Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

ސަލާމްލެއްވި ޔޫނުސްގެފާނު 02

Ali Ihsaan Level 210 Stories100 Login
July 27, 2018 5 Mins Read
1 Comment

ޔޫނުސްގެފާނު ނައިނަވާ ދޫކޮށްވަޑައިގެންނެވުން

يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުނަށް ކޯފާއިސްކުރައްވައި،ނައިނަވާއިން ނުކުމެވަޑައިގެންނެވިއެވެ. އެ ރަށުގެ އަޙްލުވެރިންނަށް ތިން ދުވަހުގެ ތެރޭގައި މާތް ﷲ ގެ ގަދަފަދަ އަޛާބު އަންނާނެކަމުގެ އިންޒާރުދެއްވުމަށްފަހުގައެވެ. يونس عليه السّلام ރަށުންނުކުމެވަޑައިގަތީ މާތް ﷲ އެކަލޭގެފާނު ރަށުން ނުކުމެވަޑައިގަތުމުގެ އިލާހީ އަމުރުފުޅު ދެއްވުމުގެ ކުރިންނެވެ. ކީރިތި ޤުރުޢާނުގެ އަންބިޔާޢު ސޫރަތުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ ﴿٨٧﴾

އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ.

عبدالله بن مسعود رضى اللّـه عنه އާއި مُجَاهِدْ  އާއި قتادة ވިދާޅުވެފައިވެއެވެ. يونس عليه السّلام ނައިނަވާގެ އަޙުލުވެރިން ދޫކުރައްވާ ވަޑައިގަތުމުން އެރަށުގެ އަހުލުވެރިންނަށް އެބައިމީހުންނަށް ޖެހޭންއުޅޭ ބިރުވެރިކަން ހިތްތަކަށް ތަޞައްވަރުކުރެވުނެވެ. ދެން އެބައިމީހުން، އެކަލޭގެފާނާއިމެދު ކަންތައްކުރެވުނު ގޮތާއިމެދު ހިތާމަކޮށް ތައުބާވިއެވެ. ނިކަމެތިން އަޅާކަހަލަ ހެދުންއަޅައި، ގެރިބަރި އެތަކެތީގެ ޅަދަރިންނާއި ވަކިކޮށް، ﷲގެ ޙަޟްރަތަށް ފާފަފުއްސެވުމަށް އެދި އާދޭސްކޮށް ދުޢާދަންނަވަމުން ގެންދިޔައެވެ. އެބައިމީހުންނަށް ﷲ ގެ ރަޙްމަތްދެއްވުން އެދި އެއެންމެހާ މީސްތަކުން ލޮލުން ކަރުނައަޅައި އިބްތިހާލުވެ ދުޢާފަށްފަށް ކުރަންފެށިއެވެ.

މާތް ﷲ އީ އެކަލާނގެ ޚަލްޤުތަކުންނަށް އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. މާތް ﷲ ގެ އެކަލާނގެ ދީލަތިވަންތަކަމާއި ރަޙްމަތްވަންތަކަމުން ނައިނަވާގެ މީސްތަކުންގެ ތަޢުބާ ޤަބޫލުކުރެއްވިއެވެ. އެކަމަށް އިޝާރާތް ކުރައްވާ ޔޫނުސް ސޫރަތުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.

فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ﴿٩٨﴾{سورة يونس}

ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

ޢިލްމުވެރިން މި އާޔަތުގެ އަލީގައި ވިދާޅުވެފައިވެއެވެ. އިންސާނީ ތާރީޚުގައި يونس عليه السّلام ގެ ޤައުމުމެނުވީ އެޤައުމެއްގެ އެންމެހައި މީސްތަކުން ޢީމާންވި ޤައުމެއް ފާހަގަ ކުރެވިފައެއްނުވެއެވެ. އެހެނީ ކޮންމެ ޤައުމެއްގެ މީސްތަކުންވެސް އެޤައުމަށް ރަސޫލުބެކަލުން ފޮނުއްވުމުން އެބޭކަލަކަށް ކާފިރުވެއެވެ. ނަމަވެސް މާތް ﷲ ގެ އަޛާބުފެނުމުން يونس عليه السّلام ގެ ޤައުމުގެ މީސްތަކުންގެ އެންމެހައި މީސްތަކުން އެކަލޭގެފާނަށް ޢީމާންވިއެވެ. އެހެން ޤައުމުތަކަށް ފޮނުއްވި ރަސޫލުންނަށް ތަބަޢަވީ ވަރަށްމަދުބައެކެވެ. ގިނަ މީސްތަކުން އެނަބީބެކަލަކަށް ކާފިރުވީއެވެ. މިކަމަށް އިޝާރަތް ކީރިތި ޤުރުޢާނުގެ ސަބާ ސޫރަތުގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَمَا أَرْسَلْنَا فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا بِمَا أُرْسِلْتُم بِهِ كَافِرُونَ ﴿٣٤﴾

އެރަށެއްގައިތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުން ތިމަންމެން މިތިބީ، ތިޔަ رسول ން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން، كافر ވެގެންނޭ ނުބުނާ އެއްވެސް ރަށަކަށް، ބިރުވެރިކަމުގެ خبر ދެއްވާ رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ.

ނަމަވެސް يونس عليه السّلام ގެ ވާހަކަ ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވަނީ އެ ޤައުމުގެ އެންމެހައި މީސްތަކުން މާތް ﷲ އަށް ޢީމާންވިކަމުގައެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރުޢާނުގެ ޔޫނުސް ސޫރަތުގެ 98 ވަނަ އާޔަތުގައި، މާތްﷲ ވަޙީކުރެއްވިއެވެ.

فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ﴿٩٨﴾

ފަހެ، ރަށެއްގެ މީހުން، އެއުރެންގެ إيمان ކަމުން މަންފާކުރާނޭ ގޮތުގައި، إيمان ވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

އެބައިމީހުން އެ ޢީމާންވި ޢީމާންވުމުގެ ސަބަބުން ދުންޔަވީ ހަޔާތުގެ އަޛާބުން އެބައިމީހުން ސަލާމަތްވިކަމުގައި ވިޔަސް އެ ޢީމާންކަމުގެ ސަބަބުން އާޚިރަތުގައި އެބައިމީހުންނަށް މަންފާ ކުރާނެކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

ޢިބްނު ކަޘީރު ވިދާޅުވަނީ އެންމެ ފާޅުކަން ބޮޑު ގޮތަކީ އެބައިމީހުން އާޚިރަތުގެ އަޛާބުންވެސް ސަލާމަތްވާނެ ކަމަށް ބުނާ ބުނުންކަމުގައެވެ. އެކަމުގެ ދަލީލަކީ “قَوْمَ يُونُسَ لَمَّا آمَنُوا يونس ގެފާނުގެ قوم ގެމީހުން إيمان ވުމުން،” މިއާޔަތާއި، وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ﴿١٤٧﴾ فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨﴾{ سورة الصافات} އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ. ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ. މިދެއާޔަތެވެ.

ޔޫނުސްގެފާނުގެ ޙާލުކޮޅު

އިބްނު ކަޘީރު ލިޔުއްވާފައިވެއެވެ. يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ކޯފާއިސްކުރައްވައި ރަށުންނުކުމެވަޑައިގެންނެވިއެވެ. އެކަލޭފާނު ވަޑައިގެން ފުރުމަށް ތައްޔާރުވެ ބަރާކޮށްފައިވާ ނަވަކަށް އަރައިވަޑައިގަތެވެ. ނަވަށް މީސްތަކުން އެރުމުން ނިޔާމަ ދަތުރެއްގެ އުއްމީދުގަ ނައު އޭގެ މިސްރާބުހިފިއެވެ. ކުއްލިއަކަށް ކަނޑުގެ ރާޅުތަށްގަދަވެ، ނައު ދެންމެ ދެންމެ ފެތިދާނެހެން ހީވާންފެށިއެވެ. ނަވުން ދަތުރު ކުރަމުންގެންދިޔަ މީސްތަކުންގެ ސަލާމަތަށް، ކުރެވޭނެ ކަމަކާމެދު ނެވިން މަޝްވަރާކުރަންފެށިއެވެ. ނެވިން މަޝްވަރާކުރުމަށްފަހު ނިންމެވީ ނަވުން ދަތުރު ކުރަމުންގެންދިޔަ މީސްތަކުންގެ  ނަންލިޔެ ޤުރުއަތު ލުމަށްށެވެ. ޤުރުއަތުން ހޮވޭމީހަކު ނަވުން ބާލައި ކަނޑަށް އެއްލައިލާ ގޮތަށެވެ.

އެބައިމީހުން އެންމެންގެ ނަންލިޔެ ޤުރުއަތުލިއެވެ. ޤުރުއަތު ލުމުން ނިކުތީ މާތް ﷲ ގެ ނަބިއްޔާ يونس عليه السّلام ގެ ނަންފުޅެވެ. އެނަވުގެ ނެވިންގެ ގޮތުގައި ތިއްބެވި މީސްތަކުންނަށް އެކަލޭގެފާނު ކަނޑަށް އެލައިލާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެހެނީ އެބައިމީހުންނަށް އެކަލޭގެފާނުގެ ހެޔޮލަފާކަންވަނީ އެނގިފައެވެ. އެކަލޭގެފާނަކީ ނައިނަވާގެ އެންމެ ޚުލުޤު ރަނގަޅު ބޭފުޅާކަންވަނީ މަޝްހޫރުވެފައެވެ. އެހެންކަމުން އެބައިމީހުން ނިންމީ އަލުން ދެވަނަފަހަރަށް ޤުރުޢަތުލުމަށްށެވެ.

ދެވަނަ ފަހަރަށް ޤުރުއަތު ލުމުންވެސް ނިކުތީ يونس عليه السّلام ގެ ނަންފުޅެވެ. ދެވަނަ ފަހަރުވެސް އެކަލޭގެފާނުގެ ނަން ނުކުތުމުން އެބައިމީހުން ތިންވަނަ ޤުރުޢަތެއް ލުމަށް ނިންމިއެވެ. އެހެނީ އެބައިމީހުންނަށް އެކަލޭގެފާނަކީ ރަނގަޅު ޞާލިހުބޭކަލެއްކަން އެނގިވަޑައިގަންނަވައެވެ. އެހެން މީހަކު ޤުރުއަތުން ހޮވޭނެ ކަމުގެ އުއްމީދުގައި އަނެއްކާވެސް ނަވުގެ ނެވިން ޤުރުއަތުލިއެވެ. ނަމަވެސް ތިންވަނަ ފަހަރުވެސް ނުކުތީ ހަމަ އެއްނަތީޖާއެކެވެ. يونس عليه السّلام ގެ ނަންފުޅެވެ.

އެހެނީ މާތް ﷲ ވަނީ އެގޮތް ކަނޑައަޅުއްވާ ނިންމަވާފައެވެ. ﷲ އެދިވޮޑިގެންވާ ކޮންމެވެސް ސަބަބަކަށްޓަކައެވެ. އެހެން ކަމުން އެބައިމީހުން ހިތާދެކޮޅަށް އެކަލޭގެފާނު ނަވުން ބޭރަށް އެއްލައިލެއްވިއެވެ. މާސިންގާ ކަނޑުގެތެރެއަށެވެ. ބިޔަ ވަރުގަދަ ރާޅުތަކުގެ ތެރެއަށެވެ. މިކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ ޞާއްފާތު ސޫރަތުގެ 139 ވަނަ އާޔަތުން ފެށިގެން 142ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީކުރެއްވިއެވެ.

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩﴾إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ ﴿١٤٠﴾ فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١﴾ فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢﴾

ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ.އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ.ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.

ބޮޑުމަހެއް އައިސް يونس عليه السّلام ދިރުވާލިއެވެ. މާތް ﷲ އެމަހަށް އަމުރުކުރެއްވިއެވެ. “އެކަލޭގެފާނަކީ ތިބާގެ ހައިހޫނުކަން ފިލުވައިދޭ ކާނާއެއްނޫނެވެ. ތިބާ އެކަލޭގެފާނަށް އެއްވެސް ތުރާލެއް ގެއްލުމެއް ނުދޭށެވެ.”

އެބަސްފުޅަށް ތަބާވެ އެ ބޮޑުމަސް ބިޔަ ކަނޑުގެ އެތަންމިތަނަށް ދަތުރުކުރަންފެށިއެވެ. يونس عليه السّلام މަހުގެ ބަނޑުތެރޭގައި އޮންނެވިއިރު އެކަލޭގެފާނަށް ހީފުޅު ކުރެވުނީ އެކަލޭގެފާނު އަވަހާރަވަނީކަމުގައެވެ. ދެން އެކަލޭގެފާނަށް އަލުން ހިކިފަސްތަނަކަށް ވަޑައިނުގެނެވޭނެކަމުގައެވެ. އެކަލޭގެފާނުގެ އެންމެ ފަހުގެ މަންޒިލަކަށްވާނީ އެ މަހުގެ ބަނޑުތެރެކަމުގައެވެ. يونس عليه السّلام އެ ބޮޑުމަހުގެ ބަނޑުތެރޭގައި އޮންނަވައި ދުޢާ ކުރައްވާ ވިދާޅުވިއެވެ.

“އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މީގެ ކުރިން އެއްވެސް މީހަކު އިބަރަސްކަލާނގެއަށް އަޅުކަންކޮށްފައިނުވާ ތަނެއްގައި (ބޮޑުމަހުގެ ބަނޑުގައި) އަޅުކަންކޮށް ޛިކުރުކުރާ މީހެއްކަމުގައި ތިމަންއަޅާ ވެއްޖައީމުއެވެ”

އެ މަސް އެކަލޭގެފާނާއިގެން ދަތުރުކުރުމުގެ ތެރޭގައި އެކަލޭގެފާނަށް ކަނޑުގެ އަޑިގައިވާ ދިރޭތަކެތި މާތް ﷲ ގެ ޙަޟްރަތަށް ތަޤްދީސުކޮށް ތަސްބީޙަ ދަންނަވައި އަޑުއެއްސެވިއެވެ. ކަނޑުގައިވާ މަސްމަހާއި މެއްސާއި، ބޮޑެތި ގާތަށްވެސް މާތް ﷲ ގެ ނަންފުޅު މަތިވެރިކޮށް ތަސްބީޙަ ދަންނަވާ އަޑު އިވިވަޑައިގެން އެކަލޭގެފާނުސް މާތް ﷲ އަށް ތަސްބީޙަ ވިދާޅުވާން ފެއްޓެވިއެވެ. އެކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ އަންބިޔާއު ސޫރަތުގެ 87 ވަނަ އާޔަތާއި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴿٨٨﴾}سورة الأنبياء}

އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.

މިއާޔަތުގައިވާ “فَنَادَىٰ فِي الظُّلُمَاتِ  ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ.” މިހެން އޮތް ބަސްފުޅާއިމެދު ދެ ރަޢުޔެއް ތަފްސީރު އިބްނު ކަޘީރުގައި ބަޔާންވެގެންވެއެވެ.

عبدالله بن مسعود رضى اللّـه عنه އާއި عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައިވެއެވެ. “މި އާޔަތުގައިވާ އަނދިރިތަކޭ އޮތް ބަސްފުޅަކީ މަހުގެ ބަނޑުގެ އަނދިރިކަމާއި ކަނޑުގެ އަނދިރިކަމާއި ރޭގަނޑުގެ އަނދިރިކަމެވެ.”

سالم بن أبي الجعد ވިދާޅުވެފައިވެއެވެ. “ޔޫނުސްގެފާނު އެމަހެއްގެ ބަނޑުގައިވި މަސް އެކެންމަހެއް އައިސް ދިރުވާލިއެވެ. އެހެން ކަމުން ކުރިން އެކަލޭގެފާނު އޮންނެވި މަހުގެ ބަނޑުގެ އަންދިރިކަމުގެ ތެރެއަށް އިތުރު އަނދިރިކަމެއް އިތުރުވިއެވެ. އަދި އެ ދެ އަނދިރިކަމުގެ ތެރެއަށް ތިންވަނަ އަނދިރިކަމެއް އިތުރު ކުރެއްވިއެވެ. އެއީ ރޭގަނޑުގެ އަނދިރިކަމެވެ.”

މި ދެންނެވި ދެބަސްފުޅުގެ ތެރެއިން ގިނަ ޢިލްމުވެރިން ތަޙްރީޖު ކުރައްވާފަވަނީ ފުރަތަމަ ބަސްފުޅެވެ.

 

++++++++++++++++++++

 

ޙަވާލާ

  1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
  2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
  3. ތަފްސީރު ޢިބްނު ކަޘީރު ޞަފިއްޔުއް ރަޙްމާނު މުބާރަކް ޕޫރީ
  4. ފަޖުރުތަރި ދިވެރިރާއްޖޭ ގެ އަޑު
  5. ލައިފް އެންޑް ޓައިމްސް އޮފް މެސެންޖާސް
  6. ތަފްހީމުލް ޤުރުޢާން

 

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……14

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 27

Next
July 27, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 27

Previews
July 26, 2018

“ހިތް” ލޭ ކޮށެވިފައި……14

One Comment

  1. Dhishaa says:
    July 28, 2018 at 9:00 pm

    Dhn ayyoob gefaanuge vahaka genesdheeba…

Comments are closed.



All Right Reserved!