Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސަލާމްލެއްވި ޔޫނުސްގެފާނު 03

Ali Ihsaan Level 210 Stories100 Login
August 2, 2018 7 Mins Read
2 Comments

އެ މަސް އެކަލޭގެފާނާއިގެން ދަތުރުކުރުމުގެ ތެރޭގައި އެކަލޭގެފާނަށް ކަނޑުގެ އަޑިގައިވާ ދިރޭތަކެތި މާތް ﷲ ގެ ޙަޟްރަތަށް ތަޤްދީސުކޮށް ތަސްބީޙަ ދަންނަވައި އަޑުއެއްސެވިއެވެ. ކަނޑުގައިވާ މަސްމަހާއި މެއްސާއި، ބޮޑެތި ގާތަށްވެސް މާތް ﷲ ގެ ނަންފުޅު މަތިވެރިކޮށް ތަސްބީޙަ ދަންނަވާ އަޑު އިވިވަޑައިގެން އެކަލޭގެފާނުސް މާތް ﷲ އަށް ތަސްބީޙަ ވިދާޅުވާން ފެއްޓެވިއެވެ. އެކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ އަންބިޔާއު ސޫރަތުގެ 87 ވަނަ އާޔަތާއި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴿٨٨﴾}سورة الأنبياء}

އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.

މިއާޔަތުގައިވާ “فَنَادَىٰ فِي الظُّلُمَاتِ  ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ.” މިހެން އޮތް ބަސްފުޅާއިމެދު ދެ ރަޢުޔެއް ތަފްސީރު އިބްނު ކަޘީރުގައި ބަޔާންވެގެންވެއެވެ.

عبدالله بن مسعود رضى اللّـه عنه އާއި عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. “މި އާތަޔުގައިވާ އަނދިރިތަކޭ އޮތް ބަސްފުޅަކީ މަހުގެ ބަނޑުގެ އަނދިރިކަމާއި ކަނޑުގެ އަނދިރިކަމާއި ރޭގަނޑުގެ އަނދިރިކަމެވެ.”

سالم بن أبي الجعد ވިދާޅުވެފައިވެއެވެ. “ޔޫނުސްގެފާނު އެމަހެއްގެ ބަނޑުގައިވި މަސް އެކެންމަހެއް އައިސް ދިރުވާލިއެވެ. އެހެން ކަމުން ކުރިން އެކަލޭގެފާނު އޮންނެވި މަހުގެ ބަނޑުގެ އަންދިރިކަމުގެ ތެރެއަށް އިތުރު އަނދިރިކަމެއް އިތުރުވިއެވެ. އަދި އެ ދެ އަނދިރިކަމުގެ ތެރެއަށް ތިންވަނަ އަނދިރިކަމެއް އިތުރު ކުރެއްވިއެވެ. އެއީ ރޭގަނޑުގެ އަނދިރިކަމެވެ.”

ގިނަ ޢިލްމުވެރިން އެންމެ ޞައްހަކަމުގައި ބައްލަވަނީ ކުރިންބުނެވި ދިޔަ ބުނުމެެވެ.

يونس عليه السّلام މާތް ﷲ ގެ ޙަޟްރަތަށް ތައުބާވެ އެކަލޭގެފާނުގެ ކުށަށް އިޢުތިރާފުވެ ތަސްބީޙަ ވިދާޅުވާ ބޭކަލަކު ކަމުގައި ވެވަޑައިނުގެންނެވި ނަމަ ޤިޔާމްތަށް ދާންދެންވެސް އެކަލޭގެފާނު އެމަހުގެ ބަނޑުގައި އޮންނަވަން ޖެހިވަޑައިގެންނެވީހެވެ. މިކަމަށް އިޝާރާތް ކުރައްވާ ޤުރުޢާނުގެ ޞާއްފާތު ސޫރަތުގެ 143 ވަނަ އާޔަތާއި 144 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ﴿١٤٤﴾{سورة الصافات}

ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.

يونس عليه السّلام މަހެއްގެ ބަނޑުގެތެރޭގައި ލެއްވުމާއި އެކަލޭގެފާނު ޤުރުއަތުން ނާކާމިޔާބުވުމަކީ މާތް ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވެވި ޢިމްތިހާނެކެވެ. އެންމެ ބޮޑެތި އިމްތިޚާނުތަށް ކުރިމަތި ކުރައްވަނީ ނަބީބޭކަލުންނަށްށެވެ. سعد بن أبى وقّاص رضى اللّـه عنــه ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެންމެ ބޮޑެތި އިމްތިޙާނުތައް މެދުވެރިވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ.

الْأَنْبِيَاءُ، ثُمَّ الصَّالِحُونَ، ثُمَّ الْأَمْثَلُ، فَالْأَمْثَلُ مِنَ النَّاسِ، يُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ، فَإِنْ كَانَ فِي دِينِهِ صَلابَةٌ زِيدَ فِي بَلائِهِ، وَإِنْ كَانَ فِي دِينِهِ رِقَّةٌ خُفِّفَ عَنْهُ، وَمَا يَزَالُ الْبَلاءُ بِالْعَبْدِ حَتَّى يَمْشِيَ عَلَى ظَهْرِ الْأَرْضِ لَيْسَ عَلَيْهِ خَطِيئَةٌ {އަބޫ ދާޢޫދު}

“ނަބީބޭކަލުންނަށެވެ. ދެން ޞާލިޙު ބޭކަލުންނަށެވެ. ދެން އެއާ ޖެހިގެން އެންމެ ރަނގަޅު މީހުންނަށެވެ. ކޮންމެ މީހަކުވެސް އިމްތިޙާނުކުރެއްވޭނީ އޭނާގެ ދީންވެރިކަން ހުރި މިންވަރަކަށެވެ. އޭނާގެ ދީންވެރިކަމުގައި ހަރުދަނާކަން ހުރިނަމަ އޭނާއަށް އިމްތިޙާނުތައް އިތުރުކުރެއްވެއެވެ. އަދި އޭނާގެ ދީންވެރިކަމުގައި ބަލިކަށިކަމެއްވާނަމަ އިމްތިޙާނުތައް މަދުކުރެވެއެވެ. މިބިންމަތީގައި އެއްވެސް ފާފައެއްނެތް މީހެއްގެގޮތުގައި ހިނގައްޖައުމަށްދާންދެން އަޅާއަށް އިމްތިޙާނުތައް ކުރިމަތިވަމުންދާނެއެވެ.”

يونس عليه السّلام މަހުގެ ބަނޑުގެތޭރޭގައި އޮންނަވައި އެކަލޭގެފާނު ވެވަޑައިގަތީ ތަސްބީޙަ ވިދާޅުވާ ބޭކަލެއްކަމުގައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ.

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾{سورة الأنبياء}

އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ذوالنّون (يونس عليه السّلام) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ  އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސްކަމަކަށް އެދި މިފަދައިން ދުޢާކޮށްފިނަމަ މާތްﷲ އެމީހެއްގެ ދުޢާ އިޖާބަކޮށްދެއްވާނެއެވެ.

އަދިވެސް ރިވާވެގެންވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ.

دَعْوَةُ ذِي النُّونِ، إِذْ دَعَاهُ وَهُوَ فِي بَطْنِ الْحُوتِ، لاَ إِلَهَ إِلاَّ أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِيْنَ فَإِنَّهُ لَمْ يَدْعْ بِهَا رَجُلٌ مُسْلِمٌ فِي شَيءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ }رَوَاهُ التِّرْمِذِىُّ بِسَنَدٍ صَحِيحٍ{

ذوالنّون ބޮޑުމަހުގެ އެކުވެރިޔާގެ ދުޢާ (އެބަހީ: يونس عليه السّلام) މަހުގެ ބަނޑުތެރޭގައި އޮންނަވައި ވިދާޅުވި ދުޢާކަމުގައިވާ }لاَ إِلَهَ إِلاَّ أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِيْنَ.{  އެބަހީ: އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.  ފަހެ، ހަމަކަށަވަރުން އެއްވެސް މުސްލިމަކު ކަމަކަށް އެދިގެން މި ފަދައިން ދުޢާކޮށްފިކަމުގައިވަނީނަމަ އޭނާގެ ދުޢާ اللَّهُ އިޖާބަ ނުކުރައްވައި ނުދާހުއްޓެވެ.} (މިއީ ޞައްޙަ ސަނަދަކުން އައްތިރްމިޛީ ނެރުއްވި ޙަދީޘެކެވެ.(

މުސީބާތްތައް މެދުވެރިވެފައިވާ މީހާ މި އަންނަނިވިފަދަ ދުޢާއަކުން اللَّهُ ގެ ޙަޟުރަތުގައި ދެންނެވުމަށްވެސް އިރްޝާދު ދެއްވާފައިވެއެވެ.

އަލްއިމާމު ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. މުސީބާތްތަކާއި ކަންބޮޑުވުން މެދުވެރިވެ ވަޑައިގަންނަވާ ހިނދު ކައުސާހިބާ صلّى اللّـه عليه وسلّم  މިފަދައިން ދުޢާކުރައްވައެވެ.

{لاَ إِلَهَ إِلاَّ اللَّهُ العَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ العَرْشِ العَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ، وَرَبُّ الأَرْضِ، وَرَبُّ العَرْشِ الكَرِيْمِ.}

މާނައީ:  اﷲ މެނުވީ އެހެން އިލާހަކުނުވެއެވެ. އެކަލާނގެއީ، މަތިވެރިވަންތަ އޯގާވަންތަ އިލާހެވެ. اللَّهُ މެނުވީ އެހެން އިލާހަކުނުވެއެވެ. އެކަލާނގެއީ، މާތްވެގެންވާ ޢަރުޝުގެ ވެރިރަސްކަލާނގެއެވެ. اللَّهُ މެނުވީ އެހެން އިލާހަކުނުވެއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއެވެ. އަދި މާތްވެގެންވާ ޢަރުޝުގެ ވެރިރަސްކަލާނގެއެވެ.

އިބްން ޖަރީރު އެކަލޭގެފާނުގެ ތަފްސީރު ފޮތުގައި ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ.

” މާތް ﷲ ތަޢާލާ يونس عليه السّلام ބޮޑުމަހުގެ ބަނޑުގައި ވުމަށް އެދިވޮޑިގެންނެވުމުން އެކަލޭގެފާނުންގެ ގައިކޮޅުގައި އެއްވެސް ކޫރުމެއް ނުވަތަ އެކަލޭގެފާނުންގެ އެއްވެސް ކަށިކޮޅުތަކަށް އަނިޔާއެއް ނުވާގޮތުގައި ،އެމަހަށް އެކަލޭގެފާނު ދިރުވާލުމަށް އަމުރުކުރެއްވިއެވެ. ދެން އެމަސް ކަނޑުގެ އަޑިޔަށް ފީނަމުންދިޔަ ވަގުތު އެކަލޭގެފާނުގެ ކަންފަތްޕުޅަށް އަޑެއް އިވިވަޑައިގަތުމުން އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. މިއީ ކޮން އަޑެއްތޯއެވެ. އެހިނދު ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އެއީ އެމަހުގެ ތަސްބީޙަކިޔުމެވެ. ދެން އެކަލޭގެފާނުން އެމަހުގެ ބަނޑުތެރޭގައިވެ ވަޑައިގެން އެކަލާންގެއަށް ތަސްބީޙަކިޔުއްވިއެވެ.

މިތަސްބީޙައިގެ އަޑުފުޅު މަލާއިކަތްބެއިކަލުންނަށް އިވިވަޑައިގެން ވިދާޅުވިއެވ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންބެއިކަލުންނަށް ވަރަށް ދުރުން، ވަރަށް ބީރައްޓެހި ރަށަކުން އަޑެއްއިވިވަޑައިގަންނަވައެވެ.’ މާތް ﷲ އެބޭކަލުންނަށް ވަޙީކުރެއްވިއެވެ. ތިޔަބޭކަލުންނަށް އެއީ ކޮންއަޑެއްކަން އެނގިވަޑައިގެންވޭތޯއެވެ؟އެބޭކަލުން ދެންނެވިއެވެ. ނޫނެކެވެ. އޭހައްދަވާ ބޮޑުކުރެއްވި ﷲ އެވެ. އެއީ ކޮންއަޑެއްތޯއެވެ؟ މާތްﷲ އެބޭކަލުންނަށް އެނގެވިއެވެ. ‘އެއީ ތިމަންއިލާހުގެ އަޅާ ޔޫނުސްގެފާނެވެ. އެބޭކަލުން ދެންނެވިއެވެ. އެއީ އިބަ އިލާހުގެ ޙަޟްރަތަށް ކޮންމެދުވަހަކު އުފުއްލެވޭ ހެޔޮ ޢަމަލުކުރައްވަވާ ތަޤުވާވެރި އަޅާތޯއެވެ.؟’ އެކަލާންގެ ވަޙީކުރެއްވިއެވެ. ‘އާދޭހެވެ.’ ދެން މަލާއިކަތްބޭކަލުން އެކަލޭގެފާނަށް ޢަފޫކުރެއްވުމަށް އެދިވަޑައިގަތުމުން ﷲ އެމަހަށް އެކަލޭގެފާނު، އެއްގަމުގެ އައްސޭރިއަށް ދޫކޮށްލެއްވުމަށް ޢަމުރުކުރެއްވިއެވެ.” އިބުން އަބީ ޙާތިމް އެކަލޭގެފާނުންގެ ތަފްސީރުގައިވެސް މިވާހަކަ މިއާއި ދާދި އެއްގޮތަށް ރިވާކުރައްވާފައިވެއެވެ.

يونس عليه السّلام އެމަހުގެ ބަނޑުގައި ހޭދަކުރެއްވި ދުވަސްތަކުގެ ޢަދަދާއިމެދު މުފައްސިރުންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޤަތާދާ ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނު މަހުގެ ބަނޑުގައި ހޭދަކުރެއްވީ ތިންދުވަހުއެވެ. ”

جعفر الصادق ވިދާޅުވެފައިވެއެވެ. ” يونس عليه السّلام އެމަހުގެ ބަނޑުގައި ހަތްދުވަސް ހޭދަކުރެއްވިއެވެ.”

شعبي ވިދާޅުވެފައިވެއެވެ. “އެމަސް يونس عليه السّلام ދިރުވައިލީ ހެނދުނުގެ ވަޤުތުގައެވެ. ހިކިފަސްތަނަކަށް އެކަލޭގެފާނު ދޫކޮށްލެއްވީ ހަވީރުގެ ވަގުތެއްގައެވެ.”

سعيد بن أبي الحسن އާއި أبو مالك ވިދާޅުވެފައިވެއެވެ. ” يونس عليه السّلام އެމަހުގެ ބަނޑުގައި ސާޅީސް ދުވަސްވަންދެން އޮންނެވިއެވެ.” والله أعلم { البداية والنهاية}

ކީރިތި ޤުރުޢަނުން يونس عليه السّلام އެމަހުގެ ބަނޑުގައި އޮންނެވި މުއްދަތެއް އެނގޭކަށްނެތެވެ. އެގެނީ އެކަލޭގެފާނު މާތްﷲ އަށް ތަސްބީޙަ ކިޔާމީސްތަކުންގެ ތެރެއިން ނުވިނަމަ އެކަލޭގެފާނު އެމަހުގެ ބަނޑުގެތެރޭގައި ޤިޔާމަތް ދުވަހާހަމައަށް ވެސް އޮންނަވާނެ ކަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ﴿١٤٤﴾{ سورة الصافات}

ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.

އެކަލޭގެފާނުގެ ވާހަކަ އިތުރަށް ބަޔާންކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ.

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥﴾ وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦﴾{ سورة الصافات}

ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލި حال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.

އިމާމު ޤުރުތުބީ ވިދާޅުވެފައިވެއެވެ. يقطينގެ މަޢުނައަކީ شجر الدباء އެވެ. އެބަހީ ބަރަބޯ ގަހެވެ. އަދި ވިދާޅުވެފައިވެއެވެ. މިނޫން މާނަތަށްވެސް ބުނެވިފައިވެއެވެ. ނަމަވެސް އެންމެ މަޝްހޫރު ބަހަކީ އެއީ ބަރަބޯގަހޭ ބުނާ ބަހެވެ.

އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. ބަރަބޯގަސް އެކަލޭގެފާނަށްޓަކައި އެތަނުން ފެޅުއްވުމުގެ ފައިދާ، ވަރަށް ގިނަ ބޭކަލުން ބަޔާންކުރައްވާފައިވެއެވެ. އެބޭކަލުން ބަޔާންކުރައްވާ ފައިދާތަކުގެ ތެރޭގައި އެގަސްއަވަހަށް ހެދިބޮޑުވުމާއި، އެގަހުގެ ފަތުންހިޔާ ލިބުން ހިމެނެއެވެ. އެހެނީ އެގަހުގެ ފަތްތަށް ބޮޑެތިވެވެފައި މަޑުކަމުންނެވެ. އުދުހޭ ސޫފާސޫފި އެގަހުގެ ކައިރިއަށް ނައުމާއި އެގަހުގެ މޭވާއިން ހަށިގަނޑަށް ވަރުޖައްސައިދޭތީއެވެ. މީގެ އިތުރުން އެގަހުގެ މޭވާއަކީ ރޮލާކެވޭ މޭވާއަކަށްވުމެވެ. ކައުސާހިބާ صلّى اللّـه عليه وسلّم  ބަރަބޯފަރީއްކުޅުވާ ހިތްޕުޅުވާކަމަށް ރިވާވެގެންވެއެވެ.

އިމާމު ބުޚާރީ ރިވާކުރެއްވި ހަދީޘެއްގައިވެއެވެ.

عَنْ أَنَسٍ ـ رضى الله عنه ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم أُتِيَ بِمَرَقَةٍ فِيهَا دُبَّاءٌ وَقَدِيدٌ، فَرَأَيْتُهُ يَتَتَبَّعُ الدُّبَّاءَ يَأْكُلُهَا‏.

أَنَسٍ رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم  އަށް ބަރަބޮލާއި ހިއްކާފައިވާ މަހުން ތައްޔާރުކޮށްފައިވާ ފަރިއްކޮޅެއް އެރެވުނެވެ. ކައުސާހިބާ صلّى اللّـه عليه وسلّم  ބަރަބޯކޮޅުކޮޅު ވަކިން ނަންގަވައިގެ ފަރީއްކުޅުއްވަނިކޮށް އަހަރެން ދެކެވަޑައިގަތީމެވެ.

طبري ގެ ތަފްސީރުގައިވެއެވެ. ޔޫނުސްގެފާނު މަހުގެ ބަނޑުން ސަލާމަތްވުމަށްފަހު،އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުނީ ކުރިންވެސް އެކަލޭގެފާނު ފޮނުއްވުނު ޤައުމުކަމުގައިވާ  نِيْنَوَىގެ އަހުލުވެރިންގެ ގާތަށްށެވެ.

وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ﴿١٤٧﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨﴾{سورة الصافات}

އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

ޔޫނުސްގެފާނުގެ މާތްކަން

يونس عليه السّلام އަކީ ނުހަނު ތަޤުވާވެރި އަޅުވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ހުރިހާ ވަޤުތެއް ޚާއްޞަ ކުރައްވާފައިވަނީ މީސްތަކުންނަށް މާތް ﷲ ގެ ދީން ބަޔާންކޮށްދެއްވުމަށާއި اللّـه سبحانه وتعالى އަށް އަޅުކަންކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ، يونس عليه السّلام ގެ މާތްކަމާއި މަތިވެރިކަމަށް އިޢުތިރާފުވެވަޑައިގަންނަވައެވެ. ވަރަށް ގިނައިން އެކަލޭގެފާނަށް ތާރީފު ކުރައްވައި ވާހަކަފުޅު ދައްކަވައި އުޅުއްވައެވެ. އަލް އިމާމު ބުޚާރީ صحيح البخاري ގައި أبو هريرة رضى اللّـه عنه ގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

“مَنْ قَالَ أَنَا خَيْرٌ مِنْ يُونُسَ بْنِ مَتَّى فَقَدْ كَذَبَ ”

މާނައީ: “އެއްވެސް މީހަކު ތިމަންނައަކީ يُونُسَ بْنِ مَتَّى އަށް ވުރެ ރަނގަޅުމީހެކޭ ނުވަތަ ހެޔޮކަންބޮޑު މީހެކޭ ބުނެފިނަމަ، ޝައްކެއްނެތި އޭނާ އެ ހަދަނީ ދޮގެވެ.”

އަރަހުށި މާތް الله سبحانه وتعالى ގެ ޙަޟްރަތުގައި يونس عليه السّلام ހިމެނިވަޑައިގެންފައިވަނީ  އެކަލާނގެ މަގުގައި ސާބިތުވެހުންނެވި މާތް ބޭކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރުޢާނުގެ އަންޢާމު ސޫރަތުގެ 86 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾

އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، يونس ގެފާނާއި، لوط ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالم ތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ.

ނަބީކަމުން ދިހަވަނަ އަހަރުގެ ޝައްވާލުމަހުގެ ތެރޭގައި ކައުސާހިބާ صلّى اللّـه عليه وسلّم ޠާއިފުގެ މީސްތަކުންނަށް އިސްލާމްދީނުގެ ދަޢުވަތުދެއްވުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި زيد بن حارثة رضى اللّـه عنــه ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ދެކަލުންވަޑައިގެންނެވީ ފައިމަގުގައި ހިންގަވާފައެވެ. އެދުވަސްވަރު ޠާއިފުގެ ވެރިކަމުގައި ތިބި ޢަމްރު ބިން ޢައުފުގެ ތިންދަރީންނެވެ. އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމުން އެބައިމީހުން ރަސޫލާގެ ދަޢުވަތު ރައްދުކުރެއްވިއެވެ.

ޠާއިފުގެ ބޮޑެތި ނަގާކިޔޭ މީސްތަކުން  އެރަށުގެ ބާޒާރުމަތީ ދަށްފެންވަރުގެ މީހުންނާއި، އަޅުންނާއި، ނޯކަރުންނާއި، ހަމަހޭނުޖެހޭ ކުޑަކުދީން އިތުރުސާހިބާއާ ފާކޮށް އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅަށް ފޮނުވިއެވެ. އެބައިމީހުން މަގުގެދެފަރާތުގައި ދެސަފަށްތިބެ އިތުރުސާހިބާގެ ފައިންޕުޅަށް ހިލައުކަމުން ގެންދިޔައެވެ. އެބައިމީހުންގެ ފަރާތުން އަނިޔާއާއި ދުއްތުރާތަށް ލިބިވަޑައިގެންނެވުމުން އިތުރު ސާހިބާ ވަޑައިގެންނެވީ ޠާއިފާ ތިންމޭލު ދުރުގައި އޮތް މޭބިސްކަދުރު ބަގީޗާއަކަށެވެ. އެ ބަގީޗާއަކީ ޢަބްދުމަނާފުގެ ޢަބްދުޝަމްޝުގެ ރަބީއަތުގެ ދެދަރީންކަމުގައިވާ ޢުތުބާ އާއި ޝައިބާއާ ދެބޭންގެ ބަގީޗާއެކެވެ.

އެބަގީޗާގެ ވެރީންގެ ހިތުގައި އިތުރުސާހިބާގެ މައްޗަށް ކުލުނާއި ހަމްދަރުދީ އުފެދުނެވެ. އެދެމީހުން އެމީހުންގެ ނަޞާރާ ޚާދިމު އައްދާސަށް ގޮވައިގެނެސް ތައްޓަކަށް މޭބިސްކަދުރު ކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ.ޢައްދާސް އިތުރުސާހިބާގެ އަތްފުޅަށް ތަށިކޮޅު އަރުވައިފައި ކުރިފުޅުމަތީގައި އިށީދެއްޖެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ބިސްމިވިދާޅުވެފައި ފަރީއްކުޅުވާންފެއްޓެވިއެވެ. އެވަގުތު ޢައްދާސު ދެންނެވިއެވެ. ” ކަލާނގެ ރަސްކަންފުޅު ގަންދީދަންނަވަމެވެ. ތިޔަވިދާޅުވީ މިކަރައިގެ މީހުން މީގެކުރީން ކިޔައިއުޅޭ އެއްޗެއްނޫނެވެ.”

ކައުސާހިބާ صلّى اللّـه عليه وسلّم ސުވާލުކުރެއްވިއެވެ. “ކަލޭގެޔަކީ ކޮންރަށެއްގެ މީހަކީމުހެއްޔެވެ؟ ކަލޭގެދީނަކީ ކޮބައިހެއްޔެވެ؟ “އައްދާސު ޖަވާބުދެއްވިއެވެ. “އަޅުގަނޑަކީ ނަޞާރާއަކީމެވެ. ނައިނަވާގެ މީހަކީމެވެ.” އިތުރުސާހިބާ ވިދާޅުވިއެވެ. ” يونس بن متّى ގެ ރަށުގެ މީހަކީމުދޯއެވެ؟” އައްދާސު ދެންނެވިއެވެ. “ކަލޭގެފާނަށް يونس بن متّى އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟” އިތުރު ސާހިބާ ޖަވާބުދެއްވިއެވެ. “އެއީ އަހުރެންގެ އަޚެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. އަހަންނަކީ ވެސް ނަބީއަކީމެވެ.” އެހެން ވިދާޅުވުމާއެކު އައްދާސު އިތުރު ސާހިބާ ނަބީކަމަށް ހެކިވެ އިސްލާމްވެއްޖެއެވެ.

އެހެން ނަބީބޭކަލުންނެކޭ އެއްފަދައިން  يونس عليه السّلام ގެ ޙަޔާތްޕުޅާ ގުޅޭ މާ ގިނަ މަޢުލޫމާތެއް ތާރީޚުގެ އެދުރުން ލިޔުއްވާފައިވާ ލިޔުއްވުން ތަކަކުން ފެންނާކަށް ނުހުރެއެވެ. އެހެން ނަބީބޭކަލުންނެކޭ އެއްފަދައިން  يونس عليه السّلام އަކީވެސް ނުހަނު ކެތްތެރި އަޅުވެރި، ތަޤުވާވެރި، ވަރަޢަވެރި، ބޭކަލެއްކަން ޤަބޫލުކުރަންޖެހެއެވެ.

++++++++++++++++++++

 

ޙަވާލާ

  1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
  2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
  3. ތަފްސީރު ޢިބްނު ކަޘީރު ޞަފިއްޔުއް ރަޙްމާނު މުބާރަކް ޕޫރީ

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……18

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 5

Next
August 2, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 5

Previews
August 1, 2018

“ހިތް” ލޭ ކޮށެވިފައި……18

2 Comments!

  1. Dhishaa says:
    August 2, 2018 at 3:58 pm

    Masha allah v reethi…..dhn ayyoob alaihisalaam ge vahakA genesdheeba

  2. Greeny?? says:
    August 3, 2018 at 10:49 am

    varah dheenee vaahakaeh mee i just loved it and it was the best of the stories????

Comments are closed.


All Right Reserved!