Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އައްސަކްރާން ބިން ޢަމްރޫ ރަޟިޔަ ﷲ ޢަންހު

Ali Ihsaan Level 210 Stories100 Login
August 10, 2018 4 Mins Read
3 Comments

އާދެ އިސްލާމީ ތާރީޚަށް ނަޒަރުހިންގާލާއިރު ޝަޚްޞިއްޔަތެއްގެ މަޝްޙޫރުކަން ގޮސްގުޅެނީ ތާރީޚުގައި ފާހަގަކޮށްލެވޭ ޙާދިޘާއަކަށެވެ. ނުވަތަ އިސްލާމީ ތާރީޚުގައި އެބޭފުޅަކު އަދާކުރައްވާފައިވާ ދައުރަކަށެވެ. ނުވަތަ އިސްލާމީ ތަޢުލީމު ފޯރުކޮށްދެއްވުމުގައި އެބޭކަލަކު އަދާކުރައްވާފައިވާ ރޯލަކަށެވެ. އިސްލާމީ ތާރީޚުގެ އެންމެ ރަންޒަމާންކަމުގައިވާ ނަބަވީދަޢުރުގައި މަޝްޙޫރުކަން ހޯއްދަވާފައިވާ ޞަޙާބީންބޭކަލުންނަކީ މިދެންނެވި ފަދަ ކަންތައްތަކުގެ ސަބަބުން މަޝްޙޫރުވެ މަޤްބޫލުވެފައިވާ ފަރާތްތަކޭ ދެންނެވުމުން އެއީ ދޮގަކަށް ނުވާނެއެވެ.

މިއަދު އަޅުގަނޑު ޤަލަމްނަގައިގެން މިއުޅެނީ އިސްލާމީތާރީޚުގައި “މާ މަޝްޙޫރުނޫން” ޝަޚްޞިއްޔަތަކާއި ގުޅޭގޮތުން ފަނޑުނަމަވެސް އައްޔެއް އަޅުވާލެވޭތޯއެވެ. ނަމަވެސް އެ ޝަޚްޞިއްޔަތަކީ އިސްލާމްދީނަށް އިސްވެވަޑައިގެންނެވި ބާއްޖަވެރި ޞަޙާބީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމްވެވަޑައިގެން މައްކާގެ ކާފިރުންގެ އުނދަގުލާއި ދުއްތުރާގެ ސަބަބުން މުސްކުޅިފުޅު ޢުމުރުގައި ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ ބުރަވެސް އުފުއްލަވާފައިވާ ބޭކަލެކެވެ. ނަަމަވެސް ވަރަށް މަދުންނޫނީ އަޅުގަނޑުމެންނަށް އެބޭކަލެއްގެ ވާހަކަ އަޑުނީވޭ ބޭކަލެކެވެ. “މާ މަޝްޙޫރުނޫން” ޝަޚްޞިއްޔަތެކޭ ދަންނަވާފައި އެވަނީ އެ ސަބަބަށް ޓަކައެވެ.

އާދެ އެ ބާއްޖަވެރި ޞަޙާބީބޭކަލަކީ السّكران بن عمرو رضى اللّـه عنــه އެވެ. أمّ المؤمنين السّيّدة سودة رضى اللّـه عنــها ގެ ކުރީގެ ފިރިކަލުންނެވެ.

ނަންފުޅާއި ނަސަބުފުޅު

السّكران بن عمرو رضى اللّـه عنــه  ގެ ފުރިހަމަ ނަންފުޅަކީ السَّكْران بن عَمْرو بن عَبْد شمس بن عبد وُدّ بن مالك بن نَصر بن حِسْل بن عامر بن لؤيّ القرشيّ العامريّ އެވެ. މިދެންނެވި ނަސަބުނާމާއިވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އެކަލޭފާނަކީ ޤުރައިޝުވަންހައިގެ ނަން މަޝްޙޫރު ޚާންދާނެއް ކަމުގައިވާ عامر بن لُؤىّ ވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ حُبّى بنت قيس بن ضُبيس އެވެ. އެކަމަނާއަކީ خُزاعة ވަންޙައިގެ ބޭކަނބަލެކެވެ.

ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ނަސަބުފުޅާ السّكران بن عمرو رضى اللّـه عنــه  ގެ ނަސަބުފުޅު ގުޅެނީ لُؤىّ بن غالب އާ ހަމައިންނެވެ.  السّكران رضى اللّـه عنــه  ގެ ތުއްޕުޅުއިރުގެ ޙާލުކޮޅާއި ކުރީގެ ދިރިއުޅުންވުމާ ގުޅޭ މަޢުލޫމާތެއް ތާރީޚުގެ ފޮތްތަކުން ލިބޭކަށްނުހުރެއެވެ.

ކާވެނިފުޅު

السّكران رضى اللّـه عنــه  ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވީ زمعة بن قيس ގެ ދަރިކަނބަލުން سودة رضى اللّـه عنــها އާއެވެ. سودة رضى اللّـه عنــها އަކީ އެކަލޭގެފާނުގެ ދެބެއިންގެ ދެދަރިބޭކަނބަލެކެވެ. އެހެނީ سودة رضى اللّـه عنــها ގެ ބައްޕަ ފަރާތުގެ ކާފާފުޅާއި السّكران رضى اللّـه عنــه ގެ މަންމަ ފާރާތުގެ ކާފާފުޅަކީ އެއްބޭކަލެވެ.  މިކާވެނިފުޅު ކުރެވުނީ ޖާހިލިއްޔަ ޒަމާނުގައެވެ. ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީންނެވެ. މިކާވެނިފުޅު އެދެކަނބަލުންނަށް عبد الرّحمن އޭކިޔުނު ދަރިކަލު ލިބިވަޑައިގެންނެވިއެވެ.

އިސްލާމްވެވަޑައިގެންނެވުން

ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމުގެ މަތިވެރި މަސްޢޫލިއްޔަތާއިގެ ވަޑައިގެން، އިސްލާމީ ރިސާލަތު މީސްތަކުންނަށް ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ނަމަވެސް އެކަލޭގެފާނު ބަޔާންކޮށްދެއްވަމުން ގެންދެވި ރިސާލަތަށް އިޖާބަދެއްވަމުން ގެންދެވީ ވަރަށް މަދު ޢަދަދެއްގެ މީސްތަކުންނެވެ. މައްކާގެ ގިނަ މީސްތަކުން ތިބީ ތަޢުޙީދުގެ ގޮވައިލެއްވުމަށް ބީރުކަންފަތެއް ދީގެންނެވެ.

އިސްލާމްދީނުގެ ދަޢުވަތު السّكران بن عمرو رضى اللّـه عنــه  ގެ ދެކަނބަލުނަށް ލިބިވަޑައިގެންނެވުމުން އެދެކަނބަލުން އެއްވެސް ފަސްޖެހުމެއްނެތި އިސްލާމްވެވަޑައިގެންނެވިއެވެ. އިސްލާމްވެވަޑައިގެންނެވުމުގައި ކުރިހޯއްދަވައި السّابقون الأوّلون ގެ މަތިވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އިސްލާމްވެވަޑައިގެންނެވުމުގައި ކުރިހޯއްދެވި ބޭކަލުންގެ މާތްކަމާ ގުޅޭގޮތުން މާތް ﷲ ތަޢުބާ ސޫރަތުގެ 100 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾

مهاجر ންނާއި، أنصار ންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ تبع ވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.

السّكران بن عمرو رضى اللّـه عنــه  ގެ ދެ އަޚުންކަމުގައިވާ حاطب بن عمرو رضى اللّـه عنــه  އާއި سليط بن عمرو رضى اللّـه عنــه އަކީ ވެސް އިލްމާދީނަށް އަވަސްވެވަޑައިގެންނެވި ދެބޭކަލުންނެވެ.  ނަމަވެސް އެކަލޭގެފާނުގެ އެހެން އަޚެއްކަމުގައިވާ سهيل بن عمرو ހުންނެވީ އޭނާގެ ކާބަފައިންގެ ދީންމަތީގައެވެ. އޭނާއަކީ މައްކާގައި ވަރަށް ނުފޫޒުގަދަ މީހެކެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރިން މުސްލިމުންނަށް ދުއްތުރާކޮށް ވަރަށް އަނިޔާކު މީހެކެވެ. އޭނާ އިސްލާމްވީ މައްކާ ފަތަޙަކުރެއްވި ދުވަހުއެވެ.

ޙަބަޝާއަށް ހިޖުރަކުރެއްވުން

السّكران بن عمرو رضى اللّـه عنــه  ދެކަނބަލުންނާއި ދަރިކަލުން عبد الرّحمن އިސްލާމްވެވަޑައިގެންނެވުމުން މައްކާގެ މުޝްރިކުން އެބައިމީހުންގެ އަމާޒުފަތް ގަނޑަކަށް އެތިން މައިންހެދިއެވެ. ދުއްތުރާކޮށް ތަފާތު އަނިޔާތަށްކޮށް އުޅެންފެށިއެވެ. މުޝްރިކުންގެ އަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން މުސްލިމުން ޙަބަޝާއަށް ހިޖުރަކުރެއްވުމަށް ރަސޫލާ صلّى اللّـه عليه وسلّم ލަފާފުޅުދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

” ޙަބަޝާގައި ހުންނަވާ ރަސްގެފާނަކީ ވަރަށް ޢަދުލުވެރި ރަސްކަލެކެވެ. އެމަނިކުފާނުގެ އަރިހުގައި އަނިޔާވެރިކަމެއް ނެތެވެ.”

ރަސޫލާ صلّى اللّـه عليه وسلّم ލަފާފުޅާއެކު ބިޢުޘަތުގެ ފަސްވަނައަހަރުގެ ރަޖަބުމަހު މުސްލިމުން ޙަބަޝާއަށް ފުރަތަމަ ހިޖުރަކުރިއެވެ. މި ހިޖުރައިގައި ބައިވެރިވެވަޑައިގެންނެވީ ބާރަ އަޞްޙާބުބޭކަލުންނާއި  ހަތަރު އަޞްޙާބު ބޭކަނބަލުންނެވެ. ނަމަވެސް މި ހިޖުރައަކު السّكران بن عمرو رضى اللّـه عنــه  ގެ ދެކަނބަލުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ބިޢުޘަތުގެ ހަވަނަ އަހަރު ޞަޙާބީން ޙަބަޝާއަށް ދެވަނަ ހިޖުރަކުރެއްވިއެވެ. އެފަހަރު މުހާޖިރުންގެ ޖަމާޢަތުގައި އައްޑިހަތިން ޞަޙާބީންނާއި އަށާރަ ނުވަތަ ނަވާރަ ޞަޙާބިއްޔާއިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަމާޢަތުގައި السّكران بن عمرو رضى اللّـه عنــه  އާއި އެކަލޭގެފާނުގެ އަނބިކަނބަލުން سودة رضى اللّـه عنــها އާއި ދަރިކަލުން عبد الرّحمن ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން السّكران بن عمرو رضى اللّـه عنــه  ގެ ދެއަޚުންކަމުގައިވާ حاطب بن عمرو رضى اللّـه عنــه  އާއި سليط بن عمرو رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ.

السّكران بن عمرو رضى اللّـه عنــه  ގެ ކުޑަ އާއިލާއާއި މުސްލިމުން ޙަބަޝާގައި ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އުޅޭކަން އެނގުމުން މައްކާގެ މުޝްރިކުން އެކަމާވެސް ވަރަށް ބޮޑަށް މޭކަރާގޮތްވިއެވެ. އެބައިމީހުންނަށް އެމަންޒަރު ދެކޭން ވަރަށް އުނދަގޫވިއެވެ. އެހެންކަމުން މުޝްރިކުން ވަރަށްގިނަ ހަދިޔާ ބަދިޔާއާއިގެން ނަޖާޝީގެ އަރިހަށް ވަފުދެއްފޮނުވިއެވެ.

މި ވަފުދުގެ ބޮޑުންގެ ތެރޭގައި ހިމެނެނީ عمرو بن العاص އާއި عبد اللّـه بن أبى ربيعة އެވެ. މިބައިމީހުންގެ މަޤްޞަދަކީ ނަޖާޝީ އަރިހުދަންނަވައިގެން އިސްލާމްވެގެން ޙަބަޝާއަށް ގޮސްތިބި މުސްލިމުން އަނބުރާ މަދީނާއަށް ގެންދިޔުމެވެ. އެގޮތުން މުޝްރިކުން ނަޖާޝީގެ އަރިހުގައި ތަފާތު އެތަށް ބަހަނާއެއްދައްކައި ސަހަރޯވެރިވެގެންވެސް  އެބައިމީހުންގެ ބޭނުން ނުފުދި ޖެހުނީ އެނބުރި މައްކާއަށް އަންނާށެވެ.

މައްކާގެ މުޝްރިކުން މައްކާއަށް ދިޔުމުން ނުހަނު އުފާވެރިކަމާއި މިނިވަންކަމާއެކު މުސްލިމުން ޙަބަޝާގައި ދުވަސްތަށް ވޭތު ކުރަމުން ގެންދިޔައެވެ.

އަވަހާރަވުން

ނަމަވެސް السّكران بن عمرو رضى اللّـه عنــه ގެ ޙަޔާތްޕުޅުގެ މި ބަހާރުމޫސުން މާދިގެއްނުވިއެވެ. އެކަލޭގެފާނު އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވައިފިއެވެ. السّكران بن عمرو رضى اللّـه عنــه އަވަހާރަވީ ޙަބަޝާގައި ހިޖުރައަށް ވަޑައިގެން ހުންނަވަނިކޮށް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެކަލޭގެފާނު އަވަހާރަވީ ޙަބަޝާއަށް ހިޖުރައަށް ވަޑައިގެން ހުންނަވައި އެނބުރި މައްކާއަށް ވަޑައިގެންނެވި ފަހުންކަމުގައެވެ. އޭރު އެކަލޭގެފާނު ހުންނެވީ މުސްކުޅިފުޅުވެފައެވެ. السّكران بن عمرو رضى اللّـه عنــه  ވެވަޑައިގެންނެވީ އިސްލާމްވެވަޑައިގަތުމައި ކުރި ހޯއްދެވި ފަދައިން މާތް ﷲ ގެ ޙަޟްރަތަށް ވަޑައިގެންނެވުމުގައި ކުރި ހޯއްދެވި ޞަޙާބީއަކަށެވެ.

އަނބިކަނބަލުންނާއި ދަރިކަލުން

السّكران بن عمرو رضى اللّـه عنــه  އަވަހާރަވީ އުންމުލް މުއުމިނީން ޚަދީޖަތުގެފާނު އަވަހާރަވުމާ ދާދި ކައިރީގައެވެ. އެކަމަނާ އަވަހާރަވުމުގެ ކުރިން ނުވަތަ ފަހުންނެވެ. އެކަމަނާ އަވަހާރަވުމުން ކައުއިތުރު ރަސޫލާ ދެން ކާވެނި ބައްލަވައިގެންނެވީ السّكران بن عمرو رضى اللّـه عنــه  ގެ ހުވަފަތް އަނބިކަނބަލުން سودة رضى اللّـه عنــها އާއެވެ. އެކަމަނާއާއި ކައުއިތުރު ރަސޫލާ ކާވެނި ބައްލަވައިގެންނެވީ އެކަމަނާއަކީ ބޭފުޅަކު ބައްލަވަމުން ގެންދަވާ ޢުމުރުފުޅުން ދުވަސްފުޅުވެފައިވާ ބޭކަނބަލަކަށްވުމުން އެކަމަނާއަށް އެހީތެރިވެދެއްވުމުގެ ގޮތުންނެވެ. ހަމައެހެންމެ އެކަމަނާއަކީ އިސްލާމްދީނަށްޓައި ނުހަނު ބުރައާއި ތަކުލީފު އުފުއްލެވި ބޭކަނބަލަކަށްވާތީއެވެ.

أمّ المؤمنين السّيّدة سودة رضى اللّـه عنــها އަވަހާރަވީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ހިޖުރައިން 23 ވަނަ އަހަރުގެ ތެރޭގައެވެ. ކައުއިތުރު ރަސޫލާގެ ފަރާތްޕުޅުން އެކަމަނާއަކަށް ބޭފުޅަކު ލިބިވަޑައިގެންފައެއްނުވެއެވެ.

السّكران بن عمرو رضى اللّـه عنــه  ގެ ދަރިކަލުން عبد الرّحمن އަކީ މުސްލިމު މުޖާހިދުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު ޝަޙީދުވީ ޢުމަރުގެފާނުގެ ޚަލީފާކަމުގައި، ފާރިސްކަރައިގެ ޖަލައުލާއުގައި ކުރެވުނު ހަނގުރާމައިގައެވެ. އެ ހަނގުރާމަ ހިނގީ ހިޖުރައިން 16 ވަނަ އަހަރުގައި ކަމުގައި ތަބަރީ ވިދާޅުވެފައިވެއެވެ.

މާތް ﷲ السّكران بن عمرو رضى اللّـه عنــه އަށް ރުއްސުން ލައްވާށިއެވެ!

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ޓެގު

Next

ލޯބިވެރިޔާ ބުންޏަސް ފޭސްބުކު ލޮގިން މަޢުލޫމާތު ނުދޭތި!

Next
August 10, 2018

ލޯބިވެރިޔާ ބުންޏަސް ފޭސްބުކު ލޮގިން މަޢުލޫމާތު ނުދޭތި!

Previews
August 10, 2018

ޓެގު

3 Comments!

  1. Aif says:
    August 10, 2018 at 11:08 pm

    Aameen

  2. History lover says:
    August 11, 2018 at 4:02 am

    Mi silsilaa ge vaahaka thah varah ves shaugu veri. Enme massala eh iny.. arabi nanfulhu thakuga fili nujahaa hunnaathy kiyaalan than kolheh undhagoo.. baeh faharah nubai kohves nan kiyey.. ethankolhu rangalhu kolladhee fiyyaa v rangalhu.. mi vaahaka thah varah kiyaa hiyyvey.. kuriah gendhavaane kamah unmeedhu kuran

  3. Snowy says:
    August 12, 2018 at 3:32 pm

    Jazakallah khairan. V interesting.

Comments are closed.


All Right Reserved!