Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އާސިޔަތުގެފާނު 04

Ali Ihsaan Level 210 Stories100 Login
September 4, 2018 5 Mins Read
3 Comments

(ކުރީގެ ޢަދަދާއި ގުޅޭ)

މޫސާގެފާނު މިޞްރަށް ވަޑައިގެން

މޫސާގެފާނު މަދުޔަނުން މިޞްރަށް ވަޑައިގެން މާތް الله سبحانه وتعالى ގެ ރިސާލަތަށް އެންމެ ފުރަތަމަ އިޖާބަދެއްވި އެއް ބޭކަނބަލަކީ السّيّدة آسية އެވެ. ނަމަވެސް ފިރުޢައުނު އޭނާގެ ހިރިޔާފާތުރާގެ ދަށައްއައި އިސްލާމީ ރިސާލަތުގައި ކޮޅުފައިންޖެހިއެވެ. މޫސާގެފާނަށް ދުއްތުރާކޮށް އެކަލޭގެފާނު ނިކަމެތިކުރަމުން ގެންދިޔައެވެ. السّيّدة آسية އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަމަނާ މާތް الله سبحانه وتعالى އަށް އަޅުކަން ކުރައްވަމުންގެންދެވިއެވެ. މޫސާގެފާނުގެ ރިސާލަތު މިޞްރުގެ ގިނަ ބަޔަކު ދޮގުކުރަމުން ގެންދިޔަ ނަމަވެސް ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ ރިސާލަތު ހެޔޮހިތުން ތެދުކުރައްވަމުން ގެންދެވިއެވެ.

އޭގެ ތެރެއިން އެއްބޭކަނބަލެއްގެ ވާހަކަ ރަސޫލާ صلّى اللّـه عليه وسلّم ބަޔާން ކުރައްވާފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.

“ތިމަންކަލޭގެފާނާއިގެން އިސްރާކުރެވުނުރޭގައި ތިމަންކަލޭގެފާނަށް ވަރަށް މީރުވަހެއް ދުވިއެވެ. އެހިނދު ތިމަންކަލޭގެފާނު ޖިބުރީލުގެފާނަށް ދެންނެވީމުއެވެ. “އޭ ޖިބްރީލްގެފާނެވެ! މިދުވަނީ ކޮން މީރުވަހެއް ހެއްޔެވެ؟” ޖިބްރީލުގެފާނު ވިދާޅުވިއެވެ. “މިއީ ފިރުޢައުނުގެ އަންހެންދަރީގެ ބޮލުގައި ފުނާއަޅައިދޭން އުޅުނު ކަމަނާއާއި އެކަމަނާގެދަރިންގެ ވަހެވެ”. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. ދެން ތިމަންކަލޭގެފާނު ޖިބުރީލުގެފާނަށް ދެންނެވީމެވެ.

“އެކަމަނާއަށް ވީ ކިހިނެއްތޯއެވެ؟” ޖިބްރީލުގެފާނު ވިދާޅުވިއެވެ. “އެކަމަނާ އެއްދުވަހަކު ފިރުޢައުނުގެ އަންހެންދަރީގެ ބޮލުގައި ފުނާއަޅަދޭން ހުއްޓައި އެކަމަނާގެ އަތުން ފުނާވެއްޓުނެވެ. އެހިނދު އެކަމަނާއަށް ވިދާޅުވެވުނެވެ. ”ބިސްމިﷲ އެވެ. ދެން ފިރުޢައުނުގެ އަންހެން ދަރި އެކަމަނާއާ ދިމާއަށް ބުންޏެވެ.”ތިބުނީ އަހަރެންގެ ބައްޕަގެ ވާހަކަ ހެއްޔެވެ؟“

އެކަމަނާ ދެންނެވިއެވެ. ނޫނެކެވެ. އަހަންނާއި ތިބާގެ ބައްޕަގެ ވެރިއިލާހު މާތް الله سبحانه وتعالى ގެ ވާހަކައެވެ.” ފިރުޢައުނުގެ އަންހެންދަރި ބުންޏެވެ. “ތިޚަބަރު އަހަރެން ބައްޕައަށް ދެންހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އަހަރެން މިބުނި ވާހަކަތަށް ބުނިކަމުގައިވިޔަސް އެއްވެސް ފަރުވާލެއްނެތެވެ.” ދެން ފިރުޢައުނުގެ އަންހެންދަރި އެވާހަކަ އޭނާގެ ބައްޕަ ގާތުގައި ބުނެފިއެވެ. ދެން ބޮލުފުނާ އަޅުވައިދޭ ކަމަނާ ފިރުޢައުނުގެ ގާތަށް ގެނެވުމުން އޭނާ ފުންމައިގެން އައިސް ބުނެފިއެވެ.

“އޭ މިވެނި އަންހެނާއެވެ! ކަލެއަށް އަހަރެން ފިޔަވައި އެހެން އިލާހަކު ވޭހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “އާނއެކެވެ. އަހަންނާއި ކަލޭގެ ވެރިރަސްކަލާނގެއަކީ އަރަހުށި މާތް ﷲ އެވެ”. އެކަމަނާ މިހެންދެންނެވުމުން ފިރުޢައުނު ރުޅިއައިސް ފުފިގެން ލޮއިންހަދާފައިވާ ބޮޑުގެރިއެއް ފާޑުގެ އެއްޗަކަށް އަލިފާންއަޅާ އެންދުމަށް އޭނާގެ ސިފައިންނަށް ޢަމުރުނެރުނެވެ. އެއަށްފަހު އެކަމަނާއާއި އެކަމަނާގެ ދަރިންވެސް އޭގެ ތެރެއަށް އެއްލާލުމަށް އަމުރުކުރިއެވެ. އެހިނދު އެކަމަނާ ދެންނެވިއެވެ.

“އަހަރެންގެ ވަރަށް ބޮޑުއެދުމެއް އެބައޮތެވެ.”ފިރުޢައުނު ބުންޏެވެ. “ކަލޭގެ އެދުމަކީ ކޮބާ ހެއްޔެވެ؟” އެކަމަނާ ދެންނެވިއެވެ. “އަހަންނާއި އަހަރެންގެ ދަރިންގެ ކަށިތައް އެއް ފޮތިގަޑަކަށް ލުމަށްފަހު ވުޅުލުމަށް އަހަރެން އެދެމެވެ.” ފިރުޢައުނު ބުންޏެވެ. “އަހަރެންމެން ކަލޭގެ އެންމެފަހުން ތިޔަ އެދުނުކަންތައް ފުރިހަމަ ކޮށްދޭނަމެވެ.”

ޖިބްރީލުގެފާނު ވިދާޅުވިއެވެ. “ދެން އެކަމަނާގެ ކުރިމަތީގައި، އެކަމަނާގެ ދަރިންގެ ތެރެއިން ފަހަރަކު ކުއްޖަކު އަލިފާންރޯކޮސް ދޮންކޮށްފައިވާ ގެރީގެ ސިފައިގައިވާ އެތީގެ ތެރެއަށް އެއްލާލުމަށް އަމުރުކުރިއެވެ. މިގޮތަށްގޮސް އެންމެފަހުން އެކަމަނާގެ އުރުގައިވާ ކިރުތުނބުން ނުވީއްލޭވަރުގެ ތުއްތުކުއްޖާ އެއްލައިލާ ވަޤުތު ޖެހިއްޖެއެވެ. އެތުއްތު ކުއްޖާ އަދައިންގެ ދާތަން ހިތަށް ތަސައްވުރުވެ އެކަމަނާގެ އަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެވަޤުތު އެކުއްޖާ ބުންޏެވެ. “އޭ މަންމާއެވެ! ކުރިއަށްދާށެވެ! ހަމަކަށަވަރުން ދުނިޔޭގެ ޢަޛާބު އާޚިރަތުގެ ޢަޛާބަށްވުރެ ފަސޭހަވެގެންވެއެވެ.” ދެން އެކަމަނާ ކުރިއަށްދިޔައެވެ. ގޮސް ފުންމާލިއެވެ. ކަލޭގެފާނަށް ތިޔަ ދުވި މީރުވަހަކީ މިއީއެވެ.”

މިދެންނެވި ވާހަކައަކީ ޞައްޙަމަގު ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ. މި ޙަދީޘް މުސްނަދު އިމާމު ޢަޙްމަދު ބިން ހަންބަލްގައާއި އިބްނު މާޖާފަދަ ޙަދީޘް ފޮތްތަކުގައި ރިވާކުރައްވާފައިވެއެވެ.

ކުރިންވެސް ދަންނަވާފައިވާނޭ ފަދައިން އެންމެ ފުރަތަމަކޮޅު آسية ގެފާނު އިންނެވީ އެކަމަނާގެ އީމާންތެރިކަން ވަންހަނާ ކުރައްވައިގެންނެވެ. އެގޮތުގައި ވަރަށް ގިނަ މުއްދަތެއް ވަންދެން އިންނެވިއެވެ.  އެ މުއްދަތުގެ ތެރޭގައި އެކަމަނާގެ ޚާއްޞަ އުފާފުޅަކަށް ހައްދަވާފައިވަނީ މާތް الله سبحانه وتعالى ހަނދުމަކޮށް  ތަސްބީޙައާއި، ތަޙްލީލާއި، ތަޙްމީދު ކިޔުމެވެ. އެކަލާނގެ މަޢުރުފާކޮށް ދެނެގަތުމެވެ.

ޝަޙީދުކޮލުން

މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު، އެކަލޭގެފާނު ފިރުޢައުނަށް ތަފާތު ދަލީލުތައް ދައްކަވައިގެން އޭނާ ހަމަމަގަށް އެޅުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ދަލީލަކަށްފަހު ދަލީލެއް ދައްކަވަމުންގެންދިޔައެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ސާބިތުކޮށް ދެއްވުމުގެ ގޮތުން މާތް الله سبحانه وتعالى އެކަލޭގެފާނަށް ނުވަ އާޔަތް ނުވަތަ ނުވަ މުޢުޖިޒާތެއް ދެއްވިއެވެ.

މިދެންނެވި ނުވަ މުޢުޖިޒާތްތައް އެއް މުޢުޖިޒާތަކަށްފަހު އަނެއް މުޢުޖިޒާތެއް ފާޅުވާންފެށުމުން ފިރުޢާއުނާއި އޭނާގެ އައުވާނުން ތުޙުމަތު ކުރަންފެށީ، އެއީ މޫސާގެފާނާއި ޙާރޫނުގެފާނުގެ ސިހުރުވެރިކަންކަމުގައެވެ. އެއްގޮތަކަށްވެސް މުޢުޖިޒާތެއް ނޫންކަމުގައެވެ. ފިރުޢައުނު ދަޢުވާކުރަމުން ގެންދިޔައީ އޭނާގެ ސިހުރުވެރީން ލައްވައިވެސް އެފަދަ ޖާދޫއެއް ނުވަތަ ސިހުރެއް ހެދޭނެކަމުގައެވެ.

އެހެން ދަޢުވާކޮން ސިހުރުވެރިން އެއްކޮށް މޫސާގެފާނާއި މުޤާބަލާއަށް ނުކުތެވެ. މާތް الله سبحانه وتعالى ގެ ރަޙްމަތުން އެ މުޤާބަލާއިން ކާމިޔާބު ލިބިވަޑައިގެންނެވީ މޫސާގެފާނަށެވެ. އެކަލޭގެފާނު އަސާކޮޅުން އެއްލަވައިލެއްވުމުން އެ އަސާކޮޅުން ހަރުފައަކަށް ބަދަލުވެގެންގޮސް ފިރުޢައުނުގެ ސިހުރުވެރިން ހެދި ސިހުރުތައްކައި ހުސްކުރިއެވެ. އެހެންކަމުން ސިހުރުވެރީންނަށް އެއީ ސިހުރެއްނޫންކަން ހާމަވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެސިހުރުވެރިން މޫސާގެފާނުގެ ރިސާލަތައް ތަބާވިއެވެ. އެކަން އެނގުމުން ފިރުޢައުނު ރުޅިއައިސްގެން އަނގުރު އަލިފާންގަނޑެއްހެން ވިއެވެ. އޭނާ އެންގީ އެއެންމެން ޞަލީބަށް އަރުވައި ޤަތުލުކުރުމަށެވެ.

އިމާމު ޤުރުތުބީ ލިޔުއްވާފައިވެއެވެ. “ފިރުޢައުނުގެ އަނބިކަނބަލުން آسية ގެފާނު، ސިހުރުވެރިންގެ މުޤާބިލާގައި މޮޅުވިބަޔަކާއި ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެކަމަނާއަށް ދެންނެވުނެވެ. އެ މުޤާބަލާގައި މޮޅުވީ މޫސާގެފާނާއި ހާރޫނުގެފާނެވެ. އެހިނދު آسية ގެފާނު، ވިދާޅުވިއެވެ. އަހަރެން މިއިނީ މޫސާގެފާނާއި ހާރޫނުގެފާނުގެ ވެރިރަސްކަލާނގެއަށް އީމާންވެގެންނެވެ. މި ޚަބަރު ފިރުޢައުނުގެ ކަންފަތާހަމައަށް ދިޔުމުން އޭނާ ރުޅިއައިސް ރަތްވިއެވެ. ދެން އެކަމަނާގެ އަރިހަށް މީހަކުފޮނުވައި އެމީހާއަށް ޢަމުރުކުރިއެވެ. އެކަމަނާ އެގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެން އިންކަމުގައިވާނަމަ، އެކަމާނާގެ ގައިކޮޅަށް ބޮޑުހިލައެއް ވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލާނަމެވެ. ދެން އެމީހަކު އެކަމަނާގެ އަރިހަށް ގޮސް އެހެންދެންނެވުމުން އެކަމަނާ ވިދާޅުވީ އެކަމަނާ އިންނެވީ ހަމަ ކުރިންވެސް އިންނެވިގޮތަށް މޫސާގެފާނުގެ ކަލާނގެއަށް އީމާންވެގެންކަމެވެ.

ދެން އެކަމަނާ އުޑާދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަނާއަށް ފެނިވަޑައިގެންނެވީ ސުވަރުގޭގައި އެކަމަނާއަށްޓަކައިވާ މަތިވެރި މަޤާމް ކަޝްފުކޮށް ދެއްކެވި މަންޒަރެވެ. ހަމައެވަޤުތުމެ، މާތް الله سبحانه وتعالى އެކަމަނާގެ ޠާހިރު ފުރާނަފުޅު އެފުރާނަފުޅުގެ ޙައްޤު މަޤާމަށް ގެންދެވިއެވެ. އެބައިމީހުން އެކަމަނާގެ ހަށިކޮޅަށް ބޮޑު ހިލައެއްވައްޓައިލައި އެކަމަނާގެ ހަށިކޮޅު ފިސްފިސްކޮށްލިއިރު އެކަމަނާ ވަނީ އަވަހާރަވެފައެވެ.”

އެހެންރިވާޔަތެއްގައި އިމާމު ޤުރުޠުބީ ލިޔުއްވާފައިވެއެވެ. އަބުލް ޢާލިޔާ ވިދާޅުވެފައިވެއެވެ. ފިރުޢައުނަށް އޭނާގެ އަނބިކަނބަލުން آسية ގެފާނު، އީމާންވެވަޑައިގެންނެވި ޚަބަރުލިބުމުން އޭނާގެ ބޮޑުންގެ ކައިރިއަށް ގޮސް ބުންޏެވެ. ތިޔަބައިމީހުން އަހަރެންގެ އަނބިކަނބަލުން آسية ގެފާނާއި މެދު ދެކޭގޮތަކީ ކޮބައިހެއްޔެވެ؟ އެބައިމީހުން އެކަމަނާގެ ޚުލުޤުފުޅުގެ ރީތިކަމާއި އުޅުއްވުމުގެ ހަރުދަނާކަމުގެ މައްޗަށް ތާރީފުކުރިއެވެ. އެހިނދު ފިރުޢައުނު އެބައިމީހުންނަށް ބުންޏެވެ. އެކަމަނާ އަޅުކަން ކުރަނީ ތިމަންފިޔަވައި އެހެން ކަލާނގެއަކަށެވެ. އެހިނދު އެބައިމީހުން ފިރުޢައުނަށް ބުންޏެވެ. އެކަމަނާ ޤަތުލުކޮށްލާށެވެ. ދެން އެބައިމީހުން އެކަމަނާ ހައްޔަރުކޮށްގެންގެނެސް، ބޮޑެތި ކަޑަތަކެއްޖަހައި އެކަމަނާގެ ދެއަތްޕުޅާއި ދެފައިންޕުޅު އެކަޑަތަކުގައި ވަރަށް ބާރަށް އެއްސިއެވެ. އެ ވަޤުތު އެކަމަނާ އެކަމަނާގެ ޚާލިޤުވަންތަ މާތް ﷲ ގެ ޙަޟްރަތަށް ދުޢާދަންނަވައި ވިދާޅުވިއެވެ.

رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾

އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

آسية ގެފާނު، މިދެންނެވި ދުޢާކުރައްވަނިކޮށް އެތަނަށް އެވަޤުތު ފިރުޢައުނުވެ އަތުވެއްޖެއެވެ. ހަމައެވަޤުތުވެ، އެކަމަނާއަށް ސުވަރުގޭގައިވާ ނިޢުމަތްތަށް މާތް ﷲ ކަޝްފުކޮށް ދެއްކެވިއެވެ. އެކަމަނާއަށް ސުވަރުގޭގައި ބިނާކޮށްދެއްވާފައިވާ ގަނޑުވަރުވެސް ކަޝްފުކުރައްވައި ދެއްކެވިއެވެ. އެ ނިޢުމަތްތައް ފެނިވަޑައިގެންނެވުމުން އެކަމަނާ ހިނިފުޅުވެވަޑުވާލެއްވިއެވެ. އެމަންޒަރު ފެނުމުން ފިރުޢައުނު ބުންޏެވެ. އެކަމަނާގެ މޮޔަކަމާއިހުރެ އަޖާއިބުވަމެވެ. އަޛާބުދެވެމުން ގެންދާއިރުވެސް ހިނިފުޅުވަޑުވަނީއެވެ. އިރުކޮޅެއް ނުވެ އެކަމަނާގެ ޠާހިރު ފުރާނަފުޅު ހަށިކޮޅާއި ވަކިވެގެން ހިނގައްޖެއެވެ.

މާތްކަމާއި މަތިވެރިކަން

آسية ގެފާނަކީ ވަރަށް ޚުލުޤުފުޅު ރީތި، ވަރަށް ކެތްތެރި، ޙައްޤުބަސް ވިދާޅުވުމުގައި ސާބިތުކަމާއިއެކުގައި އެންމެ ފަހު ވަޤުތާއި ޖެހެންދެންވެސް ދެމިހުންނެވި ބޭކަނބަލެކެވެ. މިޞްރުގެ މާތަޚްތުގެ އަރާމާއި އުފަލާއި ނިޢުމަތްތަކުގެ ބަދަލުގައި، އާޚިރަތުގެ ގޮވެތި ޚިޔާރުކުރެއްވި ބޭކަނބަލެކެވެ. ރަނިކަނބަލެއެއްގެ މަޤާމު ދޫކޮށް ދުނިޔަވީ އަޛާބު ބަރުދާސްތުކުރެއްވި ބޭކަނބަލެކެވެ. އެހެންކަމުން އަރަހުށި މާތް ﷲ ވަނީ އެކަމަނާއަށް ތާރީފުގެ ބަސްފުޅު ހަތް އުޑުމަތިން ވަޙީ ކުރައްވާފައެވެ. މުސްލިމު އަންހެނުންނަށް ހުރި ރިވެތި މިސާލެއްކަމުގައި އެކަމަނާ ލައްވާފައެވެ. ކީތިރި ޤުރުޢާނުގެ ތަޙްރީމު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ ﴿١١﴾

އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

آسية ގެފާނުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ބަޔާންވެގެންވާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެގެންވެއެވެ. أبو موسى الأشعري رضى اللّـه عنــه ގެ އަރިހުން އަލް އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

“‏ كَمَلَ مِنَ الرِّجَالِ كَثِيرٌ وَلَمْ يَكْمُلْ مِنَ النِّسَاءِ غَيْرُ مَرْيَمَ بِنْتِ عِمْرَانَ وَآسِيَةَ امْرَأَةِ فِرْعَوْنَ وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ ‏”‏

މާނައީ: ފިރިހެނުންގެ ތެރެއިން ގިނަބަޔަކު ދީނީގޮތުންނާއި އިއުތިޤާދުގެ ގޮތުން އެންމެ ފުރިހަމައަށް ވާސިލުވެފައިއެވެ. ނަމަވެސް އަންހެނުންގެ ތެރެއިން އެންމެ އެ ދަރަޖައަށް ވާސިލުވެވުނީ އެންމެ ދެބޭކަނބަލުންނަށެވެ. އެއީ ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނާއި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްކަމުގެ މިސާލަކީ އެހެންކާނާތަކުގެ މައްޗަށް ޘަރީދަށް މާތްކަން ލިބިފައިވާ މިންވަރެވެ.

މިދެންނެވި ޙަދީޘްގައިވާ الكمال އޭ އޮތް ބަސްފުޅުގެ މުރާދެއްކަމުގައި، ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. އެބަހުގެ މުރާދަކީ ތަޤްވާވެރިކަމާއި މާތްކަމާއި އަޚްލާޤުގެ ފުރިހަމަކަމެވެ. ނަބީކަމާއި ރަސޫލުކަމެއްނޫނެވެ.

ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ މަރްޔަމުގެފާނާއި އާސިޔަތުގެފާނަކީ ދެ ނަބީބޭކަލުންކަމުގައެވެ. ޙަދީޘް ޝަރަޙަ ކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލުންގެ ތެރެއިން އިބްނު ހަޖަރުގެ ރަޢުޔަކީ މިއީއެވެ. ނަމަވެސް އަލް އިމާމު ނަވަވީ އާއި އެނޫން ބޭކަލުން ވިދާޅުވަނީ އެއީ ނަބީބޭކަލުން ނޫންކަމުގައެވެ. ނަބީބޭކަލުންގެ ރިސާލަތަށް ފުރިހަމައަށް ތަބާވެ ޢަމަލުކުރެއްވި ޞިއްދީޤާއިންކަމުގައެވެ.

އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ޤާޟީ އަބޫބަކުރާއި ޤާޟީ އަބޫޔަޢުލާއާއި، އަބޫ މަޢާލީ ވިދާޅުވާގޮތުގައި އަންހެނުންގެ ތެރެއަކުން ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްވެސް ނުފޮނުއްވައެވެ. އެބޭކަލުންގެ ދަލީލަކީ  ޔޫސުފް ސޫރަތުގެ 109 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِم مِّنْ أَهْلِ الْقُرَىٰ ۗ أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۗ وَلَدَارُ الْآخِرَةِ خَيْرٌ لِّلَّذِينَ اتَّقَوْا ۗ أَفَلَا تَعْقِلُونَ﴿١٠٩﴾

އަދި ކަލޭގެފާނުގެ ކުރިންވެސް، ރަށްތަކުގެ أهل ވެރިންގެ ތެރެއިން އެބަޔަކަށް ތިމަންރަސްކަލާނގެ وحى އިއްވަވައި، رسول ކަމާއިގެން ފިރިހެނުން މެނުވީ ނުފޮނުއްވަމެވެ. ފަހެ، ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން، އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން، تقوى ވެރިވި މީހުންނަށް، آخرة ގެ ގޮވަތި، ހެޔޮކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟

أنس بن مالك رضى الله عنه ގެ އަރިހުން އިމާމު ތިރުމިޒީ ރިވާކުރައްވާފައިވެއެވެ. ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

“‏ حَسْبُكَ مِنْ نِسَاءِ الْعَالَمِينَ مَرْيَمُ ابْنَةُ عِمْرَانَ وَخَدِيجَةُ بِنْتُ خُوَيْلِدٍ وَفَاطِمَةُ بِنْتُ مُحَمَّدٍ وَآسِيَةُ امْرَأَةُ فِرْعَوْنَ ‏”‏ ‏

މާނައީ: ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމްގެފާނާއި، ޚުވައިލީދުގެ ދަރިކަނބަލުން ޚަދީޖަތުގެފާނާއި، މުޙައްމަދު صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން ފާޠިމަތުގެފާނާއި، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނު އާލަމުތަކުގެ އަންހެންތަކުންގެ މައްޗަށް ފުދިގެންވެއެވެ.

މިދެންނެވި ޙަދީޘުން ދޭހަވަނީ އެއިން ކޮންމެ ބޭކަނބަލަކު މިސާލެއްގެގޮތުން ނެގިކަމުގައިވިޔަސް އެއިންކޮންމެ ބޭކަނބަލަކީ މުސްލިމުން މިސާލެއްގެ ގޮތުގައި ނެގުން ފުދިގެންވާ ބޭކަނބަލުންކަމެވެ. އަޤީދާއާއި އީމާންތެރިކަމުގެ ގޮތުން ފުރިހަމަ ބޭކަނބަލުންކަމެވެ.

ބައެއް ފޮތްތަކުގައި ކައިއިތުރު ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم  ސުވަރުގޭގައި މަރްޔަމުގެފާނާއި އާސިޔަތުގެފާނާއި ކާވެނި ބައްލަވައިގަންނަވާނެކަމުގައި ހުންނަ ޙަދީޘްތައް ލިޔެފައި ހުރެއެވެ. ނަމަވެސް ޙަދީޘް ތަޙްޤީޤު ކުރެއްވި އެންމެހައި ބޭކަލުން ވިދާޅުވަނީ އެ ފަދަ ހުރިހާ ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތައްކަމުގައެވެ. (ނިމުނީ)

ޙަވާލާ

  1. ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން
  2. ކީރިތި ޤުރުޢާނުގެ ތަފްސީރު
  3. ސްޓޯރީސް އޮފް ޕްރިފެޓްސް
  4. ސުންނާ.ކޮން
  5. ތަންޒީލް.ކޮމް
  6. އިސްލާމްކިޔުއޭ.އިންފޯ

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (4)

Next

ދުޢާ 6

Next
September 4, 2018

ދުޢާ 6

Previews
September 4, 2018

ބުނާށެ ލޯބި ނުވަނީހޭ (4)

3 Comments!

  1. Lotus says:
    September 4, 2018 at 2:54 pm

    Masha Allah v furihama. Keep up the good work

  2. Hudher says:
    September 4, 2018 at 3:29 pm

    Stry v v v v reethi maasha allah????

  3. snow says:
    September 4, 2018 at 7:34 pm

    taahir furaana fulhu..that was touching.. Jazakallah khairan..keep up the good work.

Comments are closed.



All Right Reserved!