ސިޓީ
ފާއިޒަކީ އޭނާގެ އުމުރުން އަށް އަހަރުން ފެށިގެން ޔަތީމު ހާލުގައި އުޅެމުން އަންނަ ކުއްޖެކެވެ. އޭނާގެ ބައްޕަ ނިޔާވިތާ ދެ އަހަރު ވީއިރު މިއަދާ ހަމަޔަށްވެސް އޭނާ ބަލަމުން އައީ އޭނާގެ ހިތްވަރުގަދަ ހުވަފަތް މަންމައެވެ. ގޭގެއަށް ގޮސް މަސައްކަތްތައް ކޮށްދީގެން ރުފިޔާ ހޯދައިގެން ފާއިޒުގެ ކިޔެވުމުގެ ހުރިހާ ކަމެއްހެން ހަމަޖެހެނީ ހަމަ ކިރިޔާއެވެ.
ފާއިޒަށް ބައްޕައެއް ނެތްކަން އިހުސާސް ވިޔަ ނުދޭން އެ މަންމަ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދިމާފެވައިވާ އެތައް ދަތި ތަކާހުރެ އެ މަންމަ ވަނީ އެކަމަށް ނުކުޅެދިފައެވެ. ރެޔާ
ދުވާލު މަންމަ އުޅެމުންދާ ގޮތް ފާއިޒަށްވެސް ފެނެއެވެ. އެހެން ކަމުން އެނާގެ އަބަދުގެވެސް އަމާޒަކަށް ވެފައިވަނީ ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އެއީ އޭނާގެ މަންމަ އަބަދުމެ ދޭ ނަސޭހަތެވެ. ދުވަސްތައް ހަފުތާއަށް، ހަފުތާތައް މަސްތަކަށްވެ އަހަރުތައް ފާއިތުވެގޮސް މިއީ ފާއިޒުގެ ޖީސީ އަހަރެވެ. ކެނޑިނޭޅި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. މަންމައާއި އޭނާގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ.
އޭނާ ކެނޑިނޭޅި ކުރި މިންނަތް މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއަހަރު އެރަށުގައި ޖީ.ސީ.އީ. އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަކަށް އޭނާވެ، މުޅި ރާއްޖެއިން އެއްވަނަ ލިބުމެވެ. ފާއިޒާއި އޭނާގެ މަންމަ ތިބީ ވަރަށް އުފަލުންނެވެ. އެކި މީހުންގެ ފަރާތުން މަރުޙަބާއާއި މުބާރަކުބާދީތައް އޮހިގަތީ ފެންއަޅާ ބަރާކޮށްފައި އޮތް ވިލާ ގަނޑަކުން ވާރޭ ވެހިގެންފަދައިންނެވެ. ފާއިޒުގެ ކިޔެވުމާއި ކުރަމުން ދިޔަ މަސައްކަތް ވަރަށް ގާތުން ބަލަމުން ދިޔަ އެކަކީ އެރަށު އިސްކޫލުގެ ޕްރިންސިޕަލްއެވެ. އޭނާ ހޯދި ފަޚުރުވެރި ނަތީޖާގެ އިނާމެއްގެ ގޮތުން ޕްރިންސިޕަލް ނިންމެވީ ޕްރިންސިޕަލްގެ މާލޭގައި ހުންނަ އެ ބޭފުޅާގެ ބޭބެގެ ގޭގައި ބަހައްޓައިގެން ފާއިޒަށް އޭލެވެލް އަށް ކިޔަވަދޭށެވެ.
އެއީ އެރަށުގައި އޭލެވެލް އަށް ކިޔެވޭނެ ފެންވަރު ނެތުމުންނާއި ފާއިޒުގެ ކިބައިގައި ހުރި ހިތްވަރާއި ޖޯޝުގެ ވަރުގަދަ ކަމުންނެވެ.
ފާއިޒުގެ މަ ންމަ އުފަލުން ރޮމުންދިޔައިރު ފާއިޒު އޭނާގެ ލޮބުވެތި މަންމަގެ ގާގައި ބައްދައިގަނެގެން ރޯން އޮތީ އެތަށް ދުވަހެއް ވަންދެން އެނާއަށް އަޅާލައި ބެލެހެއްޓީ ލޮބުވެތި މަންމައާ ދުރަށް ދާންޖެހޭތީއެވެ.
“ދަރިފުޅާ! ބަރާބަރަށް ނަމާދު ކުރާތި! އަހަރުމެންނީ މުސްލިމުންކަން ކޮންމެ ތަނެއްގައި އުޅުނަސް ދަންނާތި. ބަރާބަރަށް މަންމަ އަށް ސިޓީ ފޮނުވާތި. މަންމަގެ ދެލޮލުގެ ނޫރާ! މަންމަ ވަރަށް ލޯބިވޭ! ބަސް އަހައިގެން ކިޔަވާތި!”
އެމަންމަ އޭނައަށް ދިން ނަސޭހަތް ފާއިޒުގެ ކަންފަތުގައި ބޯޓުތެރޭ އޮތްއިރުވެސް ގުގުމާލަ ގުގުމާލާ ހުއްޓެވެ. އަސްލުވެސް އޭނާ މަންމައާ ވަކިވީއެވެ. މިއީ ހަޔާތުގައި ދުވަހަކުވެސް މިފަދަ ދަނޑިވަޅެއް އައިސްފައި ނެތުމުން މި ހިތާމައިން ފާއިޒަށް އަރައިގަންނަން އުނދަގޫވިޔެވެ.
ދެމައިންގެ ދެމެދުގައި އޮތް ގުޅުން ހީނަރުނުވެ ދެމިއޮތީ ސިޓީގެ ޒަރީއާއިންނެވެ. ފަހުން ފޮނުވި ސިޓީތަކުން އެނގޭ ގޮތުގައި އޭނާގެ ކިޔެވުން ދަނީ اللهގެ އިރާދަފުޅުން ވަރަށްވެސް ރަނގަޅަށެވެ. އަދި އޭނާ ހުންނަގޭގެ މީހުން ވަރަށްވެސް ހެވެވެ.
ކޮންމެއަކަސް ޒަމާންތައް ވޭތުވަމުން ދިޔަހެން ފާއިޒު ކިޔެވުމާއިގެން މަސްއޫލުވެ ބުރަ ވެއްޖެއެވެ. އަދި މަންމަ ފޮނުވާ ސިޓީތައް ކިޔެއްކަމަކު އެޔަށް ޖަވާބު ދިނުން އުނދަގޫ ކަމަކަށް ވިއެވެ. ވުމާއެކު ފާއިޒު ނިންމީ އޭނާގެ ކިޔެވުމަށް ހުރަސް ނޭޅެނީސް މަންމައަށް އެކަން އަންގާ ހުއްޓުވާށެވެ.
އޭނާގެ ސިޓީގައި، މަދުން ނޫނީ އޭނާއަށް ސިޓީ ނުފޮނުވުމަށް އެދުނެވެ. އަދި އެ ސިޓީ ފޮނުވިފަހުން މަންމަގެ ސިޓީތައް ލިބޭލެއްމަދުވާން ފެށިއެވެ. ދުވަސްތައް ވޭތުވަމުން ގޮސް ފާއިޒުގެ ޢޭލެވެލް އިމްތިޙާނުތައް ނިންމާ މިފަހަރުވެސް މުޅި ރާއްޖެއިން އެއްވަނަ ހޯދިއެވެ. ނަމަވެސް، ފާއިޒުވަނީ ބަދަލުވެފައެވެ.
މަންމާ ދެމެ ދު އޮތް ގުޅުން ހީނަރުވެ މިހާރު މަންމައަށް އެއްވެސް ސިޓީއެއް ނުފޮނުވާތާ އެތަށް މަހެއް ވެދާނެއެވެ. ނަމަވެސް ކެނޑިނޭޅި އެ މަންމަގެ ސިޓީތައް އޭނާއަށް ލިބެމުންދެއެވެ. ކޮންމެ ސިޓީއެއްވެސް ކިޔާވެސްނުލައި ފާއިޒު އެއްލާލަނީއެވެ. ނަމަވެސް އެސިޓީތަކާހުރެ އެންމެފަހުން ފާއިޒަށް އުނދަގޫވެ އޭނާ ނިންމީ މަންމައަށް އެންމެ ފަހުގެ ސިޓީލިޔުމަށެވެ.
ފާއިޒު ލިޔުނު ސިޓީގައިވަނީ އޭނާގެ އެޑްރެސް މިހާރު ބަދަލުވެފައި ވާކަމަށާއި ސިޓީތަކަށް ޖަވާބުދާރީ ނުވެވެނީ އެހެންވެގެން ކަމަށެވެ. ސިޓީގައި އެޑްރެސްއެއްގެ ގޮތުގައި ފާއިޒު ޖަހާލީ ކޮންމެވެސް
ގެޔެއްގެ ނަމެވެ.
އެ ލޮބުވެތި މަންމަ ފޮނުވަމުން އައި ސިޓީތައް ހުއްޓިގެންއައީ މި ދޮގުވެރި ސިޓީގެ ސަބަބުންނެވެ. ކަންދިމާކުރި ގޮތުން ފާއިޒުމެން ކިޔެވި އަހަރުގެ ކުދިންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ދޭގޮތަށް ހަމަޖެހިފައެއް ނެތެވެ. ފާއިޒާއެކު ކިޔެވި އެހެން ކުދިން ބޭރަށް ކިޔަވަން ދިޔުމުން އޭނާވެސް ދާހިތްވިއެވެ.
އޭނާ ބޭނުންވީ ލޯނެއް ނުނަގާ މިކަން ހަމަޖެއްސުމަށެވެ. ވުމާއެކު ފާއިޒު މާލެއަށް ކިޔަވަން ގެނެސް ޚަރަދު ކޮށްދިން ހިތްހެޔޮ އޭނާގެ ޕްރިންސިޕަލަށް ކިޔަވަން ބޭނުންވާ ވާހަކަ ބުނެ ސިޓީ ލިޔުނީ ވަރަށް އުއްމީދާއެކުއެވެ.
ސިޓީއަށް ޖަވާބެއްނައިސް ދުވަސްތަކެއް ވިއެވެ. މިކަން މިގޮތަށް ދިމާވުމުން ފާއިޒު ހީކުރީ އެކަން ނުވާނެތީ ޕްރިންސިޕަލް އަޅާނުލީ ކަމަށެވެ. ނަމަވެސް އޭގެ ކުޑަދުވަސްކޮޅެއް ފަހުން އޭނާއަށް އައި ސިޓީއެއްގައި އޮތީ އޭނާ ބޭރަށް ކިޔަވަން ފޮނުވޭނެ ގޮތެއް ވެއްޖެކަމަށާއި ދަތުރަށް ތައްޔާރު ވުމަށެވެ.
ފާއިޒަށް އުފަލުގެ ކޮޅެއްވެސް ނެތެވެ. މި ފަދަ ވަގުތެއްގައި މަންމަ މަތިން އޭނާ ހަނދުމަވީ ކަމަކު އެއީ ހުރި މީހެއްކަމަށް ވެސް ދެކޭކަށް ފާއިޒު ބޭނުމެއްނުވިއެވެ. ކުޑަމިނުން ފާއިޒުގެ މަންމަގެ ހަނދާނެއް ގޮތުގައި އޭނާއަށް ދީފާ އޮތް މަންމަގެ ފަށްވެސް ފަޔާޒު އެއްލާލީ އާރޓިފިޝަލް ބީޗާ ދިމާ މޫދަށެވެ.
ކިޔަވަން ބޭރަށްގޮސް ފާއިޒު ވަރަށް ރަނގަޅަށް ކިޔެވުމައިގެން އުޅެން ފެށިއެވެ. އަދި އޭނާއާ އެއްކޯހެއް ކިޔަވަމުން އައި ޒިޔާނާ އާއި ލޯބީގެ ގޮތުން ގުޅުނެވެ. ކިޔެވުން ނިންމާލުމަށްފަހު ދެކުދިން މާލެއައިސް ކައިވެނިކޮށް ހަފުލާވެސް ބޭއްވީ ވަރަށް ކުލަގަދަކޮށް ނަމަވެސް ފާއިޒުގެ އެއްވެސް ރަށު މީހަކަށް ދައުވަތު ނުދީއެވެ.
ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ފާއިޒު ބަލިވެއްޖެއެވެ. އެތައް ޑަކުޓަރުންނަކަށް ދެއްކުމުންވެސް ދިނީ ހަމަ އެންމެ ޖަވާބެކެވެ. ފާއިޒުގެ ކިޑުނީ ފެއިލްވީ ވާހަކައެވެ. ގިނަ ދުވަހު ބަލި އެނދުގައި ހޭދަކުރަން ޖެހުމުން މަންމަ މަތިން ފާއިޒު ހަނދާންވާން ފެށިއެވެ. ނަމަވެސް މަންމަ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނެތްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
މިހާރު އޭނާ ބަލިވެ އުޅޭކަމުގެ ޚަބަރު ޕްރިންސިޕަލް އަށް ސިޓީއަކުން އަންގާ ފޮނުވައިފިއެވެ. ކިޑުނީއެއް ނުލިބިގެން ލައްކަ މަސައްކަތް ކުރެވިއްޖެ އެވެ. މެޗްވާ ކިޑްނީއެއް ހޯދަން ކުރި މަސައްކަތަށް ނިމުމެއް އައީ ކުއްލިޔަކަށެވެ. ދެތިން ދުވަހެއްގެ ތެރޭގައި ފާއިޒުގެ އޮޕަރޭޝަން ކުރެވި ބަލިން ސަލާމަތްވެއްޖެއެވެ.
އެއްދުވަހުގެ ހަވީރެވެ. އާދައިގެ މަތިން ފާއިޒު އޮތީ ހަސްފަތާލުގެ ވާޑުގެ ތެރޭގައެވެ. އޭނާގެ އަންހެނުން ގެޔަށް އެބަދަމޭ ކިޔާފައި އެނބުރި އައީ ކުޑަ ކަރުދާސް ފޮށިގަނޑެއް ހިފައިގެންނެވެ.
“ފާއީ! މިހުރީ ބޮޑުދައިތަ ފޮނުވި ފޮށިގަނޑެއް. ހުސް ފާއިއަށް އައިސްހުރި ސިޓީއޯ މިއީ.. ލައްކަ ދުވަސްވެއްޖޯ މީގެ ވެރިފަރާތެއް ނޭނގި ސިޓީތައް އަންނަތާ. އަމާނާތެއް ކަމަށް ބަލާ ބޮޑުދައިތަވެސް ސިޓީތައް ނުކަނޑާ ބެހެއްޓީއޯ. ކޮންމެ ސިޓީއެއްގަ ވެސް އެޑްރެސް ކޮށްފާވަނީ އަހުމަދު ފާއިޒް އަކަށޯ. ދެ އަހަރެއްވަރު ސިޓީ ނުލިބި ހުރެފައި މިއަދުވެސް އަނެއްކާ ލިބުނީމައޯ ހަނދާންވީ މި އެ އްޗެހި މަތިން.. ފާއީ! އަނެއްކާ ކާކު މިއީ؟ ޕޯސްޓުން ސިޓީ އަންނައިރު ކޮންމެ ސިޓީއެއްވެސް އަންނަނީ ފައީގެ ރަށުން. އަޅެ ހުޅުވާ ބަލާލަބަލަ..”
މި ހުރިހާ ވާޙަކަތަކެއް ފާއިޒުގެ ކަންފަތަށް ޖެހީ ހޮނު ގުގުރިއެއް ފަދައިންނެވެ. މާޒީގެ ޞަފުޙަތަކެއް އޭނާގެ ޑައިރީން އުކެންފެށިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ފާއިޒު އިނީ، އެއީ އޭނާ އެ މީހަކާ ދުރަށް ފިލަން ދުވި މީހާގެ ސިޓީތައްކަން ޔަޤީންވާތީއެވެ.
“ވެދާނެ… ރައްޓެއްސެއްގެ ސިޓީއަކަށް.. އޭނައަށް އަހަރެންގެ ގޭގެ އެޑްރެސް އޮޅިގެން ފޮނުވެނީ ކަމަށް ވާނީ…”
ފާއިޒު ފުރަތަމަ ސިޓީ ނަގާ ކަނޑާލިޔެވެ. އޭގައިވަނީ މައިވަންތަ ކަމުގެ ކުލުނުން ފުރިގެންވާ ލިޔުމެކެވެ. އަސަރުގަދަ އިބާރާތްތަކެކެވެ. އެސިޓީގައި ލިޔެފައިވަނީ ފާއިޒުގެ ޙާލު ކިހިނެއް ތޯއެވެ. ކިޔެވުން ރަނގަޅު ތޯއެވެ. އަދި ފާއިޒު މާލެއަށް ކިޔަވަން ފޮނުއްވެވި ޕްރިންސިޕަލްގެ އަނބިކަނބަލުން ކެންސަރާ ހަނގުރާމަކުރަމުން ދާ ވަހަކައެވެ.
ފާއިޒު ދެވަނަ ސިޓީ ކަނޑާލިއެވެ. އޭގައި ލިޔެފައިވެއެވެ.
“ދަރިފުޅާއެވެ! ދަރިފުޅު ކިޔަވަން ބޭރަށް ދާން އުޅޭވާހަކަ މަންމަ އަޑު އެހީމެވެ.. އެވާހަކަ ޕްރިންސިޕަލް މަންމަގެ ގާތުގައި ދެއްކެވިއެވެ. ދަރިފުޅާއެވެ. ކުރިންވެސް ބުނި ފަދައިން އެބޭފުޅާގެ އަނބިކަނބަލުން މިވަގުތު ދަނީ ބޮޑު ނުރައްކާތެރި ބައްޔަކާއި ހަނގުރާމަކުރަމުންނެވެ. ވީމާ ދަރިފުޅު ބޭރަށް ދާން ޚަރަދު ދެވެން ނެތް ވާހަކަ ޕްރިންސިޕަލް ބުނުއްވިއެވެ. މަންމަގެ މާ ލަނގޮނޑިއަށް ތި ދަރިފުޅުގެ ހުވަފެންތައް ފުނޑު ފުނޑުވެގެން ދާތަން ދެކޭކަށް ކެތެއް ނުވާނެއެވެ. ދަރިފުޅާއެވެ. ދަރިފުޅު ކިޔެވުން ފުރިހަމަ ކުރުމަށްޓަކައި މަންމަގެ އެއް ކިޑުނީ ހަދިޔާކޮށް ފައިސާ ހޯދުމަށް ނިންމައިފީމެވެ. ނަމަވެސް މިކަން ޕްރިންސިޕަލަށްވެސް…..”
ފާއިޒަށް އިތުރަށް ކިޔޭނެގޮތެއް ނުވިއެވެ. އެ ގަނޑުގެ ބާކީބައި އޮތީ ދުވަސްވުމުގެ ސަބަބުން ކަތުރުފަނި ކައިފައެވެ. އޭނާގެ ހިތަށް އެ ސިޓީގައިވާ ކޮންމެ އިބާރާތެއްވެސް ވަދެގެން ދިޔައީ ތޫނޫ ތީރެއް ފަދައިން މޭ ތޮރުފަމުންނެވެ. ހިތްކުދި ކުދި ކުރަމުންނެވެ.
ތިންވަނަ ސިޓީ ފާއިޒު ހުޅުވާލިއެވެ. އެއީ އެންމެ ފަހުން ލިބުނު ސިޓީއެވެ. ސިޓީ ހުޅުވާލި އިރު އޭގައި ވަނީ ހަޑި ލިޔުމެ ކެވެ. ތުރުތުރު އަޅައި ފައި ހުރުމުން ބައެއްތަންތަން ކިޔަން ނޭނގޭވަރުވެފައިވެސް ހުއްޓެވެ. އެ ސިޓީގައި ވެއެވެ.
“ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ދެކިލުމަށް މަންމަގެ ހިތް ވަރަށް ބޮޑަށް އެދެއެވެ. އަދި ދަރިފުޅުގެ އިންތިޒާރުގައި ކޮންމެ ދުވަހަކުމެ މަންމަ ދޮރު ކައިރީ ހުންނަމެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ މިއަދު މިވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. މަންމަ އަށް ދަރިފުޅު ބަލިވެ އުޅޭ ހަބަރު ލިބުނީ ހަމަ މިއަދުއެވެ. ދަރިފުޅާއެވެ. މަންމަގެ ދަރިފުޅަށް ދިގު އުމުރެއް ދެއްވާ ހެޔޮ ހާލުގައި ލެއްވުމަށް މަންމަ އަބަދުމެ ދުޢާކުރީމެވެ. ހީވާގޮތުން އެ ދުޢާ އިޖާބަކުރެއްވުމަށް މަންމަ މެދުވެރިއެއް ގޮތުގައި އެކަލާނގެ މިންވަރު ކުރެއްވީއެވެ. އާއެކެވެ. މަންމަގެ ހަޔާތުގެ ދުވަސްތައް ކުރު މިކޮށްލަނީ ދަރިފުޅަށް މި މަންމަގެ ފަހު ކިޑުނީ ދެމުންނެވެ. މަންމަ ދަރިފުޅަށް އަބަދުމެ ހިތްހެވެވެ. އަދި ދަރިފުޅު ނުރުހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ މަންމަ އަށް މަޢާފުކުރާށެވެ. ދުވަހަކު ކޮޅުންވެ ސް ދަރިފުޅަށް މިސިޓީ ލިބިއްޖެ ނަމަ، ސިޓީ ކިޔާފައި ނުރޯށެވެ.
ތިލޮލުން މަންމައަށްޓަކައި އިތުރަށް ކަރުނަތަށް އޮހޮރުމަށް މިހިތެއް ނޭދެއެވެ.
ލޯބިވާ ދަރިފުޅާއެވެ. ބައްޕައަކާނުލައި ދަރިފުޅު ބަލައި މަންމަ ބޮޑު ކުރީ ނުހަނު ލޯބިންނެވެ.
މަންމަ ވީފަދަ ލޯތްބެއް ދަރިފުޅުގެ އަމިއްލަ ދަރިންނަށް ދިނުމީ މަންމަގެ ވަޞިއްޔަތެވެ. އަދި އެކުދިންނަށް މައިންބަފައިންގެ އަގު ވަޒަންކުރަން ދަސްކޮށްދޭށެވެ. ވެދާނެއެވެ. ތަރުބިއްޔަތުގައި މަންމައަށް ކަމެއް އުނިކުރެވުނީއެވެ. ނޫންނަމަ މިއަދު މިސިޓީ ލިޔަން މަންމައަށް ނުޖެހުނީހެވެ..”
ކަރުނައިގެ ތިކިތަކުން ފާއިޒުގެ ދެލޯ ފޯކުރަމުންދެއެވެ. މިއަދު މަންމަ ދުނިޔޭގައި ނެތްކަން ޔަގީނެވެ. ތަޤުދީރުގެ ނިޔާ ނިކަން ދެކެބަލާށެވެ. އެދުހު އެސިޓީތަކާހުރެ އުނދަގޫވެގެން އޭނާ ސިޓީ ލިޔުމަށް އެދުނު އެޑްރެސް ވެގެން ދިޔައީ އޭނާގެ ދިރިއުޅުމުގެ ބަޔަކަށެވެ. އެ ސިޓީތަކުން ވަގުތީ ގޮތުން ރެކެވުނެއްކަމަކު މިއަދު އެސިޓީތައް އެއައީ އޭނާގެ ހަޔާތަށް އޭގެފުރިހަމަ މަޤާމުގައެވެ.
(ނިމުނީ)
8 Comments!
Comments are closed.

Varah reethi, varah ibraiytheir,
Thank you ?
alhey…its heart touching….
Thank you ?
Varah reethi
Thank you ?
kurin vx kyn… anyway vaahaka rythi… Maasha allah ?
Adhi mikiyaalevuny. Maa busy koh ulheythyve. Masha allah. Varah reethi??