ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އާއި މުސްލިމުންނަށް ދެކޮޅުވެރިވެ، ހަނގުރާމަކުރި އެއްބަޔަކީ މުޞްޠަލިޤުވަންހައިގެ މީސްތަކުންނެވެ. أمّ المؤمنين جويرية بنت الحارث رضى اللّـه عنــها ގެ ބަފައިކަލުން الحارث بن أبى ضرار އަކީ އެވަންހައިގެ ރައީސްއެވެ. ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައި ކުރެވުނު މުރައިސީޢު ހަނގުރާމަ ނުވަތަ މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގެ ވާހަކަތަކީ ސީރަތު ފޮތްތަކުގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިފައިވާ ވާހަކަތަކެވެ.
ދެންފަހެ މިހަނގުރާމައިގެ ތެރޭގައި މުޞްޠަލިޤުވަންހައިގެ ދިހަ މީހުން ޤަތުލުވެ، 700 މީހުން އަސީރުންގެ ގޮތުގައި ހައްޔަރުވެއްޖެއެވެ. އެޤަތުލުވި މީސްތަކުންގެ ތެރޭގައި جويرية ގެފާނުގެ ފިރިކަލުން މުސާފިޢު ބިން ޞަފްވާން ހިމެނުނެވެ. އެބައިމީހުން ހައްޔަރުވާއިރަށް الحارث بن أبى ضرار ހަނގުރާމައިގެ މައިދާނުން ފިލައިގެން ހިނގައްޖެއެވެ. މި ހަނގުރާމައިން މުސްލިމު މުޖާހިދުންނަށް ދެހާސްޖަމަލާއި ފަސްހާސް ބަކަރި ޣަނީމާގެ ގޮތުގައި ލިބުނެވެ.
جويرية ގެފާނަކީ މިދެންނެވި މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގައި ހައްޔަރު ކުރެވުނު އަސީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލުންގެ ތެރޭގައި އިންނެވި ބުރުސޫރަފުޅު ރީތި ނުހަނު ޝާހީ ބޭފުޅެކެވެ. ނަސަބުން އަރާއިންނެވި ސާހިބެކެވެ. ހަނގުރާމައިގެ ޣަނީމާމުދާ ބެއްސެވުމުން جويرية ގެފާނު ލިބިވަޑައިގަތީ އަންޞާރިއްޔަ ބޭކަލެއްކަމުގައިވާ ثابت بن قيس رضى اللّـه عنه އަށެވެ.
جويرية ގެފާނަކީ މުޞްޠަލިޤުވަންހައިގެ ރައީސްގެ ދަރިކަނބަލުންނަށް އިންނަވަފައި އަޅުވެތިކަމަށް ވަޑައިގެންނަވަންޖެހުނު ބޭކަނބަލަކަށްވުމުން އެކަމުން އެކަމަނާއަށް ވަރަށް ބޮޑު އުނދަގޫފުޅެއް ލިބިވަޑައިގެންނެވިއެވެ. އަޅުވެތިކަމުގައި އިންނަވާކަށް އެކަމަނާގެ ހިތްޕުޅެއް ނުރުހުނެވެ. އެހެންކަމުން އެކަމުގެ ފަރިޔާދުކުރައްވަން ކައުއިތުރު ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާ ވަޑައިގެންނެވި އިރު ރަސޫލާ صلّى اللّـه عليه وسلّم އިންނެވީ أمّ المؤمنين عائشة الصّدّيقة رضى اللّـه عنــها ގެ ގެކޮޅުގައެވެ. جويرية ގެފާނު ވަޑައިގެން ކައުސާހިބާއަށް ދެންނެވިއެވެ.
“އަޅުގަނޑަކީ މުސްތަލިޤުވަންހައިގެ ރައީސްގެ ދަރިކަނބަލުންނެވެ. އަޅުގަނޑަށް ޖެހިފައިމިވާ ނިކަމެތި ޙާލު ދެކެވަޑައިގަންނަވާށެވެ. އަޅުގަނޑު މިވަނީ ރަނުގެ ތަޚްތަކުން ބިންމައްޗަށް ވެއްޓި، ހިރަފުހާ މޮޑެވިފައެވެ.”
މިހެންވިދާޅުވެ އެކަމަނާގެ ޙާލުކޮޅު ބަޔާންކޮށްދެއްވިއެވެ. ثابت بن قيس رضى اللّـه عنه ގެ މުކާތަބު އަޅަކަށްވެވަޑައިގެންނެވި ވާހަކަވެސް ވިދާޅުވިއެވެ. އޭރު އެކަމަނާގެ އަތްޕުޅަކު އެކަމަނާ އަމިއްލަ ޖާނު މިނިވަންކުރާނެ މާލެއްނެތެވެ.
ކޮންމެއަކަސް އެކަމަނާގެ ޙާލުކޮޅުން ބަޔާންކޮށްދެއްވުމުން ރަޙްމަތުގެ ނަބިއްޔާ صلّى اللّـه عليه وسلّم އެކަމަނާއަށް އެހީތެރިވެދެއްވުމަށް ޤަޞްދުކުރެއްވިއެވެ. ކައުއިތުރު ރަސޫލާގެ ސިޔާސަތަކީ ހަނގުރާމައިގައި އެގޮތަށް ހައްޔަރުކުރެވޭ ޤަޢުމުތަކުގެ ބޮޑުންނަށްވެސް ހެޔޮކޮށް ހިތްތަވައި ދޫކުރެއްވުމެވެ. އެބޭކައުކަނބަލުންނަށް ޙައްޤު މަޤާމްދެއްވުމެވެ. އެކަމުގެވެސް ވަރަށް ބޮޑެތި ފައިދާތަކެއް އެކުލެވިގެންވެއެވެ.
ކައުއިތުރު ރަސޫލާ جويرية ގެފާނަށް ދެހުށައެޅުއްވުމެއް ހުށައެޅުއްވިއެވެ. އެއީ އެކަމަނާގެ އަގުދެއްވައި މިނިވަންކުރައްވައި ޤަޢުމަށް އަނބުރައި ފޮނުވާލެއްވުމެވެ. ނުވަތަ އެކަމަނާ މިނިވަން ކުރެއްވުމަށްފަހު ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާއި ކާވެނިބައްލަވައިގަތުމެވެ. މިދެކަމުންކުރެ جويرية ގެފާނު އިޚްތިޔާރުކުރެއްވީ އެކަމަނާ މިނިވަންކުރައްވާ ކައުސާހިބާ އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމެވެ. ދެން އެކަމަނާ މިނިވަން ކުރައްވާ ކައުއިތުރު ނަބިއްޔާ جويرية ގެފާނާއި ކާވެނި ބައްލަވައިގެންނެވިއެވެ. މި ޚަބަރު ޞަޙާބީބޭކަލުންނަށް ލިބިވަޑައިގެންނެވުމުން އެބޭކަލުން ވިދާޅުވިއެވެ.
“އަހަރެމުންގެ އަޅުވެތިކަމުގެ ދަށުގައި މިތިބަ މުޞްޠަލިޤުވަންހައިގެ މީސްތަކުންނަކީ ރަސޫލާގެ ތިމާގެފުޅު ބޭފުޅުންނެވެ.” މިހެންވިދާޅުވެފައި މުޞްޠަލިޤުވަންހައިގެ އަސީރުންތަށް މިނިވަންކުރެއްވިއެވެ. މިކަން އެނގިވަޑައިގެން أمّ المؤمنين اعائشة رضى اللّـه عنها ވިދާޅުވެފައިވެއެވެ.
“جويرية އަށްވުރެ އެބޭކަނބަލެއްގެ ޤައުމަށް ބަރަކާތްތެރި އަންހެނަކު އަހަރެން ނުދެކެމެވެ. ރަސޫލާ އެކަމަނާއާއި ކާވެނިބައްލަވައިގެންނެވުމުގެ ސަބަބުން މުޞްޠަލިޤުވަންހައިގެ ސަތޭކަ ޢާއިލާގެ މީހުންނަށް މިނިވަންކަން ލިބިގެންދިޔައެވެ.”
أمّ المؤمنين جويرية رضى اللّـه عنها ވިދާޅެވަފއިވާކަމަށް، އިބްނު ކަޘީރު އޭނާގެ ސީރަތުގައި ލިޔުއްވާފައިވެއެވެ. “ރަސޫލާ صلّى اللّـه عليه وسلّم ތިމަންމެން ތިބި މުރައިސީޢުގެ ފެންގަނޑުގެ ކައިރިއަށް ވަޑައިގަތުމުގެ ތިންރޭކުރީން އެއްރެޔަކު މަދީނާއާ ދިމާލުން ހަނދުއަރައިގެން އައިސް ތިމަންކަމަނާގެ އުނގުފުޅަށް ވެއްޓުނީތީ ދުށީމެވެ. ނަމަވެސް އެވާހަކަފުޅު އެއްވެސް މީހަކުގާތު ތިމަންކަމަނާ ނުދަންނަވަމެވެ. ދެން ހަނގުރާމަ ހިނގައި މުސްލިމުންގެ އަތްދަށުގައި ތިމަންކަމަނާވެ، ރަސޫލާ ތިމަންކަމަނާއަށް ކާވެނި ބައްލަވައިގެންނެވުމުން އެ ހުވަފެންފުޅުގެ ތެދުކަންއެނގުނެވެ.”
ރަސޫލާ صلّى اللّـه عليه وسلّم އާއި ކާވެނީގެގޮތުން ގުޅިވަޑައިގެންނެވުމަށްފަހު أمّ المؤمنين جويرية رضى اللّـه عنها ވެވަޑައިގެންނެވީ ވަރަށް ދީންވެރި ދީނީކަންތަށްތަކަށް ލޯބިހުރި ބޭކަނބަލަކަށެވެ. ވަރަށް ގިނައިން ތަސްބީޙަ އާއި ތަޙްލީލު ވިދާޅުވާ ބޭކަނބަލަކަށެވެ. ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ފަތިސްނަމާދުން އަވަދިވެވަޑައިގެން އެކަމަނާގެ ގެކޮޅުން ވެދެވަޑައިގެންފައި ނުކުމެވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ އެކަމަނާގެ މުސައްލަކޮޅުގައި ޒިކުރުކުރައްވާށެވެ.
މެންދުރެއްހާއިރު އެކަލޭގެފާނު އެނބުރި أمّ المؤمنين جويرية رضى اللّـه عنها ގެ ގެކޮޅަށް ވަޑައިގެންނެވިއިރުވެސް އެކަމަނާ އިންނެވީ އެޙާލުކޮޅުގައި ޒިކުރުކޮށް ތަޞްބީޙަ ވިދާޅުވާށެވެ. އެމަންޒަރު ފެނިވަޑައިގެން ކައުއިތުރު ރަސޫލާ ސުވާލުކުރެއްވިއެވެ. ފަތިހުއްސުރެ ތިޔަ އިންނަވަނީ ޒިކުރުކުރައްވަންތޯއެވެ.؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ތިޔަ ވިދާޅުވި ގޮތަށެވެ. ޙަދީޘް ކުރެއްވިއެވެ. “ކަމަނާއާއި ވަކިވެވަޑައިގެންނެވުމަށްފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް ތިންފަހަރު ވިދާޅުވީމެވެ. ކަމަނާ މިހުރިހާއިރު ތިޔަ ވިދާޅުވިކަލިމަތަކާ އެކަލިމަތަށް އަޅާކިރާލައިފިނަމަ އެ ކަލިމަތަށް މީޒާނުގައި ބުރަވެގެންވެއެވެ. އެކަމަނާ އެއީ ކޮންކަލިމައެއްތޯ އޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެކަލިމަތަކަކީ
سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِ މިއެވެ.
އިބްނު ސަޢުދު ރިވާކުރައްވާފައިވެއެވެ. ޚައިބަރު ފަތަޙަ ކުރެއްވުމަށްފަހު ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރުގެ ބިމުން ލިބިވަޑައިގަންނަވާ ކަދުރުން އަހަރަކު 80 ވަސްޤު ހިކި ކަދުރާއި، ވިހި ސާޢުގެ ގޮދަން أمّ المؤمنين جويرية رضى اللّـه عنها އަށް ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.
ހިޖުރައިން 11ވަނަ އަހަރު ރަސޫލާ ސުވަރުގެވަޑައިގެންނެވުމަށްފަހު މުސްލިމުންގެ ފުރަތަމަ ޚަލީފާއަކަށް އިންތިޚާބު ކުރެވުނީ أبوبكر الصّدّيق رضى اللّـه عنه،އެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި ރަސޫލާގެ އަނބިއަނބިކަނބަލުންގެ ބޭނުންތަށް ފުއްދެވުމަށް މުސާރައެއް ކަނޑައަޅުއްވާ އެންމެހައި ބޭކަނބަލުންނަށް އެއްވަރަކަށް ހަމަހަމައަށް ފޮނުއްވަމުން ގެންދެވިއެވެ. ނަމަވެސް أميرالمؤمنين عمر بن الخطّاب رضى اللّـه عنه ގެ ޚިލާފަތުގައި އެކަލޭގެފާނު أمّ المؤمنين جويرية رضى اللّـه عنها އަށާއި أمّ المؤمنين صفيّة އަށް މަހަކު ހަހާސް ދިރުހަމް ދެއްވާފައި ދެންތިއްބެވި އަނބިއަނބިކަނބަލުންނަށް ބާރަހާސް ދިރުހަމްދެއްވިއެވެ. އެދެބޭކަނބަލުން އެކަމުގެ ޝަކުވާދެންނެވުމުން عمر بن الخطّاب رضى اللّـه عنه ވިދާޅުވިއެވެ.
“އެ ތަފާތު ގެންނައީ އެބޭކަނބަލުންނަކީ މުހާޖިރިއްޔަ ބޭކަނބަލުންކަމުގައި ވުމުންނެވެ.”
ނަމަވެސް أمّ المؤمنين جويرية رضى اللّـه عنها އާއި أمّ المؤمنين صفيّة رضى اللّـه عنها އެ ސަބަބެއް ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އެކަލޭގެފާނު ދެއްވާ މުސާރަފުޅެއް ވެސް ޤަބޫލުފުޅެއްނުކުރެއްވިއެވެ. އެދެބޭކަނބަލުންނަށް ވުރެ ބޮޑަށް އެހެން ބޭކަނބަލުންނަށް އިސްކަންދެއްވަނީ ކަމުގައި ވިދާޅުވެފައެވެ. މި ޚަބަރު أمّ المؤمنين السّيّدة عائشة رضى اللّـه عنها ގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުން އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ އަހަރެމެންގެ މެދުގައި އެއްޗެއް ބައްސަވާނަމަ ބައްސަވަނީ ހަމަހަމައަށް އިންޞާފުންނެވެ. ދެން أميرالمؤمنين عمر بن الخطّاب رضى اللّـه عنه އެހެން އަނބިއަނބިކަނބަލުންނެކޭ އެއްފަދައިން އެދެކަނބަލުންނަށްވެސް ބާރަ ހާސް ދިރުހަމު ދެއްވަންފެއްޓެވިއެވެ.
ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު أمّ المؤمنين جويرية رضى اللّـه عنها މާތް ﷲ ގެ ޙަޟްރަތަށް ދަތުރު ކުރެއްވީ أمير معاوية رضى اللّـه عنــه ގެ ޚަލީފާކަމުގައި ހިޖުރައިން 50 ވަނަ އަހަރުގެ ރަބީޢުލްއަވަލް މަހުގެ ތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 65 އަހަރުފުޅެވެ. އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ އޭރު މަދީނާގެ ގަވަރުނަރަކަށް ހުންނެވި مروان بن الحكم އެވެ. ފަސްދާނުވެޑުވިފައިވަނީ ރަސޫލާގެ އަނބިއަނބިކަނބަލުން ފަސްދާނުވެޑުވިފައިވާ ސަފުގައި ޖަންނަތުލްބަޤީއުގައެވެ.
މާތް اللّـه، أمّ المؤمنين جويرية بنت الحارث އަށް ރުއްސުން ލައްވާށިއެވެ.
5 Comments!
Comments are closed.



Aameen
Aameen.
Aameen
Ameen. v reethi
Ameen…… V reethi mivaahaka ves