Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީދީނީ

ޒަކަރިއްޔާ އަލައިހިއްސަލާމް 01

Ali Ihsaan Level 210 Stories100 Login
July 22, 2018 4 Mins Read
4 Comments

زكريّا عليه السّلام (ޒަކަރިއްޔާ އަލައިހިއްސަލާމް) އަކީ ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި މާތް ﷲ سبحانه وتعالى ، ފޮނުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ داود عليه السّلام(ދާއޫދު އަލައިހިއްސަލާމް) ގެ ދަރިކަލުން سليمان عليه السّلام (ސުލައިމާން އަލައިހިއްސަލާމް)އަވަހާރަވުމަށްފަހުގައެވެ.

++++++++++++++

ނަންފުޅާއި ނަސަބުފުޅު

الحافظ أبو القاسم ابن عساكر (އަލް ޙާފިޡު އަބުލް ޤާސިމް އިބްނު އަސާކިރު) އޭނާގެ މަޝްހޫރު ތާރީޚުގައި ވިދާޅުވެފައިވެއެވެ. زكريّا عليه السّلام ގެ ފުރިހަމަ ނަންފުޅަކީ زكريّا بن برخيا(ޒަކަރިއްޔާ ބިން ބަރުޚިއްޔާ) އެވެ. އެހެން ރިވާޔަތެއްގައިވަނީ زكريّا بن دان (ޒަކަރިއްޔާ ބިން ދާން) ކަމުގައެވެ. زكريّا عليه السّلام ގެ ނަސަބުފުޅު سليمان عليه السّلام ގެ ނަސަބުފުޅާ ގުޅިގެންވެއެވެ.

زكريّا عليه السّلام ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަސްވަރަކީ ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންގެ ތެރޭގައި މާތް ﷲ ފިޔަވައި އެހެންތަކެއްޗަށް އަޅުކަން ކުރެވެމުން ދިޔަ ދުވަސްވަރެވެ. ލަދުހުތުރު ކަންތައްތަކަށް ފާޅުގައި އަރައިގަންނަމުން ގެންދިޔަ ދުވަސްވަރެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުންވަނީ އާއްމުވެފައެވެ. މާތް ﷲ سبحانه وتعالى ، زكريّا عليه السّلام ނަބީކަމުގެ އަފޫރުއްބަ މަސްއޫލިއްޔަތު ޙަވާލުކުރެއްވުމަށްފަހު ފޮނުއްވުމުން އެކަލޭގެފާނު އެބައިމީހުންނަށް ރަނގަޅުގޮތް ބަޔާންކޮށްދެއްވިއެވެ.

ހަމައެކަނި އެއްކައުވަންތަ اللّـه އަށް އަޅުކަންކުރުމަށް ގޮވައިލެއްވިއެވެ. އެކަލާނގެއަށް އެއްވެސް ސިފައެއްގައި ޝަރީކު ނުކުރުމަށް ގޮވައިލެއްވިއެވެ. އަބަދުވެސް ތެދުބަހުން ވާހަކަދެއްކުމަށާއި އަމާނާތް އަދާކުރުމަށާއި ގާތްތިމާގެ މީހުނަށް ހެޔޮކޮށްހިތުމަށް އަމުރުކުރެއްވިއެވެ. ޙަރާމް އެއްޗެއްސާއި ކަންކަމާ ދުރުހެލިވުމަށް އަމުރުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންގެ ތެރެއިން ވަރަށް ގިނަ މީހުން زكريّا عليه السّلام އަށް ތަބާވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަށަ ޤަބޫލުކުރިއެވެ.

++++++++++++++++++++

ޙަޔާތްޕުޅު

زكريّا عليه السّلام އަކީ އެކަލޭގެފާނުގެ ޒަމާނުގައި ބައިތުލް މަޤްދިސްގެ މިސްކިތް ބަލަހެއްޓެވުމުގެ މަޝްއޫލިއްޔަތު އަދާ ކުރައްވަމުންގެންދެވި ބޭކަލެކެވެ. އެކަލޭގެފާނާއެކު މިސްކިތުގައި އިމާމުވެވަޑައިގެން ނަމާދު ކުރައްވާ އެހެން ޞާލިޙް ބޭކަލަކުވެސް އުޅުއްވިއެވެ. އެބޭކަލަކީ عمران (ޢިމްރާން) އެވެ. زكريّا عليه السّلام އާއި عمران އާ ދެކަލުން ކާވެނި ބައްލަވައިގަންނަވައިގެން އުޅުއްވީ ދެ އުޚްތުންނާއެވެ. زكريّا عليه السّلام ކާވެނި ބައްލަވައިގެން އުޅުއްވީ اشياع بنت فاقوذ (އިޝްޔާޢު ބިންތި ފާޤޫޛު) އާއެވެ. عمران ކާވަނި ބައްލަވައިގެން އުޅުއްވީ حَنَّة بنت فاقوذ (ހަންނާ ބިންތި ފާޤޫޛު) އާއެވެ.

عمران ގެ އަނބިކަނބަލުންނާއި زكريّا عليه السّلام ގެ އަނބިކަނބަލުން ޢުމުރުފުޅުން ދުވަސްފުޅުވެ މުސްކުޅުފުޅު ވީއިރުވެސް އެ ދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައެއްނުގެންނެވިއެވެ. އެބޭކައުކަނބަލުން ދަރިކަލަކު ދެއްވުމަށް އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވަމުން ގެންދެވިއެވެ. މިހެން ދުވަސްތަކެއްވުމަށް ފަހު عمران ގެ ދެކަނބަލުންނަށް މާތް ﷲ ދަރިކަނބަލުކު ދެއްވިއެވެ. އެ ދަރިކަނބަލުންނަކީ مريم ގެފާނެވެ.

مريم ގެފާނުގެ މަންމާފުޅު حَنَّة އެކަމަނާ އާލާސްވެއިންނެވި ދުވަސްވަރު ނަދުރެއް ވިދާޅުވިއެވެ. އެކަމަނާއަށް ދަރިކަލަކު ލިބިވަޑައިގެންނެވުމުން އެ ދަރިކަލުން ބައިތުލްމަޤްދިސްގެ މިސްކިތުގައި ޚިދުމަތްކުރުމަށް ދޫކުރެއްވުމަށެވެ. އެ ދަރިކަލުން ދުނިޔަވީ އެންމެހައި ކަންތައްތަކުން ބާރީއަކޮށް ހަމައެކަނި މާތް ﷲ ގެ ޙަޟްރަތަށް އަޅުކަން ކުރާ ގޮތުގައެވެ.
حَنَّة އާލާސްވެއިންނަވައި ރައްކައުނުވަނީސް عمران އަވަހާރަވެއްޖެވެއެވެ. އެކަމަނާ ރައްކައުވީ އުއްމީދު ކުރައްވައިގެން އިންނެވި ކަހަލަ ފިރިހެން ބޭފުޅެއްނޫނެވެ. އަންހެންބޭފުޅެކެވެ. އެހެންކަމުން ހިތްޕުޅަށް ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް ލިބިވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެކަމަނާގެ ނަދުރުފުއްދެވުމުގެ ގޮތުން ދަރިކަނބަލުން مريم ގެފާނު އުރުވަޑުވައިގެންވަޑައިގެން ބައިތުލްމަޤްދިސްގެ މިސްކިތް ނުވަތަ ކަނީސާ އާއި ޙަވާލުވެގެން ތިއްބެވި ބޭކަލުންނާ ޙަވާލުކުރެއްވިއެވެ.

ކުރިންވެސް ދެންނެވި ފަދައިން عمران އަކީ ބަނީއިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި ވަރަށް އިސް ޤަދަރެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެބައިމީހުންނާއިގެން އެކަލޭގެފާނު އިމާމުވެވަޑައިގެން ނަމާދުކުރައްވައެވެ. އެބައިމީހުންގެ ޤުރުބާނީތަށް ކަތިލައިދެއްވައެވެ. އެހެންކަމުން އެބައިމީހުންގެ އަވަހާރެވެދިޔަ ޝައިޚްގެ ދަރިކަނބަލުންނާ ޙަވާލުވުމަށް އެބައިމީހުން ވާދަކުރަނަފެށިއެވެ. މިވާހަކަ އާލު އިމްރާނު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.

ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤﴾
އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.

އިބްނު ޖަރީރު، عكرمة (އިކްރިމާ) ގެ އަރިހުން ރިވާކުރައްވާފައިވާ ކަމަށް علاّمة إبن كثير رحمه اللّـه،(އައްލާމާ އިބްނު ކަޘީރު) އޭނާގެ ތަފްސީރުގައި ލިޔުއްވާފައިވެއެވެ. ” مريم ގެފާނުގެ މައިކަނބަލުން އެދަރިކަނބަލުން ފޮތިކޮޅަކަށްލައްވައި އޮޅާލައްވައިގެން ބައިތުލްމަޤްދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ މޫސާގެފާނުގެ އަޚް ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤްދިސްގެ ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާފަދައިން އެބައިމީހުން ބައިތުލްމަޤްދިސް ބަލަހައްޓަމުން ގެންދެއެވެ.

مريم ގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.” މިކުއްޖާއަކީ އަޅުގަނޑު މިސްކިތުގެ ޚިދުމަތަށްޓަކައި ނަދުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށް ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. އަޅުގަނޑު މިދަރިކަނބަލުން އަނބުރާ ގެއަކަށް ނުގެންދާނަމެވެ.”
އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އެހެނީ عمران އަކީ އަހަރެމެންނާއިގެން އިމާމުވެ ނަމާދުކުރައްވާ ބޭކަލެކެވެ. ޤުރުބާނީތަކާ ޙަވާލުވެވަޑައިގެން ހުންނަވަނީވެސް އެކަލޭގެފާނެވެ.

އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. ” އެދަރިކަނބަލުން އަޅުގަނޑާ ޙަވާލު ކުރައްވާށެވެ. އެދަރިކަނބަލުން އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.”

زكريّا عليه السّلام މިހެން ވިދާޅުވުމުން ބައިތުލް މަޤްދިސް ބަލަހައްޓާ އަޚްބާރުން އެކަލޭގެފާނަށް ދެންނެވިއެވެ. ” ތިޔަގޮތަށް ކަންތައްކުރެއްވުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.”

ދެން އެބައިމީހުން ނިންމެވެވީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތަޢުރާތު ލިޔާންގެންގުޅޭ ޤަލަމްތަށް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުތުޢަތުން ހޮވިވަޑައިގެންނެވީ زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ.

އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. عكرمة އާއި ސުއްދީ އާއި ربيع بن أنس (ރަބީޢު ބިން އަނަސް) ވިދާޅުވިއެވެ. އަޚްބާރު ޤުރުޢަތު ލުމަށްޓަކައި ދިޔައީ ޖޯޑަންގެ ކޯރުކައިރިއަށެވެ. އެތަނަށް ގޮސް އެބައިމީހުންގެ ޤަލަމްތަށް ކޯރުގެ ތެރެއަށް އުލާލިއެވެ. އެ ޤަލަމްތަކުގެ ތެރެއިން ކޯރުގެތޭގައި ފެނުގެ މަތީގައި އޮންނަ ޤަލަމުގެ ވެރިފަރާތަކީ مريم ގެފާނުގެ ބެލެހުއްޓުންތެރިޔާއެވެ. ދެން އެބައިމީހުން ޤަލަމްތަށް އުކާލުމުން އެންމެ ޤަލަމެއް ފިޔަވައި އެހެން ހުރިހާ ޤަލަމެއް އަޑިޔަށް ހިނގައްޖެއެވެ. މަތީގައި އޮތީ زكريّا عليه السّلام ގެ ޤަލަމެވެ. އެކަލޭގެފާނަކީ އެބައިމީހުންގެ ސާހިބާއެވެ. ކަންކަމުގައި ރަނގަޅުގޮތް ވިދާޅުވެދެއްވާ ޢިލްމުވެރިޔާއެވެ. އެބައިމީހުންނަށް ތެދުމަގު ބަޔާން ކޮށްދެއްވުމަށްޓަކައި ފޮނުއްވި ނަބިއްޔާވެސްމެއެވެ.

މިދެންނެވި ކަންތައްތަކަށްފަހު އެ އަޚްބާރުންގެ މީސްތަކުން زكريّا عليه السّلام އަށް مريم ގެފާނުގެ ބެލެނިވެރިން ޙަވާލުކުރުމަށް އެއްބަސްވިއެވެ.

++++++++++++++++++++

مريم ގެފާނާއި زكريّا عليه السّلام

زكريّا عليه السّلام ، مريم ގެފާނުގެ އިންނެވުމަށްޓަކައި ވަކިން ޚާއްޞަ މިހުރާބުގެއެއް ހައްދަވައިދެއްވިއެވެ. އެ މިހުރާބުގެއަށް زكريّا عليه السّلام ފިޔަވައި އެހެން މީހަކު ނުވަދެވޭ ގޮތެއްގައެވެ. مريم ގެފާނު ބޮޑުފުޅުވަމުން ތަރުބިއްތުވަމުން އައީ ނަބިއްޔެއްގެ ފުރިހަމަ އިނާޔަތުގެ ދަށުންވެ. زكريّا عليه السّلام އެކަމަނާއަށް ދީނުގެ ކަންތައްތައް އޮޅުން ފިލުއްވައިދެއްވަމުންގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާ ވެވަޑައިގެންނެވީ ނުހަނު ތަޤްވާވެރި ވަރަޢަވެރި ބޭކަނބަލަކަށެވެ. އަބަދާއި އަބަދު މާތް ﷲ سبحانه وتعالى ، އަށް ތަސްބީހަ ވިދާޅުވުމަކީ އެކަމަނާގެ ޚާއްޞަ އުފާފުޅެކެވެ.

مريم ގެފާނު އަޅުވެރިކަމުގެ ސަބަބުން އެކަމަނާއަށް ވަނީ މާތް ﷲ سبحانه وتعالى ޙަޟްރަތުގައި ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައެވެ. އެކަލާނގެ ވަލީވެރިއެއްގެ ދަރަޖަ އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އެހެންކަމުން އެކަމަނާގެ ފަރާތްޕުޅުން ކަރާމާތްތަށް ފާޅުވާފެށިއެވެ. ނުމޫސުމުގެ މޭވާ އަބަދުވެސް ތިޔާގި ކަމާއެކު އެކަމަނާގެ އަރިހުގައި ހުރެއެވެ. އެކަމާ زكريّا عليه السّلام ނުހަނު ޙައިރާންވެވަޑައިގެން ސުވާލުކުރައްވައި އުޅުއްވައެވެ. މިވާހަކަ އާލު ޢިމްރާނު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖإِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾

ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.

مجاهد (މުޖާހިދު) އާއި عكرمة އާއި سعيد بن جبير(ސަޢީދު ބިން ޖުބައިރު) އާއި މިނޫވެސް އެތައް ބޭކަލުންގެ އަރިހުން ރިވާވެގެންވެއެވެ. زكريّا عليه السّلام އަށް مريم ގެފާނުގެ އަރިހުން ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ ދެކެވަޑައިގަންނަވައެވެ. ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ ދެކެވަޑައިގަންނަވައެވެ. (ނުނިމޭ)

++++++++++++++++++++

ޙަވާލާ
1. ސްޓޯރީސް އޮފް ޕްރޮފެޓް ދާރުއްސަލާމް
2.ތަފްސީރު އިބްނު ކަޘީރު
3. ތަފްހީމުލް ޤުރުޢާން
4. ތަފްސީރުލް ޤުރުޠަބީ
5.http://sunnah.com

6. ފަޖުރުތަރި ދިވެހިރާއްޖޭގެ އަޑު

ނޯޓް: މިއީ ވާހަކަ ޑޮޓްކޮމްގައި އަޅުގަނޑު ޝާޢިއުކޮށްފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ތި ލޯބި އެދިގެން (ޓްރެއިލަރ)

Next

ރާމާމަކުނު ތަކަކަށް ބަދަލުކުރެވުނު ރަށުގެ މީހުންގެ ވާހަކަ

Next
July 22, 2018

ރާމާމަކުނު ތަކަކަށް ބަދަލުކުރެވުނު ރަށުގެ މީހުންގެ ވާހަކަ

Previews
July 22, 2018

ތި ލޯބި އެދިގެން (ޓްރެއިލަރ)

4 Comments!

  1. Snow says:
    July 22, 2018 at 9:28 pm

    Jazakallah khairan. 2 vana part ge inthizaruga..

  2. Aif says:
    July 22, 2018 at 11:00 pm

    Varah informative.. may allah bless ur work. Waiting for next part

  3. Shafaq says:
    July 22, 2018 at 11:33 pm

    Vv furihama vaahakaeh… ibraiytherikamun furigenvaa mi vaahakaige 2vana baige ummeedhuga hurin..

  4. Suba says:
    July 23, 2018 at 9:21 am

    Beautiful are the lives of prophets. Thanks for sharing this important piece of work with us readers. Hoping to see more such stories in the future. JazaakAllah khairan

Comments are closed.



All Right Reserved!