Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

އާސިޔަތުގެފާނު 02

Ali Ihsaan Level 210 Stories100 Login
August 18, 2018 4 Mins Read
3 Comments

(ކުރީގެ އަދަދާގުޅޭ)

ފިރުޢައުނުގެ ހުވަފެން

ތަފްސީރުއް ޠަބަރީގައި ރިވާވެގެންވެއެވެ. އެއްރެއަކު ފިރުޢައުނަށް ހުވަފެނެއްފެނުނެވެ. ބައިތުލް މަޤްދިސްއާ ދިމާއިން އަލިފާންގަނޑެއް ފާޅުވެ ބަނީ އިސްރާއީލުންގެ މީސްތަކުންދޫކޮށް ޤިބްތީންގެ މީހުން އަންދާލާތަނެވެ. މިޞްރުގެ މީސްތަކުންގެ ގެތަށްވެސް އަންދާ އަޅިއަށް ހަދާލާތަނެވެ. މި ހުވަފެންފެނުމުން ފިރުޢައުނުގެ ސިހުރުވެރިންނާ ފާލުބަލާމީހުން އެއްކޮށް އެ ހުވަފެނުގެ ތަޢުބީރަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެބައިމީހުން ބުންޏެވެ. ބައިތުން މަޤްދިސުން މިރަށަށް އައިމީހުންގެ ތެރެއިން މީހަކު އުފަންވާހުއްޓެވެ. މިޞްރު ހަލާކުވާނީ އޭނާގެ އަތްމަތީގައެވެ. ދެން ފިރުޢައުނު ބަނޫ އިސްރާއީލުންގެ މީސްތަކުންގެ ވިހާ ހުރިހާ ފިރިހެންދަރީން މެރުމަށް ފަތްތޫރަ ހިންގިއެވެ. (ތަފްސީރުއް ޠަބަރީ)

މި ވާހަކައަށް އިޝާރާތް ކުރައްވާ سورة القصص ގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ ﴿٤﴾

ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.

ފިރުޢައުނު ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ ފިރިހެންދަރިން މެރުމަށް އަމުރުކުރި އެހެން ސަބަބަބެއްވެސް ތަފްސީރު ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ. އެއީ އެޒަމާނުގައި އުޅުނު ބަނޫ އިސްރާއީލުންގެ ފޮތްތަކުގައި ލިޔެފައިވެއެވެ. ” ބަނޫ އިސްރާއީލުންގެ ތެރެއިން ކުއްޖަކު ފާޅުވާ ހުއްޓެވެ. މީޞްރުގެ ރަސްކަން ފަނާވެގެންދާހުށީ އެކުއްޖާގެ އަތްމަތީންނެވެ.” ބަޤަރާ ސޫރަތުގެ 49 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ ﴿٤٩﴾

އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ.

ކޮންމެއަކަސް ފިރުޢައުނަށް އެ ހުވަފެނުގެ ތަޢުބީރު އެނގުނު ފަހުން ނުވަތަ ބަނީ އިސްރާއީލުންގެ ފޮތްތަކުން އެ ވާހަކަފެނުނު ފަހުން އޭނާގެ “ނުލަފާކަން” ބަނީ އިސްރާއީލުންގެ ނިކަމެތި ރައްޔިތުންނަށް ދައްކަމުންގެންދިޔައެވެ. އެބައިމީހުންގެ ދަރިފަސްކޮޅު ނައްތާލުމަށް އަމާޒުހިފައިގެންނެވެ. މިޞްރުގެ ވެރިކަމުގެ ދަރުބާރުގައި ބަނީއިސްރާއީލު ބާގައިގެ މީސްތަކުންގެ ގެންގުޅެމުން ގެންދިޔައީ އަޅުމަސައްކަތް ކުރާ މީހުންގެ ގެގޮތުގައެވެ. ދަނޑުހެއްދުމަށާއި ބިންގަނޑުގައި ފަސްގަނޑުޖެހުމަށެވެ. ބިނާތަށް ހެދުމަށާއީ ފަރުބަދަ ތަކުން ހިލަކެނޑުމަށެވެ. މިދެންނެވި މަސައްކަތް ނުކުރާނަމަ އެމީހެއްގެ އަތުން ޖޫރިމަނާ އަތުލެވެއެވެ. އެ ޖޫރިމަނާ ނުދެއްކިއްޖެނަމަ އޭނާގެ ދެއަތް ކަނދުރާއާއެކު ކަސްތޮޅުއެޅުވެއެވެ. މި ވާހަކަ މިގޮތަށް އިމާމު އާލޫސީ ލިޔުއްވާފައިވެއެވެ.

ނަމަވެސް މާތް ﷲ ގެ އަމުރުފުޅު ބަދަލުކޮށްލުން އެއީ އެއްވެސް މަޚްލޫޤަކަށް ކުރެވޭނެކަމެއްނޫނެވެ. އެއީ ކިތަންމެ ގަދަބަދަވި މީހަކަށްވީ ނަމަވެހެވެ. ޔޫސުފް ސޫރަތުގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٢١﴾

اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

އަރަހުށި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިން ފިރުޢައުނަށް ވެސް ވީހަމަ އެހެންނެވެ. އޭނާވީ ކަލާނގެ ކުޅަދުންވަންތަކަން ނުދަންނަ މީހަކަށެވެ. ހަމައެދުވަސްވަރު ތަކުރާރުކޮށް ކޮންމެ އަހަރަކު ބަނީއިސްރާއީލުންގެ މީސްތަކުން މަރަމުން ގެންދިޔުމުގެ ނަތީޖާއަކަށްވީ އެބައިމީހުންގެ މީސްތަކުންގެ އަދަދު މަދުވަމުން ދިޔުމެވެ. އެކަން އެބީދައިން ހިނގާނަމަ ޤިބްތީންނަށް ބަނީ އިސްރާއީލުން ކުރަމުންގެންދިޔަ އަޅުމަސައްކަތް ކުރަންޖެހިދާނެކަމުގެ ބިރު ހީވުމެވެ. އެހެންކަމުން އެވާހަކަ ފިރުޢައުނުގެ ގާތު ބުނުމުން ދެއަހަރުން އެއްއަހަރު ބަނޫ އިސްރާއީލުންގެ ތުއްތުކުދިން މެރުމަށް އަމުރުނެރުނެވެ.

އަރަހުށި މާތް ﷲ ޞުބްހާނަހޫ ވަތައާލާ އިރާދަކުރައްވާފައިވަނީ މިޞްރުގެ ބިމުގައި ނިކަމެތި ކުރެވެމުންގެންދިޔަ ބަނީ އިސްރާއީލުގެ މީސްތަކުންނަށް ނަޞްރުދެއްވުމަށެވެ. އެބައިމީހުންނަށް ނުޙައްޤުން ދެވެމުން ގެންދިޔަ އަނިޔާތަކުން ބަރީޢަކުރެއްވުމަށެވެ. އެބައިމީހުންނަށް ތެދުމަގު ދައްކަވައި ހިދާޔަތްދެއްވުމަށެވެ. سورة القصص   ގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ﴿٥﴾

އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نعمة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إمام ން ކަމުގައި ލެއްވުމަށެވެ. އަދި (فرعون ގެ ވެރިކަން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މާތް ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމުގެ ސަބަބުތަށް މެދުވެރި ކުރައްވައެވެ.އެގޮތުން މާތް އިރާދަކުރެއްވީ موسى ގެފާނުގެ  މެދުވެރިކުރައްވައި ބަނީ އިސްރާއީލުންގެ މީސްތަކުންނަށް ނަޞްރުދެއްވުމަށެވެ. ކަންދިމާކުރި ގޮތުން موسى ގެފާނުގެ  މައިކަނބަލުން އާލާސްވެއިންނެވީ ފިރުޢައުނުގެ ބަނީ އިސްރާއީލުބާގައިގެ އަލަށް އުފަންވާކުދިން މެރުމަށް ޢަމުރުނެރެފައިވާ އަހަރުއެވެ. ކޮންމެއަކަސް އެކަމަނާ އާލާސްވެއިންނަވައި موسى ގެފާނާއިގެން ރައްކައުވެވަޑައިގެންނެވިއެވެ.

އެދަރިކަލުން ފިރިޢައުނުގެ މީސްތަކުންގެ ޝިކާރަކަށް ވެގެން ގޮސްފާނެކަމަށްޓަކައި މޫސާގެފާނުގެ މައިކަނބަލުން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެން ހައްދަވާނެ ގޮތްކޮޅު ހުސްވިއެވެ. އެހިނދު އަރަހުށި މާތް ﷲ އެކަމަނާގެ ހިތަށް އިލްޙާމުގެ ޒަރީޢާއިން ތަސައްލީދެއްވިއެވެ. سورة القصص ގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ ﴿٧﴾

އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ.

އިލްހާމުގެ ޒަރީޢާއިން އެކަމަނާއަށް ލިބިވަޑައިގެންނެވި ޢަމުރުފުޅާއެއްގޮތަށް އެކަމަނާ އެކަމަނާގެ މޭފުޅުގެ އެއްބައިކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުން ފޮށިކޮޅަކަށް ލައްވާފައި ނީލަކޯރުގެ ތެރެއަށް ދޫކޮށްލެއްވިއެވެ. މާތް ﷲ ގެ ޙަޟްރަތަށް ވަކީލުކުރައްވަމުންނެވެ.

މާތް ﷲ ގެ ބެއްލެވުމުގެ ދަށުން އެފޮށިކޮޅުން ގޮސް ލެއްގީ ފިރިޢައުނުގެ ގަނޑުވަރުގެ ކައިރިއަށެވެ. އެ ފޮށިކޮޅުން އެންމެ ފުރަތަމަ ފެނުނީ ފިރުޢައުނުގެ އަނބިކަނބަލުން السّيّدة آسية ގެ ބާންދީންގެ ތެރޭގައި ހިމެނޭ ކުއްޖަކަށެވެ. އޭނާ އެފޮށިކޮޅު ނަގައިގެން ގެންގޮސް السّيّدة آسية ގެ އަތްޕުޅަށް އެރުވިއެވެ. އެކަމަނާ އެފޮށިކޮޅު ހުޅުވާލައްވައި ބެއްލެވިއިރު އެފޮށިކޮޅުގައިވަނީ ނުހަނު ރީތި ތުއްޕުޅު ބޭފުޅެކެވެ. އެ ތުއްޕުޅު ބޭފުޅާ ރީތި ކަމުން ހީވަނީ ހަނދެއްހެންނެވެ. އެވަޤުތު އެކަމަނާގެ ހިތްޕުޅު އެ ތުއްޕުޅު ބޭފުޅާއަށް ލެނބޭގޮތްވިއެވެ. އެކަމަނާއަށް ބޭފުޅަކު ލިބިވަޑައިގެންފައި ނުވުމާއެކު، ނިސްވާނީ ލޯބި އުތުރިއަރައިގެން ދިޔައެވެ. سورة القصص  ގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗإِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾

ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ.

السّيّدة آسية ނުހަނު ލޯބިފުޅާއެކު އެތުއްޕުޅު ބޭފުޅާ ގެންގުޅުއްވާ މަންޒަރު ފެނުމުން ޖައްބާރު ފިރުޢައުނާއި އޭނާގެ އައުވާނުން ބޭނުންވީ އެތުއްޕުޅު ބޭފުޅާ ޤަތުލުކުރެއްވުމަށެވެ. އޭނާގެ ހުވަފެނުގެ މައްޗަށް ވިސްނުމަށްފަހުގައެވެ. ނަމަވެސް އެ ދަރިކަލުން ޤަތުލު ކުރެއްވުމަކީ السّيّدة آسية ގެ ހިތްޕުޅަށް ބަރުދާސްތުކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން އެކަމަނާ، އެކަމަނާގެ ފިރިކަލުން އަދި މިޞްރުގެ ރަސްގެފާނުގެ އަރިހުން އެދަރިކަލުން ޤަތުލުނުކޮށް ދޫކޮށްލެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެތުއްޕުޅު ބޭފުޅާ އެކަމަނާގެ ދަރިކަލަކަށް ހެއްދެވުމަށް ނިންމެވިއެވެ. މި ދެންނެވި ވާހަކައަށް އިޝާރާތް ކުރައްވާ ކީރިތި ޤުރުޢާނުގެ ޤަޞަޞު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾

އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.

މި ދެންނެވި އާޔަތުގައިވާ ފަދައިން އެތުއްޕުޅު ބޭފުޅާވެވަޑައިގެންނެވީ السّيّدة آسية ގެ ލޯފުޅުގެ ފިނިކަންކަމުގައެވެ. ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ދިއްލާލެވުނު ދަންމަރެއްކަމުގައެވެ. ފިރުޢައުނަށް އެ ތުއްޕުޅު ބޭފުޅާވީ ބޮޑު ޢަޛާބެއްކަމުގައެވެ. ކޮންމެއަކަސް ފިރުޢައުނަށް السّيّدة آسية ގެ އެދުންފުޅު އަނބުރާ ރައްދުކުރަށްވާކަށް ނުކެރުނެވެ. އެހެންކަމުން އެ ތުއްޕުޅު ބޭފުޅާ މިޞްރުގެ ރަސްކަމުގެ ދަރުބާރުގައި ރަސްދަރިކަލެއްގެ މަޤާމުގައ ގެންގުޅުމުގެ ހުއްދަދިނެވެ. އެކަން އަންގާ އިއުލާންކުރިއެވެ. އެތުއްޕުޅު ބޭފުޅާއަށް މޫސާ އޭ ވިދާޅުވެ ނަންދެއްވިވެސް އެކަމަނާއެވެ.

السّيّدة آسية ، موسى ގެފާނުގެ  ކަންތައްތަކާ ޙަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ އިސްކަމެއްދެއްވީ އެދަރިކަލުންނަށް ކިރުފޮދު އަރުވާނެ މީހަކު ހޯދުމަށެވެ. އޭރު އެތުއްޕުޅު ދަރިކަލުންވަނީ ބަނޑުފުޅުހައިވެގެން ގޮސް ޙާލުކޮޅެއް ނެތިފައެވެ. ކުރިންވެސް ދެންނެވި ފައިވާނޭ ފަދައިން އަރަހުށި މާތް ﷲ ވަނީ السّيّدة آسية ގެ ހިތްޕުޅުގެ މައުޞޫމު މޫސާގެފާނުގެ ލޯބިފުޅުން ފުރާލައްވާފައެވެ. އެދަރިކަލުން އެ ޙާލުކޮޅުގައި އޮއްވާ ފެނިވަޑައިގެންނެވުމަކީ އެކަމަނާއަށް ބަރުދާސްތުކު ކުރެވޭކަމެއް ނޫނެވެ.

އެހެންކަމުން މިޞްރުގެ ތަފާތު ހިސާބުތަކުން ތަފާތު ކިރުމައިންގެ ގެންނަވައިގެން އެ ދަރިކަލުންނަށް ކިރުފޮދު އެރުވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް އެދަރިކަލުން އޭގެއިން އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން ކިރުފޮދެއް ނުހިތްޕެވިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ލޯބީގެ އިރުއޮއްސުނީމަ

Next

ވިންދު ލޯބިން 1

Next
August 18, 2018

ވިންދު ލޯބިން 1

Previews
August 17, 2018

ލޯބީގެ އިރުއޮއްސުނީމަ

3 Comments!

  1. Sssssssshhssss says:
    August 18, 2018 at 2:20 pm

    neh comment eh ves

  2. ނާހީ says:
    August 18, 2018 at 2:36 pm

    i love reading these stories… jazakallahkhair

  3. ehen meehe says:
    August 18, 2018 at 7:42 pm

    Varah salhi

Comments are closed.



All Right Reserved!