ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم އަކީ އަޅުގަނޑުމެން މުސްލިމުން އެންމެހައި ކަންތައްތަކުގައި ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ޝަޚްޞިއްޔަތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޞަފްޙާއަކުންވެސް ފެނިގެންދަނީ ހެޔޮ ޚުލުޤުގެ ރިވެތި ނަމޫނާއެވެ. ޢިބްރަތްތެރި ދަރުސުތެކެވެ. ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭ މީހާ ޢަމަލުކުރަންޖެހޭ ގޮތްތަކެވެ.
“ތާރީޚުގެ މޭގައި ” ޚާތިމުލް އަންބިޔާއު صلّى اللّـه عليه وسلّم ގެ ރިވެތި ސުލޫކުގެ އެތަކެއް ޙާދިޘާތަކެއްވަނީ ވަޅުލެވިފައެވެ. އެގޮތުން މިއަދު އަޅުގަނޑު ޤަލަމްނަގައިގެން މިއުޅެނީ އިތުރު ސާހިބާ محمّد صلّى اللّـه عليه وسلّم ގެ އޯޤާވެރިކަމުގެ ނަމޫނާތަކެއް ނަބަވީ ސީރަތުގެ އަލީގައި ހުށައަޅާލުމަށެވެ.
އެނގިވަޑައިގެންފައިވާނެ ފަދައިން އަރަހުށި މާތް ﷲ އެކަލާނގެ ނަބިއްޔާ صلّى اللّـه عليه وسلّم ސިފަކުރައްވާފައިވަނީ ޢާލަމްތަކަށް ފޮނުއްވި ރަޙްމަތެއްކަމުގައެވެ. ކީރިތި ޤުރުޢާނުގައި އެކަލޭގެފާނަށް ދެއްވާފައިވާ މަތިވެރި ލަޤަބަކީ ރަޙްމަތުއްލިލް ޢާލަމީންގެ މަތިވެރި ލަޤަބުފުޅެވެ. އެހެންކަމުން އެކަލޭގެފާނުގެ އޯގާވެރިކަމުގެ ދާއިރާ ވަނީ ހަތުރުންނާއި މިތުރުންނަށް ޢާއްމުވެ ޝާމިލުވެފައެވެ. ހަމައެހެންމެ ޖަނަވާރުންނާއި ދޫނިސޫފާ ސޫތްޕާއި ގަސްގަހާގެއްސައްވެސްމެއެވެ.
ޙައްބާރު ބުނުލް އަސްވަދަކީ އިސްލާމްދީނާއި އެދީނުގެ ރިސާލަތު ބަޔާންކޮށްދެއްވުމަށް ފޮނުއްވި މާތް ރަސޫލާގެ ވަރަށް ބޮޑު ދުޝްމަނެކެވެ. މުސްލިމުންނަށް އަނިޔާކޮށް ދުއްތުރާކޮށް އުޅުނުމީހެކެވެ. ރަސޫލާ ގެ ދަރިކަނބަލުން ޒައިނަބުގެފާނު މަދީނާއަށް ހިޖުރައަށް ވަޑައިގަންނަވަނިކޮށް އެކަމަނާގެ ޖަމަލަށް ޙަމަލާދިނީ އޭނާއެވެ. އެވަގުތު އެކަމަނާ ޖަލަންވެއްޓިވަޑައިގެން ވަރަށް ބޮޑަށް ހާނިއްކަވިއެވެ. ހިޖުރައިން 8 ވަނަ އަހަރުގެ ތެރޭގައި އަވަހާރަވީވެސް އެ އާލާސްކަންފުޅުގައެވެ. މައްކާ ފަތަޙަ ކުރެއްވި ދުވަހު ކައުސާހިބާ ޙައްބާރުގެ ލޭ ހުއްދަކުރެއްވިއެވެ. ފެނުނު ކޮންމެތަނަކުން ޤަތުލު ކުރެއްވުމަށް ޢަމުރު ކުރެއްވިއެވެ.
އެ ޚަބަރު އޭނާއަށް ލިބުމުން އޭނާ ސިއްރިއްޔާތުގައި ތަންވަޅެއްބަލައި ކައުއިތުރު ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭނާއަށް އަމާންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެވަގުތު މާތް ނަބިއްޔާ އޭނާއަށް މަޢާފުކުރެއްވިއެވެ. އޭނާގެ ފަރާތުން ލިބިވަޑައިގެންފައިވާ ތުރާތަކެއް ކުރިކަމުގައިވިޔަސްވެހެވެ. މި ދަންނަވާލެވުނީ ކައުސާހިބާއާއި މުސްލިމުންނަށް ނުހަނު ދުއްތުރާކުރި މީހަކަމެދު އިސްލާމްދީނުގެ ނަބިއްޔާގެ ސުލޫކު ގެންގުޅުއްވި ގޮތެވެ.
އިސްލާމީ ތާރީޚުގެ އަލިފުބާ ދަންނަ ކޮންމެ މީހަކަށްވެސް ޠާއިފުގެ ޙާދިޘާގެ ވާހަކަ ވާނީ އެނގިވަޑައިގެންފައެވެ. ޠާއިފުގެ އަޙްލުވެރިން އެމާތް ރަސޫލާގެ ޝަރާތަފާއި ކަރާމަތަށް ބެލުމެއްނެތި ކުރަމުންގެ ގެންދިޔަ ފުރައްސާރައިގެ ވާހަކަ ވާނީ އައްސަވާފައެވެ. ޠާއިފުގެ ބޮޑުން އެކަލޭގެފާނުގެ މައްޗަށް އެ ރަށުގެ ނިކަމެތި ރައްޔިތުން ފާކޮށް އެކަލޭގެފާނުގެ ގައިކޮޅަށް ހިލައުކަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ފައިންޕުޅު ފައިވާން ޖޯޑުކޮޅާއެކު ލޭފޮދުން ފޯވެގެންދިޔައެވެ.
އެވަގުތު މާތް ﷲ ގެ އަމުރުފުޅަށް ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. ޖިބްރީލުގެފާނާއެކު ފަރުބަދަތަކާ ޙަވާލުވެވަޑައިގެން ހުންނެވި މަލާއިކަތާވެސް ވަޑައިގެންނެވިއެވެ. ފަރުބަދަތަކާ ޙަވާލެވެވަޑައިގެން ހުންނެވި މަލާއިކަތާ ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ ބޮޑު ދެފަރުބަދަ ދޭތެރޭގައި ޠާއިފުގެ އަހުލުވެރިން ޗިސްކޮށްލުމުގެ އަމުރުފުޅު މާތް ﷲ ވަނީ ދެއްވާފައެވެ. ނަމަވެސް، އެންމެ އޯގާވެރި ރަޙުމަތުގެ ނަބިއްޔާ އެގޮތެއް ޤަބޫލުފުޅެއް ނުކުރައްވައެވެ. އެބައިމީހުން އީމާންނުވިކަމުގައިވިޔަސް އެބައިމީހުންގެ ދަރިފަސްކޮޅުން އީމާންވާނެ ބަޔަކު އަންނާނެކަމަށް ޢުއްމީދު ކުރައްވައިގެންނެވެ.
ބަނޑުހައި ހޫނުކަމުގައިވާ ފަރާތްތަކަށާއި މުހުތާދުންނަށް ރަޙްމަތުގެ ނަބިއްޔާގެ އޯގާވެރިކަމުގެ ދާވަނިކޮޅުވަނީ ފަތުރުއްވާލައްވާފައެވެ. އެކަލޭގެފާނުގެ އަތްޕުޅަށް ލިބިވަޑައިގަންނަވާ އެންމެހައި ތަކެއްޗެއް މާތް ﷲ ގެ މަގުގައި ހޭދަކުރައްވާ ހުސްކޮށްލައްވައެވެ. އަބޫ ހުރައިރާ ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު ވަރަށް ފަޤީރު ނަކަމެތި މީހަކު އިތުރު ސާހިބާގެ އަރިހަށް އައިސް ދެންނެވިއެވެ.
” އަޅުގަނޑު މިވަނީ ބަނޑުހައިވެގެންގޮސް ހާންތިވެފައެވެ. އަޅުގަނޑު ބަނޑު ފުރާމުއްތި ކުރާނެ އެއްޗެއް ދެއްވާށެވެ.”
ހަމައެވަގުތު އިތުރު ސާހިބާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ކާއެއްޗެއް ހުރިނަމަ އެ އެއްޗެއް ފޮނުވުމަށް ޚަބަރު ފޮނުއްވިއެވެ. ނަމަވެސް އޭރު އެކަނބަލުންގެ އަތްޕުޅުގައި އެއްވެސް ކާއެއްޗެއްނެތެވެ. ދެން ރަސޫލާ އެކަލޭގެފާނު މިތުރު ޞަޙާބީންނަށް މުޚާތަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
” މިރޭ އޭނާ އަށް މެޙެމާންދާރީ އަދާކޮށްދެއްވަނީ ތިޔަބައިމީހުންގެ ތެރެއިން ކޮން ބޭކަލެއް ހެއްޔެވެ؟ ”
ރަސޫލާ صلّى اللّـه عليه وسلّم މިހެން ޙަދީޘް ކުރެއްވުމުން އަންޞާރުންގެ ބޭކަލަކު އޭނާއަށް މެޙެމާން ދާރީ އަދާކުރެއްވުމުގެ މަސްޢޫލިއްޔަތު ބޮލުގައި އެޅުއްވިއެވެ.
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ގެ އޯގާތެރިކަން ހުރި މިންވަރަކީ މިއީއެވެ.
One Comment
Comments are closed.



Jazaakallah khair