أمّ المؤمنين السّيّدة عائشة رضى اللّـه عنــها އަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ޢިލްމުވެރި ކަމަނާއެވެ. އެކަމަނާއަކީ މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ أمير المؤمنين أبوبكر رضى اللّـه عنــه ގެ ލޮބުވެތި ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިލްމުވެރިކަމާއި ބުއްދިފުޅުގެ ފުރިހަމަކަމުގެ ވާހަކަތަކަކީ އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކަށް “މެންދުރުގެ އިރު” ފެންނަހެން ފާޅުވެ އެނގެން ހުންނަކަންކަމެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها އަކީ ޢިލްމުވެރިކަމުގައި އެންމެ ކުރީސަފުގައި ގުނާލެވޭ ބޭކަނބަލެއްގެ އިތުރުން ނުހަނު ގިނައިން ސަދަޤާތްދެއްވާ މާތް ﷲ ގެ މަގުގައި ހޭދަކުރައްވާ ބޭކަނބަލެކެވެ. އެއްފަހަރަކު أمّ المؤمنين ގެ ގެކޮޅަށް ސަލާންޖަހާ މީހަކު އައެވެ. އޭރުވަނީ ޢަޞްރުވަޤުތުވެފައެވެ. އޭނާ އައިސް ދޮރުގައި ޓަކިޖެހުމުން أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ޚާދިމާ ބަރީރާ އެ ގެކޮޅުގެ ދޮރު ހުޅުއްވައިދެއްވިއެވެ. ދޮރުހުޅުވާލުމުން އޭނާ ބުންޏެވެ؟ އޭ ރަސޫލާ صلّى اللّـه عليه وسلّم ގެ އަޙްލުބައިތުންނޭވެ! އަޅުގަނޑަށް ކޮންމެވެސް އެއްޗެއް ދެއްވާށެވެ.
އެހިނދު ބަރީރާ ސަލާންޖަހާ މީހާއަށް ދެންނެވިއެވެ. މިވަގުތު އަހަރެމެން އަތުގައި ހަމަ އެއްވެސް އެއްޗެއްނެތެވެ. މިއަޑުފުޅު އައްސަވައި عائشة رضى اللّـه عنــها ވިދާޅުވިއެވެ. ކާކު ހެއްޔެވެ؟ ބަރީރާ ދެންނެވިއެވެ. ސަލާންޖަހާމީހެކެވެ. މިގޭގައި ހުރީ ކަމަނާ ރޯދަފުޅު ވީލުމަށްޓަކައި އެއްޗެއް ތައްޔާރުކުރަން ބަހައްޓާފައި ހުރި މުށްފުރާ ނެގޭވަރުގެ ކުޑަކުޑަ ހިމަ ގޮދަންކޮޅެކެވެ.
عائشة رضى اللّـه عنــها ވިދާޅުވިއެވެ. އޭތިކޮޅު އޭނާއަށް ދޭށެވެ. މާތް ﷲ އަހަރެންނަށް ކޮންމެވެސް ގޮތެއް މިންވަރު ކުރައްވައިފާނެތެވެ. أمّ المؤمنين އެހެން ވިދާޅުވުމުން ބަރީރާ އެ ހިމަގޮދަންކޮޅު އެ ސަލާންޖަހާ މީހާއަށް ދީފިއެވެ.
ވަޤުތު ފާއިތުވަމުންގޮސް މަޣްރިބު ނަމާދު ވަޤުތުވެއްޖެއެވެ. أمّ المؤمنين ރޯދަފުޅު ވީއްލާ ވަޤުތު ވަދެއްޖެއެވެ. އެކަމަނާ ރޯދަފުޅު ވީއްލަން ފެންފޮދެއް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއްނެތެވެ. ނަމަވެސް ޝަކުވާކުރެއްވުމެއްނެތި ފެންފޮދަކުން ރޯދަފުޅު ވީއްލަވައި މަޣްރިބު ނަމާދު ކުރައްވަން ފެއްޓެވިއެވެ. އެކަމަނާ ނަމާދަށް ހުންނަވަނިކޮށް މީހަކު ދޮރުގައި ޓަކިދީފައި އެކަމަނާގެ ޚާދިމާގެ އަތްޕުޅަށް ބަކަރިއެއް ޞަދަޤާތުގެ ގޮތުގައި އެރުވިއެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها ނަމާދުފުޅުން އަވަދިވެވަޑައިގެން އެއީ ކާކުތޯ ސުވާލުކުރެއްވިއެވެ. ބަރީރާ ދެންނެވިއެވެ. “އެއީ މިތާނގެ ކައިރީގައި ދިރިއުޅޭ މީހެކެވެ. މާތް ﷲ ގަންދީ ދަންނަވަމެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް އަހަރެމެންނަށް ޞަދަޤާތެއް ފޮނުވާފައެއްނުވެއެވެ. އެކަމަކު މިއަދު އޭނާ އެއައީ ބަކަރިއެއް ހިފައިގެންނެވެ.
މިއަޑު އައްސަވައި أمّ المؤمنين السّيّدة عائشة رضى اللّـه عنــها ވިދާޅުވިއެވެ. އޭ ބަރީރާއެވެ. މުށްފުރާ ނެގޭވަރުގެ ހިމަގޮދަންކޮޅަކަށް ވުރެ ބަކަރިއެއް މާ ރަނގަޅެއް ނޫންހެއްޔެވެ؟ މާތް ﷲ ގަންދެމެވެ. ތިމާގެ އަތުގައި އޮންނަ އެއްޗަކަށް އިތުބާރު ކުރާ މިންވަރަށްވުރެ ބޮޑަށް މާތް ﷲ އަށް އިތުބާރުކޮށް ޔަޤީންނުކުރާނަމަ ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ތެދުވެރި މުޢުމިނަކުކަމުގައި ނުވާ ހުއްޓެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ ޙަޔާތްޕުޅު ދިރާސާ ކުރާ ފަރާތްތަކަށް އެކަމަނާގެ ދީލަތިކަމުގެ ދާވަނިކޮޅު ފަތުރުއްވަވާލައްވާފައިވާ މިންވަރު ހާމަވެގެންދާނެއެވެ. އިމާމު ޛަހަބީ ލިޔުއްވާފައިވެއެވެ. މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި އެއްފަހަރު أمّ المؤمنين السّيّدة عائشة رضى اللّـه عنــها އަށް އެއްލައްކަ ދިރުހަމް ފޮނުވިއެވެ. އެ ދިރުހަމުތައް ލިބިވަޑައިގަންނަވާއިރަށް އެކަމަނާ ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި ބޭކަނބަލުންނަށް އެތަކެތި ބައްސަވާ ހުސްކޮށްލެއްވިއެވެ.
ކައުސާހިބާއަށްފަހު ވަރަށް ގިނަ އަހަރުތަކަކު ދުނިޔޭގައި އިންނެވުމަށްފަހު أمّ المؤمنين السّيّدة عائشة رضى اللّـه عنــها ފުރައުއްތަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަވިލޭރޭގެ އިރާކޮޅުގެ ވަޤުތުގައެވެ. އެންމެފަހުގެ ވަޞީއްޔަތުގެ ތެރޭގައި ވިދާޅުވީ، ތިމަންކަމަނާ އަވަހާރަވުމަށްފަހު، ތިމަންކަމަނާގެ އަޅު ޒަކަވާނީއަކީ މިނިވަނެކެވެ.
4 Comments!
Comments are closed.



Jazakallah Khairan. i like reading such stories in dhivehi.
Mikahaka vaahakathah genesdheythee v ufaavey …. Mi site ge beynun rangalhah hifumaky me…… Aharemen nakee islamun veema aharemen loabikuranvaanee dheenee vahaka kiyumah …… Jaxaakahllah….. Unus ge faanuge vahaka genes dhevidhaanetha v kiyaala hihvey…
Mikahala dheenee vahaka genesdheythee v ufaavey …..aharumenaky islaamunahveethee dheenee vahaka thah kiyaa gina in adu ahaa hedhumun ageedhaa balikashi nuve hunaanee …… Unus ge faanuge vahaka genes dheefaanantha v kiyaala hihvey
Jaxaakallah