ފަޗަސްގަނޑު
ހެނދުނުގެ ނާސްތާކުރުމަށް ހިޔާލީގޭގެ ތިން މެމްބަރުންވެސް ތިބީ ހަމަހިމޭންކަމާއި އެކުއެވެ. ސައިބޯން އިށީނދެ ފަސް މިނެޓުވެސް ނުވަނީސް ހަދިޔާ ތެދުވެއްޖެއެވެ.
“ދަރިފުޅާ ހާދަ އަވަހަކަށް؟ އަދި މާ މަދު.. އިށީނދެ އަދި ”
ހަދިޔާގެ މަންމަ ޒަރީނާ ޝަކުވާކުރިއެވެ.
“ތެދެއް ދަރިފުޅު. އަދި އިށީނދޭ.. ތި ކެވުނީ ދެން ކޯންޗެއް؟!”
ގާސިމްވެސް ބައިވެރިވެލިއެވެ.
ހަދިޔާ އެއްވެސް އެއްޗެއް ބުނާކަށް ނުހަދައެވެ. އޭނާގެ ޖަވާބަކަށްވީ ލުއި ހިނިތުންވުމެކެވެ. އެއީ މިހާރަކަށް އައިސް މިގޭގެ ކާ މޭޒު ދޮށުގެ އާންމު މަންޒަރެކެވެ. ހަދިޔާ ހަމައަށް އެއްޗެއް ނުކާތާ މިހާރު ހަފްތާއަކަށްވުރެ ގިނަދުވަސް ވީއެވެ. މަޑު މަޑުން ހިނގަމުން ގޮސް ހަދިޔާ ވަނީ އޭނާގެ ކޮޓަރިއަށެވެ.
“މަ އަބަދު ބުނަމޭ ތިހެން ޑެބިޓް ކުރަންޔާ ދެން ފެންނާނީ މީހާ އެޑްމިޓްކޮށްފާ އޮއްވައޭ. އެކަމަކުވެސް ބުނަނީ މިފަހަރު ހަމަ ހިކިފައޯ ހުއްޓާލާނީ.”
ޒަރީނާގެ ވާހަކައަށް ރައްދެއްގެ ގޮތުން ގާސިމް ދިނީ ހިނގަނޑެކެވެ.
“ޑެބިޓެއް ނޫން. ޑައެޓް.. އަސްލުވެސް އޭނާ ހަމަ ޑައެޓްތަ އެކުރަނީ؟ އެކުއްޖާގެ ދެލޯކައިރިވެސް އެހުންނަނީ ކަޅުވެފަ. މީހާ އެބަ ހިކޭ އާން. އެކަމަކު އޮއްޓަރުކުރެއްވި އެއްޗެއްވެސް ކާން ޖެހޭނެއްނު. މަށަށް ހީވަނީ އަހަރުމެންގެ ދަރިފުޅު ކަމެއް އެބަ ސިއްރުކުރޭހެން އަހަރުމެންނަށް.”
ގާސިމްގެ ސިކުނޑީގައި ހުރި ޝަކުވާތައް ބޭރުކޮށްލިއެވެ.
“މިއީ އޯލެވެލް އަހަރުވީމަ ވަރަށް ގިނައިރު ނުނިދާ ފިލާވަޅު ދަސްކުރަން ހަދީ އިނދޭ. މަ ފަތިހަށް ހޭލާއިރުވެސް އޭނާގެ ކޮޓަރީގެ ބޮކި ހުރޭ ދިއްލާފަ. އޭނާ އުޅޭގޮތުން އަހަންނަކަށް ހިޔެއްނުވޭ ކަމެއް ގޯސް ހެންނެއް. ގާސިމް ތިޔައީ ދެ މަސް ކުރިން ދަތުރުކުރަން ދިޔަގޮތަށް އަދި މިއަދު ފަތިހު. މި ދޭތެރޭ ހަދީ އުޅުނު ގޮތް މަށަށްނު އެންމެ ބޮޑަށް އެނގޭނީވެސް. އަސްލު އެ ކުއްޖާމެނަށް މި އަހަރު ޕްރެޝަރު ވާނެ ވަރާ ބަލާފަ އެ މަންޖެ ހާދަ އުފަލުންނޭ އެ ހުންނަނީ.
ކުޑަ ކުޑަ ކަމަކަށް ވެސް މިހާރަކަށް އައިސް އެއޮށް އަންނަ ހިންޏެއްދޯ… ޕިސް ޕިސް.. ބަލަން ހުންނަ މީހަކަށްވެސް ހެވޭނެ. މަ އެހީމޭ މަޖަލަކަށް ހަދާފަ އެއްދުވަހު، ދަރިފުޅާއޭ މޮޔަވީހެއްޔޭ އަބަދު ތި ހެނީ. އެއީވެސް ފާޑެއްގެ ކަސްރަތެކޯ. ހުނުމަކީވެސް ރަނގަޅު ކަމެކޯ.”
ޒަރީނާ ދިޔައީ ގާސިމަށް ގެއްލުނު މަންޒަރުތައް އަޅުވައިދެމުންނެވެ.ގާސިމްވެސް މަޖަލުގައި ބައިވެރިވެލިއެވެ.
“އާނ އަދި މިއިނީ ހަނދާން ނެތިފައޭ. ހަދީގެ އެއްޗެހި ވެސް އެބަހުރި ދޮންނަންވެފަ. ގާސިމް ސައިބޮއެފަ ބުނެލައްޗޭ. ތަށިތަން ނަގަން އަންނާނަން އެއްޗެހި މެޝިނަށް ލާފަ.”
ކުއްލިޔަކަށް ހަނދާންވުމުން ޒަރީނާ ތެދުވަމުން ބުނެލިއެވެ.
އަވަސް ހިނގުމެއްގައި ގޮސް ޒަރީނާ ވަނީ ކޮޓަރިއަށެވެ. އަދި ވަށިގަނޑެއް ފުރާ ހުރި ހެދުން ތަކެއް ހިފައިގެން ނުކުތެވެ. ގާސިމް އިނީ ފޯނުން “އަޑަފި” އިން ޚަބަރުތައް ބަލާށެވެ. އެއް އަތުން ފޯނުގެ އިސްކްރީންގައި ބޮޑުވާ އިނގިލި ކާއްތާލަމުން އަނެއް އަތުން ސައިތަށި ބޮމުން ދިޔައީ ހަމަޖެހިލައިގެން އިނދެއެވެ.
ޒަރީނާ މެޝިނަށް ހެދުންތައް އަޅަމުން ދިޔަތަން ގާސިމަށް ފެނުނީ އެއްލި ކަޅިއަކުންނެވެ. އެ ގޭގައި ހުންނަނީ އޮޓޯ މެޝިނެކެވެ. ކައި މޭޒާއި ބަދިގެ ބަޔާއި މެޝިންވެސް ހުންނަނީ ފެންނާނެހެންނެވެ.
“ގައިމު ބުނި ހަދިޔާގެ ހެދުންތަކޭ؟!”
ގާސިމް ސުވާލުގެ ނަޒަރަކުން ބަލައިލީ ޒަރީނާ އަޅަމުން ދިޔަ ހެދުން ތަކަށެވެ. ގާސިމް އެހެން ބުނުމުން ޒަރީނާ ފުރަތަމަ ބަލައިލީ ގާސިމަށެވެ. ދެން އޭނާގެ އަތުގައި އޮތް ހެދުމަށެވެ.
” އާނ.. މިއީ ހަދިޔާގެ އޭ.. އޭނަވެސް މިހާރު މިކަހަލަ އަބާޔާ ހެދުންލަނީ. މިހާރު ތިންވަރަކަށް ހަފްތާ ވެދާނެ. އެހެން ސިޓިން ރޫމުގަ އުޅޭ އިރުވެސް އަބަދުވެސް ލަނީ ދިގު ހެދުންތައް. މަށެއް އެއްޗެކޭ ނުބުނަން. އޭނާ ކުރިން އެލާ އުޅުނު އެއްޗެހި މަށަށް އެހެން ނޫނަސް ކަމަކު ނުދޭ. ”
ޒަރީނާގެ މި ވާހަކަތައް ގާސިމަށް ވީ ބޮޑު އަޖައިބަކަށެވެ. އޭނާގެ ދަރިފުޅު ހާދަ ބޮޑަކަށް ބަދަލުވެއްޖެއެވެ. މިކޮޅުން ދިޔައިރު އެއީ މިފަދަ އެއްވެސް ކަމަކަށް ލޯބިކުރާ ކުއްޖެއް ނޫނެވެ. ފިހާރައިން، ޖެއްސުމަށް، އަބާޔާ ހެދުމެއް ދެއްކިޔަސް ހަދިޔާއަކީ ވައްތަރެއް ޖައްސައިލާ ފޫހިވާކަން ދައްކާ ކުއްޖެކެވެ. މިހާ ކުޑަ ދުވަސްކޮޅަކުން މިއައީ ހާދަ ބޮޑު ބަދަލެކެވެ.
މި ހުރިހާ ޚިޔާލުތަކަކުން ގާސިމް ހޭލައްވާލީ ކޮޓަރިއެއްގެ ތެރެއިން ފުޅިއެއް ވެއްޓި ތެޅުނު އަޑަށެވވެ. ދެން އިވިގެން ދިޔައީ ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ.
ދެމަފިރިން އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ހައިރާންކަމާއި ސުވާލުތަކުން ފުނިޖެހިފައިވާ ހާލުގައެވެ. އަޑު އެއައީ ހަދިޔާގެ ކޮޓަރިންނެވެ. ދެމަފިރިން އެކުގައި ދުއްވައިގަތީ ހަދިޔާގެ ކޮޓަރިއާ ދިމާއަށެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ.
ގާސިމް ވަރަށް ބާރަށް ހަދިޔާގެ ކޮޓަރީ ދޮރުގައި ޓަކި ދިނެވެ. ހަދިޔާއަށް ގޮވަމުންނެވެ. ޒަރީނާ ވެސް ގޮވަމުން ދިޔައީ ރޮވެމުންދާ ޙާލުއެވެ. ކޮޓަރިން އެއްވެސް ޖަވާބެއް ނައެވެ.
“ޒަރީ.. ޑަބަލް ކީ.. އަވަސް” ގާސިމް، ޑަބަލް ކީގެ މަތިން ހަނދާންވީ ކުއްލިއަކަށެވެ. ޒަރީނާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަދި އިރުކޮޅެއް ފަހުން ތަޅު ދަނޑިއެއް ހިފައިގެން އައެވެ.
އަވަސް އަވަހަށް ތަޅު ދަނޑިޖަހައި ގާސިމް، ހަދިޔާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ދެން އެ ފެނުނު މަންޒަރަކީ ހިތަށް ހަމަ ތި ގެނައިފަދަ މަންޒަރެކެވެ.
ކަމަކު ދާކަށް ނެތެވެ. ހަދިޔާ އެ އޮތީ ބިންމތީގައެވެ. އޭނާގެ ކައިރީގައި ވެއްޓިފައި އެ އޮތީ ކޮޓަރީގެ ފަންކާއެވެ. ކަރުގައި ބާރަށް އައްސާފައި އެ އޮތީ ބެޑްޝީޓެވެ. ދެން ކައިރީ ވެއްޓިފައި އެ އޮތީ ހަދިޔާ އަރައިގެން ހުރި ގޮނޑިއެވެ. ތަޅައިގެން ގޮސް އެ އޮތީ އިހަކަށް ދުހު ޒަރީނާ ނުފެނިގެން އެތަން މިތަން ހޯދި މީދާ ބޭސް ފުޅިއެވެ.
ޒަރީނާ ވަރަށް ބާރަށް ރޮއެ ހޭރިގަތެވެ. ހަދިޔާގެ ގާތަށް އެ މަންމަ ދިޔައީ ލަގޮނޑި ފަޅައިގެން ގޮސްފައިވާ ހާލުއެވެ. ގާސިމަށްވެސް ރޮވެނީއެވެ. ގެއްލި އެދިޔައީ އެ ދެމފަރިންގެ ލޮލުގެ ކޮއެވެ. ހިތުގެ ވިންދެވެ. ފުރާނައިގެ ދިރުމެވެ. ގޭގެ އުފަލެވެ. އެތަކެއް ފޮނި ހުވަފެންތަކާއި އުންމީދުތަކެވެ. ހަދިޔާގެ ހަށިގަނޑުގައި ދިރުން އެބަހުރިތޯ ގާސިމް ބަލަން ކުރި ކޮންމެ މަސައްކަތަކުންވެސް އިވިގެންދަނީ ހަމަ އެންމެ އަޑެކެވެ. ހަދިޔާ މި ދުނިޔެއާއި އަލްވަދާއު ކީއެވެ.
ގާސިމަށާއި ޒަރީނާއަށް ވެސް ހަދިޔާގެ ފުރާނަނެތް މަސްގަނޑުގައި ފިރުމާލަ ފިރުމާލާ އިނދެވުނީ ފުލުހުންނަށް މައްސަލަ އެންގުމުގެ މުހިއްމުކަންވެސް ހަނދާން ނެތިފައެވެ. ގޭގައި އުޅެނީ ތިން މީހުންކަމުން ހިނގައިގެން މިއުޅޭ ހިތާމަވެރި ހާދިސާ ކަމާބެހޭ ފަރާތަށް އަންގައިދޭނެ ނުވަތަ މި ތަން ދެކޭނެ އިތުރު މީހަކުވެސް ނެތެވެ.
ގާސިމްގެ ލޮލުގައި ދެން އަޅައިގަތީ ޑްރެސިން ޓޭބަލް މަތީ “ވައިބްރޭޓް” ވަމުން ދިޔަ ހަދިޔާގެ ފޯނެވެ. ގާސިމް ހިތްވަރުކޮށްފައި ތެދުވެ ގޮސް ހަދިޔާގެ ފޯނުނެގިއެވެ. ކަން ދިމާކުރި ގޮތުން ފޯނު އޮތީ ލޮކުވެސް ނުކޮށެވެ.
ހަދިޔާގެ ފޯނަށް އެ އަންނަނީ މެސެޖެކެވެ. ގާސިމް މެސެޖް އިންބޮކްސް ހުޅުވާލިއެވެ. އޭނާގެ ދެލޯ ބޮޑުވީ ދެނެވެ. ހަދިޔާއަށް އައިސްފައި ވަނީ އެންމެ މެސެޖެއް ނޫނެވެ. އެތައް ސަތޭކައެއްހާ ނަންބަރުގެ މެސެޖްތައް ނުހުޅުވާ ހުއްޓެވެ. ކޮންމެ މެސެޖެއް ގާސިމް ވަކި ވަކިން ކިޔެވެ. ތަފާތު އިބާރާތްތަކުން ލިޔެފައިވަނީ ހަމަ އެއް ބަސްތަކެކެވެ.
“ކަލޭ މަރުވާށެވެ. ތީ ދުނިޔެ އަށްވެސް ހުރި ބޮޑު ލަދެކެވެ.”، “އަދިވެސް ފަޗަސްގަނޑު ސުކޫލަށް ދަންހެއްޔެވެ؟ އުނދަގުލެއް ނޫންހެއްޔެވެ؟ ދުނިޔޭގަ ކަލޭ ނެތްނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ؟” ކޮންމެ މެސެޖެއްގައިވެސް ހަދިޔާއަށް އިޝާރަތްކޮށްފާ ވަނީ “ފަޗަސްގަނޑު”ގެ ނަމުންނެވެ. އެއީ ކޮން އެއްޗެއްކަމެއް ގާސިމަށް ނޭނގުނަސް އެންމެ 16 އަހަރުގެ އެ ކުޑަ ހިތަށް މިބަސްތައް ބަރުދާސްތުވީ ކިހިނެއްބާވައޭ ގާސިމްގެ ހިތަށް އެރިއެވެ. މެސެޖްތައް ނުބަލާ ފޯނު، ގާސިމް ބޭއްވީ ހިތް ފަޅައިގެން ދާހާ ވުމުންނެވެ.
ގާސިމް ދެން ހަދިޔާގެ ފޯނުން ބަލައިލީ “ރީސެންޓް އެކްޓިވިޓީސް” އެވެ. އެންމެ ފަހުން ހަދިޔާ ވަނެފައިވަނީ މެސެންޖާއަށެވެ. ގާސިމް މެސެންޖާ ހުޅުވާލިއެވެ. އެންމެފަހުގެ މެސެޖް ހަދިޔާއަށް ލިބިފައި އެވަނީ މީގެ 10 ވަރަކަށް މިނެޓު ކުރިންނެވެ. ގާސިމް ދެލޯ ފުހެލަމުން އެ މެސެޖްތައް ކިޔާލިއެވެ. މެސެޖް ފޮނުވި ފަރާތުގެ ނަން ހަދިޔާ “ސޭވް” ކޮށްފައި ވަނީ ރަތް ހިތަކުންނެވެ. ހަދިޔާ މިކަހަލަ ކަމެއް ކުރަމުން ގެންދިޔަކަން ގާސިމަށް ރޭކައިލީވެސް ދެނެވެ.
” އެމީހާ: ހައި. އައި ހޭވް ސަމްތިން ޓު ޓެލް
ހަދިޔާ: ޔާ ލަވް
އެމީހާ” ހަދީ ހިކެން ވީނު؟
ހަދިޔާ: ……….
އެމީހާ: ޔޫ ނޯ.. އައި އަކަށް ނުކެރޭނެ ޔޫ ގޮވައިގެން ތަންތަނަކަށް ވެސް ދާކަށް. އައި ސޯ ޔޫ ހަމަ ލޮލަށް އަދި ކިރިޔާ މި ދިޔަ ހަފްތާގައި. އައި މީން ކަމް އޯން.. ފޭކް އެފްބީ ޕީޕީ.. އައި ތޯޓް ޔޫ ތީ… އެ ދުހު ދެމީހުން އެކުގަ ހިނގާލަން ދިޔަ ކަމަށްޓަކާ އެތައް ބަޔަކު އައި އަށް މަލާމާތްކުރި. އައި ސޯ ޕީޕަލް ލާފިން އެޓް މީ.. ލައިކް ލިޓަރަލީ!
ހަދިޔާ: ފޮޓޯ އެއީ ހަމަ އަހަރެންގެ ފޮތޯއެއް.. އެންޑް.. ޔޫ އެރޭ މީޓް ވީ ފަހުންވެސް ބައިވަރެއް ޓޯކް ކޮށްފި ނައު. ކުއްލިޔަކަށް… އަހަރެން ދެކެ ލޯތްބެއް ނުވަންތަ؟
އެމީހާ: ނުވަން.. އަހަރެން ވީ ހަމްދަރުދީ.. ބައި!”
ފޯނުގެ އިސްކްރީން މައްޗަށް ގާސިމްގެ ލޮލުން ކަރުނައިގެ ތިއްކެއް ވެއްޓުނެވެ. އޭނާގެ ދަރިފުޅު ދުނިޔެ ދޫކޮށް އެދިޔައީ ހާދަ ތެޅުމެއް ތެޅިފައެވެ. ހާދަ ހިތާމައެއް ކުރާނޭ ގާސިމްގެ ހިތަށް އަރަމުންދިޔައީ ލޮލުން އިތުރު ކަރުނަތައް ފައިބަމުންނެވެ. ދަރިފުޅު ޚިޔާރު އެކުރީ ރަނގަޅު މަގެއް ނޫންކަން ގާސިމް އަށް އެނގެއެވެ. އޭނާ ހަޤީޤަތުގައި ދެރަވެ ލަދުގަންނަނީ އެވަރު ބޮޑު ކަމެއް ވީއިރު އެކަން ޚިއްސާކުރާނެވަރުގެ ގާތް ގުޅުމެއް ދަރިފުޅާއި ނުބޭއްވުނީމައެވެ. އެހެންނަމަ މިއަދު ހަދިޔާ ހުންނާނީ ދިރިއެވެ. އެފަކީރުގެ ނިމުން މިގޮތަށް ނައީހެވެ.
ޚިޔާލުގެ ހިތާމަވެރި ދުނިޔެއިން ގާސިމް ހޭލައްވައިލީ ކޮނޑުގައި މީހަކު އަތް ބޭއްވިކަން އިހުސާސް ވުމުންނެވެ. އެނބުރި ބަލައިލި އިރު ފަހަތުގައި ޒަރީނާހުރީ ފެންކަޅީވެފައެވެ. އަތުގައި ގަނޑެއް އޮތެވެ. ޒަރީނާ އަށް ހުރީ ޝޮކެއް ލިބިފައެވެ. ގަބުވެފައި ހުރެ ގާސިމަށް ގަނޑު ދިއްކޮށްލިއެވެ.
ކަރުނަތަކަކުން އެ ގަނޑުގެ ބޮޑުބައި ވަނީ ފޯވެފައެވެ. ގާސިމް ފަރުވާތެރިކަމާ އެކު ގަނޑުގައި ހިފީ އޭގައިވާ އެއްވެސް އެއްޗެއް ފެވުނަ ނުދިނުމަށެވެ. އޭގެން ކޮންމެ ބަހެއް ކޮންމެ އަކުރެއް، ކޮންމެ ފިއްޔެއް ކިޔަން ގާސިމް ބޭނުމެވެ. ގަނޑުގައި ލިޔެފައިވެއެވެ.
“ލޯބިވާ މަންމާއި ބައްޕާއެވެ. މި ފިޔަވަޅު އަހަރެން މި އަޅަނީ ދުނިޔޭގެ މަލާމާތާއި ފުރައްސާރައަށް ބެލުމެއް ނެތިއެވެ. މިއަދު އަހަންނަށް ވާވަރަށް ފުރައްސާރަ ލިބިގަނެވިއްޖެއެވެ. އަހަރެން ތި ދެމީހުން ދެކެ ވަރަށް ވަރަށް ލޯބިވަމެވެ. އެކަމަކު ހާލަތު ނިޔާކުރި ގޮތުން އަހަންނަށް މިވަނީ ތި ދެ ލޮބުވެތިންނާއި ދުރަށް ދާން ޖެހިފައވެ. އަހަރެންގެ މައްޗަށް ހިތްބުރަ ނުކުރާށެވެ.
މަންމާއެވެ. މަންމައަށް ނޭނގި އަހަރެންގެ ޙަޔާތުގެ ދުވަސްތަކުގައި ހާދަކަމެއް ހިނގައިފިއެވެ. މިއަދު އެ ހުރިހާ ވާޙަކަތަކެއް މަންމަމެނަށް އަހަރެން ކިޔައިދޭނަމެވެ.
އަހަރެން އާދަޔާ ޚިލާފަށް ފަލަވުމުން އެންމެ ފުރަތަމަވެސް އަހަރެންނަށް މަލާމަތްކުރީ އަހަރެންގެ މުދައްރިސެވެ. އެއީ އެތައް ފޮނި ފޮނި ހުވަފެންތަކާއެކު އަހަރެންގެ ކިޔެވުމުގެ ޙަޔާތް ފަށައިގެން ފުރަތަމަ ދުވަހެވެ. އަވަށްޓެރި ހިސާބުގަނޑު އެކުވެރީން ފަލަބެޓް ކިޔަސް އަހަރެން އަޅައެއް ނުލަމެވެ. އެއީ މަންމަ އަބަދުވެސް އަހަރެންގާތު ސުކޫލަށް ދާން ފެށީމަ ރަނގަޅުވާނޭ، އެތަނުގެ ކުދިން ރަނގަޅުވާނޭ ބުނާތީއެވެ. ނަމަވެސް އެ އުއްމީދުތަކުގައި ފުރަތަމަދުވަހުވެސް ޖެހީ ކޮޅުފައިންނެވެ. މަންމަ އަހަރެން އިސްކޫލަށް ފޮނުވީ ނުލާހިކު ފޮނި ހުވަފެން ތަކަކާއި އެކުއެވެ. ހަޤީްަތް ހާމަނުކޮށް ފޮރުވުމަށް އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނުނީ އެހެންްވެ ކަންނޭނގެއެވެ.
މަންމާއެވެ. ހަނދާންވޭހެއްޔެވެ؟ ކޮންމެ ޕޭރެންޓް ޓީޗާ ބައްދަލުވުމެއްގައި ހުރިހާ މުދައްރިސުން އަހަންނަށް ތަޢުރީފްކޮށް ހަދައެއް ނޫންހެއްޔެވެ؟ އެއީ އެމީހުން ކުރަމުންދާ މަލާމާތް ދުނިޔެއަށް އިވިދާނެތީ އޭގެ މަތީގައި އަޅާ ޓޭޕެކެވެ. އަހަރެން ހަނު ހުރީމެވެ. ހާދަ ޝަކުވާތަކެއް ހިތުގައި ވިއެވެ. ހާދަ ދެރަވެއެވެ.
މީހުން ބުނެއެވެ. އެއީ ދެވަނަ މައިންބަފައިންނެވެ. އެކަމު އަހަންނަށް އެކަމެއް އެމީހުންގެ ފަރާތުން ނުފެނުނެވެ.
ކޮންމެ ގުރޭޑެއްގައިވެސް ކެއުމާ ގުޅޭ ފިލާވަޅެއް އައިސްފިނަމަ މުޅި ކުލާސް އަހަންނަށް މަލާމަތްކުރާނެއެވެ. މުދައްރިސުންވެސް މެއެވެ. އަބަދުވެސް އަހަންނަށް އިވެމުން ދިޔައީ “ފަލަބެޓް” މި ލަފްޒެވެ. މަންމާއެވެ. އަހަރެން ފަލަވަނީ އަޅެ އަހަރެން ކާތީ ހެއްޔެވެ؟ މިއީ ގުދުރަތުން އަހަންނަށް ދެއްވި ސިފައެވެ. އެމީހުންނަށް ހަގީގަތުގައި އެ މަލާމަތް ކުރެވެނީ ކޮން ފަރާތަކަށްކަން އެނގޭނެ ނަމައެވެ.
ހިކެންވެސް އަހަރެން ބޭނުމެވެ. މި ދުވަސްތަކުގައި ނުކެއީ ވެސް އެހެންވެގެންނެވެ. ދިރިހުންނަށް އަހަންނަށް ހިތްވަރު ބޭނުންވިއެވެ. ނަމަވެސް އެ ހިތްވަރު އަހަންނަށް ދޭނެ އެކަކުވެސް ނުވިއެވެ. ކުޑަމިނުން މަންމަ ވެސް ނިންމީ އަހަރެން މި އުޅެނީ ވަރަށް އުފަލުގައި ކަމަށެވެ. މަންމަ ބަލައިލީ އަހަރެންގެ މޫނުމަތީގައިވާ މާސްކަށެވެ. އެކަމަކު ހަޤީޤަތުގައި އަހަރެންގެ ހިތުގައި އަޅަމުން ދިޔަ ވޭން ފެންނާނެކަމަށް އަހަރެން އެންމެ ބޮޑަށް އުންމީދުކުރި މީހަކީ ތިއީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްދަތިކަމާއެކުއެވެ. އެތައް ފަހަރަކު އަމިއްލައަށް މަރުވާންވެސް އަހަރެން ހިތަށް އެރިއެވެ. ނަމަވެސް ނުކެރުނީއެވެ. ތި ދެމީހުންނާމެދު ވިސްނާފައެވެ.
މި އަހަރު ބުލީކުރަމުން ދިޔަ ކުދިންނަށް އިތުރު ހިތްވަރެއް ދިނީ ކުލާހުގެ ދިވެހި މުދައްރިސެވެ. މަޒުމޫނުގައި ލިޔެވޭނެ އައު ބަހެކޭ ކިޔާ ވަރަށް ފަލަމީހުންނަށް “ފަޗަސްގަނޑު” ކިޔާށޭ ބުނީ ސީދާ އަހަންނާ ދިމާއަށް އިޝާރާތްކޮށެވެ. ވަރަށް ދެރަވިއެވެ. މުޅި ކުލާހުގެ މަލާމަތް ރައްދުވިއެވެ. އެދުވަހަށްފަހު މިއީ އެންމެން ދަންނަ ފަޗަސްގަނޑެވެ. މަގުމަތިން ފެނުނަސް ގޮވާ ހަދައެވެ. މަންމަ މެނާއެކީ އަހަރެެން ބޭރަށްވެސް ނުދަނީ މި ސަބަބާހުރެއެވެ. މިއިން އެއްވެސް ކަމެއް އެނގެން އަހަރެން ބޭނުން ނުވާތީއެވެ.
މިކަމަށްވެސް އަހަރެން ކެތްތެރިވީމެވެ. ނަމަވެސް އަހަންނަށް އިހުސާސްވަމުން ދިޔައީ އާދަޔާ ޚިލާފް ހިތްދަތި ކަމެކެވެ. އެކަނިވެރިކަމެކެވެ. ވަށައިގެން މީހުން ތިބެމެ އަހަރެން ހުރީ އެކަނި ވެފައެވެ. ކޮންމެ ދުވަހަކު އަހަރެން މޫނުބަލާ ލޯގަނޑު ކުރިމައްޗަށް ހުއްޓެނީ ލަދުވެތިވެ ހުރެއެވެ. ލޮލުން ކަރުނަ ފައިބަމުން ދާ ހާލު ހިތްވަރުކުރުމަށް އަހަރެން އަމިއްލަ ނަފްސުގެ ކުރިމަތީގައި އާދޭސްކުރީމެވެ.
މަންމާއެވެ. ހަނދާންވޭ ހެއްޔެވެ؟ އިއްޔެ އަހަރެންގެ އަތް ކަނޑައިގެން ދިޔައެއް ނޫންހެއްޔެވެ؟ ދިޔައީކީ ނޫނެވެ. އަތުގައި ވަޅިއެޅީއެވެ. އެތައް ފަހަރަކު ގައިގައި ވަޅި އަޅަމެވެ. މި ފަލަ ހަށިގަނޑުދެކެ މިއަދު އަހަރެން ބޭއިންތިހާއަށް ފޫހިވާން ފަށައިފިއެވެ.
ފޫހިކަމާއި އެކަނިވެރިކަން ފިލުވުމަށް އަހަރެން ވަނީ ފޭސްބުކަށެވެ. އަދި އަހަރެންނަށް އެތަނުން ދިމާވި އަޒީމް އާއި ލޯބީގެ ގޮތުން ގުޅުނީމެވެ. މަންމަމެން ގާތު މި ވާހަކަ ނުބުނެވުނީތީ ސޮރީއެވެ. ހިތްދަތި މިޙަޔާތައް ކުޑަވެސް އަލިކަމެއް އައީ އެދުވަހުން ފެށިގެންނެވެ. މީހުންގެ ފުރައްސާރަތަކަށް ބީރު ކަންފަތެއް ދިނުމަށް އަހަންނަށް ދަސްކޮށްދިނީ އަޒީމެވެ. އަހަންނަށް ދިމާވަމުން އައި އެއްވެސް މައްސަލައެއް އަހަންނެއް އަޒީމަކަށް ކިޔައެއް ނުދެމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނޭނގުނަސް އޭނަ އަހަންނަށް ހިތްވަރު ދީ ހަދައެވެ. މުޅި ހަޔާތުގައިވެސް ދިމާވި އެންމެ ލޯބިވި އިންސާނަކީ އެއީއެވެ. އޭނަވެސް އަހަރެން ދެކެ ލޯބިވާކަމަށް އަހަންނަ ހީކުރެވުނެވެ. އަހަރުމެންގެ ތިން މަސްދުވަހުގެ ގުޅުން ދެމިއޮތީ ހަމައެކަނި މެސެންޖާއިން ފޮނުވަމުން އައި މެސެޖުތަކުގެ މަތީގައެވެ. މިއީ ދާއިމީ އުފަލެއްކަމަށް އަހަންނަށް ހީވިއެވެ. ނަމަވެސް..
ނަމަވެސް އުއްމީދުގެ އެ ހުޅުކޮޅުވެސް ނިވިއްޖެއެވެ. އަޒީމާއި މިދިޔަ ހުކުރުދުވަހުގެ ރޭ އަހަރެން ބައްދަލު ކުރީމެވެ. ( އާއެކެވެ. އަހަރެން ދިޔައީ ޒިދުނާމެންގެ ގެއަކަށް ނޫނެވެ.) އެރޭ އޭަނަަށް މި އިންސާނާ ފެނުމުް ހަދާނެ ގޮތަކާމެދު ވިސްނައި ހިތް ދިޔައީ ތެޅެމުންނެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ރަނގަޅަށެވެ. ނަމަވެސް އެރެއަށް ފަހުން އޭނާ އަހަންނާ ވާހަކަ ދައްކާ މިންވަރު މަދުވިއެވެ. އޭނާ އަހަންނާ ފޭވާން ފެށިއެވެ. އެންމެފަހުން… އަޒީމަށް ވެސް އަހަރެން ފެނުނީ ފަޗަސްގަނޑެއްގެ ސިފައިގައެވެ. ފޯނު ބަލައިލާށެވެ. އަންލޮކް ޕާސްވޯޑަކީ “I hate myself” އެވެ. އެޔަށް އެ އަންނަމުންދާ މެސެޖުތައް ފެނިފައި ހައިރާން ނުވާށެވެ. އެ މެސެޖުތަކަކީ ކޮންމެ ދުވަހަކުހެން އެކި މީސްމީޙުން ފަރާތުން އަހަންނަށް އައު ދުވަހަކަށް ކިޔާ މަރުޙަބާއެވެ.
އަހަރެންގެ ހިތްވަރު އެލިއްޖެއެވެ. ދުނިޔެ މަތިން ފޫހިވެއްޖެއެވެ. މަންމަމެންގެ ހަދިޔާއަށް މާފުކޮށްދޭށެވެ. މަންމަ މެން ބޭނުންވާ މޮޅެތި ގުރޭޑްތައް އަހަންނަކަށް ހޯދައެއް ނުދެވޭނެއެވެ. އެހައި ހިތްވަރެއް މި ފުރާނައަކު ނެތެވެ. ޖީސީއިން ދަށްވެއްޖެނަމަ މަންމަ ވާނެ ދެރަ އިހުސާސްވެއެވެ. އަދި ކޮންމެ ދުހުކު އެކަމާ ވިސްނާ ރޮއެ ހެދެއެވެ. އަހަރެންގެ ލޮލުން ކޮންމެ ރެއަކު ނުނިދާއޮވެ އޮހޮރި ކަރުނަ އެނގޭނީ އަހަރެން ބޯއެޅި ބާލީހަށެވެ. އަހަރެންގެ ޙަޔާތުގެ ފޮތް އަހަރެން މި ލައްޕާޕަނީ މި ފޮތުގެ ފަހު ޞަފުޙާއަށް ނުގޮހެވެ. މިއީ މީހަކު ކިޔާ ހިތްވާ ވަރަށް ވުރެ ހިތްދަތި، ފޫހި އަދި އުފަލެއް، ދިރުމެއް ނެތް ވާހަކައެކެވެ. މި ޙަޔާތުގައި އުފަލެއް އޮތް ކަމަކަށް އަހަންނަށް ދެން ޤަބޫލުކުރެވޭކަށް ނެތެވެ. ދެން އެކަކަށްވެސް އުނދަގޫ ކުރާކަށް މި ފަޗަސްގަނޑެއް ނުހުންނާނެއެވެ. އައި ލަވް ޔޫ ބޯތް ސޯ މަޗް….”
އެ ގަނޑު ކިޔައި ނިންމިއިރު ގާސިމްއާއި ޒަރީނާގެ މޫނުމަތިން ފެންނަމުން ދިޔައީ ބޭއިންތިހާ ލަދުވެތިކަމެވެ. ދެރައެވެ. މާޔޫސީއެވެ. ހިތާމައެވެ. ހިތްދަތިކަމެވެ. ދަރިފުޅުގެ ހަޔާތުގައި މިއޮށް ހުރިހާ ކަމެއްވީއިރު ތިމަންނަމެން ކޮބައިބާވައޭ ހިތަށްއެރިއެވެ. ކޮންމެ ދުވަހަކު ދަރިފުޅު ސުކޫލުން އައިސް މިއަދު ސުކޫލު ވަރަށް މަޖަލޭ ކިޔައި ދޮގު ހެދުމުން އެއީ ތެދެއްތޯވެސް ބަލައި ލެވޭނެހައި ޒަރީނާއަށް ނުވީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ގަނޑުގެ ދެފުށުގައި ލިޔެފައި އެވަނީ ތޫނު ޚަތިޔާރެއްފަދަ ބަސްތަކެކެވެ.
ދަރިފުޅައި އެކަށީގެންވާ ވަރަށް ގާތްވެވި ގުޅުން ބަދަހި ކުރެވުނުނަމަ މިހެން ނުވީސްކަން ކަށަވަރެވެ. އެކަށީގެންވާ ތަރުބިއްޔަތެއް ދީ ކިތަންމެ ދަތި އުނދަގުލަކާ ކުރިމަތިލާން ޖެހުނަސް އަމިއްލަ ފުރާނަ ދުއްވާލުމީ ހައްލު ނޫންކަން ހަނދުމަކޮށްދެވުނު ނަމަ މިހެންނުވީހެވެ. މި ފާފައިގެ ބޮޑުކަން ބުނެދެވުނު ނަމަ މިހެން ނުވީހެވެ. ނަމަވެސް ދެން ނަމައަކުން ކެކޭނެ ރިހައެއް ނެތެވެ. ހަދިޔާ އެދިޔައީއެވެ. ހިތުގައި ފޮރުވައިގެން ގެންގުޅު އޭނާގެ ކަޅު އަނދިރި ދުނިޔެ އެންމެނަށް ހާމަކޮށްދީފައެވެ. ފޮރުވި ސިއްރުތައް ބޭޒާރުކޮށްދީފައެވެ.
ދެން އޮތީ ދަރިފުޅަށް އިންސާފް ހޯދައިދިނުމެވެ. އޭނާއަށް ހަނގާކުރުގައި ބައިވެރި ކޮންމެ މީހެއްގެ ނަން ވަކި ވަކިން ކިޔައިދޭނަމޭ ހިތައި ގާސިމް ތެދުވީ އަތްދަނޑިމައްޗަށް ހަދިޔާގެ ފުރާނަ ނެތް މަސްގަނޑު ނަގައިގެންނެވެ. ފަހަތުން ހިތްވަރު ކުރަމުން ޒަރީނާ ތެދުވީ ގިސްލަމުންދާ ޙާލުއެވެ. ވެވުނު އިޙުމާލުގެ ބޮޑުކަމާއި ހުރެ ލަދުވެތިވާ ޙާލުއެވެ.
ނޯޓް: މިއީ އަމިއްލައަށް މަރުވާން ހިތްވަރު ދިނުމަށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެކެވެ. މުސްލިމެއްގެ ހައިސިއްޔަތުން ކޮށްގެންވާނެކަމެއް ނޫނެވެ. އެއީ ނައްޞުން ސާބިތުވާ އަޛާބު ބޮޑު އަމަލެކެވެ. ދަންނާށެވެ. މީގެ ކުރިން ތިބާއަށް ދިމާވި ހިތާމަވެރި އެތައް ދުވަހެއްގެ މައްޗަށް ތިބާ ވަނީ ނަޞްރު ހޯދާފައެވެ. މި އަނދިރިކަމަށް ވެސް އަލިކަމެއް އަންނާނެއެވެ.
ހަނގާ ކުރުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ހައްޤެއް ނޫނެވެ. މާތް ﷲ ކޮންމެ އިންސާނެއްވެސް ހެއްދެވީ އެންމެ ރީތި ސިފައިގައެވެ. އެ ފުރިހަމަ ފަރާތުގެ އުފެއްދެވުމަކަށް ފާޑުކިޔުމަށް އަހަރުމެން މަޚްލޫގުންނަށް ލިބިފައިވަނީ ކޮން ހައްޤެއް ހެއްޔެވެ؟
މީހެއްގެ ހިނިތުންވުމަކީ ފުން ކަނޑެއްހާ ފުން އެއްޗެކެވެ. އެތައް މާނައެއްވާ އެއްޗެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވާ އަނދިރިކަން ނޭނގެނީސް ފާޑުނުކިޔާށެވެ. ވާ އުނދަގޫ ކިޔައިދިނުމަށްވުރެ ހިނިތުންްވެލުން އެތަށް ބަޔަކަށް ފަސޭހައެވެ. ހިނިތުންވުމުގެ މާނަ އޮޅުވާނުލާށެވެ.
ހިތާމަތައް މިންވަރު ވުމުން މީހަކާ ހިއްސާކުރާށެވެ. ހިތަށް ލުއިކަމެއް ލިބޭނެއެވެ. ތިބާގެ ހަޔާތް ފަސޭހަކޮށްދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދަންނަވާށެވެ. އަދި ޑަކްޓަރީ ފަރުވާ ހޯދަން ޖެހިއްޖެނަމަ އެކަންވެސް ކުރާށެވެ. ނަމަވެސް ކޮއެފުޅާ ދެލޯފުޅާއެވެ. އަމިއްލައަށް މަރު ނުވައްޗެވެ. ޙަޔާތުގައި ދެން އޮތް ޞަފުޙާތަކުގެ އުފާވެރިކަން ތަޖުރިބާނުކޮށް ފޮތް ލައްޕައިފިނަމަ އެއީ ކުރެވޭ ބޮޑު މޮޔަކަމެވެ. އަބަދު އެއް ޞަފުޙާއެއް ނުކިޔާށެވެ. ހަޔާތުން ގަނޑެއް އެއްލާށެވެ. ނަމަވެސް.. ފޮތް ނުލައްޕައްޗެވެ.
(ނިމުނީ)
10 Comments
Comments are closed.
v vvv reethi
Nice varah iburaitheri vaahakaeh
Its superbb❤
Asluves vvvvvvv reethi…. mi vaahaka in ibratheh haasil kuran vaane konme kuhjaku ves …. vvvvvvv reethi??????????
Thanks everyone??
Masha allah.. iburaittheri vaahaka eh
V ibrahtheri vaahaka eh Alhugadu ah beybe thiliya story thah varah reethi!!! Alhugadu ves beynun vanee beybe kahala molhu writer akah vaan!!! Insha allah!!!! ????????????????
Beybe ge ithur vaahaka kiyaalan lineynee konirakun
In sha Allah varah avas musthagubalehga liyaanun ?
Thank you?
In Sha Alla you will be a better writer ?
Allah*