Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

Ali Ihsaan Level 210 Stories100 Login
July 24, 2018 5 Mins Read
1 Comment

ރިސާލަތު

يحيى عليه السّلام ގެ ރިސާލަތާ ގުޅޭ މަޢުލޫމާތެއް ކީރިތި ޤުރުޢާނުން ލިބޭކަށް ނުހުރެއެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޙަދީޘެއް ތިރުމިޒީގައި ރިވާވެގެންވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

” މާތް ﷲ سبحانه وتعالى يحيى عليه السّلام އަށް ފަސްކަމެއް ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އެކަންތައްތައް ކުރެއްވުމަށް ބަނީ އިސްރާޢީލު ބާގައިގެ މީސްތަކުންނަށް ޢަމުރު ކުރެއްވުމަށްވެސް އެންގެވިއެވެ. ނަމަވެސް يحيى عليه السّلام އެކަންތައްތަށް ބަނީ އިސްރާއީލުންގެ މީސްތަކުންނަށް އެންގެވުން ފަސްކޮލެއްވިއެވެ. އެހިނދު ޢިސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. މާތް ﷲ ވަނީ ފަސްކަމަކަށް ކަލޭގެފާނަށް އަމުރުކުރައްވާފައިނޫންތޯއެވެ؟ އަދި އެކަންތައް ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ކުރުމަށް ޢަމުރު ކުރައްވާފައިވޭނޫންތޯއެވެ؟ ކަލޭގެފާނު އެބައިމީހުންނަށް އެކަންތަކަށް އަމުރު ކުރައްވާށެވެ. ނުވަތަ ތިމަންކަލޭގެފާނު އެކަމަށް އަމުރުކުރަންތޯއެވެ؟

يحيى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑަށްވުރެ ކުރިން އެކަންތައް ކުރައްވައިފިނަމަ މިބިންގަނޑުގެ އަޑިއަށް އަޅުގަނޑު ގަންބައިގަންނަވައިފާނެތީ ނުވަތަ މާތް ﷲ އަޛާބުދެއްވަފާނެތީ ބިރުވެތިވަމެވެ. އެހެން ވިދާޅުވެ އެކަލޭގެފާނު ބައިތުލްމަޤްދިސަށް މީސްތަކުން އެއްކުރައްވައި މިންބަރަށް އަރާވަޑައިގެން ވިދާޅުވިއެވެ.

ހަމަކަށަވަރުން މާތް ﷲ ތިމަންކަލޭގެފާނަށް ފަސްކަމެއް ކުރުމަށް އަމުރުކުރައްވައިފިއެވެ. އަދި އެ ފަސްކަންތައް ކުރެއްވުމަށް ތިޔަބައިމީހުންނަށް އަމުރުކުރެއްވުމަށްވެސް އެންގެވިއެވެ. ފުރަތަމަކަމަކީ ތިޔަބައިމީހުން ހަމައެކަނި މާތް ﷲ އަށަ އަޅުކަން ކުރެއްވުމެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. މާތް ﷲ އަށް ޝަރީކުކުރާ މީހާގެ މިސާލަކީ ތިމާގެ އަމިއްލަ މުދަލުން ޚާދިމަކު ގަންނަމީހާގެ މިސާލެވެ. އޭނާ ޚާދިމާއަށް ބުނެއެވެ. މިއީ އަހަރެންގެ ގެ އެވެ. އަދި މިއީ އަހަރެންގެ ވިޔަފާރިއެވެ. ވީމާ އެތަކެތިން ވިޔަފާރިކޮށް ލިބޭ ފައިދާ އަހަރެންނަށް ގެނެސްދޭށެވެ. ދެން އެ ޚާދިމާ ވިޔަފާރިކޮށްގެން ލިބުނު ފައިދާ އޭނާގެ ސާހިބު މީހާ ނޫން އެހެންމީހަކަށް ދިނެވެ. ތިޔަބައިމީހުންގެ ތެރެއިން އެފަދަ ޚާދިމަކު ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟
ދެވަނަ ކަމަކަށް މާތް ﷲ އަމުރު ކުރައްވާފައިވަނީ ނަމާދު ކުރުމަށެވެ. ނަމާދު ކުރާއިރު ތިބާ ފަސްއެނބުރި ނުބަލާށެވެ. އެހެނީ މާތް ﷲ ވަޖުހުފުޅުވަނީ އަޅުންކުރާ ފަރާތާއެކުގައެވެ. އޭނާ ފަސްއެނބުރިގެންދާންދެންނެވެ. ދެން އެކަލާނގެ އަމުރު ކުރައްވަނީ ރޯދަހިފުމަށެވެ. ރޯދަހިފާ މީހާގެ މިސާލަކީ އަތަރުފުޅިއެއް ހިފައިގެން ބައެއްގެ ތެރޭގައި ހުރިމީހެއްގެ މިސާލެވެ. އޭނާ އާ އެކުގައިވާ އެންމެހައި މީސްތަކުންނަށް އެ އަތަރުގެ މީރުވަދުވާނެއެވެ. ހަމަކަށަވަރުން ރޯދަވެރިޔާގެ އަނގައިން ދުވާވަހަކީ މާތް ﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރުއަށް ވެރެ މީރުވަސްދުވާ ވަހެކެވެ.

ދެން އެކަލާނގެ އަމުރު ކުރައްވަނީ ޞަދަޤާތް ދިނުމަށެވެ. ޞަދަޤާތްދިނުމުގެ މިސާލަކީ ދުޝްމިނަކު ހައްޔަރުކޮށްފައިވާ މީހެއްގެ މިސާލެވެ. އެބައިމީހުން އޭނާގެ އަތް ކަނދުރާއާއެކުގައި އައްސައި އޭނާގެ ކަނދުރާގައި ތަޅަންފަށައެވެ. އެހިނދު އޭނާ ބުނެއެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ތިޔަބައިމީހުންގެ ކިބައިން ކުޑައެއްޗަކުން ވިޔަސް ނުވަތަ ބޮޑުއެއްޗަކުން ވިޔަސް ފިދުޔަދީ މިނިވަން ކުރަމުއެވެ. ދެން އޭނާގެ ނަފްސު އެބައިމީހުންގެ ކުރެ ފިދްޔަދީ މިނިވަން ކުރިއެވެ.

ދެން އެކަލާނގެ އަމުރު ކުރައްވަނީ މާތް ﷲ ހަނދާންކޮށް ޒިކުރުކުރުމަށެވެ. ޒިކުރުކުރާމީހާގެ މިސާލަކީ ދުޝްމިނުންގެ ބަޔަކު ހޯދަމުންގެންދިޔަ މީހެއްގެ މިސާލެވެ. ދުޝްމިނުންނަށް އޭނާ ފެނުމުން އޭނާއަތުލުމަށް ފަހަތުން އަންނަން ފެށުމުން އޭނާގޮސް ވަރުގަދަ ކިއްލާއެއްގެ ހިމާޔަތް ހޯދިއެވެ. މިއީ އަޅުވެރިންގެ ކަންތައް ހުންނަގޮތެވެ. އެނާ ޝައިތާނާގެ ކިބައިން ސަލާމަތްކޮށްދިނީ މާތް ﷲ މަތިން ހަނދުމަކުރުމުންނެވެ. { މިއީ ތިރުމިޒީ ރިވާކޮށްފައިވާ ޞައްޙަ ޙަދީޘެކެވެ.}

++++++++++++++++++++

ޚުލުޤުފުޅު

يحيى عليه السّلام އަކީ ވަރަށްގިނައިން އަޅުކަން ކުރައްވައި ރޯދަ ހިއްޕަވައި ތަޤްވާވެރި ވަރަޢަވެރި ބޭކަލެކެވެ. ޚާއްޞަކޮށް އެކަލޭގެފާނަކީ އެކަލޭގެފާނުގެ މައިކަނބަލުންނާއި ބަފައިކަލުންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. މައިންބަފައިންގެ ޙައްޤުތަކާމެދު އެކަލޭގެފާނު ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވައެވެ. މަރްޔަމް ސޫރަތުގެ 13 ވަނަ އާޔަތުގަ އާއި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَحَنَانًا مِّن لَّدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا ﴿١٣﴾ وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا ﴿١٤﴾

އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.

މީގެ އިތުރުން يحيى عليه السّلام އަށް މާތް ﷲ ވަނީ ޚާއްޞަ މާތްކަމެއް ދެއްވާފައެވެ. އެއީ އެއްވެސް މީހަކަށް މީގެ ކުރިންދެއްވާފައިނުވާ މާތްކަމެކެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވި ދުވަހުގައާއި އެކަލޭގެފާނު އަވަހާރަވާ ދުވަހުގައާއި އެކަލޭގެފާނު އަލުންދިރުއްވާ ދުވަހުގައި ސަލާމަތްކަމާއި އަމާންކަން އެއްވުމެވެ. މަރްޔަމް ސޫރަތުގެ 15އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا﴿١٥﴾

އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ.

علاّمة إبن كثير رحمه اللّـه މި އާޔަތާއި ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. سفيان بن عيينة ވިދާޅުވެފައިވެއެވެ. މީހާ އެންމެ ބޮޑަށް އެކަނިވެރިކަން އިޙްޞާސްކުރެވޭނީ ތިން ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ އޭނާ ދުނިޔެއަށް އުފަންވާ ދުވަހުގައެވެ. ދެވަނަ ޙާލަތަކީ އޭނާ މަރުވާ ދުވަހުގައެވެ. ތިންވަނަ ޙާލަތަކީ އެމީހާ އަލުން މަޙްޝަރުކުރެވޭ ދުވަހުގައެވެ. މާތް ﷲ يحيى عليه السّلام އަށް ދީލަތިވެވޮޑިގެން އެކަލޭގެފާނަށް ވަނީ އެތިން ޙާލަތުގައިވެސް އަމާންކަމާއި މަތިވެރިކަން ދެއްވާފައެވެ.

الحسن ވިދާޅުވި ކަމަށް قتادة، ގެ އަރިހުން ރިވާވެގެންވެއެވެ. يحيى عليه السّلام އާއި عيسى عليه السّلام ބައްދަލުވެ ވަޑައިގެންނެވިއެވެ. عيسى عليه السّلام ، يحيى عليه السّلام އަށް ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުގެ މައްޗަށް ފާފަފުއްސެވުން އެދިވަޑައިގެ ދުޢާކޮށްދެއްވާށެވެ. ކަލޭގެފާނަކީ އަޅުގަނޑަށްވުރެ މާ މާތް ބޭކަލެކެވެ. يحيى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑުގެ މައްޗަށް ފާފަފުއްސެވުން އެދިވަޑައިގެ ދުޢާކޮށްދެއްވާށެވެ. ކަލޭގެފާނަކީ އަޅުގަނޑަށްވުރެ މާ މާތް ބޭކަލެކެވެ. عيسى عليه السّلام ، ޖަވާބުދެއްވިއެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސުގެ މައްޗަށް ސަލާމްލެއްވުން އެދި ދުޢާދެންނެވީމެވެ. ނަމަވެސް ކަލޭގެފާނަށް މާތް ﷲ ވަނީ ސަލާމްލައްވާފައެވެ.

يحيى عليه السّلام ގެ މާތްކަމާއި މަތިވެރިކަން ހާމަވާ ޙަދީޘެއް އިމާމު އަޙްމަދު ރިވާކުރައްވާފައިވެއެވެ. عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. عيسى عليه السّلام ، ފިޔަވައި އާދަމުގެ ދަރިންގެތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ފާފައެއް ކޮށްފައިވާ މީހެކެވެ. ނުވަތަ ފާފައެއް ކުރަން ޤަޞްތުކޮށްފައިވާ މީހެކެވެ. އެއްވެސް އަޅަކު ތިމަންނައަކީ، يُونُسَ بْنِ مَتَّى އަށް ވުރެ ހޮޔޮކަންބޮޑު މީހެކޭ ބުނުމުގެ ޙައްޤެއް ލިބިގެންނެއްނުވެއެވެ. {މިއީ އިމާމު އަޙްމަދު ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ. ނަމްބަރު 2294}

++++++++++++++++++++

زكريّا عليه السّلام އާއްމުދަނީ ހޯދެއްވުމަށް ކުރެއްވި މަސައްކަތްޕުޅު

މާތް ﷲ سبحانه وتعالى މީސްތަކުންނަށް ތެދުމަގުދެއްކެވުމަށް ފޮނުއްވި އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވި ބޭކަލުންނެވެ. އެގޮތުން زكريّا عليه السّلام ވެސް ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެންނެވެ. އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅަކީ ވަޑާކުރެއްވުމެވެ.

أبو هريرة رضى اللّـه عنــه ވިދާޅުވެފައިވެއެވެ. رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ.

“‏ كَانَ زَكَرِيَّاءُ نَجَّارًا ‏”

މާނައީ: زكريّا عليه السّلام އަކީ ވަޑާންކުރައްވާ އުޅުއްވި ބޭކަލެކެވެ.

ކުރިންވެސް ދެންނެވިފައިވާ ފަދައިން يحيى عليه السّلام އާއި އެކަލޭގެފާނުގެ ބައްޕާފުޅު زكريّا عليه السّلام އާއި މަންމާފުޅު اشياع އަކީ ނުހަނު ތަޤްވާވެރި ތިން ބޭފުޅުންނެވެ. އެބޭކަލުންގެ ގިނަވަގުތުން ވަޤުފުކުރައްވާފައިވަނީ މާތް ﷲ ހަނދުމަކޮށް ޒިކުރުކުރުމާއި އެކަލާނގެއަށް އަޅުކަން ކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. ކީރިތި ޤުރުޢާނުގެ އަންބިޔާއު ސޫރަތުގެ 90 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴿٩٠﴾
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.

++++++++++++++++++++

ޝަހީދުކޮށްލުން

ތާރީޚުގެ ގިނަ އެދުރުން ވިދާޅުވާގޮތުގައި زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام ވަނީ ބަނީ އިސްރާއީލުބާގައިގެ މީސްތަކުންގެ އަނިޔާވެރިކަމުގެ ސަބަބުން ޤަތުލު ކޮށްފައެވެ. ކީރިތި ޤުރުޢާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ނަބީބޭކަލުން ޤަތުލު ކުރެއްވިކަމަށް އައިސްފައިހުރެއެވެ. މާއިދާ ސޫރަތުގެ 70 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ ﴿٧٠﴾

ހަމަކަށަވަރުން، އިސްރާއީލު ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ.

މިދެންނެވި އާޔަތުގެ ތަފްސީރުގައި އިމާމު ޤުރުޠަބީ ލިޔުއްވާފައިވެއެވެ. ބަނީ އިސްރާއީލުބާގައިގެ މީސްތަކުން ޤަތުލުކުރި ނަބީބޭކަލުންގެ ތެރޭގައި زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام ހިމެނެއެވެ. އަދި މިނޫންވެސް އެތައް ނަބީބޭކަލުންނެއް އެބައިމީހުން ޤަތުލުކޮށްފައިވެއެވެ. އެބައިމީހުން ދޮގުކުރި ރަސޫލުބޭކަލުންގެ ތެރޭގައި عيسى عليه السّلام ހިމެނެއެވެ. ابومحمد حسین بن مسعود بغوی އޭނާގެ معالم التنزيل އޭކިޔުނު ތަފްސީރުފޮތުގައިވެސް ހަމަ މިމޭރުމުން ލިޔުއްވާފައިވެއެވެ.

يحيى عليه السّلام ޝަޙީދުކޮށްލެވުނު ގޮތާއިމެދުގައި ތަފާތު ރިވާޔަތްތެކެއް އައިސްފައިވާކަމުގައި علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. އޭގެތެރެއިން އެއްރިވާޔަތެއްގައިވެއެވެ. އޭރު ދިމިޝްޤުގެވެރިއަކަށް ހުރި ރަސްގެފާނު އޭނާ ކާވެނި ކުރުން ޙަރާމް އަންހެނަކާ ކާވެނި ކުރަން ޤަޞްތުކުރިއެވެ. އެކަން އެނގިވަޑައިގެންނެވުމުން يحيى عليه السّلام އެކަން ވަރުގަދަޔަށް މަނާކުރެއްވިއެވެ. އެންމެފަހުން އެ އަންހެނާގެ ބަހަށް އެކަލޭގެފާނު ޤަތުލުކުރެވުނެވެ.

އަނެއް ރިވާޔަތެއްގައިވަނީ އެ ރަސްގެފާނުގެ އަނބިކަނބަލުން يحيى عليه السّلام ދެކެ އެކަލޭގެފާނު ދެކެލޯބިފުޅުވިއެވެ. އެކަން يحيى عليه السّلام ދެންނެވުމުން އެކަލޭގެފާނު އެކަމަނާގެ އަރިހަށް ދިއުމަށް އިންކާރުކުރެއްވިއެވެ. އެކަމާ އޭނާ ރުޅިއައިސްގެން ރަސްގެފާނުގެ އަރިހުގައި ތަފާތު ބަހަނާދައްކައިގެން އެކަލޭގެފާނު ޤަތުލުކޮށްލިއެވެ.
الحافظ ابن عساكر، وليد بن مسلم ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. زيد بن واقد ވިދާޅުވެފައިވެއެވެ. ދިމިޝްޤުގެ މިސްކިތް ބިނާ ކުރަމުން ގެންދަނިކޮށް يحيى عليه السّلام ގެ އިސްތަށިފުޅުފެނުނެވެ. ޚުދު އަހަރެންވެސް އެކަލޭގެފާނު ގެ އިސްތަށިފުޅު ދުށީމެވެ. އެ އިސްތަށިފުޅު ވަޅުލެވިފައިވަނީ މިސްކިތުގެ މިޙްރާބުގެއާއި ދާދި ކައިރީގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ ހަންކޮޅަކަށްވެސް އިސްތަށްޓަކަށްވެސް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

ތާރީޚުގެ ލިޔުންތަކުން ފެންނަގޮތުގައި يحيى عليه السّلام ޝަޙީދުކުރެވުނުތާ ކައިރީގައި އެބައިމީހުންވަނީ زكريّا عليه السّلام ވެސް ޝަޙީދުކޮށްފައެވެ.
އަރަހުށި މާތް ﷲ زكريّا عليه السّلام އާއި يحيى عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. (ނިމުނީ)

++++++++++++++++++++
ޙަވާލާ
1. ސްޓޯރީސް އޮފް ޕްރޮފެޓް ދާރުއްސަލާމް
2.ތަފްސީރު އިބްނު ކަޘީރު
3. ތަފްހީމުލް ޤުރުޢާން
4. ތަފްސީރުލް ޤުރުޠަބީ
5.http://sunnah.com

6. ފަޖުރުތަރި ދިވެހިރާއްޖޭގެ އަޑު

7. ތަފްސީރުލް ޖަލާލައިން

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ނުހައްގުލޯބި ފަހުބައި

Next

“ހިތް” ލޭ ކޮށެވިފައި……12

Next
July 24, 2018

“ހިތް” ލޭ ކޮށެވިފައި……12

Previews
July 24, 2018

ނުހައްގުލޯބި ފަހުބައި

One Comment

  1. mary says:
    August 12, 2018 at 11:59 pm

    v nice thanks

Comments are closed.


All Right Reserved!