އެކުވެރިޔާ
ކަކޫ ހިއްލާލައިގެން އެއްފައި ދަމާލައިގެން އާތިޝް އޮތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ފުރަން ދިޔުމުގެ ކުރިން އެނދުގައި ލޫލޫ އަޅައިދިން ބެޑްޝީޓް އެ އޮމާންކަންމަތީ ރުލެއްވެސް ނާރާ އޮތެވެ. ބޯދަށަށް ދެ ބާލީސް ލައިގެން އޮތްއިރު ކަނާތްފަރާތުގައި އެވާ ދެބާލީސް އެއޮތީ ލޫލޫއަށް ބާއްވާފައެވެ. 9 ގޮޅިއަށް ބައިކޮށްފައިވާ ސީލިންގުގެ މެދުގައި ހަރުކޮށްފައިހުރި ފަންކާ އާތިޝްގެ ޚިދުމަތުގައި އެނބުރެމުން ދެއެވެ. އެކި އަޑުލައްވަމުންނެވެ. ލޫލޫ ނެތުމުން ފޫހިވެފައި ތޯއްޗެކެވެ.
ފައިލާކޮޅުގައި އެނދުގައި ކިރިޔާ ނުޖެހި ހުރި ފާރުގައި ހަރުކޮށްފައިހުރި ވަކި ތަކުގައި އަޅުވާފައި އެހުރީ މިހަފްތާގައި އާތިޝް ލައިއުޅުނު ގަމީސްތަކެވެ. އޭގެ މަތީގައި އެހުރީ މަތިވެރި ކަލިމަތަކެއް ލިޔެފައިވާ ރީތި ފްރޭމެކެވެ. ކަނާތްފަރާތުގެ ބިތުގައި ހުދުއަލި ދޭ ބޮއްކެއް ދިއްލާފައި ހުރިއިރު އެބޮކި ކައިރީގައި އެހެން ބޮތްކެއް ވެސް ހުއްޓެވެ. ބޮކީގެ އެއް ފަރާތުގައި އެހުރި މާގަސް ފްރޭމް، ބޮކި އަލީގައި ބަލައިލަން ނިކަން ރީއްޗެވެ. ގަހެއް ސިފަވާގޮތަށް ހިކި ގޮފިތަކެއްގައި ހުދުކުލައިގެ މާތަކެއް ޖަހައި ރުނބަޔަކަށް ލާފައިހުރިއިރު، އާރޯކަމާއި ފެހިކަން ސިފަކޮށްދޭ ގަހެއް ވެސް އެ ބިއްލޫރި ފްރޭމްގައި ހުއްޓެވެ. އެ ހުރިހާ އެއްޗެއް ހަނދާން ކޮށްދެނީ ލޫލޫގެ މަތިންނެވެ. އެ ހަނދާންތައް ބަދަލުވެގެން ދަނީ ފަޅުކަމަށެވެ. އާތިޝްގެ ޚިޔާލީ ދުނިޔެއިން އޭނާ ދަތުރުކުރީ އެއް ހަފްތާ ކުރިއަށެވެ.
ހިރަފުސް އަރާފައިވާ ފޮށި ފޮޅާލައި ސާފުކޮށްލުމަށްފަހު ލޫލޫ ފޮށްޓަށް އެއްޗިހި އަޅަންފެށިއެވެ. ބޮޑުޗުއްޓީއަށް ރަށަށް ދިޔުމަށެވެ. އެއީ އަހަރު ފެށުނީއްސުރެ ވެސް އިންތިޒާރުކުރެވޭ ދަތުރެކެވެ. އާއިލީ ޘަގާފަތެކެވެ. އެކި ރަށްރަށުގައި އުޅޭ، އާއިލާގެ މެންމަބަރުން އެއްރަށަކުން ބައްދަލުވާ އީދެވެ. އެންމެންނަށް ނާދެވުނަސް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ މެންބަރުން މި ދުވަސްވަރު ރަށަށް ދާނެއެވެ. އެހެންކަމުން މުޅި އާއިލާ ވެސް މި ޗުއްޓީއަށް ވަރަށް އިންތިޒާރުކުރެއެވެ. ނަމަވެސް އެންމެ ފަހުން އެއާއިލާއާ ގުޅުނު އާތިޝްގެ ހިތުގައި އެ ސަގާފަތް ހަރުލާހާ ދުވަހެއް އަދި ނުވެއެވެ.
ރަށަށް ދާއިރު ގެންދަން ހަދިޔާ ގަންނަތާވެސް މަހެއް ވެއްޖެއެވެ. ލޫލޫއާއެކު ހަދިޔާ ގަންނަން ގޮސް އުޅުނަސް، އާތިޝްއާ ވަކިން ލޫލޫ ފުރަން އެއުޅޭ ދަތުރާ މެދު މާ ފުންކޮށް އާތިޝްއެއް ނުވިސްނައެވެ. އާތިޝް ލޯމަތިން ދުވަސްކޮޅަކަށް ލޫލޫ ގެއްލެން އުޅޭ ކަން ހިތަށް ގެނައުމުގެ ބަދަލުގައި އޭނާގެ ސަމާލުކަންދިނީ ލޫލޫއާއެކު ހޭދަވަމުންދިޔަ ވަގުތު ތަކަށެވެ. ސައިކަލު ބުރުތަކާއި ދަތުރަށް ތަކެތި ހަމަކުރަން އެކި ފިހާރަތަކަށް ދިއުމުގައި މަޝްޢޫލްވުމަށެވެ. ކުރިޔަށް ވާން އުޅޭ ގޮތްތަކާމެދު ފިކުރުކުރުމުގެ ބަދަލުގައި އެވަގުތަކު ކަންހިނގާގޮތަށް ވިސްނައި އެކަމުން އުފާ ކޮށްލައިގެން އުޅޭ މީހުން އާތިޝް ނޫނަސް އުޅޭނެއެވެ. ލޫލޫ ދުވަސްކޮޅަކަށް އާތިޝްގެ ލޯމަތިން ގެއްލެން އުޅޭ ކަން އޭނާގެ ޟަމީރު ގަބޫލު ކުރާހެނެއް ހިއެއް ނުވެއެވެ.
ތައްޔާރީތަކުގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ވަމުން ދިޔައިރު އާތިޝްއަށް ވެސް ކޮންމެވެސް ވަރަކަށް މި ވާން އުޅޭ ގޮތެއް ރޭކާލައިފިއެވެ. އަލަމާރީގެ އެއްބައި ހުސްވެ، ޑްރެސިން ޓޭބަލްމަތި ފަޅުވަމުން ދިޔައިރު ލޫލޫގެ ހަރަކާތްތައް ބަލަން އާތިޝް އޮތެވެ. ކުރިޔަށް އަންނަން އޮތް ދުވަސްތަކާމެދު ވިސްނާށެވެ. އާތިޝްއާ ދުރުގައި ލޫލޫ އުޅޭނެ ދުވަސްތަކުގެ ތަޞައްވުރެއް ކުރަހާށެވެ. އެ ދުވަސްތަކުގެ ނިކަން އުޖާލާ ތަސްވީރެއްގެ އުންމީދު އޭނާ ކުރިއެވެ. ނަމަވެސް އެ އުޖާލާކަމުގެ ތެރެއިން ބަނަ ދުވަސްތަކެއް ވެސް އައިސްދާނެ ކަމާމެދު އޭނާ ކަންބޮޑުވެއެވެ. އެފަދައިން ބަނަވެ ވިލާގަނޑެއް އައިސް ވާރޭވެހެން ފެށިޔަސް ކުޑަހިފައިގެން އާތިޝްއަކަށް ނުދެވޭނެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ.
ރޭގަނޑު އަށެއްޖެހީއެވެ. ފުރަން ނުކުންނަންވީއެވެ. ގޭތެރެއިން ފޮށިތައް ނެރެނީއެވެ. ހުރިހާ އެންމެންވެސް ވަރަށް ފޯރީގައެވެ. ލޫލޫއާ އާތިޝް ފިޔަވައެވެ. އެދެމީހުންގެ ދެމެދުގައި އޮތީ ހަމަހިމޭންކަމެކެވެ. މާނަފުން ހަނުހުރުމެކެވެ. އެތައް ޝުއޫރެއް އެ ހަމަހިމޭންކަމުގެ ނިވަލުގައި ވެއެވެ. އާތިޝް ލޫލޫ ގެނެސް މެޔާ ކައިރިކޮށްލުމަށްފަހު މަޑުމަޑުން ދެތިން ވާހަކައެއް ބުންޏެވެ. އެ ބަސްތައް ލޫލޫ ހަނދާން ކުރާނެއެވެ. ލޫލޫގެ ޝުޢޫރުތައް އެވަރުން ވެސް ހިފެހެއްޓިއެވެ. އަދި އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ.
ރަށަށް ގެންދާ އެއްޗިހިތައް ޕިކަޕަށް ލުމަށްފަހު އާތިޝް ލޫލޫ ގޮވައިގެން ސައިކަލުގައި ދިޔައީ ފުރަން ހަމަޖެހިފައިވާ ދިމާއަށެވެ. ޖެހެމުންދިޔަ ބާރުވައިން އެދެމެދުގައި އޮތް ހަމަހިމޭންކަމަށް ނިމުން ގެނައެވެ. ބަނދަރުމަތި އޮތީ އެފަދަ ހަމަހިމޭންކަމެއް ބަލައިގަންނަ ގޮތަކަށް ނޫނެވެ. ހަލަބޮލިކަން މާ ބޮޑީއެވެ. ފުރާ މީހުންނާއި އެމީހުން އެރެހައްޓަން އަންނަ މީހުންތައް ޖަމާވަމުން ދެއެވެ. ލުލޫ އޭނާގެ ދެ ކޮއްކޮއަކާއެކު ގޮސް ތޮށިގަނޑުގައި އިށީނދެގެން އިނެވެ. އެއީ ހިއްވަރާއެކު ހިފަހައްޓަމުންދިޔަ ޝުޢޫރުތައް އާތިޝްގެ ކުރިމަތީގައި އެންމެ ފަހުން ފާޅުވެދާނެތީއެވެ. ލޫލޫ ދިޔުމުން އާތިޝް އެކަނިވާނެވަރު ލޫލޫއަށް އެނގޭތީއެވެ. އަދި އެއަށްވުރެ ބޮޑަށް، އާތިޝްއާ ދުރުގައި އުޅެން ލޫލޫއަށް އުނދަގޫވާނެތީއެވެ. ނަމަވެސް އެކަން ކަރުނަތަކެއްގެ ސިފާގައި އާތިޝްއަށް ދައްކައިގެން އޭނާގެ އިހްސާސްތަކާ ކުޅެން ބޭނުން ނުވާތީއެވެ.
ފުރާ މީހުން ބޯޓަށް އަރަން ފެށިއެވެ. އާތިޝް ލޫލޫގެ އަތުގައި ހިފައިގެން ބޯޓަށް އަރައި އާއިލާގެ އެހެން ކުދިން ތިބިތަނަށް ދިޔައެވެ. ބޯޓު އޮތީ ތޮއްޖެހިފައެވެ. ޗުއްޓީއަށް ރަށަށް ދާ މީހުން ގިނަކަމުންނެވެ. ރަނގަޅު ތަންކޮޅެއް ލިބުމުން އެތަނަށް އަރައި ލުލޫ ހަމަޖެހިލިއިރު އެމަންޒަރު ބަލަން ބޯޓުގެ ފައްގަނޑުމަތީގައި އާތިޝް ހުއްޓެވެ. ބޯޓު ފުރާ ވަގުތު ކުޑަތަންވަމުން ދިޔަދިޔަހެން އެ ލޫލޫ ގެ އިހްސާސްތައް ހިފަހައްޓަން އުނދަގޫވިއެވެ. އެންމެ ފަހުން ބޯޓު ފުރަން އުޅޭހެން ހީވުމުން އާތިޝް ވަދާއީ ސަލާން ވައިގެތެރެއިން ފޮނުވާލުމަށްފަހު ބޯޓުން ފޭބިއެވެ. ދުވަސް ގަނޑަކަށް އާތިޝްގެ ލޯމަތިން ލޫލޫ ގެއްލުނީއެވެ.
ވެފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައި އާތިޝް ބޭނުންވީ ފެންވަރާލާށެވެ. އެހެންކަމުން ލޫލޫ ފުރުމުން އާތިޝް އައިސް ގެއަށް ވަނެވެ.
ލޫލޫއާއެކު ދުވަސްތައް ވޭތު ކުރި މަންޒިލަށެވެ. ނަމަވެސް އެރޭ އެތަނުން އާތިޝްއާ ބައްދަލުކުރީ ލޫލޫއެއް ނޫނެވެ. ޒަމާންވީ އެކުވެރިއެކެވެ. ބައްދަލު ނުވާތާ އެތައް ދުވަހެއް ފަހުން އަނެއްކާވެސް ދިމާވާން ތަޤްދީރު ނިޔާކުރީއެވެ. އާތިޝް ހީކޮށްގެން ހުރީ، ލޫލޫއާ ބައްދަލުވުމަށްފަހު އޭނާ އާތިޝްގެ މަތިން ހަނދާން ނެތުނީކަމަށެވެ. ނަމަވެސް އަނެއްކާ ވެސް އައީއެވެ. އާތިޝްއާއެކު އޭނާ ދުވަސްކޮޅަކު އުޅޭނެއެވެ. އެއީ އެކަނިވެރިކަމެވެ. ކުރިން ވެސް އާތިޝް ދުށް އެކަނިވެރިކަމެވެ.
9 Comments!
Comments are closed.






zidhaan mi vaahaka nimunee tha? varah reethi varah furihama vaahaka eh..??
Yes Nimuni. Varah bodah shukuriyya!
nimuny ey? adhi mi vaahaka continue kuran vnu zidhan? its really nice
Visnaanan! Thank you! ?
Wowww… This is your best story.. keep it up.
Reethi
Lulu Ey beyru kuhjeh tha
Ey meehun kiyaakahala name noonennu
Uhun… Raajje kujjeh! ?❤
Hi zidh story is nicd
Zidh ge stories v kiyaahiy veyy
Ur simply hub wirter hehe
Love yaa soo sooooo much zidhaan ????
Awnnn ..