Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

Ali Ihsaan Level 210 Stories100 Login
August 7, 2018 5 Mins Read
3 Comments

 

ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިއިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ  ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ ޢަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން އޭގެ އިންތިހާއަށް ދިޔުމުން ކައުއިތުރު ރަސޫލާ އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ދެން އެބައިމީހުން ގޮސް ވަޒަންވެރިވީ ޚައިބަރޭ ކިޔުނުތަނުގައެވެ.

أمّ المؤمنين صفيّة رضى اللّـه عنــها  އަކީ މިދެންނެވި  ބަނުއްނަޟީރުވަންހައިގެ ރަޢީސް حُيَيُّ بن أخطب އާއި سموئيل ގެ ضرّة  އާ ކާވެނި ބައްލަވައިގެން ފުރަސޫތާވެނުފަން ދަރިކަނބަލުންނެވެ. أمّ المؤمنين صفيّة رضى اللّـه عنــها ފުރަތަމަ ކާވެނިބައްލަވައިގެންނެވީ ސަލާމް ބިން މިޝްކަމު ނުވަތަ ސައްލާމު ބިން މިޝްކަމު އޭކިޔުނު ޔަހޫދީންގެ ބޮޑަކާއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ އެގާރަ އަހަރުފުޅެވެ. އޭނާ ދުވަސްކޮޅަކު صفيّة ގެފާނާއެކު އުޅެފައި އެކަމަނާ ވަރިކުރިއެވެ. ދެން އެކަމަނާއާއި ކާވެނިކުރީ  ކިނާނަތު ބިން އަބިލް ޙަޤީޤު އޭކިނު މީހެކެވެ. އޭނާއަކީ ޚައިބަރު ހަނގުރާމަ ހިނގިދުވަހު މުސްލިމުންނާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަކުރި އެކެކެވެ.

ހިޖުރައިން ހަތްވަނަ އަހަރުގެ ތެރޭގައި صفيّة ގެފާނުގެ ބައްޕާ حُيَيُّ بن أخطب ޚައިބަރުގެ ޔަހޫދީންނާއި އެހެނިހެން ޤަބީލާތަކާއި، ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހަނގުރާމައަށް ތައްޔާރުވަމުންގެންދާ ޚަބަރު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އަށް ލިބިވަޑައިގެންނެވިއެވެ. މި ޚަބަރުލިބިވަޑައިގެން މުސްލިމުން ޔަހޫދީން ތިބި ޚައިބަރުގެ ކިއްލާއަށްގޮސް އެބައިމީހުންނާ ހަނގުރާމަކޮށް އެބައިމީހުން ބަލިކުރިއެވެ.  މިހަނގުރާމައިގައި ޔަހޫދީންގެ ބޮޑުންގެ ތެރެއިން ގިނަބަޔަކު ޤަތުލުވެގެންދިޔައެވެ. މި މީހުންގެ ތެރޭގައި صفيّة ގެފާނުގެ ބައްޕާ حُيَيُّ بن أخطب އާއި ފިރިކަލުން كنانة بن أبي الحقيق ހިމެނެއެވެ.

صفيّة رضى اللّـه عنــها  ވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގައި ހައްޔަރުކުރެވިގެން ގެނެވުނު އަސީރުންގެ ތެރެއިންނެވެ. ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވިއިރު صفيّة ގެފާނު ލިބިވަޑައިގެންނެވީ دحية الكلبى رضى اللّـه عنه އަށެވެ. صفيّة ގެފާނަކީ ޔަހޫދީންގެ ޤަބީލާއެއްގެ އަމީރާއެކެވެ. އިންސާނީ ލޯތަށް މަދުން ނޫނީ ނުދެކޭފަދަ ރީތިފުޅު ބޭކަނބަލެކެވެ. ހަސަބާއި ނަސަބުގެގޮތުން އަރާއިންނެވި ބޭކަނބަލެކެވެ. ނަމަވެސް އެކަމަނާ އޭރު އިންނެވީ މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެ އެންމެ ނިކަމެތިންގެ ސަފުގައެވެ. ދެންފަހެ، މިވާހަކަ ކައުއިތުރު ރަސޫލާގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން އެކަލޭގެފާނުގެ އާދަފުޅުގެ މަތިން އެކަމަނާއަށް ޙައްޤު ޤަދަރުދެއްވަން ޤަޞްދުކުރެއްވިއެވެ. ޖުވައިރިއްޔަތުގެފާނާމެދު ކަންތަށް ކުރެއްވި ބީދައިންނެވެ.

ދެން دحية الكلبى رضى اللّـه عنه އަށް، ބަދަލެއްގެގޮތުން ހަތްއަޅުން ދެއްވުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން صفيّة ގެފާނު ބައްލަވައިގެން ކައުއިތުރު ރަސޫލާގެ އަރިހަށް އެކަމަނާ ހާޒިރުކުރެއްވިއެވެ. އެކަމަނާ ހާޒިރުކުރެއްވުމަށްފަހު އެކަމަނާއަށް ދެ ގޮތެއް ހުށައެޅުއްވިއެވެ. އެއީ ރަސޫލާ އެކަމަނާ މިނިވަންކުރެއްވުމުން އެނބުރި އަމިއްލަފުޅު ވަޒަނަށް ވަޑައިގެންނެވުމެވެ. އެހެންނާ އެކަމަނާ މިނިވަން ކުރައްވާ ކައުއިތުރު ރަސޫލާ އެކަމަނާއާއި ކާވެނި ބައްލަވައިގެންނެވުމެވެ. މިދެގޮތް ހުށައެޅުއްވުމުން صفيّة ގެފާނު ވިދާޅުވިއެވެ.

” މިހާރު ޔަހޫދީންގެ ތެރެއަކު އަޅުގަނޑުގެ ފިރިއަކުވެސް ބައްޕައަކުވެސް އަޚަކުވެސް ނެތެވެ. ކާފިރުކަމާއި އިސްލާމްކަމާއި ދެކަމުގެ ތެރެއިން ތިމަންކަމަނާ ޚިޔާރުކުރާނީ އިސްލާމްކަމެވެ. އަޅުގަނޑު މިނިވަންކަމާއިއެކު ޤައުމަށް އެނބުރި ދިޔުމަށްވުރެ ބޮޑަށް ލޯބިކުރަނީ މާތް اللّـه އާއި އެކަލާނގެ ރަސޫލާގެ އަރިހުގައި އިނުމަށެވެ.”

ދެން ކައުއިތުރު ރަސޫލާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތާ އެއްގޮތްވާގޮތުގެ މަތީން ކާވެނީގެ ވަލީމާ ތައްޔާރުކުރައްވައި ވަލީމާދެއްވިއެވެ. ރަސޫލާ އެކަމަނ ާއާއި ކާވެނިބައްލަވައިގެންނެވިފަހުން އެކަމަނާގެ ލޯފުޅުގެ މަތީގައި ނޫފަގެންފައިވާތަނެއް ދެކެވަޑައިގެންނެވިއެވެ. އެތަން ދެކެވަޑައިގެން އެއީ ކިހިނެއް އުފެދުނު ނިޝާނެއްތޯ ސުވާލުކުރެވުމުން އެކަމަނާ ޖަވާބުދެއްވިއެވެ ” އެއްރެއަކު ތިމަންކަމަނާއަށް ޔަޘްރިބާދިމާއިން ހަނދެއް އަރައިގެން އައިސް ތިމަންކަމަނާގެ އުނގުފުޅަށް ވެއްޓުނީތީ ދެކެވަޑައިގެންނެވީމެވެ. އެހުވަފެންފުޅުގެ ވާހަކަ އޭރުގެ ފިރަކަލުން ކިނާނަތުގެ ގާތު ބުނުމުން އޭނާ ރުޅިއައިސްގެން ތިމަންކަމަނާގެ މޫނުމަތީގައި ޖައްސަވައި ބުންޏެވެ. ޔަޘްރިބުގެ ރަސްގެފާނާ ކާވެނިވުމަށް ހިތްއެދެނީ ހެއްޔެވެ؟  ތިޔަދެކެވަޑައިގެންނެވީ އެކަމުގެ ސަބަބުން އުފެދިގެން ދިޔަ ނިޝާނެކެވެ.

ދެން ފަހެ صفيّة ގެފާނު ކައުއިތުރު ރަސޫލާއާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އެނގިވަޑައިގަންނަވާނެފަދައިން صفيّة ގެފާނުގެ ކުރީގެ ފިރިކަލުންނާއި ބަފައިކަލުންނަކީ މުސްލިމުންނަށް ދުއްތުރާކޮށް މުސްލިމުންނާއި ދެކޮޅަށް ހަނގުރާމައަށް މީސްތަކުން އެއްކޮށް އުޅުނުދެމީހުންނެވެ. ޚައިބަރުގެ ދުވަހު އިސްލާމްދީން ނައްތާލަން މޭ އައްޑަނައަކަށް ހަދައިންގެން ހަނގުރާމަ ކުރި ދެމީހުންނެވެ. ނަމަވެސް މުސްލިމުންގެ އަތްދަށުގައި صفيّة ގެފާނުގެ ހައްޔަރުވުމުން އެކަމަނާއަށް ރަސޫލާ ނުހަނު ކަމޭހިއްތެވިއެވެ. މިނިވަން ކުރައްވައި ކާވެނި ބައްލަވައިގެންނެވިއެވެ. އެހެންކަމުން صفيّة ގެފާނުގެ ހިތްޕުޅުވަނީ އިސްލާމްދީނާއި އެދީނުގެ ނަބިއްޔާގެ ލޯބިފުޅުން ފުރިފައެވެ. އެކަމަނާ ވިދާޅުވެއެވެ.

“އަހަރެންނަށް ރަސޫލާ صلّى اللّـه عليه وسلّم އަށް ވުރެ ޚުލުޤުހެޔޮ މީހަކާ ދިމާވެފައެއްނުވެއެވެ”

މަދީނާއަށް ވަޑައިގެން ކައުއިތުރު ރަސޫލާ أمّ المؤمنين صفيّة رضى اللّـه عنــها  ބޭންދެވީ حارثة بن النّعمان رضى اللّـه عنــه ގެ ގެކޮޅުގައެވެ. ރަސޫލާ أمّ المؤمنين صفيّة رضى اللّـه عنــها  އާއި ކާވެނިބެއްލެވި ޚަބަރު ލިބިވަޑައިގެން ރަސޫލާގެ އެހެން އަނބިއަނބިކަނބަލުން حارثة بن النّعمان رضى اللّـه عنــه ގެ ގެކޮޅަށް އެކަމަނާ ދެކޭންދިޔައެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި ޒައިނަބު ބިންތި ޖަޙުޝް ހިމެނިވަޑައިގަންނަވައެވެ. އެބޭކަނބަލުން ވަޑައިގެންނެވީ މޫނުބުރުގާ ތުރުކުރައްވައިގެން ރަސޫލާއަށް އެއީ އެބޭކަނބަލުންކަން ދެނެނުގަނެވޭފަދަ ގޮތްތަކަށް ފޭރަން ތުރުކުރައްވައިގެންނެވެ.

ނަމަވެސް ރަސޫލާ صلّى اللّـه عليه وسلّم އަށް އެބޭކަނބަލުން އެނގިވަޑައިގެންނެވިއެވެ. އެބޭކަނބަލުން ވަޑައިގެންނެވުމުން أمّ المؤمنين السّيّدة عائشة رضى اللّـه عنها ގެ ގެކޮޅަށްވަޑައިގެން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. صفيّة ގެފާނާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަހެން ވިދާޅުނުވާށެވެ! صفيّة އަކީ ތެދުހިތްޕުޅަކުން އިސްލާމްވެވަޑައިގެން އިންނެވި މުސްލިމު ބޭކަނބަލެވެ. މިހާރު އެކަމަނާއަކީ ޔަހޫދީއެއް ނޫނެވެ.”

أمّ المؤمنين صفيّة رضى اللّـه عنــها ނުހަނު ހިތްޕުޅުމަޑު ދީލަތު ބޭކަނބަލެކެވެ. އެކަމަނާ މަދީނާއަށް ވަޑައިގެން ޚައިބަރުން އެކަމަނާ ގެންނެވި ބައެއްގަހަނާ ފާޠިމަތުގެފާނާއި ރަސޫލާގެ އަނބިއަނބިކަނބަލުންނަށް ދެއްވިއެވެ. މަޤްޞަދަކީ ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންނާ ގާތް ގުޅުމެއް ބޭވެވުމެވެ. ނަމަވެސް އެކަމަނާ ރަސޫލާގެ އަނބިކަނބަލަކަށްވެ ވަޑައިގެންނެވުމުގެ އެންމެ ކުރީކޮޅުގައި ރަސޫލާގެ އެހެން އަނބައަނބިކަނބަލުންގެ ފަރާތްޕުޅުން އެކަމަނާ ހިތްޕުޅު ދަތިވާފަދަ ކަންތައްތައްދިމާ ވެފައި އެބަހުއްޓެވެ. އެހެނީ صفيّة ގެފާނާ ރަސޫލާ ކާވެނި ބައްލަވައިގެންނެވުމުގެ ކުރީން އެކަމަނާގެ ޤަބީލާގެ މީސްތަކުންނާއި އެހެން ޔަހޫދީ ޤަބީލާތަކުން ގެންދިޔައީ ރަސޫލާއަށް އެކިކަހަލަ ދުއްތުރާކޮށް އަނިޔާދެމުންނެވެ. އަދި ކީއްތޯ! ރަސޫލާގެ އަނބިއަނބިކަނބަލުންނާ ގުޅުވައިގެން ހިތަށް ގެންނަންވެސް ނުވާފަދަ  ވާހަކަތަށް ވެސް ދައްކަމުން ގެންދިޔައެވެ. އޭގެ އެއް މިސާލަކީ އިފްކުގެ ޙާދިސާއެވެ. އެހެންކަމުން އެބޭކަނބަލުންގެ ހިތްޕުޅުގައި صفيّة ގެފާނާމެދު ޣީރަތްތެރިކަން އުފެދުނީއެވެ.

ކޮންމެއަކަސް މިދެންނެވި ކަންތައްތައް ހިނގާފައި ހުރުމާއެކު އެބޭކަނބަލުން صفيّة ގެފާނާ ދޭތެރޭ ދެކެވަޑައިގަންވަމުން ގެންދެވިގޮތް ބަދަލުވާން ދުވަސްކޮޅެއްނެގިއެވެ. އެއްދުވަހަކު ހިނގި ޙާދިސާއެކެވެ.  ޙަފްޞާގެފާނު، صفيّة ގެފާނަކީ ޔަހޫދީއެކޭ ވިދާޅުވެ ވާހަކަފުޅެއް ދެއްކެވި ޚަބަރު އެކަމަނާ އެއްސެވިއެވެ. އެއަޑު އިވިވަޑައިގެންނެވުން އެކަމަނާ ވަރަށް ދެރަފުޅުވެ ކީރިތި ކުރައްވަން ފެއްޓެވިއްޖެއެވެ.

މި ޙާލުކޮޅެއްގައި އިންނަވަނިކޮށް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގެން ވީކީއްތޯ އެއްސެވުމުން ޙަފްޞާގެފާނު ވިދާޅުވި ވާހަކަ ދެންނެވިއެވެ. މި އަޑު އައްސަވައި ޙަދީޘް ކުރެއްވިއެވެ. ދެން އެފަދަ ވާހަކައެއް ދެކެވޭ ފަހަރަކުން ވިދާޅުވާށެވެ. “ތިމަންގެ ބައްޕައަކީ هارونގެފާނެވެ. ތިމަންގެ ބޮޑުބޭބެއަކީ موسىގެފާނެ ވެ. ތިމަންގެ ފިރިކަލަކީ محمّد ގެފާނެވެ. އެހެންވީއިރު ތިޔަބޭކަނބަލުން ތިމަންކަމަނާއަށްވުރެ މޮޅުވާނީ ކޮންގޮތަކުންތޯއެވެ؟” އަދި ޙަފްޞަތުގެފާނުގެ އަރިހަށް ވަޑައިގެން މާތް ﷲ އަށް ތަޤްވާވެރިވެ އެފަދަކަމެއް ނުކުމަށް ނަޞޭހަތްޕުޅު ދެއްވިއެވެ.

(ނޯޓް:ޞަފިއްޔަތުގެފާނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. މޫސާގެފާނަކީ ހާރޫނުގެފާނުގެ ކޮއްކޯފުޅެވެ.)

މިހެން ރަސޫލާ ޙަދީޘް ކުރެއްވުމުން އެކަމަނާގެ ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގެންނެވިއެވެ. ކޮންމެ ޙާލަތެއްގައިވެސް އެކަމަނާގެ ފިރިކަލުން محمّد  صلّى اللّـه عليه وسلّم އެކަމަނާ ދިފާޢުކުރައްވާނެކަން އެނގިވަޑައިގެންނެވިއެވެ.

صفيّة ގެފާނަކީ ތަންކޮޅެއް އިސްކޮޅުފުޅުން ކުރު ބޭކަނބަލެކެވެ. އެއްފަހަރު  أمّ المؤمنين السّيّدة عائشة رضى اللّـه عنها ދެއްކެވި ވާހަކަފުޅެއްގައި ހިތްޕުޅާނުވި ވަޤުތަކު  ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅު ކުރުކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވުނެވެ.އޭރު ކައުއިތުރު ރަސޫލާވެސް އެތަނުގައި ހުންނެވިއެވެ. މިހެން ހަމަ އެކަމަނާ ވިދާޅުވުމުން ރަސޫލާގެ މޫނުފުޅުގެ ކުލަކޮޅު މުޅިންބަދަލުވެ ކޯފާއިސްވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ކަމަނާ ތިޔަ ވިދާޅުވި ބަސްފުޅުތަށް މިއޮތް ބޮޑުކަނޑަށް އެއްލާލިކަމުގައި ވިޔަސް އެކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެގެން ދިޔައީހެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنها އަކީ ރަސޫލާ އެންމެ ލޯބިފުޅުވާ އަނބިކަނބަލުންނެވެ. ނަމަވެސް ޞަފިއްތުގެފާނު ނެތްތަނެއްގައި އެކަމަނާގެ ވާހަކަފުޅު ދެއްކެވުމުން އެބުނެވުނީ ޣީބައެކެވެ. އެކަމަނާގެ ކުރުފުޅު ކަމަށް އިޝާރާތް ކުރެއްވުން އެކުރެއްވުނީ މަލާމާތެވެ. އެހެންކަމުން އެކަން ވަރުގަދައަށް މަނާކުރެއްވީއެވެ.ފަހުން ޢާއިޝަތުގެފާނު އެފަދައެއްވެސް ކަމެއްނުކުރައްވައެވެ.

ކުރިންވެސް ދެންނެވުނު ފަދައިން ޞަފިއްޔާގެފާނަކީ ވަރަށް ހިތްޕުޅު މަޑު ބޭކަނބަލެކެވެ. އެހެން މީހުންގެ އިޙްސާސްތަށް ދަންނަ ބޭކަނބަލެކެވެ. ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭފާނުގެ ޙާލުކޮޅު ވަރަށް ބޮޑުވި ދުވަހަކު އެކަމަނާ ވަޑައިގެން ވިދާޅުވިއެވެ. “ކަލޭގެފާނަށް ތިޔަ ލިބިވަޑައިގަންނަވާ ވޭންތަށް އެކަލޭގެފާނުގެ ބަދަލުގައި އަޅުގަނޑަށް ލިބޭނަމަ އަޅުގަނޑު އެކަމާ އުފާ ކުރެއްވީމުހެވެ.” އޭރު އެތަނުގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެހައި އަނބިއަނބިކަނބަލުން ތިއްބެވިއެވެ. މިބޭކަނބަލުންނަށް އެ އެއަޑުއިވިވަޑައިގެންނެވުމުން އެބޭކަނބަލުންގެ ލޯފުޅުތަކުން ނުހުރުނެތެރިކަން ފާޅުކޮށް އެއްބޭކަނބަލަކު އަނެއްބޭކަނބަލަކަށް ލޯފުޅުން އިޝާރާތް ކުރައްވަންފެއްޓެވިއެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

“އަހަރެންގެ ބަލި ބޮޑުވެއްޖެއެވެ. އެބޭކަނބަލުން ދެންނެވިއެވެ. އެއީ އަނެއްކާ ކޮންކަމަކުންތޯއެވެ.؟ ޙަދީޘް ކުރެއްވިއެވެ. ޞަފިއްޔަތު ވިދާޅުވި އެއްޗަކަށް ތިޔަބޭކަނބަލުން ނުރުހުތެރިންކަން ފާޅުކުރައްވައި ލޯފުޅުތަކުން ޢިޝާރާތްކުރެއްވުމުންނެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ޞަފިއްޔަތުގެފާނަކީ ތެދުވެރި މުޢުމިނެކެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި އެއްފަހަރަކު ޞަފިއްޔަތުގެފާނު ގެންގުޅުއްވި ޖާރިޔާއަކު އައިސް ޢުމަރުގެފާނަށް ދެންނެވިއެވެ. “ޞަފިއްޔާގެ ކިބައިގައި އަދިވެސް ޔަހޫދީންވަންތަކަން އެބަހުރެއެވެ. އެހެނީ އެކަމަނާ ހޮނިހިރުދުވަހަށް ލޯބިކުރައްވައެވެ. ޔަހޫދީންނާ ގާތް ގުޅުމެއް ބަހައްޓަވައެވެ.” މިކަން ތަޙްޤީޤު ކުރައްވަން ޢުމަރުގެފާނު މީހަކުފޮނުއްވައިގެން އެކަމަނާއާ ސުވާލުކުރެއްވުމުން ވިދާޅުވިއެވެ.

“ހޮނިހިރު ދުވަހުގެ ބަދަލުގައި މާތް ﷲ އަޅުގަނޑަށް ދެއްވާފައިވަނީ ހުކުރުދުވަހެވެ. ޔަހޫދީންގެ ތެރޭގައި އަޅުގަނޑުގެ ތިމާގެމީހުން އެބަތިއްބެވެ. އެމީހުންނަށް ގުޅުންބާއްވާ ހެޔޮފޯރިކޮށްދީއުޅެމުއެވެ.” އެހެންވިދާޅުވެފައި އެ ޖާރިޔާއަށް މުޚާތަބުކޮށް ވިދާޅުވިއެވެ. “ކަމަނާ ތިޔަ ޝަކުވާ ޢުމަރުގެފާނުގެ އަރުހުގައި ކުރަންމެދުވެރިވީ ކޮންކަމެއްހެއްޔެވެ؟” އެ ޖާރިޔާ ދެންނެވިއެވެ. “ޝައިޠާނާއެވެ.” ޞަފިއްޔަތުގެފާނު ވިދާޅުވިއެވެ. “އަހަރެން ތިބާ މިނިކޮށްފީމުއެވެ. ބޭނުންތަނަށްދާށެވެ.” ޢުމަރުގެފާނަށް ޞަފިއްޔަތުގެފާނުގެ ޖަވާބު އެނގިވަޑައިގެންނެވުން އެއްޗެއް ވިދާޅުނުވެ ހުންނެވިއެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ޙައްޖަށް ދިޔުމުގެ ހުއްދަ ދެއްވިއެވެ. އެއީ އެބޭކައުކަނބަލުން ޙައްޖުގެ އަޅުކަން ކުރެއްވުމަށް ޝަޢުގުވެރިވާ ވާހަކަ ތަކުރާރުކޮށް ޢުމަރުގެފާނަށް ދަންނަވަމުން ގެންދަވާތީއެވެ. އެބޭކަނބަލުން ޙައްޖަށްފޮނުއްވަމުން ގެންދެވީ عبدالرّحمن بن عوف رضى اللّـه عنــه އާއި ޢުޘްމާނުގެފާނުގެ ޙަވާލުގައެވެ. އެދެބޭކަލުން އުއްމުޙާތުލް މުޢުމިނީން ތިއްބަވާ ޖަމަލުކޮޅުތަކުގެ ފަހަތުންނާއި ކުރިމަތިން ދަތުރު ކުރައްވާ އެބޭކަނބަލުން ރައްކާތެރިކުރައްވާ އެބޭކަނބަލުން ބޭނުންފުޅުވާ ކަންތަށްތަށް ފަހިކޮށްދެއްވަމުން ގެންދެވިއެވެ.

އުންމުލް މުއުމިނީން ޞަފިއްޔާގެފާނުގެވެސް އެބޭކަނބަލުންނާއެކު ޙައްޖަވަޑައިގެން އުޅުއްވިއެވެ. ކައުއިތުރު ރަސޫލާއަށްފަހު ޙައްޖަށް ވަޑައިނުގެން ތިއްބެވީ ސައުދަތުގެފާނާއި ޒައިނަބު ބިންތި ޖަޙުޝްއެވެ. އެދެބޭކަނަބަލުން ވިދާޅުވީ ދެން ތިމަންބޭކަނބަލުން މަރުދުވަހަށް ދާންދެން ގޭގައި ޤަރާރުވެގެން ތިއްބަވާނީކަމުގައެވެ. އެދެކަނބަލުން އެހެންކަންތަށް ކުރެއްވީ ރަސޫލާ ޙައްޖަތުލް ވަދާޢުގައި ވިދާޅުވި ބަސްފުޅެއްގެ މައްޗަށް ބުރެވެވަޑައިގެންނެވެ.

ދީންވެރި، ތަޤްވާވެރި، ވަރަޢަވެރި، ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު أمّ المؤمنين صفيّة رضى اللّـه عنــها  އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅެވެ.

މާތް ﷲ އުންމުލް މުއުމިނީން ޞަފިއްޔާއަށް ރުއްސުންލައްވާށިއެވެ!

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 30

Next

ކުށަކާނުލައި- 3ވަނަބައި

Next
August 7, 2018

ކުށަކާނުލައި- 3ވަނަބައި

Previews
August 7, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 30

3 Comments!

  1. mo says:
    August 7, 2018 at 10:50 am

    Mikahala mauloomaathu adi iburanteri vaahaka liyun vee thiy shukurinyaa . Good job

  2. Afaf. says:
    August 7, 2018 at 12:43 pm

    Aameen. I like this. Hope to see more of life this. May Allah bless u.

  3. Anonymous says:
    August 7, 2018 at 3:36 pm

    Aameen

Comments are closed.



All Right Reserved!