Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ފަނާވެދަންދެން… ( 5ވަނަ ބައި )

xaaahy Level 110 Stories
May 2, 2014 9 Mins Read
3 Comments

އިރުގެ ދޯދިތަކުން ރޭގަނޑުއަނދިރިކަމުގައި އޮތް ދުނިޔެ އަލިކޮއްލާ އާދުވަހެއްކަން އިއުލާންކޮއްފިކަހަލައެވެ. ހުކުރުދުވަހެއް ކަމަކު މީހުންގެ ހަލަބޮލިކަން މަގުތަކުގެހިމޭންކަން ނަގާލަމުން ދިޔައެވެ. ނިދައިގެން ހޭލިގޮތަށް އެނދުގައި އޮވެގެންޒައިދު ވިސްނީ މިއަދު ކުރާނެކަމަކާއި މެދުއެވެ. މަސައްކަތް ނުކޮށް އެންމެދުވަހެއް ހޭދަކޮއްލުމަކީ ހުސްއަތާއި ހުރެ އަހަރު ދުވަސް ހޭދަކޮއްލުން ފަދަފޫހި ވަގުތުތަކެއް ކަމުގައި އޭނާ ދެކެއެވެ. ކުއްލިއަކަށް ޒައިދުގެސިކުނޑިއަށް ހިޔާލެއް އައި ކަހަލައެވެ. ބޯއަޅާލައިގެން އޮތް ބާލީހުގައިހިފަހައްޓާލަމުން ތެދުވެ ފަހާނާއަށް ވަނެވެ.

އަރާމް ނިދީގައި އޮތް ޝެރީންއަށް ހޭލެވުނީ މެދުކެނޑުމެއްނެތި އެލާރމްވަމުން ދިޔަ ގަޑީގެ އަޑަށެވެ. ގަޑި ބެހެއްޓިފައި ހުރީ ޑްރެސިން ޓޭބަލްގެމަތީގައި ކަމުން ޝެރީންއަށް އެނދުން ފައިބައިގެން އެހާ ހިސާބަށް ދާންއެބަޖެހެއެވެ. ރޭ އިރާކޮޅުން ފެށިގެން މެންދަމުން އަލިވެ ދޭއް ތިނެއްޖަހަންދެން ހިޔާލުތަކުގައި އޮވެވުނީތީ މިހާރު އޭނައަށް ނިދި ބޭނުން ވެއެވެ.ބާލީސް ނަގައި ބޮލުގައި އަޅާލަމުން ގަދަކަމުން ދެލޯ މަރާ ބާރުކޮއްލަމުންނިދޭތޯ ބެލިއެވެ. އެލާރމް އަޅަމުން ދިޔަ ގަޑީގެ ސަބަބުން ޝެރީންއަށްއުދަނގޫވެގެން އެނދުން ތެދުވެއްޖެއެވެ.
” މަލީހާ…” ޝެރީން އެނދުން ތެދުވަމުން މަލީހާއަށް ގޮވާލިއެވެ. މަލީހާގެއަޑެއް ނީވެއެވެ. ހީވާގޮތުން އަދި މަލީހާ މިއަދު ނުހޭލަނީއެވެ. ޝެރީންއެލާރމް ނިއްވާލުމަށްފަހު ފާހާނާއަށް ވަނެވެ. ފެންވަރާލައިގެން ބޭރަށްނިކުތްއިރު މަލީހާ އައިސް ކޮޓަރިއަށް ވަންނަނީއެވެ.
” މަލީހާ ޝެރީންއަށް މިލްކު ކޮފީއެއް ތައްޔާރުކޮއްދީބަލަ..” ޝެރީންޑްރެސިން ޓޭބަލް ކައިރީ ހުއްޓި ރީތިވާން ފެށިއެވެ. ދާދި ކުޑައިރުކޮޅެއްގެތެރޭގައި މަލީހާ އެކޮޓަރިއަށް ވަނީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ”ޝެރީން ބައްޕަ އެބައިންނެވި މޭޒުކައިރީ ސައިނުބޮއި ޝެރީންގެއިންތިޒާރުގައި…..” މަލީހާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ” ބައްޕަކައިރީ ބުނުއްވާ މިގަޑިއަކު އަހަރެން ސައެއް ނުބޯނަމޭ….” ޝެރީން ހޫނުއަރަމުން ދިޔަ ކޮފީ ތަށި ނަގައި ކޯވަރެއް ބޯލިއެވެ.
ކޮފީ ބޮމުން ބެލްކަންޏަށް ނިކުތެވެ. އަރައިގެން އައި އިރުގެ ދޯދިތައްބެލްކަންޏަށް އެޅިފައި ވުމުން އެ އަލިކަމުގެ ސަބަބުން އިތުރު ތާޒާކަމެއްހަށިގަނޑަށް ލިބިގެން ދިޔައެވެ. ކޮނޑުމައްޗަށް ދޫކޮއްލެވިފައިވާއިސްތަށިގަނޑުގައި މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅިތައް ފިރުމަމުންދިޔައެވެ.
ގޯތިތެރޭ ހައްދާފައިވާ ވިނަގަނޑުގެ މަތީގައި ކާރު ބާއްވައިގެން ޒައިދު ކާރުސާފްކުރުމުގެ މަސައްކަތުގައި އުޅެމުން ދިޔައެވެ. ޝެރީންގެތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒައިދުގެޙަރަކާތްތަކާއި ގަޔާ ވެވުނީ ކީއްވެގެން ހުދު ޝެރީންވެސް ނުދެނަހުއްޓެވެ. އެހަރަކާތްތަކުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. ކާރުގެ ބިއްލޫރިގަނޑުސާފްކުރަމުން ދިޔައިރު ޝެރީންގެ ހިތް އެދެމުން ދިޔައީ ޒައިދު އާއި ސަމާސާކޮއްލުމަށެވެ. ޝެރީން ބެލްކަނީގައި ހުރި ގޮނޑިއެއްގެ މަތީގައި ކޮފީތަށިބަހައްޓާލަމުން ގޯތިތެރެއަށް ނިކުމެއްޖެއެވެ.
ކާރު ސާފްކުރުމަށް ފުރަގަސްދީގެން ހުރި ޒައިދު ސިހުނީ ޝެރީން ފެންހޮޅިންފެންޖަހާ ތެންމާލީމައެވ. ޒައިދު ސިހިގެން ދިޔަގޮތުން ޝެރީން ހީލިއެވެ. އެހީލުމުގެ އަޑު ހީމޭންކޮން އޮތް މާހައުލު ހަލަބޮލި ކޮއްލައިފިއެވެ. ޒައިދުޝެރީންގެ ކައިރިއަށް ޖެހި ފެންހޮޅި އަތުލައިފިއެވެ. ޒައިދު ލައިގެން ހުރިހުދު ކުރުތާވަނީ ތެމި އޭނަގެ ހަށިގަނޑުގައި ތަތްލަވާފައެވެ. ޒައިދު ޝެރީންތެންމާލުމުގެ ކުރިން ޝެރީން ދުއްވައިގަތެވެ. ޒައިދު ޝެރީންގެ ފަހަތުން ދުވެޝެރީން ތެންމާލައިފިއެވެ. ޝެރީންގެ ހަށިގަނޑުގައި ބީހެމުން ދިޔަ ފެނުގެސަބަބުން ތުރުތުރު ލާންފަށައިފިއެވެ. ޒައިދު ފެންހޮޅި ދޫކޮއްލުމަށްފަހުޝެރީން އާއި ކައިރިއަށް ޖެހިލައިފިއެވެ.
ދެމީހުން އެކަކު އަނެއްކަކުގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރިއަށެވެ. ޝެރީންގެ މޫނުގައި ޒައިދުގެ ދެއަތުން ފިރުމާލިއެވެ.
” ޝެރީން…” ޝެރީން ސިހުނީ ފާއިޤް ޝެރީންއަށް ގޮވާލުމުންނެވެ. ހިޔާލީދުނިޔެއެއްގައި މިހުރިހާ އިރަކު އުޅެވުނުކަން އެނގުނީ އަދި ކިރިޔާއެވެ.އާވިއަރަމުން ދިޔަ ކޮފީތަށި ހިފަހައްޓާލައިގެން ޝެރީން ހުރީބެލްކަނީގައެވެ. ޒައިދުވެސް އޭނަގެ މަސައްކަތުގައި އުޅެއެވެ.
” ދަރިފުޅު ކީއްވެތަ މިއަދު ހެނދުނުގެ ނާސްތާ ކުރުމުގައި ބައިވެރި ނުވީ؟”ފާއިޤް ޝެރީންގެ ކައިރިއަށް ހުއްޓުނެވެ. ” ސަލޫމް މިއަދު ނާދޭތަ؟”ޝެރީންވެސް ކުރީ ސުވާލެކެވެ. ސަލޫމް ކޮންމެ ދުވަހަކުވެސް ނާސްތާ ކުރަނީއެގެއިންނެވެ. ޝެރީން ސައިބޯން ދާން ބޭނުންނުވާ ސަބަބަކީ އެއީއެވެ. ”އާން..ނުހޭލަނީ ކަންނޭނގެ…ޝެރީން ބައިވެރި ނުވީމަ ބައްޕަ ކުޑަގޮތަކަށްސައިބޯލައިގެން މިއައީ…” ފާއިޤް ބަލާލީ ބޭރުގަ ހުރި ޒައިދުއަށެވެ.ޒައިދުގެ ކައިރިއަށް ހިނގައިގަތުމުން ޝެރީން ވިސްނާލިއެވެ.
ޝެރީންގެ ހިތުގައި ޒައިދުގެ ހިޔާލުތައް ރަސްކަން ކުރަނީ ކީއްވެހެއްޔެވެ؟ދުލުން ކިޔަން ބޭނުންވަނީ ހަމައެކަނި ޒައިދުގެ ނަމެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ ޒައިދުއަށް އެހިތުގައި ޖާގައެއް ދެވެނީ ނޫންބާއެވެ.؟ ނޫނެކެވެ.އެހެންވެގެން ނުވާނެއެވެ. ސަލޫމްގެ ސަބަބުން އޭނަގެ ހިތުގައި ލޯތްބަށްޓައިއެއްވެސް ޖާގައެއް ނުދޭން ނިންމައިގެން ހުއްޓަ މިހެން ވާންވީކީއްވެހެއްޔެވެ؟ ޝެރީން އެއްވެސް މީހެއް ދެކެ ލޯބިވާކަށް ބޭނުމެއް ނޫނެވެ.

ޒައިދު ގެއަށް ދިއުމަށް މިސްރާބުޖެހީ ހުކުރު ނަމާދަށް ކައިރިވެފައިހުއްޓައެވެ. ގެއަށް ދެވޭތޯ ބާރު ބާރަށް ހިނގަމުން ދަނިކޮން މަގެއްގެކަންމަތީ މީހުން އެއްވެފައި އޮތްތަން ފެނުނެވެ. ވެގެން އުޅޭގޮތް އޮޅުންފިލުވާލުމަށް ޒައިދު އެތަނާ ކައިރިވެލައި މީހެއްގެ ކައިރީ އަހާލިއެވެ.
” މި ފިހާރައިގެ ސޭޓް ފިހާރަ ބަންދުކޮއްފަ ފައިސާ ދަބަސް ހިފައިގެންނިކުންނަނިކޮން އެ ފިރިހެން ކުއްޖާ އައީ..އޭރު އަހަރެން ހުރީ އެހެރަކަންމަތީގަ…” އެމީހާ އަތުގެ އިޝާރާތުން އޭނަ ހުރިތަން ދައްކާލިއެވެ. ”ކަޓަރު ދަމާލާފަ ހިގައްޖެ ދަބަސް ހިފައިގެން….މިހާރު އުޅޭ ޒުވާނުންޖެހިލުންވެސް ކުޑައީ…” އެމީހާ ދެފަރާތަށް ބޯހޫރުވާލިއެވެ.
” ބޭބެއަށް އެ ޒުވާނާ ވަކިކުރަން އެނގޭނެތަ؟” އެތަނުގައިޙަރަކާތްތެރިވަމުން ދިޔަ ފުލުސް މީހަކު އެމީހާ ކައިރީ ސުވާލުކުރިއެވެ. ”ފެނިއްޖެއްޔާވަކިކުރަން އެނގޭނެ…މިހިސާބުން އާއްމުކޮން ފެންނަ ކުއްޖެއްއެއީ…އަލްސަންއެއް ކިޔަނީ….މަށަށް އޭނަގެ ނަން އެނގުނީ އެވަގުތުސައިކަލުގައި އައި އެހެން ކުއްޖަކު އަލްސަންއޭ ކިޔައި އޭނައާއި މުޚާތަބުކުރީމަ…ސައިކަލަށް އަރައިގެން ދިޔައީ….” އެމީހާ ކިޔައިދެމުންދިޔައެވެ. އަތުކުރީ ގަޑިއަށް ބަލާލަމުން ޒައިދު އެތަނުން ހިނގައިގަތީގެއާއި ދިމާލަށެވެ.

އަރްޝީ މިއަދު ހޭލައިގެން ބަދިގެ ތެރޭ މަސައްކަތުގައި އުޅެއެވެ. ކުރީދެތިން ދުވަހަށްވުރެ މޫޑް ރަނގަޅު ދުވަހެއް ހެންހީވެއެވެ. ޔޫނާ އާއި ވާހަކަދައްކާ ހީހަދާ އުޅުނެވެ. އަރްޝީ ރަނގަޅުވަމުން އަންނާނީ ހަސީބާގެ ހިތަށްހަމަޖެހުމެއް ގެނެސްދީފިއެވެ.
” މިހާރު ރަނގަޅުދޯ…” ރަބީއު ހަސީބާގެ ކޮނޑުގައި އަތްބާއްވާލަމުންއަރްޝީއަށް އިޝާރަތް ކުރަމުން އަހާލިއެވެ. ހަސީބާ ބޯޖަހާލިއެވެ. ” ހުރިހާކަމެއް ހަމަޖެހުނީހެން ހީވަނި…ޒައިދު އެދުވަހު ކައިވެނި ވާހަކަ ދައްކާފަދިޔައީ…..އަރްޝީ ބުނި ވަޒީފާއަކަށް ދެވުނީމައޭ ކުރާނި……ވަޒީފާއަކަށްނުދެވުނަސް ކައިވެނި ކުރެވިދާނެ….އަންހެން ކުއްޖަކު އެހާ ދުވަސް ވަންދެންހުސްކޮން ހުންނާނެ ކަމެއް ނެތް….ޔޫނާ ކައިރީވެސް މި ކިޔަނީ ކައިވެނީގެކަންތައް އަވަސްކުރާށޭ…..ގޯސްއަޑުތަކެއް އިވުމުގެ ކުރިން ކައިވެނި ކުރީމަރަނގަޅުވާނެ….” ހަސީބާ ބަދިގެ އާއި ދުރަށް ހިނގައިގަތެވެ.
” ކުދިންގެ ކަންތައްތަކުގެ ތެރެއަށް އަހަރެމެން ނުވަނީމަރަނގަޅުވާނެ….އެކުދިންނަށް ތައްޔާރުވެވުނީމަ ކައިވެނި ކުރާނެ…..އަރްޝީއެބުނީވެސް ރަނގަޅުވާހަކައެއް….ވަޒީފާއަކަށް ދިޔައްޔާ ކައިވެންޏަށްވާންޖެހޭ ތައްޔާރީތައް ވާން ފައިސާވެސް ލިބޭނެ…..މިހާރު އާދައިގެގޮތަކަށް ކައިވެނި ކުރާކަށް އެއްވެސް ކުއްޖަކު ބޭނުމެއް ނުވާނެ….”ރަބީއު އޭނަގެ ވިސްނުން ހުރި ގޮތް ކިޔައިދެމުން ދިޔައެވެ.

އަދުހަމް ޖައުޒާ އާއި ސަލާމް ކޮއްލަމުން ގެއިން ނިކުތެވެ. ރިސޯރޓަށް ދާންޖެހޭ ދުވަހަށްވުރެ ލަހުން ދެވޭތީ ނުތަނަވަސްކަމެއް އޮތްކަމުގައި ވިއަސްޖައުޒާއާއި އެކު ހޭދަކޮއްލެވުނު ވަގުތުތަކަކީ އުފާވެރި ވަގުތުތަކެކެވެ.ފޯނު ނަގައި ގަޑިން ވީވަރެއް ބަލާލި އިރު ލީލާގެ ފަނަރަ ވަރަކަށް މިސްކޯލްއޮތެވެ. އަދުހަމްއަށް އެ ފެނުނުކަމަށްވެސް ނުހަދާ ފޯނު ޖީބަށް ލައިގެންހިނގައިގަތެވެ.
އަދުހަމްއަށް ތަންކޮޅަކަށް ނުދެވެނީސް އަނެއްކާވެސް ފޯނު ރިންގުވިއެވެ.އަނެއްކާވެސް ލީލާގެ ފޯނެކެވެ. އަދުހަމް ފޯނު ނެގިއެވެ.” ފޯނު ނުނަގާކީއްތަ ތިކުރަނީ؟” ރޮވިފައި ހުރި އަޑަކުން ލީލާ ކޮއްލީ ޝަކުވާއެވެ. ”އަބަދު ފޯނު ހިފައިގެންނެއްވެސް ނޫޅެވޭނެ…ހާދަ ބުރަކޮންނޭމިއުޅެނީ…..” އަދުހަމް ބަހަނާއެއް ދައްކާލިއެވެ.
” ޝާޒް ހުންގަދަވެގެން ހޮސްޕިޓަލުގައި ބާއްވައިގެންމިއުޅެނީ….އަދުހަމްއަކަށް އާދެވޭކަށް ނޯންނާނެތަ؟” ލީލާއަށް ރޮވެންފެށިއެވެ. ޝާޒްގެ ގިސްލުމުގެ އަޑުވެސް މަޑުމަޑުން އިވެން ހުއްޓެވެ. ” އަޅެކިހިނެއް އަހަރެން ދާނި…އަދި ރިސޯރޓަށް އައިތާ ދެދުވަސްމިވީ…..އަނެއްކޮޅުން އަހަރެމެންނާއި އެކު މަސައްކަތްކުރާ ގިނަ މީހުންވީރަށަށް ގޮސް….ދެވެން އޮތްނަމަ އަހަރެންވެސް ދާނަން…..” އަދުހަމްއަޑާއި ރާގު ބަދަލުކޮއްލިއެވެ.
” ޑޮކްޓަރ ކީކޭ ބުނީ؟” އަދުހަމް ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށްއަހާލިއެވެ. ” ވަކި އެއްޗެއް ނުބުނޭ…….ހުންގަދަވީމަ ބާއްވާލީ…”ލީލާ ބުނެލިއެވެ. ” އަހަރެން ފަހުން ގުޅާނަން……ކަމެއް ގޯސްވަންޏާގުޅާތި…..” އަދުހަމް ފޯނު ބޭއްވީ ލޯންޗަށް އަރަމުންނެވެ. އޭނަގެ ލެއިންއުފަންވެފައިވާ އެ ދަރިފުޅަށްޓަކައި ހިތުގައި ރަހުމެއް ހުރިނަމަ އެނބުރިރިސޯރޓަށް ނުގޮސް އެ ދަރިފުޅު ކައިރިއަށް ދިޔައީހެވެ.

ބަދީހާ ސައިތައްޔާރު ކުރިއެވެ. ވަޖީހު ގޮވައިގެން ބަދިގެއަށް އައީހާޝިޔާއެވެ. ޒައިދު ހުކުރުން އައިސް ނުކާނަމޭ ބުނީމަ ވަޖީހް ކާން ދިޔައީހިތްހަމަ ނުޖެހިފައި ހުރެގެންނެވެ. ރޭ ހަތަރު ދަމުން ފެށިގެން ޝާޒް ކައިރީލީލާ ހުރީތީ ޒައިދު އަވަސްވެގަތީ ޝާޒްކައިރިއަށް ދިއުމަށެވެ. ހާޝިޔާ ގެނެސްވަޖީހް ބޭންދީ މޭޒާއި ތަންކޮޅެއް ދުރުގައެވެ. މޭޒުމަތީގައި ހުރިކާއެއްޗިއްސާއި ހަމަޔަށް އަތްފޯރަނީ ކިރިޔަ ކިރިޔާއެވެ. ރިހަތަށިން ރިހައަޅަނިކޮން ރިހަ ތަށި ބަންޑުން ވުމުން ބަދީހާ ރުޅި އައިސްގެންހަޅޭއްލަވައިގަތެވެ.
” ކިހާ ދެރަކަމެއް…މީދަ މީހާއަށް ކާންދޭ ކޮންމެ ފަހަރަކު މަޖެހޭނެ މުޅިގޯތި ދޮންނަން…އަބަދުވެސް ކޮންމެސް އެއްޗެއް ބަންޑުން ޖަހާނެ….”ބަދީހާ ވަޖީހް ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ. ފުރޮޅުލީ ގޮނޑީ ބާރުސްޕީޑްގައި ގޮސް ޖެހުނީ ބަދިގެ ދޮރުކަނީގައެވެ. އެއީ ނަސީބެވެ. އެހެންނޫންނަމަ ވެއްޓި ބޮޑު އަނިޔާއެއް ވީހެވެ.
” މިޖެހުނީ މިތަން ސާފްކުރަން….ހާޝިޔާ އާދެބަލަ ފިހިގަނޑުހިފައިގެން….” ބަދީހާ އެތަން ސާފްކުރުމަށް އަވަސްވެގަތެވެ. ”ނޫން….އަހަރެންނަކަށް މިކަމެއް ނުވާނެ……އަހަރެން ކާނި ފަހުން….”ހާޝިޔާ ގޮނޑިން ތެދުވެ ކޮޓަރިއަށް ހިނގައިގަތެވެ. ބަދިގެ ތެރެ ސާފްކުރަންހުރެ ބަދީހާ ވަޖީހް ހިތުގައި ޖެހޭ ފަދަ ކިތައްމެ އެއްޗެއް ކިޔެވެ. ވަޖީހްގެނުކުޅަދުންތެރިކަމާއި މެދު މަލާމަތް ކޮށްހެދިއެވެ. ވަޖީހް އަމިއްލަ ހާލާއިމެދު ހިތާމަ ކުރިއެވެ.

ޝާޒްގެ ހުންމަޑުވެފައިވާތީ އެރޭ ރޭގަނޑު ގެއަށް ދޫކޮއްލައިދިނެވެ.އަދުހަމްގެ ޚަބަރެއް އޭގެ ފަހުން ނުވާތީ ލީލާ ކަންބޮޑުވެފައި ހުއްޓެވެ. ”ދޮންތާ…ތިހާ ވަރަށް ނުވިސްނާބަލަ….ބޭބެއަށް ވަގުތުވީހާ އަވަހަކަށްގުޅާނެ…މިހާރު ދެން ވިސްނަންޖެހޭ ކަމެއްވެސް ނެތެއްނު….ޝާޒްވެސްރަނގަޅުވެއްޖެ……” ލީލާ ކަންބޮޑުވެފައި ހުރެ އަދުހަމްގެ ނަންބަރަށްޑައިލް ކޮއްލާތަން ފެނި ޒައިދު ވިސްނައިދެމުން ދިޔައެވެ. ލީލާގެ މަޤާމުގައިޒައިދު ހުރިނަމަ ލީލާ ހިތަށް އަރާ ފައިބަމުން ދިޔަ ޝަކުވާތައް ޒައިދުއަށްނަގައިގަނެވުނީހެވެ. ލީލާ ޒައިދުއަށް ބަލާލިއެވެ. ” ބިޒީވިއަސް އެއިބޮޑުވަރު ކަންނޭނގެ…..އެންމެ ފަހަރަކުވެސް ޝާޒް ހާލުބަލާލަންވެސްނުގުޅާލާ…..” ލީލާ ފެންކަޅިވިއެވެ. ޒައިދު ލީލާއަށް ވިސްނައިދިނެވެ.

ދުވަސްތަކަކަށްފަހު އަރްޝީ އެދިގެން ޒައިދު އެގެއަށް ދިޔައެވެ. ކުރިއެކޭއެއްފަދައިން އަރްޝީގެ މޫނުމަތިން ހިނިތުންވުން ފެންނަން ހުރުމުން ހުރިހާކަމެއް ހަމަޖެހުނީކަމަށް ޒައިދު ނިންމިއެވެ. ” މާދަމާ އިންޓަރވިއުއަށްދާން ގުޅައިފި…” އަރްޝީ ޒައިދުގެ މޫނަށް ބަލާލިއެވެ. ” އެހެންވެތަ މާއުފާވެފަ ތިހުރީ….” ޒައިދު އަރްޝީގެ ކޮލުގައި ހިފާލިއެވެ. ” މިމަގުމައްޗޭ…” އަރްޝީ ޒައިދުގެ އަތް ދުރުކޮއްލިއެވެ. ” އެހެންވެގެންނެއްނޫން…..ޒައިދު އައީމަ…..” އަރްޝީ ހިނިތުންވާ ކޮންމެ ޒައިދުގެ ހިތަށްހަމަޖެހުމެއް ލިބިގެން ދެއެވެ.
” މިތާ ބޭރުގަތަ ހުންނާނި…….”
” އުހުން އާދޭ އެތެރެއަށް…..” އަރްޝީގެ ފަހަތުން ޒައިދު ހިނގައިގަތެވެ.ގޭ އަސްކަނި ދޮށުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އިށީނެވެ. ރީތިހަނދުވަރެއް ދީފައިވާ ރެއެއްކަމުން މުޅި އެ ހިސާބުގައި އޮތީރިހިއަލިކަމެކެވެ. ގަސްތަކުގެ ހިޔަންޏާއި ގަހުގެ ގޮފިތަކުގެ ދެމެދުގައިހުންނަ ހުސްތަންތަން ފޫ އަޅުވާލާފައި ބިންމައްޗަށް އެޅިފައިވާ ކޮކާހަނދުވަރުގެ ސަބަބުން އިތުރު ހަމަޖެހުމެއް ލިބިގެން ދެއެވެ.

ދުވަސްތަކަކަށްފަހު ދެލޯބިވެރިން ބައްދަލުވީތީ ޒައިދު ހުރީ ވަރަށްއުފާވެފައެވެ. އަރްޝީ އާއި ސަމާސާ ކޮއްލުމަށް އެ ހިތް އެދެމުން ދިޔައެވެ. ” އަހަރެމެން ކައިވެނި ކޮއްގެން އުޅޭނި ކޮންގެއަކު؟” ޒައިދު އެހެންއަހާލުމާއި އެކު އަރްޝީގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަންގެއްލުނެވެ. ހީވީ ކަޅުވިލާގަނޑެއް އައިސް ހަނދު ފޮރުވާލިހެންނެވެ. ޒައިދުގެއަތާއި ޖޯޑްކޮއްލައިގެން އިން އަރްޝީގެ އަތް ބޭއިޚްތިޔާރުގައިދަމައިގަނެވުނެވެ.
” އަދި ތި ހުރިހާ ވާހަކައެއް ދައްކަން މާ އަވަސް….” އަރްޝީ ދެއަތްއުނގުޅާލިއެވެ. ” އަވަހެއް ނޫން….އެންމެ ފަހުވަގުތު ހުރިހައި ކަމެއްނިންމަން ހުއްޓަ އޮންނާނީ އެއްކަމެއްވެސް ނުވެފަ…………” ޒައިދުވާހަކަ މެދުކަނޑާލަން ޖެހުނީ އެދިމާލަށް މީހަކު އަންނަހެން ހީވެގެންނެވެ.ބަރު ފިޔަވަޅުތަކެއްގެ އަޑު ވަރަށް ކައިރިން އިވެމުން ދިޔައެވެ. ޖޯލިބަހައްޓާފައިވާ ހިސާބާ ތަންކޮޅެއް ދުރުގައި ހުރި ބަގީޗާ ގަސްތަކެއްދުރުކޮއްލަމުން އެތަނުން ނިކުމެގެން އައީ ރަބީއުއެވެ.
ރަބީއު އެތަނުގައި ހުއްޓި އަރްޝީގެ މޫނަށް ބަލާލިއެވެ. ” އެހާލަސްވަންދެން ބޭރުގަ ނީދެ ގޭތެރެއަށް އަންނާތި……..މާދަމާ އަވަހަށްހޭލަން ޖެހޭނެ…..” ރަބީއު ވާހަކަ ދެއްކި އިރު އެންމެ ފަހަރަކުވެސްޒައިދުގެ މޫނަކަށް ބަލައެއް ނުލައެވެ. ނޫނީ ޒައިދު ފެންނަކަމަށްވެސްނުހަދައެވެ. އަރްޝީ ހަމައެކަނި ބޯޖަހައިލީއެވެ.
ރަބީއު ގޮސް ގޭތެރެއަށް ވަންނަންދެން އަރްޝީ އެދިމާލަށް ބަލަން އިނެވެ. ”ދެން ނިދަން ދާންވީ ދޯ…..” އަރްޝީ ފުންނޭވާއެއް ދޫކޮއްލިއެވެ. ޒައިދުބަލާލީ ގަޑިއަށެވެ. ” އަރްޝީ ނިދަން ބޭނުމިއްޔާ ދޭ ނިދަން……”’ ޒައިދުއަރްޝީގެ ބުރަކަށީގަ ފިރުމާލިއެވެ. އަރްޝީ ތެދުވެ ގޭތެރެއަށް ވަނެވެ.

އޮފީހުގެ މާހައުލު ފެންނަނީ ހަލަބޮލިކޮންނެވެ. އޮފީސްތެރޭގައިއިންޓަރވިއުއަށް އައިސްތިބި ކުދިން ގޮނޑީގައި ތިބި އިރު އެކަންތައްތަކުގައިސަލޫމް އާއި އެކު އިސްކޮން ޒައިދުވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ”ޒައިދު ފައިލު ހިފައިގެން ބޭރުގަ ހުރެ ފަހަރަކު ކުއްޖަކު އެތެރެއަށްފޮނުވާ…ކިތައްމެ ބައިވަރު ކުދިންނެއް ތިއްބަސް އަހަރެމެން އިންޓަރވިއުގެކަންތައްތައް އެބަޖެހޭ ދެގަޑި އިރު ތެރޭ ނިންމަން…..” ސަލޫމް ފަހަރަކުފައިލެއް ބަލަމުން ދިޔައެވެ. މިއަދުގެ އިންޓަރވިއުއަށް ހާއްސަކޮއްގެންހަދާފައިވާ ސުވާލު ކަރުދާސްގަނޑުވީ ކޮންމެވެސް ފައިލެއް ތެރޭގައެވެ.
” މި ފެނުނީ…އޯކޭ ޒައިދު ގޮސް ފަހަރު ކުއްޖަކަށް ގޮވާ…” ސަލޫމްގޮނޑީގައި އިށީންނަމުން ބުނެލިއެވެ. ޒައިދު ފައިލު ހިފައިގެން ކެބިންގެބޭރަށް ނިކުތެވެ. ވިއްސަކަށް ކުދިން ގޮނޑީގައި އިށީދެ އިންއިރު ޒައިދުހޯދާލީ އަރްޝީ ފެނޭތޯއެވެ. އަރްޝީއެއް ނެތެވެ. ޒައިދު ފޯނު ނަގައި އަރްޝީގެނަންބަރަށް ޑައިލް ކޮއްލަން އުޅެނިކޮން ކެބިން ތެރެއިން އަވަސްކުރާށޭގޮވާލި އޑު އިވިގެން ދިޔައެވެ.
ހަމަހިމޭންކޮން އޮތް އޮފީސްތެރެއިން މީހަކު ހިނގާ އަޑު އިވުމުން އެންމެންގެސަމާލުކަން އެދިމާލަށް ހުއްޓިގެން ދިޔައެވެ. ހައިހީލްސްއެއްގައި ހިނގާފައިއެ އަންނަނީ އަރްޝީއެވެ. އަޅައިގެން ހުރި ޒަމާނީ ހެދުމުގެ ސަބަބުންޒައިދުއަށް ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެހާ ކުރު ހެދުމެއް އަރްޝީލައިގެން އަތުވެދާނެކަމަށް ޒައިދު ނުވިސްނައެވެ.
ގަދަ ރަތްކުލައިގެ މިނީ ސްކާރޓަކާއި ފިޔާތޮށިކުލައިގެ ގަމީސްމައްޗެއްގައިއަރްޝީ ހުރި އިރު އޭނަގެ ރީތިކަމާއި މެދު ޒައިދުވެސް ހައިރާންވާހާވަރުވެއެވެ.ތުންފަތް ރަތްކުލައިން ފަވާލާފައިވާއިރު ކޮލުގައިވެސްފާޅުވާވަރަށް ކުލަ ޖައްސާފައި ހުއްޓެވެ. ” ވާއު….” ޒައިދު ކައިރީހުއްޓެމުން ނަބީހް ވައިއަޑުން ބުނެލިއެވެ. ދެވަނަ ފަހަރަށް ކެބިން ތެރެއިންސަލޫމް ޒައިދު ކައިރީ އަވަސްކުރާށޭ ބުނި އަޑަށް ޒައިދު ކުއްޖަކުއެތެރެއަށް ފޮނުވިއެވެ. އަރްޝީ އައިސް އިށީނީ އެންމެ ދުރުގައި ހުރިގޮނޑީގައެވެ. ފަހަރަކު ކުއްޖަކު އެތެރެއަށް ވަންނަމުން ގޮސް އަރްޝީއަށްޖެހުނު އިރު އިންޓަރިވިއު ނުކޮށް ތިބީ ގާތްގަނޑަކަށް ފަސްވަރަކަށްކުދިންނެވެ. އަރްޝީ ސަލޫމްގެ ކެބިންއަށް ވަދެގެން ދިޔައިރު އިސްއުފުލާޒައިދުގެ މޫނަށް އެންމެ ފަހަރަކު ބަލައިވެސް ނުލައެވެ. އަރްޝީ ބެހެއްޓިބީރައްޓެހިކަމުން ޒައިދު ދެރަވިއެވެ.
” އިށީދޭ…” ސަލޫމް މަސައްކަތަށް ގެއްލިފައި އިދެ ބުނެލިއެވެ. އަރްޝީގޮނޑީގައި އިށީންނަމުން އޭނަގެ އަތުގައި އޮތް ފައިލު ކުރިމަތީގައިބާއްވާލިއެވެ. ” އަރްޝީ…..” ސަލޫމް އަރްޝީގެ ނަން ކިޔާލަމުންއިސްއުފުލާލާ އަރްޝީއަށް ބަލާލިއެވެ. އަރްޝީގެ ރީތިކަން ފެނި ސަލޫމްހައިރާންވިއެވެ.
އިންޓަރވިއުގައި ކުރަން ޖެހޭ ކޮންމެ ސުވާލެއް ސަލޫމް ކުރީ ސީދާ އަރްޝީގެ މޫނަށް ބަލަން އިދެގެންނެވެ.
” ގޭގަ އިތުރު މީހަކު ވަޒީފާގަ އުޅޭތަ؟]”
” ގޭގަ އެހެން މީހަކު ވަޒީފާގަ އުޅުމާ މި ވަޒީފާ އާއި ގުޅުމެއް ވަނީތަ؟”އަރްޝީ ކޮއްލީ ސުވާލެކެވެ. އެހެން ކުދިން ފަދައިން އަރްޝީ ޖެހިލުމެއްނުވެއެވެ. ” އެއްވެސް ގުޅުމެއް ނެތް….މި ވަޒީފާ އަދާކުރެވޭނެކަމާއި މެދުކޮން ޔަޤީންކަމެއް އޮތީ؟” ސަލޫމް ގޮނޑިން ތެދުވެ އަރްޝީ އިށީދެ އިންގޮނޑި ކައިރިއަށް ހުއްޓުނެވެ. ” އަޅުގަނޑު މަސައްކަތް ކުރާނަން ވަޒީފާގައިޖެހޭ ކޮންމެ މަސައްކަތެއްވެސް އެންމެ ފުރިހަމަކޮށް ކޮއްދެވޭތޯ…” އަރްޝީބަލާލީ ސަލޫމްގެ މޭޒުމަތީގައި އިން ސަލޫމް އާއި ޝެރީންގެ ފޮޓޯއަށެވެ.
” ވަރަށް ރަނގަޅު…ދެން އޮތީ ވަރަށް އުފާވެރި ޚަބަރެއް…މި ވަޒީފާއަރްޝީއަށް ޔަޤީނުންވެސް ލިބޭނެ….އެކަމަކު ވަޒީފާގެ ޤަވައިދުތަކަށްހުރުމަތްތެރިކޮން ހިތަން ވާނެ…އަރްޝީ އަކީ އަހަރެންގެ ޕާރސަނަލްސެކެއްޓެރީއަށް ވެފަ އަހަރެމެން ދެމީހުންގެ މެދުގައި ހިނގާ އެއްވެސް ކަމެއްއެއްވެސް މީހެއްގެ ކައިރީ ދައްކައިގެން ނުވާނެ…” ސަލޫމްގެ މޫނަށްއަރްޝީ ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ދެމީހުންގެ މެދުގައިހިނގާ ކަންތައްތަކޭ ބުނުމުން އަރްޝީގެ ހިތުގައި ނުބައި ޝައްކުތަކެއްވިއެވެ.
” މިބުނީ ވަޒީފާގެ އެއްވެސް ލިއެކިއުމެއްގަ ވާހަކައެއް އެއްވެސް މީހަކަށްއެނގިގެން ނުވާނެ…..”ސަލޫމް އިތުރަށް އޮޅުން ފިލުވައިދިނެވެ. ނުބައިނިޔަތެއް ނެތްކަން އެނގުމުން އަރްޝީ ހިތްހަމަޖެހުނެވެ.
” މިހުރީ އަޅުގަނޑަށް ލިބިފައިވާ ސެޓްފިކެޓްތައް…” އަރްޝީ ފައިލު ނަގާސަލޫމްއަށް ދިއްކޮއްލިއެވެ. ސަލޫމް ފައިލުގައި ހިފީ އަރްޝީގެއަތާއިއެއްކޮށެވެ. ” މި ސެޓްފިކެޓްތަކުގެ ކޮޕީ ސިޓީ އާއި އެކުހުށައެޅީމެއްނު…..ދެން މައްސަލައެއް ނެތް….” ސަލޫމް ފައިލު ގެންގޮސްމޭޒުމަތީގައި ބޭއްވިއެވެ.
ކެބިންގެ ބޭރުގައި ހުރި ޒައިދު ލަސްވެގެން އިރުކޮޅު ކޮޅާ ކެބިންއަށްބަލާލައެވެ. އެހެން ކުދިން ވަދެގެން އެހާ ލަހެއް ނުވެއެވެ. ދެ ގަޑިއިރުތެރޭ ނިންމަން ބުނި އިންޓަރވިއު ނުނިމޭނެކަން ޒައިދުއަށް ޔަގީންވެއެވެ.އަރްޝީ ނިކުތީ ސަލޫމް އާއި އެކުއެކީއެވެ. ” ބާކީ ތިބި ކުދިންނާއި ޒައިދުސުވާލުކޮއްލާ…ކަރުދާސް އޮންނާނެ މޭޒުމަތީގަ…” އަރްޝީ އާއި އެއްވަރަށްހިނގައިގަންނަމުން ސަލޫމް ބުނެލިއެވެ. ޒައިދު ކެބިންގެ ތެރެއަށް ވަނެވެ.

ހަވީރުގެ ވަގުތެވެ. ޝެރީން އޮފީސް ނިމިގެން ގެއަށް އައިގޮތަށް ބެލްކަނީގައިހުއްޓެވެ. ޒައިދު ބެލްކަންޏަށް ނިކުތީ އެތަނުގައި ފާއިޤް ހުރިކަމަށްހީކޮށެވެ. ޒައިދުގެ ގައިން ދުވާ ސެންޓުގެ މީރުވަހަށް ޝެރީންއަށްބަލާލެވުނެވެ.
” މި ތަޅުދަނޑި ފާއިޤް އާއި ހަވާލުކޮއްލައްޗޭ….” ޒައިދު ތަޅުދަނޑިދިއްކޮއްލިއެވެ. ” ދަނީތަ؟” ޒައިދު އެނބުރި ދާން ފެށުމުން ޝެރީންއަހާލިއެވެ. ” އާދެބަލަވާހަކަ ދައްކާލަން……” ޝެރީން އެދުމަށްފުރަގަސްނުދޭންވެގެން ޒައިދު އައެވެ.
ޝެރީން އިސްވެ ޒައިދުއަށް ގޮވީތީ ޒައިދު ހައިރާންވިއެވެ. ޝެރީން ކައިރިއަށް ހުއްޓުމާއި އެކު ޝެރީން ސަލާމަށް އަތްދިއްކޮއްލިއެވެ.
” މިހެން އެކަކު އަނެއްކަކު ފެންނަތާ ކިހާ ދުވަހެއް މިވީ؟ އެކަމަކުއަދިވެސް ރަޙްމަތްތެރިކަމެއް ނެތް…..ފްރެންޑްސް ދޯ” ޒައިދު ޝެރީންގެއަތާއި އަތްޖޯޑްކޮއްލިއެވެ. ޝެރީން ހުރީ ޒައިދުގެ އަތުން ދޫކޮއްލަންނުކެރިފައެވެ. މުޅި އުމުރަށްވެސް ޒައިދުގެ އަތުގަ ހިފަހައްޓާލައިގެންހުރެވޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. ޒައިދު ޝެރީންގެ އަތުންދޫކޮއްލައި ދެއަތް ޖީބަށް ޖަހާލިއެވެ. ޒައިދުގެ ނަޒަރު ހުއްޓުވާލީބޭރަށެވެ.
” ޒައިދު ނުވިސްނަންތަ ދިރިއުޅުމެއް ފަށާކަށް؟” ޝެރީން ކަށިން ހިތްވަރުނެރެ ޒައިދު އާއި ސުވާލު ކުރިއެވެ. ޒައިދުގެ ކޮންމެ މައުލޫމާތެއްޝެރީންއަށް މުހިއްމެވެ. ހުރިހާ ކަމެއް އޮޅުން ފިލުވާ ހިތުން އޭނާ ހުރީކެއްމަދުވެފައެވެ.
” ކާކު އެމީހެއްގެ ދިރިއުޅުމާއި ދޭތެރޭ ނުވިސްނާނި؟” ޒައިދު ދުރުބަލަހައްޓައިގެން ހުރެ ސުވާލުކޮއްލިއެވެ. އެއީ ޝެރީން އުއްމީދު ކުރިޖަވާބެއް ނޫނެވެ. ޒައިދު އަމިއްލައަށް ދިރިއުޅުމާއި ބެހޭގޮތުންކިޔައިދޭނަމައޭ ހިތަށް އެރިއެވެ. ” ވިސްނާނެތަ؟” ޝެރީންއަށްއަހާލެވުނެވެ.
” ޢާން…ނުވިސްނާ ހުރެ އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން މުޅި އުމުރުގައެކަމާއި ހިތާމަ ކުރަން ޖެހިދާނެ…..އެމީހަކު އަމިއްލައަށް ނުވިސްނިވަރަކަށް އެހެން މީހަކު ނުވިސްނާނެ….” ޒައިދު ފުރަތަމަ ފަހަރަށްޝެރީންގެ ފުން ކަނޑެއްފަދަ ދެލޮލަށް ބަލާލިއެވެ. ” ޝެރީންވެސްވިސްނާބަލަ……” ޒައިދު ހަނދާންވީ އެއްދުވަހަކު އޮފީހުގެ ސައިކޮޓަރީގައިތިބެ ދެމީހުން ދެއްކި ވާހަކަތަކާއި އެދުވަހު ޝެރީންއަށް އަންނަމުން ދިޔަބަދަލަށެވެ.
” އަހަރެންވެސް މިހާރު ވިސްނައިފިން……އަދި އަމިއްލަ ދިރިއުޅުންއުފާވެރިކަމާ ހިތްހަމަޖެހިލައިގެން އުޅެން ގަސްތު ކޮއްފިން……” ޝެރީންހިނިތުންވެލިއެވެ. ” ޒައިދު އަކީ ހާއްސަ އެކުވެރިއެއް ކަމަށް ދެކިގެންމިކިޔައިދެނީ……އަހަރެންނަށް ލޯތްބަކީ ކޮންއެއްޗެއް ކަމެއް އެނގިފައެއްނެތް….އެދުވަހު ޒައިދުގެ ވާހަކަތަކުން ކުޑަ މިންވަރެއް އެނގުނަސް އެކަންތަޖުރިބާއެއް ކުރެވިފައެއް ނެތް….ލޯބީގެ ބަދަލުގައި ބައިވެރިޔާގެފަރާތުން ލިބުނީ ހިތްދަތިކަމާއި އަނިޔާ……” ޝެރީންގެ ލޮލަށް ކަރުނަތައްޖަމާވަމުން ދިޔައެވެ.
” އެކަމަކު އަބަދަކު މިހެންނެއް ނޫޅެވޭނެ،….ކެއްކުރެވޭނިވަކިވަރަކަށް…….އަހަރެން ނިންމައިފިން ސަލޫމް އާއި ވަކިވެގެން އަހަރެންލޯބވާ މީހަކާއި އެކު ހަޔާތްވޭތުކޮއްލަނ……….” ޝެރީން ފަރުދާފޮތިގަނޑާއި ދިމާލަށް ބަލާލީ އެތަނުގައި މީހަކު އުޅޭހެން ހީވެގެންނެވެ.ވަޔާއި ފަރުދާ ފޮތިގަނޑު ހެލިލަ ހެލިލާ ހުރުން ފިޔަވާ އިތުރު ހަރަކާތެއްއެތަނަކު ނެތެވެ. ޝެރީން ފުންނޭވާއެއް ދޫކޮއްލިއެވެ.
” ހިތްއެދޭ ކުއްޖަކު ލިބުނީތަ؟” ޒައިދު އަހާލިއެވެ. ” އަދި ތިޔަސުވާލަށް ޖަވާބުދޭކަށް ނޭނގެ……އެކަމަކު އަހަރެން ކުއްޖަކު ހޯދާނީސަލޫމް އާއި ވަކިވުމަށްފަހު……އެއީ ވަރަށް ބޮޑު ޓެންޝަންއެއް…….”ޝެރީން ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
” އަހަރެންނަށް ވަރަށް ގިނަ ކަންތައްތަކާއި ފޭސްކުރަންޖެހޭނެ……..އަހަރެން ބޭނުމީ އިތުރުމީހެއްގެ ހިތްވަރު ދިނުމުގެބަސްތަކެއް…..ޒައިދު އަހަންނަށް އެހީވާނަން ދޯ……” ޝެރީން ގަދަކަމުންހީލިއެވެ. ޒައިދު ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

ސަލޫމް އިނީ ފާއިޤްގެ ފޮތްކިޔާ ކޮޓަރީގައެވެ. އެއްފައި މައްޗަށް އަނެއްފައިއަރުވާލައިގެން އިން އިރު ކަނާތު އަތްވަނީ ސޯފާގެ އަތްގަނޑުމަތީވިއްދާލުމަށްފަހު އެއަތުން ދަތްދޮޅީގަ ހިފަހައްޓާލާފައެވެ. ފާއިޤްވެސްފުންވިސްނުމެއްގައި އިނެވެ. ކުރިމަތީގަ މަލީހާ ކުއްވެރިއެއް ފަދައިންއިސްޖެހިފައި ހުއްޓެވެ. ” މަލީހާ ދެން ދިޔަޔަސް އެންމެރަނގަޅު…….އެކަމަކު ދެންމެމި ދެއްކި ވާހަކަ އެއްވެސް މީހަކަށްއެނގިގެން ނުވާނެ………” ފާއިޤް މަލީހާ ފޮނުވާލަމުން ބުނެލިއެވެ.މަލީހާ ސާހިބު މީހާއަށް ކިޔަމަންވެގެން ހުރެ އެތަނުން ނިކުތެވެ.

ޝެރީން ސަލޫމްގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ޒައިދު ހިތުގައި ޝެރީންއާއި މެދު ހަމްދަރުދީ އުފެދުނެވެ. ޒައިދުވެސް ދިރިއުޅުމުގެ އެތައްވާހަކައެއް ކިޔައިދިނެވެ. ނަމަވެސް އަރްޝީ އާއި ޒައިދުގެ ގުޅުމުގެ ވާހަކަސިއްރު ކުރިއެވެ. ޒައިދު ގެއަށް އައުން ލަސްވެގެން ލީލާ ގުޅީ އެވަގުތުއެވެ.ޒައިދު ވާހަކަތައް ކުރުކޮއްލުމަށްފަހު ގެއަށް ދިއުމަށް ނިކުތެވެ. ޒައިދުހިނގަމުން ދިޔަ މަންޒަރު ބަލަން ޝެރީން ހުރީ ހިނިތުންވެގެންނެވެ.

ޒައިދު ގެއަށް ވަތްއިރު ހާޝިޔާ އާއި ބަދީހާ ގަހަނާތަކެއް ހިފައިގެން ސިޓިންރޫމްގައި ތިއްބެވެ.
” ބަލަ މި ފަށް ކިހާ ރީތި….އަދި މި ފަށުގެ ފުލުގަ މިއިން ޖަވާހިރުތައްކިހާ ލޯބި…” ހާޝިޔާ ފަށް ކަރުގައި ޖައްސާލިއެވެ. ބަދީހާ ގަހަނާތަކުގަފިރުމަމުން ހާޝިޔާގެ ބޮލުގަ ފިރުމާލިއެވެ. ޒައިދު ގޭތެރެއަށް ވަތްތަންފެނުމުން ލީލާ އައިސް ޒައިދުގެ ކައިރީ ހުއްޓުނެވެ. ” އެއީ ކޮންކަމެއް؟ކާކު ގެނައިހާ ތަކެއްޗެއް؟” ޒައިދު ބަލާލީ ހެވި ދިލިފަ އިން ބަދީހާއަށެވެ.
” އަލްސަން….އޭނަ ހާޝިޔާގެ އުފަންދުވަހު ދީފަ ހުރި ހަދިޔާ……” ލީލާފޫހިގޮތަކަށް ބުނެލިއެވެ. ” މަ ހިތަށް އަރާ އެ އަލްސަން އެހާ ފައިސާއެއްހޯދަނި އެ ކިހިނެއްބާއޭ….ވަޒީފާއަކަށް ދާ މީހެއް ނޫން…އޭނަގެމައިންބަފައިންނަކީ އެހާ ފޯރާބައެއް ނޫން….” ލީލާ ދައްކަމުން ދިޔަވާހަކަތަކުން ޒައިދު ހަނދާންވީ ހުކުރު ދުވަހު ފާއިޤްމެން ގެއިންއަންނަނިކޮން އެ ފިހާރަ ދޮރުމަތިން ދިމާވި މީހާ ދެއްކި ވާހަކަތަކެވެ.
” ލީލާ……މިއީ ލީލާއަށް….އަލްސަން ދިން ފަށް އަޅާއިރު މި ފަށްބޭނުމެއް ނުވާނެ…..” ހާޝިޔާ ކަރުގަ ކުރިން އަޅާ ފަށް ނަގާ ލީލާގެ އަތަށްލައިދެމުން ބުނެލިއެވެ. ” ނޫނޭ…..ހާޝިޔާގެ އަތުގަ ތި ފަށްވެސްބާއްވާ…..ފަހަރެއްގަ ތިފަށް ފަހުން އަޅަން ޖެހިދާނެ….ތިއީ ދާއިމީއުފަލޭ ހިތަށް ނާރުވާތި…..” ލީލާ އަތަށް ލައިދިން ފަށް ނަގާ ހާޝިޔާއަށްދިއްކޮއްލަމުން ބުނެލިއެވެ. ހާޝިޔާގެ ނިތްކުރިއަށް ކުދި ރޫތަކެއްއަރުވާލަމުން ދެ ބުމަ ގޮށްޖަހާލިއެވެ.
” ކީކޭ ؟” ހާޝިޔާއަށް އަހާލެވުނެވެ.
” ހާޝިޔާ ތިހުރިހާ ގަހަނާއެއްގަ ހިފުމުގެ ކުރިން ނާހަންތަ އަލްސަން ތިހުރިހާ އެއްޗެއް ހޯދަނީ ކިހިނެއްތޯ؟ ” ޒައިދު އެހެން ބުނެލިއިރުބަދީހާވެސް ސޯފާއިން ތެދުވެގެން އައިސް ހާޝިޔާގެ ކައިރީ ހުއްޓިއްޖެއެވެ. ”އަހަރެން ޖެހޭތަ އެ ހުރިހާ އެއްޗެއް ބަލަން….މަށަށް ކޮންކަމެއް އޭނަކޮންމެ ގޮތަކުން އެއްޗެހި ހޯދިއަސް….” ހާޝިޔާ ތުން އަނބުރާލިއެވެ.
”’ ޒައިދު އަޅާނުލާ….އެމީހުން ނުވިސްނާ ވަރަށް ޒައިދު ވިސްނަންޖެހޭތަ؟” ލީލާ ޒައިދުގެ އަތުގަ ހިފައިގެން ހިނގައިގަތީ ދުރަށެވެ. ”އަޅާނުލާ ދޫކޮއްލީމަ އޮންނާނީ ވަގުތު ފާއިތުވެފަ…..” ޒައިދު ބުނެލިއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އާލިފް 8

Next

ކައިއާ….06

Next
May 3, 2014

ކައިއާ….06

Previews
May 2, 2014

އާލިފް 8

3 Comments!

  1. xaaahy says:
    May 2, 2014 at 4:57 pm

    swry for late update readers
    i was little bxy thse days
    🙁

  2. shai says:
    May 2, 2014 at 7:25 pm

    nice

  3. Aksham says:
    May 2, 2014 at 11:40 pm

    Amazing.. Hope you’ll upload it soon… May allah bless you

Comments are closed.

Next Episodeހިތް ފަނާވެދަންދެން… 6←


All Right Reserved!