އިމްތިޙާން
މެންދުރުން އަނބުރާ އެކެއް ޖަހަނީއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި މިއީ “ފޯރިއަރުވާލާ” ވަގުތެވެ. އޮފީހަށް މެންދުރުފަހުގެ ޑިޔުޓީއަށް ދާމީހުންނެވެ. އިސްކޫލަށް ކުދިން ލާންދާ ބެލެނިވެރިންނާއި ބިދޭސީންނެވެ. މިތަނުގައި ގަހެއް ފެންނަން ހުންނަ ދިމާލެއް މަދެވެ. ގަސްތައް ހައްދާފައި ހުއްޓަސް ހުންނަނީ ޕޭމަންޓަށް ހިޔާވާ ގޮތަށް ކަމުން ދުއްވާ އެއްޗެހީގައި އުޅޭ މާލޭގެ އަހުލުވެރީންނަށް މިއީ އަޛާބެއްފަދަ ވަގުތެކެވެ.
މެދުމިނުގެ ދުވެއްޔެއްގައި އަހަރެންގެ ސައިކަލު ދުއްވާފައި ދިޔައިރު ދެ ނޭވާ ދޭތެރެއިން ހުއްޓި ހުންނަން ޖެހެނީ މަދެއްކޮށެއް ނޫނެވެ. އަވީގެ ހޫނުން ރަނގަޅަށް ރޯ ފިލަންދެން ހުރުމަށް ފަހު އަނެއްކާވެސް ދުއްވާލަނީ ކުރިޔަށް ވުރެ އަވަހަށް ގެޔަށް ދެވޭތޯއެވެ. އެކެއްގެ ސައިކަލުން ނެއްޓުނިއްޔާ އަނެކެއްގެ ކާރެވެ. އެއިން ނެއްޓުނިއްޔާ ޓެކްސީއެކެވެ. މި ވޭނުގައިވެސް މިތާ އުޅެން ޖެހޭވިއްޔާއެވެ.
ގެޔަށް އާދެވުނުއިރު ގަޑިން އެއްގަޑި ބައިވެގެން ބޮޑުވީއެވެ. އެ އައި އިރު ދަރިފުޅު ތައްޔާރުކޮށްލައިގެން އަހަރެންގެ ލަތީފާ ހުރީ ނައިސްގެން ލަސްވެގެންނެވެ.
“ގަޑި ޖެހެންވަނީ. އަވަހަށް ގޮސް އައިއްކޮ ލައިދީ”
ލަތީފާގެ އަޑުގައި ހުރީ އަބަދުވެސް ހުންނަ ހިތްހެޔޮކަމެވެ. އެދުލުން އަހަރެންނާމެދު ޝަކުވާއެއް ކުރާތީ މިވީ ދިހަ އަހަރު ދުވަހު ތެރޭގައިވެސް ނާހަމެވެ.
އަވަސްކޮށްލައިގެން އަހަރެން ގޮސް ދަރިފުޅު އިސްކޫލަށް ގެންދިޔަ އިރު ގަޑިޖެހެން އެއް މިނެޓަސް ވީއެވެ. ދެން ގެޔަށް އައިސް ފެންވަރާ ނަމާދު ކޮށްލުމަށް ފަހު އިށީނީ ބަނޑަށް އެއްޗެއްލުމުގެ ނިޔަތުގައެވެ. ލަތީފާއަކީ ވަރަށް މީރުކޮށް ކައްކާ ގެވެހި ޞާލިހު އަންބެކެވެ. އެއީ އަހަރެން ހޯދަން ބޭނުންވިފަދަ ރާނީއެކެވެ. އަހަރުމެންގެ ކުޑަ ކުޑަ ގަނޑުވަރުގެ ކަންކަން ފިސާރި ރަނގަޅަށް އިންތިޒާމުކޮށް ހިންގަން އެ ރާނީއަށް އެނގެއެވެ.
މެންދުރުގެ ނާސްތާ ނިންމާލުމަށްފަހު އަހަރެން އިށީނީ ސޯފާގައި ފޭސްބުކަށް ވަދެލައި ޚަބަރު ދަބަރު ބަލާލުމަށެވެ. ސިޔާސީ ކަންކަމުގައި އަހަރެންނަކީ ފިސާރި ފޯރި ހުންނަ މީހެއްކަމުން ފުރަތަމަވެސް ބަލައިލަނީ އެފަދަ ޚަބަރެް ފެނޭތޯއެވެ.
މެންދުރުފަސް އެއްކޮށްހެން އޮފީހުން ގޭގައި ކުރުމަށް ހުރި މަސައްކަތްތަކާއި ހަވާލުވެފައިވަނީ އެސައިންމެންޓުގެ މަސައްކަތް ކުރުމުގައި ގޮސް ހަވީރު ވެއްޖެއެވެ. ދަރިފުޅު ބަލާ ސުކޫލަށް ލަތީފ ދިޔަފަހުން މިހާރު އެއްގަޑި އިރުވަނީއެވެ. ދަމުން ދިޔައީ ލަސްވެދާނެ ވާހަކަ ބުނެފައެވެ. މިގޮތަށް ލަތީފާ ގެޔަށް އައުން ލަސްވާތާ މިހާރު މިވީ ދެ ހަފުތާއެވެ. ނަމަވެސް އަހަރެން ދުވަހަކުވެސް އެކަމާ ޝަކުވާއެއް ނުކުރަމެވެ.
ރެޔާއި ދުވާލު ދަރިފުޅުގެ ކަންކަމާއި އަހަރެންގެ ކަންކަން އެއްވެސް އުނިއިތުރެއް ނެތި ލަތީފާ ބަލަހައްޓަމުން ދާއިރު އޭނާއެކޭ ފިޔަ ކޮށާލާފައި އިންނަ ދޫންޏެކޭ އެއްފަދައެވެ. އޭނާގެ އާއިލާ މީހުން މާލޭގައި ތިބި ނަމަވެސް އެއިން މީހަކު ކައިރިއަށްވެސް އޭނާދަނީ ހާހަކުން ފަހަރަކުއެވެ. އެވެސް އަހަރުމެންގެ ކަންތައްކޮށް ނިންމާފައި ވަގުތެއްވިއްޔާއެވެ. ވުމާއެކު ކޮންމެ ދުވަހަކު ހަވީރު އޭނާވެސް ޖައްސާލުމަށް ދަރިފުޅާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ޖެހޭނެކަމަށް އަހަރެން ދެކެމެވެ.
އިރުއޮއްސި މަޣްރިބު ނަމާދަށް ގޮވަން ވެފައިވަނިކޮށް ލަތީފާއައިސް ގެޔަށް ވަނެވެ. އައިކަލް ލަތީާގެ ފަހަތުން ދުވަމުން އައިސް ގެޔަސްވަނެވެ. މުޅި ދުވަސް ހެން އެކި އެކި ކަންކަމުގައި މަސްޢޫލުވެ އުޅުމުގައި ދެޔެވެ.
އަހަރެންގެ އޯގާތެރި އަނބިމީހާއަށްޓަކައި އަހަރެންގެ ހިތުގައިވަނީ އެންމެ ހިތާމައެކެވެ. އެއީ ލަތީފާއަކީ އިނގިރޭސި ބަސް ރަނގަޅަށް ނުދަންނަ މީހެއްކަމުގައިވުމެވެ. ލަތީފާއަކީ މާލޭގައި އުޅުނެއްކަމަކު އޭނާގެ ތަޢުލީމީ ހަޔާތް ރަށުގައި ނިންމާލި ކުއްޖެކެވެ. އެރަށަކީ އެއީ ގުރޭޑް ހަތަކާ ހަމައަށް އެދުވަސްވަރު ކިޔެވެން އޮތް ރަށެއްކަމުން ލަތީފާއަށް މާބޮޑަށް އިނގިރޭސިއެއް ނޭނގެއެވެ.
ވުމާއެކު ފިލާވަޅުތައް ބުނެދިނުމަށް އައިކަލްއަށް ކިޔަވަދޭނެ މުދައްރިސަކު ގެޔަށް ގެންނަން ޖެހެއެވެ. އަހަރެންނަށް ލިބޭ މުސާރައިން ކުޑައެތިކޮޅެއް ރައްކާކުރުމަށް ލިބޭއިރު މިކަމަށް ދާ ޚަރަދުގެ ސަބަބުން ފަހަށް ރައްކާކުރުމަށް ލިބޭ އެތިކޮޅު ވަކިން މަދުވެއެވެ.
އެއީ އެއް ރެއެއްގެ ގަޑިން ގާތްގަނޑަކަށް އެގާރަ ޖަހަންވެފައި ވަނިކޮށެވެ. ރެޔަކީ ވިއްސާރަ އަދި ވިދާ ގުގުރާ ރެއެކެވެ. މުޅި ދުވަހުހެން އުޅެން ޖެހުނުލެއް ބުރަކަމުން އަދި މިހުރީ ފޭސްބުކަށް ވަދެނުލައޭ ހިތަށް އެރީ ނިދަން އެނދުގައި ހަމަ ޖައްސާލިތަނާއެވެ. ފޯނުނަގައި ފޭސްބުކަށް ވަނުމަށްޓަކައި ކޮޓަރީ ހުރި ކުޑަ ސޯފާގައި އަހަރެން ޖައްސާލީމެވެ.
ފޭސްބުކަށް ވަނުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންނަށް އައިސް އިން “ފްރެންޑް ރެކްއެސްޓް”އެވެ. ކާކުތޯ ބަލައިލުމުގެ ޝައުޤުވެރިކަން އުފެދުނުލެއް ބޯދުވުމުން ކްލިކް ކޮށްލާ ބަލައިލީމެވެ. ވަކި މީހެއްގެ ފޮޓޯ ފޭސްބުކަށް ލާފައި ނެތްކަމަކު އެއީ އަންހެން ކުއްޖެއްކަން ޖަހާފައިވާ ނަމުން އެނގެއެވެ. އަހަރެންނަކީ މިހެން އަންނަ ރެކްއެސްޓްތައް ބަލައިގަންނަ މީހެއް ނޫންކަމަކު މިފަހަރު ބަލައިގަތީ ޙަޔާތަށް އަންނަން އޮތް ކޮޅިގަނޑުގއ ކުޑަވެސް ނިޝާނެއް އެއިރު ފެންނަން ނެތީމައެވެ.
ދުވަސްތައް ފާއިތުވަުން ދެއެވެ. އަހަރުމެން ކުޑަކުޑަ އާއިލާ އުފާވެރިކަން މަތީ އޮތެވެ. އެއީ އެއްދުވަހުގެ ހަވީރެވެ. އަހަރެން އާދައިގެމަތިން ދަރިފުޅު އިސްކޫލަށޤ ލާފައި ކައިގެން އައިސް އިއްތާލީ ފޭސްބުކަށް ވަނުމަށެވެ. ފޯނުގެ “ޑޭޓާ ކަނެކްޝަން” އޮން ކޮށްލުމާއެކު އަހަރެންނަށް އައީ މެސެންޖާއިން މެސެޖެކެވެ. އެއީ މީގެ ތިންވަރަކަށް ހަފުތާކުރިން އަހަރެންނަށް “ފްރެންޑް ރިކުއެސްޓް” ފޮނުވި ކުއްޖާ – “ފްރިންސެސް އައީ”އެވެ.
އޭނާ އަހަރެންނަށް އިނީ “ވޭވް”ކޮށްލާ “ހައި” ޖަހާލާފައެވެ. އަހަރެންނަކީ އަންހެންކުދިންނާ އިސްވެ ދުވަހަކުވެސް އަނގައިންބުނެ އުޅޭ މީހެއް ނޫނެވެ. ވުމާއެކު މިފަހަރު އެކުއްޖާ އަހަރެންނާ އިސްވެ އަނގައިން ބުނުމުން އަހަރެން ލަދުގަންނަ ގޮތްވިއެވެ.
ލަދުކަނޑާލާފައި އަހަރެންވެސް “ވޭވް ބެކް” ކޮށްލީ ފަހަރެއްގައި ކަމެއްޖެހިގެންވެސް އެކުއްޖާ މެސެޖްކޮށްފާނޭ ހިތާއެވެ. ނަމަވެސް ބަދަލުގައި އޭނާ އަހަރެންގެ ހާލުއަހުވާލު އަހައި ކައިފިންތޯ އަހާލިއެވެ. އެއި ދުވަހަކުވެސް އަންހެން ކުއްޖަކު އަހަރެންނާ ވާހަކަ ދައްކާފައިވާ ގޮތެއް ނޫނެވެ. ވުމާއެކު ގޮތް ނޭނގޭ އަސަރުތަކެއް އަހަރެންގެ ހިތަށްވެރިވިއެވެ. އަހަރެންގެ ޟަމީރު އަހަރެންނަށް އެދި އާދޭސް ކުރަމުން ދިޔައީ އަނބުރާ އަލުން މެސެޖު ނުކުރުމަށެވެ. ނަމަވެސް ހިތް ބޭނުންވުމުން އަހަރެންވެސް މިފަހަރު ތަބާވީ ހިތަށެވެ.
އަހަރެން އޭނާގެ މެސެޖަށް ރައްދު ދީ މެސެޖު ކުރަމުން އޭނާގެ ފުރިހަމަ ނަން އަހައިލީމެވެ. އެ ކުއްޖާގެ ޖަވާބަކަށް ވީ “ފޭސްބުކުގައި އެ އިނީނު. އައި އޭމް އަ ޕްރިންސެސް” އެވެ. އަިގެ އެ ގޮތްގަނޑަކީ އަހަރެންނަށް ބަލައިގަނެވުނު ގޮތްގަނޑަކަށް ވެއްޖެއެވެ.
އަހަރެންނަށް މިކުރެވެނީ ގޯސް ކަމެއްކަން އަހަރެންނަށް އެނގެއެވެ. ހިތުގައި ހިދާޔަތުގެ ބައެއްވާތީ ހިތްވެސް އެކަމަށް މަނާކުރަމުން ދިޔައެވެ. ނަމަވެސް ގޮތްނޭނގޭ ފަދަ ބާރެއް އެކުއްޖާއާ ދިމާލަށް އަހަރެން ގެންދެއެވެ. މެސެޖު ކުރުމަށް މަޖުބޫރު ކުރުވައެވެ. އާއެކެވެ. އަހަރެންނަށް އެ “ޕްރިންސަސް” ދެކެ ލޯބިވެވުނީއެވެ.
އަހަރެންގެ އެދުމުގެ މަތީން އެއްދުވަހަކު އައީ އަހަރެންނަސް އޭނާގެ ފޮޓޯއެއް މެސެންޖާއިން ފޮނުވިއެވެ. އަހަރެންގެ ހިތް އެދުވަހުން ފެށިގެން އޭނާ ހޯދުމަށް އެދެންފެށިއެވެ. އެހެރަ ރީތި ދޮންދޮން މޫނެކެވެ. ކުރަނގި ދެލޮލެވެ. ރީތި ކިޔާފައި ކިޔެންއޮތް ހުރިހާ ސިފައެއް އަހަރެންނަށް އެކުއްޖާގެ އެ ފުރިހަމަ ސޫރައިން ފެންނަމުން ދިޔައެވެ.
އަހަރެންގެ ވަފާތެރި އަންހެނުންނަށް އަހަރެންނަށް މިއައި ބަދަލު ފާހަގަ ވާނެކަން ޔަޤީނެވެ. ގިނަ ދުވަސް ދުވަހު އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން ގޭގައި އޮންނަތަން ޚުދު އޭނަާއަށްވެސް ފެންނާނެއެވެ. އަދި އާއިލާއާ އެކު ކުރިން އެ ހޭދަކުރާ އުފާވެރި ވަގުތުތަށް ފޯނުގެ އިސްކްރީނު މަސާޖުކުރުމުގައި ވަރަށް ގިނައިން އަހަރެންނަށް ދުއްވާލެވެއެެވެ. މިއިން އެއްވެސް ކަމަކަށް އެ މާތް އަންހނާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ.
ވަފާތެރި ތެދުވެރި އަންބެއްގެ ގޮތުގައި ލަތީފާ ހުއްޓެއްކަމަކު އަހަރެންނަށް ލަތީފާއަށްވުރެ އައީ އެތަށް ގޮތަކުން ފުރިހަމަކަމުގައި ފެނެއެވެ. މިއީ ކޮންފަދަ ސިހުރެއް ނުވަތަ ޖާދޫއެއްކަމެއް އަހަރެންނަކަށްވެސް ނޭނގެއެވެ.
އަހަރެންނާ އައީއާ ދެމެދު އޮތް ގުޅުން ދެ މަސްދުވަސް ވަންދެން ކުރިޔަށް ދިޔައިރުވެސް އޭނާއަށް އަހަރެންނަކީ މީހެއްގެ ފިރިޔެއްކަމެއް ނޭނގޭނެއެވެ. އަހަރެންނަށް ވިސްނުނީ އެވާހަކަ ބުނެފިނަމަ އެ މާވަހަރު ގެއްލުން ނޫންކަމެއް ނުވާނެކަމަށެވެ. އޭނާވެސް އަހަރެން ދެކެ ބޭ އިނތިހާއަށް ލޯބިވެއެވެ.
މިގޮތުގައި ފަސްމަސް ދުވަސް ފާއިތުވެ ދިޔައިރު އހަރެންގެ ހަށިގަނޑުގައި އެތައް ޖަޒުބާތުތަކެއް އުތުރި އަރަމުން ދެއެވެ. ބޭއިންތިހާ ލޯތްބެވެ. އިންތިހާއަށް ލަދުވެތިވެ ދެރަވުމެވެ. ލަތީފާގެ ސޫރަ އަހަރެންނަށް ފެންނަ ކޮންމެ ފަހަރަކު ހެން އަހަރެންނަށް ކުރެވެމުން މިދާ ފާފަ ދެލޮލުގެ ކުރިމަތިން ފެންނަ ކަހަލައެވެ. އެ ވަފާތެރި މޫނުން ކިތަންމެ ހިނިތުންވުމެއް ދެއްކިނަމަވެސް އެ ދުލުގައި އެތައް ޝަކުވާތަކެއްވާނެކަން ޔަޤީނެވެ. އެ ހިތުގައި އެތައް ރިހުމެއްވާނެކަން ޔަޤީނެވެ. އެ ދެލޮލުން އަހަރެންނާ ހަތަރުކަޅި ހަމަކުރާ ކޮންމެ ފަހަރަކު ބުނާ ކަހަލައެވެ. އަހަރެން ވަފާތެރިވީމެވެ. އަގު ކޮބައި ހެއްޔެވެ؟
މި ލަދުވެތިކަމުގައި އުޅުމަށް އަހަރެންނަކަށް މާ ފަސޭހަ ކަމަކަށްނުވިއެވެ. އެންމެ ފަހުން ވަރަށް ފުންކޮށް ވިސްނުމަށްފަހު އަހަރެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ އަހަރެންފެ ލޯބިވެރިޔާ ގާތު ކައިވެންޏަށް އެދުމެވެ. އަދި ލަތީފާ ވަރިނުކޮށް އޭނާއަށް މިކަން އަންގާ ދެ އަންބަށް އައީއާ ކައިވެނިކުރުމެވެ.
ވަރަށް ހިތްވަރުކޮށްފައި އަހަރެން ފޯނުނަގާ އައީއަށް މެސެޖެއް ލިޔެލީމެވެ. މެސެޖުގައި އަހަރެން އޭނާގާތު ކައިވެންޏަށް އެދުނީމެވެ. އަދި އަހަރެންގެ އެ މެސެޖު ގާތްގަނޑަކަަށް ތިރީހަކަށް މިނެޓެއްހާއިރު ފަހުން އޭނާ ބެލިކަމަށް ސްކުރީނަށް ފެންނަން އިނެވެ. ނަމަވެސް އައީގެ ސަބަބުް އެއްވެސް ޖަވާބެއް ނުލިބެއެވެ. ލަތީފާގާތު އަހަރެން ނަގަން މިއުޅޭ ބޮޑު “ޑިސިޝަން”ގެ ވާހަކަ ބުނެވޭނީވެސް އައީގެ ފަރާތުން އަހަރެންނަށް ރަނގަޅު ޖަވާބެއް ލިބުމުުންނެވެ.
މުޅި ހެނދުނުގެ ވަގުތު އޮފީހުގައި އިނދެ އަހަރެންނަށް ކުރެވުނު މަސައްކަތްތައް މަދުވިއެވެ. ހިތް ހާސްވަނީއެވެ. ދޭތެރެ ދޭތެރެއިން ފޯނަށް ބަލައިލެވީ އިމްތިޙާނެއްގެ ނަތީޖާ ލިބޭތީ ދަރިވަރަކު އުޅޭފަދައިންނެވެ. އަހަރެންނަށް މިހެދުނީ ގޯހެއްކަމަށް ހީވާފަދަ ދަރަޖައަކަށް އަހަރެންގެ ވިސްނުން ދާންފަށައިފިއެވެ. ކުޑަމިނުން “އަހަރެން ވިސްނާލާފައި ޖަވާވެއް ދޭނަމޭ” ބުނިނަމަވެސް އަހަރެންގެ މި ހިތުގެ ތެޅުން ތަންކޮޅެއް މަޑުވީހެވެ. އަނެއްކާ މިހެދުނީ ގޯހެއްބާވައެވެ؟ އޭނާ އުމުރަށ އަހަރެންގެ ހަޔާތުން ދިޔައީބާވައެވެ. އެއީ އަހަރެންގެ ހަޔާތަށް އައި ވަގުތީ މެހެމާނަކީ ބާވައެވެ؟ ވިދާލިތަނުން އެއީ ރަންގަނޑެއްކަމަށް އަހަރެންނަށް މި ނިންމުނީ މާއަވަހަށް ބާވައެވެ؟
ގެޔަށްގޮސް ވަދެވުނު އިރުވެސް އަހަރެންނަށް ހުރެވުނީ މިފަދަ ސުވާލުތަކެއްގައި ބޯ ހާސްވެފައެވެ. ގޭތެރެތެރެޔަށް ވަދެ އަހަރެންނަށް ލަތީފާއަށް ގޮވައިލެވުނީ ކުރަކިވެފައިވާ އަޑަކުންނެވެ. ލަތީފާގެ ޚަބަރެއް ނުވުމުން އަހަރެން ގޮސް އިށީނީ ސޯފާގައެވެ. އަނެއްކާވެސް އަހަރެންގެ ސިކުނޑިއަށް އަންނަންފެށީ އައީގެ ޚިޔާލުތަކެވެ. ހުރިހާ ދުވަހު މި އުޅެވުނީ އަވާމެންދުރެއްގެ ފަހަތުންހެން އަހަރެންނަށް ހީވެންފެށިއެވެ.
އައިއްކޮ ސުކޫލަށް ގެންދަން ޖެހޭކަން އަހަރެންގެ ހަނދާނަށް އައީ ހަމަ އެ ވަގުތުއެވެ. “ޓަސް”ލާފައި އެކަން ހަނދާންވުމުން އަނެއްކާވެސް ލަތީފާއަށް ގޮވައިލީމެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. އެންމެ ފަހުން އަހަރެންގޮސް އަހަރުމެން ނިދާ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އާދަޔާ ޚިލާފު ފަޅުކަމެއް އެ ކޮޓަރިން އަހަރެންނަށް އިހުސާސްކުރެވުނެވެ. އަހަރެން ރަނގަޅަށް ވަށައި ހޯދައިލީމެވެ. ލަތީފާގެ އެއްވެސް އެއްޗެއް ހެނދުން އަޅުވާ ހަރުގަނޑުގައިވެސް އަދު “ޑްރެސިން ޓޭބަލް”ގައިވެސް ނެތްކަން އެނގުނީ ދެނެވެ. އަނެއްކާވެސް އަހަރެން ލަތީފާއަށް ގޮވާލީމެވެ. އޭނާއަކީ ފޯނެއް ގެންގުޅޭ މީހެއް ނޫންކަމުން ގުޅޭކަށް ވެސް ނެތެވެ.
ހަމަ އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ “ޑްރެސިން ޓޭބަލް”ގެ ލޯގަނޑުގައި ހަރުކޮށްފައި ހުރި ނޯޓަކެވެ. ގޮސް ނޯޓު ނައްޓާލައި އޭގައި ވާ އެއްޗެއް ކިޔާލީމެވެ. އޭގައިވަނީ ލަތީފާގެ ރީތި ދިވެހި ލިޔުންކަން ހަމަ ފެނުމާއެކު އަހަރެންނަށް އެނގުނެވެ. އެ ނޯޓުގައި ވެއެވެ.
“އަބަދުމެ ތިބާއަށް ވަފާތެރިޔަކު ކަމުގައި އަހަރެންވީމެވެ. އަހަރެން ނެގީ ތިބާގެ ވަފާތެރިކަމުގެ އިމްތިޚާނެކެވެ. އެ އިމްތިޚާނުން ތިބާ ފެއިލް ވެއްޖެއެވެ. ތެދުވެރި ކަމުގެ އިމްތިޚާނުން ތިބާ ފެއިލް ވެއްޖެއެވެ.
ކަލާދެކެ ބޭއިންތިޚާއށް ލޯބިވި، ވަފާތެރި،
ލަތީފާ އާދަމް
(ޕްރިންސަސް އައީ، އެޕް.ބީ ޕާސްވޯޑް: PrinAee) ”
(ނިމުނީ)
4 Comments!
Comments are closed.

Waaaau varah reethi… kobaa kudhinney islaah vey ladeh nulibenis?
Thank you ?
Ma sha allah..vr reethi..emmn vs mi vahaka inn ibratheh haasil kurey!❤
Thank you ?