އޯގާވީ ހިތަކުން…16
”ބަލާބަ އެ އީނާއަކަށް، ޕިސް ޕިސް، ލަދެއްވެސް ނުގަނެއޭ މީހުން ގިނަ ތަނެއްގަ ހަށިގަނޑުގަ އޮޅުލައިގަނެގެން ތިބޭއިރު، ކީކޭ ދެން ބުނާނީ، ހުޅަނގުގެ ސްޓައިލަށް ވިއްޔާ އުޅެން ޖެހެނީ، އީނާ ކައިވެނި ކުރަން އުޅޭ ކުއްޖާތަ އެއީ؟……..” އުމެއިރާ ދެއްކީ އެމީހުންނާ ތަންކޮޅެއް ދުރުގައި ތިބި އީނާއާއި އަލްޔަސް އެވެ. އަމިއްލަ ދުނިޔެއަކަށް ދެޒުވާނުން ގެއްލިފައި ވާއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
މައިމޫނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އުމެއިރާ އިނީ އަނގަޔަށް ނުބައި ގޮތެއް ލަދާލައިގެންނެވެ.
”ހޫމްމްމް ދެޓްސް އަލްޔަސް، އޭނަގެ މަންމަ ދުވަހަކު ޤަބޫލެއް ނުކުރާނެ، އެފަދަ މަންޒަރެއް ފެނިގެން ބުނެފިނަމަ އެމީހަކަށް ވުރެ ނުބައި މީހެއް ނުހުންނާނެ، އީނާގެ ކުށެއް ދުވަހަކު ވެސް ފަޒްލާއަށް ނުފެންނާނެ ވިއްޔާ، މަށަށް ކިތަންމެ ފަހަރަކު އެދެމީހުން ފެނޭ….. ލަދުން މަރުވާވަރުވޭ….” މައިމޫނާ ނަޒަރު ހުއްޓާލީ އިރުއޮއްސެމުން ދިޔަ ދިމާއަށެވެ. ދުރުން ކުޑަކުދިންތަކެއް ދުވެލާފައި އުޅޭ މަންޒަރު ފެނި ހިތަށް ފިނިކަމެއް ލިބުނެވެ.
”އެވަރުން ދަންޏާ ނުކުރާ ކަމެއް ނޯންނާނެއެއްނު….” އުމެއިރާ ހުރީ ޝައްކެއްގެ މަތީގައެވެ. ”އަހަރެންވެސް ފޫހިވެއްޖެ އޭނަދެކެ….” އުމެއިރާ އިތުރުކޮށްލިއެވެ.
”ދެން އޭނަގެ ވާހަކަ ނުދައްކަބަލަ….” އުމެއިރާ ހުއްޓާލުމެއްނެތި އީނާގެ ވާހަކަ ދައްކަން ފެށުމުން މައިމޫނާގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ދެޒުވާނުން ހީހީފައި އުޅެތީ ވަކިން ބޮޑަށް ރުޅިއަންނަ ގޮތްވިއެވެ.
އުދަރެސް މަތި ފަވާލެވުނު ރަތްވިލާތަކުގެ ކުލައަށް ފަނޑުކަން އަންނަން ފެށިއިރު މީހުންތައް ގެއަށް ދާން މިސްރާބު ޖަހައިފިއެވެ. މާހައުލު ތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔައިރު ވައިރޯޅީގެ ނާނާގެ އަޑު މަޑުން ނަމަވެސް ގުގުމާލަން ފަށައިފިއެވެ. އަނދިރިކަން ވެރިވާން ފެށުމާއެކު މައިމޫނާ އާއި އުމެއިރާ ދާން ތެދުވެލިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ދުރުން ދޮންވެލިގަނޑު މަތީ އިށީންދެގެން އިން އަންހެން ކުއްޖަކު ފެނިއްޖެއެވެ. ފަނޑުއަލިވަރުގެ ތެރޭންވެސް އެއީ ކާކުކަން އެނގިއްޖެއެވެ. އެއާއެކު މައިމޫނާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ.
”ކިހިނެއްވީ؟…. ހަންޑިއެއް ފެނުނީތަ؟…” އުމެއިރާ މައިމޫނާގެ މޫނަށް ފުންނަޒަރެއް ދިނެވެ. ”ރޫޔާ…” މައިމޫނާ ބުނެލިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން އޭނަ ރޫޔާއާ ދިމާއަށް ހިނގައިގަތެވެ. އުމެއިރާވެސް މައިމޫނާގެ ފަހަތުން އައެވެ.
”އެކަނިމާއެކަނި މިތާ ތިއިނީ ކީއްކުރަން؟….” ހަރުކަށިކަމާއެކު މައިމޫނާ ސުވާލުކުރިއެވެ. ހިސާބަކަށް އޭނަ ހުރީ ބިރުގެންފައެވެ. ލިބުނު ސިހުމާއެކު ރޫޔާއަށް ދޮންވެލިގަނޑު މަތިން ތެދުވެވުނެވެ. ޒަލަފްއަށް ސިއްރު ނަޒަރެއް ދެމުން އޭނަ ހިންދިރުވާލިއެވެ. މޭގަނޑު އަނގަޔަށް އައިވަގުތުކޮޅެކެވެ. ޒަލަފް ގެނައި ކެމެރާގެ ދަބަސް ނަގަން ދިޔަކަން ނަސީބެކެވެ. އެހެންނޫނަނަމަ މަންމައަށް ހުރިހާކަމެއް ފަޅާއެރީހެވެ. ނޫރާލް ޒަލަފްއާއެކު ހުރުމުން ޝައްކުކުރެވޭނެ ޖާގައެއް ނެތެވެ.
”އީނާމެން އަންނަން ދެން މަޑުކޮށްލައިގެން…..” ރޫޔާއަށް ވާހަކަ ދެއްކުނީވެސް އުނދަގޫވުމުން ޖުމްލަ ވެސް ފުރިހަމަ ނުކުރެވުނެވެ. ހިތް ތެޅެމުން ދިޔައީ އެހާމެ ބާރަށެވެ. މޭގަނޑަށްވެސް އުނދަގޫވިއެވެ.
މައިމޫނާ ފެނުމުން ޒަލަފް ރޫޔާއަށް ހިނިތުންވެލަމުން ދިޔައީ އަނެއްކޮޅަށެވެ. ދަމުން އޭނަ ރޫޔާގެ ފޯނަށް މެސެޖްކޮށްލިއެވެ. ”ޒީން، ހިނގާބަ މިސަރަހައްދު ބަލާލަން ދާން، އިޓްސް އެ ފުލްމޫން ނައިޓް، ޕްލީޒް….” ލިބުނު ފުރުސަތުގެ ބޭނުން ނޫރާލް ހިފިއެވެ. އޭނަ ފަސްއެނބުރި ރޫޔާއަށް ބަލާލިއެވެ. ރޫޔާއާއެކު އެހުރީ ކާކު ހެއްޔެވެ؟ ރޫޔާގެ މަންމަ ހެއްޔެވެ؟
”ނޮޓް ނައު…. މިހާރު މާބޮޑަށްވެސް ލަސްވެއްޖެ….” ޒަލަފް ގަޑިބަލާލަމުން ބުންޏެވެ. ނޫރާލް ތުންފަތުގައި ދަތްއަޅާލިއެވެ. ރުޅިވެސް އައެވެ. ރޫޔާ ބުނިނަމަ ޒަލަފް ދާނެކަން ޔަޤީނެވެ. ބުމަގޮށްޖަހާލަމުން ނޫރާލް މޫދަށް ނަޒަރު ހިންގާލިއެވެ.
”ގެއަށް ދަން ހިނގާ، އަންހެންކުއްޖަކު އެކަނިމާއެކަނި އިންދާ ކޮންމެފަދަ ކަމެއްވެސް ހިނގާފާނެ، އަނެއްކޮޅުން މިގަޑީގަ ޖިންނިންވެސް އުޅޭނެ…. ޔަޤީނޭ ރޫޔާއަށް ލަނޑެއް ދޭން އީނާ އެއުޅެނީ، ރުޔާ ތީ މޮޔައެއްތަ؟، އޭނައަށް އިންތިޒާރު ކުރާކަށް ނުޖެހޭނެ…..” މައިމޫނާ ހަޅޭއްލަވައިގަތެވެ. އޭނަގެ ވާހަކަ މެދުކަނޑާލީ އީނާ އަންނަތަން ފެނިގެންނެވެ. މައިމޫނާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.
އުމެއިރާ މައިމޫނާގެ އަތުގައި ހިފާލުމަށްފަހު ލޮލުގެ އިށާރާތުން ބުނީ ރުޅި އިސްނުކުރުމަށެވެ.
އީނާ ދެފަރާތަށް ނަޒަރު ހިންގާލީ ހާސްކަމާއެކުގައެވެ. ހިސާބަކަށް ހައިރާން ވިއެވެ. ޒަލަފް ފެންނަން ނެތްކަމުގައި ވިޔަސް ހިތުގައި އުފެދުނު ބިރުވެރިކަމަށް ބަދަލެއް ނައެވެ. ބޮޑުދައިތައަށް ރޫޔާއާއި ޒަލަފް ފެނުނީ ހެއްޔެވެ؟ އީނާ ރޫޔާގެ މޫނަށް ބަލާލީ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ބޭނުންވާތީއެވެ. މައިމޫނާ ހުރުމުން ރޫޔާ ހުރީ ހިމޭނުންނެވެ. ކޮށްލާ އިޝާރާތަކުންވެސް ހަޤީޤަތް ހާމަވެދާނެތީ ބިރުންނެވެ.
ފެރީ ޓާރމިނަލްއަށް ދާން މިސްރާބު ޖެހިއިރު ރުޔާމެން އައީ ތަންކޮޅެއް ފަހަތުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު އީނާ ރޫޔާގެ އަތުގައި ހިފާލިއެވެ. ދެން އޭނަ ސުވާލުކުރިއެވެ.
”ޒީން ދިޔަތަނާ މަންމައައީ، އެހެންނޫނަމަ މިރޭ އަހަރެންގެ ދުވަސް ދިޔައީސް….އިޓް ވޯޒް އެ ކްލޯޒް އެސްކޭޕް….” ރޫޔާ ވައިއަޑަކުން ބުނެލިއެވެ. އީނާ ފުން ނޭވާއެއް ލިއެވެ. ހާސްކަން ފިލައިގެން ހިނގައްޖެއެވެ. ބޮޑުދައިތަ އޭނައާއި ރޫޔާއަށް ފާރަލަނީކަން ޔަޤީނެވެ.
”ބީ ކެއާރފުލް….” އީނާ ބުނެލިއެވެ.
”މޫނީ، ރުޅިކޮންޓްރޯލްކޮށްބަލަ، ތިހެން އުޅެންޏާ ކަތި ފިޔަވަޅެއް އެޅިދާނެ…..” އުމެއިރާ ވިންސައިދޭ ރާގަކަށް ބުންޏެވެ. މައިމޫނާ ހުރީ ހިމޭނުންނެވެ. އޭނަ ފަސްއެނބުރި ބަލާލިއެވެ. ރުޅިކޮންޓްރޯލްކުރަން އޭނައަށް ކުރެވުނުހާ މަސައްކަތެއް ކުރިއެވެ. ”ވީހާވެސް އަވަހަކަށް ހުރިހާކަމެއް ނިންމާލަން ބޭނުމީ، އެއީނާއާ ވައިއެޅޭ ހިސާބެއްގައިވެސް ރޫޔާ ވާކަށް އަހަރެން ބޭނުމެއްނޫން، ތިމާވަރުގެ މީހެއް ނެތްކަމަށް ހެދިގެން އުޅުނަސް މަށަށް އިނގެޔޭ އޭނަ ރޫޔާއަށް ހަވެއް ނޭދޭނެކަން، ރޫޔާގެ ލޮލުގައި ބަނދެވިފައިވާ ފޮތިގަނޑު މޮހެވިގެންނޫނީ އެއްވެސް ކަމެއް ހާސިލުނުކުރެވޭނެ….” މައިމޫނާ ދަތްކުނޑި ވިކާލަމުން ބުނެލީ އުމެއިރާއަށް އަޑުއިވޭނެ ވަރަށެވެ.
”ކޮންމެ ކަމަކަށް ވަގުތު ނަގާނެޔޭ، އެންމެ ރަގަޅު ދަނޑިވަޅު ބަލާފައި ހަމަލާ ދީގެން ނޫނީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ، ޝިކާރަ ކުރަން ދާއިރު ޓަސްލާފަ ހަމަލާ ދޭނީ ކާކު؟ ، ވިސްނުންތެރިކަމާއެކު ކުރިއަށް ދާންވާނީ، އެހެންނޫނީ ޝިކާރަ އަތުން ދޫވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ….” އުމެއިރާ ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ.
***
ވިއްސާރަ ދުވަހެކެވެ. ވެހެމުން ދިޔަ ބޯވާރޭއާއެކު އިވެމުން ދިޔަ ބާރު ގުގުރީގެ އަޑުން މާހައުލަށް ވެރިވެފައިވަނީ ނާމާން އަޑަކެވެ. ކުދިގާތަކެއް އެކީއެއްފަހަރާ ފުރާޅުމައްޗަށް އުކާލަވެމުން އިވޭ އަޑުފަށްގަނޑުން ފަޒާގެ ހިމޭންކަން ވަނީ ނަގާލާފައެވެ. ރާނިޔާ ބެލްކަނިއަށް ނިކުތްއިރު ބަލިކަށިވެފައިވާ ގަސްތައް ހިމާޔަތަކަށް ބޭނުންވެފައިވާ މަންޒަރު ފެނުނެވެ. ބާރުވަޔާއެކު ގަސްތައް މުލުން ލުއްސައިގެން ހިނގައިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. އަނބުގަހުގެ ފަތްތަކުގައި ހަރުލާފައިވާ ފެންތައް ބުރުއްސައިގެން އައިސް ބެލްކަނިވަނީ ފެނުން ފޯވެފައެވެ. ރާނިޔާ ހުރީ ބިއްލޫރި ދޮރަށް ލެނގިލައިގެންނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިފިނަމަ ގެއްލުމެއް ވެދާނެތީ ވާރޭ ތެރެއަށް ނިކުމެލާކަށް ނުކެރުނެވެ.
އަވްޝަން ފާޚަނާއިން ނިކުންނަމުން ގޮވާލިއަޑަށް ރާނިޔާ ސިހުނެވެ. ލުއި ހިނިތުންވުމަކާއެކު އޭނަ އަވްޝަންއަށް ބަލާލިއެވެ. އަވްޝަން ލަސް ފިޔަވަޅުތަކެއްގައި އައިސް ރާނިޔާއާއި ދާދި ކައިރީގައި ހުއްޓުނެވެ. ރާނިޔާ އަވްޝަންގެ ހަށިގަނޑުގައި ބައްދާލަމުން މިލިއަން ފެންތިކިތަކުން ފުސްކޮށްލާފައިވާ މަންޒަރު ބަލާލިއެވެ. ފެހިކަންގަދަ ގަސްތައް ވާރެއިން ފެންވެރެމުން ދާއިރު ގަސްތަކުގެ ހިޔަލަށްވަދެ ފިލާފައި ތިބި ދޫނިތައް ގޮވާލާ އަޑުވެސް އިވެއެވެ.
”މިއަދު މަންމަ ގުޅި، ހިތަށް އެރި ޕްރެގް ވާހަކަ ބުނެފާނަމޭ، އެކަމަކު ސަޕްރައިޒެއް ދޭން ބޭނުންވާތީ މަޑުކޮށްލީ، އެވްރީވަން ވިލް ބީ ހެޕީ….” ރާނިޔާގެ މޫނުމަތިން ފާޅުވަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. ދެމަފިރިންގެ ޢާއިލާ އެސްފީނާއިން ސަލާމަތްކޮށްދެވުމަށް އެދި ހެއްދެވިފަރާތަށް ދުޢާ ކުރެވުނު އަދަދެއް ނޭގެއެވެ. ދަރިފުޅު ތޮޅެލާނެ ދުވަހަކަށް ރާނިޔާ އިންތިޒާރުކުރަން ފަށާފައިވަނީ ކެތްތެރިކަމެއް ނެތިއެވެ. އެދުވަސް ވެގެން ދާނީ ”ރިމާރކަބްލް” ދުވަހަކަށެވެ. ފުރަތަމަ ފަހަރަށް ދަރިފުޅުގެ ހަރަކާތްތައް އިހުސާސް ކުރެވޭނެއެވެ. ހިތަކުން ދުވަހަކު ފިލައިގެން ނުދާނެއެވެ. ދަރިފުޅުގެ ލޯބި މޫނުގައި ބޮސްދޭން އޭނަ ހާދަ ބޭނުމެވެ. އެބޮޑު ދެލޮލުން އޭނައަށް ބަލަން އޮންނައިރު ނިކަން ފުރިހަމަވާނެއެވެ. އަވްޝަންއާއި އޭނަގެ ކުޑަ ޢާއިލާ އޭރުން ފުރިހަމަވާނެއެވެ. އަންނަން ކައިރިވެފައިވާ ދުވަސްތައް މަތިން ވިސްނާލުމުން ރާނިޔާގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
”މާލެ ގޮސް އެޚަބަރު ދިނީމަ ރަގަޅުވާނީ….” އަވްޝަން ބަލާލީ ރާނިޔާގެ ދެލޮލަށެވެ. ދެމަފިރިންގެ ހަތަރުކަޅިހަމަވެގެން ދިޔަ ވަގުތުކޮޅާއެކު އަވްޝަންގެ އަތުގެ ތެރެއަށް ރާނިޔާ ވަނެވެ. އެބާރުގަދަ ދެއަތުން އޭނަ ވަށާލުމުން ރާނިޔާ ދެލޯ މަރާލިއެވެ.
***
މައިމޫނާ އާއި އުމެއިރާ ތިބީ އަލަށް ހުޅުވީ ފިހާރައެއްގަ އެވެ. އަގުބޮޑު ސާމާންތައް ވިއްކާ ފިހާރަޔަކަށް ވިޔަސް މައިމޫނާ އައީ އީނާގެ ކޭޝްކާޑް ވަގަށް ނަގައިގެން އޭގައިވާހާ ފައިސާއެއް ހުސްކޮށްލުމުގެ މަޤްސަދުގައެވެ. ސެންޓްފުޅިތަކުގެ ވަސްބަލަމުން ދަނިކޮށް މައިމޫނާގެ އަތްދަބަހުގައި އަޅައިގެންފައި ސެންޓްފުޅިއެއް ވެއްޓި ތަޅައިގެން ދިޔައެވެ. އުމެއިރާ އަނގަތަންމިނަށް ހުޅުވާލިއިރު ދެލޯ މުދިމަށް އަރައިފިއެވެ. މައިމޫނާވެސް އަނގަމަތީ އަތްއެޅިއެވެ. ހުރިހާ އެންމެންގެ ނަޒަރު އަމާޒުވެފައި ވުމުން އުމެއިރާ ލަދުގަންނަ ގޮތްވިއެވެ. ސެންޓް ފުޅީގެ އަގު ހާހަކަށް އަރާނެކަން ޔަޤީނެވެ. އޭނަގެ އަތުގައި ފައިސާ ފޮއްޗެއްގެ މިންވަރުވެސް ނެތެވެ.
”މޫނީ، ހިނގާ އަވަހަށް މިތަނުން ދާން، ކާކު ތިއަށް ރުފިޔާ ދައްކާނީ؟….. އަތުގަ ނެތް އެންމެ ލާރިއެއްވެސް….” އުމެއިރާއަށް ލިބުނު ޝޮކް ފިލައިގެން ދިއުމުން ބުނެލިއެވެ. އޭރު ސެންޓްގެ ވަސްގަނޑުން ބޮލަށް އެނބުރުން އަރައިފިއެވެ. އޭސީކޮށްފައިވާ ތަނަކަށް ވުމުން ވަސްގަނޑުވަނީ ވަރަކަށް ހިފާލާފައެވެ.
”ރިލޭކްސް، އަހަރެން ދައްކަފާނަމޭ…” މައިމޫނާ އަތްދަބަސް ހުޅުވާލަމުން ކޭޝްކާޑް ނެގިއެވެ. އެވަގުތު ސޭލްސް ގާރލްއެއް އައިސް ސެންޓްފުޅިއަށް ފައިސާ ދެއްކުމަށް ބުނެލީ ހަރުކަށި ގޮތަކަށެވެ. މައިމޫނާ އެކުއްޖާއާ ދިމާއަށް ކަޅިއަޅާލިއެވެ. އޭނައަށް އަމުރުކުރަން މީކާކު ހެއްޔެވެ؟
މައިމޫނާ ކޭޝްކާޑުގެ ޕިން ދެފަހަރު ޖެހިއިރުވެސް ދިމާނުވިއެވެ. އޭނަ ހާސްވިއެވެ. މީހުންގެ ނަޒަރު އަމާޒުވެފައިވާތަން ފެނި ލަދުން މަރުވާވަރު ވިއެވެ. ”މޫނީ…” އުމެއިރާ ބުނެލި އަޑުއިވުނެވެ.
”ޕިން ނަންބަރު؟….” ކޭޝިޔަރަކަށް އިން ކުއްޖާ އަހާލިއެވެ. މައިމޫނާ ވަރަކަށް ވިސްނާލާފައި ނަންބަރު ޖެހިއެވެ. ކަމަކުދާކަށް ނެތެވެ. ނުބައި ނަންބަރެކެވެ. ޔަޤީނެވެ. އީނާ ޕިން ނަންބަރު ބަދަލު ކުރީއެވެ. ވަރެއްގެ ކުއްޖެކެވެ. މައިމޫނާ މޫނުގައި ފިރުމާލައިފިއެވެ. ބިރުންގޮސް އަތް ތުރުތުރު އަޅައެވެ. އޭނަ އަތްދަބަސް ހާވާލިއެވެ. އޮތީ އެންމެ ފައްސަތޭކަ ރުފިޔާއެވެ. އެވެސް ބައްތި ފޯނެއް ގަންނަން ރައްކާކޮށްގެން އުޅޭ ފައިސާއެވެ. ސެންޓްފުޅީގެ އަގު އުޅެނީ ދެހާސް ރުފިޔާއަށް ވުރެ މަތީގައެވެ. އޭނަ އެހާ ބައިވަރު ފައިސާ ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ ރަމީޒުގެ ސަބަބުން އޭނަ މިވަނީ ބިކަހާލުގައި ޖެހިފައެވެ. ފައިސާ ނުދައްކަނީސް ސަލާމަތްވާނެ ގޮތެއް ނެތެވެ.
”އަން، ބާކީ ދޭނަން ފަހުން…” މައިމޫނާ ފައްސަތޭކައިގެ ނޫޓް ދިއްކޮށްލަމުން ބުނެލިއެވެ. ފަހުން ދައްކާ ގޮތަކަށް އެކުދިން އެއްބަހެއް ނުވިއެވެ. ”ވަރެއްގެ ބައެއްނު، މިހީވަނީ މިމީހުންނަކީ ވެރިންހެން….” މައިމޫނާ ހިތާހިތުން ކިޔާލިއެވެ. އޭނަ ހުރީ މޫނު ކުނިކޮށްލައިގެންނެވެ. އުމެއިރާ ހުރީ ލަދުން އިސްޖަހާލައިގެންނެވެ.
”ކިތައް ރުފިޔާ؟….” އެއިވުނު އަޑާއެކު މައިމޫނާ ފަސްއެނބުރި ބަލާލިއެވެ. އެއީ ދަވްލާހް ނޫން ދެވަނަ މީހެއް ނޫނެވެ. ދަވްލާހްއާއެކު ހުރި ރީމާ ފެނި މައިމޫނާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ރީމާ އަކީ ނުލަފާ އަންހެނެކެވެ. އޭނަގެ ފިރިމީހާ ފޭރިގެންފައި ހުރި ބޮޑު އިފުރީތެކެވެ. ރީމާ މަރުވެއްޖެނަމައޭ އޭނަގެ ހިތަށް އެރިއެވެ. ދަވްލާހް ނުފެނި ގިނަ ދުވަސްވެފައި ވުމުން މައިމޫނާގެ ހިތުގެ ވިންދު އަވަސްވި ވަގުތުކޮޅެއް އައެވެ.
”ސްޓޭއި އައުޓް އޮފް ދިސް….” މައިމޫނާ އޭނަގެ ހަރުކަށިކަން ދައްކާލިއެވެ. ނަމަވެސް ބެދިފައިވާ ލަދުން ސަލާމަތްވާނެ އިތުރު އެއްވެސް ގޮތެއް ނެތެވެ. މަޖުބޫރުވެފައި ވުމުން މައިމޫނާއަށް ޖެހުނީ ދަވްލާހްގެ އެހީ ހޯދާށެވެ.
ފިހާރައިން ނިކުންނަމުން މައިމޫނާ ބެލީ ވީހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. ”އެފައިސާ އަނބުރާ ރައްދުކޮށްދޭނަން….” ފިހާރައިން ނިކުންނަމުން މައިމޫނާ ބުނެލިއެވެ. އޭނަ ހުރީ ތުން ފިއްތާލައިގެންނެވެ. ރީމާދެކެ އަންނަ ރުޅި ބޭލުނީ ދަވްލާހް އަށެވެ. ދަވްލާހް އޭނަ ވަރިކުރި ދުވަސް މަތިން ދުވަހަކު ހަނދާން ނައްތާނުލެވޭނެ އެވެ. އެވެސް ރީމާގެ އަވާގައި ޖެހިގެންނެވެ. ނަމަވެސް މައިމޫނާ އުފާވި އެއްކަމެއް އެބައޮތެވެ. އޭނައަށް ވުރެ ރީމާ ހުތުރެވެ. މައިމޫނާ ފަހުރުވެރިވެލައިގެން ހުއްޓަސް އޭނައަށް ނޭގުނީ އިންސާނާގެ ސޫރައަށް ވުރެ ސާފުވެފައި ރީތިވަނީ ހިތްކަމެވެ. އެމީހެއްގެ ދީންވެރިކަމެވެ.
”ނަސީބެއްނު ދެމީހުން ސަލާމަތްވިކަން….” އުމެއިރާ ބުނެލިއެވެ. މައިމޫނާ ދިޔައީ ބާރުބާރަށް ހިނގާފައެވެ. އުމެއިރާ ހުރީ މައިނޭވާލެވޭވަރު ވެފައެވެ. މިރޭ ދެމީހުންގެ އަގު ވެއްޓިއްޖެއެވެ. ދެކެފަރިތަ މީހަކު ނެތްކަން ނަސީބެކެވެ. އެހެންނޫންނަމަ އެއިން މީހަކާއި ހަތަރުކަޅި ހަމަކުރަން ނުކެރުނީހެވެ.
”މޫނީ، މޫނީ…..” މައިމޫނާގެ އަތުގައި ހިފަހައްޓާލަމުން އުމެއިރާ ގޮވާލީ ބާރަކަށެވެ. ދެފައި ބިމުގައި ތަތްލުމުން މައިމޫނާ ބަލާލީ އުމެއިރާއަށެވެ. ”ރޫޔާ…” އޭނަ އިޝާރަތްކޮށްލީ ސައިކަލަކަށެވެ. ޓްރެފިކަށް ސައިކަލު މަޑުކޮށްލާފައި ވާއިރު ހަމަ ޔަޤީނުންވެސް ފަހަތު ސީޓުގައި އެއިނދީ ރޫޔާއެވެ. ސައިކަލު ދުއްވަން ހުރި ޒުވާނާ ކުރިން ފެނިފައިވާހެން ހީވިއެވެ.
މައިމޫނާގެ ދެލޮލުން އަލިފާންކަނި ބުރާލިއެވެ. ރޫޔާ އޭނައަށް ކަންތައް ސިއްރުކުރަން ފެށީ ހެއްޔެވެ؟
”އެއްކަލަ ދުވަހު ހުޅުމާލެއިން ފެނުނު ޒުވާނާއެއްނު އެއީ. މިބުނީ އަތިރިމަތިން ވާހަކަ، އެޒުވާނާ ހުރީ ރޫޔާއާއި ދުރުގައި، މަށަށް ހީވިޔޭ ނުބައެއް އުޅޭހެން، އެހެންޏާ ފަހެ އެތާ އޭނަ ހުންނަން ވީ ކީއްވެ؟…..” އުމެއިރާ ހަނދާންކޮށްލަދިނެވެ.
މައިމޫނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. އީނާ އޭނަގެ ދަރިފުޅު ވާވައްދާލައިފިއެވެ. އޭނައަށް ކަންތައް ސިއްރުނުކުރާ ރޫޔާ މިހާރު ކަންތައް ސިއްރުކުރަން ފެށީއެވެ. އޭނައަށް ވިސްނިއްޖެއެވެ. ރޫޔާގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަންތަކާ ގުޅިފައި ވަނީ އެޒުވާނާއެވެ. ފޯނުން އިވުނު އަޑުގެ ސިއްރުވެސް ހާމަ ވީއެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން މައިމޫނާ ބޭނުންވިއެވެ. ނަމަވެސް ހިތަށް ކުރި ފުން އަސަރުތަކާއެކު ދެލޯ ފެންކަޅިވިއެވެ. އޭނަގެ ދަރިފުޅު ގެއްލިއްޖެއެވެ. އީނާގެ ކަންތަކެވެ. އީނާ ރަގަޅަށް ހޭއަރުވާލާފައި ނޫނީ އޭނަ ދުލެއް ނުކުރާނެއެވެ.
”މޫނީ، މަޑުކޮށްބަލަ، ރުޅިއައިސް އެޅޭ ފިޔަވަޅަކުން ކަންތައް ބޮއްސުންލައިގެން ހިނގައިދާނެ، އަހަރެން ބުނީމެއްނު ރުޅި ކޮންޓްރޯލް ކުރަން ދަސްކުރާށޭ، މީ ވިސްނުންތެރިކަމާއެކު ކުރިއަށް ދާންވީ ވަގުތު…. މޫނީ ގޮސް ރޫޔާއާ ދިމާއަށް ހަޅޭއްލަވައި އަތްއިސްކުރީމަ ރޫޔާ ނަފްރަތުކުރަން ފަށާފާނެ، އެފިރިހެނާގެ ޖާދޫގަ ޖެހިފަ ހުރިއްޔާ އޭނަ ބުނާ ގޮތަކަށް ރޫޔާ ކަންތައް ކުރާނީ، އެހެންނޫނަސް ރޫޔާއަށް ވާގިދޭން އެބަހުއްޓެއްނު ތިގޭގަ މީހެއް….” އުމެއިރާގެ ބަސްތަކުން ފަޅިފަޅިވެފައިވާ މައިމޫނާގެ ހިތުގެ ޒަހްމަތަކުގައި ލޮނުމިރުސް ލެވުނުހެން ހީވިއެވެ. ލޯބިވާ ދަރިފުޅު ބީވެގެންދާ މަންޒަރު ބަލަން ކެތްނުކުރެވޭނެއެވެ. މައިމޫނާގެ ނަފްރަތުގެ އަމާޒުފައްޗަކަށްވީ ކުށެއްނެތް އީނާއެވެ.
”އައިލް ކިލް ދެޓް އީނާ، ބޮޑު ބަލާއެއް….” މައިމޫނާ ރުޅިވެރި ރާގަކަށް ބުންޏެވެ.
”ފުރަތަމަ ކަމަކަށް އެޒުވާނާގެ ވަނަވަރު ބަލަމާ، މުއްސަނދި ކުއްޖަކަށް ވެއްޖެއްޔާ މޫނީއަށް ފައިދާކުރާނެއެއްނު، ބާލާފަ ހީވޭ މުއްސަނދި ބަޔެއްގެ ދަރިއެއްހެން…..” އުމެއިރާ ހިޔާލެއް ދިނެވެ. މައިމޫނާ ކުޑަކޮށް ވިސްނާލާފައި އެކަމަށް އެއްބަސް ވިއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
Vv reethi..ekamu kuruhen heevanee…roo bust v dho
vvvvv salhi….dhn eena ah evvx landei nudhechey…nd eena aai roo jeheykahal kamei vx nukurachey….muthaa….pls…..pls :)….
vahaka dha goi v.salhi……..ruya bust v dhw…enu ah dhera gotheh nuhadhathi nd.maimoona ge kanthah kamiyabu viya nudheyti…….BTW waiting 4 nxt part
Kon irakun aneh bai? Varah reethi
vv reethi
Mi site ga in enme salhi vaahakaige therein mi story hovalevene, u r very good, story kuriah daagoh reethi ekm vs story hadhikohnulahchey…. nice part…. ♥♥♥♥♥
mutha dhn maimoona ah knmeves gothehe hadhaafa avahah ninmaala ehnuny stry hadivedhaane
kon dhuhukun tha anne bai?? anne bai gennaaane dhuvahe mifaharu nuves bunamenun….story vv rythi <3