވެ. އެއާޔަތް ކިޔަވާލާފައި އާޔަތުގެ މާނަވެސް ކިޔާލަދިނެވެ. “އެދުހުވަހުން ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ ނިތްގަނޑު ތަކާއި ފައި ތަކުގައި ހިތްޕަވާގެން އެއުރެން ގެންދާނެތެވެ. އޭ ޖިންނީންނާއި އިންސާނުންނޭވެ! ފަހެ ތިޔަބައިމީހުން ދޮގުކޮށް އިންކާރުކުރަނީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނިޢްމަތްތަކުގެ ތެރެއިން ކޮންކޮން ނިޢްމަތަކަށް ހެއްޔެވެ؟ މީ ކުށްވެރިން ދޮގުކޮށް އުޅުނު ނަރަކައެެވެ. އެ ނަރަކައިގެ އަލިފާނާއި އަދި ކެކި ކެކި ހުންނަ ހޫނުފެނާއި ދެމެދުގައި އެއުރެން ހިނގަ ހިނގާ ތިބޭނެތެވެ.” އެއާޔަތް ކިޔާ ނިމުމުންް އަހަންނަށް ބަލާލެވުނީ ޒިޔާދާމެންނާ ދިމާލެވެ. އެއިރު އެމީހުންގެ އަތުގައި ކުރިން އޮތް ފޯނުވަނީ ތަޅުންގަނޑަށް ވެއްޓިފައެވެ. ދެލޯ ވަނީ ބޮޑުވެފައެވެ. މޫނުމަތިން ބިރުވެރިކަމާއި ހާސްކަން ފާޅުވޭވޭ ހުއްޓެވެ. އަހަންނަށް ކުޑަ ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަމަށް މާ ބޮޑަށް އަޅައި ނުލާ ދަރުސް އަޑު އެހުމާގެން ކުރިއަށް ދެވެތޯ ބެލީމެވެ.
ދެގަޑިއިރުގެ ދިގު ވާހަކަކޮޅަށްފަހު ޝެއިޚް ދަރުސް ނިންމަވާލެއްވީ ބައެއް ކުދިންގެ ހިތްތަކަށް ލޮޅުމެއް ގެނައިސްފައިކަން އަހަންނަށް ޔަޤީންވީ ސުކޫލުން ނުކުންނަނިކޮށް ޒިޔާދާ ގޮވާލާފައި ބުނި ވާހަކައަކުންނެވެ.”ލުޔޫން! އަހަންނަށް މާފުކޮށްދީ! އަހަންނަށް ވިސްނިއްޖެ. މިއޮށް ހުރިހާ ދުވަހު އަހަންނަށް އުޅެވުނީ ވަރަށް ވެސް ފުން އަނދިރި ގަނޑެއްގައި. އެއނދިރި ގަނޑުގައި އަހަރެން އޮޔާ ބެހެމުން ގޮސް ކުރަން ނުވާ ވަރުގެ އެތައް އެތައް ކަމެއް ކުރެވިއްޖެ. ލުޔޫން!. އަހަރެން ދެން ދުވަހަކުވެސް އެއްވެސް ކުއްޖަކަށް މަލާމާތެއް އަދި ފުރައްސާރައެއްވެސް ނުކުރާނަން….އެކަމުގެ ނުބައިކަން ވަރަށް ބޮޑަށްވެސް މިއަދު އިހުސާސްވެއްޖެ….” “އަލްޙަމްދުލިއްލާޙް! މާތް ﷲ އަހަރެންގެ ދުޢާ އިޖާބަކުރައްވާފި! ޒިޔާދާއަށް އިނގޭތަ؟ އަހަރެން މިދުވަހަށް އިންތިޒާރުކުރާތާ ހާދަ ދުވަހެއް ވެއްޖޭ…އަހަރެން މިއަދު ވަރަށް ވަރަށް އުފާވެއްޖެ…އަހަރެންގެ ހިތުން ރުހުމުން ޒިޔާދާއަށް މަޢާފުކޮށްފިން… އަބަދުވެސް ހަނދާން ކުރާތި! މާތް ﷲ އެކި މީހުންނަށް ޢިލްމު ދެއްވަނީ އެކި ވަރަށް…ކޮންމެ މީހަކުވެސް ޖެހޭނީ ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން….އަދި އެއްވާހަކަ… ހަސަދަވެރިވުމަކީ ވަރަށް ވެސް ނުބައި ކަމެއް. އެކަމުގެ ސަބަބުން ތިބާ ކޮށްފައިވާ ހެޔޮ ޢަމަލުތައް އަނދާ އަލިއަށް ހަދާލާ ކަމެއް…. ދެން ހިނގާ ދޯ ގެއަށް ދަމާ! މިހާރު ވަރަށް ލަސްވެއްޖެ..”
ނިމުނީ
12 Comments!
Comments are closed.







V ibraitheri v ragalhu msg eh forukohdhey story eh.. mikahala kankamakee v ginanin kurimathivaa kankan. I also have experienced similar things. Gaigaa thalaa nuhedhiyas natheegaa ragalhu vumuge sababun ehen kudhin n baeh beleniveringe hasadhaverikamaa alhugadu vx kurimathi leen school nimendhen but Alhamdulillah I still got the best results in my class.
Hope to read another story from u soon?
oh thanks lotus… yah mihaaru mee varah aammu kameh… ehnve ekamaa gulhuvaagen message dheyn beynun v… thanks for your lovely comment… n yes new story eh varah avahah kiyaalan libeyne…insha Allah
Assalaam alaikum…
mee alhuganduge very first story… n mistakes hurun ekasheegen vey… hurihaa kudhin ves vaahaka kiyaalaafa mistake eh iniyyaa faahaga kolla dhinun edhen
you wrote like gaaga and kaaryga kahala mistakes which should be like gaiga and kairyga. anyways thankolheh dramatic faadeh jahaa. sozz
Wooooow dear…. v v v v interesting vaahaka eh…maasha allah..aslu v dheravi..ekamu fahun v ufaavi..luv this stry…??
Nd me second dhw…first stry ah balaafa hama habeys…
thanks hudher
Your welcome dear ??
First one aa balaafa, obiness to the max! Masha Allah! Kuruvaahaka akaa balaafa dhigu! I thought series story eh kamah! Ehehe. anyways v salhi! Keep it up!
Thanks zidhan Mohamed?
Vry nice story
.. since its her frst stry i think ppl should encrge her.. in my opinion.??.but stry vrh furihama
Thanks Heii???